ފަންވަތް ދީން ފިޤުހު ދީނުގައި ޙައްދު ފަހަނައަޅާ ދިއުން (ފުރަތަމަ ބައި)
ބެލި ޢަދަދު: 1182
ދީނުގައި ޙައްދު ފަހަނައަޅާ ދިއުން (ފުރަތަމަ ބައި) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދީން - ފިޤުހު
12 މާރޗް 2009، 01:32 ބުރާސްފަތި

އިބްރާހީމް އަޙްމަދު

ދީނުގައި ޙައްދު ފަހަނައަޅާ ދިއުން މިބަސް ޢަރަބި ބަހުގައި އައިސްފައިވަނީ  اَلْغُلُوُّ މިބަހުގެ ގޮތުގައެވެ.  މިބަހުގެ މާނައަކީ ޙައްދަށްވުރެ އިތުރުވުން ނުވަތަ ޙައްދު ފަހަނައަޅާ ދިއުމެވެ. މިބަހުގެ ޝަރުޢީ މާނައަކީ : ﷲގެ އަޅަކަށް ކަނޑައެޅިފައިވާ ޙައްދުގެ އިން ފަސްދީ ޝަރުޢުގައި ބަޔާންވެފައިވާ މިންވަރާ ދުރުވުމެވެ. މިޙާލަތުގައި އޭނާގެ ޚިޔާލަކީ ޝަރުޢުގައިވާ މިންވަރަކީ މަދުމިންވަރެއް ކަމުގައެވެ. އެވަރަކުން ނުފުދޭނެ ކަމުގައެވެ. މިހެންވެ އޭނާ އަމިއްލައަށް ކަންކަން އިތުރުކުރެވެނީއެވެ. އޭރު އޭނާ ހީކުރަނީ އެގޮތަށް އެކަން ކުރުމަކީ ޝަރުޢީ ގޮތުން ލިބޭ ކުރިއެރުމެއް ކަމުގައެވެ.

ދީނުގައި ހައްދުފަހަނައަޅާ ދިއުމަކީ ޙަރާމް ކަމެއްކަމުގެ ޙިކްމަތާއިމެދުގައި  އަލްޢައްލާމާ  ޑޮކްޓަރ ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވާ ކަންކަމުގެ ކުރު ޚުލާޞާއެއްގައި ވެއެވެ.

1- ޙައްދު ފަހަނައަޅާ ދިއުމަކީ މީސްތަކުން ނަފްރަތު ކުރާކަމެކެވެ. އެހެންކަމުން އާދައިގެ ޢާއްމު އިންސާނުންގެ ޠަބީޢަތާއި މިކަމާއި ގުޅިގެންހުރި ކަންތައްތަކެއް ނުވާނެކަމުގައެވެ. މީސްތަކުންކުރެ މަދުބަޔަކު އެކަމަށް ކެތްތެރިވިޔަސް ގިނަ ބަޔަކަށް އެކަމަށް ކެތްތެރިއެއް ނުވެވޭނެއެވެ. ޝަރީޢަތަކީ ވަކިމީހަކަށް ނުވަތަ ވަކި ޚާއްޞަ ބަޔަކަށް އޮތް އެއްޗެއް ނޫނެވެ. އެއާއި ޚިލާފަށް އެންމެހާ މީސްތަކުންނާ މުޚާޠަބު ކުރާ އެއްޗެކެވެ. މިހެންވެ ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ އަޞްހާބުންގެ ތެރެއިން ހިމެނިވަޑައިގެން މުޢާޛު ބުނު ޖަބަލު މީސްތަކުންނާއިގެން އިމާމުވެ ވަޑައިގެން ދިގުކޮށް ނަމާދުކުރައްވާތީ  އެކަމުގެ ޝަކުވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އެތަނުން މީހަކު ކުރެއްވުމުން އެކަލޭގެފާނު މުޢާޛު ބުނު ޖަބަލަށް ދެންނެވިއެވެ. ( أَفَتَّانُ أنتَ يَا مُعَاذ؟ )) و كررها ثلاثاً ) رواه البخاري މާނައަކީ " އޭ މުޢާޛެވެ! ކަލޭގެފާނު މީސްތަކުން ފިތުނަވެރި ކުރައްވަނީތޯއެވެ؟ މިގޮތަށް ތިންފަހަރު ތަކުރާރު ކުރެއްވިއެވެ. "  މިފަދަ އެހެން ޙާދިޘާއެއްގައި މިގޮތަށް ޢަމަލު ކުރެއްވި އިމާމަށް ކޯފާ އިސްކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. ( يا أيها الناس إن منكم منفرين، فأيكم ما صلى با لناس فليتجوز  فإن فيهم المريض والكبير والضعيف وذا الحاجة) رواه البخاري  މާނައަކީ: " އޭމީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރޭގައި މީސްތަކުން ބައިބައިކުރާ ބަޔަކުވެއެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރާނަމަ އެކަމުގައި ހުއްދަގޮތް ލުއިގޮތް ބޭނުންކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރޭގައި ބަލިމީހުންނާއި ޢުމުރުން ދުވަސްވެފައިވެފައިވާ  މީހުންނާއި ނިކަމެތީންނާއި ކަންކަމުގެ މުހުތާދުވެފައިވާ ބޭނުން ޖެހިފައިވާ މީހުން ތިބޭނެއެވެ."

މިހެންކަމުން މުޢާޛު ބުނު ޖަބަލާއި އަބޫ މޫސަލްއަޝްޢަރީ ޔަމަނުކަރައަށް ފޮނުއްވަމުން އެދެބޭކަލުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (يَسِّرَا وَلاَ تُعَسِّرَا وَبَشِّرَاوَلاَ تُنَفَِّرَا وَتَطَاوَعَا وَلاَ تَخْتَلِفَا ) رواه البخاري މާނައަކީ:" ތިޔައިގެ ދެބޭކަލުން މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވާށެވެ. އަދި ދީނުގެ ކަންކަން އުދަނގޫ ނުކުރައްވާށެވެ. އަދި ދީނުގެ ކަންކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. އަދި ތިޔައިގެ ދެބޭކަލުން ﷲގެ އަމުރުތަކަށް  ކިޔަމަންވާށެވެ! އަދި ކަންކަމުގައި އިޚްތިލާފު ނުވާށެވެ."  އަދި ޢުމަރުބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްގައި ވެއެވެ. لاَ تُبَغِّضُوا لله إِلىَ عِبَادِه فَيَكُوْن أحَدكم إماماً فَيُطَوِّل عَلَى الْقَوْم الصَّلاة حَتَّى يُبَغِّضَ إليهم ماهُم فِيْه  " ﷲ ތަޢާލާއާއި މެދުގައި އެކަލާނގެ އަޅުތަކުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން ތިޔަބައިމީހުން ނުއުފައްދާށެވެ. މިގޮތުން ފަހެ ތިޔަބައިމީހުންކުރެ މީހަކު  އިމާމަކު ކަމުގައިވާ ޙާލު ޖަމާޢަތުގެ މީހުންގެ މައްޗަށް ނަމާދު ދިގު ކުރުމުގެ ސަބަބުން އެނަމާދާއިމެދުގައި މީސްތަކުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން  އުފެދި ދާ ދަރަޖައަށް ނަމާދު ދިގުނުކުރާށެވެ."

2- ހައްދުފަހަނައަޅާ ދިއުމަކީ ޢުމުރު ކުރުކަމެއް : އަދި އާދައިގެ މަތިން ހައްދުފަހަނައަޅާ ދިއުމުގައި ދެމިހުރުމަކީ ފަސޭހަކަމެއް ނޫނެވެ. ފަހެ އިންސާނާގެ ކިބައިގައިވާ ކަންކަން ކުރުމުގެ ޤާބިލުކަމާއި ކުޅަދާނަކަމަކީ ވަކިމިންވަރެއްގެ މަތީގައިވާ ކަމެކެވެ. ފަހަރެއްގައި ކަމެއްގައި ހަރުކަށިވެ އުދަގޫ އުފުލުމުގައި ކެތްތެރިވި ނަމަވެސް އެއުދަގުލުގައި ގިނަދުވަހު އުޅުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެކަން އެހެން ގޮތަކަށް ބަދަލުވެގެން ދިޔުމަކީ ދާދި ގާތުގައިވާ ކަމެކެވެ. މިހެންވެ ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.  (إِنَّ الْمُنْبَتَّ لاَ أَرْضًا قَطع وَلاَ ظَهْرًا أَبْقَى )رواه البيهقي  މާނައަކީ: " އޯގާތެރިކަން ދޫކޮށް ހަރުކަށިވާ ފަރާތަކަށް އޭނާގެ މަންޒިލަކަށް ނުދެވޭނެއެވެ. އަދި އޭނާ ސަވާރީ ދެމިއެއްވެސް ނުއޮންނާނެއެވެ." 

މިއުޞޫލަށް  ބަލާއިރު އަޅުގަނޑުމެންނަށް ފެނިގެންދަނީ  މިކަންކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައިވާ ތަނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.  ( يا أيها الناس عليكم من الأعمال ما تُطيقون ، فإن الله لا يمل حتي تملوا، وإن أحب الأعمال إلى الله ما دووم عليه وإن قل ) رواه البخاري  މާނައަކީ " އޭމީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކުޅަދާނަ މިންވަރަކުން ޢަމަލުތަކުގައި ހިފަހައްޓާށެވެ! ފަހެ ތިޔަބައިމީހުން ފޫހިވެގެންދާ ފަދައިން ﷲ ތަޢާލާ ފޫހިވެ ވޮޑިނުގަންނަވައެވެ. އަދި ހަމަކަށަވަރުން ﷲ ލޯބިވެ ވޮޑިގަންނަވަނީ ތިޔަބައިމީހުން ކުރާ ޢަމަލުތައް އެއީ ކިތައްމެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް ދާއިމީގޮތެއްގައި އެކަން ކުރުމަށެވެ. " އަދިވެސް އިބްނު ޢައްބާސް ރިވާކުރައްވާފައި ވެއެވެ. كانت مولاة للنبي صلى الله عليه وسلم تصوم النهار وتقوم الليل ، فقيل له : ( إنها تصوم النهار وتقوم الليل ) فقال رسول الله صلى الله عليه وسلم ( إن لكل عمل شِرَّةولكل شِرة فترة فمن كانت فترته الى سنتي فقد اهتدى ومن كانت فترته إلى غير ذلك فقد ضل ) رواه البزار މާނައަކީ: ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖާރިޔާއަކު ދުވާލު ރޯދަހިފައި ރޭގަޑު ރޭއަޅުކަންކޮށް އުޅޭކަމުގައި ވިއެވެ. ދެން އެކަމަނާގެ މިޢަމަލާއިމެދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ކޮންމެ ޢަމަލެއްގައިވެސް ހީވާގިކަމަކާއި މިންވަރެއް ލެއްވެވިއެވެ. އަދި ކޮންމެ ކަމެއްގައި ހީވާގި ވުމުގައި ދަރަޖަ ތަކެއް ލެއްވިއެވެ. އެމީހެއްގެ ދަރަޖަ ތިމަންކަލޭގެފާނުގެ ސުންނަތުގެ މަތީގައި ބިނާކޮށްފިނަމަ ފަހެ އެމީހަކަށް ތެދުމަގު ލިބިއްޖެއެވެ. އެހެންނަމަވެސް އެމީހެއްގެ ދަރަޖައާއި ގޮތް އެހެން އުޞޫލަކަށް ވާނަމަ ފަހެ އެމީހާ މަގުފުރެދިއްޖެއެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ( إن الدين يُسْر ولن يشاد الد ين أحد إلا غَلَبه ،
فسد دوا وقاربوا وأبشروا واستعينوا با الغدوة وشيئ من الد لجة ) رواه البخاري  މާނައަކީ : " ހަމަކަށަވަރުން ދީނަކީ ލުއިފަސޭހަވެގެންވާ ދީނެވެ. އެއްވެސް މީހަކު ދީނަކީ ހަރުކަށި އެއްޗެއްކަމުގައި ނުބަލާށެވެ. ފަހެ ތިޔަބައިމީހުން ތެދުބަހުގައި ހެއުގޮތުގައި ހިފަހައްޓާށެވެ. އަދި ހަރުކަށިކަން ދޫކޮށް ފުރިހަމަ ހެއުގޮތުގައި އުޅޭން އުދަގޫނަމަ އެއާއި އެންމެ ގާތްވެގެންވާ ގޮތުގައި ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި ދާއިމީކޮށް ކިތައްމެ ކުޑަހެއު ޢަމަލެއް ކުރިޔަސް އެކަމުގައި އެކުލެވޭ ޘަވާބުގެ  މަތިން އުފާވެރިކަމުގެ ޚަބަރުދޭށެވެ. އަދި މިގޮތުގައި ދެމިހުރުމަށް ހުރިހާ ވަގުތެއްގައިވެސް ތިޔަބައިމީހުން ވާގިއެދޭށެވެ."

3- ހައްދުފަހަނައަޅާ ދިއުމަކީ އަނިޔާވެރިކަމުން ހުސްވެފައިވާ ކަމެއްކަމުގައި ނުވުން : އެހެންކަމުން އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި  މިފަދަ ކަންކަމަކީ ޙައްދު ފަހަނައަޅާފައިވާ މީހެއްގެ ކިބައިގައި ހުންނާނެ ކަންކަމެވެ. އެހެންނަމަވެސް އިސްލާމްދީން ގޮވާލަނީ ވާޖިބުތަކަށް ބެލުމަށާއި އަދާކުރަންޖެހޭ ކަންކަން އެގޮތުގައި އަދާކުރުމަށެވެ. ޙިކްމަތްތެރިއެއްގެ ބަހެއްގައި އައިސްފައިވެއެވެ. " އިސްރާފެއްކަމުގައިވާ ކޮންމެ ކަމެއް ތިމަން ދެކެނީ އެކަމުގައި ގެއްލިފައިވާ ޙައްޤެއް ވާނެކަމުގައެވެ." ސަލާމާއި ޞަލަވާތް ލެއްވި ﷲގެ ރަސޫލާ ޢަބްދުﷲ ބުނު ޢުމަރަށް އެކަލޭގެފާނު އެކަލޭގެފާނުގެ އަހުލުންގެ ޙައްޤަށް ފަރުވާކުޑަކުރައްވާ އަޅުކަން ކުރައްވާތީ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އޭ ޢަބްދުﷲއެވެ.! ކަލޭގެފާނު ދުވާލު ރޯދައަށް ހުންނަވާ ރޭގަޑު ރޭއަޅުކަން ކުރައްވާ އުޅުއްވާ ކަމަށް ވިދާޅެއްނުވަންތޯއެވެ. ފަހެ އެހިދު އިބްނު ޢުމަރު ވިދާޅުވިއެވެ. އޭﷲގެ ރަސޫލާއެވެ. އާދޭހެވެ!  ފަހެ މިހިދުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. قال يا عبد الله ألم أخبر أنك تصوم النهار و تقوم الليل ؟ فقال قلت بلى يا رسول الله ، فقال صلى الله عليه وسلم : فلا تفعل ، صم وأفطر وقم ونم ، فإن لجسدك عليك حقا ، وإن لعينك عليك حقا ، وإن لزوجك عليك حقا، وإن لزورك عليك حقا ) رواه البخاري ފަހެ ކަލޭގެފާނު އެފަދައިން ކަންތައްތައް ނުކުރައްވާށެވެ! ރޯދަ ހިއްޕަވާށެވެ. އަދި ރޯދަ ނުހިއްޕަވާ ދުވަސްވެސް ބަހައްޓަވާށެވެ. އަދި ރޭއަޅުކަން ކުރައްވާށެވެ! އަދި އަވަހާރަފުޅު ލައްޕަވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނުގެ ހަށިގަޑަށްޓަކައިވާ ޙައްޤުތަކެއް ވެއެވެ. އަދި ކަލޭގެފާނުގެ ލޯފުޅަށްޓަކައިވާ ޙައްޤުތަކެއް ވެއެވެ. އަދި ކަލޭގެފާނުގެ އަނބިކަނބަލުންނަށްވާ ޙައްޤެއް ވެއެވެ.އަދި ކަލޭގެފާނަށް ޒިޔާރަތް ކުރާ މީހުންނަށްވާ ޙައްޤެއްވެސް ވެއެވެ."  ފަހެ ކޮންމެ ފަރާތަކަށް އެފަރާތެއްގެ ޙައްޤު ފުރިހަމަ ގޮތުގައި ދޭށެވެ. އަދި އެހެންމީހެއްގެ ޙައްދުގެ ތެރެއަށް ވަދެ ނުހަދާށެވެ.

ހަމަ އެފަދައިން ސަލްމާނުލްފާރިސީ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އަޚް ޒާހިދު އަޅުވެރި އަބުއްދަރުދާއަށް ވިދާޅުވި ބަސްފުޅަކީ ފާހަގަ ކުރެވޭ ބަސްފުޅެކެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މިދެބޭކަލުންގެ ދެމެދުގައި އަޚު ކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން އެދެބޭކަލުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އުފެދިފައި ވެއެވެ.ފަހެ މީގެ ތެރެއިން ދުވަހެއްގައި ސަލްމާނުލްފާރިސީ އަބުއްދަރުދާއުގެ އަރިއަހަށް ޒިޔާރަތް ކުރެއްވިއިރު އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުއްދަރުދާއު ހިތާމަ ކުރައްވާތީ ދެކެވަޑައިގަތެވެ. ދެން ސަލްމާނުލްފާރިސީ  އުއްމުއްދަރުދާއަށް ދެންނެވިއެވެ. ކަމަނާގެ ކަންތައްތައް ކިހެނެއްތޯ؟ އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނުގެ އަޚް އަބުއްދަރުދާއަށް ދުނިޔޭގެ ބޭނުމެއް ނުވެއެވެ. މިވާހަކައިގައި ތިއްބަވަނިކޮށް އަބުއްދަރުދާއު ވަޑައިގަތުމުން ކާބޯތަކެތި ތައްޔާރު ކުރައްވައިގެން ގެންދެވިއެވެ.ފަހެ އެކަލޭގެފާނަށް ވިދާޅުވިއެވެ. ފަރިއްކުޅުއްވާށެވެ. ވިދާޅުވިއެވެ. ތިމަން މިހުންނެވީ ރޯދައަށެވެ. ސަލްމާނު ވިދާޅުވިއެވެ. ކަލޭގެފާނު ފަރިއްނުކުޅުއްވާނަމަ ތިމަންވެސް ފަރިއްނުކުޅުއްވާހުށީމެވެ. ދެން އަބުއްދަރުދާއު ފަރިއްކުޅުއްވައިފިއެވެ. ފަހެ ރޭގަޑުގެ ވަގުތުގައި އަބުއްދަރުދާއު ރޭއަޅުކަން ކުރައްވަން އުޅުއްވަން ފެއްޓެވުމުން ސަލްމާނު ވިދާޅުވިއެވެ. ކަލޭގެފާނު އަވަހާރަފުޅު ލައްޕަވާށެވެ! ދެން އަބުއްދަރުދާއު އަވަހާރަފުޅު ލައްޕެވިއެވެ. ރޭގަޑުގެ އެންމެ ފަހު ދަމުގައި ސަލްމާނުލްފާރިސީ ތެދުވެވަޑައިގެން އަބުއްދަރުދާއަށް ވިދާޅުވިއެވެ. ކަލޭގެފާނު ތެދުވެ ވަޑައިގަންނަވާށެވެ. ދެން މީގެ ދެބޭކަލުން ރޭ އަޅުކަން ކުރެއްވިއެވެ. އަދި ސަލްމާނު އަބުއްދަރުދާއަށް ވިދާޅުވިއެވެ. " ފަހެ ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ކަލާނގެއަށްޓަކައި ކަލޭގެފާނު އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ. އަދި  ކަލޭގެފާނުގެ ހަށިގަޑަށްޓަކައިވާ ޙައްޤުތަކެއް ވެއެވެ. އަދި ކަލޭގެފާނުގެ އަނބިކަނބަލުންނަށްވާ ޙައްޤެއް ވެއެވެ. ފަހެ ކޮންމެ ފަރާތަކަށް އެފަރާތެއްގެ ޙައްޤު ފުރިހަމަ ގޮތުގައި ދޭށެވެ." ދެން އެއަށްފަހު ސަލްމާނުލްފާރިސީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިއަހަށް ވަޑައިގެން މިވާހަކަތައް ވިދާޅުވެ ދެއްވިއެވެ.  ފަހެ މިހިދުގައި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (صدق سلمان ) رواه البخاري  މާނައަކީ "ސަލްމާނުގެ ތިޔަބަސްފުޅުގެ ތެދުކަމާއެވެ!" (ނުނިމޭ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ibn adam, 2009-03-12 03:52:58
dheenah furihama ah ulhun aee hadhdhu fahana alhaa dhiyun kamah mihaaruge gina meehun dhekeythee ma*salayakee
thiyabeyfulhaage visnun huree ehen noon kamugai heekuran
Allah engevi hurihaa kamakah furihama ah thabaave rasool (saw) sunnatha thabaavegen ulhey akhunnaa dhimaa ah hadhdhu fahana alhaafaivaa baekey kiyumakee goaheh
...
ލިޔުނީ IBRAHIM AHMED, 2009-03-15 08:09:32
Shukuriyya! liyun vidhaalhuvi kamattakaa varah ufaakuran. faalhu kurevvi heyo ummeedhattakaa ves ufaakuran. alhuganugeves niyathakee hamthiya vidhaalhuvi heyo niyai. dheen eyge heyo sooraigai genes dhinunu. lobuvethi maiy raloola (SAW)ge moorithi sunnaiy dhiruvai aalaakurun. dhevvi baivarive vadaigendhevvumuge sababun ithuru hivvaru libunu.. shukuriyyaa!!
...
ލިޔުނީ ރ ދ, 2010-10-26 14:45:28
އުސްތާޛެވެ! އުސްތާޛްގެ މިލިއުއްވުމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ ޙާލަތަށް ބައްލަވައިފިނަމަ ބަޔަކުގެ ނަފްރަތާއި މަލާމާތް ލިބިލައްވަފާނެ ލިއުމެކެވެ. ނަމަވެސް އުސްތާޛްގެ ރައުޔަކީ ރަނގަޅު ރައުޔެކެވެ. ދަލީލުތަށް ސާފުވެފައި ސާބިތެވެ. ނަމަވެސް މިތަނުގައި ޢިލްމުގެ މަދުމިންވަރުކުން ފުދިފައިވާ ތަޢައްޞަބީ ފިކުރުގައި އުޅޭ ގިނަބަޔަކު ތިބިކަމުން އުސްތާޛަށް މަލާމާތާއި ފުރައްސާރަ ލިބޭނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ އެދުމަކީ އުސްތާޛްގެ މިފަދަ ލިއުއްވުންތައް ގިނައިންފެނި ގިނަބަޔަކަށް ހެއުގޮތް ވިސްނި މެދުމިންވަރުގައި ސާބިތުވެތިބުމުގެ ހެއު ނަޞީބު އަޅުގަނޑުމެނަށް ކީރިތި ﷲ މިންވަރުކުރެއްވުމެވެ. އުސްތާޛްގެ ތިއަ މަސައްކަތްޕުޅުގައި ކީރިތި ﷲ ބަރަކާތް ލެއްވުމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1182
extra avandia and congestive heart failure