މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދީނުގައި ޙައްދު ފަހަނަ ޢަޅައިދިޔުން-5 |
|
|
| ދީން - ފިޤުހު | |||
| 01 އެޕރީލް 2009، 00:56 ބުދަ | |||
|
ކުރީގެ ބަޔާގުޅޭ... އެއްވެސް ދަލީލަކާއި ނުލައި ޙަރާމްކުރުމުގައި އިސްރާފު ކުރުން އިބްރާހީމް އަޙްމަދު( وَلاَ تَقُوْلُوْا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هذَا حَلاَلٌ وَهذَا حَرَامٌ لِتَفْتَرُوْا عَلَى اللهِ الْكَذِبَ إِنَّ الَّذِيْنَ يَفْتَرُوْنَ عَلَى اللّهِ الْكَذِبَ لاَ يُفْلِحُوْن ) سورة النحل 116މާނައަކީ: " މާތްﷲ އާއިމެދު ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށް ދައްކާ ދޮގުތަކާއި މެދު މިއީ ޙަލާލު އެއްޗެކޭ ، މިއީ ޙަރާމް އެއްޗެކޭ ، (ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޭށެވެ. ހަމަކަށަވަރުން ، މާތްﷲ އާއިމެދު ދޮގުތައް އުފައްދައިގެން ހަދާ މީހުންނަށް ނަސީބު ނުލިބޭނެއެވެ." ސަލަފުއްޞާލިޙްގެ ބޭކަލުން ކަމަކަށް ކަނޑައެޅިގެން ޙަރާމްއޭ ވިދާޅުވަނީ ދީނުގައި އެކަމެއް ޙަރާމްކަމަށް ކަނޑައެޅިގެން އައިސްފައިވާ ކަންކަމާމެދު ގައެވެ. އެގޮތުން ޙަރާމްކަމުގެ ދަލީލު އައިސްފައި ނުވާނަމަ އެބޭކަލުން ވިދާޅުވަނީ އެއީ މަކްރޫހަ ކަމެއް ކަމުގައެވެ. ނޫންނަމަ ތިޔައީ ކުރަން ފެންނަ ކަމެއްނޫނޭ މިފަދަ ޢިބާރާތަކުންނެވެ. އެބައިމީހުން އެކަންކަން ކަނޑައެޅިގެން ޙަރާމްކަމަކަށް ނުބުނެއެވެ. އެހެންނަމަވެސް ހައްދުފަހަނައަޅާ ދިއުމަށް ބުރަވާމީހުން އެއްވެސް ރައްކާތެރިކަމެއް ވިސްނުމެއް ނެތި ފުރަތަމައިންވެސް އަވަސްވަނީ އެކަމެއް ޙަރާމް ކުރުމަށެވެ. މިސާލަކަށް ފިޤްހީ މައްސަލައެއްގައި ދެގޮތަކަށް ދެރައުޔު އޮވެފައި އޭގެ އެއްރައުޔަކީ ހުއްދަ ކަމަށް އޮންނަ ރައުޔަކަށްވެފައި އަނެއް ރައުޔަކީ މަކްރޫހަކަމަށް އޮންނަ ރައުޔަކަށް ވާނަމަ އެބައިމީހުން އަބަދުވެސް ނަގަނީ މަކްރޫހަ ކަމަށް އޮންނަ ރައުޔެވެ. އަދި އެކަކު ކަމެއް މަކްރޫހަކަމަށް ބުނާއިރު އަނެކަކު އެކަމުގައި ޙަރާމްކަމަށް ބުނާކަމަށް ވާނަމަ މިބައިމީހުން އެއިން އިޚްތިޔާރު ކުރަނީ ޙަރާމްކަމަށް ބުނާ ބުނުމެވެ. ކަމެއްގައި ދެރައުޔެއް އޮވެފައި އެއްގޮތަކީ ލުއިފަސޭހަ ގޮތަކަށް ވެފައި ދެވަނަ ގޮތަކީ ބުރަގޮތަކަށް ހަރުކަށި ގޮތަކަށް ވާނަމަ އެބައިމީހުން ޚިޔާރުކުރަނީ މިތަނުން ބުރަ ހަރުކަށި ގޮތެވެ. ޝުބްހާތަކަށް ތަބާވެ ފާޅުވެ ބަޔާންވެފައިވާ ގޮތް ދޫކޮށް ލުން އިސްލާމްދީނުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ ދީން ދެނެގަތުމުގައި ހުރިހާ ޒަމާނެއްގައިވެސް މުތަޝާބިހާތުތަކަށް ނުވަތަ ޝުބްހާތަކަށް ތަބާވެ ބަޔާންވެފައިވާ އުޞޫލު ދޫކޮށްލުމެވެ. ބައެއް މީހުން މިއިން އުޞޫލުތައް ނަގައި ބަޔާންވެ ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ގޮތްނިންމައެވެ. މިގޮތުން އިސްލާމީ އުއްމަތް ކުފުރުކުރުމުގައި މިބައިމީހުން ގެންގުޅޭ ހަރުކަށި އުޞޫލުތައް ފާހަގަ ކުރެވެއެވެ. އަދި އެބައިމީހުންގެ ކާފިރުކަމާއެކު އެބައިމީހުންގެ ލޭ އޮހުރުވާލުމަށްވެސް މިއުޞޫލަށް އިސްކަން ދީފައިވެއެވެ. ޢިލްމުވެރިންގެ އަރިހުން ޢިލްމު ނުއެގެނުން ބައެއް މީހުންނަށް ދީނުގެ ޙަޤީޤަތް ނޭގުމުގެ އެއްސަބަބަކީ އެފަދަމީހުން ޢިލްމުވެރިންގެ އަރިހުން ނުވަތަ އެކަމަށް ޚާއްޞަވެފައި ތިއްބަވާ ފަރާތްތަކުން ޢިލްމު ޙާޞިލު ނުކުރާކަމެވެ. ބައެއް ފަހަރަށް ކޮންމެވެސް ފޮތަކުން ނުވަތަ ނޫހަކުން ނުވަތަ އެނޫންވެސް ގޮތަކުން މަޢުލޫމާތު ލިބިގަންނައިރު އެމަޢުލޫމާތުގެ ޞައްޙަ ކަމާމެދު ބަލާލެވިފައި ނެތުމެވެ. ޙަޤީޤަތުގައި ފިޤްހު ޢިލްމު ލިބިގަނެވޭނީ އެޢިލްމުގެ އަހުލުވެރިންކުރެ އިތުބާރު ހުރި ޢިލްމުވެރިންގެ ފަރާތުންނެވެ. އެހެންކަމުން ސަލަފުއްޞާލިޙުގެ ޢިލްމުވެރިން މަނާކުރާ އެއްކަމަކީ ޢިލްމެއްގެ ގޮތުން ޢިލްމުވެރި ޤާބިލު މުދައްރިސެއްގެ އެހީތެރިކަމެއްނެތި ޢިލްމު ހޯދުމެވެ. ކަންކަމުގެ ހަޤީޤަތް ރަގަޅަށް އެގިފައި ނުވުމާއި ކައުނުގެ ތާރީޚާއި ސުންނަތް އެނގިފައިނެތުން މިފަދަކަންކަމުގައި އުޅޭ މީހުން މަސައްކަތް ކުރަނީ އޭނާގެ ޚިޔާލުގައިވާ ކަމެއް އިސްލާމީ ޝަރިޢަތުގައިވެސް ނުހިމެނޭ ނުވަތަ އޭގައި އެއްވެސް އަސާސެއް ނެތްކަންކަން ދީނުގެކަންކަމަށް ހަދައި މުޅި މުޖުތަމަޢު އެ އުޞޫލާ އެއްގޮތަށް ބަދަލު ކުރުމެވެ. މިގޮތަށް ކުރެވޭ ޢަމަލުތަކުގެ ނަތީޖާއަކީ ކޮންމެ ގޮތަކަށް ނުކުންނަ އެއްޗެއްކަމަށްވިޔަސް އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ހަމަ އެކަނި ބޭނުންވަނީ ﷲ އަށްޓަކައި ކުރާ ކަމަކަށްވުމާއި ﷲގެ ކަލިމަފުޅު މަތިވެރިކުރުމެވެ. ބައެއްފަހަރަށް ބައެއްމީހުން މިފަދަ ބައެއް ކަންކަމަށް އަމިއްލައަށް މަރުވުން ކަމަށްވެސް ބަލައެވެ. ނުވަތަ މޮޔަކަމުން ކުރެވުނު ކަމެއްކަމަށްވެސް ދެކެއެވެ. އުއްމަތެއްގެ ކަންކަން އަންގައިދޭ ޙަޤީޤީ އެދުރަކީ ތާރީޚެވެ. އެއީ ޢިބްރަތްތަކުގެ ޚަޒާނާއެކެވެ. އިއްޔެގެ ކަންތައް މާދަމާއަށްޓަކައި ފަރުދަކު ދަސްކުރާނެއެވެ. އެހެންކަމަށްވާނަމަ އުއްމަތަކީ އެއުއްމަތުގެ މާޟީއިން ޢިބްރަތް ޙާޞިލުކުރާ އުއްމަތަކަށް ވާންޖެހެއެވެ. އޭރުން އުއްމަތުގައި މާޟީގައި ހިގާފައިވާ ރަގަޅުކަންކަމުން ފައިދާ ލިބިގަނެ ނުބައިކަންތަކުން ސަލާމަތްވެވި ބަލިތަކުން ފިލާވަޅު ލިބިގަނެވި ނަޞްރުތަކުން ފައިދާ ހޯދައި ހެދޭނެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. (قد خلت من قبلكم سنن فسيروا في الأرض فانظروا كيف كان عاقبة المكذبين ) آل عمران 137)މާނައަކީ: ތިޔަބައިމީހުންގެ ކުރީން ހިނގި ކަންތައްތަކަކާއި ގޮތްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެއެވެ. ފަހެ ތިޔަބައިމީހުން ބިމުގައި ހިނގާ ދަތުރުފަތުރުކޮށް ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކޮންފަދައަކުންތޯ ބަލައި އުޅޭ ހުށިކަމެވެ. " ތާރީޚީ ޙާދިޘާ ތަކަކީ ތަކުރާރުވާ އަދި އެއްގޮތް އުޞޫލުތަކެއް ވަރަށް ބޮޑަށް އޭގައި ހިމެނިފައިވާ ކަމެކެވެ. މިހެންވެ ބައެއް މީހުން ބުނެއުޅޭ ބަހެއްގައި ވެއެވެ. " ތާރީޚަކީ އޭގެ އަމިއްލަ ނަފްސަށް އިޢާދަ ކުރާ އެއްޗެކެވެ." މިފަދަ ބައެއް ފަރާތްތަކުން ޣާފިލުވާ އެއްކަމަކީ ފިޔަވަޅަކުން ފިޔަވަޅަކުން ކަންކަން ހަމަޖެހުމުގެ އުޞޫލެވެ. މިއީ ޝަރުޢީ ސުންނަތެކެވެ. މިސާލަކަށް ﷲ ތަޢާލާ ދުނިޔެ ހެއްދެވީ ހަ ދުވަހަކުންނެވެ. ނުވަތަ ހަމަރުޙަލާއަކުންނެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވީވެސް މަރުޙަލާ ތަކަކުންނެވެ. ޝަރުޢީ އުޞޫލުން ބަލައިފިނަމަ އިސްލާމްދީން ފެށިފައިވަނީ ތައުޙީދަށް ގޮވާލުމަށެވެ. ދެން އެއަށްފަހު ޝަރީޢަތުގެ ކަންތައްތައް އައިސްފައިވަނީ މަޑުމަޑުން ކަމަކުން ކަމަކުންނެވެ. މިގޮތުން ކަންކަން ފަރުޟުވުމާއި ޙަރާމްވުމާއި ހިނގާދިޔައެވެ. މިކަންކަން ވަނީ ނަމާދު ފަރުޟުވުމާއި ރޯދަފަރުޟުވުމާއި ޒަކާތް ފަރުޟުވުމާއި ރާޙަރާމްވުމުން ސާބިތުވެފައެވެ.
|
| ހަމަ މި ގަލަމުން |
|---|