މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހަނގުރާމަ ފެށުން |
|
|
| ދީން - ފިޤުހު | |||
| 23 އެޕރީލް 2009، 02:02 ބުރާސްފަތި | |||
|
އިބްރާހީމް އަޙްމަދު މުސްލިމުންނާ ދެކޮޅަށް އެބައިމީހުންގެ ޢަދާވާތްތެރިއަކު ހަނގުރާމަ ފަށައިފިނަމަ އެހިސާބުން މުސްލިމުންގެ ވެރިޔަކަށް ހުންނެވި ފަރާތަކުން ﷲގެ މަގުގައި ޖިހާދު ކުރުން އިޢުލާނު ކުރަންވާނެއެވެ. މީގައި އެދެވިގެންވަނީ ފަރުޟު ކިފާޔަތެއްގެ ގޮތުން ހަނގުރާމަ ކުރަންޖެހިފައިވާ ފަރާތްތަކުން ﷲގެ މަގުގައި ޖިހާދުކުރުމަށް އައުމަށެވެ. އެގޮތުން އެންމެ އައުލާކަން ބޮޑުވެގެންވަނީ އެންމެގާތުގައި ތިބިބަޔަކަށެވެ. ދެން އެންމެ ގާތުން ޖިހާދަށް އައުމަށެވެ. މިގޮތަށް ގޮސް އޭގައި އެންމެހައި މުސްލިމުން ޝާމިލުވާ ދަރަޖައަށް މިކަން ފުޅާވެގެންދާނެއެވެ. އެހެންވެއްޖެނަމަ އެހާހިސާބުން އެކަން ބަދަލުވެގެންދާނީ ބާލިޣުވެ ބުއްދިފުރިހަމައަށް ހުރި ހަތިޔާރު އުފުލުމުގެ ކުޅަދާނަ ކޮންމެ މުސްލިމެއްގެ މައްޗަށް ޢައިނިއްޔަ ފަރުޟެއްގެ ގޮތުން ވާޖިބުވެފައިވާ ކަމެއްކަމުގައެވެ. އޭރުން ޢަދާވާތްތެރިންގެ ޢުދުވާން އިސާހިތަކު ނިމިގެންދާނެއެވެ. މުސްލިމުންގެ ޙާކިމަކު އޭނާގެ ޢަދާވާތްތެރިޔަކާ ހަނގުރާމަ އިޢުލާނު ކުރަން ބޭނުންނަމަ އޭނާ އަންނަނިވި ތިންގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރަންޖެހެއެވެ. 1- އިންޒާރު ދިނުމެއްނެތި ހަނގުރާމަ ފެށުންމީގެ މާނައަކީ މިޒަމާނުގެ މޮޑަން ޢަސްކަރީ އުޞޫލުތަކާއި ރޭވުންތަކާއި އެއްގޮތްވާ ގޮތުގެމަތީން ހަނގުރާމަ ކުރަންފެށުމެވެ. އެއީ ޢަދުއްވުގެ ފަރާތުން ހަނގުރާމަކުރަންފަށާ އެބައިމީހުންގެ އެޙާލަތުގައި ވިޔަސް ނުވަތަ އޭނާވެސް ހަނގުރާމަ ފެށުމުގެ ޙާލަތުގައި ވީނަމަވެހެވެ. ނުވަތަ މުސްލިމުންނާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ އެއްބަސްއުވާލުމާއި ނުވަތަ މުސްލިމުންނާ ހަނގުރާމަ ކުރަން ބޭނުންވުމެވެ. ފަހެ މިހާލަތުގައި މުސްލިމުން މިޚިޔާލަށް ޢަމަލު ކުރަން ފެއްޓެވިއެވެ. ނުވަތަ ކުރިން އެއްވެސް އިންޒާރެއް ދިނުމެއްނެތި ޢަދުއްވުންނާއި ޙަމަލާ ދިނުމަށް ފެއްޓެވިއެވެ. ސަބަބަކީ އެޢަދުއްވަކީ އެފަދަ ކޮންމެ ޙާލަތެއްގައި ހަނގުރާމައިގެ ހުޅު ރޯކުރުވި ފަރާތެވެ. އެފަދަ ގޮތަކަށް ބަނީ ޤުރައިޡާގެ އަހުލުވެރިން ޢަހްދު އުވާލާ މުޝްރިކުންނާއިއެކު ޚަންދަޤު ނުވަތަ އަޙްޒާބު ހަނގުރާމައިގައި ބައިވެރިވެ ހެދުމުން އެހަނގުރާމަ ނިމުމާއެކު ރަސޫލާ މުސްލިމުންނަށް އަމުރު ކުރެއްވީ ބަނީ ޤުރައިޟާގެ މީހުން ޙިޞާރު ކުރުމަށްޓަކައި ނުކުތުމަށެވެ. އެދުވަހުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (الاَ لاَ يُصَلِّيَنَ أَحد الظهر – وفي رواية العصر الا في بنيْ قُرَيْظَة ) رواه مسلمމާނައަކީ: "ދަންނާށެވެ! ތިޔަބައިމީހުންކުރެ މީހަކު މިއަދުގެ މެންދުރު ނަމާދު އެހެންރިވާޔަތެއްގައި ޢަޞްރު ނަމާދު ބަނީޤުރައިޡާގައި ނޫނީ ނުކުރާހުށި ކަމެވެ." ހަމަ އެފަދައިން މައްކާ ފަތަޙައިގެ ދުވަހުގައިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރައިޝުންގެ މީހުންނަކަށް އެއްވެސް އިންޒާރެއް ނުދެއްވައެވެ. އެއީ އެބައިމީހުން ކުރިންވެފައިވާ ޣަދަރާއި ޚިޔާނަތާއި ހުރެއެވެ. އަދި މީގެ އިތުރުން އެކަލޭގެފާނު ﷲގެ ޙަޟްރަތުގައި އެދިވަޑައިގަންނަވަމުން ދިޔައީ އެކަލޭގެފާނު ވަޑައިގަންނަވާ ކަމުގެ އެއްވެސް ޚަބަރެއް އެމީހުންނަށް ވުމެއްނެތި ތިއްބާ އެކަލޭގެފާނު ވަޑައިގެން މައްކާގެ މީހުންގެ ކިބައިން ބަދަލު ހިއްޕެވުމަށެވެ.| އަދި ހަމަ އެފަދައިން ޚައިބަރާއި އުބުނާގެ (ބަލްޤާއި ވީފަރާތުން ޝާމްކަރައިގެ ރަށެއް) ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރު އެތާގެ އަހުލުވެރިންނާ ހަނގުރާމަ ކުރައްވަން ފެއްޓެވުމާއި އަދި ބަނިލްމުޞްޠަލިޤުގެ މީހުންނާ ހަނގުރާމަ ކުރެއްވީ އެބައިމީހުންނާއެކު ހަނގުރާމައިގެ ޙާލަތު އޮތުމުގެ ސަބަބުން ކުރިން އިންޒާރެއް ދިނުމެއް ނެތިއެވެ. އެރަށްރަށުގެ ގޭގޭގައި ދިރިއުޅެމުންދާ މުޝްރިކުންގެ ޢާއިލާތަކަށް އެތާގައި ދިރިއުޅެމުންދާ ޙާލު އެބައިމީހުންނަށް ނޭގި އެޙަމަލާ ދެވޭތީ އެއަންހެނުންނާއި ކުޑަކުދިންނަށް އެކަމުގެ ސަބަބުން ގެއްލުމެއް ވެދާނެތީ އެކަމާއި މެދު ސުވާލު ކުރެއްވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވީ އެބައިމީހުންނަކީ ހަނގުރާމައިގައި ބައިވެރިވެގެން ތިބި މީހުން ކަމުގައެވެ. 2- ހަނގުރާމަ އިޢުލާނު ކުރުމާއި އަދި ޢަހްދު އުވާލުންމުސްލިމުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި އެއްބަސްވެފައިވާ ޢަދުއްވެއްގެ ފަރާތުން ޖާސޫސްކުރުމެއް ނެތި ނުވަތަ ފަސާދަކުރުން ނުވަތަ ޤަތުލުކުރުންނެތި ޚިޔާނާތުގެ ކުށެއް ވެފައިވާނަމަ އޭނާއާއި ހަނގުރާމަ ކުރުމެއްނެތެވެ. އެއާއި ޚިލާފަށް އޭނާއާއި އެކުގައި ވެފައިވާ އެއްބަސްވުން އުވާލާ އޭނާ އެރަށުން ފޮނުވާލާނީއެވެ. އެއީ އޭނާ ކުރި ޚިޔާނާތާއި މަކަރުހެދުމުގެ ކުށުގެ އިންޒާރެއްގެ ގޮތުގައެވެ. ސަބަބަކީ މިފަދަ ކަންކަމުގައި މުސްލިމުން ގެންގުޅޭ މިންގަޑަކީ "ޣަދަރުވެރިކަމެއް ޣަދަރުވެރިކަމަކުން ނިންމާލުމަށްވުރެ ޣަދަރުވެރި ނުވާފަރާތުގެ ޢަހްދަށް ވަފާތެރިވުން ހެއުކަން ބޮޑެވެ." އޭނާ ފޮނުވާލުމޭ މިބުނާ ބަހުގެ މާނައެއްގެ ގޮތަށް މިޒަމާނުގައި ފެންނަކަމަކީ އެއްޤައުމުން އަނެއްޤައުމަށް އައިސްއުޅޭ މީހުން އެޤައުމުން ނެރެފޮނުވާލުމެވެ. މިތާގައި މިބުނެވެނީ މީހަކަށް އޭނާހުރި ސަރަޙައްދަކުން ނުވަތަ ޤައުމަކުން އޭނާގެ ރުހުމާއި ނުލައި ގަދަކަމުން ނެރެ ފޮނުވާލާ ފޮނުވާލުމެވެ. އަދި މިޒަމާނުގައި މިބައިގައި ހިމެނޭ އަނެއްކަމަކީ ދެޤައުމެއްގެ ދެމެދުގައި ހަނގުރާމައިގެ ޙާލަތަކަށް އައުމުން އެދެޤައުމުގައި ތިބޭ ސަފީރުން ނުވަތަ އެނޫންވެސް އެހެނިހެން ޑިޕްލޮމެޓުން ޤައުމުން ނެރެ އެބައެއްގެ ޤައުމަށް ފޮނުވާލުމާ ނުވަތަ ދެޤައުމުގެ ދެމެދުގައި އުފެދޭ މައްސަލައަކާއި ގުޅިގެން ސިޔާސީ ގުޅުން ކަނޑާލުމެވެ. ވަޠަން: ( މައުމަނު) މިއީ މީހަކު އޭނާގެ މުދަލާއި ނަފުސުގެ މައްޗަށް ރައްކާތެރިކަން ހޯދައިދޭ ތަނެވެ. މިއީ މުސްލިމުންގެ ޤައުމާއި އެންމެ ގާތުގައި އޮންނަ ކާފަރުންގެ ޤައުމެވެ. މިޒަމާނުގައި ( މައުމަނު) މިބަހުގެ މާނައަކީ ވަޠަން ކަމަށްވިޔަސް އިބްނު ކަޘީރު ވިދާޅުވެފައިވާ ގޮތުން މިފަދަ ޙާލަތުގައި އެވަޠަނަކުން އެމީހަކު ބޭރެއް ނުކުރެވޭނެއެވެ. އަލްއިމާމު އަލްއައުޒާޢީ ވިދާޅުވަނީ މައުމަނު (ވަޠަން) މިތާގައި މާނަކުރެވެނީ ޢަދާވާތްތެރިޔާގެ ޤައުމަށް ކަމުގައެވެ. 3- ހަނގުރާމައިގެ އިންޒާރު ދިނުން ނުވަތަ އިސްލާމްދީނަށް ދަޢުވަތު ދިނުންހަނގުރާމަ ކުރަންފެށުމުގެ ކުރިން މާލިކީންނާއި ޒައިދީންގެ ގާތުގައި އެބައިމީހުންގެ މައްޗަށް ވާޖިބުވެގެންވަނީ ކަނޑައެޅިގެން އިސްލާމްދީނަށް ދަޢުވަތު ދިނުމަށެވެ. އެއީ އެދަޢުވަތު އެބައިމީހުންނަށް ފޯރިއަސް ނުވަތަ ނުފޯރި ކަމުގައި ވީނަމަވެހެވެ. ފަހެ މިކަމާމެދު މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "ގަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިއުމަށް ތިޔަބައިމީހުންނަށް ގޮވާލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ އިސްލާމްވުމަށެވެ." އިބްނުޢައްބާސްގެ އަރިހުން ރިވާވެފައިވެއެވެ. مَا قَاتَلَ رسُولُ اللّهِ صَلَّى اللهُ عَلَيْهِ وَسَلَّم قَوْمًا قَطّ إلاَّ دَعَاهُم ) رواه أحمد والبيهقيމާނައަކީ :"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔަކަށް ދީނަށް ގޮވާލެއްވުމަށް ފަހުގައި މެނުވީ ބަޔަކާއި ހަނގުރާމަ ކުރައްވާ ކަމުގައެއް ނުވެއެވެ." އަދި ބުރައިދާގެ އަރިހުން ރިވާވެގެންވެއެވެ. (كَان رسُولُ اللّهِ صَلَّى اللهُ عَلَيْهِ وَسَلَّم اذا أَمَرَّ أَمِيْرًا عَلَى جَيْشٍ أَوْ سَرِيَّةٍ أَوْصَاهُفِيْ خَاصَّتِه بِتَقْوَى اللَّهِ وَمَن مَعَهُ مِن الْمُسْلِمِيْن خَيْرًا .... ثُمَّ قَالَ واذَالقيت عَدُوَّكَمِن الْمُشْرِكِين، فَادْعُهُم الَى ثَلاَثَ خِصَالٍ أو خِلاَل فَاَيَّتهن ما أجابُوك فاقبل منهم وكف عنهم ، أدعهم الى الإسلام ، فان أجابُوك فاقبل منهم وكف عنهم .... فان أبو فسلهم الجزية ، فان أجابُوك فاقبل منهم وكف عنهم ، وإن أبو فاستعنبا لله عليهم وقاتلهم ) رواه الجماعة الا البخاريމާނައަކީ : "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޝްކަރެއްގެ ނުވަތަ ހަނގުރާމައެއްގެ އަމީރަކަށް ބޭފުޅަކު ހަމަޖެއްސެވުމަށްފަހު އޭނާއަށް ވަޞިއްޔަތްކުރައްވާ ޚާއްޞަ ކަންކަމުގެ ތެރޭގައި ﷲއަށް ތަޤްވާވެރިވުމާއި އެބޭކަލަކާއެކުގައި އެވާ މުސްލިމު ލަޝްކަރުގެ އެންމެންނަށް ހެއުކޮށް ހިތުން ހިމެނެއެވެ. ދެން ވިދާޅުވެއެވެ. ކަލޭގެފާނަށް މުޝްރިކުންގެ ޢަދުއްވުންނާ ބައްދަލުވެއްޖެނަމަ ފަހެ އެބައިމީހުންނަށް ތިންކަމަކަށް ދަޢުވަތު ދޭހުށިކަމެވެ. އެއިން އެއްވެސް ކަމަކަށް އިޖާބަ ދީފިނަމަ އެކަން އެބައިމީހުންގެ ފަރާތުން ޤަބޫލުކޮށް ހަނގުރާމަކުރުމުން ދުރުވެގަންނާށެވެ! އެމީހުންނަށް އިސްލާމްދީނަށް ގޮވާލައްވާށެވެ! އެކަމަށް އިޖާބަ ދީފިނަމަ އެބައިމީހުންނާ ހަނގުރާމަކުރުން ހުއްޓާލާ އެކަން ޤަބޫލު ކުރާށެވެ! އިސްލާމް ނުވިނަމަ އެބައިމީހުންނަށް ޖިޒުޔަ ދެއްކުމަށް އެދޭށެވެ! އެކަމަށް އިޖާބަދީފިނަމަ އެބައިމީހުންނާ ހަނގުރާމަކުރުމުން ދުރުހެލިވާށެވެ! އެކަމާވެސް ދެކޮޅު ހަދައިފިނަމަ އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާގެ މަދަދާ ޢިނާޔަތާއެކު އެބައިމީހުންނާ ހަނގުރާމަ ކުރާށެވެ!" އަދި ހަމަ އެފަދައިން މުޢާޛު ބުނު ޖަބަލާއި އެކަލޭގެފާނާއެކުގައިވާ ލަޝްކަރު ޔަމަނު ކަރަ ފަތަޙަ ކުރެއްވުމަށް ފޮނުއްވި ހިދުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނަށް މިފަދައިން ވަޞިއްޔަތް ކުރެއްވިއެވެ. " އެބައިމީހުންނަށް އިސްލާމްދީނަށް ގޮވާލެއްވުމަށްފަހުގައި މެނުވީ އެބައިމީހުންނާ ހަނގުރާމަ ކުރަން ނުފަށާށެވެ! އެބައިމީހުން އިސްލާމްވުމާއި ދެކޮޅުހެދިނަމަވެސް އިސްވެ ތިޔަބައިމީހުންނާ ހަނގުރާމަ ކުރަން ނުފަށާހާ ހިނދަކު ހަނގުރާމަކުރަން ނުފަށާށެވެ! އަދި އެބައިމީހުން އިސްވެ ހަނގުރާމަ ކުރަން ފެށިކަމުގައިވިޔަސް ތިޔަބައިމީހުންގެ ތެރެއިން މީހަކު ޤަތުލުވެއްޖައުމަށް ދާންދެން ހަނގުރާމަ ނުކުރާށެވެ! ދެން އެބައިމީހުންނަށް މިކަން ބުނެދީ ހަދާށެވެ! މިޔަށްވުރެ ވަކިން ރަގަޅުގޮތެއް އެބައޮތް ހެއްޔެވެ؟ ފަހެ ކަލޭގެފާނުގެ މައްޗަށް އިރުއަރާ އޮއްސޭ ކޮންމެ ދުވަހެއްގައި ކުރެވޭ ހުރިހާ ހެއުކަމަކަށްވުރެ ކަލޭގެފާނުގެ އަތްޕުޅުމައްޗަށް މީހަކަށް ﷲ ތެދުމަގު ދެއްކެވުން މާހެއުކަން ބޮޑެވެ." ޚައިބަރު ހަނގުރާމައިގެ ދުވަހުގައި ޢަލީބުނު އަބީޠާލިބު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭﷲ ގެރަސޫލާއެވެ. އަހަރެމެންފަދަ މުސްލިމުންނަށް މިބައިމީހުން ވެއްޖައުމަށް ދާންދެން މިބައިމީހުންނާ ހަނގުރާމަ ކުރަންވީ ނޫންތޯއެވެ؟ އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (عَلَى رِسلك حتى تنزل بساحتهم ثم ادعهم الى الإسلام فو الله لأن يهتدي اللهبك رجلاً واحدًا خير لك من حُمْر النعم) رواه البخاري ومسلمމާނައަކީ: " އެބައިމީހުން ތިބޭތަނަށް އަތުވެއްޖައުމަށްދާންދެން ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ! ދެން އެއަށްފަހު އެބައިމީހުންނަށް އިސްލާމްދީނަށް ގޮވާލައްވާށެވެ! ﷲ ގަންދެއްވާ ވިދާޅުވަމެވެ. ކަލޭގެފާނަށް ލިބިވަޑައިގަންނަވާ ކަރާމާތްތެރިކަމާއި އަގުބޮޑު ނިޢުމަތަކަށްވުރެ ކަލޭގެފާނުގެ އަތްޕުޅު މައްޗަށް މީހަކަށް ﷲ ތެދުމަގު ދެއްކެވުން މާހެއުކަން ބޮޑުވެގެންވެއެވެ." ޙަނަފީންނާއި ޝާފިޢީންނާއި ޙަންބަލީންނާއި އިމާމިއްޔާއިންނާއި އިބާޟިއްޔާއިން ދެކޭގޮތުގައި އިސްލާމްދީނުގެ ދަޢުވަތު ނުފޯރާ ބަޔެއްނަމަ އެބަޔަކަށް ދީނަށް ގޮވާލުން ވާޖިބުވާނެއެވެ. އެކަމަކު އިސްލާމްދީން ފާޅުވެ އިސްލާމްދީން ފެތުރިގެން ދިޔުމަށްފަހު މީސްތަކުންނަށް އިސްލާމްދީނަށް ގޮވާލެވޭ ސަބަބު އެގުމުން އަދި މުސްލިމުން ހަނގުރާމަ ކުރަނީ ކޮންސަބަބުތަކަކާހުރެ ކަން އެގުމުން އިސްލާމްދީނަށް ގޮވާލުމަކީ ސުންނަތްކަން ގަދަވެގެންވާ މުސްތަޙައްބު ސުންނަތެކެވެ. އެއީ ހަމައެކަނި އެގޮތަށް ދީނަށް ގޮވާލެވުނުކަމާއި އިންޒާރު ދެވުނުކަން ސާބިތު ކުރުމަށެވެ. މިހުރިހާ ބޭކަލުންގެ ދަލީލަކީވެސް އިސްވެ ދިޔަ ދަލީލުތަކުން ދީނަށް ގޮވާލުމަށް އޮތް އަމުރުފުޅުތަކާއި ޢަދުއްވުންނަށް ނޭގިތިއްބައި ޙަމަލާދިނުމަށް ހުއްދަކުރާ ޙަދީޘްތަކުން ނަގާފައިވާ ދަލީލެވެ. (عَن عَبدُ الرَّحْمن بن عَوف أَنّ الرَّسُول صَلَّى اللَّه عَلَيْه وسَلّم أَغَارَ عَلىَ بَنِى الْمُصْطَلِق وهُمْ غَارُّونَ (أَيْ غَافِلُون) وأَنْعَامهُم تسقى عَلى الماء، فقتل مقاتلهم وسبي سبيهم )رواه مسلم والبخاري މާނައަކީ: "ޢަބްދުއްރަޙްމާނު ބުނު ޢައުފުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަނިލްމުޞްޠަލިޤުވަންހައިގެ ޔަހޫދީންނާއި ހަނގުރާމަ ފެއްޓެވީ އެބައިމީހުން ޣާފިލުކަން މަތީ ތިއްބަވަނިކޮށެވެ. އޭރު އެބައިމީހުންގެ ނަޢަމް ސޫފިތަކަށް ފެންދިނުމަށް ދޫކޮށްލާފައި ތިއްބެވެ. ފަހެ އެބައިމީހުންގެ ހަނގުރާމަވެރިން ޤަތުލުކުރެވި އެބައިމީހުންގެ ފިރިހެންދަރިން އަސީރު ކުރެވުނެވެ." މިފަދަ އަނެއް މިސާލަކީ އުސާމާ ބިންޒައިދުގެ ރިވާޔަތެވެ. (عَن أُسَامَة بِن زَيد أَنّ رسُول صَلَّى اللَّه عَلَيْه وسَلّم كَان عَهد إليه فقال :أغرعلى أُبنى صباحاً وحرِّق)رواه أبوداود وابن ماجةމާނައަކީ: "އުސާމާ ބުނު ޒައިދުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންނާ ޢަހްދުވެފާ އޮތުމާއެކު އަމުރު ކުރެއްވީ ހެދުނުގެ ވަގުތުގައި އުބުނާއަށް ޙަމަލާދީ އެރަށް ރޯކޮށްލުމަށެވެ." އެހެންވީމާ ޙަމަލާދިނުމަށް ފެށިގެންދިއުމުގެކުރިން ޙަމަލާއަށް ގޮވުމެއްނެތި ހަނގުރާމަ އިޢުލާނު ވެގެން ނުދާނެއެވެ. ޢަދުއްވުންނަށް އިސްލާމްދީނަށް ގޮވާލާ އެދީނުގެ ދަޢުވަތު ފޯރުކޮށްދިނުމާއެކު އިސްލާމުން މިފަދަ ހަނގުރާމައެއް ކުރަންޖެހުމުގެ މަޤްޞަދު ޢަމަލީގޮތުން ނުވަތަ ޙުކުމީ ގޮތުން ބަޔާންކޮށްދިނުމަކީ ވާޖީބު އަދި ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި ޑރ. ވަހްބާ އައްޒުޙައިލީ ބަޔާން ކުރައްވައެވެ. އެހެނީ އެއްވެސް ޝައްކެއްނެތް ގޮތުގައި އިސްލާމްދީން ފެށުނުތާ ކުރީކޮޅުގެ މުސްލިމުން ބަޔަކާ ހަނގުރާމަ ކުރަން ފެށުމުގެ ކުރިން އެބަޔަކަށް އިސްލާމްދީނަށް ދަޢުވަތުދީ ދީނަށް ގޮވާލުމާއެކު މުސްލިމުން ހަނގުރާމަ ކުރަންބޭނުންވާ މަޤްޞަދު ހާމަކުރެއެވެ. މިގޮތަށް ދީނަށް ދަޢުވަތު ދިނުން ހާމަވަނީ ހަނގުރާމަ ފެށުމުގެ ކުރިން އިންޒާރު ދެވުނު ދެވުމެއް ކަމުގައެވެ. އޭގެ ފަހުން ހަނގުރާމަ ފެށޭނީއެވެ. ނުވަތަ ކުއްލި ކަމެއްގެ ގޮތުގައި ނޭގިތިއްބާ ޙަމަލާދީ ހަދާނީއެވެ. މިކަންކަން ބިނާވާނީ އެހަނގުރާމައެއްގެ ބޭނުމާއި ޙާލަތާއި ވަގުތުގެ ގޮތުން ސިއްރު ކުރަންވީ ކަންކަމުގެ މައްޗަށެވެ. އަޅާކިޔުންއެއްވެސް އޮޅުމެއްނެތި ދޭހަވާ ގޮތުގައި މިޒަމާނުގައި ދެދައުލަތެއްގެ ދެމެދުގައި ހަނގުރާމަ ފެށިގެންދާނީ އަންނަނިވި ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެގެންނެވެ. 1- ހަނގުރާމަ އިޢުލާނު ކުރުން : 1907ގެ ލާހައި ކޮންފަރެންސްގައި ނެރެވުނު ޤަރާރުގައި ބަޔާން ކޮށްފައިވާގޮތުން އޭގައި ހިމެނޭ ހަނގުރާމަ ފެށުމަށް ޚާއްޞަ އެއްބަސްވުން ކަމުގައިވާ ތިންވަނަ އެއްބަސްވުމުގައި ދެފަރާތެއްގެ ދެމެދުގައި ހަނގުރާމަ ކުރަން ފެށުމުގެ ކުރިން އެދެޤައުމު ނުވަތަ ފަރާތުގެ ދެމެދުގައި ހަނގުރާމަ އިޢުލާނު ކުރަންޖެހޭނެއެވެ. 2- ހަނގުރާމަ އިޢުލާނުކުރިކަން އެނގުން ނުވަތަ ފަހުގެ އިންޒާރެއް އޮތުން : 1907ގެ ލާހައި ކޮންފަރެންސްގައި ނެރެވުނު ޤަރާރުގައި ބަޔާން ކޮށްފައިވާގޮތުން ހަނގުރާމަ އިޢުލާނު ކުރުމާއެކު ކުއްލިއަކަށް ޙަމަލާދިނުން މަނާކޮށްފައެއް ނުވެއެވެ. އެއީ ހަނގުރާމަ އިޢުލާނުކުރާތާ އެއްމިނިޓުގެ ތެރޭގައި ޙަމަލާ ދިންނަމަވެހެވެ. މިސާލަކަށް ދެވަނަ ބޮޑުހަނގުރާމައިގައި ޖަރުމަނުން އެބައިމީހުން ޙަމަލާދިން ހުރިހާ ޤައުމަކަށް ޙަމަލާދީފައިވަނީ ހަނގުރާމަ އިޢުލާނުކުރިތާ މިނިޓެއްގެ ތެރޭގައެވެ. ހަމަ މިފަދައިން ޕެސެފިކް އޯޝަންގެ ތެރޭގައި އޮތް އެމެރިކާގެ ފްލީޓުތަކަށް ޙަމަލާ ދިނުމުގައި ޖަޕާނުމީހުން ޢަމަލުކޮށްފައިވަނީވެސް މިގޮތަށެވެ. 3- އެއްވެސް އެހެންކަމެއްނެތި ވަގުތުން ހަނގުރާމަ ފެށުން: މިއީ ބައިނަލްއަޤްވާމީ އުޞޫލުން ފެތުރިފައިވާ އާދަކާދަތަކުން ހާމަވާ ގޮތެވެ. އަދި ޤާނޫނު ޝަރަޙަކޮށް މާނަކުރާ ގިނަފަރާތްތަކުން މާނަ ކުރާ އުޞޫލުގައިވަނީ ހަނގުރާމައިގެ ޤާނޫނެއް އެބައޮތްކަމާއި އެއީ އިޢުލާނު ނުކުރިޔަސް އެނގޭ ޤާނޫނެއްކަމުގައެވެ. އެއީ 1907ގެ ލާހައި ކޮންފަރެންސްގެ ކުރިންވެސް ހަނގުރާމަ އިޢުލާނު ކުރުމެއްނެތި އެތައްއެތައް ޙަމަލާއެއް ދެވިފައިވާތީއެވެ. އެކަމަކު އެއްބަސްވުމުގައި ހަމަވަގުތުން ހަނގުރާމަ ފެށުމަކަށް ބާރެއް އަޅާފައެއް ނެތެވެ. އެހެންނަމަވެސް ހަނގުރާމައެއް ފެށުމަށް ބޭނުންވާ ޢަޒުމާއި ކަންކަން ދެފަރާތުގައި ކުރެވެމުންދާނަމަ އެއޮތީ ހަނގުރާމަ ފެށިފައެވެ. ލާހައި އެއްބަސްވުމުގައި އެބުނާ ހަނގުރާމަ އިޢުލާނުކުރުމުގެ ޤަވާޢިދުގެ ސަބަބުން މިޒަމާނުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވެއެވެ. އެގޮތުން ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައާއި ދެމެދުގައި ހިނގާފައިވާ ގިނަ ހަނގުރާމަތަކުގައި މިއުޞޫލަށް އިޙްތިރާމު ކޮށްފައެއް ނުވެއެވެ. އެހެންވުމުގެ ސަބަބުން މިއުޞޫލު ބަލިކަށިވެ ކަމީނާވެފައިވާ މިންވަރުން އަންގައިދެނީ ހަނގުރާމައާއި ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކުގެ ތެރޭގައި މިހާރު މީގެ އެއްވެސް އަސަރެއް ނެތްކަމުގައެވެ. މިޒަމާނުގެ ހަނގުރާމަތަކުގެ ޚާއްޞަކޮށް އެޓަމިކު ހަތިޔާރުން ކުރާ އެކިއެކި ހަނގުރާމަތަކުގެ ކާމިޔާބު އެކަމެއްގެ މައްޗަށް އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ މަކަރުން ސިއްރުން ކުއްލި ގޮތަކަށް ދެވޭ ޙަމަލާތަކާއެވެ. މިފަދަ ޙާލަތްތަކުގައި އެފަދަ ހަނގުރާމަތައް ހިންގަވަން ތިއްބެވި މިލިޓަރީ ކޮމާންޑަރުންނަށް ޤާނޫނުތަކާއި ޤަވާޢިދުތަކަކީ ނުވަތަ އިންސާނިއްޔަތުކަމަކީ އެއްވެސް އަގެއް ވަޒަނެއް ބުރަދަނެއް ހުރި ކަމެއްކަމުގައި ނުބެލެވެއެވެ. މިޒަމާނުގެ ޤައުމުތަކުން ހަނގުރާމަ އިޢުލާނު ކުރުން އެއީ ލާޒިމު ކަމެއްކަމުގައި ނުދެކޭފަދައިން މެދުޒަމާނުގައި ނުވަތަ ޑާކުއޭޖުގައި ޔޫރަޕުގެ ޤައުމުތަކުންވެސް މިޤާނޫނަށް އިޢުތިރާފުވެފައެއް ނުވެއެވެ. އަދި 1907ގެ ލާހައި އެއްބަސްވުމުގެ ކުރީގެ ތާރީޚް ތަކުގައިވެސް މިޤައުމުތަކުން މިޤާނޫނަށް އިޢުތިރާފު ވެފައެއް ނުވެއެވެ. އެކަމަކު މުޅި އިސްލާމީ ތާރީޚަށް ބަލާއިރު ފެންނަމުންދާނީ ނުވަތަ އިސްލާމީ ތާރީޚުން ސާބިތުވަނީ އެބައިމީހުން ބަޔަކާ ޙަމަލާ ދިނުމުގެ ކުރިން އިންޒާރުދީ އެކަމުގެ ޙުއްޖަތާއި ބުރުހާނު ހޯދާ ކަމުގައެވެ. އަދި ޢަދުއްވުންނަށް ތިންކަމުންކުރެ ކަމެއް ކަނޑައެޅުމަށް ފުރުޞަތު ދޭ ކަމުގައެވެ. އެއީ އިސްލާމްވުމާއި ޖިޒްޔަ ދެއްކުމާއި ހަނގުރާމަ ކުރުމެވެ. އިސްލާމުންގެ ލަޝްކަރެއްގެ ކޮމާންޑަރަކު ހަނގުރާމަ ފެށީ އިންޒާރު ދިނުމެއްނެތި ކަމުގައި ވަނީނަމަ އެޙާލަތު އެހަނގުރާމައިގައި މަރުވާމީހުންގެ ދިޔަދިނުމަށް އޭނާ ޖާމިނުވުން ލާޒިމުވާނެއެވެ. މިއިން އަޅުގަނޑުމެންނަށް އަންގައިދެނީ އިސްލާމްދީންވަނީ މިޒަމާނުގެ ބައިނަލްއަޤްވާމީ ޤާނޫނުގެ ކުރިން އެޤާނޫނު އެބުނާ ހަނގުރާމަ އިޢުލާނުކުރުމުގެ އުޞޫލު ތަޢާރަފުކޮށްފައި ކަމެވެ. ބްރައުން މިޝޭލް ޑިޓޮޕް ވިދާޅުވާ ގޮތުގައި މިޒަމާނުގެ ހަނގުރާމަ އިޢުލާނު ކުރުމުގެ ޤަވާޢިދު ނުވަތަ ޤާނޫނު ތިމަންމެނަށް އެގުނީ ބައިނަލްއަޤްވާމީ ޤާނޫނެއްގެ ގޮތުން 1907 ވަނަ އަހަރު ލާހައިގެ ކޮންފަރެންސްގެ އެއްބަސްވުމުގައި އެކަން އައުމުންނެވެ. މިއީ ހަނގުރާމައިގެ އުޞޫލުތަކުން އުޞޫލެކެވެ. އެހެންނަމަވެސް އެކަމަކީ ޔޫރަޕްގެ ޑާކު އޭޖުގައި ނުވަތަ އަދިރި ޒަމާނުގައި (މެދުޒަމާނުގައި) އެބައިމީހުން ދަންނަ ކަމެއްނޫނެވެ. އެހެންނަމަވެސް އެރުވެސް އިސްލާމީ ދުނިޔޭގައި އޭގެ އުޞޫލުތައް މޫލާފައި އޮތްކަމުގައެވެ. އަދި ބްރައުން ވިދާޅުވަނީ ތިމަން އަލްމާވަރުދީގެ ލިއުއްވުންތަކުން މިޒަމާނުގެ ހަނގުރާމަ އިޢުލާނު ކުރުމުގެ އުޞޫލުތައް ދެކެވަޑައިގަތް ކަމުގައެވެ. މުސްލިމުން އިސްލާމީ ފުތޫޙާތުގައި ހަނގުރާމަ ފެށުމުގެ ކުރިން އިޢުލާނުކުރި އުޞޫލުތައް ދެނެގަންނަން ބޭނުން ކަމަށްވާނަމަ އިސްލާމީ ތާރީޚްގައި ހިނގާފައިވާ ޞަފްޙާތައް ކިޔައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ހަނގުރާމަތަކާއި އަދި އިސްލާމީ ޚަލީފާއިން ކުރައްވާފައިވާ ހަނގުރާމަތައް ކުރައްވާފައިވާ އުޞޫލުތައް ކިޔާލުމުން އެކަން ވަރަށްރަގަޅަށް ހާމަވާނެއެވެ. ޚާލިދު ބުނު ވަލީދަށް ބަލާލައިފިނަމަ އެކަލޭގެފާނު އެއްވެސް ބަޔަކާ ހަނގުރާމަ ފެށުމުގެ ކުރިން އިސްވެ ދިޔަ ތިންކަމަށް ގޮވާލައްވައެވެ. އަދި ހަމަ އެހެންމެ ޢަމްރޫ ބުނުލްޢާޞް މިޞްރު ފަތަޙަ ކުރެއްވުމުގައި އުޅުއްވި އިރު ކުރިން ދެންނެވި ތިންކަންތަކަށް ރޫމީންގެ ކޮމާންޑަރުންނަށް ގޮވާލެއްވިއެވެ. އަދި ހަމަ އެހެންމެ ސަޢުދު ބުނު އަބީވައްޤާޞް ޤާދިސިއްޔާ ފަތަޙަ ކުރެއްވުމަށް ވަޑައިގެންފައި ފާރިސީންގެ ކޮމާންޑަރު ރުސްތުމުގެ އަރިއަހަށް ރުބްޢީ ބުނު ޢާމިރު ފޮނުއްވިއެވެ. ފަހެ އެކަލޭގެފާނާއި ދިމާއަށް ރުސްތުމް ވިދާޅުވިއެވެ. ކަލޭމެން މިތަނަށް ހަނގުރާމައަށް ތިޔައައީ ކީއްވެހެއްޔެވެ؟ ރުބުޢީ ވިދާޅުވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަން ބޭކަލުން މިތަނަށް ފޮނުއްވީ މީސްތަކުން ﷲ ޚަލްޤު ކުރެއްވި އަޅުންނަށް އަޅުކަން ކުރުމުން އެއްކައުވަންތަ ﷲ އަށް އަޅުކަން ކުރުމަށް ގޮވާލާ އެކަން ޤާއިމު ކުރުމަށެވެ. އަދި އެހެނިހެން ދީންތަކުންގެ އަނިޔާވެރިކަމުން އިސްލާމްދީނުގެ ޢަދުލުވެރިކަމަށް ގެނައުމަށެވެ. ފަހެ ތިޔަބައިމީހުންގެ ކުރިން އެގޮތް ޤަބޫލުކޮށްފިނަމަ ތިމަންބޭކަލުން އެކަން ޤަބޫލުކޮށް އެބަޔެއް ދޫކޮށް ތިމަންބޭކަލުން ހިގައިދާހުށީމެވެ. ދެން މިހުރިހާ ވާހަކައެއް ދެއްކުމަށްފަހު ތިންދުވަސްފަހުން އިސްލާމްދީނާއި ޖިޒްޔަދެއްކުމާއި ނުވަތަ ހަނގުރާމަ ކުރުމާއި މިތިންކަމުން ކަމެއް ޚިޔާރު ކުރުމަށް ފުރުޞަތުދިނެވެ. އަދި ހަމަ އެހެންމެ ސަލްމާނުލްފާރިސީ މަދާއިނު ފަތަޙަކުރުމަށްޓަކައި ވަޑައިގަތުމަށްފަހު އެބައިމީހުންގެ ގާތަށް އައިސް މިހުށައެޅުން ހުށައެޅުއްވިއެވެ. އެއީ އިސްލާމްދީނަށް ވަނުމާއި މުޢާހަދާކޮށްގެން ޖިޒްޔަ ދިނުމާއި ހަނގުރާމަ ކުރުމާއި މިތިންކަމުންކުރެ ކަމެއް ޚިޔާރު ކުރުމަށެވެ. ޙައްޤުގޮތާއި ޢަދުލުއިންޞާފަށް ރުޖޫޢަވެ ޢާއްމު ޤާނޫނަށް ބޯލެބުމުގެ އެންމެ ރީތި މިސާލަކީ އަލްކާމިލު ފިއްތާރީޚި މިފޮތުގައްޔާއި އަލްބުލާޛަރީގެ ފުތޫޙުލްބުލްދާނުގައި ރިވާވެގެން އައިސްފައިވާ ސަމަރުޤަންދުގެ އަހުލުވެރިންގެ ވާހަކައެވެ. އެވާހަކައަކީ ސަމަރުޤަންދުގެ އަހުލުވެރިން ޢުމަރުބުނު ޢަބްދުލްޢަޒީޒުގެ އަރިހުގައި އެބައިމީހުންނާއި ހަނގުރާމަ ކުރުމުގައި އިންޒާރު ދިނުމެއްނެތި ހަނގުރާމަކޮށް ޤުތައިބާ ބުނު މުސްލިމުލްބާހިލީ އެބައިމީހުން ރަށުންނެރެލި އަނިޔާވެރިކަމުގެ ވާހަކައިން ޝަކުވާ ކުރުމުން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އޭނާގެ ޤާޟީ ސުލައިމާނު ބުނު އަބިއްސިއްރީގެ އަރިހުން އެމައްސަލަ ބަލައި ދިނުމަށް އެދުނެވެ. އެހެންކަމުން ޤާޟީ ސުލައިމާޏު ބުނު އަބިއްސިއްރީ އެމައްސަލަ ބެއްލެވުމަށްފަހު ޙުކުމް ކުރެއްވީ މުސްލިމުން އެރަށުން ނުކުމެ އެބައިމީހުންގެ މަޢަސްކަރަށް އައުމަށާއި އެރަށް އެރަށުގެ އަހުލުވެރިންނާއި ޙަވާލު ކުރުމަށެވެ. މިހެންވުމުން މުޅިން އާވައްތަރެއްގެ ޞުލްޙައެއްކަމުގައ މިކަން ވެގެން ދިޔައެވެ. ދެން މިހާހިސާބުން ސަމަރުޤަންދުގެ އަހުލުވެރިން ބުންޏެވެ. ތިމަންމެން މިހާރު ކުރީގައި އޮތް ޞުލްޙައަށްވެސް ޤަބޫލެވެ. ފަހެ އެއްވެސް ބަޔަކު އެބަޔަކާ ހަނގުރާމަ ކުރަމުންދާ ބަޔަކާ މިފަދަ ގޮތަކަށް މުޢާމަލާ ކުރިކަމަށް މުޅި އިންސާނީ ތާރީޚް ދެކެފައެއް ނުވެއެވެ. އަދި އަމުދުން މިޒަމާނުގެ ތާރީޚް މިހާތަނަށް އިސްލާމްދީނުގެ އަހުލުވެރިންގެ ފަރާތުން ނޫނީ ދެކެފައެއް ނެތެވެ. ސަބަބަކީ އިސްލާމްދީނަކީ ރަޙްމަތުގެ ދީންކަމަށް ވެފައި އެދީނުގެ ސަބަބުން އެދީނުގެ އަހުލުވެރިންގެ ތެރޭގައި ގާތް ގުޅުމެއްއުފެދިގެ މީސްތަކުން ޙައްޤަށް ލޯބިކުރުމާއި ޢަދުލުއިންޞާފަށް ލޯބިކުރުން އާލާވެގެން ދިޔައެވެ. ގަސްދުގައި މުޢާހަދާ ނައްތާލުމުން އެއުވާލިކަން އެންގުންޢަދުއްވުންގެ ފަރާތުން ޣަދަރުވެރިވެ ޞުލްޙައިގެ އެއްބަސްވުން އުވާލައިފިނަމަ ޢަމަލުކުރާނެގޮތުގެ މިސާލު އިސްލާމުން ވަނީ ވަރަށް ކުރިން ދައްކާދީފައެވެ. އެއީ އެފަދަ މުޢާހަދާ އުވާލާ ޢަދުއްވަށް އެކަން އެގޮތަށް އޭނާ އޭނާގެ ރަށުގައި ހުއްޓައި އެންގުމެވެ. އިސްލާމީ ޝަރީޢަތުގައި ޣަދަރުވެރިވުމާއި ޚިޔާނާތްތެރިވުން އެއީ ހުއްދަކަމެއްކަމުގައި ނުވެއެވެ. ޢަދުއްވުގެ ފަރާތުން ޣަދަރާއި ޚިޔާނާތް ފެނުނުނަމަ އެކަމުގައި މުސްލިމުން ދައްކާފައިވާ މިސާލަކީ ނުވަތަ ގެންގުޅެފައިވާ ހަރުދަނާ އުޞޫލަކީ "ޣަދަރުވެރިކަމެއް ޣަދަރުވެރިކަމަކުން ނިންމާލުމަށްވުރެ ޣަދަރުވެރި ވުމެއްނެތި ޢަހްދަށް ވަފާތެރިވުން ހެއުކަން ބޮޑެވެ." މިއުޞޫލަށް ކީރިތި ޤުރްއާނުގައި ވަނީ ވަރަށްބޮޑަށް ބާރު އަޅުއްވާފައެވެ. ފަހެ ﷲ ތަޢާލާ ވަޙީ ބަސްފުޅުގެ މާނައިގައިވެ އެވެ. " ބަޔަކުމީހުންގެކިބައިން ޚިޔާނާތްތެރިކަމެއް އަތުވެދާނެކަމަށް ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކުރައްވާފައިވާ މުޢާހަދާއެއް) އެބަޔަކުގެ މައްޗަށް އަބުރާ ރައްދު ކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތީންނެވެ. ހަމަކަށަވަރުން ޚިޔާނާތްތެރީންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." މިފަ ޙާލަތުގައި މުޢާހަދާ އުވާލިކަން އޭނާއަށް އެންގުމުން ފުދޭނެއެވެ. އޭގެ އިތުރަށް ހަނގުރާމަ އިޢުލާނުކުރާކަށް ނުޖެހެއެވެ. އަލްމާވަރުދީ ވިދާޅުވެފައިވެއެވެ. " އެބައިމީހުންނަށް އާދެ! ޢަދުއްވުންނަށް ޞުލްޙައިގެ މުއްދަތުގެ ނިޔަލަށް އަމާންކަން ލިބެންޖެހެއެވެ. އެގޮތުގައި ޞުލްޙައިގެ މަތީގައި ތިބެއްޖެނަމަ އެބައިމީހުންނާއި ހަނގުރާމަ ކުރާކަށް ނުޖެހެއެވެ. އެބައިމީހުން އެޢަހްދު އުވާލައިފިނަމަ އެހާހިސާބުން ހަނގުރާމަވެރިންނަށް ބަދަލުވެގެން ދާނެއެވެ. އެހެންވީމާ އަލުން އިންޒާރު ދިނުމެއްނެތި ހަނގުރާމަ ކުރެވޭނެއެވެ. މިގޮތުން މައްކާގެ މުޝްރިކުން ޙުދައިބިއްޔާގެ ޞުލްޙަ އުވާލުމުން ރަސޫލުﷲ ޞައްލްﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންނާ ހަނގުރާމަ ކުރެއްވުމަށް ފަތަޙައިގެ އަހަރުގައި ވަޑައިގެން މައްކާ ފަތަޙަ ކުރެއްވިއެވެ. މުޢާހަދާ އުވާލިކަން އެންގުމާ ބެހޭގޮތުން ވާހަކަދައްކާނަމަ ތާރީޚީ ގޮތުން ފެންނަންހުރި ބައެއްކަންކަމަށް ބަލާލަން ޖެހެއެވެ. އެފަދަ އެއްވާހަކައަކީ އަލްބުލާޛަރީ ފުތޫޙުލްބުލްދާނުގައި ބަޔާންކުރައްވާ ވާހަކައެވެ. " ޤުބުރުޞް ނުވަތަ ސައިޕްރަސްގައި ހިގާދިޔަކަމެކެވެ. މިކަމެއް އެތާގައި ހިނގީ ޢަބްދުލްމަލިކު ބުނު ޞާލިޙްގެ ވެރިކަމުގެ ދަށުގައިވާ ވިލާޔަތަކާ ސައިޕްރަސްގެ ސަރަޙައްދީ ރޮގުގައި އުފެދުނު މައްސަލައެއްގައެވެ. އެކަމުގައި އޭނާ ބޭނުންފުޅުވީ ޞުލްޙައުވާލާ ހެދުމަށެވެ. އެއީ ފިޤްހު ޢިލްމުވެރިން އެކަމަށް އެއްބަސްވާނަމައެވެ. ދެން މިވާހަކަ އައްލައިޘް ބުނު ސަޢުދާއި މާލިކު ބުނު އަނަސާއި ސުފުޔާނު ބުނު ޢުޔައިނާއާއި މިފަދަ އެތައްއެތައް ބޭކަލުންނަކަށް ލިޔުއްވިއެވެ. ދެން މިބޭކަލުން ކުރެ ލައިޘް ބުނު ސަޢުދު ދެއްވި ޖަވާބަކީ ތިމަންނައަށް ފެންނަނީ އެކަން އެމީހުންނަށް އެންގުމަށްފަހު ދެން އެފަދަކަމެއް އެމީހުންގެ ފަރާތުން ފެނޭތޯ އަހަރެއްހާ ދުވަހަށް އިންތިޒާރު ކުރުމަށެވެ. އެއާއި ޚިލާފަށް މާލިކު ބުނު އަނަސް ލިޔުއްވަނީ ތިމަންދެކެވަޑައިގަންނަވަނީ އެމީހުންގެ ފަރާތުން ޙުއްޖަތެއް ނުވަތަ އެފަދަ ޢަމަލެއް ފެނިއްޖައުމަށް ދާންދެން ޢަހްދު އުވާލުން އަވަސްނުކުރުމަށާއި އަދި އެކަން އެގޮތަށް އެންގުންވެސް އަވަސްނުކުރުމަށެވެ. ފަހެ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. " ފަހެ ތިޔަބައިމީހުން އެއުރެންގެ މުއްދަތު ހަމަވަންދެން އެއުރެންގެ ޢަހްދު ފުރިހަމަ ކުރާށެވެ! " ފަހެ އެބައިމީހުން އެއަށްފަހުވެސް ރަގަޅަށް ނުއުޅެއްޖެނަމަ އަދި އެމީހުންގެ އެމަކަރުވެރިކަން ބަޔާންކޮށްދިނުމަށްފަހު އެމީހުންގެ ޣަދަރުވެރިކަމާއި ޚިޔާނާތް ސާބިތުވެއްޖެނަމަ އެބައިމީހުންނާ ހަނގުރާމަ ކުރާށެވެ. އެއީ ޢުޒުރުދެއްކުމަށް ފުރުޞަތު ދިނުމަށްފަހުގައެވެ. ފަހެ މިގޮތަށް ކަންތައްކޮށްފިނަމަ ތިޔަބައިމީހުންނަށް ނަޞްރު ލިބިގެންދާނެއެވެ. އަދި އެފަދަ ބަޔަކަށް ހުރިހާ ދެރައަކާއި ހިތާމައެއް އޮންނާނެއެވެ. ޤުބުރުޞް ނުވަތަ ސައިޕްރަސްގެ މިޙާދިޘާއާއި ގުޅިގެން ޔަޙްޔާ ބުނު ޙަމްޒާ ލިޔުއްވާފައި ވެއެވެ. މިއަމުރަކީ ޢަރަބްސޫސްގެ އަމުރުފަދަ އަމުރެއްކަމުގައެވެ. އެއީ އޭގައި އަހަރެމެން ބަލަންޖެހޭފަދަ ނަމޫނާއެއް ވެއެވެ. އަދި ތަބާވާންޖެހޭ ގޮތެއް އެބައޮތެވެ. އެފަދަ އެއްކަމަކީ ޢުމައިރު ބުނު ސަޢުދު ޢުމަރުބުނުލްޚައްޠާބުގެ އަރިހަށް ކުރި ޒިޔާރަތެއްގައި ވިދާޅުވިއެވެ. ތިމަންމެނާއި ރޫމީންނާއި ދެމެދުގައި ޢަރަބްސޫސްއޭ ކިޔޭ ރަށެއް އޮވެއެވެ. އެބައިމީހުންގެ ތިމަންމެން ގެ ޢަދުއްވުންނަށް އެބައިމީހުން ތިމަންމެނާ ބެހޭ ޚަބަރުތައް ދީ ހަދައެވެ. އެކަމަކު ޢަދާވާތްތެރިންގެ ވާހަކަތައް ތިމަންމެނަށް ދިމާވެފައި އޮވެއެވެ. ފަހެ މިހިދު ޢުމަރުގެފާނު ވިދާޅުވިއެވެ. ފަހެ ކަލޭގެފާނު އެބައިމީހުންގެ އަރިއަހަށް ވަޑައިގަތުމާއެކު ކޮންމެ ބަކަރިއަކަށް ދެބަކަރި ދޭވާހަކައާއި ގެރިއަކަށް ދެގެރިދޭނެ ވާހަކަ ވިދާޅުވާށެވެ. އެގޮތަށް ރުހޭކަމަށްވާނަމަ އެގޮތަށް ކަންތައް ކުރާށެވެ. ދެން މުއްދަތެއް ދީފައި އެރަށް ޚަރާބު ކުރައްވާ ހަލާކު ކުރައްވާށެވެ. ނޫންނަމަ އެބައިމީހުން މިގޮތާވެސް ދެކޮޅުނަމަ އެބައިމީހުންނަށް މުޢާހަދާ އުވާލިކަން އަންގާ އެއްއަހަރު ދުވަހަށް ހަނގުރާމަ ފަސްކުރާށެވެ! އަދި އެއަށްފަހު އެރަށް ވީރާނާ ކޮށްލާށެވެ! އޭގެމާނައަކީ ހަނގުރާމަ ކުރާށެވެ! (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|