މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ތަޤުލީދުކުރުން |
|
|
| ދީން - ފިޤުހު | |||
| 03 މެއި 2009، 00:15 އާދީއްތަ | |||
|
ޝިފްޒާން އަޙްމަދު ޒަމާނުއްސުރެ ޢިލްމުވެރިންގެ މެދުގައި އިޚުތިލާފު ހުރި މައްސަލަތަކެއް އެބަހުއްޓެވެ. އެފަދަ އެއްމައްސަލައަކީ ތަޤުލީދުގެ މައްސަލައެވެ. މިމައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ މީހުން މިއަދުވެސް ބަޙުސްކޮށް ދިރާސާކޮށްއުޅޭ މައްސަލައަކެވެ. މިސަބަބަށްޓަކައި މިމަޢުޟޫއަށް ނަޒަރު ހިންގުން މުހިއްމުކަމަށް ފެންނާތީ މިމަޒުމޫނުގައި ބަލައިލާނީމިމަޢުޟުއަށެވެ. ޢިލްމުވެރިންގެ ވާހަކަފުޅުތަކުގެ އަލީގައި މިމަޢުޟޫއަށް އިންސާފުކުރާނަމެވެ.ތަޤުލީދުކުރުމަކީ ކޮބާ؟ ތަޤުލީދު ކުރުމުގެ މާނަ ބަލައިލަން އެބަޖެހެއެވެ. އަދި ތަޤުލީދު ކުރުމުގެ ސަބަބުތައްވެސް ދެނެގަންނަން އެބަޖެހެއެވެ. ތަޤުލީދުކުރުމުގެ މާނައެއްކަމަށް ޢިލްމުވެރިން ވިދާޅުވަނީކޮން މާނަތަކެއްތޯއެވެ؟ ބަހުގައި ތަޤްލީދުގެ މާނަ: ޢަރަބިބަހުގައި ތަޤްލީދުގެ މާނައަކީ ކޮބައިތޯއެވެ. ތަޤްލީދަކީ ޤަލަދަ މިލަފްޡުގެ މަޞްދަރެވެ. އަދި ޤަލަދުގެ މާނައަކީ މީހެއްގެ ކަދުރާ ބާރަށް އެއްޗަކުން އެއްސުމެވެ. އަދި އޭގައި މުޅިކަނދުރާ ޝާމިލްކޮށްލައެވެ. روضة الناظر لإبتن قدامة 2\449 ގެރިބަކަރި(الماعز)ފަދަތަކެތީގެ ކަނދުރާގައި ވަރުގަދަ ވަލަކުން އެއްސުމެވެ. އެއީ މީސްތަކުންނަށް އެގެރި ނުވަތަ ބަކަރިއަކީ ހަދުޔައެއްކަން އެންގުމަށެވެ.لسان العرب مادة القلد ތަޤްލީދުގެ އިޞްޠިލާޙީ މާނަ: ތަޤްލީދުގެ މާނަ ބަޔާންކުރައްވަމުން الشيخ صالح الكرباسي ވިދާޅުވަނީ، ތަޤުލީދުކުރުމުގެ ދީނީ މުޞްޠަލަޙުގެ މާނައަކީ ޚާއްޞަކަމެއްނެތި ދީނުގެ ކަމެއްގައި ވަކިމީހަކު ދެކޭގޮތެއް ޤަބޫލުކުރުމެވެ. އަދި އޭނާ އެފަދައިން ކަންކުރާނީ ތަޤްލީދުކުރެވޭ ފަރާތް ޙުކުމްކަޑައެޅުމަށް ބޭނުންކުރި ހެކިތަކާއި ދަލީލްތަކަށް ރިޢާޔަތްކުރުމަކާނުލައެވެ. ތަޤްލީދޭ ކިޔުނީ ތަޤްލީދުކުރާމީހާ އޭނާ ތަބާވާ މީހާގެ ރައުޔަ ކަރުގައި އަޅުވާފަށެއް (قلادة) ފަދައިން ހަދާތީއެވެ.http://www.islam4u.com/almojib_show.php?rid=503 الشيخ العارف بالله محمد امين الكردي الإربلي الشافعي النقشبندي ތަޤްލީދުކުރުމުގެ މާނަކަމަށް އޭނާ ލިޔުއްވި ރިސާލާއެއްކަމަށްވާ حكم التقليد و شروطه ގައި ލިޔުއްވައިފައިވެއެވެ. "ތަޤްލީދުކުރުމަކީ އެއްވެސް ދަލީލެއްނެތި ދީނީ ޙުކުމްތައް އިސްތިންބާޠުކުރައްވާ ޢިލްމުވެރިންގެ ރައުޔައަށް ތަބާވުމެވެ. އަދި ތަޤްލީދުކުރުން ކަން ދިމާވާގޮތަކުން، އިޖްތިހާދުކުރުމުގެ ބާރު ލިބިފައިނުވާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެދާނެއެވެ. އަދި ޔަޤީނުންވެސް ތަޤުލީދުކުރުމަކީ މުޖުތަހިދެއްގެ މައްޗަށް އޮތްކަމެއް ނޫނެވެ." حكم التقليد و شروطه ص 1 އަދިވެސް ތަޤްލީދުކުރުމުގެ މާނައެއްގެ ގޮތުން ޢިލްމުވެރިން ބަޔާންކުރައްވައިފައިވެއެވެ. " އެއީ އަނެކާގެ ބުނުން ޙުއްޖަތެއް ހޯދުމަކާނުލައި ޤަބޫލުކުރުމެވެ. އެއީ ޢާއްމު މީހާ މުޖުތަހިދާގެ ބުނުން ޤަބޫލުކުރާ ފަދައިންނެވެ. އަދި ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ނަބިއްޔާއަށް ރުޖޫޢަވުމަކީ ތަޤުލީދުކުރުމެއްނޫނެވެ. އަދި އިޖުމާޢަށް ރުޖޫޢަވުމަކީވެސް ތަޤުލީދުގެ މާނައިން ބޭރުގައިވާ ކަމެކެވެ. އެއީ އެދެކަމަށް ރުޖޫޢަވުމަކީ އެކަމުގެ ޛާތުގައި ޙުއްޖަތެއްކަމުގައިވާ ކަމަކަށް ރުޖޫޢަވުންކަމުގައިވާތީއެވެ." شرح مسلم الثبوت 2\400 ތަޤުލީދުކުރުމުގެ ޙުކުމް: ދީނުގެ ބައެއް ޢިލްމުވެރިންގެ އަރިހުގައި ތަޤްލީދު ކުރުމުގެ އަހުލުވެރިންނަކީ ފިޤްހު ޢިލްމުވެރިންގެ ޖަމާޢަތެއްނޫނެވެ. ހަމަގައިމުވެސް ތަޤްލީދުކުރާ މީހާ ފަޤީހެއްކަމުގައި ނުވާނެއެވެ. އަދި ފަޤީހަށްވަނީ ރަސޫލާގެ ކަލާމްފުޅުގައި މަދަޙައާއި ޘަނާ ޙައްޤުވެފައެވެ. އެހެނަސް ތަޤްލީދަށް ލިބިފައިވަނީ މަލާމާތެވެ. އެހެނީ ތަޤްލީދުކުރުމަކީ ޙަޤީޤަތުގައި ފަރުވާކުޑަވުމެކެވެ. شرح مسلم الثبوت 1\10 ޢަޤީދާގެ މައްސަލަތަކުގައި ތަޤްލީދުކުރުމުގެ ޙުކުމް ޢަޤީދާގެ މައްސަލަތަކުގައި ތަޤްލީދުކުރުން ހުއްދަ ނުވާނެކަމަށް ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން އެއްބަސްވެލައްވައެވެ. ﷲގެ ޞިފަތައް، އަދި އެކަލާނގެ ވިޙް ދާނިއްޔަތު، އެކަލާނގެއަށް އަޅުކަން ޙައްޤުވުން ފަދަ ކަންކަމުގައި ތަޤްލީދުކުރުން ހުއްދަ ނުވާނެކަމަށް އެބޭކަލުން ދެކިލައްވައެވެ. މިފަދަ ކަންކަމުގައި ދަލީލު ހޯދައި އެއާއި މެދު ރަނގަޅަށް ވިސްނައި ފިކުރުކުރަން ޖެހޭނެ ކަމަށް އެބޭފުޅުން ދެކިލައްވައެވެ. އަދި އެބޭފުޅުންގެ ދަލީލުތަކުގެ ތެރޭގައި އެފަދަ ތަޤްލީދުކުރުމަށް މަލާމަތުގެ ބަހުގެ ގޮތުގައި ޤުރުއާނުގައި އައިސްފައިވާ އާޔަތްތައް ހިމެނެއެވެ.މިފަދަ އާޔަތްތަކުގެ ތެރޭގައި އަންނަނިވި އާޔަތް ހިމެނެއެވެ. بَلْ قَالُوا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّهْتَدُونَ الزخرف: ٢٢ މާނައީ: "އަދި އެބައިމީހުން ބުންޏެވެ. ތިމަންމެންގެ ކާބަފައިން ގޮތެއްގެމަތީގައި ވަނިކޮށް ތިމަންމެނަށް ފެނުނެވެ. އަދި ހަމަކަށަވަރުން ތިމަންމެން ވަނީ އެބައިމީންގެ މަގުން ތެދުމަގު ލިބޭ ބައެއްކަމުގައެވެ إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الأَلْبَابِ آل عمران: ١٩٠ މާނައީ: ހަމަކަށަވަރުން ރޭދުވާތަފާތުވުމާއި ބިމާއި އުޑުތައް ހެއްދެވުމުގައި ހެޔޮވިސްނޭ ބުއްދިވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. މިއާޔަތް ބާވައިލެއްވުނު ހިދު ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "لقد نزلت علي الليلة اية ويل لمن قرأها و لم يتفكر فيها" رواه إبن حبان މާނަ: "މިރޭ އާޔަތެއް ބާވައިލެއްވިއްޖެއެވެ. އެއާޔަތް ވިސްނުމަކާނުލާ ކިޔައިފި މީހާއަށް ހަލާކުހުއްޓެވެ." މިޙަދީޘުން މިފަދަ ޙަދީޘްތަކުން ޢަޤީދާގެ މައްސަލަތަކުގައި ތަޤްލީދުކުރުން ރަނގަޅު ނޫންކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެއީ ތަޤްލީދު ކުރާމީހާއަށް އޭނާ ތަޤުލީދުކުރާމައްސަލައިގައި ކުށް ކުރެވުން އެކަށީގެންވާތީއެވެ. އަދި އޭނާ ތަބާވާމީހާ (ތަޤްލީދުކުރެވޭ ފަރާތް) ދޮގު ވެރިއަކަށްވުން އެކަށީގެންވާތީއެވެ. އަދި ހަމައެކަނި ނަފްސުގެ ހިތްހަމަޖެހުން އެފަދަ މައްސަލަތަކުގައި ތަޤްލީދުކުރުމުގެ ޙުއްޖަތަކަށް ނުފުދެއެދެވެ. އެހެނީ އެފަދަ ތަޤްލީދުކުރުމާއި ޔަހޫދީންނާއި ނަޞާރާއިންގެ ތަޤްލީދުކުރުމާއި އެއްވެސް ފަރަޤެއް ނެތެވެ. އެހެނީ އެބައިމީހުންގެ ހިތްތައްވެސް ކާބަަފައިން އުޅުނުގޮތުގެ މައްޗަށް ރުހުނެވެ. އެހެނަސް ﷲ އެތަޤްލީދުކުރުމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް މަލާމާތުގެ ބަސް ބާވައިލެއްވިއެވެ. الموسوعية الفقهية {وزارة الأوقاف و الشئون الإسلامية} الكويت އަދި ބައެއްޢިލްމުވެރިންގެ އަރިހުގައި ޢަޤީދާގެ މައްސަލަތަކުގައި ތަޤުލީދުކުރުން ހުއްދައެވެ. އަދި އެކަންތައް (ހުއްދަކުރުން) ظاهرية އަށް ނިސްބަތްކުރެތެވެ. كشاف الإقناع 6/306 ފަރުޢީ މައްސަލަތަކުގައި ތަޤްލީދުކުރުމުގެ ޙުކުމް: ފަރުޢީ މައްސަލަތަކުގައި އަދި އިޚްތިލާފުހުރި ކަންތައްތަކުގައި ތަޤްލީދުކުރުމުގެ ޙުކުމާއިމެދު ޢިލްމުވެރިން މެދުގައި ޚިޔާލުތަފާތުވުން އެބަހުއްޓެވެ. މިމައްސަލައިގައި ދެގޮތަކަށް ޢިލްމުވެރިން ވާހަކަދައްކަވައެވެ. 1- ފުރަތަމަ ގޮތަަކީ އުޞޫލުލް ފިޤްހުގެ ގިނަ ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތެވެ.އެއީ ތަޤްލީދުކުރުން ހުއްދަވުމެވެ. كشاف القناع 6\306 އެބޭފުޅުން ވިދާޅުވާގޮތުގައި ޢިލްމުވެރިއާއަށް އެފަދަ މައްސަލަތަކުގައި ދިމާވާނީ މައިގަނޑުގޮތެއްގައި ދެގޮތެކެވެ. ރަނގަޅުވުން ނުވަތަ ކުށްކުރެވުމެވެ. މިއިން ކޮންމެ ގޮތަކަށް މުޖުތަހިދަށް ކަންކުރެވުނަސް ޘަވާބު ލިބޭނެއެވެ. އެހެންކަމުން ތަޤްލީދުކުރުން ހުއްދަވާނެއެވެ. އަދި ކިއެއްހެއްޔެވެ. އާދައިގެ ޢާއްމު މީހާގެ މައްޗަށް ތަޤްލީދުކުރުން ވާޖިބުވާނެއެވެ. އެހެނީ ޢާއްމު މީހާއަކީ ދީނީ ކަންތައްތަކުގައި މުކައްލިފު މީހެކެވެ. އަދި ބައެއްފަހަރު ބައެއްދީނީ މައްސަލަތަކުގެ ދަލީލުތަކުގައި އޮޅުން ބޮޅުން ހުރުން އެކަށީގެންވެއެވެ. އަދި އެފަދަ ދަލީލްތަކާ މެދު ވިސްނައި އިޖްތިހާދުކުރަންޖެހެއެވެ. އަދި ޢާންމުންނަށް އިޖުތިހާދުކުރުމުގެ މަސައްކަތްކުރަން ޖެއްސުމުން ދިރިއުޅުމުގެ ކަންތައްތައް ޚަރާބުވެ، ނަސްލުކުރިއަށް ގެންދިއުން ދަތިވެދާނެއެވެ. އަދި ޞަޙާބީންކުރެ އެއްބައިބޭކަލުން އަނެއްބައި ބޭކަލުންނަށް ފަތުވާދެއްވައެވެ. އަދި އެހެނިހެން މީސްތަކުންނަށް އެބޭކަލުން އުގަންނަވައިދެއްވާ ފަތުވާ ދެއްވައެވެ. އަދި އެންމެން އިޖްތިހާދުކުރެވޭ ފެންވަރަށް އައުމަށް އެބޭކަލުން އަމުރެއްނުކުރައްވައެވެ. އަދި ﷲ ތަޢާލާވަނީ އެކަލާނގެ ފޮތުގައި ކަންކަން ނޭނގޭނަމަ ޢިލްމުވެރިން ކުރެން ސުވާލްކުރުމަށް އަމުރުކުރައްވާފައެވެ. ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﭽ ﭚ ﭛ ﭜ ﭝ ﭞ ﭟ ﭠ ﭡ ﭼ النحل: ٤٣މާނައީ "އަދި ތިޔަބައިމީހުންނަށް ނޭނގޭކަމުގައިވާނަމަ ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ." الموسوعية الفقهية {وزارة الأوقاف و الشئون الإسلامية} الكويت 2- ދެވަނަ ގޮތަކީ إبن عبد البر, إبن القيم, إبن تيمية , الشوكاني އަދި މިނޫންވެސް އެތައް ޢިލްމުވެރިންނެއްގެ ރައުޔައެވެ. އެއީ ތަޤްލީދުކުރުން ހުއްދަ ނުވާނޭކަމަށް ވިދާޅުވާ ބަސްފުޅެވެ. އަދި އެބޭފުޅުން ދަލީލުދައްކަވަނީ ﷲތަޢާލާ ތަޤްލީދުކުރުމުގެ މައްޗަށް މަލާމާތުގެ ބަސްބާވައިލައްވައިފާވުމެވެ. އެގޮތުން އެބޭފުޅުން ދައްކަވާ އެއްއާޔަތަކީ އަންނަނިވި އާޔަތެވެ. اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ (31)التوبة މާނައަކީ: "އަދި އެބައިމީހުން މާތަﷲ ފިޔަވައި އިލާހުންތަކެއްކަމުގައި އެބައިމީހުން ރާހިބުންނާއި ޙިބުރުން ހަދައިފިއެވެ." އަދި މިފަދަ އެތައް އާޔަތެއް ޤުރުއާނުގައި ވާރިދުވެފައިވެއެވެ. އަދި ޢިލްމުވެރިންވެސް ވަނީ އެބޭކަލުންނާ ތަޤްލީދު ނުކުރުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އިމާމް އަބޫ ޙަނީފާއާއި އިމާމް އަބޫޔޫސުފުގެ ބަސްފުޅު ފާހަގަކުރެވެއެވެ. އެދެބޭފުޅުން ވިދާޅުވެފައިވެއެވެ." ތިމަންބޭކަލުން ބަހަކަށް ދަލީލު ހޯދީ ކޮންތާކުންކަން ނޭނގި، އެކަކައްވެސް ތިމަންބޭކަލުންގެ ބަހަކަށް ތަބާވުން ހުއްދައެއްނުވާނެއެވެ." الموسوعية الفقهية {وزارة الأوقاف و الشئون الإسلامية} الكويت އަދި އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ." ތިޔަބައިމީހުން ތިމަންކަލޭގެފާނާ ތަޤްލީދު ނުކުރާށެވެ. އަދި އިމާމް މާލިކު ނުވަތަ އިމާމް ޘައުރީ ނުވަތަ އިމާމް އަވްޒާޢީއަށް ތަޤްލީދު ނުކުރާށެވެ. އަދި އެބޭކަލުން ޢިލްމު ހޯއްދެވި ތަނުން ހޯދާށެވެ. ލިބިގެންނެވި ގޮތަށް ލިބިގަންނަވާށެވެ." އަދި އިބްނު ޤައްޔިމްގެ ބައެއް ބުނުންތަކުގައިވާގޮތުން ތަޤްލީދުކުރުމުގެ ތެރއިން ހުއްދަ ނުވަނީ ވަކިވައްތަރެކެވެ. އެވައްތަރަކީ ވަކި މީހަކަށް ތަޢައްޞުބީ ގޮތެއްގައި ތަޤްލީދު ކުރުމެވެ.ނައްޞު އެގުމެއްނެތި ތަޤްލީދުކުރުމެވެ. އަދި ޝަރުޢީ ދަލީލާއި އެއްހަމައެއްގައި ތަޤްލީދުކުރެވޭ ޢިލްމުވެރިއާގެ ބަސް ބޭއްވުމެވެ. إعلام الموقعين 4\21 ރަނަގަޅު ރައުޔަ: ފުރަތަމަ ރައުޔަކީ އެންމެ ރަނގަޅު ރައުޔައެވެ. އެހެނީ ތަޤުލީދުކުރުން ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަމުގައި ހަދައިފިނަމަ އެކަންވެގެންދާނީ ވަރަށްބޮޑު ދަތިކަމެއްކަމުގައެވެ. އެހެނީ އިޖުތިހާދުކުރުމަކީ އަންނަނިވި ބައިގައި އެގޭނެ ފަދައިން ކޮންމެ ކޮންމެ މީހަކަށްވާނެކަމެއްނޫނެވެ. އެހެންކަމުން ފުރަތަމަ ރައުޔަކީ އެންމެ އިތުބާރު ރަނަގަޅު ރައުޔައެވެ. ތަޤްލީދުކުރެވޭނީ ކާކާހެއްޔެވެ؟ ޢަދުލުވެރިކަމާއި ޢިލްމުގައި މަޝްހޫރު ކަމުވޮށިގެންވާ ފަރާތެއް ފިޔަވާ އެހެންފަރާތަކާ ތަޤްލީދުކުރުން ހުއްދަ ނުވާނެކަމަށްވެސް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އަދި ޢާންމު މީހާއަށް އެމީހަކީ ޢިލްމުގެ އަހުލުވެރިއެއްކަމަށް ބެލެވޭނަމަ ސުވާލުކުރުން ހުއްދަވާނެއެވެ. އެއީ އޭނާއަށް އެމީހާ ފަތުވާ ދޭތަން ފެނުމުންނެވެ. އަދި އޭނާއަށް އެމީހާގެ ކިބައިން މީސްތަކުން ޢިލްމު ލިބިގަންނަމުންދާނަމަ އެކަން ހުއްދަވާނެއެވެ. ނުވަތަ އޭނާއަށް ޢަދުލުވެރި، ތެދުވެރި ބައެއްގެ ކިބައިން އެކަން އެގުމުން ތަޤުލީދުކުރުން ހުއްދަވާނެވެ. الموسوعية الفقهية {وزارة الأوقاف و الشئون الإسلامية} الكويت އަދި ޢަދާލަތުގައި އެމީހެއްގެ ޙާލު ނެނގޭ މީހާއާއި ތަޤްލީދުކުރާނަމަ އޭނާއާ މެދު ސުވާލުކަޮށް އޭނާގެ އަޞްލު އޮޅުން ފިލުވުމަކީ ވާޖިބެއްކަމަށް ޢިމުވެރިން ވިދާޅުވެއެވެ. އަދި ސުވާލުކުރަން ނުޖެހޭނެކަމަށްވެސް ބުނެވެއެވެ. روضة الناظر 2\452 ފަތުވާތަކުގައި ފަސޭހަކަމުގައި ހިފާ އުޅޭ މީހާއާއި ތަޤްލީދުކުރުން ހުއްދައެއްނުވާނެއެވެ. އަދި ޝާއްޛު ބުނުންތަކަށް ތަބާވެ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ބުނުއްވުންތަކާއި ދެކޮޅުހަދާ މީހަކާ ތަޤްލީދުކުރުން ހުއްދައެއްނުވާނެއެވެ. تبصرة الحاكم 1\52 އަދި ޢިލްމުގެ ޙާލަތު ނޭނގޭ މީހަކާ ތަބާވުން ހުއްދަނުވާނެއެވެ. ސުވާލުކުރާ ފަރާތައްވުރެ ސުވާލުކުރެވޭ ފަރާތް ޖާހިލުވުން އެކަށީގެން ވާތީއެވެ. ތަޤްލީދުކުރެވޭ މީހާގެ މިސާލަކީ ލޯއަދިރި މީހަކަށް މަގުދައްކާ މީހެއްގެ މިސާލެވެ. ލޯއަދިރި މީހަކަށް، އެފަދަ އެހެން މީހަކަށް މަގު ދެއްކިދާނެ ހެއްޔެވެ؟ أستاذ عمر الشريف ތަޤްލީދުކުރެވޭނީ ކޮންބައަކަށް ހެއްޔެވެ؟ އިސްލާމްދީނުގެ ކަންކަމުގައި ތަޤްލީދުކުރުން ހުއްދަވާނީ ޢާއްމު މީހާއަށެވެ. އަދި އޭނާ ފަދަ އެހެން މީހުންނަށެވެ. އިޖުތިހާދުކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހުންނަށެވެ. އަދި އިޖުތިހާދު ކުރުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު އިޖުތިހާދުކުރުމުގެ މަސައްކަތުގައި މަޝްޣޫލުވެއްޖެ ނަމަ ދިރިއުޅުމަށް އުދަގޫވާނެކަމަށް ހީވާ މީހާއަށްވެސް ތަޤްލީދުކުރުން ހުއްދަވާނެއެވެ. الموسوعية الفقهية {وزارة الأوقاف و الشئون الإسلامية} الكويت އެހެން ބައެއް ޢިލްމުވެރިން އަރިހުގައި ޢާއްމު މީހާއަށްވެސް އޮތީ ދެނެގަތުމެވެ. ދަލީލްތަށް އެގިގަތުމެވެ. އަދި އިޖްތިހާދު ކުރުމެވެ. އެފަދައިން ވިދާޅުވާ ބޭފުޅުންގެ ތެރޭގައި شيخ الإسلام إبن تيمية ފަދަ ބޭފުޅުން ހިމެނިލައްވައެވެ. إعلام الموقعين 4\21 އަދި މުޖުތަހިދުމީހާ އޭނާއަށް ވަޤްތު ފަހިވެފައި ވަނިކޮށް ތަޤްލީދުކުރަން ބޭނުންވެއްޖެނަމަ، އިމާމް ޝާފިޢީ އަދި އެހެން ބޭފުޅުން ވިދާޅުވަނީ އޭނާގެ މައްޗަށް ތަޤްލީދުކުރުން ނެތްކަމަށެވެ އަދި އޭނާގެ މައްޗަށް އޮތީ އިޖްތިހާދުކުރުމެވެ. އަދި ހުއްދަވާނެކަމަށް ބުނެވެއެވެ. އަދި އިޖްތިހާދުކުރުން އެފަދަ މީހާގެ މައްޗަށް ވާޖިބުވާނެކަމުގެ ދަލީލެއްގެ ގޮތުން ޢިލްމުވެރިން ގެންނަވާ އެއްކަމަކީ އިޖްތިހާދު ކުރުމުގެ ބާރުލިބިފައިމެ އިޖްތިހާދު ނުކޮށް ފުއްދާނުވޭނެއެވެ. ނައްޞުއޮއްވައި ޤިޔާސްއިން ނުފުއްދޭނެ ފަދައިންނެވެ. البرهان للجهني 2\1340 އަދި ޢާއްމު މީހާއަށް ޙުކުމް ނެރުން ނުވަތަ ފަތުވާ ދިނުން ހުއްދައެއްނުވާނެއެވެ. އެހެންނަމަވެސް އޭނާއަށް އިތުބާރުކުރެވޭ، ޢަދުލުވެރި ޢިލްމުވެރިއެއް ކިބައިން ލިބިފައިވާ ޢިލްމު އަނެކުންނަށް އަންގައި ދެވިދާނެއެވެ. الموسوعة الفقهية الميسرة 1 ص 558 ފަތުވާދޭ ފަރާތްތައް އެއްޤައުމެއްގައި ގިނަވުން: ޤައުމުގައި އެންމެ މުފުތީއެއް ފިޔަވައި އިތުރު ފަރާތެއްނުވާނަމަ، ޢާއްމު މީހާގެ މައްޗަށް އޮތީ އެމީހަކާ ތަބާވުމެވެ. އަދި ފަތުވާދޭ ފަރާތްތައް ގިނަވެފައިވާނަމަ އޭނާގެ މައްޗަށް އޮންނާނީ އެންމެ ރަނގަޅު ފަތުވާދޭ މީހަކާއި ތަބާވުމެވެ. އެފަދަ މީހާ ދެނެގަންނާނީ އެމީހާގެ ޢިލްމުވެރިކަމުންނާއި ދީންވެރިކަމުންނެވެ. الموسوعية الفقهية {وزارة الأوقاف و الشئون الإسلامية} الكويت އަދި ދެޢިލްމުވެރިއެއްގެ ބަސް ފުށުއަރައިފިނަމަ ބަލަންޖެހޭނީ އެޢިލްމުވެރިންކުރެ އެންމެ ދީންވެރި، އެންމެ ޢިލްމުގައި އަރާ ހުންނެވި ބޭކަލަކަށެވެ. مطالب أولى النهي ނަމަކަށް ކިޔުނު ފޮތުގައި ލިޔުއްވައިފައިވެއެވެ. ތަރްޖީޙުކުރުން (ރަނގަޅުގިތް ހޯދުން)ނެތި ބުނުމަކުން ޙުކުމް ނެގުން ނުވަތަ ފަތުވާ ދިނުން ޙަރާމްވާނެކަމަށް އިޖްމާޢު ވެވިފައިވެއެވެ. مطالب أولى النهي 6\441 އަދި ތަޤްލީދުމކުރެވޭ މީހާއަށް، އޭނާ ބޭނުންވާ ކަންތަކުގައި ހިފުމަށް ފަހު ބޭނުންނުވާ ކަންތައް ދޫކޮށްލުން ހުއްދައެއްނުވާނެއެވެ. ޚާއްޞަކޮށް ރުޚަޞްތަކުގައި ހިފާނަމަ އެކަން ހުއްދައެއް ނުވާނެއެވެ. އަދި ބޭނުންގޮތެއް އިޚްތިޔާރުކުރުން ހުއްދަކޮށްދެއްވައިފައިވަނީ މަދު ޢިލްމުވެރިއެކެވެ. އަދި ހުއްދަކޮށްދެއްވައިފައިވަނީ ރަނގަޅުގޮތް ދެނެގަތުމަށް ނުކުޅެދުމުންނެވެ. އަދި އެފަދަ ޤާބިލިއްޔަތު ކަމެއްނެތް ނަމައެވެ. މަޛްހަބަކަށް ތަޤްލީދުކުރުމުގެ މައްސަލައާމެދު އިމާމް ޝައުކާނީ ވިދާޅުވެފައިވެއެވެ. ތަޤްލީދުކުރުން ހުއްދަކުރާ ފަރާތްތައްވެސް ވަކި މަޛްހަބަކަށް ތަޤްލީދުކުރުމުގެ މައްސަލައިގައިވަނީ ދެބައަކަށް ބެހިފައެވެ. އެއް ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވެއެވެ. ވަކިމަޛްހަބަކަށް ތަޤްލީދުކުރުމަކީ ޢާއްމީގެ މައްޗަށް އޮތް ވާޖިބެކެވެ. މިގޮތް ޤަބޫލުކުރައްވާ ބޭކަލުންގެ ތެރޭގައި إليكا الهراسي ފަދަ ޢިލްމުވެރިން ހިމެނެއެވެ. إرشاد الفحول ص272 އަދި شيخ الإسلام إبن تيمية ވިދާޅުވެފައިވެއެވެ." އަދި ޢާއްމު މީހާއަށް ކަމެއްގައި ﷲއާއި އެކަލާނގެ ރަސޫލާގެ ޙުކުމް ބަޔާންވެއްޖެނަމަ، އެހެން ފަރާތެއްގެ ބުނުމުގައި ހިފުން ހުއްދައެއްނުވާނެއެވެ. (ރަސޫލާގެ ބަސްފުޅު ދަސްކޮށްދެނީ އެގޮތެވެ. ނަބިއްޔާ ޙަދީޘްކުރައްވައިފައިވެއެވެ. "لا طاعة لمخلوق فى معصية الخالق" މާނައަކީ: ހެއްދެވި ފަރާތަށް އުރެދުމުގައި ހެއްދެވިގެންވާ ފަރާތަކަށް ކިޔަމަންވުމެއް ނެތެވެ.) އަދި އޭނާއަށް އެފަދަ ޙުކުމެއް ފެނުމުން ތަޤްލީދުކުރުމުން ނުކުތުން ހުއްދަވެގެންވެއެވެ. އަދި ޢިލްމުގެ އަހުލުންކުރެ އެހެން މީހަކާ ތަޤްލީދުކުރެވިދާނެއެވެ. كشاف القناع 6\307 ފަތުވާ ދިނުން: އިމާމް އަބޫޙަނީފާ ފިޔަވައި ބާކީ ތިއްބެވި ހުރިހާ ބޭފުޅުންގެ އަރިހުގައި ފަތުވާދޭ ފަރާތް އިޖުތިހާދުކުރުމުގެ ބާރު ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ. މިޝަރުޠަކީ އަބޫޙަނީފާގެ އަރިހުގައި ފަތުވާ ޞައްޙަވުމުގެ ޝަރުޠެއްނޫނެވެ. އެހެންނަމަވެސް ފަތުވާދިނުމަށް އެންމެ ރަނގަޅުވެގެންވަނީ މުޖުތަހިދެވެ. އެއީ މީސްތަކުންނަށް ފަސޭހަވުމަށްޓަކައެވެ. المغنى 9/52 އަދި އިމާމް إبن قيم ގެ އަރިހުގައި އައިދައިގެ ޢިލްމުވެރިންނަށްވެސް ފަތުވާ ދެވިދާނެއެވެ. އެހެންނަމަވެސް އެއީ މީސްތަކުން އެކަމަށް ބޭނުން ޖެހިފައިވާނަމައެވެ. އަދި إبن حمدان މުޖުތަހިދުން ނޫން އެހެންމީހުންނަށް ފަތުވާ ދިނުން ހުއްދަކޮށް ދެއްވައިފައިވަނީ ހަމައެކަނި އެންމެ ޙާލަތެއްގައެވެ. إعلام الموقعين 1/46 އަދި ޝައުކާނީ ބައެއް އުޞޫލުލް ފިޤްހުގެ ޢިލްމުވެރިންގެ އަރިހުން އެބޭފުޅުންގެ އަރިހުގައި ފަތުވާދޭ ފަރާތް ކަންތައް އިނގޭ ދެނެގަނެ ބަޙުޘްކުރެވޭ ފެންވަރުގެ މީހަކަށް ވާންޖެހޭނެވާހަކަ ގެންނަވާފައިވެއެވެ، އަދި އެބޭފުޅުންގެ އަރިހުގައި ފަތުވާ ނެގެނީ ކޮން އަޞްލަކުން ކަން އިގުން ވާޖިބުވާނެކަމަށް ޝައުކާނީ ވިދާޅުވެއެވެ. إرشاد الفحول ص596 އަދި إبن قدامة ވިދާޅުވެއެވެ." ފަތުވާ ދޭމީހާއަށް އޭނާއަށް އިވުނު އެއްޗެއް ނުވަތަ އިގުނު އެއްޗެއް އަނެކުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ހުއްދަ އޮންނާނެއެވެ. އެހެނަސް އެވަޤުތުގައި އޭނާއަކީ ފަތުވާދޭ މީހެއްނޫނެވެ. އޭނާއަކީ ޚަބަރު އިއްވާ މީހެކެވެ. އަދި އޭނާ ޚަބަރުކުރަންވާނީ އިޖްތިހާދުގެ އަހުލުވެރިންކުރެ ޢިލްމުވެރިއެއްގެ ފުށުން ލިބުނު ޚަބަރެކެވެ. އަދި އެޙުކުމް އިގެންވާނީ އޭނާގެ ޚަބަރުކުރުމުންނެވެ. އެއްވެސް ޙާލެއްގައި އޭނާގެ ފަތުވާއަކުންނޫނެވެ. އަދި شوكانيގެ އަރިހުން ޞައްޙަވެފައިވާ ގޮތަކީ ތަޤްލީދުކުރާމީހާ އޭނާ ތަބާވާފަރާތުގެ ޚިޔާލު ފަތުވާ ލިބިގަންނަ ފަރާތަށް އަންގާ އެންގުމަކީ އެއްވެސް ޙާލެއްގައި ފަތުވާއެއްނޫނެވެ. ކިއެއްހެއްޔެވެ. އެއީ ހަމައެކަނި ބުނުމެއް ނަޤްލުކުޅައުމެވެ. އަދި شوكاني ވިދާޅުވެފައިވެއެވެ. " ތިމަންކަލޭގެފާން ޤަބޫލުކުރައްވާ ގޮތަކީ ތަޤްލީދުކުރާމީހާއަށް ﷲގެ ޙުކުމްތަކާމެދު ނުވަތަ ރަސޫލާގެ ޙުކުމްތަކާމެދު ނުވަތަ ޙައްޤާމެދު ނުވަތަ ޙަރާމް ޙަލާލްއާމެދު ސުވާލު ނުކުރެވޭނެއެވެ. އެހެނީ ތަޤްލީދުކުރާ މީހާއަށް މިކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. އަދި އެފަދަ މައްސަލަތައް އިގޭނީ ހަމައެކަނި އިޖުތިހާދުކުރުމުގެ ބާރުލިބިފައިވާ މީހާއަށެވެ. އަދި މީހަކު މީހެއްގެ ރައުޔަކާމެދު ސުވާލުކޮށްނަމަ ޖަވާބު ދިނުމުގެ ހުއްދަ އޮންނާނެއެވެ. އެވެސް އޭނާއަށް އެބުނުމުގެ ވެރިޔާގެ މަޛްހަބު ރަނގަޅަށް އޮޅުންފިލާފައިވާނަމައެވެ. رسالة القول المفيد فى الإجتهاد و التقليد_ الشوكاني ރިސާލާގެ ނިމުން إبن الصلاح , الروياني އަދި الحليمي ކިބައިން ޝާފިޢީ މަޛްހަބުގެ ރައުޔެއްކަމަށް ރިވާ ކުރައްވައިފައިވެއެވެ. " މުފްތީއަށް އޭނާއަށް ތަބާވެވޭ ކަމެއްގައި ފަތުވާ ދިނުމުގެ ހުއްދައެއް ނުވާނެއެވެ." އަދި إبن الصلاح ވިދާޅުވަނީ މިބުނުގެ މާނައަކީ ތަޤްލީދުކުރާމީހާއަށް އޭނާގެ ރައުޔައެއް ހީވާ ގޮތައް އޭނާގެ ބުނުން، ބުނުން ހުއްދައެއްނުވާނެއެވެ. އަދި ކިއެއްހެއްޔެވެ. އޭނާގެ މައްޗަށް ވާޖިބުވަނީ އޭނާ ތަބާވާ އިމާމާއަށް ރައްދުކުރުމެވެ." فتاوى إبن الصلاح ތަޤްލީދުކުރާ މީހާ ފަޤީހެއްކަމުގައި ނުވާނެކަމަށް ޢިލްމުވެރިންކުރެ ގިނަބޭކަލުން އިއްތިފާޤު ވެލައްވައިފައިވެއެވެ. އަދި މިސަބަބަށްޓަކައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ." އޭނާގެ ރައުޔަ އިޖްމާޢުގެ ތެރެއަކަށް ނުލެވޭނެއެވެ. އޭނާއަށް ފިޤްހުގެ މައްސަލަތައް ރަނގަޅަށް އޮޅުންފިލައިފައިވީ ނަމަވެސްއެވެ. ތަޤްލީދުކުރާމީހާއަށް ރައުޔައެއް ލިބިފައިނުވައެވެ. އެހެނީ އޭނާގެ ރައުޔަކީ އޭނާގެ އިމާމާގެ ރައުޔައެވެ. شرج مسلم الثبوت 2/217 ތަޤްލީދު ކުރެވޭ މީހާ ކުރިން އިޖްތިހާދު ކުރިގޮތް ބަދަލުކުރުން: އިޖްތިހާދުކުރާ މީހާ އޭނާގެ އިޖްތިހާދު ބަދަލުކޮށްފިނަމަ ތަޤްލީދުކުރާ މީހާގެ މައްޗަށްއޮތީ އޭނާ ފުރަތަމަ ދިން ފަތުވާއާ އެއްގޮތަށް ކަންކުރުމެވެ. މިސާލަކަށް ދަންނަވާނަމަ ވަލީއަކާ ނުލައި ކައިވެނި ޞައްޙަވާނެ ކަމަށް މުޖުތަހިދަކުދިން ފަތުވާއަކަށް ތަޤްލީދުކޮށްގެން އެފަދަ ކައިވެންޏެއް ކޮށްފައި ވަނިކޮށް މުޖުތަހިދު އެކައިވެނި ބާޠިލްވާނެކަމަށް ދެވަނަ ފަހަރަށް ނިންމައިފިނަމަ އޭނާގެ މައްޗަށް އޮންނާނީ ފުރަތަމ ބުނުމުގައި ހިފުމެވެ. އަދި ޙާކިމާ މިފަދަ ގޮތަކަށް ޙުކުމް ކޮށްފިނަމަ އޭނާގެ މައްޗަށްވެސް އޮތީ އެގޮތެވެ. އަދި މުޖުތަހިދާއަށް އޭނާގެ އިޖްތިހާދު ބަދަލުކުރާހިދު އެކަން ތަޤްލީދުކުރާ ފަރާތަށް އެންގުން ވާޖިބެއްނުވާނެއެވެ. އެހެންނަމަވެސް މުޖުތަހިދަށް އޭނާއަށް ކުށް ކުރެވިއްޖެކަން ޔަޤީންވެއްޖެ ހިދުން ކުށް ބުނުން ބާޠިލްވާނެއެވެ. އަދި ބުނުމެއްގައި ކުށް އެކުލެވިގެންވާކަން ޔަޤީންވާނީ އެބުނުމެއްގައި އެއްވެސް ޚިލާފެއްނެތް ޝަރުޢީ ދަލީލަކާ ފުށުއެރުމެއްވާނަމަ، ނުވަތަ އިޖްމާޢާ ފުށުއަރާނަމަ، ނުވަތަ ބާރުގަދަ ޤިޔާސް ޖަލީއަކާ ފުށުއަރާނަމައެވެ. ނިމުން: މި ޞަފްޙާތަކުގައި ބަލައިލެވިފައިވާނީ ތަޤްލީދުކުރުމުގެ މައްޗަށެވެ. އިސްލާމްދީނުގެ ޢިލްމުވެރިންގެ އަރިހުގައި ތަޤްލީދުކުރުމުގެ މާނައިގެ މައްޗަށެވެ. އަދި ތަޤްލީދުކުރުމުގެ ޙުކުމްތައް ތަފްޞީލީ ގޮތެއްގައި މިބާބުގައި ބަޔާންކުރެވިފައިވާނެއެވެ. މިހުރިހާ ވާހަކަތަކުން ދޭހަވީ ގޮތުންނަމަ އިސްލާމްދީނުގައި ޢާއްމު މީހުންނަށް ފަސޭހަކަމެއްގައި ތަޤްލީދުކުރުން ހުއްދަވެގެންވެއެވެ. އަދި ތަޤްލީދުކުރެވޭނީ އިސްލާމީ ޢިލްމުވެރިންކުރެ އިޖްތިހާދު ކުރެވޭ ފެންވަރުގެ ބޭކަލުންނަށެވެ. ދީނާއި ޢިލްމުގައި އެއްވެސް ޚިލާފެއްނެތި ކަމުވޮށިވެގެންވާ ބޭފުޅުންކަމަށް ޤަބޫލުކުރެވޭ ބޭފުޅުންނަށެވެ. ނޯޓް: މިމަޒުމޫނަކީ ކުއްލިއްޔާގެ މަޢުހަދުގެ ބައިތަކުގެ މެދުގައި ބޭއްވުނު ޢިލްމީ ނަދުވާއަށް އަޅުގަނޑު ހިމެނުނު ބައިން ހުށަހެޅި ލިޔުމުގައި ހިމެނުމަށް އަޅުގަނޑު ލިޔުނު މަޒުމޫނެކެވެ. އަޅުގަނޑުމެން ހުށަހެޅި ކަރުދާހުގެ މަޢުޟޫއަކީ "ދީނީ ބައިބައިވުން" މިމައިގަޑު ނަމެވެ. މިލިޔުމަކީ ކުރިން އަޅުގަނޑު މިސައްޓުގައި ހިމެނި ލިޔުމަކަށް ތުއްފާށަނާގެ ނަމުގައި ޚިޔާލު ފާޅުކުރެއްވި ބޭފުޅާއަށް ޚާއްޞަކޮށް ޢާންމުކޮށް ފަންވަތުގެ އަހުލުވެރީންނަށް އަރުވާ ހަދިޔާއެކެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)
![]()
...
ލިޔުނީ މުހައްމަދު, 2009-05-06 14:08:49
صالح الكرباسي ތަޤްލީދުގެ އިޞްޠިލާޙީމާނަ ކުރައްވާފައިވާގޮތަކަށްނޫން މިލިއުމުގައި ތަރުޖަމާކުރެވިފައިމިވަނީ، އަޅުގަނޑު އެސައިޓު ބަލައިލައިފިން. އޭގައި ذوي الاختصاص އިންތަންކޮޅު އެއިނީ "ޚާއްޞަކަމެއްނެތި" މިހެން ތަރުޖަމާކޮށްފައި. އެކަމަކު އޭގެ މާނައަކީ ޚާއްޞަކަމެއް ނެތިއެއްނޫން. އޭގެ މުރާދަކީ ވަކިފަންނެއްގެ އަހުލުވެރިން. ވެދާނެ އެއީ އިމްލާ ކުށަކަށްވެސް ވެބްސައިޓެއްވީމައި ބަލާލީ. ބަލައިލި އިރު މިތަން ފާހަގަކުރެވުނީމަ ދަންނަވާލީ.
އަޅުގަނޑަށް ފެންނަގޮތުގައި އޭގެ ތަރުޖަމާ އޮންނަން ރަގަޅުގޮތެއްކަމުގައި އަންނަނިވި ގޮތް ފެނެއެވެ. ދީނުގެ އިޞްޠިލާޙުގައި ތަޤުލީދުކުރުމުގެ މާނައަކީ، މީހަކު، ކަމުގެ އަހުލުވެރިންކުރެ މީހެއްގެ ބަސްޤަބޫލުކޮށް އޭނާ ވާޞިލުވި ޢިލްމީ ރައުޔަކަށް ބަރޯސާވުމެވެ. އެއީ އޭނާ އެރައުޔަކަށް ވާޞިލުވުގައި ބޭނުންކުރި ދަލީލުތަކާއި މެދުގައި ސުވާލުކުރުމެއް އަދި އޭނާ ބަރޯސާވި ޙުއްޖަތްތަކައް ބެލުމެއްނެތިއެވެ. މިތަނުގައި ذوي الاختصاص މުރާދަކަށްވާނީ އިޖްތިހާދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފިޤުހުވެރިންނެވެ.
...
ލިޔުނީ zaan, 2009-05-07 07:22:29
alhugaduge tharujamaa akee lafzun lafzah eliyumugai oy vaahakaeh dhivehibahah nakalu kurumehnuneve. ehennamaves evaahakaige maana roohu dhivehi bahah genaumeve. thiya liyuhvi tharujamaa aai alhugaduge tharujamaa aai maanaige gothun fushunaaraakan visneveema egivadaigannavaane.
shukurityyaa
...
ލިޔުނީ zaan, 2009-05-07 07:24:23
khaa*sa kamehnethi ey alhugadu liyefaivanee zavi likhthisaasge maanaigaeh nuneve.
...
ލިޔުނީ ތުއްފާށަނާ, 2009-05-07 09:25:46
އެންމެ ފުރުތަމަވެސް ބުނެލަން އޮތީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ... ކޮށްފައިވާ މަސައްކަތުގެ ބޮޑުކަމާއި ބުރަކަމާއެކުވެސް ވަރަށް ފުރިހަމައަށް މިމަސައްކަތް ނިންމައިފިއެވެ. މިއީ ވަރަށް ފުރިހަމަ ޢިލްމީ ލިޔުމެކެވެ. މިގޮތަށް ކުރިޔަށްދާނެ ކަމަށް އުންމީދުކުރަމެވެ.
މައުޟޫއާމެދު އަޅުގަނޑު ދެކޭގޮތް ހާމަކުރެވިއްޖެކަމަށް އުންމީދުކުރަމެވެ. ދެން ފާހަގަކޮށްލެވުނު ކަމެއް ބުނެލާނަމެވެ. މި ޖުމްލަ "އެހެނީ ތަޤުލީދުކުރުން ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަމުގައި ހަދައިފިނަމަ އެކަންވެގެންދާނީ ވަރަށްބޮޑު ދަތިކަމެއްކަމުގައެވެ. އެހެނީ އިޖުތިހާދުކުރުމަކީ އަންނަނިވި ބައިގައި އެގޭނެ ފަދައިން ކޮންމެ ކޮންމެ މީހަކަށްވާނެކަމެއްނޫނެވެ." ފުރުތަމަ ޖުމްލައިގައިވެސް އޮންނަންވީ އިޖްތިހާދު ދޯ... ކޮންމެ މީހަކަށްވެސް ތަޤްލީދުކުރެވިދާނެ...
... ލިޔުނީ މުހައްމަދު, 2009-05-09 13:57:44
މާނައިގެ މައްސަލަވެސް އެބަ އުޅޭ އެއީ ذوي الاختصاص ޚާއްޞަކަމެއް ނެތް މިގޮތަކަށް މާނައެއް ނުކުރެވޭނެ. ޝުކުރިއްޔާ. އަޅުގަނޑުގެ ފޮއިންޓަކީ ذوي الاختصاص ގެ މާނަ އެގޮތަށް ކުރައްވާފައި އިނުން. އަޅުގަނޑަށް ލަފާކުރެވުނީ ޚާއްޞަކަމެއްނެތިއޭ ބުނެފައި އެވަނީ އޭގެ މާނައިގައި ކަމަށް، އެހެންނޫނީވިއްޔާ އެޢިބާރާތުގައި ނެތް ޚާއްޞަކަމަކާ ގުޅޭ ލަފްޒެއްވެސް. އޭގެ އިތުރުން ޢިލްމީ އަމާނާތް ނިޔާކުރާގޮތުން އޭގައި ނެތްވާހަކައެއް ގެނައުމަކީ ރަގަޅުކަމެއްނޫން. އަޅުގަނޑު ނުދަންނަވަން އޭގައި ހުރި ލަފްޒަކަށް ލަފްޒެއްގެންނާށެކޭ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
fahathu dhejumlaigai "ބޭކަލުންނަށެވެ." , "ބޭފުޅުންނަށެވެ." mi oy othumun dheyhavani ebeykalunan thaqleedhukurumuge jawaazath oi kamash. މިޔާ ޚިލާފަށް ބޭކަލުންނޭ ބޭފުޅުންނޭ އޮތުމުން ދެއްތޯ ޙަޤީޤީ މާނަ ނުކުންނާނީ.....! އޭރުން އަދިކިރިޔާ ދެއްތޯ އެބުނެވެނީ އެފަދަ ބޭޅުންނޭ ތަޤްލީދުކުރުމުގައި ޚިޔާރުކުރަންޖެހޭނީ..... ލިޔުންތެރިޔާ މި ތަންކޮޅަށް ވިސްނާލައްވާ އިސްލާޙު ކޮށްލެއްވިއްޔާ ނޫނީ ތިޔަ ވިދާޅުވަން އުޅޭ ވާހަކަ ވިދާޅެއް ނުވެވޭނެ ހެން ހީވަނި.... ބުރަ ބޮޑު ބިޔަ އެންމެ ދެއަތަކަށް ނުކަތާވަރުގެ މަސައްކަތެއްކަން އެނގޭ ބަލާލީމަ... ވ ޢިލްމީ މަސައްކަތެއް ތިއީ!!!