މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސުންނަތަކީ ކޮބާ؟ |
|
|
| ދީން - ފިޤުހު | |||
| 01 ޖުލައި 2009، 00:16 ބުދަ | |||
|
ޔާސީން ނަސީމު އަބޫބަކުރު/ މުގޫ ލ.މާވަށް ސުންނަތޭ ބުނުމުން، އަޅުގަނޑުމެންނަށް އެބަލައިގަންނަން އެނގޭނީ ސުންނަތަކީ ކޮބައިގަން އެނގިގެންނެވެ. ސުންނަތަކީ ކޮބައިތޯ ބަލާލަމާހެއްޔެވެ؟ޢަރަބި ބަހުގައި ސުންނަތް ބަހުގެ ގޮތުން ސުންނަތުގެ މާނައަކީ (ކަންހިނގާ) ގޮތް ނުވަތަ ސިޔަރަތެވެ. ( ރަނގަޅު ނުވަތަ ނުރަނގަޅު ވިޔަސްމެއެވެ.) ކީރިތި ޤުރުއާނުގައި މިމާނައިގައި "ސުންނަތް" ވާރިދުވެފައި ވެއެވެ. " سُنَّةَ مَنْ قَدْ أَرْسَلْنَا قَبْلَكَ مِنْ رُسُلِنَا وَلا تَجِدُ لِسُنَّتِنَا تَحْوِيلا " (ސޫރަތުލް އިސްރާއު17/ 77) މާނަ "(އެއީ) ތިމަން ރަސްކަލާނގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަން ރަސްކަލާނގެ ރަސޫލުންނާމެދު، ކަންތައް ހިންގެވި ގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ." ( ދިވެހިތަރުޖަމާ 2007) އެހެން އާޔަތެއްގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. "سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلا " (ސޫރަތުލް ފަތުޙް48/ 23) މާނަ " (އެއީ) މީގެކުރިންވެސް ﷲ އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި ﷲ ކަންހިންގަވާ ގޮތަށް ބަދަލެއް އަންނާތީކަލޭގެފާނަށް ފެނިވަޑައެއް ނުގަންނަވާނެއެވެ." (ދިވެހިތަރުޖަމާ 2007) ސުންނަތޭ ބުނުމުން ތަފާތު ޢިލްމު ތަކުގައި އޭގެ މާނަ ތަފާތުވެގެން ދާނެއެވެ. މިގޮތުން ބަލާލާއިރު؛ ފިޤުހު ޢިލްމުވެރިންގެ އަރިހުގައިގައި ސުންނަތް: އެއީ ކީރިތިރަސޫލާ(ޞ) ގެ އަރިހުން ވާރިދުވެފައިވާ ވާޖިބުނޫން ކަންކަމެވެ. ނުވަތަ އެކަލޭގެފާނުގެ އަރިއަހުން ޞައްޙަ އަދި ޞަރީހަކޮށް ސާބިތުވެފައިވާކަންކަމުގެ ތެރެއިން އެކަމެއް ކުރުމުން ޘަވާބު، ލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޢަޒާބު ނުލިބޭ ކަންކަމެވެ. އުޞޫލުލް ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް: އެއީ ޤުރުއާން ފިޔަވައި، ކީރިތި ރަސޫލާ(ޞ) ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއްހިނގިއިރު، ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމެވެ. އަދި ބައެއް ދަންނަބޭކަލުންގެ ނަޒަރުގައި އެކަލޭގެފާނުގެ ޚުލުޤީ (އަޚުލާޤީ) ސިފަފުޅުތައްވެސް ހިމެނިގެން ވެއެވެ. ޙަދީޘު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް: އެއީ ކީރިތި ރަސޫލާ(ޞ)ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއް ހިނގިއިރު ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމާއި (އިޤުރާރު) އެކަލޭގެފާނުގެ ޚުލުޤީ ސިފަފުޅުތަކާއި ( އޯގާތެރިކަމާއި ތެދުވެރިކަން ފަދަ ސިފަފުޅުތައް ) އެކަލޭގަފާނުގެ ޚަލްޤީ ސިފަފުޅުތަކެވެ.އެއީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން އަދި ފަހުންވިޔަސްމެއެވެ. ސުންނަތުގެ ޙުއްޖިއްޔަތު ކީރިތި ރަސޫލާ (ޞ) ގެ ސުންނަތަކީ ޝަރީޢަތުގެ ބައެއް ކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެއެވެ. ކީރިތި ރަސޫލާ (ޞ) ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން ދެވަނަ މަސްދަރެވެ. ކީރިތި ޤުރުއާނުން މިކަމުގެ ހެކި ލިބެއެވެ. ]އަލްޙަޝްރު59 /7[ މާނަ "...އަދި ރަސޫލާ ތިޔަބައިމީހުނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން، ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ." (ދިވެހިތަރުޖަމާ 2007) " ]އައްނިސާއު4/ 59[ މާނަ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަން ވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲއަށާއި، ރަސޫލާއަށް އެކަމެއް ހުށައަޅާށެވެ! (އެބަހީ: އެކަމާމެދު ﷲއާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުން، ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (ދިވެހިތަރުޖަމާ 2007) އިސްވެ ދިޔަދެއާޔަތުން ދަލީލުކޮށްދޭ ގޮތުގައި ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އަޅުގަނޑުމެން އެއަށް ތަބާވާންޖެހޭ އަދި އެއަށް ޢަމަލުކުރަންޖެހޭ އިސްލާމީ ޝަރީޢަތުގެ އެއްބައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ Cardinal, 2009-06-30 18:46:32
ލިޔުންތެރިޔާގެ ތިޔަ ލިޔުއްވުމަށް އަޅުގަނޑު ޝުކުރުވެރިވަމެވެ. މިއީ ވ ކުރު ވ ސާދާ ޢީބާރާތުން ހުރި ޢިލްމީ ވާހަކަކޮޅެކެވެ. މިފަދައިން އިތުރު މައުޟޫތަކަށް އިތުރަށް ލިޔުއްވާނެކަމަށް އުންމީދުކުރަމެވެ.
...
ލިޔުނީ ދެވަނަ ފަހަރަށްކުރާ ޝަކުވާއެއްގެ ގޮތުގައި, 2009-06-30 19:38:46
އަޅުގަނޑަށްކުރިންވެސް އޮންނާނީ މި ސައިޓުގައި ހަދީސްއަށް ވަކި ބައެއް ނެތިގެން އެކަމާ ކުޑަކޮށް ޝަކުވާކުރެވިފައެވެ. ދެން ހަމަ ހަދީސްގެ މައުޟޫތަކަށް ލިޔެވި އެހެން މައިގަނޑު ނަންތަކުގެ ދަށުގައި އެ ޖެހި ވަމުން މިއޮށްދަނީއެވެ. ހަދީސްއަކީ އެނގިވަޑައިގަންނަވާނެ ފަދައިން ހަމަ ވަކި ޢިލްމެކެވެ. މިގޮތުން އެއަށް ދެވެންވީ ފުރިހަމަ ޤަދަރު ދިނުމަށްޓަކައި މިކަން ކުރައްވަމާ ބަހީއެވެ. މިކަމާ އުޅުއްވާނޫ ތޯއެވެ.
...
ލިޔުނީ ނަސްރުﷲ ޖަމީލް, 2009-07-01 03:57:34
ހިތަށް އަރާ ސުންނަތާ ހަދީޘުގެ ތަފާތަކީ ކޮބައިބާއޭ؟ އިތުރު ލިޔުމެއްގެ ސިފައިގައި ނުވަތަ ޚިޔާލެއްގެ ސަފައިގައި ނަމަވެސް ޖަވާބެއް ލިބޭނެކަމަށް އުއްމީދުކުރަން.
...
ލިޔުނީ ނަސްރުﷲ ޖަމީލު, 2009-07-01 04:21:19
މި ގަލަމުން ލިޔުއްވާފައިވާ އެހެން ލިޔުންތަކަށް ބަލާލުމުން އަޅުގަނޑު ކުރިން ކުރި ސުވާލުގެ ޖަވާބު ލިބިއްޖެއެވެ.
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-07-01 07:14:46
މިއީ، ނުހަނު ބޭނުންތެރި މައުޟޫޢެކެވެ. ލިޔުންތެރިޔާއަށާއި ފަންވަތް ޓީމަށް އިޚުލާޞްތެރި އިޙުތިރާމްކުރާ ޙާލު، މި ލިޔުމުން އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންތައްތައް، ވަރަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ.
1. މިލިޔުމުގައި ޢިލްމީ އަދި އިސްލާމީ ހަމަތަކާ ޚިލާފު ކަންތައްތަކެއް ވާކަން ފާހަގަކުރެވެއެވެ. އެންމެ ކުޑަމިނުން، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ޞަލަވާތް ލެއްވުމަށް އެދިގެން ކިޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ވެސް އެވަނީ، އެންމެ އަކުރަކަށް ކުރުކުރެވިފައެވެ. އިތުރު އެކަލޭގެފާނު (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މާތް ނަންފުޅުގެ ފަހަތުގައި ހަމައެކަނި، (ޞ) މިހެން ލިޔެލުމަކީ ވަރަށް ފަރުވާކުޑަ ގޮތެކެވެ. 2. ޢަރަބި ބަހުގައި ސުންނަތުގެ މާނަ އޮތްގޮތް ގެނެސް ދެއްވާފައިވަނީ ވަރަށް ކުރުކޮށްނެވެ. ލިޔުންތެރިޔާ ބަޔާންކުރައްވާފައިވާ ވަރަށްވުރެ ގިނަ މާނަތައް އޭގައި ވެއެވެ. ބަޔާންކުރައްވާފައި ނުވާ މާނަތަކުގެ ތެރެއިން އެއް މާނައަކީ، ޢިނާޔަތްތެރިކަމެވެ. ފަރުވާތެރިކަމެވެ. ހެޔޮކަންކަމުގައި ފަރުވާ ކުޑަކުރުމަކީ، ކީރިތި މާތް ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތާ ޚިލާފު ކަމެކެވެ. 3. "ސުންނަތޭ ބުނުމުން ތަފާތު ޢިލްމުތަކުގައި އޭގެ މާނަ ތަފާތުވެގެން ދާނެ" ކަމަށް ވިދާޅުވެފައި ވެއެވެ. މިއީ ރަނގަޅު ޢިބާރާތެއް ނޫނެވެ. ސުންނަތޭ ނުވަތަ އެހެން އެއްޗެކޭ ހަމަ ބުނެލުމުން، ތަފާތު ޢިލްމުތަކުގައި އޭގެ މާނަ ތަފާތުވާކަށް ނުޖެހެއެވެ. "ތަފާތު ޢިލްމުތަކުގައި ސުންނަތުގެ މާނަ ތަފާތު" ކަމަށް ވިދާޅުވި ނަމަ އެންމެ ރަނގަޅެވެ. 4. ޢިލްމުވެރިންގެ އަރިހުގައި ސުންނަތުގެ މާނަ އޮތްގޮތް ގެނެސްދެއްވާފައިވާ ގޮތް މުޅިން ފުރިހަމައެއް ނޫނެވެ. "ސުންނަތަކީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ޥަސައްލަމަ) ގެ ބަސްފުޅަކުން ނުވަތަ ޢަމަލުފުޅަކުން ނުވަތަ ރުހިވަޑައިގެންނެވި ކަމަކުން ޝަރުޢީ ދަލީލެއް ލިބޭ ކޮންމެ ކަމެއް." ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅު ކޮބައިތޯއެވެ؟ 5. "ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި ސުންނަތް:" މި ސުރުޚީގެ ދަށުގައި އެވާ، "ޚުލުޤީ ސިފަފުޅުތަކާއި"، "ޚަލްޤީ ސިފަފުޅުތަކުގެ" ބަދަލުގައި، އަޚުލާޤީ ސިފަފުޅުތަކާއި ޖިސްމާނީ ސިފަފުޅުތައް އޮތުން ރަނގަޅު ކަމަށް ދެކެމެވެ. 6. މި އުސްލޫބުން ލިޔެފައި ހުންނަ ލިޔުންތަކުން، މީސްތަކުންނަށް ތެދުމަގު އެނގުމަށްވުރެ ގާތްކަން ބޮޑީ ތެދުމަގު އޮޅުމެވެ. މިސާލަކަށް މިލިޔުމުގައި، ސުންނަތަކީ ކޮބައިކަން ބުނެދިނުމަށްފަހު، އޭގެ ސާބިތު ބައިތަކާއި ތަރައްޤީވާ ބައިތަކާއި ދޫކޮށްލަންޖެހޭ ބައިތައް ބުނެދީފައެއް ނެތެވެ. ޙަދީޘް ޢިލްމުވެރިން މާނަކުރައްވާ ގޮތުގައި، ބަކަރި ހުއިހެއްޕުމާއި ޖަމަލުމަތީގައި ދަތުރުކުރުމަކީ ވެސް ސުންނަތެވެ. ލިޔުމުގެ ފަހަތުގައިވާ ދެ އާޔަތަށް ކިޔަމަންތެރިވުމުގެ ގޮތުން، އަޅުގަނޑުމެންގެ ތެރެއިން މީހަކު މި ދެކަންތައް ކުރަން ފަށައިފިނަމަ، އެއީ ސުންނަތްދިރުވުން ކަމުގައި ވާނެތޯއެވެ؟ ނުވަތަ އެކަން ވާނީ ސުންނަތައް ފުރައްސާރަކުރުން ކަމުގައި ނޫންތޯއެވެ؟ 7. ލިޔުމުގެ ފަހަތުގައި ބަޔާންކުރައްވާފައިވާ ދެ އާޔަތުން ދަލީލު ދައްކަވާފައިވާ ގޮތް، މަޤާމާއި ޙާލަތާ މުނާސިބުވޭތޯ ސުއާލު އުފެދެއެވެ.
... ލިޔުނީ ޔާސީން ނަސީމް , 2009-07-01 20:20:07
ފާޅުކުރައްވާފައިވާ ޚިޔާލުތަކަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ޝުކުރިއްޔާއެވެ. ޚާއްޞަކޮށް ޙުސައިން ޢަލީ މުޙައްމަދު ދެއްވާފައިވާ ބިނާކުރަނިވި ޚިޔާލުތަކަށް ޓަކައި ޙުސައިން ޢަލީ މުޙައްމަދަށް ޝުކުރިއްޔާއެވެ. އެއީ އަޅުގަނޑުގެ ކުރިއަށްހުރި ލިއުންތަކަށް އިތުރު މުއްސަނދި ކަމެއް ގެނެސްދޭނެ ޚިޔާލުތަކެއް ކަމުގައި އަޅުގަނޑުދެކެމެވެ. ހަގީގަތުގައިވެސް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައި ވަސައްލަމައަށް ޞަލަވާތްލެއްވުމަށް އެދި ކުރާދުޢާ ލިޔުމުގެ ބަދަލުގައި (ޞ) ޖެހުމަކީ ރަނގަޅުގޮތެއް ނޫނެވެ. ނަމަވެސް އެގޯސް އަޅުގަނޑުގެ އެއޮތީ ފަރުވާކުޑަވެގެން ހެދިފައެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މާފަށްއެދެމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|