ފަންވަތް ދީން ޙަދީޘް ޙަދީޘެއްގެ ހިޔަލުގައި (3)
ބެލި ޢަދަދު: 547
ޙަދީޘެއްގެ ހިޔަލުގައި (3) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދީން - ޙަދީޘް
02 ޖެނުވަރީ 2010، 20:39 ހޮނިހިރު

ޖިބުރީލުގެފާނު ދީން އުނގަންނަވައިދެއްވި ޙަދީޘް


ޢަބްދުލްމުޢީދު ޙަސަން


މި ޙަދީޘުގައި ބަޔާންކުރައްވާފައިވަނީ، ދީނުގެ ވަރަށް މުހިންމު ކަންތައްތަކެކެވެ. އެ ކަންތައްތައް، މުސްލިމުންނަށް އުނގަންނަވައި ދެއްވުމަށްޓަކައި، އެއްދުވަހަކު ޖިބުރީލު ޢަލައިހިއްސަލާމް، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހަށް ވަޑައިގެންނެވި އެވެ. އަދި މުސްލިމުންގެ ކުރިމަތީގައި، އެ ކަންތައްތަކާ ބެހޭގޮތުން، އިތުރު އެކަލޭގެފާނުގެ އަރިހުން އެއްސެވި އެވެ.

މި ޙަދީޘް ރިވާކުރައްވާފައިވަނީ، އެ ދެބަފައިކަލުންނަށް މާތް ﷲ ރުއްސުން ލެއްވި، ޢުމަރުގެފާނުގެ އަރިހުން އެކަލޭގެފާނުގެ ދަރިކަލުންނެވެ. މި ޙަދީޘް މަޝްހޫރުވެފައިވަނީ، "ޙަދީޘް ޖިބުރީލު" ގެ ނަމުންނެވެ.

قَالَ حَدَّثَنِى أَبِى عُمَرُ بْنُ الْخَطَّابِ، قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ إِذْ طَلَعَ عَلَيْنَا رَجُلٌ، شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لاَ يُرَى عَلَيْهِ أَثَرُ السَّفَرِ، وَلاَ يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ. وَقَالَ: يَا مُحَمَّدُ أَخْبِرْنِى عَنِ الإِسْلاَمِ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَتُقِيمَ الصَّلاَةَ وَتُؤْتِىَ الزَّكَاةَ وَتَصُومَ رَمَضَانَ وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلاً. قَالَ صَدَقْتَ. قَالَ فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ. قَالَ فَأَخْبِرْنِى عَنِ الإِيمَانِ. قَالَ: أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ. قَالَ صَدَقْتَ. قَالَ: فَأَخْبِرْنِى عَنِ الإِحْسَانِ. قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ. قَالَ: فَأَخْبِرْنِى عَنِ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ. قَالَ: فَأَخْبِرْنِى عَنْ أَمَارَتِهَا. قَالَ: أَنْ تَلِدَ الأَمَةُ رَبَّتَهَا وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِى الْبُنْيَانِ. قَالَ ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا ثُمَّ قَالَ لِى: يَا عُمَرُ أَتَدْرِى مَنِ السَّائِلُ. قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ.


ޙަދީޘުގެ މާނަ

އިބްނު ޢުމަރު ވިދާޅުވި އެވެ. ތިމަންކަލޭގެފާނުގެ ބައްޕާފުޅު، ޢުމަރު ބްނުލް ޚައްޠާބު ވިދާޅުވި އެވެ.
ރަސޫލު ﷲ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ގެ އަރިހުގައި، ތިމަން ބޭކަލުން އެއްދުވަހަކު ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު ވަޑައިގެންފި އެވެ. އެ ކަލޭގެފާނުގެ ހެދުންކޮޅުގައި ވަނީ، ގަދަވެގެންވާ ހުދުކުލަ އެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ވަނީ، ގަދަވެގެންވާ ކަޅުކުލަ އެވެ. ދަތުރެއް ކުރެއްވި ކަމުގެ އެއްވެސް ޢަލާމާތެއް، އެކަލޭގެފާނުގެ ކިބައިގައި ނުވެ އެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެންމެ ބޭކަލަކަށް ވެސް، އެއީ، ކޮން ބޭކަލެއްކަން އެނގިވަޑައެއް ނުގަނެ އެވެ. ތިމަން ބޭކަލުން ބަލަހައްޓަވައިގެން ތިއްބަވަނިކޮށް، އެބޭކަލަކު ވަޑައިގެން، އެކަލޭގެފާނުގެ ދެކަކޫފުޅު، އިތުރު އެކަލޭގެފާނުގެ ދެ ކަކޫފުޅުގައި ޖައްސަވައިގެން އިށީނދެވަޑައިގެންފި އެވެ. އަދި އެކަލޭގެފާނުގެ ދެ އަތްތިލަފުޅު، އިތުރު އެކަލޭގެފާނުގެ ދެ ފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވާފައި ވިދާޅުވި އެވެ.
އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

ﷲ ގެ ރަސޫލާ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޙަދީޘްކުރެއްވި އެވެ.
އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް ކަލަކު ވޮޑިގެން ނުވާކަމަށާއި މުޙައްމަދުގެފާނީ، އެކަލާނގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމެވެ. އަދި ތިބާ ޒަކާތްދިނުމެވެ. އަދި ތިބާ ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ތިބާއަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުމެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.
ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.

ޢުމަރުގެފާނު ވިދާޅުވި އެވެ.
އެކަލޭގެފާނުގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖާއިބުވެވަޑައިގެން ތިއްބެވީމު އެވެ. އެއީ، އެކަލޭގެފާނު، އިތުރު އެކަލޭގެފާނުގެ އަރިހުން އައްސަވައި، އިތުރު އެކަލޭގެފާނު ދެއްވާ ޖަވާބަކީ ތެދުކަމުގައި ވިދާޅުވާތީ އެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.
އީމާންކަމަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.
ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.
އިޙުސާންތެރިކަމަކީ، ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
އެއީ، ތިބާ، ﷲ ދެކެދެކެ ހުރި ޙާލުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައިވަނީނަމަ، އެކަލާނގެ ތިބާ ދެކެވޮޑިގެންވެ އެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.
ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
އައްސަވާ ފަރާތަށް އެ ކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިވަޑައިގެނެއް ނުވެ އެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތަކަކީ، ކޮބައިކަން، ތިމަންކަލޭގެފާނަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
އެއީ، އަޅުކަނބުލޭގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.

ޢުމަރުގެފާނު ވިދާޅުވި އެވެ.
ދެން އެބޭކަލަކު އެނބުރި ވަޑައިގެންފި އެވެ. އެއަށްފަހު، އެކަމާމެދު ފިކުރުފުޅު ކުރައްވަން ތިމަންކަލޭގެފާނު އިންނަވަނިކޮށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
އޭ! ޢުމަރުގެފާނެވެ! އެއީ ކޮން ބޭކަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯ އެވެ؟

ތިމަންކަލޭގެފާނު ދެންނެވީމެވެ.
އެއީ ކޮން ބޭކަލެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާ އެވެ.

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.


ޙަދީޘުގެ ފައިދާތައް

1.    މިއީ، ވަރަށް މުހިންމު ޙަދީޘެކެވެ. އެހެނީ، މި ޙަދީޘުގައި ވަރަށް ސާދާ ޢިބާރާތުން ބަޔާންކުރައްވާފައި މިވަނީ، ދީނުގައިވާ އެންމެ ބޮޑު ތިން ޙަޤީޤަތެވެ. އެއީ، އިސްލާމްކަމާއި އީމާންކަމާއި އިޙުސާންކަމެވެ.

2.    އެންމެ ފުޅާ ދާއިރާއެއް ޝާމިލުވެފައިވަނީ، އިސްލާމްކަމުގަ އެވެ. ދެން އީމާންކަމުގަ އެވެ. ދެން އިޙުސާންކަމުގަ އެވެ. މި ތިން ދާއިރާ، ޙަދީޘުގައި ބަޔާންކުރައްވާފައިވަނީ، ތަރުތީބުންނެވެ.

3.    ކޮންމެ އިޙުސާންތެރިޔަކު، އީމާންކަމުގެ ދާއިރާގައި ޝާމިލުވާނެ އެވެ. ކޮންމެ މުއުމިނަކު، އިސްލާމްކަމުގެ ދާއިރާގައި ޝާމިލުވާނެ އެވެ.

4.    މި ޙަދީޘުގައި އިސްލާމްކަން ބަޔާންކުރައްވާފައިވަނީ، ޢަމަލީގޮތުން ކުރާ ކަންތައްތަކަކުންނެވެ. އީމާންކަން ބަޔާންކުރައްވާފައިވަނީ، ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރާ ކަންތައްތަކަކުންނެވެ.

5.    އިސްލާމްކަމަކީ، މާތް ﷲ ޝަރުޢުކުރައްވާފައިވާ ފަދައިން އެކަލާނގެއަށް އަޅުކަންކުރުމާއި، ސިއްރާއި ފާޅުގައި އެކަލާނގެ ޙަޟުރަތަށް ބޯލަނބައި ކިޔަމަން ގަތުމެވެ.

6.    އީމާންކަމުގައި ތިންކަމެއް އެކުލެވިފައިވެ އެވެ. އެއީ، ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމާއި، ދުލުން ކިޔުމާއި، ޢަމަލުން ސާބިތުކޮށްދިނުމެވެ.

7.    އިޙުސާންކަމަކީ، ސިއްރާއި ފާޅުގައި ތިމާ ކުރާ ހުރިހައި ކަމެއް، މާތް ﷲ ދެކެދެނެވޮޑިގެންވާ ކަން، ބަހާއި ޢަމަލާއި ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމެވެ. އަދި، މާތް ﷲ ގެ ރުހިވޮޑިގަތުމަށް އެދިގެން، ހެޔޮކަންތައްތައް ކުރެވެން އޮތް އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ.

8.    ޤިޔާމަތްވާނެ އިރެއް ދެނެވޮޑިގަންނަވަނީ، މާތް ﷲ އެވެ.

9.    ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ، އަޅު އަންހެނާގެ ބަނޑުން، އެކަނބުލޭގެ ސާހިބު ކަމަނާ އުފަންވުމެވެ. އެކިއެކި ޢިލްމުވެރިން، އެ ބޭކަލުންގެ ޒަމާނުގެ ޙާލަތަށް ބައްލަވައިގެން މި ބަސްފުޅު ޝަރަޙަކުރައްވާފައި ވެ އެވެ. މިޒަމާނުގައި މިވަނީ، ރަޙިމު ކުއްޔަށް ދިނުމުގެ ވިޔަފާރި ފާޅުވެފަ އެވެ. އަދި އަޅުވެތިކުރުމުގެ އާ ގޮތްތައް ވެސް އައިސްފަ އެވެ. ރަޙިމު ކުއްޔަށްދޭ ފަޤީރު އަންހެނެއްގެ ބަނޑުން، މުއްސަންޖެއްގެ ދަރިޔަކު އުފަންވުމަކީ، މިޒަމާނުގައި ހިނގާ ކަމެކެވެ. ޙަދީޘުގައި ވަނީ، މިވާހަކަ ކަމަކަށް ނުދަންނަވަމެވެ. ނަމަވެސް، ޚިޔާލާއި ފިކުރު ތަނަވަސްކޮށްލުމުގެ ގޮތުން، މިނުކުތާ ފާހަގަކޮށްލީ އެވެ.

10.    ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އަނެއް ޢަލާމާތަކީ، ފަޤީރު ޙާލުގައި ދިރިއުޅުނު މީހުންނަށް ތަނަވަސްކަން ލިބި، އެބައިމީހުން ހައިބަތުހުރި ބޮޑެތި ބިޔަ އުސް ޢިމާރާތްތައް ބިނާކުރުމެވެ. ހުއިހައްޕާ މީހުންކަމަށް އޮތް ބަސްފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ޖަނަވާރުތަކަށް ކާންދީ ހުއިހެއްޕުމުގެ މަސައްކަތަކީ، ޢާއްމުގޮތެއްގައި ފަޤީރުން ކޮށްއުޅޭ މަސައްކަތެކެވެ. އެބައިމީހުން އެމަސައްކަތް ކޮށްއުޅެނީ، އުޖޫރައަށެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ އަަޙްމަދު, 2010-01-02 14:06:51
ވަރަށް ރަނގަޅު މުއީދު ތިކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިޔާ
...
ލިޔުނީ ދަރިވަރެއް, 2010-01-05 14:49:01
މި ޙަދީޡްގައި މިވާ (އަޅު އަންހެނާގެ ބަނޑުން، އެކަނބުލޭގެ ސާހިބު ކަމަނާ އުފަންވުން) އެހެން ގޮތަކަށްވެސް މާނަ ކުރެވޭ...އެގޮތަކީ މިހާރަކަށް އައިސް މީހުންގެ އުޅުން ގޯސްވެ،މައިން ބަފައިންނަށް ނުކިޔަމަންތެރިވެ،މައިން ބަފައިންނަށް އަމުރުކުރާތަން ފެންނާތީ..އެހެންކަމުން،އަޅު އަންހެނާގެ ބަނޑުން، އެކަނބުލޭގެ ސާހިބު ކަމަނާ އުފަންވީއެވެ.ސަބަބަކީ އަމުރުކުރުމަކީ ސާހިބުން އަޅުންނަށް ކުރާ ކަމެކެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް‰‰‰‰, 2010-01-13 02:34:20
ފަންވަތުގެ ހީވާގި ލިޔުންތެރިންގެ ގަލަންކޮޅުތަކުން ތިޔަކުރައްވާ މިންނެތް މަސައްކަތަކަށް ފަންވަތު މިކިޔުންތެރިޔާ ޝުކުރު އަދާކުރަނީ އުފަލާއި އެކުގައެވެ. މިފަދަ ޢިބްރަތްތެރި ދަރުސްތަކުން އަޅަމެންގެ ފާފަވެރިވެފައިވާ ނަފްސުތަކަށް ތައުބާވުމުގެ މަގަށް، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެނަށް ތައުފީޤު ދެއްވާށިއެވެ. ފަންވަތުގެ ތިޔަ މަތިވެރި އިޖުތިމާޢީ ޚިދުމަތަށްޓަކައި، ފަންވަތު މަސްއޫލުވެރި ފަރާތްތަކަށާއި، ލ މާތް ﷲ ގެ ރަޙްމަތާއި ސަވާބު މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 35 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300513
free counters
ބެލި ޢަދަދު: 547