ފަންވަތް ދީން ޙަދީޘް ޙަދީޘެއްގެ ހިޔަލުގައި (4)
ބެލި ޢަދަދު: 596
ޙަދީޘެއްގެ ހިޔަލުގައި (4) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދީން - ޙަދީޘް
07 ޖެނުވަރީ 2010، 23:15 ބުރާސްފަތި

ދެ ބާވަތެއްގެ ނަރަކަވެރިން ބަޔާންކުރެއްވި ޙަދީޘް


ޢަބްދުލްމުޢީދު ޙަސަން


މި ޙަދީޘުގައި ބަޔާންކުރައްވާފައިވަނީ، ދެ ބާވަތެއްގެ ނަރަކަވެރިންނެވެ. އެއްބަޔަކީ، ގެރީގެ ނިގޫތަކެއް ފަދަ ޗާބޫކުތަކަކުން މީސްތަކުންގެ ގައިގައި ތަޅާ ބަޔެކެވެ. އަނެއް ބަޔަކީ، ފޭރާން ލައިގެންވާ ޙާލު، ޢައުރަ ނިވާނުވެ، ލަންބުވައި، ލެނބެމުންދާ އަންހެނުންތަކެކެވެ.

މި ދެބައިމީހުންނަށް ހުރި އަޒާބެއްގެ ބޮޑުކަމުގެ ވާހަކަ، މި ޙަދީޘުގައިވެ އެވެ.


ޙަދީޘް

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ، رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَتُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا.




ޙަދީޘުގެ މާނަ

ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިކަމަށް، އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެފައިވެ އެވެ.

ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބަޔަކު، ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ.

(އެއް ބަޔަކީ) އެބައިމީހުންގެ އަތުގައި ގެރީގެ ނިގޫތަކެއް ފަދަ ޗާބޫކުތަކެއް ވާ ބަޔެކެވެ. އެބައިމީހުން އެ ޗާބޫކުތަކުން މީސްތަކުންގެ ގައިގައި ތަޅަ އެވެ.

އަދި (އަނެއް ބަޔަކީ) ފޭރާން ލައިގެންވާ ޙާލު، ޢައުރަ ނިވާނުވެ، (ހަށިވިއްކުމަށްޓަކައި ފިރިހެނުން އެއުރެންނަށް) ލަންބުވައި، (ހަށިވިއްކުމަށްޓަކައި އެއުރެން ފިރިހެނުންނަށް) ލެނބެމުންދާ އަންހެނުންތަކެކެވެ. އެއުރެންގެ ބޯ (ބުރުގާ ފަދަ ތަކެތި އަޅައި، ބައްޓަންކުރުމުގެ ސަބަބުން) ދެ ގޮށްގަނޑު ލީ ކަރުދިގު ޖަމަލުތަކުގެ ލެނބިފައިވާ ގޮށްގަނޑު ފަދަ އެވެ. އެއުރެންނަކު ސުވަރުގެ އަށް ނުވަންނަހުއްޓެވެ. އަދި އެއުރެންނަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭހުއްޓެވެ.

އަދި ހަމަކަށަވަރުން، އެތަނުގެ ވަސް، މިވެނި، މިވެނި، ރާސްތާއެއްގެ ދުރަށް ފޯރާފައިވާކަން ކަށަވަރެވެ.



ޙަދީޘުގެ ފައިދާތައް

1.    މި ޙަދީޘުގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ބަޔާންކުރައްވާފައި މިވަނީ، އިތުރު އެކަލޭގެފާނުގެ ޒަމާނުގައި ދުނިޔޭގައި ނެތް، ދެ ބަޔެއްގެ ވާހަކަ އެވެ. އެ ދެބައި މީހުން ފާޅުވާނީ، އިތުރު އެކަލޭގެފާނުގެ ޒަމާނަށް ފަހުގައިކަން، މި ޙަދީޘުން އެނގެ އެވެ.

2.    އެބައިމީހުންގެ އަތުގައި ގެރީގެ ނިގޫތަކެއް ފަދަ ޗާބޫކުތަކެއް ވާ ބަޔަކީ، ޙައްޤަކާ ނުލައި މީސްތަކުންނަށް އަނިޔާކޮށް، މީސްތަކުންގެ ގައިގައި ތަޅާ މީހުންކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

3.    ޙައްޤަކާ ނުލައި މީސްތަކުންގެ ގައިގައި ތަޅާ މީހުން، އެކަން ކުރުމަށްޓަކައި ނެރޭނީ ކޮން ފަރާތަކުންތޯ އެވެ؟ ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެއީ އަނިޔާވެރި ސަރުކާރަކުން ނެރޭ ބަޔަކު ކަމުގައި ވެދާނެ ކަމަށެވެ. އަދި އެއީ ސަރުކާރު ނޫން އެހެން ފަރާތަކުން، މީސްތަކުންގެ ގައިގައި ތަޅައި އަނިޔާކުރުމަށްޓަކައި ނެރޭ ބަޔަކު ކަމުގައި ވެސް ވެދާނެ ކަމަށެވެ.

4.    ޙަދީޘުގައި ނަންގަނެވިފައިވާ، ފޭރާމަކީ ނިޢުމަތުގެ ފޭރާން ކަމަށާއި، ޢައުރަ ނިވާނުވުމަކީ، ޝުކުރުވެރި ނުވުން ކަމަށް، ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެ ފޭރާން ލައިގެން ތިބޭ މީހުންނަކީ، މާތް ﷲ، އެއުރެންނަށް މުދަލާއި، ތަނަވަސްކަމާއި، ފޭރާމާއި، ގިނަގުނަ ނިޢުމަތްތައް ދެއްވާފައި ވާއިރު، އެކަލާނގެ ޙަޟުރަތަށް ޝުކުރުވެރި ނުވާ ބަޔެކެވެ. ކީއްތޯއެވެ. އުރެދުމާއި ފާފަކުރުމުގައި އެއުރެން ދެމިތިބެ އެވެ.

5.    ޙަދީޘުގައި ނަންގަނެވިފައިވާ ފޭރާމަކީ، އުނު އޮރިޔާން ނިވާކުރާ ފޭރާންކަމަށާއި، އެއިން ޢައުރަ ނިވާނުވަނީ، އޭގެ ތުނިކަމުން ނުވަތަ ކުރުކަމުން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

6.    ލެންބުވުމުގެ މާނައަކީ، އެއުރެން އުޅޭ ގޮތަށް އެހެން އަންހެނުން ލެންބުވުން ކަމަށާއި، ލެނބުމުގެ މާނައަކީ، ޢިއްފަތްތެރިކަމުން އެއްކިބާވެ، ހަށިވިއްކުން ފަދަ ފާޙިޝް ޢަމަލުތައް ކުރުން ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އަދި ލެންބުވުމުގެ މާނައަކީ، ހަށިވިއްކުން ފަދަ ފާޙިޝް ޢަމަލުތައް ކުރުމަށްޓަކައި، ފިރިހެނުން، އެއުރެންނަށް ލެންބުވުން ކަމަށް ވެސް، ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

7.    ދެ ގޮށްގަނޑު ލީ ކަރުދިގު ޖަމަލަށް، ޢަރަބި ބަހުން ކިޔަނީ، (البُخْتُ) އެވެ. ލެނބިފައިވާ ގޮށްގަނޑު ކަމަށް އޮތް ބަސްފުޅުގެ މާނައަކީ، ދެ ގޮށްގަނޑުގެ ދެމެދު އަޑިވެފައިވާއިރު، އެތަނުގެ ދެ ފަރާތުގައި ދެ ގޮށްގަނޑު ދެ ފަރާތަށް ކަތިކޮށް އުފުލިފައިވާ އުފުލުމެވެ. އެއިން ކޮންމެ ގޮށްގަނޑެއްގެ އަރިމަތި ވާނީ ލެނބިފައިވާ އެއްޗެއްގެ ސިފައިގަ އެވެ.

8.    އެއުރެންގެ ބޯ، ޖަމަލުގެ ގޮށްގަނޑު ފަދަ ކަމަށް މިސާލު ޖައްސަވާފައިވަނީ ކީއްވެގެންތޯ އެވެ؟ މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވަނީ، އެއީ، ބޮލުގައި އަޅާ ބުރުގާ ނުވަތަ ފޮތި ފަދަ ތަކެތި އޮޅައިގެން، އެއުރެންގެ ބޮލުގެ ސައިޒު ބޮޑުކޮށް، ބައްޓަންކުރާތީ ކަމަށެވެ. އެފަދަ ތަކެތިން ބައްޓަންކޮށްގެން، އެއުރެންގެ ބޯ، ޖަމަލުގެ ގޮށްގަނޑާ އެއްފަދަކުރެ އެވެ.

9.    އެއުރެން، ސުވަރުގެއަށް ނުވަންނާނެ ކަމަށާއި، ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ކަމަށް އޮތް ބަސްފުޅުގެ މާނައަކީ ކޮބައިތޯ އެވެ؟ އޭގެ މާނައަކީ، ދުވަހަކުވެސް، އެއުރެން ސުވަރުގެއަށް ނުވަނުންތޯ އެވެ؟ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ވިދާޅުވަނީ، މި ޙަދީޘުގައި ބަޔާންކުރައްވާފައިވާ ފާފަވެރި އަންހެނުން، ނަރަކައިގައި އަބަދަށް ދެމި ނުތިބޭނެ ކަމަށެވެ. އެހެނީ، ބޮޑުފާފައިގެ ތެރެއިން، މީހުން މަރާ މީހުންނާއި ޒިނޭކުރާ މީހުން ވެސް، ކާފިރުން ފަދައިން ނަރަކައިގައި ދާއިމަށް ދެމި ނުތިބެ އެވެ. އެހެންވީމާ، މި ޙަދީޘުގައިވާ ފާފަކުރާ އަންހެނުން ވެސް ނަރަކައިގައި ތިބޭނީ ވަކި މުއްދަތަކަށެވެ.

10.    ސުވަރުގޭގެ ވަހަކީ، ވަރަށް ދުރަށް ފެތުރިފައިވާ މީރު ވަހެއްކަން މި ޙަދީޘުން އެނގެ އެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)Add Comment
...
ލިޔުނީ ‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-01-10 04:06:21
ލިޔުން ވަރަށް ރަނގަޅުކަމުގައި އަޅުގަނޑު ފާހަގަ ކުރަން.. ނަމަވެސް 9 ވަނަ ޕޮއިންޓް ގެންނަވައިފައިވާ ގޮތާއި މެދު އަޅުގަނޑު އެހައި ހިތްހަމައެއް ނުޖެހޭ.. އެފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ނަންގެންނެވި ވަރަށް ރަނގަޅުވީސް. ސަބަބަކީ ކަނޑައެޅިގެން އެޙަދީޘްގެ ޢިބާރާތުގައި "އެއުރެންނަކު ސުވަރުގެއަށް ނުވަންނާނެއެވެ" މިހެން މައުނަ ކުރެވޭ ގޮތަށް އަންނަ ކަމުގައި ވާނަ، ތިޔަހެން ޝަރަހަ ކުރެއްވިބޭފުޅެއް، އެގޮތަށް ޝަރަހަ ކުރެއްވި ކުރެއްވުމުގެ ތަފްޞީލް ލިޔުއްވަންވާނެއެވެ.
...
ލިޔުނީ ނާޡީ, 2010-01-11 01:44:09
މުޞްލިޙުގެ ކޮމެންޓާމެދު އެއްޗެއް ދަންނަވާލަން ބޭނުމެވެ. އެއީ "އެއުރެން ސުވަރުގެ ނުވަންނަ ހުއްޓެވެ." މިޢިބާރާތާ "އެއުރެން ދުވަހަކުވެސް ސުވަރުގެ ނުވަންނަ ހުއްޓެވެ." މިޢިބާރާތާ ވަރަށް ބޮޑު ތަފާތެއް ވެއެވެ. އަދި ޢަޒާބުދެއްވުމަކީ އެކަލާންގެ ޢަދުލުވެރިކަމުގެ ޞިފައެކެވެ. އަދި ޢަޒާބު ދެއްވުމަށްފަހު ދޫކޮށްލެއްވުމަކީ ނުވަތަ އެއްގޮތަކަށްވެސް ޢަޒާބު ނުދެއްވުމަކީ އެކަލާންގެ ރަޙުމަތްވަންތަކަމުގެ ޞިފަފުޅެކެވެ.
...
ލިޔުނީ ‰‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-01-11 06:15:07
ތިޔަ ވިދާޅުވީ ރަނގަޅުވާހަކައެއް. ނަމަވެސް އަޅުގަނޑުގެ ސުވާލުގައި، ދަންނަވައިފައި އޮންނާނީ މިފަދަ ގޮތަކަށް ލިޔުއްވާއިރު އެފަދައިން ވިދާޅުވާ އިތުބާރުހުރި ދީނީ ޢިލްމުވެރިއެއްގެ ބަސްފުޅާއި ޙަވާލައިދެއްވުން ވަރަށް ރަނގަޅޭ އެހެންވީމަ އަޅުގަނޑުގެ ސުވާލުގެ ޖަވާބު ލިބުމުގެ އިންތިޒާރީގައި ހުރި ވާހަކަ އަދަބުވެރިކަމާއި އެކު ދަންނަވަން.
...
ލިޔުނީ މެދުމިން, 2010-01-11 07:07:58
ޝަހާދަތްކިޔައިގެން އީމާންވެގެން ހުރި މުސްލިމަކަށްކުރެވޭ ފާފައެއްގެ ސަބަބުން އޭނާ ދާއިމަށް ނަރަކައިގައި އޮންނަން ޖެހޭނަމަ ސުވާލަކީ ކީއްވެތޯއޭ ފާފަތަކަށް ވަކިވަރެއްގެ ޢުޤޫބާތްތަކެއް ކަނޑައަޅުއްވާފައިވަނީ؟ ޤަބޫލުކުރެވެނީ ނަރަކައިގައި ވެސް އޭނާގެ ފާފަޔަށް ޙައްޤުވާ އަދަބު ލިބުމަށްފަހު ސުވަރުގޭގެ ނިޢުމަތަށް ގެންދަވާނެ ކަމަށް.
...
ލިޔުނީ ޒާން , 2010-01-11 10:29:35
ޙަދީސަކީ ވަރަށް މުހިއްމު ޙަދީސެކެވެ. ލިޔުންވެސް ވަރަށްރަނގަޅެވެ. އެކަމަކު އަޅުގަނޑު އިތުރުކޮށްލަން ބޭނުންވާ ނުކުތާތަކެއްގެ ވާހަކަ ދަންނަވާނަމެވެ. 5ވަނަ ނުކުތާގައި ޢައުރަނިވާނުވާ ސަބަބުތަކުގެތެރޭގައި ހިމަނުއްވާފައިވާ ދެކަމުގެ އިތުރަށް ބާރުވުން ހިމަނާލެއްވުމަށް ދަންނަވަމެވެ. އިމާމްނަވަވީ ޞަޙީޙު މުސްލިމްގެ ޝަރަޙައިގައިވެސް އެބައި ގެންނަވައެވެ. 9ވަނަ ނުކުތާއާމެދު ދަންނަވަމެވެ. ބޮޑެތި ފާފަތައްކުރާ މީހުންގެ މައްސަލާގައި އަހުލުއްސުންނާ ވަލްޖަމާޢާގެ ބޭފުޅުންގެ ފިކުރު އުސްތާޛު މުޢީދުވަނީ ރަނގަޅަށް ބަޔާންކޮށްދެއްވާފައެވެ.
މިލިޔުމަކީ ފައިދާހުރި ލިޔުމެކެވެ. ޝުކުރިއްޔާ.
...
ލިޔުނީ عبد المعيد حسن, 2010-01-11 12:57:28
ޚިޔާލު ހުށަހެޅުއްވުމުގައި، ބައިވެރިވެވަޑައިގެންނެވީތީ، މުޞްލިޙު މުޙައްމަދު އިސްމާޢީލަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.
މާތް ﷲ، އެކަލާނގެ ޙުކުމްފުޅުތައް ބާވައިލެއްވީ، ޚަވާރިޖުން ހިތްހަމަޖެހޭ ގޮތަށްތޯ އެވެ؟ ބޮޑު ފާފައެއް ކުރި މީހާ، ނަރަކައިގައި އަބަދުގެ އަބަދަށް ދެމިގެންވާ ކަމަށް ބުނަނީ، ޚަވާރިޖުންނެވެ. ބޮޑު ފާފަކުރާ މީހާއާމެދު، މުޢުތަޒިލާއިންނާއި ޚަވާރިޖުން ދެކޭގޮތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ފަޟީލަތުއް ޝައިޚު ޑރ. ސަފަރުލް ޙަވާލީ ވިދާޅުވެފައިވެ އެވެ.
"ސަލާމަތް ބުއްދީގެ އަހުލުވެރިން، ވިސްނައި ފިކުރުކޮށްފިނަމަ، ނައްޞުތަކާ (އެބަހީ، އާޔަތްތަކާއި ޙަދީޘުތަކާ) އިއްތިފާޤުވަނީ، ސުންނަތް ޖަމާޢަތުގެ މަޒުހަބުކަން އެބައިމީހުންނަށް އެނގޭނެކަން ކަށަވަރެވެ. އަދި ސާފު ފިޠުރަތާ ވެސް އިއްތިފާޤުވަނީ، އެމަޒުހަބުކަން އެނގޭނެކަން ޔަޤީނެވެ. އެހެނީ، ނަމާދުކޮށް، ރޯދަހިފައި، ކަޢުބަތުﷲ ގެފުޅަށް ޙައްޖުވި މުސްލިމަކު، ޒިނޭކުރިޔަސް، ރާބުޔަސް، އޭނާ ޔަހޫދީންނާއި ނަޞާރާއިންނާ އެއްފަދައެއް ނުވާނެ އެވެ. އަލްއަޢުރާފު ސޫރަތުގެ 156 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ، (وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ) މިފަދައިންނެވެ. މާނައީ، "އަދި ތިމަންރަސްކަލާނގެ ރަޙުމަތް، ކޮންމެ އެއްޗަކަށްމެ ތަނަވަސްވެގެންވެ އެވެ." ނަމަވެސް، ހިތް ކަނުވެ، ހަވާނަފުސާ ތަބާވެއްޖެ މީހާ، ޙުކުމްތައް ބަޔާންކުރައްވާފައިވާ ނައްޞުތައް، އެއްވެސް ބިރެއް ޖެހިލުމެއްނެތި، ފާރުބުޑަށް ޖަހާނެއެވެ."
...
ލިޔުނީ ‰‰‰މުސްލިހު މުޙައްމަދު އިސްމާޢީލް, 2010-01-12 07:43:31
ޢަބްދުލްމުޢީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ ބޭނުމަކަށްވީ ލިޔުމުގައި އެހެން އޮއްވައި، އެލިޔުން ކިޔުއްވައިފާނޭ، އަޅުގަނޑުގެ އަޚެއް ނުވަތަ އުޚުތަކަށް ނުބައި މާނައެއް ކުރެވިދާނެ ކަމަށްޓަކައެވެ. މާތް ﷲ އަހަރަމެން ތިޔަ ހުރިހާ ފިރުޤާތަކުގެ ނުބައިކަމަކުން އަޅަމެން ސަލާމަތް ކުރައްވައިފާނދޭވެ. އަދި ހަމަ އެކަނި ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް އަޅަމެން ޢަމަލުތައް ސީދާ ކުޅައުމުގެ ތައުފީޤު ދެއްވަތްތޯވެ އެދި އާދޭސް ދަންނަވަމެވެ.
...
ލިޔުނީ ތުއްފާށަނާ, 2010-01-13 10:44:12
(ތުއްފާށަނާ ހުށަހެޅުއްވި ޚިޔާލުފުޅުގައިވަނީ، ފެށުމާ ނިމުމާ ދިމާނުވާ ވާހަކަތަކެއް ކަމަށްވާތީ، އެހެން ކިޔުންތެރިންނަށް އެ ޚިޔާލުފުޅުން އޮޅުން އެރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެ، ހުށަހެޅުއްވި ޚިޔާލުފުޅު އުނިކޮށްލަން ޖެހުނީއެވެ. ޚިޔާލު ހުށަހެޅުއްވީތީ ޝުކުރު ދަންނަވަމެވެ.)
...
ލިޔުނީ ޒާން, 2010-01-14 17:26:49
(ހުށަހަޅުއްވާފައިވާ ޚިޔާލުފުޅުގައި، ފަންވަތުގެ ހަމަތަކަށާއި އެނޫން ކަންކަމަށް، ރިޢާޔަތްކުރައްވާފައިވާ ކަމަކަށް ނުފެނެއެވެ. މިހެންވެ، ހުށަހެޅުއްވި ޚިޔާލުފުޅު އުނިކޮށްލަން ޖެހުނީއެވެ. ޚިޔާލު ހުށަހެޅުއްވީތީ ޝުކުރު ދަންނަވަމެވެ.)

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 44 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300693
free counters
ބެލި ޢަދަދު: 596