ފަންވަތް ދީން ޙަދީޘް ޙަދީޘްގެ ޢިލްމުތައް (ޢުލޫމުލް ޙަދީޘް)
ބެލި ޢަދަދު: 715
ޙަދީޘްގެ ޢިލްމުތައް (ޢުލޫމުލް ޙަދީޘް) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 19
ދެރަވަރަށްމޮޅު 
ދީން - ޙަދީޘް
09 އެޕރީލް 2009، 00:19 ބުރާސްފަތި


ޔާސީން ނަސީމު އަބޫބަކުރު / ލ.މާވަށް

ޙަދީޘް ޢިލްމު ނުވަތަ ޢުލޫމުލް ޙަދީޘަކީ " ޙަދީޘް ގަބޫލުކުރުމަށް ނުވަތަ ރައްދުކުރުމަށް ޓަކައި، ސަނަދާއި މަތުނުގެ ޙާލަތްތައް ދެނެގަންނާނެ ޤަވާޢިދުތަކާއި އުޞޫލުތައް އަންގައިދޭ ޢިލްމެވެ."

(ސަނަދު  ނުވަތަ އިސްނާދަކީ މަތުނާއި ހަމައަށް ފޯރުކޮށްދޭ ނުވަތަ ވާޞިލުކޮށްދޭ ރާވީންގެ ސިލްސިލާއެވެ.އެއީ ޞަޙާބީބޭކަލެއްގެ ފަރާތްޕުޅުން ފެށިގެން އެޙަދީޘެއް އެންމެފަހުން ރިވާކުރައްވާ ބޭފުޅަކާއި ހަމައަށެވެ. މަތުނަކީ ސަނަދު ނިމޭހިސާބުން ފެށިގެން ދެން އޮންނަބައެވެ. ނުވަތަ އެއީ ޙަދީޘެވެ.)

ޢުލޫމުލް ޙަދީޘް އުފެދިގެން އައި ގޮތާއި މިޢިލްމުގެ ތާރީޚު

ޚަބަރެއް ލިބިއްޖެ ނަމަ އެކަމެއް ޤަބޫލުކުުމުގައި ޢަމަލުކުރަންވީ ގޮތް މާތްﷲ ކީރިތި ޤުރުއާނުގައި އަންގަވާދެއްވާފައި ވެއެވެ.

" يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا


عَلَى مَا فَعَلْتُمْ نَادِمِينَ (الحجرات ٦)"


 މާނައީ " އޭ އީމާންވި މީސްތަކުންނެވެ. ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އޭގެ ތެދު ދޮގު ބަލައި، އެކަމުގެ ޙަޤީޤަތް ހޯދާށެވެ. އެއީ ނޭނގިތިބެ ތިޔަބައިމީހުން ޤައުމަކާއި ހަނގުރާމަކޮށް، އެބައިމީހުން ޤަތުލުކޮށް ނުހެދުމަށެވެ. އެހެންވެއްޖެނަމަ ތިޔަބައިމީހުން އެކުރެވުުނު ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ވެދާނެއެވެ." އަދި އެކަމުގެ އަސާސީ އުޞޫލުތަކާއި، ހަމަތައް މާތް ރަސޫލާ” ގެ ސުންނަތުގައި ބަޔާން ކުރައްވާފައިވެއެވެ.

މާތްﷲއާއި އެކަލާނގެރަސޫލާ”ގެ އަމުރުފުޅުތަކަށް ކިޔަމަންވުމުގެ ގޮތުން ޞަޙާބީ ބޭކަލުން އެބޭކަލުންނަށް ލިބިވަޑައިގަންނަވާ ޚަބަރުތަކުގެ ދޮގު ތެދު ބައްލަވާ ޙަޤީޤަތް ހޯއްދެވިއެވެ. ޚަބަރު ގެންނަމީހެއްގެ ތެދުވެރިކަމާބެހޭ ގޮތުން ޝައްކެއް އުފެދިއްޖެނަމަ އެބޭކަލުން ވަކިންބޮޑަށް އެކަމުގެ ޙަޤީޤަތް ބައްލަވާ ހެއްދެވިއެވެ. މިގޮތުން ސަނަދުގެ މުހިންމުކަމާއި އެކަމުގެ އަގުބޮޑުކަން، ވަޒަންވެ ހާމަވެގެން ދިޔައެވެ. އަދި ކީރިތި ރަސޫލާ”ގެ ޙަދީޘްތައް އައިސްފައިވަނީ ޞައްޙަގޮތުގައި އިތުބާރާއި އެކުގައިކަން އެނގިގެންދެއެވެ.

އަލްއިމާމު މުސްލިމު އެކަލޭގެފާނުގެ  ޞަޙީޙުގެ މުޤައްދިމާގައި އިބުނު ސީރީނުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެބައިމީހުން، އެބަހީ އަޞްޙާބު ބެއިކަލުން، އެޖީލުގެ ކުރީކޮޅުގައި، ޚަބަރު ގެންނަފަރާތްތަކާމެދު، އެބަހީ ޙަދީޘްގެ ސަނަދާ ބެހޭގޮތުން، ސުވާލެއް ނުކުރައްވައެވެ. ނަމަވެސް ފިތުނަވެރިކަން އުފެދުމުން ޙަދީޘް ރިވާކުރާ މީހުންނާ ބެހޭ ގޮތުން ސުވާލުކުރަން ފެށުނެވެ. އެބޭކަލުންގެ  ގާތަށް ޚަބަރެއް އަތުވެއްޖެނަމަ އެބޭކަލުން ވިދާޅުވެތެވެ.  ތިޔަ ޚަބަރު ގެނައީ ކޮންބައެއްގެ ފަރާތުންތޯ ތިމަން ބޭކަލުންނަށް  ބުނެދޭ ހުށިކަމެވެ.  ދެން އޭގެތެރެއިން ސުންނަތުގެ އަހުލުވެރިން ( ބިދުޢަތަކުން އެއްކިބާވެ ޤުރުއާނާއި ސުންނަތަށް ތަބަޢަވެ އުޅޭމީހުން) ރިވާކުރައްވާފައިވާ ޙަދީޘުތައް ޤަބޫލުކޮށް ބިދުޢައިގެ އަހުލުވެރިންގެ ޙަދީޘްތައް ރައްދުކޮށް ދޫކޮށްލައްވައެވެ.  
ޙަދީޘް އޭގެ ސަނަދު ނެތިއްޖެނަމަ ގަބޫލެއް ނުކުރެވެއެވެ.އެހެނީ ޙަދީޘް ގަބޫލު ކުރެވޭނީ ކީރިތި ރަސުލާ”ގެ އަރިހުން ރިވާ ކުރެވެމުންއައިސްފައިވާ ސިލްސިލާއާއި އެކުގައެވެ. މިކަމުގެ ސަބަބުން الجرح والتعديل (ރާވީންނަށްފާޑުކިއުން ) ގެ ޢިލްމާއި ރާވީންގެ ޙަޤީޤަތް ތަކާއި ބެހޭގޮތުންނާއި އަދި މިނޫންވެސް ޙަދީޘާއި  ގުޅުންހުރި ޢިލްމުތައް ފެށިގެން އައެވެ. އަދި ޙަދީޘްޢިލްމު، ފުޅާވެ ތަނަވަސްވެގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޢިލްމުތައް ފޮތްތަކުގައި ލިޔެވެން ފެށުނެވެ. އެހެން ނަމަވެސް އެއިރު ޙަދީޘު ޢިލްމު ލިޔެވިފައި ހުރީ އެހެނިހެން ޢިލްމުތަކުގެތެރޭގައި ހިމެނިގެންނެވެ. ވަކި މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައެއްނޫނެވެ. މިސާލަކަށް އުޞޫލުޢިލްމާއި ފިޤުހުޢިލްމުގެ ތެރޭގައެވެ. އަލްއިމާމު އައްޝާފިޢީ، އެކަލޭގެފާނުގެ الرسالة އާއި الأمّ މިދެފޮތުގައިވެސް ޙަދީޘު ޢިލްމާއި ބެހޭގޮތުން ލިއުއްވާފައި ވެއެވެ. 

އިސްވެ ދިޔަގޮތަށް ކަންތައްތައް ހިނގަމުންގޮސް ޢުލޫމުލްޙަދީޘު މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައި ވަކިވެގެން ދިޔައީ ހިޖުރައިން ހަތަރުވަނަ ޤަރުނުގެ ތެރޭގައެވެ. މިގޮތުން ޢުލޫމުލް ޙަދީޘް އެންމެ ފުރަތަމަ ވަކި ޢިލްމެއްގެ ގޮތުގައި ނުވަތަ ވަކި ފަންނެއްގެ ގޮތުގައި ލިއުއްވި އެއްބޭކަލަކީ އަލްޤާޟީ އަބޫ މުޙައްމަދު އަލްޙަސަނުބުނު ޢަބުދުއްރަޙުމާނު ބުނު ޚައްލާދު އައްރާމުހުރްމުޒީ (360ހ) އެވެ. އެކަލޭގެފާނު ލިއުއްވި ފޮތަކީ المحدّث الفاصل بين الراوي و الواعي (އަލްމުޙައްދިޘުލްފާޞިލު ބައިނައްރާވީ ވަލްވާޢީ) އެވެ.
 
ޙަދީޘު ޢިލްމުގައި ލިއުއްވާފައިވާ ބައެއްފޮތްތައް:

الكفاية في علم الرواية – الخطيب البغدادي (463ހ)
علوم الحديث – ابن الصلاح ( 643ހ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ މަރިޔަމް ނޫހީން, 2009-04-09 06:57:27
މި ލިޔުން އެނގޭތަ މިބަޔަށް ލާފައިއޮތުމުން މި މައުލޫގެ ހައިބަތު ގެއްލޭކަމަށް ފެނެއެވެ. އެހެންކަމުން ދީނުގެ ތެރެއިން ސިޔަރަތު ނުވަތަ ދިރާސާ ބަޔަކަށް ލިޔުން ލެއްވުން ކިޔެއްތޯއެވެ!! ނޫނީ އަޅުގަނޑަށް ފެންނަހެން ހަމަ ދީނުގެ ތެރޭގައި ޙަދީސް އަށް ( ދެން އޭގެ ތެރޭގައި ޢުލޫމުލް ޙަދީސްއަށްވެސް) ވަކި ބައެއްވެސް ހެއްދެވިދާނެ ނޫންތޯއެވެ!!! އަޅުގަނޑު މިވާހަކަ މިދަންނަވާލީ ވ ޣީރަތްތެރިކަމާއެކީއެވެ!
...
ލިޔުނީ ފަންވަތް , 2009-04-09 12:53:37
މަރިޔަސް ނޫހީން އެދިވަޑައިގަތް ގޮތުގެ މަތިން، ''ޙަދީޘް'' މި ގިންތި އިތުރު ކޮށް، އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް، ޙަދީޘާބެހޭ ލިޔުންތައް އެ ގިންތީގެ ތެރެއަށް ޖަމާކުރެވޭނެ އެވެ. ހިއްސާކޮށްލެވި އިޚްލާޞްތެރި ޝުޢޫރަށްޓަކައި ވަރަށް ޝުކުރު ދަންނަވަމެވެ. wwww.fanvai.info
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-07-01 08:54:25
މަރިޔަމް ނޫޙީންގެ ޚިޔާލަށް އިޙުތިރާމުކުރާ ޙާލު، އަޅުގަނޑު އެއްޗެއް މިދަންނަވަނީ، ވަރަށް ޙިކުމަތްތެރިކަމާއެކުގައެވެ.

ދިވެހި މުޖުތަމަޢުގެ މިއަދުގެ ޙާލަތަށް ބަލާއިރު، ފަންވަތުގައި ޙަދީޘަށް ވަކި ބަޔެއް ހެދުމަކީ، އެދޭވޭ ކަމެއް ކަމުގައި ނުދެކެމެވެ. މިއަދު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވެފައި މިވަނީ ރަނގަޅު ޢަޤީދާއަކަށެވެ. ދެން ފިޤުހަށެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި މިއޮންނަނީ، ދެތިން ޙަދީޘާއި އޭގެ މާނަ ލޮލަށް ފެނުނީމާ، ތިމަންނަ ދަންނަބޭކަލަކަށް ވީ ކަމަށެވެ.

ފަންވަތުގައި މިވެނި ބަޔެއް ނެތޭ ކިޔާފައި މީހަކު ހަމަ ގޮވާލާއިރަށް އެބަޔެއް ހަދާކަށް ނުޖެހެއެވެ. މިސާލަކަށް އަޅުގަނޑު މިބުނަނީ، ކެމިސްޓްރީއާއި މެތެމެޓިކްސްގެ ބަޔެއް ފަންވަތުގައި ހަދައިދޭށެވެ. ދެން އެކަން ކުރަންވީތޯއެވެ؟

ޙަދީޘް ޢިލްމު ކުރިއެރުވުމަށްޓަކައި، މީހަކު މަސައްކަތްކުރުމަކީ، އެދެވިގެންވާ ރަނގަޅު ކަމެކެވެ. ނަމަވެސް، އެއްބަސް ނުވެވޭނެ ކަމަކީ، އެކަން ކުރުމުގެ ނަމުގައި ވަކި މަޒުހަބެއް ނުވަތަ ވަކި ގޮތްތަކެއް ކުރިއަރުވަން މަސައްކަތްކުރުމެވެ. އެކަންކުރާ ބަޔަކު ވާނީ، ދީނަށް ނަޞްރު ދިނުމުގެ ނަމުގައި ދީނަށް ފުރައްސާރަކުރާ ބަޔަކު ކަމުގައެވެ. އަޅުގަނޑުމެންނީ، އެފަދަ ބަޔަކު ކަމުގައި މާތް ﷲ ނުލައްވާށިއެވެ. އާމީން.
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދުގެ ޚިޔާލުފުޅަށް ތާއިދުކުރާ ހާލު, 2009-07-01 20:47:08
ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެކެވެ. ސެލް ބަޔޮލަޖީ އަދި ރޮކެޓް ސައިންސް ފަދަ ދާއިރާތަށްވެސް ފަންވަތަށް އިތުރު ކުރަންވީއެވެ. އެދާއިރާތަކުން ލިޔުންތައްލިބެމުން ދާވަރަކަށްބަލައިގެންނެވެ. ހަދީސްއަށް ހާއްސްކުރައްވާވައިގެން ގިނަ ލިޔުއްވުންތަކެއް ލިޔުއްވާ ބޭފުޅުން އެބަ ފަންވަތަށް ފޮނުވައެވެ. "ވަކި މަޒުހަބެއް ނުވަތަ ވަކި ގޮތްތަކެއް ކުރިއަރުވަން މަސައްކަތްކުރު" މަކީ ފަންވަތުގެ ހިޔަލުގައި ނުކުރެވޭނެ ކަމެއްކަން އޭގެ ހަމަތަކުން ސާބިތުވެއެވެ. ޚާއްޞަކޮށް ތަޢައްޞުބާއި އެކު ކަމަށްވާނަމައެވެ. މިއާ ޚިލާފަށް ޢިލްމެވެރި ފަރާތަކުން ޢިލްމީ އުސްލޫބަކުން މަޛްހަބުތަކުގެ ޚިލާފު ހިމެނޭ ލިޔުމެއް ހުށަހެޅުމަކުން އެ ޖެހުމަކަށް އަޅުގަނޑުހިތުން ފަންވަތްވެސް ދެކޮޅެއް ނުހަދާނެއެވެ. އަދި އަޅުގަނޑުގެ ޚިޔާލަށް ފަންވަތުން ތާއިދުކުރެއްވުންވެސް އެކަމުގެ ގޯހެއް ނެތްކަމަށް ފަންވަތައް ފެންނަކަން ކިތައްމެ ރީއްޗަކަށްވެސް އެނގިގެންދެއެވެ.
މި މި ދަންނަވާ ގޮތުން ފަންވަތުގެ ގޮފިތައް އިތުރުވެގެން ދިއުމަކީ މައުލޫމާތުގެ ސައިޓެއްގެ ގޮތުން ފަންވަތުގެ ބުރަދަން އިތުރަށް ބަރުވެގެން ދާނެ ސަބަބެއް ކަމުގައި ނޫނީ ނުވާނެއެވެ.
-މަރިޔަމް ނޫހީން-
...
ލިޔުނީ ”ޔާސީން ނަސީމް, 2009-07-02 02:31:36
ޙުސައިން ޢަލީ މުޙައްމަދުގެ ޚިޔާލާ އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތު، "ޙަދީޘު ޢިލްމު ކުރިއެރުވުމަށްޓަކައި، މީހަކު މަސައްކަތްކުރުމަކީ " އޭ އޮތުމުން އަޅުގަނޑަށް ދޭހަވީ އިސްލާމްދީނާއި ޙަދިޘާއި ވަކިކޮށްލެވިފައިވާ މިންވަރު. ޙަދީޘަކީ އިސްލާމްދީނުގެ ދެވަނަ މަޞްދަރު، ޙަދީޘު ޢިލްމާއި ނުލައި،ޢަޤީދާއެއްވެއް އަދި ފިޤުހެއްވެސް ޙާޞިލެއް ނުކުރެވޭނެ. ޙަދީޘަކީ ޤުރުއާނުގެ ތަފުސީރު. ކަމަކާމެދު ޚިޔާލު ތަފާތުވެއްޖެނަމަވެސް އަޅުގަނޑުމެން އެނބުރިދާން ޖެހޭނީ އެދެމަޞްދަރަށް. ކީރިތި ޤުރުއާނާއި ކީރިތި މާތްރަސޫލާ ޞައްލަﷲ ޢަލައިހ ވަސައްލަމްގެ ސުންނަތަށް.

އެއްދުވަހަކު އަޅުގަނޑާއި ދިމާވި ޙާދިޘާއަކީ؛ އަޅުގަނޑު ފިހާރައަކަށް ވަންއިރު ޓީވީއިން ދީނީ ތަޤުރީރު އަންނަމުންދޭ. ދެން ފިހާރައަށް އައިމީހަކު އެބަލާލަން މަޑުކޮށްލާފަ ބުނީ. "ކޮންމެ ކަމަކަށް ޢަރަބި ބަހުން ކޮންމެސް އެއްޗެއް ކިޔާފަ މާނަ ކިޔާފަ ބުނާނޭ ޙަދީޘޭ، ތީހަދަ ހަދައިގެން ކިޔާއެއްޗެހި ނޫންކަމެއްވެސް ނޭނގެޔޭ." އަޅުގަނޑުގެ ހިތަށް ވަރަށް ތަދުވި. އެކަމަކު އަޅުގަނޑު ހިތައް އެރީ އޭނާއަށް ޙަދީޘަކީ ކޮބައިކަން އަދި އޭގެ އަގު ވަޒަންނުކުރެވެނީއޭ.
އަދި މީގެ އިތުރުން އޭގެފަހުނަ ދުވަހު ނޫހެއްގައިވެސް ޙަދީޘްގެ މަޤާމް ގެއްލޭފަދަ ލިޔުމެއް ލިޔެފައި އޮއްވާ ފެނިއްޖެ.
އެހެންކަމުން މިމަޢުޟުގައި ފަންވަތް މެދުވެރިކޮށް ޢާންމުންނަށް މަޢުލޫމާތުކޮޅެއް ގެނެސްދޭން ބޭނުންވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި މެދު އިހުމާލު ކުރެވިފައިވާ މިންވަރުގެ ބޮޑުކަމުން.


...
ލިޔުނީ عبد المعيد حسن, 2009-07-02 18:18:18
މަރިޔަމް ނޫހީންގެ ޚިޔާލަށް ތާއީދުކުރަމެވެ. އަޅުގަނޑުވެސް ބުރަވަނީ، މަޢުލޫމާތުގެ ގޮތުން، ފަންވަތް މުއްސަނދި ކުރުމަށެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު، ތަފާތު މަޛުހަބުތަކުގެ ރައުޔުތައް ލިޔުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެކަން ކުރުމަށް، ފަންވަތުގެ ހަމަތަކާއި ބައެއް ކިޔުންތެރިންގެ ހޭލުންތެރިކަން ތަން ނުދިނަސް، ވިންދު ޖަހާ އުންމީދު ދަމަހައްޓަން ޖެހޭނެއެވެ. ފިލޯސަފަރަކު ބުނެފައި ވެއެވެ. ވާރޭ ވެހެނީ ގަސް ހެދޭ ތަންތަނަށެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 

މިވަގުތު ފަންވަތުގައި

މިވަގުތު 34 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300569
free counters
ބެލި ޢަދަދު: 715