މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ﷲ އަށް ބިރުވެތިވުމުގެ ދަރުމަ |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 24 ފެބްރުވަރީ 2010، 00:26 ބުދަ | |||
|
ޙަޤީޤީ ވާހަކަ ތަރުޖަމާ: ޙުސައިން ޝާކިރު މިއީ، ކައު އިތުރު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެވަނަ ޚަލީފާ، މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޒަމާނުގައި ހިނގާފައިވާ ވާޤިޢާ އެކެވެ. އެއްދުވަހަކު ހުއިހައްޕާއުޅޭ ފަގީރު އަންހެނަކު އޭނާގެ ބަކަރިތަކުން ކިރުފެލައިގެން އައިސް އޭނާގެ ދަރިފުޅު ގާތުގައި ބުންޏެވެ. "ދަރިފުޅާ ކަނބުލޯ އެވެ. މި ކިރުފޮދުގެ ތެރެއަށް ކުޑަ ފެންފޮދެއް އަޅައި ކިރުފޮދު އިތުރުކޮށްލަދޭށެވެ. އެހެން ހެދީމާ ކިރު ވިއްކައިގެން އަހަރެމެންނަށް އިތުރު ފައިސާ ލިބޭނެއެވެ" މި ކުއްޖާއަށް އޭނާގެ މަންމަގެ ބުނުމުގެ އަޑުއިވުމުން ބުންޏެވެ. "ލޯބިވާ މަންމާ އެވެ! ކިރުގެ ތެރެޔަށް ފެންއަޅައި ގަނޑުބަޑުކުރާކަށް އަޅުގަނޑު ނެތީމެވެ. މާތްﷲ ގެ ރަސޫލާގެ ޚަލީފާ ސައްޔިދިނާ ޢުމަރުގެފާނު ވަނީ، ވިޔަފާރީގައި މަކަރުހަދައި ތަކެތި ގަޑުބަޑު ކުރުން މަނާކުރައްވާފައެވެ". މަންމަ ޖަވާބު ދިނެވެ. ޚަލީފާ ތިހެން އެންގެވިކަން މަންމަ ވެސް ދެނެހުރީމެވެ. އެކަމަކު މިވަގުތު ޚަލީފާއަށް އަހަރެމެން ފެނިވަޑައިގަންނަވާނީ ކިހިނެއްހެއްޔެވެ. އިހަށް މަންމަގެ އަޑުއަހާށެވެ. ކިރުފޮދުގެ ތެރެއަށް ކުޑަ ފެންފޮދެއް އަޅައި އެއްކޮށްލަ ދޭށެވެ" އަންހެން ކުއްޖާ ބުންޏެވެ. "ލޮބުވެތި މަންމާ އެވެ! ޝައްކެއްނެތެވެ. މިވަގުތު މާތްﷲ ރުއްސުންލެއްވި ސައްޔިދިނާ ޢުމަރުގެފާނަށް އަހަރެމެންނެއް ފެނިވަޑައެއް ނުގަންނަވާނެއެވެ. އެކަމަކު ﷲ ދެކެވޮޑިގެން ވާނެއެވެ. އަހަރެމެން ކިރަށް ފެންއަޅައި ގަޑުބަޑުކުރާއިރު އެކަން ﷲ އަށް ސިއްރުވެ ވޮޑިގެން ވާނެހެއްޔެވެ؟" ދަރިފުޅުގެ ވާހަކަ އިވިފައި ﷲ ގެ ކޯފާއަށް ގަތްބިރުގެ ބޮޑުކަމުން މަންމަ ހިމޭންވެގެން ދިއައެވެ. ނޫނެކެވެ. ދަރިފުޅާއެވެ. އަހަރެމެންގެ ހިތުގައި ވަންހަނާކޮށްފައިވާ ސިއްރުވެސް ﷲ ދެނެވޮޑިގެންވާނެއެވެ. މަންމަ ބުންޏެވެ. ﷲ އަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެކަން އެނގެއެވެ. މަންމައާ ދަރިފުޅު މިވާހަކަ ދައްކަމުން ދިއަވަގުތު، އެމީހުން ދައްކާ ވާހަކަ އަޑުއަހަން މީހަކު އެގޭ ދޮރުކައިރީ މަގުމަތީ ހުއްޓެވެ. އެބައިމީހުން ކިރާ ފެން އެއްކޮށް ގަޑުބަޑުކުރުމުގެ ޚިޔާލު ދޫކޮށްލުމުން އެމީހާވެސް އެތަނުން ހިނގައްޖެއެވެ. ވާހަކަ ކިޔާ ކުދިންނޭވެ! އޭގެ ފަހުން ކަންހިގިގޮތުގެ ވާހަކަ މިހާރު އަޑުއަހާށެވެ! ޖެހިގެން އައި ދުވަހު އެދެމައިން ގޭގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ވެރިކަމުގެ ފަރާތުން މީހަކުއައިސް ބުންޏެވެ. "ތިޔައިގެ ދެމައިން، ތިމަންނައާއެކު، ޚަލީފާ އަރިހަށް ޙާޟިރުވުމަށް ޚަލީފާ އަންގަވައިގެން އައިމެވެ." މި އަމުރު އިވިމުން މިދެމައިން ވަރަށްބޮޑަށް ކަންބޮޑުވެ ވިސްނިއެވެ. ޚަލީފާގެ ދަރުބާރަށް ދިއުމަށް އަހަރެމެންނަށް އެންގެވީ ކީއްވެކަން ދެނެވޮޑިގެންވާނީ ﷲ އެވެ. އެހެނަސް ޚަލީފާގެ އެންގެވުން ކޮންމެހެންވެސް ތަންފީޒުކުރަން ޖެހޭނެއެވެ. ބިރުން ތުރުތުރު އަޅަމުން ވެރިކަމުގެ ފަރާތުން އައި މީހާއާއެކު އެ ދެމައިން ދިއައެވެ. އެ ދެމައިން ޚަލީފާގެ އަރިހަށް ދިއުމުން ވިދާޅުވިއެވެ. "އަހަރެންނަށް ބުނެދޭށެވެ. ރޭ ތިޔަ ދެމައިންގެ ދޭތެރޭ ދެކެވުނީ ކޮންވާހަކައެއްހެއްޔެވެ؟" ޚަލީފާގެ ދަރުބާރުގައި ދޮގުހެދުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއްނޫނެވެ. އެ ކަނބުލޭގެ ސާފު ސާފުކޮށް ހުރިހާ ވާހަކައެއް ދެންނެވިއެވެ. މިކަނބުލޭގެ ދެއްކި ހުރިހާ ވާހަކަ އަޑުއައްސަވައިފައި މާތް ޚަލީފާ ވަރަށް އުފާފުޅު ކުރައްވައި ވިދާޅުވިއެވެ. "ކަނބުލޭގެ ގެ މި ތަޤުވާވެރި ދަރިފުޅު މަގޭ ޅީދަރިފުޅަކަށް ހެދުމަށް އަހުރެން އެދެމެވެ. ކަނބުލޭގެ ގަބޫލު ކުރާނަމަ އަހަރެންގެ ދަރިފުޅާއި ކަނބުލޭގެ ގެ ދަރިފުޅާ ކައިވެނި ކުރުވުމަށް އަހަރެން ބޭނުމެވެ. މުއުމިނުންގެ އަމީރު ސައްޔިދިނާ ޢުމަރުގެފާނުގެ މި ވާހަކަފުޅުގެ އަޑުއިވުމުން ގޭގައި ހުއްޓާ ރަސްކަން ލިބިގެން އައީކަމުގައި މި ކަނބުލޭގެއަށް ހީވިއެވެ. މުސްލިމުންގެ އެންމެ ބޮޑު ޙާކިމުގެ ފިރިހެން ދަރިކަލަކު އަހުރެންފަދަ ނިކަމެތި އަންހެނެއްގެ ދަނބިދަރިއަކަށް ވުމީ، މިއީ ކިހިނެއް ވާނެކަމެއް ހެއްޔެވެ؟ އެކަނބުލޭގެ ހިތަށް އެރިއެވެ. އަދި ވަގުތުން މިކައިވެންޏާއި ރުހި ގަބޫލު ވިއެވެ. އަދި ދުވަސްކޮޅެއް ފަހުން ޚަލީފާގެ ދަރިކަލުންނާއި އެ އީމާންތެރި އަންހެންކުއްޖާގެ ކައިވެނި ކުރެވިއްޖެވެ. މި އަންހެންކުއްޖަކީ، ވިއްކަންވެގެން ބަކަރީން ފެލައިފައިވާ ކިރަށް ފެން އަޅައި ގަނޑުބަޑު ކުރަން އޭނާގެ މަންމަ އުޅުމުން އެކަން މަނާކުރުވި ތަޤުވާވެރި ކުއްޖާއެވެ. (ނިމުނީ). ނޯޓް: މިވާހަކައަކީ އުރުދޫބަހުން ޝާއިޢު ކުރެވިފައިވާ، އިސްލާމީ ތާރީޚާ ބެހޭ ކުޑަކުދިންގެ މަޖައްލާއަކުން ނަގާފައިވާ ވާހަކައެކެވެ. a
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |