މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސަޤާފީ ފުޑުންތަކާއި، ސިޔާސީ ކިބަކުރުންތަކުގެ ތެރޭގައި އިސްލާމީ އުއްމަތް |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 02 މެއި 2010، 00:06 އާދީއްތަ | |||
|
އިބްރާހީމު ރަޝީދު މޫސާ ކީރިތިރަސޫލާ صلى الله عليه وسلم، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އިސްލާމީ އުއްމަތް ޤާއިމުކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވި އެވެ. މި އުއްމަތް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު މައްކާގައި ވަނީ ފަށްޓަވާފަ އެވެ. މައްކާގައި ފަރުމާކުރެއްވި އުއްމަތް ބިނާކުރެއްވުމުގެ މަސައްކަތް މަދީނާ އަށް ހިޖްރަކުރެއްވުމަށް ފަހު ކުރިއަށްގެންދެވި އެވެ. މި އުއްމަތުގެ ބިނާ ދުނިޔެއަށް ފެންނަފަށަށް އުފުއްލާލެއްވީ މަދީނާގަ އެވެ. ކީރިތިޤުރްއާނުގެ ދެ އާޔަތެއްގައި މި އުއްމަތަކީ އެއް އުއްމަތެއްކަން ކަށަވަރުކޮށްދެއްވާފައިވެ އެވެ. އެއީ އަލްއަންބިޔާއު ސޫރަތުގެ 92 ވަނަ އާޔަތާއި އަލްމުއުމިނޫން ސޫރަތުގެ 52 ވަނަ އާޔަތެވެ. މި ދެ އާޔަތުގައި ވަޙީކުރައްވާފައިވަނީ؛ { وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً }''އަދި ހަމަ ކަށަވަރުން މިއީ އެއް އުއްމަތެއްކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ." އިސްލާމީތާރީޚުގެ ދިގުރާސްތާގައި މި އެއްއުއްމަތްވަންތަކަން ދެމިއޮތެވެ. މި އުއްމަތް ދެމިއޮތުމާއި، އުއްމަތުގެ އާރާއިބާރު، ޝާނާއި ޝަވްކަތު ދެމިހެއްޓި މުހިއްމު ބަހާތަކުގެ ތެރޭގައި މި އެއްއުއްމަތްްވަންތަކަން ހިމެނެ އެވެ. ޝުޢޫބީންނާއި، ޒިންދީޤުންނާއި، ބާޠިނީން ފަދަ މި އުއްމަތަށް ގޮންޖެހި އިދިކޮޅު ޖަމާޢަތްތަކުގެ ކުރިމަތީގައި އުއްމަތަށް މަރުން ސަލާމަތް ވެވުނީ މި އެއްއުއްމަތްވަންތަކަމުގެ ސަބަބުންނެވެ. މި އެއްބައިވަންތަކަން ޤާއިމުވެފައި އޮތީ ކޮންކޮންބަހާތަކެއްގެ މަތީގައި ތޯއެވެ؟ އާދެ! އެންމެ މުހިއްމު އަދި އެންމެ އާރުލާ ބަހާއަކީ ސަޤާފީ އެއްބައިވަންތަކަމެވެ. މި އުއްމަތުގެ ސަޤާފަތުގެ ނާރެސްތައް އެނބުރެނީ ކީރިތިޤުރްއާނާއި މާތްރަސޫލާގެ ސުންނަތުގެ ހިޔާވަހިކަމުގެ ތެރޭގަ އެވެ. މި އުއްމަތުގެ ފިކުރުތައް ވިރި ބައްޓަންވެފައިވަނީ މި ދެމަޞްދަރުގެ ތަރަހައިގެމަތީގަ އެވެ. އުއްމަތުގެ އަގުތަކާއި އާދަކާދަތައްކަނޑައަޅައިދިނީ މި ސަޤާފަތެވެ. ދުނިޔެ އާރާސްތުކޮށް، އާޚިރަތް ބާއްޖަވެރިކުރުމާ ދިމާއަށް އުއްމަތް މިސްރާބުކުރުވީ މި ސަޤާފަތެވެ. ޢަރަބިބަސް އުއްމަތުގެ ބަހެއްކަމުގައި ހެދީ މި މިސްރާބެވެ. ޚުލަފާއުއްރާޝިދީންގެ ދައުރަށްފަހު އިސްލާމީ މިއުއްމަތުގެ ދިގުތާރީޚުގެ ތެރޭގައި ތަފާތު ދައުލަތްތަކާއި ސިޔާސީ ތަފާތުބައިބައިވުންތައްް އުފެދިފައިވާއިރުގައި ވެސް މި އުއްމަތް އެއްއުއްމަތްވަންތަކަންމަތީގައި ދެމެހެއްޓުމުގައި މި ސަޤާފީ އެއްބައިވަންތަކަން، އެންމެ މުހިއްމުބަހާގެ ގޮތުގައި ދެމިއޮތެވެ. މި އުއްމަތުގެ ތެރޭގައި އުފެދުނު ދައުލަތްތަކުގެ ތެރޭގައި ބުވައިހުންނާއި، ސަލްޖޫޤީންނާއި، އިޚްޝީދީންނާއި، ޠޫލޫނީންނާއި، އަދާރިސާއިންނާއި މުވައްޙިދީންނާއި، މުރާބިޠުން ފަދަ ދައުލަތްތައް ފާހަގަކޮށްލެވެ އެވެ. ނަމަވެސް މި ސިޔާސީ ކިބަކުރުންތަކުގެ ސަބަބުން އުއްމަތުގެ އަފްރާދުންގެ މެދުގައި ގުޅުންކެޑިގެނެއް ނުދެ އެވެ. އެހެނީ، މި ސިޔާސީ ފަޅިފަޅިވަރުގެ ތެރޭގައި ސަޤާފީ އެއްވެސް ފަޅިފަޅިކުރުމެއް ފެންމަތިވެފައެއް ނުވެ އެވެ. ސިޔާސީ ހުރިހާ ބައިބައިވުންތަކާ އެކުގައި ވެސް ފަރުދުންގެ މެދުގައި އޮތީ ސަޤާފީ އެއްބައިވަންތަކަމެވެ. މި ސަޤާފީ މާއްދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވާފައިވަނީ ޢިލްމުވެރިންނެވެ. ތަޢުލީމުޔާފުތާބޭފުޅުންނެވެ. ޙަޔާތުގެ ތަފާތު ފިޔަވަހިތަކަށް ބޭނުންވާ ގޮތަށް މި ސަޤާފަތް ތަރައްޤީކުރައްވާފައިވެ އެވެ. އިސްތިޢުމާރު، އިސްލާމީ ޤައުމުތަކަށް އައުމާއެކު މި ސިޔާސީ އެއްއުއްމަތްވަންތަކަމާއި ސަޤާފީ އެއްބައިވަންތަކަން މުސްލިމުން އެއްބައެއްގެ ގޮތުގައި ދެމެހެއްޓުމަށް އަދާކޮށްފައިވާ، އަދި އަދާކުރަމުންދާ ދައުރުގެ ބިޔަކަމާއި ޚުޠޫރަތްތެރިކަން ދެެނެގަންފި އެވެ. އެ ހިސާބުން އިސްތިޢުމާރުގެ މަސައްކަތަކަށް ހެދީ ސަޤާފީ ފުޑުންގަނޑާއި ސިޔާސީ ކިބަކުރުމުގެ ތެެރެއިންލައިފާ މި އެއްބައިވަންތަކަން ނައްތައިލުމެވެ. ސަޤާފީ ފުޑުންގަނޑުގެ ތެރޭގައި، އިސްތިޢުމާރުގެ އަމާޒަކަށް ހެދީ މި ސަޤާފީ އެއްބައިވަންތަކަމުގެ ބަހާތައްކަމުގައިވާ ކީރިތި ޤުރުއާނާއި، މާތްރަސޫލާގެ ސުންނަތާއި، ޢަރަބިބަހާއި، އިސްްލާމީ ތާރީޚާއި، އިސްލާމީ ޙަޟާރަތާއި، އިސްލާމީ އަޚްލާޤާއި ސުލޫކު ނައްތާލައި، މި ބަހާތަކުގެ ޤަދަރާއި މަޤާމު ވައްޓާލާށެވެ. ތަފާތު ބަހަނާތަކާއި މާނައެއް އޮއްޓަރެއް ނެތް ދޮގު ވާހަކަތައް ފަތުރައިގެންނެވެ. މި އަގުބޮޑު ސަޤާފަތާ މެދު މުސްލިމުންގެ ހިތްތަކުގައި ޝައްކާއި ވަހްމު އުފައްދައިގެންނެވެ. މިސާލަކަށް ޢަރަބިބަސް ނަގަމާތޯ އެވެ. އެއީ އުނދަގޫ ބަހެއްކަމަށާއި އެބަހުގެ ޤަވާޢިދުގެ އޮޅުންބޮޅުންކަން ބޮޑުކަމާއި އިމްލާ އުނދަގޫ ކަމަށް އަޑުއެރުވި އެވެ. ޢަރަބި އަކުރުން ލިޔަމުން ދިޔަ އިސްލާމީ އެތައް ޤައުމެއްގައި ޢަރަބި އަކުރު ދޫކޮށްލައިފާ ލެޓިންއަކުރުން ލިޔަން ފެށުނީ މި ނުބައި ފިކްރީ ހަނގުރާމައިގެ ސަބަބުންނެވެ. މިކަމުގެ ބޭނުމަކީ މުސްލިމުންނާ ކީރިތިޤުރްއާނާ ބީރައްޓެހި ކުރުވުމެވެ. މުސްލިމުން ގެ މަޚްރަޖު ނުބައިކޮށްލުމެވެ. ތުރްކީވިލާތުގައި، މުސްޠަފާ އަތާތުރްކު ވެރިކަމުގައި ތުރުކީބަސް ލެޓިންއަކުރުން ލިޔަން ފެށުމުގެ ނަތީޖާއަކަށްވީ، ك އާ، ޗަވިޔަނި އޮޅި "أكبر" ''އަޗްބަރު''އަށް ބަދަލު ވުމެވެ. އިސްތިޢުމާރާއި މުސްތަޝްރިޤުން (ނުވަތަ އޮރިއެންޓަލިސްޓުން) މުސްލިމުންގެ ހިތްތަކަށް ސީދާކޮށްނާއި ނުސީދާކޮށް ވައްދަމުން ދިޔައީ ޢަރަބިބަހަކީ ޢިލްމީބަހެއްނޫންކަމާއި، ކީރިތިޤުރްއާނުގެ ޢަރަބިބަހަކީ މިއަދު މަރުވެފައިވާ ބަހެއްކަމަށާއި ޢަރަބި ކޮންމެޤައުމަކުން ވެސް އެބަޔަކު ވާހަކަދައްކާ ޢާއްމިއްޔާ( ނުވަތަ ކޮލޯކިއަލް ) ޢަރަބިބަހުން ލިޔެ ހެދުމަށެވެ. އަރަބިބަހުގެ ނަޙޫ (ޤަވާޢިދު) އާއި އިމްލާ ލިޔުން ތަރައްޤީކުރުމަށް ވެސް ގޮވައިލަމުންދިޔަ އެވެ. މިކަމުގައި އެންމެ އިސްބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މިޞްރުގެ " طه حسين " އެވެ. އޭނާ ވިދާޅުވާގޮތުގައި طه ލިޔަންޖެހޭނީ " طاها " މި ގޮތަށެވެ. އިސްލާމްދީނުގެ ދުޝްމަނުންކުރާ މަސައްކަތްތަކުގެ ތެރޭގައި، މުސްލިމުންގެ ހިތްތަކުގައި ކީރިތިޤުރްއާނާ މެދު ޝައްކު އުފެއްދުން ހިމެނެ އެވެ. އިސްލާމްދީނުގެ މި ފަދަ ދުޝްމަނުން ބުނާގޮތުގައި ޤުރްއާނަކީ محمد صلى الله عليه وسلم ގެ ތަޞައްވުރުގައި އޮތް އަރަބިކަރައިގެ ޖާހިލީ ވެށީގެ ތަޞްވީރެކެވެ. ޠާހާ ޙުސައިނު ލިޔެފައިވާ ފޮތް "އައް ޝިޢުރުލް ޖާހިލީ" އާއި، އޮރިއެންޓަލިސްޓެއްކަމުގައިވާ ޖިބް ލިޔެފައިވާ ފޮތް " މުޙައްމަދުގެ މަޛްހަބު " ވިދާޅުވެލެއްވުން ރަނގަޅުވާނެ އެވެ. މިފަދަމީހުން ކީރިތިރަސޫލާގެ ސުންނަތާމެދު ވެސް ޝައްކު އުފެއްދުމަށްޓަކައި ވަރަށް ބުރަމަސައްކަތްތަކެއް ކޮށްފައިވެ އެވެ. މިމީހުން ބުނާގޮތުގައި ރަސޫލާގެ މި ޙަދީޘްތަކަކީ އިސްލާމީ މައިދާނުން ފާޅުވި ސިޔާސީ ޙަރަކާތްތައް ދެމެހެއްޓުމަށްޓަކައި ހަދާފައިވާ ބަސްފުޅުތަކެކެވެ. ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތާ މެދު މިފަދަވާހަކަތައް ދެއްކުމުން މުސްލިމުންގެ ހިތްތަކުގައި އިސްލާމީ ޝަރީޢަތުގެ އަސާސާ މެދު ޝައްކުތަކެއް ނޫފެދޭނެތޯއެވެ. މިކަމަކީ މުސްލިމުންގެ ހިތްތަކުގައި މި ދެ އަސާސާމެދު އިތުބާރު ނަގައިލުމަށްޓަކައި ކޮށްފައިވާ އަދި މިއަދުވެސް ކުރަމުންދާ މަސައްކަތްތަކެކެވެ. ހިތާމަހުރިކަމަކީ މިފަދަ މަސައްކަތްތައް މުސްލިމުންކަމުގައި ބެލެވޭމީހުން ކުރާތީ އެވެ. އިސްލާމްދީނުގެ މި ދެ އަސާސު ތަޅައިލުމުން ދެން އޮންނާނީ ކޮން އިސްލާމްދީނެއްތޯ އެވެ؟ ބައެއްމީހުން މަސައްކަތްކޮށްފައިވަނީ، އަދި މިހާރުވެސް މަސައްކަތްކުރަނީ އިސްލާމީ ތާރީޚު ގެ ޙަޤީޤީއަގު ނައްތައިލެވޭތޯ އެވެ. މިމީހުން ބުނާގޮތުގައި އިސްލާމީ ތާރީޚަކީ ލޭއޮހޮރުވުމުގެ ތާރީޚެކެވެ. ހަނގުރާމަތަކުގެ ތާރީޚެކެވެ. ފޭރުމާއި ޓެކުމުގެ ތާރީޚެކެވެ. މިމީހުން އިސްލާމީ ޙަޟާރަތާ މެދު ޝައްކު އުފެއްދުމަށް މަސައްކަތްކޮށްފައިވެ އެވެ. މިމީހުން އެއްވެސް ހެއްކަކާނުލައި، ނުވަތަ ދޮގު ހެކިތަކަކުން ސާބިތުކޮށްދެވޭތޯ މަސައްކަތްކޮށްފައިވަނީ އިސްލާމީ ޙަޟާރަތަކީ ގްރީކް ޙަޟާރަތާއި ރޯމަން ޙަޟާރަތާއި ހިންދީ ޙަޟާރަތް ފަދަ ޙަޟާރަތްތަކުން ނަކަލުކޮށްފައިވާ އެއްޗެއްކަމެވެ. މި މީހުންގެ ތެރޭގައި ފަރަންސޭސިވިލާތުގެ ފިލޯސަފަރެއްކަމުގައިވާ ރީނާން ފާހަގަކޮށްލެވެ އެވެ. މި ފިލޯސަފަރު ބުނާގޮތުގައި އިސްލާމީ ޙަޟާރަތް، ފިލޯސޮފީ ނަގާފައިވަނީ ގްރީކުންނެވެ. ޤާނޫނުތައް ނަގާފައިވަނީ ރޯމަނުންނެވެ. ވެރިކަންކުރުމުގެ ވައްޓަފާޅިއާއި އަދަބުތައް ނަގާފައިވަނީ ފާރިސީީންނާއި ހިންދުސްތާނުންނެވެ. މިމީހުން ދަޢުވާކުރާގޮތުގައި رسول الله صلى الله عليه وسلم އަކީ ވެރިކަމާބެހޭ އެއްވެސްކަމެއް ދެނެވަޑައިގަންނަވާބޭކަލެއްނޫނެވެ. އެކަލޭގެފާނަކީ ދީނީ ދަޢުވަތެއް ގެންނެވިބޭކަލެކެވެ. މުސްލިމުންގެ ތެރޭގައި މުފައްކިރުންކަމަށް ބުނެވޭ ބައެއްބޭބޭފުޅުން ލިއުއްވާފައިވާ ފޮތްފޮތުގައިވެސް މިކަހަލަ ވާހަކަތައް އައިސްފައި އެބަހުރިކަން ފާހަގަކުރެވެ އެވެ. ސިޔާސީ ކިބަކުރުންތަކުގެ މައިދާނަށް ބަލައިލާ އިރު އިސްތިޢުމާރީ ބާރުތަކުން ވިހިވަނަ ސައްތާގައި މަސައްކަތްކޮށްފައިވަނީ މުސްލިމުންގެ މެދުގައި ނަސްލު ކުރިއަށް ނެރެ، އިސްލާމީ ޚިލާފަތުގައި ހިމެނޭ ޢަރަބިންނާއި ޢަރަބީންނޫން ނަސްލުތައް ޖައްސުވައި މި އުއްމަތް ބައިބައި ކުރެވޭތޯއެވެ. އެންމެ ފުރަތަމަ ޖެއްސުވީ އަރަބީންނާއި ތުރްކީންނެވެ. އެއަށްފަހު މިސްރާބު ޖެހީ ޝާމުކަރަ ފޮތިފޮތިކޮށްލުމުގެ މަސައްކަތަށެވެ. މިކަމުގެ ނަތީޖާއަކަށްވީ ޝާމުކަރަ، ސޫރިޔާ އަށާއި ލުބްނާނަށާއި އުރްދުނަށާއި ފަލަސްޠީނަށް ބައިބައިވެގެންދިޔުމެވެ. އެއްދައުލަތް 4 ދައުލަތަށް ފަޅިވީ އެވެ. އިސްލާމީ ބޮޑުބާރެއް ، އާރެއްނެތް 4 ޤައުމަށް ބަދަލުވީ އެވެ. މިއީ ފުރަތަމަ ބޮޑުހަނގުރާމައަށް ފަހު އިނގިރޭސި ޚާރިޖީ ވަޒީރާއި ފަރަންސޭސި ޚާރިޖީ ވަޒީރު ސޮއިކުރެއްވި ސައިކޮސް- ބީކޯ އެއްބަސްވުމުގެ ދަށުން ކުރެވުނު ކަމެކެވެ. އެއަށްފަހު މި ސޫރިޔާ ވެސް 4 ދައުލަތަށް (ޢަލަވީ ދައުލަތް – ދުރޫޒު ދައުލަތް- ޙަލަބު ދައުލަތް- ދިމިޝްޤު ދައުލަތް) ފަޅިކޮށްލީ އެވެ. މި ސިޔާސީ ކުޅިގަނޑުގެ ތެރޭގައި ހިންގާފައިވާ އެންމެ ނުރައްކާތެރި ރޭވުމަކީ މި ދައުލަތްތައް އުއްމަތްތަކަކަށް ހަދައި، އެ ޚިޔާލު ފެތުރުމަށްޓަކައި މީހުންގެ ވިސްނުމާއި ތަޞައްވުރު ބަދަލުކުރުމެވެ. މިކަމުގެ ސަބަބުން އިސްލާމީ ޢަރަބި އުއްމަތް، އުއްމަތްތަކަކަށް ބަދަލުވި އެވެ. މިގޮތުން މިޞްރުއުއްމަތް، ސޫރިޔާ އުއްމަތް، އުރްދުން އުއްމަތް، ތޫނިސް އުއްމަތް އުފެދިގެންދިޔަ އެވެ. މިސާލެއްގެ ގޮތުން މިޞްރު ނަގަމާތޯ އެވެ. 1799 ވަނައަހަރު، ނަޕޯލިޔަން މިޞްރު ހިފުމަށްފަހު މަސައްކަތްފަށައިފާ ވަނީ ފިރްޢަވްނުގެ ޙަޟާރަތާ މިޞްރު ގުޅުވައި، ޢަރަބި އިސްލާމީ ތާރީޚާ މިޞްރާ ގުޅުމެއް ނެތްކަން ހާމަކުރެވޭތޯ އެވެ. މިޞްރުމީހުންނާއި އަޒްހަރުގެ ޖިހާދުގެ ސަބަބުން ނަޕޯލިޔަނަށް ތިން އަހަރު ވެސް މިޞްރުގައި ފައި ހަރުކޮށްނުލެވުނެވެ. ނަމަވެސް ނަޕޯލިޔަންގެ ނުބައި މަޝްރޫޢުތައް ކުރިއަށް ގެންދާނެ މިޞްރުގެ ދަރިންތަކެއްވަނީ އުފައްދައިފަ އެވެ. ފަރަންސޭސިންގެ ފަހުން މިޞްރަށް އެރީ އިނގިރޭސިންނެވެ. މިޞްރުގައި މި ދެ އިސްތިޢުމާރު ކުރި މަސައްކަތުގެ އަމާޒަކީ މިޞްރު، ޢަރަބި އިސްލާމީ އުއްމަތުން ބޭރުކޮށް ފިރްޢަވްނުގެ ތާރީޚާ ގުޅުވުމެވެ. މި ދެބައިމީހުންގެ ސަބަބުން އުފެދުނު މީހުންގެ ތެރޭގައި ސަލާމާ މޫސާ އާއި ލުވިސް ޢަވަޟާއި ޠާހާ ޙުސައިނު ފަދަ މީހުން ހިމެނެ އެވެ. މި އެންމެންނަކީ ވެސް ޢަރަބިބަސް ދޫކޮށްލުމަށް ވަރަށްބޮޑަށް ގޮވައިލި އިސްތިޠުމާރުގެ ފިޔޮއްތަކެކެވެ. ސަލާމާ މޫސާ ފާހަގަ ކޮށްލެވެނީ ޢަރަބިއަކުރު ދޫކޮށްލައިފާ ލެޓިންއަކުރުން ޢަރަބިބަސް ލިޔުމަށް ގޮވައިލި ޙަރަކާތުގެ އެންމެ އިސް އަސްވާރުގެ ގޮތުގަ އެވެ. މިޞްރުގެ ވަފްދު ޕާޓީ އާއި އަލްއަޙްރާރު ޕާޓީ އަކީ މިޞްރު، ފިރްޢަވްނުގެ ޙަޟާރަތަށް ނިސްބަތް ކުރުމަށްޓަކައި އުފެއްދުނު ޕާޓީތަކެކެވެ. އެއްވަނަ ބޮޑުހަނގުރާމައަށް ފަހު މި ދެ ޕާޓީ މިޞްރުގައި ވެރިކަން ވެސް ކޮށްފައިވެ އެވެ. ޢަރަބި އުއްމަތަށް މިޞްރު އަނބުރާ ގެންދެވީ 1952 ގައި ޖަމާލު ޢަބްދުއްނާޞިރެވެ. އޭނާގެ ސިޔާސަތު ބުނާގޮތުގައި މިޞްރަކީ ޢަރަބި އުއްމަތުގެ ބައެކެވެ. ޢަބްދުއްނާޞިރާ ދެކޮޅަށް ހުޅަނގު ތެދުވުމުގެ ސަބަބަކީ މިއެވެ. 1958 ގައި މިޞްރާއި ސޫރިޔާ އެއްކޮށްލައްވައިގެން އޭނާ އުފެއްދެވި ޖުމްހޫރިއްޔާގެ ނަމަކަށް ހެއްދެވީ " އަލް ޖުމްހޫރިއްޔަތުއް ޢަރަބިއްޔަތުލް މުއްތަޙިދާ " (ނުވަތަ އެކުވެރި ޢަރަބި ޖުމްހޫރިއްޔާ) އެވެ. ނަމަވެސް ޢަބްދުއްނާޞިރު އަވަހާރަވެ ސާދާތަށް ވެރިކަން ލިބިވަޑައިގަތުމުން މިޞްރު ފިރްޢަވްނުގެ ޙަޟާރަތަށް އަނބުރާ ގެންދަވަން މަސައްކަތްކުރެއްވި އެވެ. އޭނާ އަކީ މިޞްރުގެ ފިރްޢަވްނެއްކަމަށް (ފިރްޢަވްނަކީ މިޞްރުގެ ޤަދީމީ ޒަމާނުގައި މިޞްރުގައި ވެރިކަންކުރާ މީހާއަށް ދީފައިވާނަމެވެ.) ވިދާޅު ވިއެވެ. ސާދާތު މިޞްރުގެ ނަން " ޖުމްހޫރިއްޔަތު މިޞްރަލް ޢަރަބިއްޔާ " (ޢަރަބި މިޞްރު ޖުމްހޫރިއްޔާ) އަށް ބަދަލު ކުރެއްވި އެވެ. މި ތާނގައި ފާހަގަކުރެވޭ ކަމަކީ މިޞްރު ގެ ނަން ދައުލަތުގެ ނަމަށް ގެނެސްފައިވާ ކަމެވެ. ސިޔާސީ ފުޑުންގަނޑަށް ބަލާ އިރު އިސްރާއީލަކީ ސަރަޙައްދީ ސަޤާފީ، އިޖްތިމާޢީ އަދި ސިޔާސީ ފޭރާމާ ބީރަށްޓެހި ދައުލަތެކެވެ. ގަދަކަމުން އަރަބީންގެ ތޭރެގައި އިންދާފައިވާ ދައުލަތެކެވެ. އެހެންކަމުން އިސްރާއީލަކީ ސަޤާފީ ފުޑުފުޑުކުރުމާއި ސިޔާސީ ކިބަކުރުންތަކުގައި ވަރަށް އިސްދައުރެއްކުޅޭ ބައެކެވެ. އެމީހުންގެ ވުޖޫދު މިކަމާ ގުޅިފައިވާތީ އެވެ. ހުޅަނގުގެ އަދި ބޮޑެތިބާރުތަކުގެ ސިޔާސަތަކީ މި ޞިހްޔޫނީ ކިޔާނު އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި މެދުއިރުމަތީގައި ބޭއްވުމެވެ. މި ސަރަޙައްދުގެ ސިޔާސަތު ކުރެހުމުގައި އެންމެ އިސް ދައުރު ކުޅޭ ދައުލަތުގެ ގޮތުގައި ބޭއްވުމެވެ. މި ސަރަޙައްދުގައި އަޣުލަބިއްޔަތު ނެތި އޮތް ޤައުމިއްޔަތުތައް ދިރުވަން އިސްރާއީލު އިސްކަންދެނީ މިހެންވެގެންނެވެ. 1960 ގެ އަހަރުތަކުން ފެށިގެން ޢިރާޤުގައި ކުރުދީންނަށް ވަކިވެގަތުމުގެ ޙަރަކާތްތައް ހިންގުމުގައި އިސްރާއީލުން އެހީވަމުންދެ އެވެ. ލުބްނާނުގައި 1980ގެ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ އަހްލީ ހަނގުރާމައަކީ އިސްރާއީލުން ހިތްވަރުދީގެން އަދި މާއްދީގޮތުން ވާގިވެރިވެގެން ހިންގާފައިވާ ހަނގުރާމައެކެވެ. ސޫދާނުގެ މަސްއަލައަކީ ވެސް ހަމަ މިކަހަލަ މަސްއަލައެކެވެ. ދެކުނު ސޫދާނުގެ މަސީޙީންނަށް ވާގިދީގެން ސޫދާނުގެ މައިސަރުކާރާ ވަކިވެގަތުމަށްކުރަމުންދާާ މަސައްކަތްތަކުގައި އެންމެ ބޮޑުވާގިވެރިއަކީ އިސްރާއީލެވެ. އިންޑިއާގެ ނޫސްވެރިއެއްކަމުގައިވާ ކާރާންޖިޔާ އިސްރާއީލުން ގެންގުޅޭ މި ސިޔާސީ ކުޅިގަނޑާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކެއް، މިޞްރުގެ ނޫސްތަކުގައި 1957ގައިވަނީ ޝާއިޢުކޮށްފަ އެވެ. މި ރޭވުންތަކުގެ ތެރޭގައި މިޞްރުގައި ޤިބްޠީންގެ(ކްރިސްޓިއަނުންގެ) ދައުލަތަކާއި ސުންނީންގެ ދައުލަތެއް ޤާއިމުކުރުމުގެ ވާހަކައާއި، ގަލްފު އިތުރަށް ކިބަކުރުމުގެ ވާހަކައާއި، މަޣްރިބުކަރަ ބައިބައިކުރުމުގެ ވާހަކަތައް އައިސްފައިވެ އެވެ. މިއަދު ޢިރާޤުގައި ހިނގަމުންދާ ކަންތައްތަކާއި، ޖަޒާއިރާއި މޮރިޓޭނިއާގައި ހިނގަމުންދާ ގަޑުބަޑުތަކާއި، ސޫދާނާއި ޞޫމާލާއި ޖިބޫޓީ ގައި ހިގަނމުންދާ ކަންތައްތަކަކީ 1982 ވަނައަހަރު އިސްރާއީލުގެ ކިވުނީމް މަޖައްލާގައި ޝާއިޢުކޮށްފައިވާ ވާހަކަތަކުގެ ތެދު ފޮޓޯއެކެވެ. އިސްލާމީ ދުނިޔޭގައި ހިގަނގަމުންދާ މިފަދަ ޙަރަކާތްތަކުގެ އަސަރު މި އިސްލާމީ ދިވެހިރާއްޖެއަށް ކުރާނެކަމާމެދު ޝައްކެއް ނެތެވެ. މިނިވަންކަމާއި ޑިމޮކްރަސީގެ ނަމުގައި ރާއްޖެއަށް ޖެހެމުންދާ މި ވައިރޯޅިތައް "ނަލަ ވައިރޯޅިއަކަށް" ނުވާނެ އެވެ. މި ރޯޅި ނަގޫރޯޅިއަކަށް ބަދަލުވެދާނެކަމުގެ އިންޒާރުތައް ދަނީ ދެމުންނެވެ. ޖޯޝުއާ މަޝްރޫޢަކީ ރާއްޖެއަށް އަމާޒުކޮށްފައިވާ ބޮޑު ސުނާމީ އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ ހިލްމީ, 2010-05-03 06:14:18
ދިވެހި ރާއްޖެނެތިދިއުން އަޅުގަނޑުވެސްކިޔާލީމެވެ. ވަރަށްއަސަރުކުރިއެވެ. މިލިޔުންކިޔާލީމާ ރޮވޭގޮތްވިއެވެ. މުޅިދުނިޔެއަށް ވެގެންމިއުޅެނީ ކީއްބާވައޭހިތަށް އަރައެވެ. މިރާއްޖެއަށް ބަލާލިއަސް ހިތާމަކުރަން ޖެހޭކަންތައްތައް ވަރަށްގިނައެވެ. ރަސްމީހުރިހާލިޔެކިޔުންތައް އިނގިރޭސިއަށްބަދަލުވެމުޅިންނިމެނީއެވެ. އެކަމަކުޤާނޫނުގައި އޮތީކީކޭތޯ؟ ޤާނޫނަށް ޢަމަލުކުރުމުގައިވެސް މިއިންކަމަކަށް ބަލާމީހަކުވެސްނެތީއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ފަންމަތުގެ އެންމެ މަޤުބޫލުބައިގައި އޮތް، ''ދިވެހިރާއްޖެ ނެތިދިޔުން'' މި މަޒުމޫނުކީ ދުވަހު ވެސް އަޅުގަނޑަށް ވަރަށް އަސަރުކުރި. އެއީ އޭރުގެ މަޢުހަދުގެ މަޖައްލާއަކަށް ޑޮކްޓަރ ޙަސަން ޙަމީދު ލިޔުއްވާފައި އޮތް މަޒުމޫނެއްކަމަށް އެ ލިޔުމުގެ ރެފަރަންސްގައި އޮތް. އެ ލިޔުމުގައި މަޢުހަދުގެ ކުރިމަގާ މެދު ނުރައްކާތެރި ސިގްނަލެއްދެއްވާފައިވޭ. ޚާއްޞަކޮށް، ގައުމިއްޔަތާ މެދު ސުވާލު އުފައްދާފައިވޭ. އޭގެ ވަރަށް ގިނަކަންކަން ހަގީގަތަކަށް ވެއްޖެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުމުގައި މި ވަނީ އެ އަށް ވުރެ ނުރައްކާތެރި ކަމެއްގެ އިންޒާރު ދެއްވާފާ. ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ މާދަމާއާ މެދު ވަރަށް ބިރުގެންފި. ތިޔަ ދެއްކެވި ހެކިތަކަށް ބަލާއިރު، މިކަންކަން ވަރަށް ގަބޫލު ކުރެވޭ.
ހިތާމަހުރި! ކާކުބާ މި ފަދަ ދިރާސާތަކާ ޙަޤީޤަތްތަކުން ފިލާވަޅެއް ހޯދަން މި ގައުމުގައި ހުރީ؟ ކާކުބާ މީން ވާހަކައެއް ''ޕޯޑިއަމް'' އެއް ކައިރީދައްކާ ރައްޔިތުން ހޭލުންތެރި ކޮށްދޭނީ؟ ކާކުބާ މިގައުމު ޔަހޫދީންގެމުށު ތެރޭގައި ފުނޑިގެންދާން ރުހިގަބޫލުވާނީ؟ ކާކުބާ މާދަމާގެ ދަރީން ދެދުނިޔޭން ގެއްލޭން ރުހޭނީ؟