މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމު ސައިންސް ދާން -17 |
|
|
| ދީން - އިސްލާމީ ތާރީޚް | |||
| 07 އޮގަސްޓް 2009، 03:52 ހުކުރު | |||
حَكِيْمُ أَبُونَصْرُ مُحَمَّد اَلْفَارَابِي238/950 އަޙްމަދު ފަހުމީ ތަޢާރުފު ފާރާބީ އަކީ، ދުނިޔޭގައި އުފެދުނު ވިސްނުން ތޫނު، ފުރިހަމަ، މޮޅު، ހަތަރު މީހުންގެ ތެރެއިން އެކަކު ކަމުގައި ބެލެވެ އެވެ. އޭނާ އަކީ، ޖުމްލަކޮށް ހުރިހައި ދާއިރާއަކަށް ވެސް މޮޅު ބޭފުޅެކެވެ. މީނާގެ ފުރިހަމަ ނަމްފުޅަކީ، أبو نصر محمد بن محمد بن أوزلغ بن طرخان އެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު އަބޫ ނަޞްރު ފާރާބީ އަކީ، ވަރުގަދަ ސިކުނޑީގެ ވެރި ބޮޑު މުފައްކިރު އަދި ސައިންސު ދާނެވެ. އޭނާއަށް "اَلْمُعَلِّمُ الثَّانِي" ގެ ލަޤަބު ދެވިފައި ވެ އެވެ. އޭނާ އަކީ، ކާއިނާތާ ބެހޭ މުޙައްޤިޤެކެވެ. ތަހްޛީބާއި ވެށްޓާއި ޢިލްމުލް އަޚްލާޤާ ބެހޭ ގޮތުން ފާޑު ވިދާޅުވެ އެ ކަންކަމުގެ މައްޗަށް ފުންކޮށް ބަޙުޘް ކުރެއްވި ވިސްނުންތެރިޔާ އެވެ. އޭނާ އަކީ، މިޔުޒިކުގެ ފަންނަށް ވެސް މޮޅު، ދުނިޔޭގެ އެތައް ބަހެއް ދެނެވަޑައިގެން ހުންނެވި ޢިލްމުވެރިއެކެވެ. އަބޫ ނަޞްރު ފާރާބީގެ ބައްޕާފުޅަކީ، ސިފައިންގެ ބޭކަލެކެވެ. އޭނާގެ ބައްޕާފުޅު ޖިހާދު ކުރެއްވީ ކަނޑިންނެވެ. ހަނގުރާމައިގެ މައިދާނުގަ އެވެ. އެކަމަކު އަބޫ ނަޞްރު ފާރާބީ އަކީ، ގަލަމުން ޖިހާދު ކުރެއްވި މުޖާހިދެކެވެ. އަބޫ ނަޞްރު ފާރާބީގެ ރަށް ފާރާބު އަކީ 1993 ވަނަ އަހަރު ސޯވިއެޓް ޔުނިއަން އިން ވަކިވި ތުރުކިސްތާނުގެ ރަށެކެވެ. އޭނާއަށް ފާރާބީއޭ ކިޔުނީ އޭނާގެ ރަށް ފާރާބު އަށް ނިސްބަތް ކޮށްގެންނެވެ. ބުނެވޭގޮތުގައި ދުނިޔެ ދުށް ބޮޑެތި ޢިލްމުވެރިންނަކީ، އަބަދު ވެސް ސާދާ ދިރި އުޅުއްވުމެއް އުޅުއްވި ބައެކެވެ. ޔޫނާނުގެ ބޮޑު މަފައްކިރު އަފްލާޠޫން އާއި އަރަސްތޫ ވެސް އުޅުއްވީ ވަރަށް ސާދާ ދިރި އުޅުއްވުމެކެވެ. އިސްލާމީ ދައުރުގެ ޙަކީމުން ވެސް މުދަލާއި އަރާމު ދޫކޮށްލައްވައި އާދައިގެ ސާދާ ދިރި އުޅުއްވުމެއް އުޅުއްވި ކަމަށް ވެ އެވެ. ފާރާބިއަކީ، ވެސް ޒާހިދު މީހެކެވެ. ފެޝަން ބަދަލު ކުރުމާއި އެއްގޮތެއްގައި ހަރުނުލުމަކީ، އޭނާއަށް ކަމުދިޔަ ފާޑަކަށެއް ނުވި އެވެ. އޭނާ ނިމިދިޔައީ ވެސް އެއްގޮތެއްގައި ހުންނަވައިގެންނެވެ. ފާރާބީ، ޢިލްމު ޙާޞިލު ކުރެއްވީ، އަމިއްލަ، ޛާތީ، ޝައުޤުވެރިކަމެއްގެ ގޮތުގަ އެވެ. ޢިލްމާއި ފަންނު ފުންކޮށް މުޠާލަޢާ ކުރެއްވުމަށްފަހު، އޭނާ ފުރިހަމަ އިންސާނަކަށް ވެވަޑައިގަތެވެ. އެހެންނަމަ ވެސް އޭނާ ދުވަހަކު ވެސް ޢައިޝު އަރާމުހުރި ދިރިއުޅުއްވުމެއް އުޅުއްވާފައެއް ނުވެ އެވެ. މަސައްކަތް ކުރެއްވުމަކީ އޭނާގެ ޝިޢާރެއްކަމުގައި އަބަދުވެސް ހެއްދެވި އެވެ. އޭނާ ހިތްޕުޅާ ހަމަކުރެއްވީ ތުރުކީ ލިބާހެވެ. އޭނާ މަރުދަވަހަށް ދާނދެން ވެސް ދިގު ތުރުކީ ތާކިހަލެއް ތުރުކުރެއްވި އެވެ. އޭނާގެ ގޮތަކަށް ބަދަލެއް ނުގެންނަވަ އެވެ. ޢިލްމީ ޝައުޤުވެރިކަން ފެށުނު ގޮތްބުނެވޭގޮތުގައި، މުދާވެރި ފޮތްތެރިޔަކު ދުރު ދަތުރެއް ކުރަންވެގެން، ފާރާބީގެ އަތްޕުޅުގައި އޭނާގެ ހުރިހައި ފޮތްތަކަކާއި މުދަލެއް އަމާނާތެއްގެ ގޮތުގައި ބެހެއްޓި އެވެ. އަދި އެއަށްފަހު އޭނާ ފުރައިގެން ދިޔަ އެވެ. ފާރާބީ މި ފޮތްތައް ކިޔުއްވިއެއްކަމަކު އެއީ އަކީ، ވެވޭ ޚިޔާނާތަކަށް ނުވާނެތީވެ މުޠާލަޢާ ކުރައްވަން ފެށްޓެވި އެވެ. އޭގައި ގިނައިން ހުރީ ފަލްސަފާގެ ޢިލްމުގެ ފޮތެވެ. އޭނާއަށް އެއީ ވަރަށް ކަމުދިޔަ ފޮތްތަކަށް ވެގެން ވަރަށް ޝައުޤުވެރިކަމާއެކީގައި އެ ފޮތްތައް ކިޔުއްވަން ފެށްޓެވި އެވެ. އޭނާ ހުއްޓަވައި ލެއްވީ، ހުރިހައި ފޮތެއް އެއްކޮޅުން ފެށިގެން އަނެއްކޮޅަށް ކިޔުއްވުމަށް ފަހުގަ އެވެ. އޭރު އޭނާއަށް ހުރީ ފުދޭވަރަކަށް ފަލްސަފާގެ ތެރެއަށް ވެދެވަޑައިގެންނެވިފަ އެވެ. ފާރާބީ އަކީ، ދަތުރުފަތުރު ކުރެއްވުމަށް ވަރަށް ޝައުޤުހުރި ބޭކަލެކެވެ. އޭނާގެ ޙަޔާތްޕުޅުގެ ކުރީކޮޅު ދުނިޔޭގެ އެތަންމިތަނަށް ދަތުރު ކުރެއްވި އެވެ. މީގެ ތެރޭގައި ރައްޔު، ޙަލަބު، ދިމިޝްޤު، އަދި މިޞްރު ހިމެނެ އެވެ. ޢިލްމީ ޚިދުމަތްތައްޢިލްމުވެރިން ވިދާޅުވާގޮތުގައި، ދުނިޔޭގައި އުފެދުނީ، އެންމެމަތީ ފެންވަރުގެ ސިކުޑީގެ ވެރި ހަތަރު މީހުންނެވެ. އޭގެ ތެރެއިން އެއް ދެމީހުންނަކީ އިސްލާމްދީން އައުމުގެ ކުރިން އުފެދިފައިވާ ދެމީހުންނެވެ. އަނެއް ދެމީހުންނަކީ، އިސްލާމްދީން އައުމަށްފަހު މުސްލިމުންގެ ތެރޭގައި އުފެދުނު ދެމީހުންނެވެ. މި ދެމީހުންގެ ތެރެއިން އެކަކީ ފާރާބީ އެވެ. ( މީގެ ތެރޭގައި ނަބީންނާއި ރަސޫލުންނެއް ނުހިމެނެ އެވެ. ) ޢިލްމުލް އަޚްލާޤާއި ސޮސައިޓީގެ މައިދާނުގައި....ޙަކީމުންގެ ތެރޭގައި ފާރާބީ އަކީ، އެންމެ ފުރަތަމަ، ޙައިވާނުންގެ ދިރިއުޅުމުގެ މައްޗަށް ވިސްނައި ފިކުރު ކުރެއްވުމަށްފަހު އިންސާނާ، އެންމެ މާތް މަޚުލޫޤަށް ވީ ސަބަބު ބަޔާން ކޮށްދެއްވި ޢިލްމުވެރިޔާ އެވެ. އޭނާ ދެކިލައްވާ ގޮތުގައި އިންސާނާގެ ޙަޔާތަކީ، ވަރަށް މަތިވެރި މަޤަޞަދެއް އޭގައި ޝާމިލު ވެގެންވާ އެއްޗެކެވެ. އެ މަތިވެރި މަޤްޞަދަކީ، ބާއްޖަވެރި ކަމުގެ ޒަރީޢާއިން ﷲ ގެ ރުހި ވޮޑިގަތުން ޙާޞިލު ކުރުމެވެ. ބާއްޖަވެރިކަމޭ ބުނެވޭ ބަހުގެ މުރާދަކީ، ފުރިހަމަ، ޠާހިރު ޚިޔާލުތަކާއި، ވިސްނުމާއި، ހެޔޮ ޢަމަލެވެ. އެއަށް މަކާރިމުލް އަޚްލާޤެވެ ނަންދެވިގެން ވެ އެވެ. ބާއްޖަވެރި ކަމަކީ، އެހެން ޢިބާރާތަކުން ބުނާނަމަ މަކާރިމުލް އަޚްލާޤު މީހެއްގެ ކިބައިގައި ފުރިހަމަ ވުމެވެ. ޢިލްމަކީ، ކޮބައިހެއްޔެވެ؟ ޠާލިބު ޢިލްމަކީ ކޮބައިހެއްޔެވެ؟ ފާރާބި ބަޔާން ކުރައްވާ ގޮތުގައި ޢިލްމަކީ، ﷲގެ ނޫރެކެވެ. އަދި އެއީ ހިތުގެ އަލިކަމެވެ. ޢިލްމު ޙާޞިލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ ފާރާބީ ބަޔާން ކުރައްވާ ގޮތުގައި ކިޔަވާ ކުއްޖަކު ފުރިހަމަ ޠާލިބު ޢިލްމަކަށް ވާނީ، އޭނާގެ ހިތުގެ ޢިލްމަށް ތެދުވެރި ޝައުޤެއް އުފެދިގެންނެވެ. ތެދުވެރި ގުޅުމެއް ހުރެގެންނެވެ. ޞިއްޙަތު ސަލާމަތުން ހުރެގެންނެވެ. މިޒާޖު ރަނގަޅު ވެގެންނެވެ. އަޚުލާޤު ރަނގަޅު، ރަނގަޅު ޢާދަތަކެއްގެ ވެރި، ވިސްނާ ފިކުރުކުރާ ކުއްޖަކަށް ވުމުންނެވެ. ފުރިހަމަ މާނައިގައި ކިޔަވާ ކުއްޖަކަށް ވެވޭނީ، ދީންވެރި، ތައްޔާރު، ހިތްވަރުކުރާ، ވަގުތަށް ޙުރުމަތްތެރިކޮށް ހިތާ، ކުއްޖަކަށް ވެގެންނެވެ. އޭނާ އަކީ މަދު މިންވަރަކުން ފުއްދާލާ، ސާފު، ތާހިރު، ސާދާ އަދި ޠާހިރު ދިރިއުޅުމެއް އުޅޭ ކުއްޖަކަށް ވާންޖެހޭނެ އެވެ. ފާރާބީ ނަޞީޙަތްތެރި ވެ ލައްވާގޮތުގައި ކިޔަވާ ކުއްޖާ ދަހިވެތިކަމާއި ޙަސަދަވެރިކަމާއި ރުޅިވެރިކަމާއި ޣީބަ ބުނުމާއި މި ފަދަ ނޭދެވޭ ސިފަތަކުން އެއްކިބާވާން ޖެހޭނެ އެވެ. އެ ފަދަ ނުބައި ސިފަހުރި މީހުންނާ ގުޅުން ވެސް ބަހައްޓައިގެން ނުވާނެ އެވެ. އޭނާ އުޅެން ޖެހޭނީ، ހެއުލަފާ މާތް މީހުންނާ އެކުގަ އެވެ. ފާރާބީ އިތުރަށް ވިދާޅުވާ ގޮތުގައި އިންސާނާ ޙާޞިލް ކުރާ ޢިލްމަކީ، ފައިސާ ހޯދުމުގެ ވަސީލަތެއް ކަމުގައި ދެކެގެންނެއް ނުވާނެ އެވެ. ހަނދާން ކުރާށެވެ! މީހަކަށް ލިބުނު ޢިލްމަކީ، އޭނާގެ އަޚްލާޤާ އާދަކާދަ އިޞްލާޙު ކުރާ އެއްޗަކަށް ނުވިނަމަ، އަދި އެއީ އޭނާ އަކީ ތެދުވެރި، އުނގެނުނު އެއްޗަކުން ބޭނުންކުރާ މީހަކަށް ނުވެއްޖެނަމަ، އެ ޢިލްމަކީ އުނި އެއްޗެކެވެ. އާޚިރަތުގައި އޭނާއަކަށް ބާއްޖަވެރިކަމެއް ނުލިބޭނެ އެވެ. އިންސާނަކަށް، އިންސާނެއްގައި ހުންނަން ޖެހޭ ފުރިހަމަކަން ލިބޭނީ، ނުވަތަ އިންސާނަކަށް ވެވޭނީ، ރަނގަޅު ޢިލްމާއި ޢަމަލުގެ ސަބަބުން ނެވެ. އޭނާގެ އަޚްލާޤު ރަނގަޅުވާން ޖެހޭނެ އެވެ. ބަސްމޮށުން ރީތިވާން ޖެހޭނެ އެވެ. ޢަމަލުތައް ރަނގަޅުވާން ޖެހޭނެ އެވެ. ގަހެއް ފުރިހަމަވަނީ އޭގައި މޭވާ އެޅުމުން ކަމުގައި ވާ ފަދައިންނެވެ. އަޅުކަމާއި އޭގެ މަޤްޞަދުއަހަރެމެން ﷲއަށް އަޅުކަން ކުރަމެވެ. އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ؟ ފާރާބީ މިސުވާލުގެ ޖަވާބު ވެސް ދެއްވަ އެވެ. އަހަރެމެން ރެ އާއި ދުވާލު މި ކުރާ ޢަމަލުތަކަކީ، ސޮސައިޓީގައި މީސްތަކުން ހޭއަރުވަމުން ގެންދާ އެއްޗެކެވެ. ނުބައި ޢަމަލުތަކުން ސަލާމަތްކޮށްދީ، ﷲގެ ރުހިވޮޑިގަތުން އެކަމުން އަހަރެމެންނަށް ލިބެ އެވެ. މި ޢަމަލު ތަކަކީ، ނަމާދާއި ރޯދަ އާއި ޙައްޖާއި ޒަކާތްފަދަ ޢަމަލު ތަކެވެ. މިއިން ކޮންމެ ޢަމަލަކީ، ދީންވެރި ކަމާއި ހެޔޮ ޚުލްޤަށް މަގުފަހި ކޮށްދޭ ކަންކަމެވެ. މި އަޅުކަމުގެ ސަބަބުން އަޅުތަކުންގެ އީމާންކަން ތާޒާވެ އެވެ. އޭގެ ސަބަބުން އުޚުއްވަތްތެރިކަމާ މުރުއްވަތްތެރިކަމާއި ލޯތްބާއި މާތް ޖަޒުބާތުތައް އުތުރުވާލަދެ އެވެ. އެ މީހުންގެ ޢަޤީދާ އާއި ޚިޔާލުތައް ސާފު ވެދެ އެވެ. މިއިން ކޮންމެ ކަމަކީ، ސޮސައިޓީގެ އިޖުތިމާޢީ ނިޒާމު ވަރުގަދަކޮށް ހަރުދަނާ ކޮށްދޭ ކަމެކެވެ. އަދި ޞިއްޙަތު ރަނގަޅު ސޮސައިޓީއެއް އުފެދުމަށް އެހީތެރި ވެދޭ ކަންކަމެވެ. ވުޖޫދުގައިވާ ތަކެތިވުޖޫދުގައިވާ ތަކެތި ފާރާބީ ތިންބަޔަކަށް ބައްސަވައިގެން ވާހަކަ ދައްކަވާފައި ވެ އެވެ. އޭނާ މި ހުރިހައި ތަކެއްޗެއް ފުރަތަމައިނުން 3 ބަޔަކަށް ބައްސަވަ އެވެ. 1. ދިރުމެއް ނެތް ތަކެތި. 2. ދިރުމެއްވާ ތަކެތި. ( ހެދި ބޮޑުވާ ފުރާނަނެތް ތަކެތި) 3. ޙައިވާނުން (ފުރާނަ ހުރި ތަކެތި) ފާރާބީ ޙައިވާނުންނަށް ބައްލަވަނީ حَيَاتِيَّاتُ ގެ ނަޒަރަކުންނެވެ. މީގައި ތަފާތު ބައިތަކެއް ވެ އެވެ. އެއީ ބުއްދިހުރި ތަކެއްޗާއި ބުއްދިނެތް ތަކެއްޗެވެ. ބުއްދިހުރީ އިންސާނާގަ އެވެ. އޭނާ ވަނީ ކުރިއެރުމުގެ މަގުމަތީގަ އެވެ. ސިނކުނޑީގެ ކުރިއެރުމެވެ. އެއީ އެންމެހައި މަޚުލޫޤުންގެ މައްޗަށް މާތް ކުރެވިގެންވާ މަޚުލޫޤެވެ. ޤުދުރަތީގޮތުން އިންސާނާގައި ލައްވާފައިވަނީ ސިކުނޑިން ވިސްނައި ފިކުރު ކުރުމާއި، އެ ޢަމަލައިގެން ކުރިޔަށް ދިއުމުގެ ބާރެވެ. ސިކުނޑީގެ ކުރިއެރުން ބިނާވެފައިވާ އެއްޗަކީ، ތަޖުރިބާ ކަމުގައި ފާރާބީ ބަޔާން ކުރައްވަ އެވެ. މި ކުރިއެރުން އަދިވެސް އޮތީ ދުވަހެއް ދުވަހަކަށް ކުރިޔަށް ދާގޮތަށެވެ. އެންމެ މާތް މަޚުލޫޤު އިންސާނާގެ ކުރިއެރުންއިންސާނާ އަކީ، ބުއްދިހުރި މަޚުލޫޤެވެ. އޭނާއަށް ޢިލްމޭ މި ކިޔާ ނިޢުމަތް ﷲ ދެއްވާފައި ވެ އެވެ. " عَلَّمَ اْلأِنْسَانَ مَا لَمْ يَعْلَمْ" ދަލީލެއްގެ ގޮތުން ފާރާބީ މި އާޔަތް ގެންނަވަ އެވެ. އިންސާނާވަނީ، އޭނާގެ ބޭނުންތައް ޙާޞިލުކުރުމާއި ޙާލު ރަނގަޅު ކުރުމަށްޓަކައި އިޖުތިމާޢީ ދިރިއުޅުމެއް ހޭދަކުރަން މަޖުބޫރު ވެފަ އެވެ. އޭނާއަށް ސޮސައިޓީއާ ވަތްކެއް ނުވެވޭނެ އެވެ. އޭނާއަށް އޭނާގެ މަންޒިލް މަޤުޞޫދާ ހަމައަށް ވާޞިލްވެވޭނީ، އިޖުތިމާޢީ ދިރިއުޅުމުގެ ތެރެއިން ލައިފަ އެވެ. އިންސާނާގެ އިޖުތިމާޢީ ދިރިއުޅުން ކުރިޔަށް ދާގޮތްއިންސާނުންގެ އެންމެ ފުރަތަމަ ސޮސައިޓީ އަކީ ޚާންދާނެވެ. ޚާންދާނެއް އުފެދެނީ ފިޠުރީ ގޮތުންނެވެ. އެތައް ޚާންދާނެއް އުފެދި އެއްބަޔަކު އަނެއްބަޔަކާ ގުޅުމުން އެ ވަނީ ޤަބީލާއަކަށެވެ. މިއީ އިންސާނުންގެ ދެވަނަ ސޮސައިޓީ އެވެ. މިވަރުން ވެސް، އެ ބައިމީހުންގެ ބޭނުންތަކުގެ ދާއިރާ ފުޅާ ވެގެން ދިއުމުގެ ސަބަބުން އިތުރު އެއްބައިވަންތަކަމާއި އެއްބާރުލުމަށް އެ މީހުން ބޭނުންވެ އެވެ. އެހެންކަމުން އެތައް ޤަބީލާއެއް އެއްބައިވެ އެކަތިގަނޑަކަށް ވެދެ އެވެ. މި އުފެދުނީ އިންސާނުންގެ ތިންވަނަ ސޮސައިޓީ އެވެ. މިއަށް ކިޔަނީ ޤައުމެވެ. ޚާންދާނަކީ، ބަޔަކު މީހުންގެ އެންމެ ކުޑަ އަދި ބާރު ދެރަ ސޮސައިޓީ ނުވަތަ ޖަމާޢަތެވެ. ޤަބީލާ އަކީ، ޚާންދާނަށްވުރެ ބޮޑު، ބައިގިނަ، އެއަށްވުރެ ބާރުގަދަ ޖަމާޢަތެކެވެ. އަދި ޤައުމަކީ، އެއަށްވުރެ ވެސް ބައިގިނަ އަދި އެއަށްވުރެ ބާރުގަދަ ޖަމާޢަތެކެވެ. ޤައުމަކީ ބާރުގަދަ ޖަމާޢަތަކަށް ވުމުގެ ސަބަބުން ބިމުގެ ވަކި ހިސާބެއް އެ މީހުންގެ އަމިއްލަ ތަނެއް ކަމުގައި ދެކެ، އެ ތަނުގައި އާބާދުވެ، ބާރުގެ ދަށަށް ގެނެސްގަނެ އެވެ. އެއަށްފަހު އެ މީހުން ދިރިއުޅުމަށްޓަކައި ވަކި އުޞޫލުތަކެއް، ވަކި ގޮތްތަކެއް އުފައްދަ އެވެ. އޭގެ ތެރޭގައި ތަހުޛީބާއި ތަމައްދުން އުފެދި އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމްކުރުމާއި ޖެހޭ ބޮޑެތި ކަންތައްތަކުގައި އެންމެން އެއްބާރު ލައިގެން އެ ކަމާ ބެހޭ ގޮތުން ފިޔަވަޅު އެޅުން ހިމެނެ އެވެ. ޤައުމަކީ، އެންމެ ފުރިހަމަ އިންސާނީ ސޮސައިޓީ އެވެޤައުމެއްކަމުގައި ވާ ނަމަ އެ މީހުންގެ ކިބައިގައި އަމިއްލަ އިންފިރާދީ މިޒާޖެއް އޮންނާނެ އެވެ. ކޮންމެ ޤައުމެއް ވެސް އެހެން ޤައުމުތަކާ އެ މީހުންގެ އާދަކާދަ އާއި ޘަޤާފަތުގައި ތަފާތުވާނެ އެވެ. ވާހަކަ ދައްކާ ބަހާއި މީހުންގެ ސިފައަށް ދާންދެން ތަފާތެވެ. ދުނިޔޭގެ ކޮންމެ ޤައުމަކަށް ބެލި ނަމަ ވެސް ބޮޑެތި ތަފާތު ތަކެއް ފެންނާނެ އެވެ. މިއީ ފިޠުރީ ކަމެކެވެ. ޤައުމުގެ މައްޗަށް ވައިފެނުގެ އަސަރު ވެސް ކުރެ އެވެފާރާބީ، ވިދާޅުވާގޮތުގައި، ޚާންދާނީ ދިރިއުޅުމަކީ އުނި ދިރިއުޅުމެކެވެ. އެއަށްވުރެ ޤަބާއިލީ ދިރިއުޅުން ފުރިހަމަ ވެގެން ދެ އެވެ. އަދި އެއަށްވުރެ ޤަވްމީ ދިރިއުޅުން ފުރިހަމަ ވެގެން ދެ އެވެ. ތަފާތު ހުނަރުތައް ދަންނަ މީހުންނަށް އުޅެވޭނީ ބައިބޯ ތަނެއްގައި ކަމުގައިވާތީ އެ ފަދަ ތަނަކުން ލިބެންހުންނާނެ ފަސޭހަތައް ވެސް އިތުރު ވާނެ އެވެ. ޢަރަބި ބަހުގައި މަދީނާއޭ މިކިޔަނީ އިނގިރޭސި ބަހުގައި city އޭ މި ކިޔާ ފެންވަރަށް ކުރިއަރާފައިވާ ތަންތަނަށެވެ. ދިރިއުޅުމުގެ ވަސީލަތްމަދު ތަނެއްގައި ދިރިއުޅޭ ބައެއްގެ ވިސްނުމާއި ފިކުރަށް އަސަރުކުރާ ފަދައިން ތަނުގެ މޫސުމާއި ވައިފެނުގެ ސަބަބުން ވެސް އެ މީހުންނަށް އަސަރުތަކެއް ކުރުވަ އެވެ. ފާރާބީ ވިދާޅުވާ ގޮތުގައި މަތީފެންވަރުގެ އިންސާނުން އުޅޭ، ތަމައްދުނާއި ތަހުޒީބު އައިސްފައިވާ ބައެއްގެ ތެރޭގައި އެންމެން ވެސް މަސައްކަތް ކުރަންވާނީ، އެހެންމީހުންނަށް ޓަކަ އެވެ. ތިމާގެ ހުރިހައި ބާރަކާއި ހަކަތައެއް ހޭދަކޮށްގެން ވެސް ހަމައެކަނި ތިމާގެ ޛާތީ ބޭނުންތައް ފުއްދުމަށް ޚިޔާލު ކުރުމަކީ، ތަހުޒީބުނުވާ ދަށް ފެންވަރުގެ މީހުންގައި ހުންނަންވީ ސިފައެއް ކަމުގައި އޭނާ ދެކެވަޑައި ގަނެ އެވެ. ފާރާބީ އެއްވެސް ޙާލެއްގައި، މުދަލާއި، މަޝްހޫރުކަމާއި ދުނިޔަވީ ގޮތުން އިންސާނާ ހުރި މަޤާމަކީ، މަތީފެންވަރުގެ ރަށްވެއްސަކަށް ވުމަށް ޝަރުޠުކުރާ ކަމެއްކަމަކަށް ނުބައްލަވަ އެވެ. އެކަމަކު އޭނާގެ ގާތުގައި މަތީފެންވަރުގެ ރަށްވެއްސަކީ، މަކާރިމުލް އަޚްލާޤު ލިބިގެންވާ މީހާ އެވެ. ފާރާބީ ވިދާޅުވާ ގޮތުގައި ތަހުޒީބުނުވާ މީހުންގެ ގާތުގައި ދިރިއުޅުމުގެ މަޤްޞަދަކީ، ވަރަށް ހަނި ދާއިރާއެއްގައި ފިތިފައި އޮންނަ އެއްޗެކެވެ. އެ ފަދަ ބައެއްގެ ހުރިހައި ވެސް ބޭނުމަކަށް ވެފައި އޮންނަނީ، ފައިސާ އެއްކުރުމާއި މުދާވެރި ވުމެވެ. އެ މީހުން އެންމެ ލޯބިވާ އެއްޗަކީ، ދުނިޔަވީ، މި ފަނާވެދަނިވި މުދަލެވެ. އެހެންކަމުން އެ ފަދަ މީހުން ނިސްބަތުން ބަލާނަމަ ދަހި ވެސް ވާނެ އެވެ. އެ ފަދަ ސޮސައިޓީއެއްގައި ޢިއްޒަތާއި ޝަރަފު ލިބިގެންވާނީ، ހަމައެކަނި ފައިސާ އާއި ބާރުހުރި މީހުންނަށެވެ. މަތީފެންވަރުގެ އަޚްލާޤާއި އަދަބާއި ގޮތްހުރި މީހުންނަކީ، އެ ފަދަ ބައެއްގެ ތެރޭގައި އެއްވެސް އަގެއްހުރި ބައެއްނޫނެވެ. ސަބަބަކީ، ދުނިޔަވީ ފައިދާއެއް އެ ފަދަ މީހުންގެ ފަރާތުން ނުވާނެ ކަމުގައި ހީކުރެވޭތީ އެވެ. މިއަށް މިކިޔަނީ ޖާހިލު ކަމެވެ. ޖާހިލީ ތަމައްދުންޖާހިލީ ތަމައްދުނުގައި، އެ މީހުންގެ ފަލްސަފާ އަކީ، ފިތުރީ ގޮތުންނާއި ޣައިރު ފިތުރީގޮތުން ބަލާއިރު މަޚުލޫޤުންގެ މެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނެތް ކަމުގަ އެވެ. އެމީހުންގެ މެދުގައި އޮންނަހައި ވެސް ކަމަކީ، ދެމިހުރުމަށްޓަކައި ދޭދޭ ދެމެދުގައި އޮންނަ އަރާރުމެވެ. އޭގެ މާނަ އަކީ، ތިމާ ދިރިހުރުމަށްޓަކައި ކުރާ ހަނގުރާމަ އެވެ. މި ކަމުގައި އެހެން ފަރުދުންނަށް ކިތަންމެ ބޮޑު އަނިޔާއެއް ލިބުނެއް ކަމަކު އެއީ އަޅައިލަންވީ ކަމެއް ނޫނެވެ. މިފަދަ އުނި މުޖުތަމަޢެއްގައި، ކޮންމެ މީހަކު ވެސް އަނެކަކާ ބެހޭގޮތުން ނުބައިކޮށް ހީކުރުމާއި ނަފްރަތަކީ، ޢާއްމު ވެގެންވާ އެއްޗެކެވެ. މިފަދަ ޖާހިލީ ތަމައްދުނެއްގައި ޙަޤީޤީ ލޯތްބާއި މުރުއްވަތްތެރިކަމާއި އުޚުވަތްތެރިކަމާއި މުސާވާތާއި އިންޞާފާއި އިޚުލާޞްތެރިކަމާއި ދީންވެރިކަން ފަދަ އަޚްލާޤީ މާތްސިފަ ތަކަކީ، އެއްވެސް ވުޖޫދެއް، ޙަޤީޤަތެއް، އަގެއް ހުރި އެއްޗަކަށް ނުވެ އެވެ. އެފަދަ ދިރިއުޅުމެއް ބިނާވެފައި އޮންނަނީ ބޭނުމާއި އެދުމުގެ މަތީގަ އެވެ. " އެދުމެއްނެތި ވެދުމެއް ނުކުރާ " ގޮތަށެވެ. ޤުދުރަތީ ނިޒާމުﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ، اَلْقَادِرُالْمُطْلَقُ އެވެ. ކުޅަދުންވަންތަ ރަސްކަނލާނގެ އެވެ. އެއީ ދުނިޔެ އިންތިޡާމު ކުރައްވާ ރަސްކަލާނގެ އެވެ. "އިންސާނުންގެ ޢަމަލުތައް ބެލެހެއްޓުމަށް، މަލާއިކަތުން ލައްވައިފައި ވެ އެވެ. " އިންސާނާއަށް ލާޒިމުވެގެންވަނީ ޙައްޤަށް ރުޖޫޢަ ވުމެވެ. ﷲއަށް ކިޔަމަންގަނެ ތަބަޢަވެ އެކަލާނގެ އަޅަކަށް ވެގަތުމެވެ." ފާރާބީ ވިދާޅުވަނީ: "ޠާހިރު މަދަނީ ޙަޔާތަކީ، އިންސާނާ ވިސްނުމާއި ހަމަ ބުއްދީގެ ބޭނުން ކޮށްގެން އުޅޭ ޙަޔާތެވެ. ޖާހިލީ ތަމައްދުން، އޭނާ ޖެހޭނީ ދޫކޮށްލާށެވެ. އެއްވެސް ކިލަނބުކަމެއް ނެތް ފިކުރާއި ޚިޔާލުން އިންސާނާގެ ސިކުނޑި ރޯޝަން ކުރުމަށް ފާރާބީ ނަޞޭޙަތް ތެރިވެލައްވަ އެވެ. ނަމާދާއި ރޯދަ އާއި ތަސްބީޙައިން، ﷲގެ މަތިވެރިކަމާއި ގަދަކީރިތިވަންތަކަން ފާޅުކުރުމަށް، އޭނާ އިލްތިމާސްކުރައްވަ އެވެ. އޭރުން އެ އަޅަކުދެކެ މަތިވެރި މާތް ﷲ ރުހިވޮޑިގަންނަވާނެ އެވެ. އަދި މަރުވުމަށްފަހު އޮތް ދާއިމީ އަބަދީ ދިރިއުޅުމުގައި އިނާމުގެ ޙައްޤުވެރިއަކަށް އޭނާ ވާނެ އެވެ. " ރަނގަޅު ރަށްވެއްސަކަށް ވުމަށްޓަކައި ބޭނުން ސިފަތައް ފާރާބީ ލިޔުއްވާގޮތުގައި ފުރިހަމަ ރަށްވެއްސަކަށް ވުމަށްޓަކައި ތިރީގައި އަންނަ ސިފަތައް އެ މީހެއްގައި ހުރުން ލާޒިމު ވެގެން ވެ އެވެ. 1- ޞިއްޙަތު ރަނގަޅު، ގުނަވަންތަކުގައި ވަރުހުރި ހުރިހައި ކަމެއް ވެސް ފަސޭހައިން ކުރެވޭ، މިޒާޖުގައި ފޫހިވުމެއްނެތް، ހަރުދަނާ، ކުރާ ކަންތަކުގައި ތަރުތީބު ހުރި، ހުރިހައި ވާޖިބު ތަކެއް ވެސް ފުރިހަމައަށް އަދާކުރާ، ޙައްޤުތައް ދަންނަ ކުއްޖަކަށްވުން. 2- ބުއްދި ރަނގަޅު، ވިސްނުންތެރި، ތައްޔާރު، ހިތްވަރު ހުރި، ދުރުވިސްނޭ، ރަނގަޅަށް ވިސްނާ، ސާފުތާހިރު ޚިޔާލުގެ ވެރި، ކިޔާ ނުވަތަ އަޑުއަހާ އެއްޗެއް ރަނގަޅަށް ވިސްނާ، އަދި އޭގެ އެންމެ ފުނަށް ވިސްނުން ހިނގާ ކުއްޖަކަށް ވުން 3- ދަސްކުރުމުގެ ބާރުގަދަ، ވަޢުދެއްކޮށްފިނަމަ އެއަށް ވަފާތެރިވާ، ނެގިމަޑުވެ، ފަސްނުޖެހޭ ކުއްޖަކަށްވުން 4- ބަސްމަގު ރިވެތި، ބަޔާންކުރާ އެއްޗެއް ރީތި ބަހުން ފުރިހަމައަށް ބަޔާންކުރަން ދަންނަ، ޖަވާބެއް ދޭނަމަ ޤަވާޢިދުން ހަރުދަނާ ކަމާއެކީގައި ފުރިހަމައަށް ޖަވާބު ދޭން ދަންނަ ކުއްޖަކަށް ވުން 5- ގެއްލިފައި ނުހުރުމާއި، މާޙައުލުގައި ވާނުވާ ދަންނަ ޣާފިލުކަމެއް ނެތް ހޭލުންތެރި ކުއްޖަކަށްވުން 6- ޢިލްމު ޙާޞިލުކުރުމަށް ތެދުވެރި ޝައުޤުވެރިކަމެއް ހުރި ޢިލްމީ ތަޙުޤީޤުތައް ކުރުމުގައި ޙައްޤު ގޮތް ހޯދަން އެދޭ އެ މަގުގައި ކުރިމަތިވާ ހުރަސްތައް ގިރާކޮށްފައި ދާން ތައްޔާރަށް ހުންނަ ކުއްޖަކަށް ވުން 7- ފުއްދުންތެރި، މުއްސަނދި ހިތެއްގެ ވެރި، ޙަސަދަ އާއި، ދަހިވެތިކަމާއި، ރުޅިއާއި ނަފްރަތާއި ކުޅިވަރުތަކާ ދުރުހެލިވާ ކުއްޖަކަށްވުން 8- ތެދުވެރި، ދީންވެރި، ޙައްޤު ފާޅުކުރުމުގައި ފަސްނުޖެހޭ ވާހަކަ ދައްކާމީހާއަށް ޤަދަރުކުރާ، ދޮގު ނުހަދާ، މަކަރާ ޙީލަތް ނުހަދާ، ހުތުރުބަސް ނުމޮށޭ، ނާކާމިޔާބުވުމުން މާޔޫސް ނުވާ ކުއްޖަކަށްވުން 9- ގޮތް ހިފަހައްޓާ، ޣީރަތްތެރި، ވަރުގަދަ ޝަޚުޞިއްޔަތެއްގެ ވެރި ޚުލްޤު ހެޔޮ، މާތް ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކުއްޖަކަށް އޭނާ ވުން ފާރާބީގެ ޝަޚުޞިއްޔަތުއޭނާ އަކީ، ވަރަށް ބޮޑު މުފައްކިރެކެވެ. ސައިންސްދާނެކެވެ. ޢިލްމުލްއަޚްލާޤުގެ މޫޖިދެވެ. ނަފްސިއްޔާތުގެ މާހިރެކެވެ. އެންމެ ފުރަތަމަ އިޖުތިމާޢީ ދިރިއުޅުމުގެ ނަޒަރިއްޔާ ފާޅުކުރެއްވީ އޭނާ އެވެ. ތަހުޒީބާއި ސޮސައިޓީގެ ފުރިހަމަ ޗާޓެއް އޭނާ ތައްޔާރުކުރެއްވި އެވެ. އޭނާ އަކީ ސިޔާސަތު ވެސް ދަންނަ ބޭފުޅެކެވެ. ފާރާބީގެ މަޝްހޫރު ފޮތްފޮތަކީ:-1. اَلْجَمْعُ بَيْنَ رَأْيَيِ الْحَكِيْمَيْنِ 2. اَلتَّوْطِيَةُ فِي الْمَنْطِقِ 3. اَلسِّيَاسَةُ الْمَدَنِيَّةِ 4. آرَاءُ أَهْلِ الْمَدِيْنَةِ الْفَاضِلَةِ 5. رِسَالَةٌ فِي الْعَقْلِ 6. رِسَالَةُ الفُصُوصِ 7. إِحْصَاءُ الْعُلُومِ وَ التَّعْرِيَفِ بِأَغْرَاضِهَا 8. كِتَابُ الْمُوسِيقَي اَلْكَبِيْرُ 9. كِتَابُ اْلأَلْفَاظِ 10.كِتَابُ الْحُرُوفِ
|
| ހަމަ މި ގަލަމުން |
|---|