ފަންވަތް ދީން ޤުރުއާނާއި ސައިންސް ތަރީގެ ޙަޔާތުގެ މަރުޙަލާތައް
ބެލި ޢަދަދު: 1098
ތަރީގެ ޙަޔާތުގެ މަރުޙަލާތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދީން - ޤުރުއާނާއި ސައިންސް
24 ޖެނުވަރީ 2010، 14:02 އާދީއްތަ

މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް

ކީރިތި ޤުރްއާނުގައި ތަރިތަކުގެ ތަފާތު މަރްޙަލާތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. " وَإِذَا النُّجُومُ انكَدَرَتْ" (سورة التكوير  2) މާނައީ: [އަދި، ތަރިތަކުން އޭގެ އަލިކަންގޮސް ކިލަނބުވެ، އަލި ފަނޑުވެއްޖެ ހިނދެވެ." އަދިވެސް ވަޙީކުރައްވައެވެ. " فَإِذَا النُّجُومُ طُمِسَتْ" (سورة المرسلات 8) މާނައީ: [ފަހެ، ތަރިތަކުން އޭގެ އަލިކަން ފުހެވިއްޖެ ހިނދެވެ.]

އޭގެ އެތައް ޒަމާނެއް ފަހުން ވިހިވަނަ ޤަރްނުގެ ފަހުކޮޅު ޢިލްމުވެރިން ސާބިތު ކޮށްދީފައިވަނީ ތަރީގެ ޙަޔާތުގައި ތަފާތު މަރްޙަލާތަކެއް ވާކަމެވެ. އޭގެ ތެރެއިން އެއް މަރުޙަލާއަކީ ތަރިތަކުން އޭގެ އަލިކަން ފަނޑުވަމުންގޮސް އޭގެ އަލިކަން ކިލަނބުވާ މަރުޙަލާއެވެ. ދެން އެއަށްފަހު އަންނަ މަރުޙަލާއަކީ ތަރިތަކުން މުޅިން އަލިކަން ފިލައިގެންދާ މަރުޙަލާއެވެ.

ފަހެ، ތަރިއަކީ ހުޅުރޯވެ، އަނދައަނދާ ހުންނަ ގޭސް ގުޅަވަރެކެވެ. ތަރީގެ ސަޠަޙުގައި ހިނގާ ނިއުކްލިޔަރ ޙަރަކާތްތަކާ ގުޅިގެން ރޯވެ އަނދާ މި އެނދުމުގެ ސަބަބުން ތަރި އޭގެ އަމިއްލަ ނަފްސުގައި އަލިކަން އުފައްދައެވެ. ތަރީގެ ސަޠަޙުގައިވާ ހުރިހާ މާއްދާއެއް މިކަންތައްތަކުގެ ސަބަބުން މުޅިން ދަގަނޑަށް ބަދަލުވެއްޖެނަމަ އޭގެ ބުރަދަން ހުންނަވަރަށް ބަލާ، ތަރި ދެގޮތަކަށް ބަދަލުވެގެން ދާނެއެވެ. އެއްގޮތަކީ ތަރި ގޮވާ، ހަލާކުވެގެން ދިޔުމެވެ. އަނެއް ގޮތަކީ އޭގެ އަމިއްލަ ނަފްސުގައި ރޯވެފައިވާ ރޯވުންނިވި ތަރިން މުޅިން އަލިކަން ފިލައިގެން ދިޔުމެވެ. މިހެންވުމުން ތަރިން އަލިކަން ނުނިކުންނާތީ ތަރިއެއް ނުފެންނާނެއެވެ. ނަމަވެސް މި މަރްޙަލާގެ ކުރިން އެހެން މަރުޙަލާއެއް އޮންނާނެއެވެ. އެއީ ތަރީގެ އަލި މަޑުވެ ކިލަނބުވަމުންދާ މަރުޙަލާއެވެ. އެއަށްފަހު ތަރީގެ އަލިކަން މުޅިން ގެއްލި ފޮރުވިގެން ދެއެވެ.

ކީރިތި ޤުރްއާނުގައި މިޙަޤީޤަތް ވަރަށް ފުރިހަމަ ސިފަކުރުމަކުން ސިފަކޮށްދީފައި ވެއެވެ. މާތްﷲ ވަޙީކުރައްވާފައި ވަނީ [وَإِذَا النُّجُومُ انكَدَرَتْ ] އަދި، [فَإِذَا النُّجُومُ طُمِسَتْ] މިއާޔަތްތަކުގައި انكدرت މާނައަކީ: [އަލި ކިލަނބުވެ ފަނޑުވުމެވެ.] އަދި طمستގެ މާނައަކީ: [އަލި މުޅިން ފިލައިގެން ދިޔުމެވެ.]

މިއީ ވިހިވަނަ ޤަރްނުގެ ފަހުކޮޅު ޢިލްމުވެރިން ސާބިތުކޮށްދީފައިވާ، ތަރީގެ ޙަޔާތުގެ މަރްޙަލާތަކުގެ ތެރެއިން މަރްޙަލާއެކެވެ. މިހެންވުމުން ތަރީގެ އަލި އެއްގޮތަކަށްވެސް ނުފެންނާނެއެވެ. މިގޮތަށްވުމުން ކަޅު ތަރި ނުވަތަ Black holes އޭ ކިޔައެވެ. ތަރީގެ އަލިކަން ކެނޑުމުން ތަރި މުޅިން ގެއްލެއެވެ. ނަމަވެސް އޭގެ ދަމާބާރު ޖައްވުގެ ތެރޭގައި ހުރުމުން އެ ތަރި ހަލާކުވެގެން ނުދާކަން ސާބިތު ކުރެވެއެވެ.

ޢިލްމުވެރިން މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ މިކަޅު ތަރިއާ ބެހޭގޮތުންނެވެ. ފަހެ މިފަދަ ތަރިތަކުން އަލިކަން ކެނޑިފައި ހުރުމުން އެއިން އެއްވެސް އައްޔެއް ނުނިކުންނާނެއެވެ. އެއަށް އައްޔެއްއެޅުނަސް އެއަށްޔެއް ރިފްލެކްޓެއްވެސް ނުކޮށްދޭނެއެވެ. އެހެންކަމުން އެ ތަރި ހުންނަކަމާއި އެހުންނަތަން އެނގެނީ އޭގައި ހުންނަ ދަމާބާރުގެ ގަދަކަމާއި އޭގެ ގަދަ ދަމާބާރު ހުންނަ ސަރަޙައްދުންނެވެ. މިއީ ބޮޑެތި ބައެއް ތަރިތައް ނެތިދާގޮތެވެ. އެހެން ނަމަވެސް ކީރިތި ޤުރްއާނުގައި ޕްލެނެޓްތައް ނެތިދާގޮތް ކަމުގައި ބަޔާންކުރައްވަނީ އެތަކެތި ނެތިދަނީ ފުޑުފުޑުވެ ބުރަބުރައިގެން ގޮސްގެން ކަމުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. "وَإِذَا الْكَوَاكِبُ انتَثَرَتْ" (انفطار 2) މާނައީ: [އަދި ޕްލެނެޓްތައް ގޮވާ އެތިކޮޅުތައް ބުރަބުރައިގެން ހިނގައްޖެހިނދެވެ.]

މިހާ ފުރިހަމަކޮށް ކީރިތި ޤުރްއާނުގައި މިވާހަކަތައް ގެނެސް ދެއްވާފައިވާއިރު އިންސާނުންނަށް މިކަން އެނގުނީ ޓެކްނޮލޮޖީއާއި ޢިލްމީގޮތުން ކުރިއަރާފައިވާ އަހަރެމެންގެ މިޒަމާނުގައެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި އައިސްފައިވާ މިފަދަ އާޔަތްތަކުގެ މާނަ ނުވަތަ އެއާޔަތްތަކުގައި ބުނާ އެއްޗެއް އިންސާނުންނަށް ވިސްނެނީ އެމީހުނަށް ޢިލްމީގޮތުން އެކަން ހޯދުމުންނެވެ. އެހެނީ އަދިވެސް ބައެއް ޢިލްމުވެރިންނަށް މިކަންކަން ޤަބޫލެއް ނުކުރެވެއެވެ. އަދި މިޒަމާނުގެ ވަރަށްގިނަ މީހުނަށް މިކަންކަމެއް ނޭނގެއެވެ. ނަމަވެސް ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތް ތަކެއްގައި މި ޙަޤީޤަތްތައް ހާމަކޮށްދީފައި ވެއެވެ.

މާތްﷲ ވަޙީކުރައްވާފައިވާ އެހެން އާޔަތްތަކެއްގައި ވެއެވެ. (سورة التكوير 15- 16) [فَلَا أُقْسِمُ بِالْخُنَّسِ (15) الْجَوَارِ الْكُنَّسِ (16)] މާނައީ: [ފަހެ، ނޫނެކެވެ. ބޮޑެތި ތަރިތައް ގަންދެއްވާ އަންގަވަމެވެ. އޭގެ ފަލަކު ތަކުގައި ހިނގަހިނގާ ހުންނަ، އަދި އަރަމުން އޮއްސެމުންދާ ތަރިތަކެވެ.] މި އާޔަތުގައި މާތްﷲ ގަންދެއްވާ ހުވާ ވަޙީކުރައްވަނީ ބޮޑެތި ތަރިތަކެވެ. މިއީ ފަހަރެއްގައި ބްލެކް ހޯލްސް ނުވަތަ ކަޅު ތަރިކަމުގައި ވެދާނެއެވެ. މިފަދަ ބޮޑެތި ތަރިތައް ޢާންމުކޮށް ހުންނާނީ ގެލެކްސީގެ މެދުގައެވެ. އަދި އެއީ ގެލެކްސީގެ ބުރަދަން ހިފަހައްޓާދޭ މަރުކަޒެކެވެ. މިއީ އިންސާނެއްގެ ސިކުނޑިއަށް ވިސްނައި ނުގަނެވޭފަދަ ގިނަ މާއްދާތަކެއް އެކުވެފައިވާ ތަނެކެވެ. މި މާއްދާތައް އެކުވެގެން ދަނީ އެމާއްދާތަކުގެ ޒައްރާތަކުގެ މެދުގައިވާ ހުސްތަންތަންވެސް ނުހުންނަހާ ކައިރިވެ ފިތިގެންދާ ގޮތަށެވެ. ސަބަބަކީ ޒައްރާގެ އެންމެ ބޮޑުބަޔަކީ ހުސްބައެވެ. އޭގެ ތެރޭގައި މާއްދާ ހުންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން ޒައްރާގެ އަސާސީ ބައިތަކުގެ މެދުގައި ހުންނަ ދުރުމިން ނެތިދިއުމުން ޒައްރާގެ ބޮޑުމިން ވަރަށްބޮޑަށް ކުޑަވެގެން ދެއެވެ. އަދި ސިކުނޑިއަށް ނުގެނެވޭފަދަ ދަމާ ބާރެއް އެއަށް ލިބުމުން އެއިން އަލި ނުނިކުމެ އެ ތަރި ގެއްލެއެވެ. ނުވަތަ ނުފެންނަ ގޮތްވެއެވެ. އަދި އެއީ ގެލެކްސީގެ މެދުކަމުގައިވެ ގެލެކްސީގައިވާ ހުރިހާ އެއްޗެއް އޭގެ ދަމާ ބާރުގައި ޖެހެއެވެ. އާދެ، ގެލެކްސީގައިވާ ތަރިތަކާއި ޕްލެނެޓްތަކާއި، ކުދި ޕްލެނެޓްތަކާއި، ހަނދުތަކާއި، ކޮމެޓްތައް އަދި މިނޫންވެސް ތަކެތި މި ކަޅު ތަރިއާ ގުޅި އެތަކެތީގެ ބުރަދަނުގެ މަރުކަޒަކަށް މި ކަޅު ތަރި ވެއެވެ.

ބްލެކް ހޯލްސް ނުވަތަ ކަޅު ތަރިއެއް އުފެދުމަށް ވަރަށް ބާރު ޕްރެޝަރެއް ބޭނުންވެއެވެ. މިސާލަކަށް، އިރާ އެއްވަރުގެ ތަރިއެއް ޑައިމީޓަރުގައި ގާތްގަނޑަކަށް 000’92’13(ތޭރަލައްކަ ނުވަދިހަ ދެހާސް) ކިލޯމީޓަރު ހުރި އެއްޗެއް ކަޅު ތަރިއަކަށް ބަދަލުކޮށްލުމަށް އޭގެ ޑައިމީޓަރު 3 ކިލޯމީޓަރު ވަރަށް ބަދަލުކޮށްލެވޭ ވަރުގެ ބާރު ޕްރެޝަރެއް ބޭނުން ވާނެއެވެ. ކަޅު ތަރިއެއް އުފެދުމަށް އިރުގެ ބަރުދަނުގެ 3 ގުނަ ބަރުދަން ތަރީގައި ހުންނަން ޖެހޭނެއެވެ. ކުރިންވެސް ދެންނެވިފައި ވާނޭފަދައިން އަހަރެމެންނަށް ކަޅު ތަރި އެނގެނީ އޭގެ ވަށައިގެން ހުންނަ ދަމާ ބާރުގެ ސަބަބުންނެވެ. އަދި އޭގެ ވަށައިގެންވާ އެކްސްރޭ - ދޯދިތަކުގެ ގިނަކަމުންނެވެ.

ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވަނީ [فلاأقسم بالخنس] މިއާޔަތުގައިވާ خُنَّسގެ މާނައަކީ ފިލުން، ފޮރުވުން ނުވަތަ ގެއްލުމެވެ. އަދި ޢަރަބި ބަހުގެ ގޮތުން ބަލާއިރު މިވަޒަނަށް ހުންނަ ބަސްބަހަކީ ހިސާބަށްވުރެ ގިނައިން ކަމެއް ހިނގާކަން އަންގައި ދިނުމަށް ބޭނުންކުރާ ބަސްބަހެވެ. އޭގެ މާނައަކީ މި ތަރިތަކަކީ ވަރަށް ގިނައިން ފޮރުވޭ ނުވަތަ ގެއްލޭ ތަރިތައް ކަމެވެ. މާތްﷲ މިފަދަ ހުވާ ގަންދެއްވުމަކުން ހުވާ ވަޙީކުރެއްވުމުން އެކަލާނގެ މިތަކެތި ހައްދަވާފައި ވާލެއް ފުރިހަމަކަން ދޭހަވެއެވެ.

މީގެ މާނައަކީ އަހަރެމެން ދިރިއުޅޭ ގެލެކްސީގައިވެސް ކަޅު ތަރިއެއް ނުވަތަ ކަޅު ތަރިތަކެއް ވެއެވެ. ކޮންމެ ގެލެކްސީ އެއްގައިވެސް ކަޅު ތަރިއެއް ނުވަތަ ތަރިތަކެއް ހުންނާނެއެވެ. ފަލަކީ ހިސާބުތައް ދައްކާ ގޮތުގައި އަހަރެމެން ދިރިއުޅޭ މި ގެލެކްސީގެ މެދުގައި އިރުގެ ބަރުދަން ވަރުގެ ސަކޭތަ މިލިޔަން ގުނަ ބަރުދަން ހުންނާނެއެވެ. އެހެންކަމުން އެތަންވާނީ ކަޅު ތަރިއެއް ކަމުގައެވެ.

[الجوار الكنس] ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގައިވާ الكنسގެ މާނައަކީ ބަހުގެ ގޮތުން ބަލާއިރު ހަމަ الخُنَّس ގެ މާނައެވެ. އާދެ، އޭގެ މާނަ އަކީވެސް ފިލުން، ފޮރުވުން ނުވަތަ ގެއްލުމެވެ. ނަމަވެސް މިތާ މިދެބަސް ތަކުރާރު ކުރެއްވުމުގެ މާނައަކީ ކޮބައިތޯއެވެ؟ އެއީ ބަސް ގަދަކޮށްލުމަށް ކޮށްފައިވާ ތަކުރާރެއް ނޫނެވެ. ގިނަ ފަހަރަށް ކީރިތި ޤުރްއާނުގައި ބަހެއް ތަކުރާރުކުރަނީ ބަސްގަދަކޮށްލުމުގެ ގޮތުންނެވެ. އެކަމަކު މިތާނގައި ބަސްގަދަކޮށްލާނެ ބޭނުމެއް ނެތެވެ. އެހެންކަމުން މިތާ الكنس ގެ މާނައަކީ ފޮހެލުން ނުވަތަ ސާފުކޮށްލުމުގެ މާނައެވެ. އާދެ އުޑުމަތި ސާފުކުރުމުގެ މާނައިގައެވެ. ފޮރުވުމުގެ މާނައިގައެއް ނޫނެވެ.

ޢިލްމީގޮތުން ސާބިތުވާ ގޮތުގައި ކަޅު ތަރިތައް އޭގެ ފަލަކުގައި ދައުރުވަމުން ދާއިރު ދިމާވާ ކޮންމެ އެއްޗެއް ނުވަތަ ހަކަތައެއް ދިރުވާލައެވެ. އާދެ، އުޑުމަތިން ދިމާވާ ކޮންމެ އެއްޗެއް ދިރުވާލާ އުޑުމަތި ސާފުކޮށްލައެވެ. އެހެންކަމުން އޭގެ ބަރުދަން ނިހާޔަތަށް އިތުރުވެ އޭތި ގޮވާ، ދުންގަނޑަކަށް ބަދަލުވެއެވެ. އަދި އެދުންގަނޑުން މުޅިން އާ ތަރިތައް އުފެދެއެވެ. އެހެންކަމުން މިއީ ތަރި އުފެދި ފަނާވެ އަލުން އުފެދުމުގެ ބުރަކަށް ދެއެވެ. އަދި އެއީ ފުރަތަމަ އުފެއްދެވުން ފަދަ ކުޑަކުޑަ އުފެއްދެވުމެކެވެ.

އަލްޖަވާރީ: ގެ މާނައަކީ ހިނގަހިނގާ ހުރުމެވެ. ނުވަތަ ދައުރު ކުރުމެވެ. އެހެންކަމުން މި ދެއާޔަތުން އަހަރެމެންނަށް ދޭހަކޮށްދެނީ އެއީ އެއްގޮތަކަށްވެސް ނުފެންނަ ތަރިތައްކަމެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައި ގަންނަވަނީ އެއީ ދަތުރުކޮށް ދުރަށް ދިޔުމުގެ ސަބަބުން ގެއްލޭ އަދި ކައިރިވުމުން ފެންނަ ތަރިކަމުގައެވެ. އަދި އެއީ އިރުވަށައިގެން ދައުރުކުރާ ކޮމެޓް ފަދައިން ބާރު ސްޕީޑްގައި ދަތުރުކުރާ އެއްޗެއް ކަމުގައެވެ. އެކަމަކު އެއީ އެހެނެއް ނޫނެވެ. މިއާޔަތުގައި އޭގެ މާނައަކީ ކަޅު ތަރި ނުވަތަ ބްލެކް ހޯލްސްއެވެ. ކޮންމެ ގެލެކްސީއަކަށް މިފަދަ މަރުކަޒެއް ލިބިފައިވެއެވެ.

ކޮންމެ އެއްޗެއްގެ ވަށައިގެން އެހެން އެއްޗެހި އެނބުރޭނީ އެ އެއްޗެއްގައި ހުންނަ ދަމާބާރުގެ ސަބަބުންނެވެ. އެ އެއްޗެއްގައި ބަރުދަން އިތުރުވި ވަރަކަށް އޭގެ ދަމާބާރު ގަދަވެއެވެ. ކޮންމެ ތަރިއެއްގެވެސް ދަމާބާރު ގަދަވަނީ އެ ތަރިއެއްގެ ބަރުދަން އިތުރުވުމާއި އޭގެ ޕްރެޝަރު މަތިވުމުންނެވެ. އެހެންވުމުން ކުރިންވެސް ދެންނެވި ފަދައިން އެ ތަރި ކަޅު ތަރިއަކަށް ބަދަލުވެއެވެ. އަދި ނުފެންނަގޮތް ވެއެވެ. އަދި އެ ހުންނަތަން އެނގެނީ ދަމާބާރު ހުންނަ ސަރަޙައްދު ވަކިކުރަން އެނގުމުންނެވެ. އެ ސަރަޙައްދަށް އެއްވެސް އެއްޗެއް ވަދެއްޖަނަމަ އެވަންނަ އެއްޗެއްގެ ހޫނުމިން އެއްމިލިޔަން ޑިގްރީއަށްވުރެ މައްޗަށްދެއެވެ. އަދި ކަޅުތަރީގެ އެކްސްރޭ ދޯދިތަކުގައި ޖެހި އެއިން އަލިކަން ފާޅުވެއެވެ. އެއަށްފަހު އޭތި ކަޅުތަރީގެ ތެރެއަށް ވަދެގެން ދެއެވެ. މި އެކްސްރޭ ދޯދިތަކުގެ އެހީގައި ފަލަކީ ޢިލްމުވެރިން މިކަޅު ތަރި ހުންނަ ތަން ފާހަގަކުރެއެވެ. ކޮންމެ ގެލެކްސީ އެއްގައިވެސް މިފަދަ 1 ތަރި ނުވަތަ އެއަށްވުރެ ގިނަ ތަރި ހުންނާނެއެވެ. މި ކަޅުތަރީގެ ތެރެއަށް ވެއްޓޭ ކޮންމެ އެއްޗަކުން ވަރަށްގިނަ އިލެކްޓްރޯންތައް މިކަޅު ތަރި ދަމައިގަނެއެވެ. މިގޮތަށް ޖައްވުގެ ތެރެއިން ދިމާވާ ދުމާ އެހެނިހެން ތަކެތި ދިރުވާލައެވެ.

ފަހެ الله سبحانه وتعالى، الخنس ގަންދެއްވާ ހުވާ ވަޙީކުރައްވައެވެ. އަދި އެހުވާ ގަދަ ކުރައްވައެވެ. އެއަށްފަހު ވަޙީކުރައްވަނީ الجوار الكنس، މިތާ الكنس ގެ މާނައަކީ ސާފުކުރުމެވެ. ސަބަބަކީ އެއީ ޙަޤީޤަތުގައިވެސް އުޑުތައް ސާފުކުރާ އެއްޗެހި ތަކެކެވެ. މީގެ އެންމެ ޢަޖާއިބު ކަމަކީ އެމެރިކާގެ އެންމެ މޮޅު ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއަކު ބްލެކްހޯލްސް ނުވަތަ ކަޅު ތަރި ސިފަކުރައްވާގޮތެވެ. އޭނާ ވިދާޅުވަނީ މިއީ އުޑުމަތި ސާފުކުރާ ބޮޑެތި ކުނިކަހާ މެޝިންތަކެއްފަދަ އެއްޗެހި ތަކެކެވެ. ކީރިތި ޤުރްއާނުގައި މި ތަރި ސިފަކޮށްދީފައިވާ ސިފަކުރުން އެޢިލްމުވެރިޔާ ކަޅު ތަރި ސިފަކޮށްދީފައިވާ ގޮތާ އަޅާބަލާއިރު އެތައްހާސް ގުނައެއް ބަހުގެ ގޮތުން މޮޅެވެ.



(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ތުއްފާށަނާ, 2010-01-24 13:41:01
ވަރަށް މަޢުލޫމާތު މުއްސަނދި ލިޔުމެކެވެ. އެހެންވީމަވެސް ކަންނޭނގެއެވެ. ބައެއް ޖުމްލަތައް ދެތިން ފަހަރަކު ކިޔާލުމުން ނޫނީ ދޭހައެއް ނުވެއެވެ. އުސްތާޛް ޝުޖާޢުގެ މިފަދަ ލިޔުންތަކަކީ ވަރަށް ޝައުޤުކުރުވަނިވި ލިޔުންތަކެކެވެ.

"އެއަށް އައްޔެއްއެޅުނަސް އެއަށްޔެއް ރިފްލެކްޓެއްވެސް ނުކޮށްދޭނެއެވެ."
އެއިން އަލި ރިފްލެކްޓް ނުކޮށްދެއޭ ބުނުން މިއީ މަޢުލޫމާތުގެ އުނިކަމެއް ދެއްތޯ؟ ނަމަވެސް ޙަޤީޤަތުގައި އޭގެ ޖާޒުބީ ބާރުގެ ސަބަބުން އެއަށް އެޅޭ އަލީގެ ފޯޓޯންތައް ދަމައިގަންނަ ގޮތަށް އަނބުރާ ނުނިކުންނަނީބާއެވެ.

Now imagine an object with such an enormous concentration of ma*s in such a small radius that its escape velocity was greater than the velocity of light. Then, since nothing can go faster than light, nothing can escape the object's gravitational field. Even a beam of light would be pulled back by gravity and would be unable to escape.
http://cosmology.berkeley.edu/Education/BHfaq.html

ލިޔުންތެރިޔާ Black hole ގެ ތެރުޖަމާގައި ކަޅު ތަރި ބޭނުންކުރެއްވީ ކީއްވެބާއެވެ؟ ކަޅު ވަޅުގަނޑު ނުވަތަ ލޯވަޅު ބޭނުންނުކުރެއްވީ ކީއްވެބާއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1098
extra avandia and congestive heart failure