މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކާވެނީގެ ފައިދާތައް (1) |
|
|
| ދީން - ޤުރުއާނާއި ސައިންސް | |
| 02 އޮކްޓޫބަރ 2010، 09:04 ހޮނިހިރު | |
އަލްމުހަންދިސް ޢަބްދުއްދާއިމް އަލްކަޙީލްތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން މިއީ، ކާވެނީގެ ފައިދާތަކާބެހޭ ގޮތުން ކުރެވިފައިވާ ވަރަށް މުހިންމު ދިރާސާތަކެކެވެ. ކައިވެންޏަކީ، މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތުން މަޙުރޫމުވެގެން ހުރުމަކީ މުއުމިނަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ފަހެ، ކާވެނިކުރުމަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތްތަކުގެ ތެރެއިން ގަދަވެގެންވާ ސުންނަތެކެވެ. ލޯތްބާއި ކުލުނުވަނީ ކާވެނީގަ އެވެ.ކާވެނިކުރުމަކީ، ނަފުސާނީ ގޮތުން މީހާ އިސްތިޤުރާރުކޮށް ހަމަޖައްސައިދޭ ކަމެކެވެ. 34500 މީހުންގެ މައްޗަށް ކޮށްފައިވާ ދިރާސާއަކުން މިކަން ވަނީ ސާބިތުވެފަ އެވެ. ކާވެނިކުރުމަކީ، ކަންބޮޑުވުމާއި ހިތްދަތިވުން ކުޑަކޮށްދޭ ކަމެއްކަން އެ ދިރާސާއިން އެނގިފައިވެ އެވެ. އެދިރާސާ ކޮށްފައިވަނީ، ޑަބްލިއު. އެޗް. އޯ. އިންނެވެ. ދިހަ އަހަރު ދުވަހުގެ މުއްދަތަށް ކުރެވުނު އެ ދިރާސާގައި، ދުނިޔޭގެ ހުރިހާ ޤައުމެއް ޝާމިލުވެފައިވެ އެވެ. ނިއުޒީލޭންޑްގެ އޮޓާގޯ ޔުނިވަރސިޓީގެ ނަފުސާނީ ޢިލްމުވެރިއެއް ކަމަށްވާ ކެއިތު ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި، ކާވެނީގެ ސަބަބުން އަންހެނުންނާއި ފިރިހެނުންނަށް ލިބޭ ނަފުސާނީ ދުޅަހެޔޮކަން ވަރަށް ވެސް ބޮޑެވެ. ކާވެނި ރޫޅުމުން ކުރިމަތިވާ ހިތްދަތިކަމާއި ހަމަނުޖެހުމަކީ، ސިކުނޑީގެ ބަލިތައް ކުރިމަތިކޮށް ނަފުސާނީ ގޮތުން މީހާ ލޮޑުކޮށްލާ ކަމެކެވެ." ކުރިން ކުރެވިފައިވާ ދިރާސާތަކަށް، އެ ދިރާސާއިން ބާރުލިއްބައިދިނެވެ. ކުރިން ކުރެވިފައިވާ ބައެއް ދިރާސާތައް ބުނާގޮތުގައި، ކާވެނިކުރުމަކީ، ފިރިހެނުންގެ ދުޅަހެޔޮކަން އިތުރުކޮށްދީ، އަންހެނުންގެ އަތްމަތި ތިޔާގިކޮށްދޭ ކަމެކެވެ. ވަރިކުރުމަކީ، މީހާގެ ދުޅަހެޔޮކަން ނެއްތައިލާ ކަމެކެވެ. ވަރިކުރުމުގެ ސަބަބުން ހިތުގެ ބަލި ފަދަ ނުރައްކާތެރި ބަލިތައް ޖެހެ އެވެ. އޭގެ ތެރޭގައި ކެންސަރު ވެސް ހިމެނެ އެވެ. އަބަދުވެސް އަޅުގަނޑުމެން (ޤުރުއާނާއި ސައިންސްގެ އަލީގައި) ބުނަމުން މިގެންދަނީ، މާތް ﷲ ގެ ކަލާމްފުޅުގައި އަންގަވާފައިވާ ކަންތައްތަކާ، މިޒަމާނުގެ ސައިންޓިފިކް ހޯދުންތައް އެއްބަސްވަމުންދާ ވާހަކަ އެވެ. ކާވެނިކުރުމަކީ، ނަބަވީ ސުންނަތެކެވެ. އިލާހީ ޝަރީޢަތުގައި ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ކާވެނިކުރުމާ ދެކޮޅުހަދައިފި މީހާއަކީ، ޚާލިޤުވަންތަ ރަސްކަލާނގެ ޝަރީޢަތާއި، ރަޙުމަތުގެ ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތާ ޚިލާފުވެއްޖެ މީހެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. (وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ) އައްރޫމު: 21މާނައީ، "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކަ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވި އެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ." މި އާޔަތުގައި އަންގަވާފައިވާ ލޯތްބާއި އޯގާވެރިކަމާއި ހަމަހިމޭންކަން އުފެދެނީ، ޙަޤީޤަތުގައި ވެސް ކާވެނިކުރުމުން ނެވެ. މިކަންތައްތައް ޒަވާޖީ ޙަޔާތުގައި ލެއްވީ، ކާވެނި ޝަރުޢުކުރެއްވި ޚާލިޤުވަންތަ ރަސްކަލާނގެ އެވެ. އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރަނީ މިގޮތެވެ. ބައެއް ދީންތަކުގެ މީހުން ބުނާ ފަދައިން، ކާވެނީގެ ނިޒާމު ލެއްވީ ނޭޗަރ ކަމަށް އަޅުގަނޑުމެންނަކު ޤަބޫލެއް ނުކުރަމެވެ. މާތް ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުން ވަނީ، ކާވެނީގެ މަގުން އެއްކިބާވެގެންނެވެ. ކާވެނިކުރާކަން އެބައިމީހުން ބޭނުމެއް ނޫނެވެ. އެބައިމީހުން ޤަބޫލުކުރަނީ ރައްޓެހިވެގެން އުޅުމާއި، ބަދުއަޚުލާޤީ ޢަމަލުތައް ހިންގުމާއި، އެއް ޖިންސުން ގުޅުން ބޭއްވުމެވެ. އެބައިމީހުން މިކަންތައްތައް ކުރުމުގެ ސަބަބުން ވަނީ، ގައިންގަޔަށް އަރާ ޖިންސީ ބަލިތަކާއި މުޞީބާތްތައް ކުރިމަތިވެފަ އެވެ. އަދި އެބައިމީހުންގެ މުޖުތަމަޢުތަކުގައި ވަނީ، ކަންބޮޑުވުމުގެ ވަބާ ވެސް ފެތުރިފަ އެވެ. އެމެރިކާގެ ކުޑަކުދިންގެ 13 އިންސައްތަ އަށް ވަނީ، ނަފުސާނީ ބަލިތައް ޖެހިފައި ކަމަށް، ދާދި ފަހުން ކުރެވިފައިވާ ދިރާސާއެއްގައިވެ އެވެ. އިސްލާމީ މުޖުތަމަޢުތަކުގެ ޙާލަތު ބަލައިލަމާތޯ އެވެ. އިސްލާމީ މުޖުތަމަޢުތައް ވަނީ މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި ވަރަށް ވެސް ފަހަތުގަ އެވެ. ނަމަވެސް، އަޅުގަނޑުމެންގެ މުސްލިމު މުޖުތަމަޢުތަކާ، ހުޅަނގުގެ ޣައިރު މުސްލިމު މުޖުތަމަޢުތަކާ އަޅާބަލާއިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ވާކަން އެނގެ އެވެ. ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމަކީ، އިސްލާމީ މުޖުތަމަޢުތަކުގައި މަނާ ކަމެކެވެ. އެފަދަ ގުޅުންތައް ހިންގުމަކީ، ހުޅަނގުގެ މުޖުތަމަޢުތަކުގައި ހުއްދަ ކަމެކެވެ. ނަތީޖާއަކީ ކޮބައިތޯ އެވެ؟ ހުޅަނގުގެ މުޖުތަމަޢުތަކާ އަޅާބަލާއިރު، އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢުތަކުގައި، ކަންބޮޑުވުމާއި، ދަންޖެހުމާއި، ޖިންސީ ގޮތުން ގައިންގަޔަށް އަރާ ބަލިތައް ވަރަށް ވެސް މަދެވެ. މީން އެނގޭ އެއްޗަކީ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ދިރިއުޅުން ބައްޓަންކުރުމުގެ މޮޅުއިތުރު ކަމެވެ. ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމުން، މުޅި މުޖުތަމަޢަށް ސަލާމަތާއި ރައްކާތެރިކަން ލިބޭ ކަމެވެ. މިހާރު ހުޅަނގުގެ ޢާލިމުން ގޮވާލައްވަމުން އެގެންދަވަނީ، ކާވެނިކުރުމަކީ ފުރިހަމަ ޞިއްޙަތެއް ލިބިގަތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޟަރޫރީ ކަމެއް ކަމަށެވެ. އެބޭކަލުން ކާވެނިކުރުމަށް ގޮވާލައްވަމުން އެގެންދަވަނީ، އެތައް އަހަރެއް ވަންދެން ކުރެވިފައިވާ ހަރުދަނާ ދިރާސާތަކަކަށްފަހުގަ އެވެ. ކާވެނިނުކޮށް ތިބުމަށްވުރެ، ކާވެނިކުރުމަކީ މާ ފައިދާހުރި ކަމެއް ކަމަށް، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި އެބޭކަލުން ކަށަވަރުކޮށްދެއްވަ އެވެ... އެބޭކަލުންގެ މި ގޮވާލެއްވުންތަކުގެ ކުރިމަތީގައި އަޅުގަނޑުމެން މިބުނަނީ ކީކޭތޯ އެވެ؟ ތިޔަ ބޭކަލުން ތިޔަ ގޮވާލައްވާ ކަމަކީ، މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްނުކުރައްވާތޯ އެވެ؟ (إِنَّ الرَّهْبَانِيَّةَ لَمْ تُكْتَبْ عَلَيْنَا) ރިވާކުރެއްވީ: އިމާމު އަޙުމަދު.މާނައީ، "ހަމަކަށަވަރުން ތިމަންމެންގެ މައްޗަށް، ދުންޔަވީ ކަންތައްތަކުން އެއްކިބާވެ، ހަމައެކަނި އަޅުކަންކުރަން ތިބުން ފަރުޟުކުރެއްވިގެނެއް ނުވެ އެވެ." ތިމަން ދުވަހަކުވެސް ކާވެނިނުކުރާނަމޭ، ޒުވާނަކު ބުނި ހިނދު، ރަޙުމަތުގެ ނަބިއްޔާ އޭނާއާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވީ ކީކޭތޯ އެވެ؟ (فَمَنْ رَغِبَ عَنْ سُنَّتِى فَلَيْسَ مِنِّى) ރިވާކުރެއްވީ: ބުޚާރީ.މާނައީ، "ފަހެ، ތިމަންކަލޭގެފާނުގެ ސުންނަތުން އެއްކިބާވެއްޖެ މީހާއީ، ތިމަންކަލޭގެފާނުގެ މަގުގައިވާ މީހެއް ނޫނެވެ." އަދި އެހެން ޙަދީޘްފުޅެއްގައި ވެ އެވެ. (يَا عُثْمَانُ إِنِّى لَمْ أُومَرْ بِالرَّهْبَانِيَّةِ، أَرَغِبْتَ عَنْ سُنَّتِى؟ قَالَ: لاَ يَا رَسُولَ اللَّهِ. قَالَ: إِنَّ مِنْ سُنَّتِى أَنْ أُصَلِّىَ وَأَنَامَ، وَأَصُومَ وَأَطْعَمَ، وَأَنْكِحَ وَأُطَلِّقَ، فَمَنْ رَغِبَ عَنْ سُنَّتِى فَلَيْسَ مِنِّى، يَا عُثْمَانُ إِنَّ لأَهْلِكَ عَلَيْكَ حَقًّا وَلِعَيْنِكَ عَلَيْكَ حَقًّا) ރިވާކުރެއްވީ: އައްދާރިމީ.މާނައީ، "އޭ ޢުޘްމާނެވެ. ހަމަކަށަވަރުން ދުންޔަވީ ކަންތައްތަކުން އެއްކިބާވެވަޑައިގެން، ހަމައެކަނި އަޅުކަންކުރައްވަން ހުންނެވުމަށް ތިމަންކަލޭގެފާނަކަށް އަމުރުކުރެއްވިގެނެއް ނުވެ އެވެ. ކަލޭގެފާނު، ތިމަންކަލޭގެފާނުގެ ސުންނަތާމެދު ރުހިވަޑައިނުގަންނަވަނީތޯ އެވެ؟ އެކަލޭގެފާނު ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ! ނޫނެކެވެ. (ތިމަންކަލޭގެފާނު ރުހިވަޑައިގަންނަވަމެވެ.) އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ތިމަންކަލޭގެފާނު ނަމާދުފުޅު ކުރައްވައި، އަވަހާރަފުޅު ލައްޕަވަމެވެ. އަދި ރޯދަހިއްޕަވައި ފަރީއްކުޅުއްވަމެވެ. އަދި ކާވެނިފުޅު ބައްލަވައި ވަރިފުޅުކުރައްވަމެވެ. ހަމަކަށަވަރުން މިކަންތައްތައްވަނީ ތިމަންކަލޭގެފާނުގެ ސުންނަތުގެ ތެރެއިންނެވެ. ފަހެ، ތިމަންކަލޭގެފާނުގެ ސުންނަތާމެދު ނުރުހިއްޖެ މީހާއީ، ތިމަންކަލޭގެފާނުގެ ދީނުގައިވާ މީހެއް ނޫނެވެ. އޭ ޢުޘްމާނެވެ! ހަމަކަށަވަރުން ތިބާ، ތިބާގެ އަނބި ދަރީންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއް ވެ އެވެ. އަދި ތިބާ، ތިބާގެ ދެލޮލަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއް (ވެސް) ވެ އެވެ." މާތް ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރާ ކޮންމެ މުލްޙިދަކަށް ބުނަމެވެ. ނަންގަނެވިދިޔައީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އުނގަންނަވައި ދެއްވި ތަޢުލީމެވެ. ތިބާ މި ތަޢުލީމު ޤަބޫލުނުކުރައްވަނީ ކިއްވެތޯ އެވެ؟ ތިބާއާއި ތިބާގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ވަނީ މި ތަޢުލީމުގަ އެވެ. (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|