މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކީރިތި ޤުރުއާނުގައިވާ ޢިލްމީ މުޢުޖިޒާތްތައް |
|
|
| ދީން - ޤުރުއާނާއި ސައިންސް | |||
| 25 ފެބްރުވަރީ 2009، 02:12 ބުދަ | |||
|
މުޙަންމަދު ޝުޖާޢު ޢަބްދުއްރަހީމު ކީރިތި ޤުރުއާނަކީ މީގެ ސާދަސަތޭކަ އެތައް އަހަރެއްގެ ކުރިން މާތްﷲ، ޖިބްރީލްގެފާނު މެދުވެރި ކުރައްވާ އަހަރެމެންގެ ސާހިބާ މުޙަންމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައި ލެއްވި ﷲގެ ބަސް ފުޅުތަކެވެ. ޤުރުއާން ބާވައި ލެއްވުނީ 23 އަހަރު ދުވަހުގެ ތެރޭގައެވެ. މި ފޮތުގައި ފޮރުވިފައިވާ ވަރަށްގިނަ ޢިލްމީ ޙަޤީޤަތްތަކެއް ވެއެވެ. އެ ޙަޤީޤަތްތަކަކީ އެ ޤުރުއާން ބާވައިލެއްވި ބަސްކަމުގައިވާ ޢަރަބި ބަހުގެ އަހުލުވެރިންނަށްވެސް އޭގެ ހަޤީޤަތްތައް ނޭގޭ، ޢިލްމީ ގޮތުން ކުރިއަރަމުންދާ ވަރަކަށް ފާޅުވަމުންދާ ޙަޤީޤަތްތަކެކެވެ. އެކަންކަމަކީ ޤުރުއާނުގެ ވަރަށްގިނަ އާޔަތްތަކުގައި، އެކަލާނގެ ހެއްދެވިހާ ތަކެއްޗަށް ވިސްނާ ފިކުރުކުރުމަށް އެންގެވުމަށްފަހު ލައްވާފައިވާ ޙަޤީޤަތްތަކެކެވެ.ކީރިތި ޤުރުއާން ޢިލްމީ މުޢުޖިޒާތަކަށްވީ ކީއްވެ؟ ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކަކީ ވަރަށްކުރު ޢިބާރާތްތަކަކުން ބަލާޣަތްތެރި ގޮތަކަށް ގެނެސްދެވިފައިވާ އެއްޗެކެވެ. އޭގެ ތަފްސީލްތައް އެނގެނީ ޢިލްމީ ގޮތުން ކުރިއަރައިގެންގޮސް ޢިލްމީ ހޯދުންތައް ހޯދެމުންދާ ވަރަކަށެވެ. ޤުރުއާނުގައި ޢިލްމީ ބައެއް މައްސަލަތައް ޖާހިލިއްޔަ ޒަމާނުގެ ބަޔަކަށް ކިޔައި ދެވުނުނަމަ އެމީހުންނަށް އެކަންކަން ޤަބޫލު ނުކުރެވުނީސްކަން ކަށަވަރެވެ. އެޒަމާނަކީ ޤުރުއާނުން ރަސޫލާ އެމީހުންނަށް ވިދާޅުވެދެއްވާ ތަކެތި އެމީހުންގެ ބުއްދިއަށް ގެނެސްގަތުމުގެ ކުޅަދާނަކަން ލިބިފައިނުވާ ޒަމާނަކަށްވާތީއެވެ. އެހެންކަމުން އޭގައިވާ ޢިލްމީ ޙަޤީޤަތްތަކަކީ މުޢުޖިޒާތަކަށް ވިއެވެ. އެއީ ކުރީގައި ވެފައިވާ ކަންތައްތަކާއި ފަހުން ވާނޭ ކަންތައްތައް އޭގައި ހިމެނިފައި ވާތީއެވެ. މާތްﷲ ވަޙީ ކުރައްވާފައިވަނީ " تِلْكَ مِنْ أَنبَاء الْغَيْبِ نُوحِيهَا إِلَيْكَ مَا كُنتَ تَعْلَمُهَا أَنتَ وَلاَ قَوْمُكَ مِن قَبْلِ هَذَا فَاصْبِرْ إِنَّ الْعَاقِبَةَ لِلْمُتَّقِينَ " (هود 49) މާނައަކީ " އެއީ، ޣައިބުގެ ޚަބަރުތަކުގެ ތެރެއިން ހުރި ޚަބަރުތަކެވެ. ކަލޭގެފާނަކަށް ވެސް އަދި، ކަލޭގެފާނުންގެ ޤައުމުގެ މީހުންނަކަށްވެސް، (އެބަހީ މުޙައްމަދުގެފާނަކަށްވެސް އަދި، ޢަރަބީންނަކަށްވެސް) މީގެ ކުރީން އެޚަބަރުތައް އެގިފައެއް ނުވެއެވެ. ފަހެ، ކެތްކުރައްވާށެވެ! ހަމަކަށަވަރުން މޮޅުނިމުން އޮތީ، ތަޤުވާވެރީންނަށެވެ." ކީރިތި ޤުރުއާނުގައިވާ ޢިލްމީ މުޢުޖިޒާތްތަކުގެ ތެރެއިން އުޑުތަކާއި ބިން އުފެއްދުންް މާތްﷲ ކީރިތި ޤުރުއާނުގައި އުޑުތަކާ ބިމާ ބެހޭގޮތުން ބާވައި ލައްވާފައިވާ ބައެއް އާޔަތްތަކަށް ބަލާއިރު ފެނިގެން ދަނީ މިއާޔަތްތަކުގައި އުޑުތަކާބިން ހެއްދެވުމާއި، އެތަންތަން ފަނާކުރެއްވުމާއި އަދި އަލުން ފުރިހަމަޔަށް އުފެއްދެވުމާ ބެހޭގޮތުން ވަރަށް ފުރިހަމަ އަޖައިބު ކުރުވަނިވި ގޮތަކަށް އެވާހަކަތައް ގެނެސްދެއްވާފައި ވާކަމެވެ. "فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ" (الواقعة 75) މާނައަކީ: "ފަހެ، ހަމަކަށަވަރުން ތަރިތައް ހުންނަތަންތަން ގަންދެއްވާ ވަޙީކުރައްވަމެވެ. ތިޔަބައިމީހުން ދަންނަނީނަމަ، އެއީ ބޮޑުވެގެންވާ ގަންދެއްވުމެއްކަން ކަށަވަރެވެ." މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ހުވާ ވަޙީކުރައްވަނީ ތަރިތައް ހުންނަ ތަންތަން ގަންދެއްވައެވެ، ތަރިތައް ގަންދެއްވައެއްނޫނެވެ. ތަރިއަކީ ރޯވެގެން އަނދަމުންދާ ގޭސް ގުޅަވަރެކެވެ. ތަރިތަކުން ވަރަށްދުރަށް އަލި ފޮނުވާދެއެވެ. އަދި އެތައް މިލިޔަން އަހަރެއް ވަންދެން ނުނިވި އަނދަމުންދެއެވެ. ރަސޫލު ޒަމާނުގެ ބަދަވީން ނުވަތަ ސަހަރާތެރޭ ދިރިއުޅޭ ތަރައްޤީނުވާ މީހުން މި ހުވާގެ އަޑު އިވުމުން ބުނީ ކީކޭ ތޯއެވެ؟ " ތަރިތައް ހުންނަ ތަންތަނަކީ ވަރަށް ޢަޖައިބުކަން ބޮޑު ތަންތަނެވެ. ނުވަތަ އެކަމުގައި ވަރަށްގިނަ ޢަޖައިބުތަކެއް ވެއެވެ. ވީމާ، އެތަންތަން ގަންދީ ކުރާ ހުވަޔަކީ ވަރަށްބޮޑު ހުވަޔަކަށް ވާނެއެވެ. އެއީ އެތަންތަން ބިމާ ދުރުކަމާއިއެކުވެސް އެ ތަރި ތަކުގެ އަލި ލިބެން ހުންނާތީއެވެ." ޢިލްމީ ކުރިއެރުންތަކާއެކު އަޅުގަނޑުމެންނަށް މި ހުވާގެ ބޮޑުކަން އިހުނަށްވުރެ ބޮޑަށް އެނގިގެން ހިގައްޖެއެވެ. ތަރިތަކުގެ ތެރެއިން އަޅުގަނޑުމެނާ އެންމެ ގާތުގައިވާ މެދުމިނުގެ ތަރިއެއްކަމުގައިވާ އިރާ ބިމާ ދެމެދު ހުރި ދުރުމިނަކީ 150 މިލިޔަން ކިލޯމީޓަރެވެ. އަދި ސޯލާ ސިސްޓަމުން ބޭރުގައިވާ ތަރިތަކުގެ ތެރެއިން ބިމާ އެންމެ ކައިރީގައިވާ ތަރިއާ ބިމާ ހުރި ދުރުމިނަކީ 4.3 އަލި އަހަރެވެ. އަލި އަހަރަކީ 9.5 މިލިޔަން މިލިޔަން ކިލޯމީޓަރެވެ. ޖައްވުން އަހަރުމެންނަށް ފެންނަ ސަރަހައްދަކީ 20 ހާސް މިލިޔަން އަލި އަހަރުގެ ރާސްތާއެވެ. ހަމަ އެގޮތަށް އަހަރެމެންނަށް ފެންނަ ހިސާބުގައި އިރާ އެއްފަދަ މިލިޔަން މިލިޔަނަށްވުރެ ގިނަ ތަރި ލައްވާފައި ވެއެވެ. އަދި މީގެ އިތުރުން އަހަރެމެންނަށް ނުފެންނަ އެތައްބައިވަރު ތަރިތަކެއް ވެއެވެ. އެހެންކަމުން ތަރިތައް ގަންދެއްވާ ހުވާ ނުކުރައްވާ އެ ތަރިތައް ހުންނަ ތަންތަން ގަންދެއްވާ ހުވާ ކުރެއްވި ހުވާގެ ބޮޑުކަން އަހަރުމެންނަށް އެނގިގެން ދެއެވެ.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |