މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިރާއި ހަނދު އެއްކުރެއްވުން |
|
|
| ދީން - ޤުރުއާނާއި ސައިންސް | |||
| 04 ޖޫން 2009، 10:05 ބުރާސްފަތި | |||
|
މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މިކައުނު ފުޅާވަމުންދާކަން، ވިހިވަނަ ޤަރުނުގެ ކުރީކޮޅު ޢިލްމުވެރިން ވަނީ ޘާބިތުކޮށްދެއްވާ ފައެވެ. އަދި އެބޭފުޅުން ވިދާޅުވާ ގޮތުގައި މިފުޅާވުމަކީ ނިމުމެއްނުވާ ކަމެއް ނޫނެވެ. ފަހެ، ބިގްބޭންގގެ ސަބަބުން ބުރައިގެންދިޔަ އެތިކޮޅުތަކުގެ ސަބަބުން މިފުޅާވާ ފުޅާވުން ބޭރަށް ފުޅާވަމުންދާ ބާރުމިން ދަށްވާނެ ވަގުތެއް އަންނާނެއެވެ. މިބާރު ދަށްވުމުގެ ސަބަބުން އެ އެތިކޮޅުތައް، އެތެރެއަށް ދަމާބާރު ގަދަވެ، މިއެތިކޮޅުތައް އަލުން އެއްވެ، މިކައުނުގެ ހުރިހާ ބަޔަކާ އެބައިތަކުގައިވާ ހުރިހާ ހަކަތައެއް އެއްވެ އެކަތިގަނޑަކަށް ވެއެވެ. އެ އެތިކޮޅުތައް އެކުވެ އެކަތިގަނޑަކަށް ވެގެންދަނީ އެންމެ ފުރަތަމަ މިކައުނު އުފެއްދެވުމުގެ ކުރިން ނުވަތަ ބިގްބޭންގގެ ކުރިން މިގެލެކްސީ އޮތް ގޮތަށެވެ. އެ ގެލެކްސީ ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނުވާ ފަދައިންނެވެ. މިގޮތަށް މިކަން ހިނގުމަށް ބޮޑު އެއްކުރެއްވުމޭ ކިޔައެވެ. ކީރިތި ޤުރްއާނުގެ އަލްއަންބިޔާއު ސޫރަތުގެ 104 ވަނަ އާޔަތުގައި މިކަންތައް ވަރަށްކުރު ޢިބާރާތުން ނުހަނު ބަލާޣާތްތެރިކޮށް ސިފަކޮށްދެއްވާފައި ވެއެވެ. ފަހެ ޤަދީމީ ޒަމާނުގައި ޢަރަބިން އެބައިމީހުންގެ ޢަހްދު ކަށަވަރުތަކާއި އެއްބަސްވުންތައް ލިޔަމުންގެންދިޔައީ ކަރުދާސް ފަދައިން ބަކަރިހަން ފަދަތަކެތީގައެވެ. މިތަކެތި ލިޔުމަށްފަހު ރައްކާ ކުރުމަށްޓަކައި އޮޅާލާ ނުވަތަ ފަތްޖަހާލައެވެ. މިއަށް ޢަރަބިބަހުން "طى السجل" ލައްޕާލުން ނުވަތަ ފަތްޖަހާލުމޭ ކިޔައެވެ. ހަމައެގޮތަށް ފޮތް ލައްޕާލުމުން އެތެރޭގައިވާ ގަނޑުތައް ފަތްޖަހާ ލެވެއެވެ. މިކައުނުގައިވާ ބައިތައް އެކުވެ އެކަތިގަނޑަކަށް ވެގެންދަނީ ހަމައެފަދަ ގޮތަކަށެވެ. މިއީ ޤުރްއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިންވާ ކަމެކެވެ. الله تبارك وتعالى ވަޙީކުރެއްވިއެވެ. " يَوْمَ نَطْوِي السَّمَاء كَطَيِّ السِّجِلِّ لِلْكُتُبِ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ" ( الانبياء 104)މާނައީ: [(އެދުވަހަކީ) ލިޔުއްވާ ބޭކަލުން ފޮތްތައް ލައްޕަވާލައްވާ ފަދައިން ތިމަން ރަސްކަނލާގެ އުޑު ލައްޕަވާ ދުވަހެވެ. އަދި، (ހުރިހާ ތަކެތި ނެތިކުރެއްވުމަށްފަހު) އެންމެ ފުރަތަމަ އުފެއްދެވި ފަދައިން ތިމަން ރަސްކަލާނގެ އެތަކެތި އަލުން އިޢާދަކުރައްވާ ހުށީމެވެ. އެއީ ތިމަން ރަސްކަލާނގެ މައްޗަށް ވަޢުދުވެ ކަށަވަރުވެގެންވާ ކަމެކެވެ. އެކަމަކީ ހަމަކަށަވަރުން ކުރައްވާނޭ ކަމެއް ކަމުގައި ވަމެވެ. މިއާ އެއްވެސް ތަފާތެއްނެތް ގޮތެއްގައި މިކައުނު ފުޅާވަމުންދާ ފުޅާވުން ނިމިގެންދާނޭކަން، ވިހިވަނަ ޤަރުނުގެ ފަހުކޮޅު ޢިލްމުވެރިން ހޯދިއެވެ. މި އެއްކުރެއްވުމަކީ ފުރަތަމަ ގޮވި ގޮވުމުގެ އިދިކޮޅެވެ. އެހެނީ އެއްޗެއް ގޮވާ ބުރަބުރައިގެން ދިޔުމުގެ އިދިކޮޅަކީ އެތަކެތި އަލުން އެކުވެ އެކަތިގަނޑަކަށް ވުމެވެ. މިކައުނުގައިވާ ހުރިހާ އެއްޗެއް އަލުން އެއްކުރެއްވުމަށްފަހު މި ގެލެކްސީ ދެވަނަ ފަހަރަށް ގޮވައެވެ. އަދި ކުރީ ފަހަރު ފަދައިން ދުންގަނޑަކަށް ބަދަލުވެއެވެ. ފަހެ މިދުންގަނޑުން މިބިން ފިޔަވާ އެހެން ބިމެއް، މިއުޑުތައް ފިޔަވާ މުޅިން އެހެން އުޑުތަކެއް އުފައްދަވާނެއެވެ. މާތްﷲ ވަޙީކުރައްވާފައި ވަނީ "يَوْمَ تُبَدَّلُ الأَرْضُ غَيْرَ الأَرْضِ وَالسَّمَاوَاتُ وَبَرَزُواْ للّهِ الْوَاحِدِ الْقَهَّارِ" (سورة ابراهيم 48)މާނައީ: [އެދުވަހުން، ދުނިޔެ އެހެން ދުނިޔެއަކަށް، އަދި، އުޑުތައްވެސް، (އެހެން އުޑުތަކަކަށް) ބަދަލުވެގެން އަންނާނެތެވެ! އަދި، އެންމެހައި މީސްތަކުންމެ (ކިޔަމަންތެރި ގޮތުގައި) ﷲގެ ޙަޟްރަތަށް އަންނަ ހުއްޓެވެ! އެކަލާނގެއީ އެއްކައުވަންތަ، އެންމެހައި ބާރު ލިބިވޮޑިގެންވާ، މަތިވެރިކަމުގެ ވެރި ރަސްކަލާނގެއެވެ!] ހަމައެފަދައިން މިކައުނު ފަނާކުރައްވާ ގޮތް ވަރަށް ފުރިހަމައަށް ބަޔާން ކުރައްވާފައިވާ سورة القيامةގެ އާޔަތް ތަކެއްގައި މާތްﷲ ވަޙީކުރެއްވިއެވެ. " يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ "(6)މާނައީ: [ޤިޔާމަތްދުވަސް އަންނާނީ ކޮންއިރަކުންހޭ އޭނާ ސުވާލުކޮށް އުޅޭނެތެވެ.] " فَإِذَا بَرِقَ الْبَصَرُ"(7)މާނައީ: [ފަހެ އެއީ ލޮލުގެ ފެނުމަށް ބަދަލުއައިސް ޙައިރާންކަން ލިބޭ ހިނދެވެ.] " وَخَسَفَ الْقَمَرُ" (8)މާނައީ: [އަދި، ހަނދުން އޭގެ އަލިކަން ފިލައި އަނދިރިވާ ހިނދެވެ.] "وَجُمِعَ الشَّمْسُ وَالْقَمَرُ" (9)މާނައީ: [އަދި، އިރާއި ހަނދު އެއްތަން ކުރެއްވޭ ހިނދެވެ.] (ނުވަތަ އެއްކުރެވޭނެއެވެ.) ފަހެ ކީރިތި ޤުރްއާނުގައިވާ [وجمع الشمس والقمر] އިރާ ހަނދު އެއްކުރެއްވޭނެއެވެ. މި އެއްކުރެއްވުން އެއްކުރެއްވޭނީ ކިހިނެއް ހެއްޔެވެ؟ ޢިލްމުވެރިން ސާބިތުކޮށްދީފައިވާ ފަދައިން ހަނދު އަހަރަކު 3 ސެންޓިމީޓަރަށް ބިމާ ދުރުވަމުންދާނަމަ ކޮންމެވެސް ވަގުތަކު ހަނދު، އިރުގެ ދަމާ ބާރުގެ ތެރެއަށްވަދެ އިރު، އޭތި ދިރުވާލާނެއެވެ. އަދި މިއީ އަހަރެމެން ދިރިއުޅޭ މިކައުނު ފަނާވެގެން ދިޔުމުގެ ފެށުމެވެ. އާދެ މިކައުނު ފަނާވުން ފެށެނީ އިރާ ހަނދު އެކުވެގެން ދިޔުމުންނެވެ. މިއީ ކީރިތި ޤުރްއާނުގައި އަހަރެމެންނަށް އަންގަވާ ދެއްވާފައިވާ ކަމެކެވެ. މިކަމުން އެޤުރްއާނަކީ ހުރިހާ އެއްޗެއް ހެއްދެވި ޣައިބުގައިވާ ހުރިހާކަމެއް ދެނެވޮޑިގެންވާ ﷲ ބަސްފުޅުކަމަށް ހެކިވެއެވެ. އަދި މުޙައްމަދުގެފާނަކީ އެންމެފަހުގެ ރަސޫލާ ކަމަށާއި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ ތެދުކަން ސާބިތު ކޮށްދެއެވެ. މާތްﷲ އެކަލާނގެ ރަސޫލާގެ ބަސްފުޅުތައް سورة النجمގައި ސިފަކުރައްވަނީ މިފަދައިންނެވެ. "وَمَا يَنطِقُ عَنِ الْهَوَى" (3)މާނައީ: [އެކަލޭގެފާނު އެވިދާޅުވެދެއްވާ ބަސްފުޅުތަކަކީ އެކަލޭގެފާނުގެ އަމިއްލަ އެދުންފުޅަށް ވިދާޅުވާ ބަސްފުޅުތަކެއް ނޫނެވެ.] "إِنْ هُوَ إِلَّا وَحْيٌ يُوحَى" (4) މާނައީ: [އެއީ އެކަލޭގެފާނަށް އިއްވޭ ވަޙީއެއް ކަމުގައި މެނުވީ ނުވެއެވެ.] "عَلَّمَهُ شَدِيدُ الْقُوَى" (5)މާނައީ: [އެކަލޭގެފާނަށް އެ (ޤުރްއާން) އުނގަންނައި ދެއްވީ ގަދަފަދަ މަލާއިކަތެކެވެ.] (ޔަޢުނީ: ޖިބްރީލުގެފާނެވެ.)" ކުރިން އިސްވެދިޔަ އާޔަތްތަކުގައި އަލްޚަސްފުގެ މާނައަކީ ފޮރުވުމެވެ. އެހެނީ ހަނދުގެ އަލިކަން ފިލާދިއުމެވެ. ސަބަބަކީ ހަނދު، ބިމާދުރުވަމުން ދާވަރަކަށް ހަނދުން ބިމަށް ފޮރުވައިދޭ އިރުގެ އަލި މަޑުމަޑުން މަޑުވަމުންގޮސް އެއަލިކަން މުޅިން ނެތިގެންދެއެވެ. އޭގެ އަލިކަން މަޑުމަޑުން ފިލައިގެން ދާފަދައިންނެވެ. މިއީ ކީރިތި ޤުރްއާނުގައިވާ ވަރަށް ޢިބްރަތްތެރި އާޔަތް ތަކެކެވެ. މިކައުނު އުފެއްދެވުމާއި ފަނާކުރެއްވުމާ ބެހޭގޮތުން ވަރަށްގިނަ އާޔަތްތަކެއް ކީރިތި ޤުރްއާނުގައި ވެއެވެ. ނަމަވެސް ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މިކަންކަން އިންސާނުންނަށް ކަނޑައެޅިގެން އެގޮތަކަށް ނޭނގޭނެއެވެ. މިކައުނުގައި ހިނގާ ކަންތައްތައް ސާބިތު ނޫންނަމަ ނުވަތަ އުޑުމަތީގައާއި، ހިލަތަކުގައި މިކަމަށް ހެކިދޭ ހެކިތައް ބިންވަޅުނެގި، ފެންނަން ނެތްނަމަ ފަލަކީ ޢިލްމުވެރިންނާއި ފިޒިކްސް ޢިލްމުވެރިންނަކަށް މިކައުނު އުފެދުނުގޮތާއި ފަނާވާނޭ އެއްވެސް ގޮތެއް ނޭނގޭނެއެވެ. އަދި މުސްލިމުން ފިޔަވާ އެހެން މީހުނަށް މިކަންތައްތަކަކީ ހަމައެކަނި ތިޔަރީ ތަކެއްގެ ގޮތުގައި ނޫނީ ނޭނގޭނެއެވެ. ނަމަވެސް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން މިކަންކަން ސާބިތުވެފައިވާތީ މުސްލިމުންނަށް މިއީ ޙަޤީޤަތެއްކަން ކަށަވަރު ކުރެވޭނެއެވެ. މީގެ މާނައަކީ ކީރިތި ޤުރްއާނުގައި މިކައުނު އުފެއްދެވުމާއި ފަނާކުރެއްވުމާއި އަލުން އުފެއްދެވުން ސިފަކުރައްވާފައިވަނީ ކިޔާ މީހަކަށް ވަރަށް ފުރިހަމައަށް ވިސްނޭނޭފަދަ ގޮތަކަށެވެ. ފަހެ އުފެއްދެވުމާއި ފަނާ ކުރެއްވުމާ އަލުން އުފެއްދެވުން ފަދަ ކަންކަމަކީ ލޮލަށް ފެނިގެން ހިނގާ ކަންތައްތަކެއް ނޫނެވެ. ފެނިގެން ހިނގާކަންކަމަކީ މިކަންކަން ހިނގާނޭކަމަށް ކުރައްވާފައިވާ ސިފަކުރެއްވުން ތަކުގައިވާ ކަންކަމެވެ. ޢިލްމީގޮތުން އަލިކަމާއި އަލި ވަކިނުކުރާ ޒަމާނެއްގައި ކީރިތި ޤުރްއާނުގައި އިރު ސިފަކޮށްދެނީ އަލިކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އަދި ހަނދު ސިފަކޮށްދެނީ އަލިފޮނުވާދޭ އެއްޗެއްގެ ގޮތުގައެވެ. މާތްﷲ ވަޙީކުރައްވަނީ " هُوَ الَّذِي جَعَلَ الشَّمْسَ ضِيَاء وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ السِّنِينَ وَالْحِسَابَ مَا خَلَقَ اللّهُ ذَلِكَ إِلاَّ بِالْحَقِّ يُفَصِّلُ الآيَاتِ لِقَوْمٍ يَعْلَمُونَ" (سورة يونس 5)މާނައީ: [އެކަލާނގެއީ އަލިކަމެއް ކަމުގައި އިރުލައްވައި ނޫރެއް ކަމުގައި ހަނދުލެއްވެވި ރަސްކަލނާގެއެވެ. އަދި، އެ ހަނދު، (ހިނގުމަށް) މަންޒިލްތަކެއް މިންވަރު ކުރައްވާފައިވަނީ ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކުގެ) ހިސާބު ދެނެގަތުމަށެވެ. (ހިކުމަތްތަކަށް ޓަކައި) ޙައްޤުތެދު ގޮތުން މެނުވީ، އެކަލާނގެ އެތަކެތި ނަހައްދަވައެވެ. އެކަލާނގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، ދަންނާނޭ ބަޔަކަށެވެ.] ޢަރަބި ބަހުގައި އައްޟިޔާއު އަލިކޮށްދިނުން ބޭނުންކުރަނީ އޭގެ އަމިއްލަ ނަފްސުގައި އަލިކޮށްދޭ ތަކެއްޗަށެވެ. މިފަދަ ތަކެތީގެ އަލި އެހެން ބައެއް ތަކެއްޗަށް އެޅުމުން އެއަލި އަލުން އެހެންތަނަކަށް ފޮނުވާ ދިނުމަށް [ނޫރު] ނުވަތަ އަލިފޮނުވާ ދިނުމޭ ކިޔައެވެ. މިފަރަޤު ކުރުމަކީ ކީރިތި ޤުރްއާން ޢިލްމީ މުޢުޖިޒާތަށް ވުމުގެ ހެއްކެކެވެ. ފަހެ އެފަދަ ޒަމާނެއްގައި މިފަދަ ޢިލްމީ ތަފާތެއް، ހުރިހާ ތަކެއްޗެއް ހެއްދެވި ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނޭނގޭނެކަން ކަށަވަރެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ އަބޫ އިބްރާހިމް, 2009-06-04 05:08:14
މި މަޡްމޫން ލިޔުއްވި ފަރާތައް ފަށްފަށުން ޝުކުރު އަދާކުރަން އަދި މިފަދަ މަޡްމޫނުތައް އިތުރުކުރުމަށް ހިތްވަރުދެން. ޝުކުރިއްޔާ!!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|