މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
|
| ޢިއްޒަތްތެރި މެހުމާނަކާއެކު މުޙާވަރާއެއް |
|
|
| ދީން - ސުއާލާއި ޖަވާބު | |
| 26 ޖުލައި 2010، 23:52 ހޯމަ | |
|
ޢަބްދުލްމުޢީދު ޙަސަން އައްސަލާމު ޢަލައިކުމް ވަރަޙުމަތު ﷲ ވަބަރަކާތުހް.ވަޢަލައިކުމުއް ސަލާމް ވަރަޙުމަތު ﷲ ވަބަރަކާތުހް. ތިޔައީ ކާކުހެއްޔެވެ؟ އަހުރެންނަކީ ތިޔަބައިމީހުންގެ ގާތަށް އައުމަށްފަހު އެނބުރިދާ މެހުމާނެކެވެ. ތިޔަބައިމީހުންނާއެކު ކުޑަ ދުވަސްކޮޅެއް ހޭދަކޮށްލުމަށް އަންނަ ދަތުރުވެރިއެކެވެ. މީސްތަކުންނަށް ހެޔޮބަސްތަކުން ނަޞޭޙަތްތެރިވާ އަމާނާތްތެރިއެކެވެ. އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގެ ނޫރުން ދޯއްޖެކެވެ. ތިބާއަށް ވަރަށް ހޫނު މަރްޙަބާއަކުން މަރްޙަބާ ކިޔަމެވެ. ތިބާގެ ނަމާއި ނަސަބަކީ ކޮބައިހެއްޔެވެ؟ އަހުރެންނަކީ ވަގުތާއި ޒަމާނުގެ ދަރިއެކެވެ. އަހުރެންގެ ކާބަފައިންނަކީ މާޒީވެދިޔަ ދުވަސްތަކެވެ. އަހުރެންގެ ބޭބެއަކީ ޝަޢުބާނެވެ. ކޮއްކޮއަކީ ޝައްވާލެވެ. އަހުރެންނަކީ ރަމަޟާނެވެ. ތިބާގެ ޢުމުރުން ކިހައި ދުވަހެއް ވެއްޖެ ހެއްޔެވެ؟ އަހުރެންގެ ޢުމުރުންވީ، ހިޖުރައިގެ ދެވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ވީހައި ދުވަހެކެވެ. އަހަރެމެންގެ ގާތަށް ތިބާ އަންނަނީ ކޮންތަނަކުން ހެއްޔެވެ؟ ރަޙުމާނުވަންތަ ރަސްކަލާނގެ ޙަޟުރަތުންނެވެ. އިންސާނުން ޚަލްޤުކުރައްވައި އެބައިމީހުންނަށް ބަސްމޮށުންތެރިކަމުގެ ނިޢުމަތް ދެއްވީ އެކަލާނގެ އެވެ. ތިބާ ދިރިއުޅެނީ ކޮންތާކުހެއްޔެވެ؟ އަހުރެން ދިރިއުޅެނީ މުއުމިނުންގެ ހިތްތަކުގަ އެވެ. ތަޤުވާވެރިންގެ ގޯތިގެދޮރުގަ އެވެ. އިޙުސާންތެރިންގެ އަވަށްޓެރިޔެއްގެ ގޮތުގަ އެވެ. މިދުވަސްވަރު އަހަރެމެންނަށް ކުރިމަތިވެގެން މިއުޅޭ ފަދަ ބޯހިޔާވަހިކަމުގެ މައްސަލައެއް ތިބާއަށް ކުރިމަތިވި ހެއްޔެވެ؟ ތިޔަ މައްސަލަ، އަހުރެންނާ ވެސް ކުރިމަތިވެ އެވެ. އަހުރެން ހުރިހައި ގެޔަކަށް ދަމެވެ. ހުރިހައި މަންޒިލަކަށް ޒިޔާރަތްކުރަމެވެ. ކާރުވާންސަރާތަކަށް ބޮޑުއަގު ދެމެވެ. ނަމަވެސް ބަޚީލުންނާއި އަބާއްޖަވެރިން އަހުރެން އެތަންތަނުން ބޭރުކުރެ އެވެ. ދުނިޔޭގެ އުފާވެރިކަމުގެ ތެރެޔަށް ގެއްލިފައިވާ މުއްސަނދިން އަހުރެންނާ އަޅައެއް ނުލަ އެވެ. ޖާހިލު ފަޤީރުން ހިތާމަވެރި މޫނަކާއިގެން އަހުރެންނާ ކުރިމަތިލަ އެވެ. ނަމަވެސް އަހުރެންނަކު ނާއުންމީދެއް ނުވަމެވެ. އަހުރެން އަންނަ ކޮންމެ ފަހަރަކު، އަހުރެން ދެކެ ލޯބިވާ މީހުން ހޯދަމެވެ. އަހުރެންނަށް އެބައިމީހުން ފެންނަނީ، އިޙުސާންތެރި މުއުމިނުންގެ ތެރެއިންނެވެ. އަދި ތަޤުވާރި ޞާލިޙުންގެ ތެރެއިންނެވެ. އެބައިމީހުން ތިބެނީ އަހުރެންގެ އިންތިޒާރުގަ އެވެ. ބޯހިޔާވަހިކަމެއް ލިބިފައި ނެތަސް، އުފާވެރިކަމާއެކު އެބައިމީހުން އަހުރެންނާ ބައްދަލުކުރެ އެވެ. އަހަރެމެންނާއެކު ތިބާ އުޅޭނީ ކިހައި ދުވަހަކު ހެއްޔެވެ؟ ތިޔަބައިމީހުންގެ ތެރޭގައި މިއަހަރު އަހުރެން މަޑުކޮށްލާނީ ކުޑަ ދުވަސްކޮޅަކަށެވެ. އެއީ، ގާތްގަނޑަކަށް އޮނަތިރީސް ދުވަހެވެ. ނުވަތަ ތިރީސް ދުވަހެވެ. މުސްލިމުންގެ ރަށްތަކުގައި ތިބާ ކޮށްއުޅެނީ ކޮންކޮން މަސައްކަތްތަކެއް ހެއްޔެވެ؟ މައިގަނޑު ގޮތެއްގައި ތިންހަތަރު މަސައްކަތެއް އަހުރެން ކުރަމެވެ. އެއީ ދަނޑުވެރިކަމާއި ޞިނާޢީ އުފެއްދުންތެރިކަމެވެ. އަދި ބޭސްވެރިކަމާއި ތަޢުލީމު ދިނުމެވެ. ތިބާ ދަނޑުހައްދަނީ ކިހިނަކުން ހެއްޔެވެ؟ އަހުރެން ދަނޑުހައްދާއިރު މީސްތަކުންގެ ހިތްތަކުގައި އީމާންކަން އިންދަމެވެ. މީސްތަކުންގެ ނަފުސުތަކުގައި އަޅާލުމާއި ލޯބި މުޑުވައްކުރަމެވެ. ރިވެތި އަޚުލާޤާއި ޚުލްޤުހެޔޮކަމުގެ ގަސްތައް ރުވަމެވެ. ދަނޑުތަކަށް އަހުރެން ފެންދެނީ ޠާހިރުކަމާއި އިޚުލާޞްތެރިކަމުގެ ފެނެވެ. ދަނޑުތަކަށް އަހުރެން ކާންދެނީ ފަޟީލަތާއި އިޙުސާންތެރިކަމުގެ މާމުއިހަތަ އެވެ. އެހެންކަމުން އަހުރެން ހައްދާ ދަނޑުތަކުގައި ހިތްހަމަޖެހުމުގެ މާނަތައް ކުރިފަޅައި ހެދެ އެވެ. ކާމިޔާބާއި ނަސީބުގެ މޭވާތައް އޭގައި އަޅަ އެވެ. އަދި އަހުރެން ދަނޑުހައްދާއިރު، ހަސަދައާއި ރުޅިވެރިކަމުގެ ތޮނަތައް މޭތަކުން އުފުރަމެވެ. މަކަރުހެދުމާއި ފަސާދަކުރުމުގެ މޫތައް ނަފުސުތަކުން ލުހެލަމެވެ. ނަތީޖާއަކީ، މީސްތަކުންގެ މެދުގައި ލޯބިވެތިކަމާއި އުޚުއްވަތްތެރިކަން އާރާސްތުވުމެވެ. ތިޔައީ ހާދަހާ ރީތި ދަނޑުވެރިކަމެކެވެ! ތިޔަ ދަނޑުވެރިކަމުގައި މާތް ﷲ ބަރަކާތް ލައްވާނެކަން ކަށަވަރެވެ. ޞިނާޢަތުގެ މަސައްކަތުގައި ތިބާ އުފައްދަނީ ކޮން އެއްޗިއްސެއް ހެއްޔެވެ؟ އަހުރެން އުފައްދަނީ ދުޅަހެޔޮ ހަށިތަކެވެ. ހިތްވަރުގަދަ ނަފުސުތަކެވެ. ވަސްމީރު ފުރާނަތަކެވެ. އަދި މީސްތަކުންގެ މެދުގައި ކެނޑިގެންދާ ގުޅުންތައް ގުޅުވަމެވެ. ބައިބަޔަށް ބައިބައިވެގެންދާ މީސްތަކުން އެކުވެރިކުރަމެވެ. ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ ގިއުގަނޑުގެ ތެރޭގައި އެންމެން އެކަތިގަނޑަކަށް ހަދަމެވެ. ނަތީޖާއަކީ، މުޖުތަމަޢަށް ރަޙުމާއި އޯގާތެރިކަން ވެރިވެ، ހިތްވަރުގަދަ ބަޠަލުން އުފެދުމެވެ. ތިޔައީ ވަރަށްވެސް މޮޅު ޞިނާޢަތެކެވެ. މުޖުތަމަޢަށް ޞުލްޙަ މަސަލަސްކަން ގެނެސްދޭނެ އަގުހުރި މަސައްކަތެކެވެ. ތިބާ ކުރަނީ ކޮންކަހަލަ ވިޔަފާރިއެއް ހެއްޔެވެ؟ އަހުރެންކުރަނީ ގެއްލުމެއް ނެތް ވިޔަފާރިއެކެވެ. މި ވިޔަފާރީގައި، މީސްތަކުންނަށް ހެޔޮ ކަންތައްތައް ދީ، ނުބައި ކަންތައްތައް ފޮހެލަމެވެ. އަހުރެންނާ ވިޔަފާރީގެ މުޢާމަލާތް ކޮށްފި މީހަކަށް ލިބޭ ނަފާއަކީ ސުވަރުގެ ޙާޞިލުވުމެވެ. އަދި ދުންޔަވީ ޙަޔާތުގައި ހިތްހަމަޖެހުމުގެ ނަސީބު އޭނާއަށް ލިބޭނެ އެވެ. އަހުރެންނާ ވިޔަފާރީގެ މުޢާމަލާތް ކުރާއިރު މަކަރާއި ޙީލަތް ހަދައިފި މީހާ ދަންނާށެވެ! ބަރަކާތްތެރިކަމާއި ހެޔޮކަމުން އޭނާ މަޙުރޫމުވެއްޖެކަން ކަށަވަރެވެ. އަދި އޭނާގެ ޢަމަލުތަކުގެ އަގުވެއްޓިއްޖެކަން ޔަޤީނެވެ. އޭނާ ވާނީ ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންގެ ތެރެއިންނެވެ. އެބައިމީހުންގެ އެ ވިޔަފާރިއަކުން އެބައިމީހުންނަކަށް ފައިދާއެއް ނުވި އެވެ. އަދި އެބައިމީހުންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ވެސް ނުވެ އެވެ. ބޭސްފަރުވާގެ މައިދާނުގައި ތިބާ ދޭ ފަރުވާއަކީ ކޮބައިހެއްޔެވެ؟ ބަލިމަޑުކަން ވެރިވެފައިވާ ޖިސްމުތަކަށް އަހުރެން ފަރުވާކުރަމެވެ. ބަލިޙާލުގައިވާ ނަފުސްތައް އަހުރެން ހޭހަންކުރަމެވެ. ވީރާނާވަމުންދާ ބުއްދިތައް އަހުރެން މަރާމާތުކުރަމެވެ. ބަލިމަޑުކަމާއި، ބަލިޙާލާއި، ވީރާނާވުމުން، އެތަކެތި އަހުރެން ސަލާމަތްކުރަމެވެ. އޭގައިވާ ނިކަމެތިކަމާއި ވަތަކުތޯޖެހުމާއި ޝިރުކުކުރުން ފިލުވާލަމެވެ. އޭގައިވާ މާއްދިއްޔަތުގެ ދަމިލަތައް ކަހައިލަމެވެ. އަދި އޭގައިވާ ފަސާދައާއި މަގުފުރެދުމުގެ ޖަރާސީމުތައް މަރައިލަމެވެ. ތިބާ ބަލިމީހުންނަށް ދޭ ބޭހަކީ ކޮބައިހެއްޔެވެ؟ އަހުރެން ބަލިމީހުންނަށް ދޭ ބޭހަކީ ރޯދަހިފުމާއި، ރޭ އަޅުކަންކުރުމާއި، ޒިކުރުކުރުން ފަދަ ޞާލިޙު ޢަމަލުތަކެވެ. މީސްތަކުންނަށް ތިބާ އުނގަންނައިދެނީ ކޮންކޮން އެއްޗިއްސެއް ހެއްޔެވެ؟ އަހުރެން އުނގަންނައިދެނީ، ސީދާވެގެންވާ ތެދުމަގުގައި ކުރިޔަށްދާނެ ގޮތެވެ. އަހުރެން އެބައިމީހުންނަށް ދަސްކޮށްދެނީ، ދީލަތިކަމާއި އިޙުސާންތެރިކަމެވެ. އޯގާތެރިކަމާއި ތެދުވެރިކަމެވެ. ކެތްތެރިކަމާއި އެކުވެރިކަމެވެ. އަމާނާތްތެރިކަމާއި ސަމާޙަތްތެރިކަމެވެ. ވަފާތެރިކަމާއި އިޚުލާޞްތެރިކަމެވެ. ތިބާ ދެއްކި ވާހަކަތަކުން ތިބާއާ މެދު ނުހަނު ޝައުޤުވެރިވެއްޖެ އެވެ. ތިބާގެ އިތުރު މީޒާތަކާއި ފައިދާތައް ކިޔައިދީފާނަން ހެއްޔެވެ؟ އަހުރެންނަކީ، އެމަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވި ރަމަޟާން މަހެވެ. އަހުރެންނަކީ، ތައުބާވުމާއި ފާފަފުއްސެވުމުގެ މޫސުމެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެޔެއް އަހުރެންނަށް ލިބިގެންވެ އެވެ. އެއީ ލައިލަތުލް ޤަދުރިވިލޭރެ އެވެ. އެރޭގެ ބަރަކާތްތެރިކަމުން މަޙުރޫމުވެގެންފި މީހާ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެގެންފި އެވެ. މުސްލިމުންގެ ކާބަފައިންގެ ހިތްވަރާއި ޢަޒުމު ވަރުގަދަކޮށްދިނީ އަހުރެންނެވެ. އެބައިމީހުންނަށް ކެތްތެރިކަމާއި ހަރުދަނާކަން ދަސްކޮށްދިނީ އަހުރެންނެވެ. އަހުރެން ދެއްކި މަގުން ހިނގުމުން އެބައިމީހުންނަށް ކާމިޔާބާއި ނަޞްރު ލިބުނެވެ. ތިޔަ ވާހަކަކޮޅުން ތިބާގެ މޮޅުއިތުރުކަން ވަރަށް ރަނގަޅަށް އެނގިއްޖެ އެވެ. ކޮންމެ އަހަރަކު ތިބާ އަހަރެމެންގެ ގާތަށް އެބަ އަންނަމު އެވެ. އުޑާއި ބިމުގައިވާ ޚަޒާނާތަކުން ހެޔޮކަމާއި ބަރަކާތް ހިފައިގެންނެވެ. އަހަރެމެން ތިބާއަށާއި ތިބާގެ ކިބައިގައިވާ އެންމެހައި ރީތި މާނަތަކަށް މަރުޙަބާ ކިޔަމު އެވެ. އަހަރެމެންނާއެކު މުޅި އަހަރުދުވަހު ތިބާ ވާނެ ނަމަ އެވެ. އަހަރެމެންގެ ހިތްތަކުގައި ތިބާ ދާއިމަށް ރަށްވެހިވާނެ ނަމަ އެވެ. އަހަރެމެންގެ ފުރާނަތަކާއެކު ތިބާ އަބަދުމެ ދިރިއުޅޭނެ ނަމަ އެވެ. ދީލަތި މިތުރާ އެވެ! މި މުޙާވަރާ ނިންމާލުމުގެ ގޮތުން ބުނާނީ ކީކޭ ހެއްޔެވެ؟ އީމާންކަމާއި އިޙުތިސާބާއެކު ރަމަޟާން މަހު ރޯދަހިފާ ރޯދަވެރިންނަށް ބުނަމެވެ. ތިޔަބައިމީހުންގެ ރޯދައިގައި މާތް ﷲ ބަރަކާތް ލައްވާނެތެވެ. ތިޔަބައިމީހުންގެ އިސްވެދިޔަ ފާފަތައް އެކަލާނގެ ފުއްސަވާނެތެވެ. އެންމެ ހެޔޮތަކެތިން އެކަލާނގެ ތިޔަބައިމީހުންނަށް ރިޒުޤު ދެއްވާނެތެވެ. ހެޔޮކަމުގެ މައްޗަށް ހެޔޮކަމާ އަދި ބަރަކާތުގެ މައްޗަށް ބަރަކާތް، ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާނެތެވެ. މުށްބާރުކަމުގެ މަގު އިޚުތިޔާރުކުރާ ބަޚީލުންނާއި، ކުޅިވަރުގެ ތެރަށް ގެއްލިފައިތިބޭ މުއްސަނދިންނާއި، މިނެކިރުމުގައި މަކަރުހަދައި އިޙުތިކާރުކުރާ ވިޔަފާރިވެރިންނާއި، ރަމަޟާން މަހުގެ ޙުރުމަތްތެރިކަން ކަނޑައިލާ ރޯދަނުހިފާ މީހުންނަށް ބުނަމެވެ. ތިޔަބައިމީހުންގެ ރަށްތަކަށް ވެސް އަހުރެން ދަމެވެ. އަހުރެން ދާއިރު ތިޔަބައިމީހުގެ ގެދޮރު ވަނީ ތަޅުލާފަ އެވެ. އަދި އެތަންތަނުގެ އާބުހަވާ ވަނީ ތަޣައްޔަރުވެފަ އެވެ. ތިޔަބައިމީހުންގެ ހިތްތަކަށްވަނީ މުދަލުގެ ދަހިވެތިކަން ވެރިވެފަ އެވެ. ފައިސާ ހޯދުމާއި ފަސާދަކުރުމާއި މަގުފުރެދުން ނޫންކަމެއް ތިޔަބައިމީހުންނަކު ނުކުރެ އެވެ. ތިޔަބައިމީހުން ޖަމާކުރި މުދަލުން މަންފާއެއް ނުކުރާނެ އެވެ. ތިޔަބައިމީހުން ފުނިފުންޏަށް ޖެހި އެތަކެތީގައި ބަރަކާތެއް ނެތެވެ. ދަންނާށެވެ! ކާމިޔާބާއި ނަސީބު ލިބިގެންވާ ބަޔަކީ، އީމާންކަމާއި އިޙުތިސާބާއެކު ރޯދަހިފި ރޯދަވެރިންނެވެ. މަޞްދަރު: މާޖިދާ ފޯރަމް.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |