މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ. (1) |
|
|
| ދިވެހި - އާދަކާދަ | |||
| 03 ޖެނުވަރީ 2011، 10:38 ހޯމަ | |||
|
އަސްލުލިޔުއްވީ: ޑރ. ޔޫސުފް އަލްޤަރަޟާވީ ތަރުޖަމާ: އަޙުމަދު ޝަމީނު ދޮންމަނިކު އެ ދީނަކީ އެކަލާނގެ އަޅުތަކުންނަށް މާތް ﷲ ބާވާލެއްވެވި ރަޙުމަތެކެވެ. މިއީ އެންމެ ކުރުގޮތަކަށް އިސްލާމްދީން ސިފަކުރެވޭނެ ޢިބާރާތެވެ.މިއީ އެސިފަޔަކުން މާތް ﷲ ކީރިތި ޤުރުއާނުގައި އެދީން ސިފަކުރައްވާފައިވާ ސިފައެވެ. "އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ." އަދި މިއީ ޚުދު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދީން ސިފަކުރައްވާ ސިފައެވެ. "ހަމަކަށަވަރުން ތިމަން ކަލޭގެފާނީ (މީސްތަކުންގެ މައްޗަށް) ހަދިޔާކުރެއްވުނު ރަޙުމަތެކެވެ." ޝަރީޢަތުގެ އެންމެހާ ޙުކުމްތަކަކުން މި ރަޙުމަތުގެ އަލިކަން ބަބުޅަމުންދާތަން ފެނިވަޑައިގަންނަވާނެއެވެ. ޢައްލާމާ އިބްނު ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. މުޅި މި ދީނަކީ ރަޙުމަތެވެ. މުޅި މިދީނަކީ ޙިކުމަތެވެ. އަދި އެއްވެސް ޙުކުމެއް ޙިކުމަތްތެރިކަމުން ދުރުވެ މާނައެއް އެކުނުލެވޭނަމަ، ނުވަތަ ޙުކުމެއް ލުއިފަސޭހަކަމުން ފޭވެ ހަރުކަށިކަމަށް ލެނބިފައިވާތަން ފެނިއްޖެނަމަ ދަންނާށެވެ. މި ޝަރީޢަތަކާ އެޔާ އެއްވެސް ގުޅުމެއްނެތެވެ. އަދި ކިއެއްތޯއެވެ. އެފަދަ ކަމެއް މީހަކު މި ދީނާ ގުޅުވާނީ އުނި ދޭހަކުރުމެއްގެ ތެރެއިންނެވެ. މި ރަޙުމަތުގެ އަސަރު އެންމެ ރީއްޗަށް ފާޅުވާންހުރީ ޝަރީޢަތާ އޭގެ ޙުކުމްތައް އެ އަސާސެއްގެ މައްޗަށް ނެގެހެއްޓިފައިވާ މީސްތަކުންނަށް ފަހިކޮށް ފަސޭހަކޮށް ލުއިކޮށްދިނުމުގެ އަސާސްގައެވެ. ކީރިތި ޤުރުއާނާ މޫރިތި ސުންނަތް ކިޔަވާ ދިރާސުކުރުމުން މިކަން ފުރިހަމަޔަށް ސާފުވެ ހާމަވާނެއެވެ. އެހެނީ އެކަލާނގެ އަޅުތަކުންނަށް ނޫފުލޭވަރު ބުރައެއް އުފުލާކަށް އެކަލާނގެ އިރާދަ ނުކުރައްވައެވެ. އަދި ދަތި އުނދަގޫ ކަމެއްވެސް އެކަލާނގެ މިންވަރު ނުކުރައްވަ އެެވެ. ޠަހާރަތުގެ އާޔަތުގެ ފަހުކޮޅުން ކިޔަވާ ވިދަޅުވާށެވެ. "ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކަ އެވެ." ރޯދައިގެ އާޔަތަށް ނަޒަރު ހިންގަވާށެވެ. "اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ." ކައިވެނި ހުއްދަނުވާ ފަރާތްތައް ގެންނެވުމަށްފަހު އެއާ ވިއްދައިގެން އަންގަވާފައި ވެއެވެ. "اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ." މިފަދައިން ސޫރަތުލް ޙައްޖުގެ ފަހަތު އާޔަތްތަކަށް ބައްލަވާށެވެ. އީމާންވީ މީސްތަކުންނަށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމާ ހެޔޮކަންކަން ކުރުމަށް އެންގެވުމަށް ފަހު އެ އަންގަވަނީއެވެ. "އަދި اللَّه ގެ މަގުގައި جهاد ކުރުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން جهاد ކުރާށެވެ! (أمّة ތަކުގެތެރެއިން) އެކަލާނގެ ތިޔަބައިމީހުން خيار ކުރެއްވިއެވެ. އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ." އިސްލާމީ ޝަރީޢަތުގައި މިވާ ލުއިފަސޭހަކަމުގެ ރީތި ސިފަ މި ފަދައިން ސާފުކޮށް ފެންނަން އޮތުމާއެކުވެސް ބައެއް މުސްލިމުންނަށް ޙައްޤުގެ މަންޒިލަށް ވާސިލުވުމުގެ މަޤްޞަދުގައިނަމަވެސް ހަރުކަށިކަމާ ދަތި އުނދަގުލުގެ ސަވާރީއަށް ސަވާރުވެވޭތަން ފެނެއެވެ. ބައެއްފަހަރު މިދީން ފަހުމުކޮށް ދޭހަކުރާކުރުމުގައެވެ. ނުވަތަ ދީނަށް އުޅެ އެއަށް ޢަމަލުކުރާ ކުރުމުގައެވެ. ނުވަތަ އެދީނަށް ދަޢުވަތުދީ ގޮވާލާ ގޮވާލުމުގައެވެ. މިހެން މިކަން ވަނީ، އިސްލާމީ ޝަރީޢަތުގައި މިވާ ލުއިފަސޭހަކަމާ އަނެކާގެ ޝަޚްސީ އަދި އެހެނިހެންވެސް އުނިކަން ތަހައްމަލް ކުރުމުގެ ރީތި ތަސާމުހުގެ ހަމަ، ހަމަ ނޭގުމުންކަމުގައިވެސް ވެދާނެއެވެ. ނުވަތަ ހަނދާންނެތުމުން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ގަސްދުގައި ހަނދާންނެތިކޮށްލައިގެން ކަމުގައިވެސް ވެދާނެއެވެ. ރަސޫލާ އަމުރު ކުރެއްވީ ލުއިފަސޭހަ ކުރުމަށެވެ. ދަތިކުރުމަކަށް ނޫނެވެ.މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދެ ޞަޙާބީންކަމުގައިވާ މުޢާޛް ބުން ޖަބަލާއި އަބޫ މޫސަލް އަޝްޢަރީ ޔަމަނަށް ފޮނުއްވިއެވެ. ފޮނުއްވީ އިސްލާމީ ދަޢުވަތު ފޯރުކޮށް އެދީން އުންގަންނައިދިނުމުގެ މަސްއޫލިއްޔަތައިގެންނެވެ. އަދި އެދެބޭކަލުންނަށް ވަރަށް އަގުހުރި ވަޞިއްޔަތެއް ކުރެއްވިއެވެ. މި ވަސިއްޔަތް ހިމެނިގެންދަނީ ޖަވާމިޢުލް ކަލިމްގެ ތެރެއިންނެވެ. އެއީ މަދު ލަފްޒު ކޮޅަކުން ގިނަގުނަ މާނަތައް ދޭހަވާ ހަދީސްބަސްފުޅެވެ. އެއީ އޭގެ ދެކަލުންނަށް ޙަދީޘްކުރެއްވި ޙަދީޘްގައި ވާ މިބަސްފުޅެވެ. "ތިޔައިގެ ދެބޭކަލުން މީސްތަކުންނަށް ލުއިފަސޭހަ ކުރައްވާށެވެ. އަދި ދަތިނުކުރައްވާށެވެ. އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. އަދި ބިރުނުގަންނަވާށެވެ. އަދި އެކައްޗެއްކަމުގައި ވަޑައިގަންނަވާށެވެ. ދެބަސްނުވާށެވެ." އަދި މުޅިއުއްމަތަށް ވަޞިއްޔަތް ކުރައްވާ ހަދީސްކުރެއްވިއެވެ. "ތިޔަބައިމީހުން މީސްތަކުންނަށް ލުއި ކުރާށެވެ. ބުރަ ނުކުރާށެވެ. އަދި އުފާވެރިކަމުގެ ޚަބަރު ދޭށެވެ. އަދި ބިރު ނުގަންނަވާށެވެ." އަމުރުކުރެވިފައިވާ ލުއިފަސޭހަކުރުމުގެ މާނަ:ޢަރަބި ލަފްޒު التيسير ނުވަތަ ލުއިފަސޭހަކުރުން ނެގިފައިމިވަނީ يسر الأمر ނުވަތަ ކަން ކުރަން ފަސޭހަ ވުމުންނެވެ. މިމާނައިގައި ކަން ކުރާނެ ގޮތް ފަހިވެ ކަންކުރާނެ މަގު ތަނަވަސްވުން ހިމެނެ އެވެ. އެހެންކަމުން ލުއިފަސޭހަކުރުމޭ ބުނެވޭ ބަހުގެ މާނައެއް ކަމުގައިވާނީ : ތަނަވަސް ވިސްނުމާއި ސަމާޙަތްތެރިކަމާއި ފަހިކޮށްދިނުމުގެ މަންހަޖުގައި ހިފުމެވެ. އަދި ދަތި އުނދަގޫ ކުރުން ކަމުގައި ބުނެވޭ ބަހުގެ މާނައަކީ : އަޅުތަކުންނަށް ނޫފުލޭވަރު ބުރަ އުފުލަން ޖެހޭ ފަދަ ހަނި ވިސްނުމާއި ދަތިކުރުމުގެ މަންހަޖުގައި ހިފުމެވެ. ހަމަކަށަވަރުންވެސް ﷲ ތަޢާލާ އިންސާނާ އުފައްދަވައިފައި ވަނީ ލުއިކަމާ ތަނަވަސްކަމަށް ލޯބިކުރާ، ދަތިކަމާ އުނދަގުލަށް ނުރުހުންތެރިވާ ސާފު އިންސާނީ ފިތުރަތުގެ މަތީގައެވެ. އެކަލާނގެ ވަނީ އިންސާނާގެ ވަށައިގެން ލުއިކަމާއި ލުއި ފަސޭހަކަން މިންވަރުކުރައްވާފައެވެ. އެކަލާނގެ ކަނޑައާޅުއްވާފައިވާ އަޒަލީ ޤަޟާޤަދަރުގައެވެ. އަދި ހަމައެހެންމެ އެކަލާނގެ ބާވާލެއްވި ޝަރުޢުގައިވެސްމެއެވެ. އެކަލާނގެ ވަނީ ކޮންމެ ދަތި ކަމަކާއެކު ލުއިފަސޭހަކަން ލައްވަވާފައެވެ. އެއީ ކޮންމެ ބުރައެއްގެ ފަހަތުގައި ލުއިކަމެއް ލެއްވި ފަދައިންނެވެ. އެއީ އެކަލާނގެ ދަރުމަވަންތަކަމާއި އަޅުތަކުންނަށް އޯގާވެވޮޑިގަތުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އިލާހީ ޤަޟާޤަދަރުގައި އުލިފަސޭހަކަންއަލްއިންޝިރާޙް ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." މި ގޮތުން މި މާނަ ގަދަކުރައްވާ ތަކުރާރުކުރައްވާފައި އެވަނީ ދަތި ކަމުގެ މައްޗަށް ލުއިކަން އިސްވެގަންނާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު އެންގެވުމަށްޓަކަ އެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. "ދަތިކަމަކަށްފަހު، ފަސޭހަކަމެއް، اللَّه ލައްވާހުށްޓެވެ." ތަޤުވާވެރިކަމުގެ ފޮނި މޭވާއެއްކަމުގައިވެސް އެކަލާނގެ ލުއިފަސޭހަކަން ލައްވަވާފައިވެއެވެ. "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ." މާތް ﷲ އެބޭކަލަކަށް ބަސްވަޙީކުރެއްވި ކަލީމުﷲ މޫސާ ޢަލައިހިއްސަލާމް ދުޢާކުރެއްވީ މި ކަމަށްއެދިވަޑައިގެންނެވެ. "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!" ﷲ ތަޢާލާ ޤުރުއާނުގައި ޤިޔާމަތްދުވަސް ސިފަކުރައްވާފައިވަނީ ކުފުރާ މަގުފުރެދުމާ ފަސާދައިގެ އަހުލުވެރިންނަށް ދަތި އުނދަގޫ ދުވަހެއްގެ ގޮތުގައެވެ. "އެދުވަހު حقيقى ވެރިކަންވަނީ، رحمن ވަންތަ ރަސްކަލާނގެއަށެވެ. އަދި كافر ންގެ މައްޗަށް ދަތިކަން ބޮޑު ދުވަހެއްކަމުގައި އެދުވަސްވެއެވެ." އަދިވެސް ވަޙީކުރެއްވިއެވެ. "ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ. ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ. كافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ." ކަން މިހެން އޮތުމުގެ ސަބަބުން އިންސާނާ ފިޠުރީ ގޮތުން ދުނިޔެއާއި އާޚިރަތުގައިވެސް ލުއިކަމާއި ފަސޭހަކަމަށް ލޯބިކުރެއެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގައި އުލިފަސޭހަކަން.އިސްލާމީ ޝަރީޢަތުގައި ޙުކުމްތައް ވެސް ވަނީ ލުއިފަސޭހަކަމުގެ ތަރަހައިގެ މަތީގައެވެ. ދަތިކަމާ އުނދަގޫކަމުގެ ކަތި ގާފޮޅެއްގެ މަތީގައެއްނޫނެވެ. ރޯދައިގެ ޙުކުމް ގެންނަވާފައި ވާ މި އާޔަތަށް ނަޒަރު ހިންގަވާށެވެ. "اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ." އަދިހަމައެހެންމެ ޠަހާރަތުގެ ޙުކުމް ބަޔާންކުރެއްވި އާޔަތުގައި، ދަތިކަމެއް ނުލެއްވުމުގެ މާނައިގައި އެއިޝާރާތް ކުރައްވަނީ އިސްލާމީ ލުއިފަސޭހަކަމުގެ އަސާސަށެވެ. "ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކަ އެވެ." ކައިވެނީގެ ޙުކުމްތަކެއްގެ ތަފްސީލް ގެންނެވުމަށްފަހު އެއާ ވިއްދައިގެން އަންގަވާފައި ވެއެވެ. " اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ." އަދިވެސް ވަޙީ ކުރެއްވިއެވެ. "މިހާރު، اللَّه ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެ އެވެ." ޝަރުޢީ ޙުކުމްތަކަށް ނަޒަރު ހިންގަވާއިރު ޢަފޫ ކުރެއްވުމުގެ މާނައިގައިވެސް ލުއިފަސޭހަކަމުގެ މަފްހޫމް ގެނެވިފައިވާތަން ފެނިލައްވާނެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް خيانة ތެރިވަމުން ދިޔަކަން، اللَّه، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައި، ތިޔަބައިމީހުންގެ ކިބައިން عفو ކުރައްވައިފި އެވެ." ހަދީސްބަސްފުޅުގައި އިސްފައިވެއެވެ. "ހަމަކަށަވަރުން ﷲތަޢާލާ ތިމަންކަލޭގެފާނުގެ އުންމަތުގެ މީސްތަކުން ކުރަން ހިތުލާ ނުބައިކަންކަން އެކަމެއް ނުކޮށް ނުވަތަ އެބަހެއް ނުބުނެ ދޫކޮށްލައިފިނަމަ، އެހިތުލި ހިތުލުން ޢަފޫކުރައްވަތެވެ." އަދި ހަމަ މި ލުއިފަސޭހަކަމުގެ މާނައިގައި، ބުރަތައް އުފުލި، ކުރީގެ ޝަރުޢުތަކުގެ ސަބަބުން ބަނދެވިފައިވާ ބައެއް ބަނދެވުންތަކުން މޮހެވިގެން ދާދިއުންވެސް ގެންނަވާފައި ވެއެވެ. "އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ." ދެން ނިކަން އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތްތަކުގައި މިވާ ރީތި މާތް މަތިވެރި ދުޢާއަށް ނަޒަރު ހިންގަވާ ބައްލަވާށެވެ. "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ!" ޞައްޙަ ހަދީސްގައި ވަނީ، މި ދުޢާ ވަނީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް އިޖާބަ ކޮށްދެއްވިކަމުގައެވެ. މި މާނައިގައި އަންނަނިވި ހަދީސްވެއެވެ. "މީސްތަކުން ނަށް އޮޅުމަކުން ނޭންގި ކުރެވޭ ކުށާއިި، ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާއި، މަޖްބޫރުން ބިރުދައްކައިގެން އެމީހުންލައްވާ ކުރުވޭ ކަންކަމުގެ ފާފަ ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ ތިމަންކަލޭގެފާނުގެ އުންމަތުގެ ކިބައިން ޢަފޫކުރައްވައި އުފުއްލަވާފައެވެ." މުއުމިނުން ބުނި ކަމުގައި އެކަލާނގެ ވަޙީ ކުރެއްވިއެވެ. "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!" އަދިވެސް ވަޙީކުރެއްވިއެވެ. "އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ." އަންނަނިވި އާޔަތުގައި އެވަނީ މަޖްބޫރީ ހާލަތު، ޙުކުމުން އިސްތިސްނާ ކުރެވިފައެވެ. "إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ." ލުއިފަސޭހަ ކަމުގެ މާނައިގައި ސަމާޙަތްތެރިކަން ނުވަތަ މާފުވެރިކަން ވެސް ގެނެވިފައި ވެއެވެ. ނަބަވީ ހަދީސް ބަސްފުޅުގައި މިވާފަދައިންނެވެ. ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ސީދާވެގެންވާ މާފުވެރިކަމުގެ ދީނައިގެންނެވެ." އެކަލޭގެފާނާ ސުވާލު ދެންނެވުނެވެ. "ދީންތަކުގެ ތެރެއިން މާތް ﷲ އެންމެ ލޯބިވެވޮޑިގަންނަވަނީ ކޮން ދީނަކަށް ތޯއެވެ؟ އިތުރު އެކަލޭގެ ފާނު ވިދަޅުވިއެވެ. ސީދާވެގެންވާ މާފުވެރިކަމުގެ ދީނަށެވެ." ހަމަ މިމާނައިގައި ރުޚްޞާ ވެސް ގެނެވިފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން ޢަޒީމާ (އާންމު ލާހަތުގައި ވާޖިބުތައް އޭގެ އަސާސީ ފުރިހަމަ ގޮތުގައި) ގެނެސްގަތުމަށް ލޯބިވެވޮޑިގެންވާފަދައިން، އެކަލާނގެ ރުޚްޞާ (އިސްތިސްނާ ހާލަތްތަކުގައި ލުއިކުރައްވާފައިވާ ލުއިކަން) އެލުއިކަންމަތީ ލިބިގަތުމަށްވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ." އަދިވެސް ހަދީސްކުރެއްވިއެވެ."ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން ފާފަތަށް ގެނެސްގަތުމަށް ނުރުއްސަވާ ފަދައިން، ރުޚްޞަތުގެ ލުއިފަސޭހަކަން ލިބިގަތުމަށް އެކަލާނގެ ލޯބިވެވޮޑިގެންވެސް ވެއެވެ." އިސްވެ ތަފްސީލުކުރެވުނު ނުކުތާތަކުން ހާމަވަނީ، ލުއިފަސޭހަކަމާ އޭގެ މާނަޔަކީ ދީނުގެ ފުށުން ގެނެސްގަތުން އެދެވިގެންވާ އަދި އެކަމަށް ބާރުއެޅި ހިތްވަރު ދެއްވިގެންވާ ރީތި އިސްލާމީ އަސާސެއްކަމެވެ. އަދި ކިއެއްތޯއެވެ. މިމާނައިގައި އައިސްފައިވާ އެންމެހާ ލަފްޒެއްގެވެސް މަފްހޫމަކީ ލުއި ކޮށް ފަސޭހަކުރުންމެއެވެ. ދަތި އުނދަގޫ ކަމާ އުންމަތް ނުކުޅައްދާފަނިވި އެންމެހާ ކަމެއް އެމީހުންގެ ކިބައިން އުފުއްލެވުމެވެ. އަދި ކިއެއްތޯއެވެ. މިއީ ރަސޫލު ﷲ ގެފާނުގެ އަރިހުން ސީދާގޮތުގައި އަމުރުފުޅު އައިސްފައިވާ ކަމެކެވެ. ----------------- (ނުނިމޭ) ނޯޓް: މި ސިލްސިލާގައި މިގެނެސްދެނީ "الصحوة الإسلامية من المراهقة إلى الرشد" މި ފޮތުގެ ފަސްވަނަ ބާބެވެ. އަދި މިލިޔުން ކޮށާމެށުމުގެ ކަވި މަސައްކަތް ކޮށްދެއްވާ އެޑިޓުކޮށްދެއްވި އަލްއަޚް ނޫރުއްސަލާމް އަބޫބަކުރަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ. މަޞްދަރު : ތަރަހަ މި ލިޔުން؛ ފޮނުވުން: އަލްފާޟިލް އަޙްމަދު ޝަމީން ދޮންމަނިކު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ maayaa, 2011-01-06 07:43:36
މިއީ ވަރަށް މޮޅު ލިޔުމެއް. އެކަމަކު މައްސަލަޔަކީ ތަޢައްޞަބުން ފޯވެފައިވާ މީހަކަށް މިލިޔުން ފެނުމުން މޫނުގެ ކުލަ ތަޣައްޔަރުވާނެތީ. ޙަޤީޤަތުގައިވެސް މިއީ ލުއިފަސޭހަ ދީނެއް. މީސްތަކުން މި ދީން ބަލައިގަތީ މިދީނުގެ ލުއިފަސޭހަކަމާއި އިންސާނީ ފިތުރަތުގެ ހަމަތަކާއި ލަމަތަކަށްވެސް އެންމެބޮޑަށް ފެތޭ ދީނަކީ އިސްލާމް ދީން ކަމަށްވާތީ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|