މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކުރޮއޭޝިޔާގައި ހޭދަކުރެވުނު ރޯދަމަހުގެ ހަނދާންތައް |
|
|
| ދިވެހި - އާދަކާދަ | |||
| 03 ޖެނުވަރީ 2011، 11:27 ހޯމަ | |||
މުސްލިމެއްކަމުގެ ދަޢުވާކޮށްކޮށްހުއްޓާ، މުސްލިމުން ދުށުމުގެ ނަސީބު ލިބިއްޖެ އެވެ!އިޔާޒު ނަސީމު ބައްދަލު ނުވާތާ ދުވަސްކޮޅެއްވެފައިވާ ރައްޓެއްސަކާ، މީގެ ދެތިން ދުވަސްކުރިން ބައްދަލުވި އެވެ. ދުވަސްކޮޅެއް ވެފައި ބައްދަލުވީތީ ޙާލު އަހުވާލު އަހައި، ބައްދަލުނުވެ އެހާ ދުވަސްވީ ކީއްވެގެންތޯ އަހާލީމެވެ. އޭނާ އައީ ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. ބައްދަލުނުވެ ދުވަސްކޮޅެއްވީ އެހެން ވެގެންނެވެ.އޭނާ ރާއްޖެއިން ބޭރަށް ދިޔައީ އަލަކަށް ނޫނެވެ. އޭނާ ވަނީ ދުނިޔޭގެ ތަފާތު 25 ޤައުމަކަށް ދަތުރުކޮށްފަ އެވެ. އެހެން ނަމަވެސް އެހެން ފަހަރުފަހަރާ ޚިލާފަށް އޭނާގެ މި ފަހަރުގެ ދަތުރުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް ކިޔައިދޭން ފެށި އެވެ. އޭނާގެ މިފަހަރުގެ ދަތުރުގެ މަންޒިލަކީ ކްރޮއޭޝިޔާ އެވެ. އެއީ ދެކުނު މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ޤައުމުގެ އާބާދީގެ %92.8 މީހުންނަކީ ކްރިސްޓިޔަނުންނެވެ. ކްރޮއޭޝިޔާގެ މުސްލިމުން ޙިއްޞާކުރަނީ އެ ޤައުމުގެ އާބާދީގެ އެންމެ %1.3 އެވެ. ކްރޮއޭޝިޔާއަށް އިސްލާމްދީނުގެ އަލިކަން ފޯރާފައިވަނީ ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އެވެ. މީލާދީން 15 ވަނަ ޤަރުނާއި 19 ވަނަ ޤަރުނާ ދެމެދު، ކްރޮއޭޝިޔާގައި އިސްލާމްދީނަށް ކުރިއެރުންތަކެއް ލިބިގެން ދިޔަ އެވެ. ބޯހިމެނުން 2001 ގައިވާ ގޮތުން ކްރޮއޭޝިޔާގެ އާބާދީއަކީ 4.44 (ހަތަރެއް ޕޮއިންޓް ހަތަރެއް، ހަތަރެއް) މިލިޔަން މީހުންނެވެ. މީގެތެރެއިން މުސްލިމުންގެ އާބާދީއަކީ 57687 އެވެ. މިއަދު މުޅި ޔޫރަޕުގައި ވެސް ހުރި އެންމެ ބޮޑެތި އަދި އެންމެ ރިވެތި އައު މިސްކިތްތައް ހުރި އެއް ތަނަކީ ކްރޮއޭޝިޔާގެ ވެރިރަށް ޒަޣުރަބެވެ. ޒަޣުރަބުގެ މުފްތީކަމުގައި ހުންނަވާ ބޭކަލަކު އެއީ ކްރޮއޭޝިޔާގެ މުސްލިމުން ތަމްސީލުކުރައްވާ އިމާމެވެ. ކްރޮއޭޝިޔާގެ މުސްލިމުންގެ އިޚްލާޞްތެރި ދަޢުވަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ކްރިސްޓިޔަން ދީން ދޫކޮށް އިސްލާމްވަމުން އަންނަކަން ފާހަގަކުރެވެ އެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ ކްރޮއޭޝިޔާއަށް ޒިޔާރަތްކުރީ މިފަދަ އައު މުސްލިމެއްގެ ރަޙްމަތްތެރިކަމުގަ އެވެ. އެއީ މީގެ 18 ވަރަކަށް އަހަރު ކުރީއްސުރެ ކޮންމެ އަހަރަކުހެން ރާއްޖެއަށް އައި ކްރޮއޭޝިޔާގެ ފަތުރުވެރިއެކެވެ. މިހާރު އެއީ މުޙައްމަދު ރާމިޒެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ ކްރޮއޭޝިޔާއަށް ދިޔައީ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގަ އެވެ. އޭނާ ކްރޮއޭޝިޔާއަށް ގޮސް އެތަނުގެ ހޮޓަލެއްގައި އޭނާގެ ފޮށިތަންމަތި ބެހެއްޓުމަށް ފަހު ނުކުތީ ޢަޞްރު ނަމާދުގެ ބަންގީގެ އަޑަށެވެ. އޭރު އޭނާގެ ރަޙްމަތްތެރިޔާ މުޙައްމަދު ރާމިޒު އަދި އެ ޝަހަރަކަށް ނާދެ އެވެ. އެހެންކަމާއެކު ބަންގީގެ އަޑު އައީ ސީދާ ވަކި ދިމާއަކުން ކަން ނޭނގޭތީ، އޭނާއަށް ލަފާކުރެވޭ ދިމާއަކަށް ހިނގަންފެށިއެވެ. ހިނގަމުން ގޮސް ބަސް ސްޓޮޕެއް ކައިރީގައި ހުރި މީހަކަށް ސަލާންގޮވާލުމަށް ފަހު، މިސްކިތެއް ހުރީ ކޮންތާކުތޯ އެހި އެވެ. ބަސް ސްޓޮޕް ކައިރީގައި ހުރި މީހާ އޭނާގެ ގަޑިޔަށް ބެލުމަށް ފަހު، އޭނާއާއެކު އައުމަށް ބުނެ ހިނގައިގަތެވެ. އެތަނުގެ ގޯޅިއެއްގެ ތެރޭގައި ހުރި މިސްކިތެއް ދެއްކުމަށް ފަހު އެމީހާ ބުންޏެވެ. ''އަހަރެން ވެސް ޖަމާޢަތުގައި ނަމާދުކުރަން ބޭނުމެވެ. އެހެން ނަމަވެސް މި ބަހުން މިވަގުތު ދާން ވަރަށް މުހިއްމެވެ. އިންޝާﷲ މަޣުރިބު ނަމާދު ވަގުތުގައި މި މިސްކިތަށް ނަމާދަށް އަންނާނަމެވެ.'' އަޅުގަނޑުގެ ރަޙްމަތްތެރިޔާ ވުޟޫ ކުރުމަށް ފަހު މިސްކިތަށް އަރައި ''ދިވެހި ސްޓައިލަށް'' ވަރަށް އަވަސް އަވަހަށް ނިތްތަޅާލި އެވެ. ދެން އޭނާ އިށީނީ ޤުރުއާނުން ދެތިން ފަތްފުށް ކިޔަވާލާށެވެ. އެ މިސްކިތުގައި އޭނާ ނޫނަސް އެހެން މީހުން ވެސް ޤުރުއާން ކިޔަވަން ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަނި އިންދައެއް ނުފެނެ އެވެ. އެންމެން ވެސް ތިބީ ކުޑަކުޑަ ދައުރާތަކެއްގަ އެވެ. އޭގެ ތެރެއިން ރީއްޗަށް ކިޔަވާ އެކަކު ބާރަށް ކިޔެވުމުން އެހެން މީހުން ކިޔަވަމުންދަނީ އޭނާގެ އަޑުދަށުންނެވެ. އިރުކޮޅަކުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ގާތަށް ވެސް މީހަކު އަތުވެއްޖެ އެވެ. އޭނާ ގާތުގައި އިށީނަސް އެންމެ ރަނގަޅުތޯ އަހާފައި އިށީނެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ ކިޔަވަމުންދިޔައީ ހިތުންނެވެ. އެހެންކަމުން އެއައިސް އިށީން މީހާ “ސައުންޑް” އޭ ބުނެލި އެވެ. އެހިސާބުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބާރަށް ކިޔަވަން ފެށި އެވެ. އެއައި މީހާ އޭނާގެ އަޑު ދަށުން ކިޔަވަންފެށި އެވެ. ކުޑައިރުކޮޅަކުން އެމީހުންގެ ދައުރާ ވެސް ފުދޭ ވަރަކަށް ބޮޑުވެއްޖެ އެވެ. ދެތިންގަނޑު ކިޔަވާލާފައި ފައިބަން އުޅުނު އަޅުގަނޑުގެ ރަޙްމަތްތެރިޔާއަށް މަޖްބޫރުވީ ދެ ފޮތެއް ވަރު ކިޔަވައިލަން މަޑުކުރާށެވެ. މިސްކިތުން ފައިބައިގެން ގޮސްލާފައި މަޣުރިބު ނަމާދު ވަގުތުވުމުގެ ތަންކޮޅެއް ކުރިޔަށް ވަގުތު އޮއްވާ އަނެއްކާ ވެސް އޭނާ އައީ މިސްކިތަށެވެ. މިފަހަރު ވެސް ވުޟޫކޮށްގެން މިސްކިތަށް އަރައި ކިޔަވަންފެށި އެވެ. އިރުކޮޅަކުން ކުރީ ފަހަރުހެން އައިސް މީހުން އިށީނދެ ދައުރާއެއް ހަދާލިޔެވެ. މިފަހަރު އިމާމުވެ ކިޔެވުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ އެ ތަނުގެ މީހަކާ ޙަވާލުކުރި އެވެ. އެއީ މަޣުރިބު ނަމާދަށް އެމީހުން ކިޔެވުން ހުއްޓާލާނީ ކޮން އިރަކުކަން ވެސް ނޭނގޭތީ އެވެ. އިރުކޮޅަކު ކިޔަވަން ތިބެފައި އޭނާއާއެކު ދައުރާގައި ތިބި މީހުން މިސްކިތުން ފައިބަން ފެށުމުން އެމީހުންނާއެކު އޭނާ ވެސް މިސްކިތުން ފޭބި އެވެ. މިސްކިތުން ފޭބިއިރު، ރާއްޖޭގައި ގެންގުޅޭ ލަންޗްބޮކްސްއަށް ވުރެ ކުދި ބޮކްސްތަކެއްގައި ރޯދަ ވީއްލާނެތަކެތި ބަހަމުން ދިޔަ އެވެ. އެއާއެކު ލިބެނީ ތިން އޮށް، ނުވަތަ ފަސް އޮށް، ނުވަތަ ހަތް އޮށް ކަދުރެވެ. ރޯދަ ވީއްލާ ވަގުތު މާގިނައިން އެކަކަށް ލިބޭ ގޮތެއް ނޯވެ އެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ ހުރީ އޭނާއަށް ލިބުނު ޕާރްސަލް ހިފަހައްޓައިގެންނެވެ. އެހެން ނަމަވެސް އޭނާއަށް ފެނުނީ އެތަނުގެ ކޮންމެ މީހަކު ވެސް އެމީހަކަށް ލިބޭ ޕާރްސަލް އެހެން މީހަކަށް ދިއްކޮށްލާ ތަނެވެ. އެހެން ކަމުން އޭނާ ވެސް އޭނާގެ ޕާރްސަލް އެތަނުން މީހަކަށް ދިއްކޮށްލި އެވެ. އެހެން ހުއްޓާ އަނެއްކާ ވެސް މީހަކު އޭނާއަށް ޕާރްސަލެއް ދިނެވެ. އެ ގޮތަށް ޕާރްސަލްތައް ބަހަބަހައި ތިއްބާ ބަންގި ގޮވުމުން ކޮންމެ މީހަކު ވެސް އެވަގުތު އެމީހެއްގެ އަތުގައި އޮތް ޕާރްސަލުން ރޯދަ ވީއްލި އެވެ. އެތަނުން އޭނާއަށް މިސްކިތް ދެއްކި އެކުވެރިޔާއާ ވެސް ބައްދަލުވެއްޖެ އެވެ. މިސްކިތަށް އަރަމުން އޭނާއާއެކު ދާން މަޑުކުރާށޭ ބަސް ސްޓޮޕް ކައިރިން ދިމާވި އެކުވެރިޔާ ބުންޏެވެ. އެހެންވެ ނަމާދުކޮށްގެން ފައިބައިގެން ހުރީ އޭނާގެ އިންތިޒާރުގަ އެވެ. އެހެން ހުއްޓާ އިރުކޮޅަކުން މިސްކިތުގެ އަނެއް ފަރާތުން އޭނާ އައިސް، ދެން ދާނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން، ކާން ކޮންމެވެސް ރެސްޓޯރެންޓެއް ވެސް ކައިރިން ހޯދާލަން ބޭނުންކަމުގައި ބުންޏެވެ. އެހެން ބުނުމުން މިތަނަށް އައީ އަލަށްތޯ އެކުވެރިޔާ ސުވާލުކުރި އެވެ. އަލަށް ކަމަށް ބުނުމުން ގޮވައިގެން މިސްކިތުގެ އެއް ފަރާތުން ހިނގައިގަތެވެ. އެތަނުން ނުކުމެވުނީ ހުސް މައިދާނަކަށެވެ. އެތަނުގައި ޖަހާފައި ހުރި ފޭލިގެ ތަކުގައިވަނީ ސުފުރާތައް އަތުރާފަ އެވެ. ޙަލާލު ކާ އެއްޗެހީގެ ތެރެއިން އެތަނުގައި ނެތީ ކޮން އެއްޗެއްބާވައޭ ހިތަށް އަރާވަރަށް އެތަނުގައި ކާ އެއްޗެހި ހުށްޓެވެ. ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާއާ ވަރަށް ގިނަ މީހުން އައިސް ސަލާންކޮށް ހަދަ އެވެ. އޭނާގެ ގާތުގައި އިނީމާ ނޫންކަމެއް ވެސް ނޭނގެ އެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާއާ ވެސް އެ އެންމެން އޯގާވެރިކަމާއެކު ސަލާމްކުރަމުންދިޔަ އެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާއަށް އުނދަގޫވީ ސުފުރާމަތީގައި އިށީނދެގެން، އެއް ތަށްޓަކުން ކާންވީމަ އެވެ. އެހެން ނަމަވެސް ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާއާ އެކު ކައިގެން، ދެން ގޮސް ދެމީހުން އެކުގައި ޢިޝާ ނަމާދަށް ވުޟޫކުރި އެވެ. މަޣުރިބު ނަމާދަށް ކުރި ވުޟޫ ނުގެއްލޭކަމުގެ ޔަޤީންކަން އޮތުމާއެކު ވެސް އެހެން މީހުން ވެސް ވުޟޫކުރާތީ އެވެ. ވުޟޫކޮށްގެން އެ އެކުވެރިޔާ އެތަނުގައި ހުރި ބިއްލޫރި ޝޯކޭހަކުން އަތަރު ނަގައިގެން ހުވަނދުލަމުން، އަޅުގަނޑުގެ އެކުވެރިޔާ ކުރެން ހުވަނދު ނުލަމުތޯ ސުވާލުކުރި އެވެ. މީގެކުރިން ވެސް އަޅުގަނޑުގެ ރަޙްމަތްތެރިޔާއަށް ވަނީ މީހުން އެތަނުން ހުވަނދުލާތަން ފެނިފައެވެ. އެހެން ނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫންކަމަށްވާތީ ނުލަނީއޭ އޭނާ ގާތު ބުންޏެވެ. އެމީހާ ހިނިތުން ވެލާފައި ބުނީ އެއީ މިސްކިތަށް އަންނަ މީހުންނަށް ޓަކައި ވަޤުފުކުރެވިފައިވާ ތަކެތިކަމުގައެވެ. ވަކި މީހެއްގެ އެއްޗެއް ނޫންކަމުގަ އެވެ. ދެން އެތަނުން މީރުވަސްދުވާ ހުވަނދުލައިގެން އެރީ މިސްކިތަށެވެ. ޢިޝާ ނަމާދަށް ފަހު ތަރާވީޙުގައި ކުރީ އަށް ރަކްޢަތެވެ. ދެން ވިތުރީގެ ތިން ރަކްޢަތެވެ. އެކަމަކު ކިޔެވުން ވަރަށް ދިގެވެ. ކިޔެވީ ފޫހިނުވާފަދަ ރިވެތި ރާގަކަށެވެ. ނަމާދުކޮށްގެން ފޭބުމުން، ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާ، އަޅުގަނޑުގެ އެކުވެރިޔާ ކުރެން އޭނާ ސިނގިރޭޓް ބޮއިހޭ ސުވާލުކުރި އެވެ. އާނއެކޭ ބުނުމުން ސިނގިރޭޓް ބޮވޭ ތަނަކަށް ހިނގާށޭ ކިޔާފައި ގޮސް އެރީ އޭނާގެ ކާރަށެވެ. އެންމެ އަގު ބޮޑު ބެންޒު ކާރެކެވެ. މި ހިސާބުން އޭނާއަކީ އާދައިގެ މީހެއް ނޫންކަން އެނގިއްޖެ އެވެ. ކާރުގައި ގޮސް މަޑުކޮށްލި ރެސްޓޯރެންޓުން ކޮންމެވެސް އެއްޗަކަށް އޯޑަރުދޭށޭ ބުނުމުން އެޔަށް އަރާނެ އަގެއް ވެސް ނޭނގޭތީ އޯޑަރު ކުރަން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ފަސް ޖެހުނެވެ. އެހެން ނަމަވެސް އޭނާގެ އެދުމުގެ މަތީން ޙަލްވާއަކަށް އޯޑަރުކުރި އެވެ. އެތަނުގައި ތިބިއިރު އެއެކުވެރިޔާ އަޅުގަނޑުގެ ރަޙްމަތްތެރިޔާ އެތަނަށް އައި ބޭނުމާއި ކޮން ޤައުމެއްގެ މީހެއްތޯ ފަދަ ސުވާލުތައް ކުރި އެވެ. މޯލްޑިވްސްއޭ ބުނުމުން ނޭނގުމުން ދެން ބުނަން ޖެހުނީ އިންޑިޔާ ނަސްލުގެ މީހެއްކަމަށާއި އިންޑިޔާގެ އަވަށްޓެރި ޤައުމެއްގެ މީހަކު ކަމުގަ އެވެ. ދެން ދެމީހުން ސިނގިރެޓް ބޮއިގެން އެ ރެސްޓޯރެންޓުން ނުކުތް އިރު ވެސް ޙަލްވާއަކަށް ފައިސާއެއް ވެސް ނުނަގަ އެވެ. ހަމައެކަނި ބިލްހަދާފައި، ބިލުގައި ސޮއިކޮށްލީ އެވެ. އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި މަޣުރިބު ނަމާދާއި ފަތިސް ނަމާދާ ދެމެދު، ބަރަކާތްތެރި ރަމަޟާން މަހުގައި އެތަނުގެ ހުރިހައި ރެސްޓޯރެންޓަކުން ވެސް ކާންދެނީ ހިލެ އެވެ. ކޮންފަދަ ދީލަތިކަމެއްތޯ އެވެ. އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ މުސްލިމު ޤައުމުގައި ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު ކުރަނީ ބޮޑެވެ. އޭނާގެ ކާރުގައި އަޅުގަނޑުގެ ރަޙްމަތްތެރިޔާ ހޮޓަލަށް ލައިދޭނެކަމަށް ބުނުމުން، ގިނަތަންތަން ފެންނާނީ ހިނގާފައި ދިއުމުން ކަމަށް އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބުންޏެވެ. ދެން ކުޑަގަނޑުކޮޅެއްގައި ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާ އޭނާގެފޯން ނަންބަރު ނޯޓުކޮށްލާފައިދީފައި، ކަމެއް ދިމާވެއްޖެނަމަ، ގުޅުމަށް އެދުނެވެ. އަދި ދަމުނަމާދަށް އަންނާނެތޯ ސުވާލުކުރުމުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބުނީ ދަމު ނަމާދަށް ނާދެވޭނެ ކަމަށާއި ފަތިސް ނަމާދަށް އަންނާނެކަމުގަ އެވެ. ފަތިސް ނަމާދުން އަނެއްކާ ވެސް ބަސް ސްޓޮޕްގެ އެކުވެރިޔާއާ ބައްދަލުވި އެވެ. ދުވަހުގެ ޕްރޮގްރާމް އޮތީ ކިހިނެއްތޯ ސުވާލުކުރުމުން މުޙައްމަދު ރާމިޒު ނާންނަންޏާ ބިޒީ ނުވާނެކަމަށް ބުނުމުން ހެނދުނު ގުޅާނެކަމަށް ބުނެފައި ބަސް ސްޓޮޕް އެކުވެރިޔާ ދިޔައީ އެވެ. ދެން ރާމިޒަށް ގުޅުމުން ރާމިޒު ބުނީ އާދެވޭނީ ރޭގަނޑުކަމުގަ އެވެ. އެހެން ހުއްޓާ ބަސް ސްޓޮޕް އެކުވެރިޔާ ގުޅާފައި އަތުވެއްޖެ އެވެ. ދެން ދިޔައީ އޭނާގެ ބެންޒް ކާރުގައި ރަށުތެރެ ބަލާލާށެވެ. ކުއްލިއަކަށް އޭނާއަށް މުހިއްމުކަމެއްގައި އޮފީހަށް ދާންޖެހިއްޖެ އެވެ. އޮފީހަށް ދިޔައީ އަޅުގަނޑުގެ ރަޙްމަތްތެރިޔާއާއެކުގަ އެވެ. އެއީ އާދައިގެ މީހެއް ނޫނެވެ. މަލްޓި މިލިޔަނަރެކެވެ. އެ އޮފީހުގެ ވެރިޔަކީ އޭނާ އެވެ. މި މަންޒަރު ފެނުމުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ފެންކަޅިވި އެވެ. މި ރާއްޖެއިން ވެސް ނުފެންނަވަރުގެ ބޮޑު މުއްސަންޖަކު ކިބުރުވެރިކަމެއް ނެތި ބަހުގައި ދަތުރުކުރި ގޮތާއި، މިސްކިތް ދައްކަން ހިނގާފައި ދިޔަ ގޮތާއި، ޑްރައިވަރަކު ވެސް ނުލައި ބީރައްޓެއްސަކު ގޮވައިގެން ރަށުތެރޭގައި ދުއްވުމާއި، އެއް ސުފުރާމަތިން އެއް ތަށި މަތިން ކެއި ގޮތް ހިތަށް އަރާފަ އެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާގެ އެކުވެރި މުޙައްމަދު ރާމިޒަކީ ވެސް ޕްރައިވެޓް ޔޮޓުގައި ރާއްޖެއަންނަ މުއްސަންޖެކެވެ. ރާމިޒު ވެސް ބުނި ގޮތުގައި ބަސް ސްޓޮޕްގެ އެކުވެރިޔާއަކީ އޭނާއަށް ވުރެވެސް ބޮޑު މުއްސަންޖެކެވެ. މަލްޓިމިލިޔަނަރެކެވެ. އެކަމަކު އެއީ މުސްލިމެކެވެ. އެންމެންނަކީ ހަމަހަމަކަމަށް ޤަބޫލުކުރާ މަތިވެރި ދީނަށް ތަބާވާ އިޚްލާޞްތެރި މުސްލިމުންނެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާގެ މުޅި ޙަޔާތުގައި ވެސް އަޅުކަމުގެ ފޮނިކަން ފުރިހަމައަށް އިޙްސާސްވި ރޯދަމަހަކީ ޔޫރަޕުގެ ކްރޮއޭޝިޔާގައި ހޭދަކުރި ރޯދަމަހެވެ. ------------------ (ނިމުނީ) މި ލިޔުން: ފޮނުވުން: އަލްފާޟިލް އިޔާޒު ނަސީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ¨ޒިޔާ, 2011-01-03 05:59:55
ވަރަށް އަސަރު ކޮށްފި.. ދިވެހިންވެސް ކުރީގައި އުޅުނު އިސްލާމީ ރީތި އާދަ ތަކުގައި މިއަދާ ހަމައަށް ވެސް ތިބިނަމަ މިހާރު ލިބިފައި މިވާ މުއްސަނދި ކަމުގައި ވަރަށް އުފާވެރި ދިރި އުޅުމެއް ކޮންމެ މީހަކަށް ވެސް ލިބުނީސް... އެކަކު އަނެކަކަށް ހެޔޮ ފޯރުވައި އުލޭނަމަ އުފާވެރި މުޖުތަމަޢު އެއް ޤާއިމް ކުރެވޭނެ...
...
ލިޔުނީ ލިލީމާ, 2011-01-03 07:37:54
މި ޒަމާނުގައިވެސް ރަސޫލުޒަމާނުގައި އުޅުއްވިފަދަ ހިތްތިރި ތަވާޟުއުވެރި މާތް މުސްލިމުން އެޅޭތާއެވެ.... ހަމަ ޔަގީނުންވެސް ހަގީގީ މުސްލިމުންނަކީ ރަހްމަތްތެރިޔާއަށް ދިމާވިފަދަ މާތްމީހުންނެވެ.... އަސްލު އަޅުގަޑަށް ގަބޫލުކުރެވޭގޮތުގައި އެބޭފުޅުންގެ ފަރާތުން އެފަދަ މަތިވެރި އިންތިހާ ދަރަޖައިގެ ރިވެތި ސުލޫކު ފެނުމުގެ އަސްލަކީ ޔޫރަޕްގެ ތަހްޒީބީ އަދި މުއްސަދިކަމާއި ހަސަބާއި ނަސަބުގެ ސަބަބުން ލިބިފައިވާ ރިވެތި އަޚްލާގުގެ ތެރެއަށް އިސްލާމް ދީނުގެ މަތިވެރި އަޚްލާގް އެއްވެ ތަހްޒީބާއި ތަމައްދުންގެ ތެރެއިން އިސްލާމްދީން ފެނުމެވެ... އެހެންނަމަވެސް އަޅުގަޑުމެންނަކީ މުސްލިމުންވިޔަސް އަޅުގަޑުމެންގެ ތެރެއަކު އެ ފަދަ މާތް އަޚްލާގެއް ނުފެނެއެވެ. ވީމާ ފެންނާނީ އެއްފަރާތް ނުންތޯއެވެ
...
ލިޔުނީ މުއީން, 2011-01-03 08:22:03
ސުބުހާނަﷲ ކޮންފަދަ މުސްލިމުންނެއްތޯ ؟ ދެރަ ކަމަކީ އަޅުގަޑުމެން ރާއްޖޭގައި މިފަދަ ގޮތަކަށް އުޅެފިއްޔާ ވާނީ "ކަޑަ" މީހަކަށް ، ނަމަވެސް މަދުން ނަމަވެސް މިފަދަ ރަގަޅު ކަންތައްތައް ކުރާ މީހުން ފެންނަމުންދާކަން ފާހަގަކުރަން
އަޅުގަޑުމެން ދިވެހިރާއްޖޭގައި މިފަދަ މުސްލިމުން އިތުރު ކުރައްވާށި -އާމީން- ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|