މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހީންގެ އާދަކާދަ |
|
|
| ދިވެހި - އާދަކާދަ | |||
| 13 ފެބްރުވަރީ 2011، 23:50 އާދީއްތަ | |||
|
ފޮތެއްގެ ތަޢާރުފު: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު "މި ފޮތަކީ ދިވެހީންގެ ދިވެހިވަންތަކަން ދައްކައިދޭނެ ނަމޫނާއެއް ކަމުގައި އަޅުގަނޑު ދެކެމެވެ." އަދި "ޚާއްޞަ ގޮތެއްގައި ސްކޫލްކުދީންގެ ފިލާވަޅުތަކަށް އެހީވެދޭނެ އަދި އެކުދީންގެ ކާބަފައިންގެ ރަން ޒަމާނަށް އަލިއަޅުވައިދޭ ދަންމަރެއްކަމުގައި މި ފޮތް ވާނެ އެވެ."މަތީގައި އަޅުގަނޑު މި ނަކަލުކޮށްލީ ގ. ފީނި ، އަލްފާޟިލް މޫސާ ޢަލީ ލިޔުއްވި "ދިވެހީންގެ އާދަކާދަ" އަށް، އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ލިޔުއްވައިފައިވާ އިސްބަހުން އަޅުގަނޑު ނަކަލުކޮށްފައިވާ ދެ ޖުމުލައެކެވެ. ޤައުމީ ކުތުބުޚާނާއެއްގެ އެންމެ އިސް ވެރިޔާގެ ގޮތުން ދިގު ޒަމާންތަކެއް ގައި ޚިދުމަތްކުރައްވައިފައިވާ، ފޮތްތެރިކަމުގެ އާޖުފާޖު އެންމެ ބޮޑަށް އެނގިވަޑައިގަންނަވާ ބޭފުޅެއްގެ ގަލަންކޮޅުން މި ފޮތާ މެދު ވިދާޅުވެފައިވާ މި ބަސްކޮޅުން ވެސް މި ފޮތުގެ ބޭނުންތެރިކަމާއި މުހިއްމުކަން އޮޅުމެއް ނެތި ހާމަވެ އެވެ. ޗާޕުކުރި ތަނެއް އެނގެން ނެތް ނަމަވެސް 278 ޞަފުޙާގެ މައްޗަށް އެކުލެވޭ މި ފޮތަކީ ޤައުމީ ކުތުބުޚާނާގެ ރަންޔޫބީލުގެ މުނާސަބަތުގައި 1995 ވަނަ އަހަރު ޖުލައި މަހު 31 ގައި ބޭއްވި ފޮއްލިޔުމުގެ މުބާރާތުން 1 ވަނަ ހޯދި ފޮތްކަން ފޮތުގެ މުޤައްދިމާއިން އެނގެން އެބަ އޮތެވެ. އެހެންކަމުންް މޫސާޢަލީގެ "ދިވެހީންގެ އާދަކާދަ" ޝާއިޢުކުރައްވައިފައިވާނީ ޤައުމީ ކުތުބުޚާނާ އިން ކަމަށް ބެލިދާނެ އެވެ. ގާތްގަނޑަކަށް 20.3 ސެންޓިމީޓަރ ދިގު، 14.5 ސެންޓިމީޓަރ ފުޅާ މި ފޮތުގެ ބޯމިނަކީ ގާތްގަނޑަކަށް 1.4 ސެންޓިމީޓަރެވެ. އެހެންކަމުން މި ފޮތަކީ އުފުލައި ގެންގުޅެން ފަސޭހަ، އަތްމައްޗަށް ލުއި ފޮތެކެވެ. ދިވެހިރާއްޖޭގެ ޖޯގްރަފީ އާއި ތާރީޚާއި ދިވެހީންގެ ސަގާފަތާ ބެހޭ މުހިއްމު މަޢުލޫމާތުތައް މި ފޮތުގައި ހިމަނުއްވައިފައި އެބަހުއްޓެވެ. މި ގޮތުން ދިވެހީރާއްޖޭގެ އުފެދުމާއި ދިވެހީންގެ ވަޒަންވެރިވުމާއި ދިވެހީންގެ ބަހާއި ދީނާ ބެހޭ ގޮތުން އަލިއަޅުއްވައިލައްވައިފައިވެއެވެ. އަދި ދިވެހީންގެ އިޖްތިމާޢީ ޙާލަތާއި ގުޅުންތަކާއި ޢާއްމު ދިރިއުޅުމާ ގުޅޭ އެންމެހައި ކަންކަމުގެ މައްޗަށް މި ފޮތުގައި ވަރަށް ރަނގަޅަށް ބައްލަވައިލައްވައިފައިވެއެވެ. އަދި ދިވެހީންގެ އިޖްތިމާޢީ ޙަރަކާތްތަކާއި ތިމާވެށިގެ ޙާލަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާއި ދަތުރުފަތުރާއި ކުޅިވަރާއި މި ބާވަތުގެ އެންމެހައި ކަންކަމަށް މި ފޮތުގައި ވަރަށް ތަފުޞީލުކޮށް އިންސާފުކުރައްވައިފައި އެބަހުއްޓެވެ. މިހުރިހައިކަމެއްގެ އާދަކާދަތައް މި ފޮތުން ތަފުޞީލުކޮށް އޮޅުންފިލައިވަޑާއިގަންނަވާނެ އެވެ. 16 ފޮތަކަށް ޙާވާލާ ދެއްވައި ލިޔުއްވައިފައިވާ މި ފޮތުގައި ދިވެހިރަސްކަމާއި ގަނޑުވަރުތެރޭގެ އާދަކާދަތަކަށްވެސް ވަރަށް ފުރިހަމަޔަށް އިންސާފުކުރައްވައިފައިވެއެވެ. އަދި މިވަރުން ފުއްދަވައިލެއްވީކީ ނޫނެވެ. ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ މައްޗަށްވެސް މި ފޮތުގައި ޚާއްޞަ ނަޒަރެއް ދެއްވައިފައިވެއެވެ. ދިވެހީންގެ އާދަކާދައާއި ސަގާފަތާއި ތާރީޚާބެހޭ މިހާ ގިނަ މަޢުލޫމާތުތައް ހިމަނުއްވައިފައިވާ މި ފޮތް ތަރުރީބުކުރައްވައިފައިވަނީ މަޢުލޫމާތު ހޯދަން ފަސޭހަވާނޭހެން މައިގަނޑުނަންތަކެއްގެ މައްޗަށް އަދި އަރިމަތީސުރުޚީތަކެއްގެ މައްޗަށް ބައްސަވައިލައްވައިގެން އެބައިތައް ފޮތުގެ ފިހުރިސްތުގައި ހިމަނުއްވައިގެންވެސް މެ އެވެ. މި ފޮތުގެ ތަޢާރުފެއްގެ ގޮތުން މިހާވަރުން ފުއްދައިލުމަށްފަހު ފޮތުގެ މުޞައްނިފަށް ތަޢުރީފުކުރަމުން މި ފޮތާމެދު އައްނަބީލާ ޙަބީބާ ޙުސައިން ޙާބީލު ލިޔުއްވައިފައިވާ އަންނަނިވި ބަޔާނަށް އިޢުތިރާފުވެ ހެކިވަމުން "ދިވެހީންގެ އާދަކާދަ"އަށް އަޅުގަނޑު ލިޔުނު މި ތަޢާރުފު ނިންމައިލަމެވެ. "ދިވެހީންގެ އާދަކާދައާ ބެހޭ މަޢުލޫމާތަކީ ދަރިވަރުންނަށާއި އަދި ޒުވާން ޖީލަށް ހިތްހަމަޖެހޭ ފެންވަރަށް ލިބުން ދަތި މަޢުލޫމާތަކަށްވެފައި އޮތް އިރު މި ފޮތަކީ އެކަން ފުއްދައިދޭނެ ވަސީލަތަކަށް ވާނޭ ކަމަށާއި އަދި މި ފޮތަކީ ދިވެހީންގެ ދިވެހިވަންތަކަން ދައްކައިދޭނެ ނަމޫނާއެއް ކަމުގައި އަޅުގަނޑު ދެކެމެވެ." (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|