ފަންވަތް ދިވެހި ސަމާސާ އަދަބު މިސުރަށް ދިޔަ ހަނދޭގިރިންގެ ޙިކުމަތް
ބެލި ޢަދަދު: 1534
މިސުރަށް ދިޔަ ހަނދޭގިރިންގެ ޙިކުމަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
09 ސެޕްޓެމްބަރ 2009، 10:30 ބުދަ

ޢަބްދުލްޙަކީމު ޙުސައިންމަނިކު (1998)

ޤާނޫނީ ސަރުކާރެއް އުފެދުމުގެ ކުރީގައި ވަޒީރުއްދާޚިލިއްޔާގެ ވާޖިބުތައް އަދާކުރާ މީހަކަށް ކިޔަނީ ހަނދޭގިރިންނެވެ. މިއީ އިހުގެ ލިޔުންތަކުން ފެންނަ ގޮތެވެ. އަބަދު ވެސް ހަނދޭގިރިކަން އޮންނަނީ ނަސަބާއި ހސަބުގެ ގޮތުން ވެސް ރަނގަޅު ދަރަޖައެއްގެ މީހަކަށެވެ. ވިސްނުންތެރި ތަޖުރިބާކާރު ހަރުދަނާ މީހަކަށް ވެސް މެ އެވެ. އެގޮތަކީ މުޅި ރާއްޖޭގެ އެތެރެފުށުގެ ހުރިހާކަމެއް ބެލެހެއްޓުމުގެ ވެރިޔަކީ ހަނދޭގިރިންކަމަށްވާތީ އެވެ.

ކޮންމެވެސް ޒަމާނެއްގައި ދިވެހިރާއްޖެއިން ހަނދޭގިރިބޭކަލަކު މިސުރަށް ދުރުވެއްޖެ އެވެ. މިސުރު ރަސްގެފާނު ހަނދޭގިރިންނާއި ސުވާލުކުރެއްވީ ދިވެހިރާއްޖޭގެ ރަސްގެފާނުހޭ އަހަރެންހޭ ކަލެޔަށް ފެންނަ ގޮތުގައި މޮޅީ؟ މި ސުވާލުގެ ޖަވާބު އަހަރެން ދެރަވާގޮތަށް ބުނެފިއްޔާ އަދަބު ލިބޭނެ އެވެ. ހަނދޭގިރިން ދެންނެވީ ދިވެހި ރާއްޖޭގެ ރަސްގެފާނަކީ، ހުޅެވި ހަނދެވެ. މަނިކުފާނަކީ ތޭރަ ސާދައިގެ ހަނދެވެ. ދެން ރަސްގެފާނު ވަރަށް އުފާފުޅޫ ކުރައްވާ، ދަރުބާރުގައި އިނާމުތައް ވެސް ހަނދޭގިރިންނަށް ދެއްވައިފި އެވެ. މި ކަން ދިވެހި ރާއްޖޭގެ ރަސްގެފާނަށް އެނގިވަޑައިގެންފި އެވެ.

ހަނދޭގިރިން ހަމަ މާލެ ދުރުވުމާއެކު، ގަނޑުވަރަށް ދުރުވުމަށް ރަސްގެފާނު ފޮނުވި މީހަކު އައިސް ދަންނަވައިފި އެވެ. ހަނދޭގިރިން ގަނޑުވަރަށް ދުރުވީމާ ރަދުން ކޯފާ އިސްވެފައި ހުންނަވައި ވިދާޅުވީ ކަލޭ މިސުރު ރަސްގެފާނު އަރިހުގައި އަހަރެން ދެރަކޮށްފީމު އެވެ. ވީމާ، ހަނދޭގިރިކަމުން ވެސް ވަކިކޮށްފައި އަދި އިތުރަށް ބޮޑު އަދަބު ވެސް ދޭން ގަސްތުކުރަމެވެ. ހަނދޭގިރިން ދެންނެވި އެވެ. އަޅުގަނޑު ރަސްގެފާނު ދެރައެއް ނުކުރަމެވެ. ހުޅެވި ހަނދަށް ވާނެގޮތަކީ، ކޮންމެ ރެޔަކު ވެސް ކުރީ ރެޔަށްވުރެ ބޮޑުވާނީ އެވެ. އޭގައި އޮތީ ކުރިއެރުމެވެ. ޒަމާނުއްސުރެ އިސްލާމުންގެ ދިދައިގައި ހުޅެވި ހަނދު ޖަހަނީ ވެސް މި ދެންނެވި މާނައިގަ އެވެ.

ތޭރަ ސާދައިގެ ހަނދަށް ވާނެގޮތަކީ، ކޮންމެ ރެޔަކު ވެސް ކުރީރެޔަށްވުރެ ކުޑަވާނީ އެވެ. މިހެން މިހެން ގޮސް އެންމެ ފަހުން މާ ހިމަވެގެން ގޮސް، ލެނބިފައި އޮންނަ އިހާގޮނޑިގަނެއްހެން ވެފައި ދެން  ނުފެންނާނީ އެވެ. ވީމާ، އަޅުގަނޑު މިސުރު ރަސްގެފާނަށް އޮޅުވާލީ އެވެ. ރަސްގެފާނު ވަރަށް އުފާފުޅު ކުރައްވައި ހަނދޭގިރިންނަށް ވަރަށް އަގުހުރި ބާވަތްބާވަތުގެ އެއްޗެހިން ތަޝްރީފު ދެއްވައިފި އެވެ.

                              (ނިމުނީ)
ހަވާލާ؛

ޢަބްދުލްޙަކީމު ޙުސައިންމަނިކު (1998). ފަތްތޫރަ (232). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1534
extra avandia and congestive heart failure