މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ގިތެއު ގުޅި (1) |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 13 ސެޕްޓެމްބަރ 2009، 12:33 އާދީއްތަ | |||
|
ރޭޑިޔޯ ތަމްސީލެއް ފުރަތަމަ ބައި ފޮނުއްވީ: އިލްޔާސް ޝުޖާޢު ލިޔުއްވީ: އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ބީފާނު އަދި ނުތެދުވެ އެނދުގައި އޮއްވައި، ދަންޑަހިލުތައްޚާނު ފޮނުވީމާ، މޫސާ އައިސް ވަންނަތަން ދެކެފައި: ވީކާ: (ދުވެފައި ކަހަލަ ގޮތަކަށް، ފައިވާން ދަމަމުން އައިސް ބީފާނު ކައިރިއަށް ގުދުވެފައި ވައި އަޑުން ބީފާނަށް ގޮވަން ފަށައެވެ. ފުރަތަމަ އިވޭ އަޑަކީ، ވީކާ ފައިވާން ދަމަމުން އަންނަ އަޑެވެ. ދެން ގޮވާ އަޑެވެ. ފެށެނީ ވައި އަޑުން، ދެން މަޑުމަޑުން ގަދަވަމުން ގޮސް ހަމަ އަޑަށް ވުރެ ބާރަށް..........) ބީފާނު! ބީފާނު! ބީފާނު! އޭތް! ބަލަ ކުޑަ ބީފާނު - އޭތް ބީފާނު. ( ނިދާން އޮތް މީހަކަށް ގޮވާގޮތަށް) ބީފާނު: ( ނިދި އަޑުން) އޫން! ހޫން! އާނ! ކީއްތަވީ؟......... ވީކާ: ( ތަންކޮޅެއް މަޑު އަޑަކުން) އެއްކަލަ މޫސަ........... ބީފާނު: ( ނިދިއަޑަކުން ) އަނެއްކާ އައީ؟ ތިޔޮތީ ބޮޑުކަމެއްތާ! އަދި މިއުޅެނީ ނުތެދުވެވިގެން. ރޭވެސް ހުވަފެން ފެންނަ ވަރުން ނުވެސް ނިދޭ. މިހާރު ފަތިސް ވެއްޖެތަ؟ އަލިވެއްޖެތަ؟ ވީކާ: ( ރާގަކަށް ) ( ހާގޮވާ ބިންމަތި އަލިވެ އިރުއަރައްޖޭ! ބަލަ ކެއުޅާ މަހަށް ދަންޏާ ތެދުވަހަރޭ!) ދެން ތެދުވަންނަވާ! މިހާރު އެހެރަ ދިހައެއް ޖަހަނީ. ބީފާނު: ދައްކަބަލަ! ކޮބާތަ ގަޑި!........ އައްދޭ! އަދި ކިރިޔާ ނުވަގަޑި ފަނަރައެއް ނޫންތަ! ދިހައެއް ޖަހާނީ ކޮންއިރަކުންތަ! ވީކާ: އަޖާބު! ނުވައެއްގެ ފަހުން ދެން ޖަހާނީ ދިހައެއް ނޫންތޯ؟ މިހާރު އެދަނީ ދިހައެއް ޖަހަން...... ދިހައެއް ނުޖަހާ އެހެން އެއްޗެއް ނުޖަހާނެ.. ނޫންތޯ؟ ބީފާނު: އާނ! މި ތެދުވަނީ. ތިޔަހަރަ ދޮރު ހުޅުވާލަބަލަ! މޫސަ އަންނައިރަށް... ވީކާ: މޫސަ އަންނައިރަށް...... ތައްޚާނު ދުރުވާއިރަށް...... އެއީ ދެނަން ކިޔަސް އެކައްޗެއް ނޫންތޯ؟ ބީފާނު: އަޗިހ......ނޫޅެން...... ނޯ! ވީކާ: ކީއްތޯވީ! ތައްޚާނު އެއީ ކިހާ މޮޅު މީހެއްތޯ. ދަންޑަހިލު ތައްޚާނު...... ދެދަންބެރު ތައްޚާނު...... ބީފާނު: މަށޯ؟ މަވަކިން ދެރަތަ؟ ހުތުރުތަ؟ މުސްކުޅިތަ؟ ބަލަ މުސްކުޅި ނަމެއް ކިޔަސް މަށަކީ މުސްކުޅިއެއް ނޫން. މަށަށް ބީފާނު ކިޔަނީ މަތިފުށުގެ ނަން ހިފަހައްޓާންވެގެން. ދަންނަމުތަ މަގޭ މާމައަކީ، މަޝްހޫރު ނަންހުރި ރަންބީފާނު. އެއްއަތުރަންބީފާނު. ހުރިހާ ކަމަކަށް މޮޅު އެދުރީފާނު. މުޅި މާލެއަށް...... މުޅި ދިވެހިރާއްޖެއަށް...... މުޅި ދުނިޔެއަށް...... އަދި ދެދުނިޔެއަށް. ތިންވަނަ ދުނިޔެއަށްވެސް ނަން ހިނގާފައިވާ މަޝްހޫރު ރަންބީފާނު...... ރަން..... މިހައިތަނަށް ބުނިތަނާ މޫސަ ވަދެގެން އަންނަމުން...... ( ހިނގާފައި އަންނަ އަޑު ) މޫސަ: އައްދޭ! މިގޭ މީހުންނަށް އަދި މެންދަން ދޯ! ބީފާނު!...... ބީފާނު!...... ކޮބައިތަ ބިފާނު. ބީފާނު! ރަންކުޑަ ބީފާނު. ކުޑަރަންބީފާނު! ( މިބަސްތައް އިވޭންވާނީ އިވެމުން އިވެމުން އަންނަ ގޮތަށެވެ.) ވީކާ: ( ދުވެފައި ނިކުމެ، ސިއްރުސިއްރުން މޫސަގާތު) ބީފާނު އޮންނެވީ ހޭލައްވާ. އަދި ނުތެދުވަންނަވާ! މޫސަ: ( ސިއްރު ވާހަކަ ދައްކާއަޑުން) ދެން ކޮންއިރަކުންތަ؟ ވީކާ: ( ހަމަ އެގޮތަށް ރަނޑު ގޮތަކަށް) ދެން! ބީފާނަށް އިވިދާނެ. ( ތަންކޮޅެއް ބާރަށް ) ބީފާނަކަށް އަދި އައްޔެއް ނުވިލޭ. ނުހޭލައްވާ. ނިދިކުރައްވާފާ. ބީފާނު: ( ރާގެއް ލާފައި) އާނ! ހޫނ!..... މަމިއޮތީ ނިދާފާ. މޫސަ: ނިދާފައި ތިބޭ މީހުން ވާހަކަދައްކާ އުޅޭތަ؟ ތިޔައީ ނިންޖެއް ނޫން. ތިޔައީ ބަންޖެއް. ބީފާނު: ބަންޖަކަސް، ކަންޖަކަސް، ހިކަންޖަކަސް މަމިއޮތީ ނިދާފާ. ހޭލާ ނިދާފާ. ނިދާ ހޭލާފާ. މޫސަ: އެނގިއްޖެ! މިހާރު ތިއޮންނެވީ ހޭބަލިވެފާ. ތައްޚާނު ހަނދާންވެފައި. ތިޔަ އޮންނެވީ....... ބީފާނު: އަޗިހ! ނޫޅެން...... ނޯ! މޫސަ: އުޅުނަސް، ނޫޅުނަސް، ތައްޚާނު ބުނުއްވީ...... ބީފާނު: އަޗިހ! މައެބައުޅެންތަ އެކަހަލަ ތަންޑޭލަކު ނުވެގެން. ބަލަ ތިޔައުޅެނީ އަދިވެސް ނޭނގިގެން. އޮޅިގެން...... މަށަކީ ކާކުކަން އޭނާ ދަނޭތަ؟ މަށަކީ، މަޝްހޫރު ރަންވަންކުޑަބީފާނު، ރަންވަންލޯ، ރަންވަންފުއްލާ، މިހެން ކިޔާ އަޑެއް ނާހަމުތަ؟ މަގޭ ގައިގައި ރަންކުލަ ހުންނާތީ، ރަންވަންބީފާނޭ ކިޔަނީ. މަގޭ ވަންހަ ފެށެނީ ރަންފުތުފަނޑިޔާރުން. މަގޭ އެއް އަތުގައި މިއޮތީ ރަންއުޅާ. އެއް ފައިގައި މިއޮތީ ރަން ތަކަހޮޅި. މިހުރިހާ މޮޅުކަމެއް ލިބިފައި އިން ރަންކުޑަބީފާނު އެކަހަލަ ތަންޑޭލެއްގެ ފަހަތުން ދުވާނެތަ؟ މޫސަ: ކަސަބުން،ތަންޑޭލުން، ނެވިނިޔަމިން، އެއީ އިހު ޒަމާނުގައި ކަނޑުމަތީގެ އޮފިސަރުންނަށް ކިޔާ ނަންތަކެއްކަން ދެނެއެއް ނުލައްވަމުތޯ؟ ބަލަ، ދަންޑެހެލު ތައްޚާނަކީވެސް ތިޔަބުނުއްވާވަރު ނުވިޔަސް މޮޅު މީހެއް ނޫންތޯ؟ ރީތިވެސް މީހެއް ނޫންތޯ؟ ބީފާނު: މޫސަ ތިޔަދައްކަން ފެށި ވާހަކައަކުން ނިދި ހަމަ ކުރާކަށްވެސް ނޯވެވޭނެ. ތައްޚާނުގެ މޮޅުކަން ނިކަން ކިޔައިދީބަލަ! މޫސަ: ލައްބަ! އާދެ! އޭނާގެ ރީތިކަމާ އުޖާލާކަން ބުނެދޭ މީހަކު ބުނެދޭނެއޭ، ހޫނުގަދަ އަވިގަދަ ދުވަހެއްގެ މެންދުރު ވަގުތު އަތިރިމަތީ ދޮންވެލިގަނޑަށް ބަންޑުންވެފައިވާ ތާރުފީފާއެއް ފަދައޭ. އަދި، އޭނާގެ ނޭފަތާއި ދަތްދޮޅިއާއި ދެކޮލަށް އަރަމުންދާ ކަޅުއަބަނޫސް، އެންދެރިކުލައިގެ ވިދުވަރުވެސް...... ބީފާނު: ހޫނ! ހޫނ! ތިޔަ ވާހަކައެއް ނޫން. ރީތި ހިސާބުގެ ވާހަކަ...... މޫސަ: ރީތި ހިސާބޭތޯ؟ އެއީ އަނެއްކާ ކޮން ހިސާބެއްތޯ؟ ފަސޭހަ ހިސާބުތޯ؟ ބީފާނު: ނޭނގުނުތާ! މޫސަބެއަކަށް ނޭނގުނުތާ! ބަލަ މިބުނަނީ " މާއަލި އެއްޗެއް، ވަށްވަށް އެއްޗެއް، ވާއެދި އެންމެން ހުދުހުދު އެއްޗެއް، ވާހަލު ހިތްތައް މާމޮޅު އެއްޗެއް....." ގެ ވާހަކަ. މޫސަ: އާނ! އާނ! އެނގިއްޖެ. ބާވަމީ ދެން ކޮން އެއްޗެއް.... ތިޔައީ " ގަހަނާ ހެދިޔަސް، ދަހަނާ އެޅިޔަސް، ބަހަނާއެއް ކަމު ފަހަރަކު ދިޔަޔަސް އަހަރެން ކަމެކޭ ނުހިތާ އެއްޗެއް" ނޫންތޯ! ތިޔަކަމުގައި އެއީ ޤާރޫނަށްވެސް ދޫނުކުރާވަރުގެ މީހެކޭ ބުނެވިދާނެ. އޭނަގެ ދެއިނގިލި ދޭތެރެއިން އޮހެނީ ރަންރިހި. ވިރިކެކޭ ހުރިހައި ބާވަތެއްގެ ކަންވާރު. ބަންގާޅަށް، އަސޭކަރަޔަށް، ސިންގަޕޫރަށް ދުރުވެފައި އެހެރަ ގެންނަވާ އެއްޗެހި ރީތިކަމުގެ ވާހަކަ ހެވީ ދެއްކުމަށްވުރެން ނުދެއްކިއްޔާ. މިހާރު އޭނަގެ ފިހާރައިގައި ނެތް އެއްޗެއް ނެތް. ( މި ވާހަކަތައް ދައްކަމުން ދާއިރު، ބީފާނު ދަހިވެތި ކަމާއި އެކު، މަޑުމަޑުން ހޫނ! އާނ! އަނހާތާ! މިހެން ކިޔައިލަ ކިޔައިލަ އިނދެއެވެ.) މޫސަ: އަދި މި ފަހަރު ގޮދަންޕޫރުން ގެންނެވި ގިތެއުގުޅިއެއްގެ ވާހަކަ އެއްސެވީމުތޯ؟ ބީފާނު: ނާހަމޭ! ކޮންކަހަލަ ގިތެލެއްތަ؟ ގެރި ގިތެއުތަ؟ މޫސަ: ނޫން! ނޫން! ގޮދަންޕޫރުގެ އެންމެ މޮޅު ސަރުބީ ގިތެއު، ފުށްއެޅިގިތެއު،. ގެރިގިތެލޭތޯ؟ އެހައި ދެރަ އެއްޗެއް، ތައްޚާނު ގެންނަވާނެތޯ؟ ބީފާނު: ހޫނ! ހޫނ! ދެނޯ؟ ގިތެއުގުޅި މިހާރު ކޮބައިތަ؟ މޫސަ: އެބަހުރި. ބުނުއްވީ، މީހަމަ ބީފާނަށް ހަދިޔާ ކުރަން ގެނައި ގިތެއުގުޅިއެކޭ. އެހެން ފަރާތަކުން ރުފިޔާ ހާހެއް ދިނަސް ދުލެއް ނުކުރާނަމޭ ބުނުއްވި. ބީފާނު: އަޗިހ! ނޫޅެން. ނޯ! މޫސަ: އަދި ބުނުއްވި މިގުޅީގެ ގިތެލަކީ ކޮންމެ ކަމަކަށް ފުދޭ އެއްޗެކޭ. ކޭކު، ބިސްގަނޑު، އައިސްކްރީމް، މިކަހަލަ ހުރިހައި ބާވަތެއްގެ އެއްޗެހި ހަދާން ފުދޭ. ރިހަ، ބިރިޔާނި، ކަވާބު، ސަޓަނި، އަސާރަ ހެދުމުގައި ބޭނުން ކުރެވޭ. އަދި ބޭސްފަރުވާ ކުރަންވެސް ބޭނުންކުރެވޭ. ފަނީގެ އުނދަގުލަށް ކުޑަކުދިންގެ މަތީ ތަލީ ދޫތަލީގާ އެއިން ތިއްކެއް އިނގިލިކުރީން ޖަހާއިރަށް ހުރިހައި ފަނިފަކުސަ ހޮޑަށް ލެވެއި. ހަލި ހެއުވެއި...... ބީފާނު: އޭނ! ކީކޭ؟ ތިޔަކީ އެއްޗެއް އަދި ނޭނގުނު. މޫސަ: މިކިޔާ އެއްޗަކީ، ބޮކްސާއެއްހައި ފަނި ހުއްޓަސް ހޮޑަށް ލެވިދާނެއޭ... އަވަހަށް ފަސޭހަ ވެދާނެއޭ. މީ ބޭސްވެރިންގެ ބަހުރުވަ. ކޮންމެ ބައަކަށްވެސް ޚާއްޞަ ބަހުރުވައެއް އޮވޭ ނޫންތޯ! މާކެޔޮޅުކަމު ގޮސް އުޅޭ ކެއުޅުން މަޑަޔަށް ކިޔަނީ ތިނޯސް. އެވާހަކައެއް ނާއްސަވަމުތޯ. ބީފާނު: އެހިން. ދެނޯ! މޫސަ: އަދި، ގިތެލުގެ އެންމެ މޮޅުކަން އަދި މިއުޅެނީ ހަނދާންނެތި ނުބުނެވިގެން. އެއީ، ދުވާލަކު ތިންއިރު، އަދި ނިދާން އޮށޯންނަމުން އެއިން އެތިކޮޅެއް ހިނދިހިނދިވަޅުގައި ޖަހައިފިނަމަ، ޒުވާންކަން އާވެ، ޅަދުވަހެކޭ ހަމަ އެއްގޮތްވެދާނެ ކަމަށް، ބޭސް ފޮތްފޮތުގައި ހުރެޔޯ! ބީފާނު: ( ވަރަށް ބޭނުންވާ ކަހަލަ ރާގަކަށް ) ހާޔެ! ހާއޭ! ވާހް! ވާހް! (މިހެން ބުނެފައި ހަނދާންވެގެން ކަހަލަ ގޮތަކަށް) އަޗިހ! ނޫޅެން! ނޯ! މޫސަ: ދެންބުނުއްވަ ބައްލަވަ! ގިތެއުގުޅި ހިފައިގެން ތައްޚާނު ދުރުވާނީ ކިހައި އިރަކުންތޯ؟ އެގޮތް އޮޅުންފިލުވައިގެން ނޫނީ ނާންނާށޭ ބުނުއްވި. އެހެންވީމާ...... ބީފާނު: ނޫޅެން. ނޯ! މޫސަ: ދެން ބުނުއްވަ ބައްލަވަ...... ( ދެފަރާތުން މިކަހަލަ ބަސް ތަކުރާރު ކުރުމަށް ފަހު......) ބީފާނު: އަޓަގަޑި ބައި! މޫސަ: އޭނ! ބީފާނު: މިބުނީ އަށްގަޑި ބައޭ. ބަންގާޅީ ބަހެއް ނުދަންނަމުތަ؟ އެބަހުން އަށަކަށް ކިޔަނީ އަޓަ- އާޓް- ނަވް ނުދަންނަމުތަ؟ ދެން ކޮންތާކު ތަންޑޭލެއްތަ؟ އަހަރެމެން ގޭތެރޭ ތިބޭ ރަނޑާލި އަންހެނުންނަށް އެނގޭވަރަށްވެސް ބަންގާޅީބަސް ނޭނގޭ. އާނ! އެހެންވިއްޔާ އަށްގަޑިބައި- އެއިޓް ހާފް އެނގިއްޖެތަ؟ މޫސަ: އާނ! އެނގިއްޖެ! އަޓަގަޑި ބައި، އަޅުގަނޑުމެން އަންނާނަން. ބީފާނު: ގިތެއުގުޅިއޯ! މޫސަ: އެވެސް އަންނާނެ. ބީފާނު: ތަންޑޭލޯ! މޫސަ: އެވެސް އަންނާނެ. ( ތަންޑޭލު މަގޫލޭ މަގޫލޭ މަންޖޯޅި ރާޖާ.... މިހެން ލަވަކިޔަމުން ނިކުމެގެން ދާ އަޑު.... ތަންކޮޅަކަށް ނުކުތްތަނާ ފަހަތުން) ވީކާ: މޫސާ! ބަލަ މޫސާ! އޭތް. މޫސަ: ކީއްތަވީ ވީކާ! ވީކާ: ދަނީތަ؟ މޫސަ: އާނ! މިހާރު ދެވެނީ....... ވީކާ: ދެން ކޮން އިރަކުން؟ މޫސަ: ދިހަގަޑި ބައި. ވީކާ: ހާދަފޮންޏޭ! މޫސަ: (ހީނގެންފައި) " ވިކަ ވިއްކުން ވީކަ ވިއްކުން، ހިކަނދިފަތު ލޮލީ ވިއްކުން......" މިހެން މަޑުމަޑުން ކިޔަމުން ހިނގައްޖެ. * * * * * މިބައިގެ މީހުން: 1- ވީކާ، 2- ބީފާނު، 3- މޫސަ، 1-ބީފާނު، ގެންގުޅޭ ގުއްޖެއް. 2- ހުވަފަތް ވެފައި އިން މެދުއުމުރުގެ އަންހެނެއް، ފައިސާވެރިއަކާ އިންނަން އުއްމީދުކޮށްގެން އުޅެއެވެ. 3- ތައްޚާނު ގެންގުޅޭ ކުއްޖެއް. ދެވަނަބައި ދަންޑެހެލުތައްޚާނު ގޭގައި - ހަމަ އެދުވަހު ހަވީރު ތައްޚާނު: މޫސާ! މޫސާފުޅާ! ފުޅާމޫސާ! އޭތް! ބަލަ މިހިރަ އުޅޭ މޫ........... ( ފަހަރެއް ފަހަރަކަށް ވުރެ ބާރަށް ) މޫސަ: އޯތް! ލައްބް! އާދެ! ( މިހެން ގޮވަމުން މަޑު ރާކަކަށް ލަވައެއް ކިޔަމުން އެބަ އާދެއެވެ. ލަވަ: ތިޔަބުނާ ޢިޝްޤީ ގިތެއުގުޅި، މިޔަކަނުން ހިނިތުން ވަނީ، ފިޔަޖަހާ ބީފާނު ރަންކުޑަ، ކިޔަމަނުންތޯ އަންނަނީ.) މޫސަ: ލައްބަ! އާދެ! ބުނުއްވި ކަންތައް ހަމަޖެހިއްޖެ. އަޓަގަޑި ބައި. ތައްޚާނު: އޭނ! މޫސަ: އަށްގަޑި ބަޔޯ! މަމެން ގޮވައްޗަށް ބަޔޯ!...... ތައްޚާނު: އާނ! އެނގިއްޖެ! ތިޔައީ މަލިކު ބަހުރުވައެއް. ދެން އާދޭ! ސައިތައްޓެއް ހަދައިދީބަލަ! ދެން ދުވަސްކޮޅަކުން މިކަހަލަ ކަންތަކު ކިޔާކަށް ނުޖެހޭނެ! މިހާރު...... އާހް! މޫސަ: ތިޔަދުވަސްވެސް މާ ލަސްވާނެކަމަކަށް ނުފެނޭ. ނަމަވެސް ( މިހެން ބުނަނީ، ސައިތަބަށް ހިފައިގެން ތައްޚާނު ކައިރިޔަށް އައިސް ބެހެއްޓި ގޮތަކުން ސައިތަށި، ތައްޚާނު ގަޔަށް ބަންޑުންވީމާ. ) އަޑު ތައްޚާނު: އަޗިޗިޗީ. ޗާސް!...... ޗޯސް! ބަލާބަލަ ތިޔަކުރި ކަންތައް! އެހާވަރުން ހެނދުނުއްސުރެން ބީފާނުގެއަށް ދާން ނަލަހެދިގެން އިންދާ!...... މުޅީން ޚަރާބު! ދެން ހަމަ އަޖާބު! ބޮޑު ހިއްތަން ގުރާބު! މޫސަ: ދެންހެޔޮ! ދެންހެޔޮ! ދެން ހުއްޓައިލައްވާ! ރޮއިލައްވާނެ ކަމެއް ނެތް. އަޅުގަނޑުވެސް ކުރިކަމެއް ނޫން. ތައްޚާނު: އެނގެންވާނެންނޫން! ދެން މިކަހަލަ ހެދުމެއް ނެރޭނީ ކޮންތާކުންތަ؟ މިފަހަރު ގޮދަންޕޫރުން ގެނައި އެންމެ ރީތި އެންމެ ރީތި ކުލަ އަރާ ސިދުރިޔާގެ ދުވަސް ތިޔަ ދިޔައީ. ތިޔޮތީ ކަޅުސައި އެޅި މުޅިން ތައްތެޅިފައި. މުޅިން...... މޫސަ: ފިހާރައިން ތިޔައިގެ ފޮތި ހަމަ މިހާރު ގެނެސްގެން ހަމަ މިހާރު ހެދުމެއް ފަހާން އުޅެމާ ހިންގަވާ! ފޮތި އެބަހުރި. ފޮށި އެބަހުރި. ޓޭލަރުން އެބަތިބި. ހަމަ އިހަށްދުވަހު ނައްކަވާރުން އައި މޮޅު ދަރުޒީންގެ ޓީމެއް ފިހާރައިގައި އެބައޮތް. ގެންނަމާ ހިންގަވާ! ތައްޚާނު: ތިޔަކިޔާ އެއްޗެއް އަދި ހަމަ ރެއަކާވެސް ނުލާ. ކޮބައިތަ ނައްކަވާރަކީ. އަހަރެމެން ދަންނަ ނައްކަވާރަކީ، ނާގަބާޑި ނިކޯބާރ އައިލެންޑް. އެއީ ފޭރާން ލައިގެން ނިވައިކޮށްގެން އުޅޭ ބައެއް ނޫން. އޮރިޔާމުން އުޅޭ ބައެއް. އޮރިޔާންބުޑު ނައްކަވާރު އަލަފަތަކާ ނިވާވެގެންނޭ ކިޔާ އަޑެއް ނާހަމުތަ؟ މޫސަ: އާނ! އާނ! ތިޔައީ ހަމަ އެ...... އެއީ ހަމަ ތިޔަ. އެރަށު މީހުން އިހަށް އުޅުނީ އޮރިޔާމުންނޯ. ކުޑަ ފޮތިކޮޅަކުން ލަގޮޓި މަރާލައިގެން، ބޮލުގައި ފުރަގަހަށް ހުޅިޖަހައި ގެންނޯ! ނަމަވެސް މިހާރު އުޅެނީ، ބޮލުން މައްޗާ، ދައްފައިން ތިރިއަށް ދާންދެން ނިވައިކޮށްގެން. ލަވަ ބަދަލުވެފައި. އެހެން ކިތަންމެ ލަވައެއް މިހާރު އޮތީ ބަދަލުވެފައި ނޫންތޯ! އިހަށް މުޅިން ނިވާވެގެން، ހަތަރެސް ފަޔަށް އިސްޓާކީނި ލައިގެން އުޅުނު ކިތަންމެ ބައެއް މިހާރު އޮރިޔާމުން އެބައުޅޭ ނުންތޯ! ތައްޚާނު: ދެން އެންމެ ރަނގަޅު. ތިޔަބުނާ ޓީމުން ދަރުޒީއަކު ނޫނީ ދެމީހަކު ގެނެސްބަލަ! އަވަހަށް ގެނެސްދީ! ހަމަ މިހާރު ފޮތިވެސް...... މޫސަ: އާދެ! ލައްބަ! މިދަނީ. މިދަނީ. ( ދަމައިލައި) ދުއްވައިގަތް އަޑު ތައްޚާނު: ކިހައިދެރަކަމެއް. މިއޮތް ރީތި ނަލަ އަގުބޮޑު ހެދުން މުޅީން ހަލާކު. ކިހައިދެރަ...... ( މޫސަ ދުވެފައި އަންނަނީ. ފޮތިބޮނޑިއެއް ހިފައިގެން. ދެމީހެއްގެ އަތުގައި ހިފައިގެން، ދުވަމުން. އެމީހުންވެސް ހަޅޭލަމުން، ދުވަމުން. ކަންބޮޑުވެފައި. މާނޭވާ ލެވިފައި......) މޫސަ: މިތިބީ...... ދަރުޒީންގެ ބޮޑު ދެމީހުން...... އެންމެ މޮޅު ދެމީހުން. އެމީހުން ބުނީ ހަމަ މިހާރު...... ފޮތިވެސް މިހިރީ. ތައްޚާނު: އެއީ ކޮންބައެއްތަ ދަރުޒީންނަކީ. ކައްކާ މީހުންތަ؟ ދޮވެއިސްތިރި ކުރާ މީހުންތަ؟ މޫސަ: ނޫން! ނޫން! އެއީ ފަހާމީހުން. ބޮއިލަރުން. ނޫން! ޓޭލަރުން. ދަރުޒީ ސިތާހޭ ކިޔާ އަޑު ނާއްސަވަނީތާ! އިސްދަރުޒީ: ސަރުދާރް! ބަރުދާރް! ޚަބަރުކާރް! ތައްޚާނު: ދަރުޒީބޭ އެކިޔަނީ ކީކޭތަ؟ އުންކާރް! ކުލީކާރް! މޫސަ: އެބުނަނީ ސާބހިބާއޭ! އެމީހުންގެ ބަހުން އެއީ ސާހިބުންނަށް ކިޔާ ނަމޯ. އެހެންނޫންތަ! ދަރުޒީ: ހަވް. ހަވް. ހާނ! ތައްޚާނު: ހަވް ހަވް ލައިކް އަ ކަވް...... ވާހަކަ ގިނަ ނުކޮށް އަވަސް ކުރަން އުޅޭ! އެއްޗަކީ ބަހެއް ނޫން. އެއްޗަކީ ކަން. އަވަހަށް މިން ނަގަން އުޅޭ........ މިއޮތީ ރަނގަވާޅު. މިއޮތީ ފަޓްލޫނު. މިއޮތީ ސިދުރިޔާ، ގަމީސް ، އަޗްކަން، ޝޭރަވާނީ . ދެވަނަ ދަރުޒީ: މަހަންވީ ކޮން އެއްޗެއްތޯ؟ ތައްޚާނު: މަހަންވީ އެއް ނޫން. ފަހަންވީ. މޫސަ: އެބުނީ ފަހާ ވާހަކަ . މެހުމަކީ ފެހުން. ފެހުމަކީ މެހުން. ފަހައިގެން މަހަނީ. ތައްޚާނު: ކޮންމެ އެއްޗެއް ނަމަވެސް އަވަސް ކުރޭ! މިންނަގާން އުޅޭ! ދަރުޒީ: މިއުޅެނީ. ( މިހެން ކިޔާފައި ފޫޓު ފީތާ ނިއުޅައިލައި މިން ނަގާން ފެށިތަނާ..... ) ސިއްސައިގެން އަޑެއް އިއްވާލާފައި. ތައްޚާނު: ބަލަ މިން ނަގާން ތިޔަ އުޅެނީ ކޮންތާކުންތަ؟ ތިޔަ ތަނަށް ލައްވާ އެއްޗަކަށް އަހަރެމެން ސިދުރިޔާ އެކޭ ނުކިޔަމު. އަހަރެމެން އެއަށް ކިޔަނީ ޖަނގިޔާ . އިސް ދަރުޒީ: އޭނ! ކީކޭ ކީކޭ! އަހަރެމެންނަށް މައިނާ ނޭނގޭ. މައިނާ ނޭނގޭ. ސަރުދާރު! މޫސަ: އެމީހުންނަށް އެއުޅެނީ އޮޅިގެން ނޫންތޯ؟ ޖަނގިޔާ ފަހާން ބުނުއްވި ކަމަށް ހީވެހެގެން އުޅެނީ ނޫންބާ! ( މިހެން ބުނެފައި އެކިބަސް ބަހުން ބުނެ ހަތަރެސް ފައިން އިޝާރާތް ކޮށް ބުނެދިނީމާ ) ދަރުޒީ: ހާނ! ހާނ! މިހާރު އެނގިއްޖެތޯ؟ މަތީ ޖަނގިޔާ. މޫސަ: އެމީހުން ސިދުރިޔާއަށް ކިޔަނީ މަތީޖަނގިޔާ ޔޯ. ތައްޚާނު: އެންމެ ރަނގަޅު. ކުޑަ ސަނދުވާ އޭ ކިޔަސް ހެއު. މިކަހަލަ ހެދުމެއް ފަހަންވީ . އަވަހަށް ފަހަންވީ . މިހާރު މާލަސްވެއްޖެ. ( ދެން އިވެމުންދަނީ ފޮތި ނިއުޅާ ، ކަފާ ، ކަތުރު ތަޅުވާ، ފަހާފޮށިން ފަހާ އަޑު. އޭގެ ތެރެއިން އޮޅުންނުފިލާ ކަހަލަ ބަހަކުން ވާހަކަ ދައްކާ އަޑު) ތައްޚާނު: މޫސާ! މޫސަ: އޯތް! ލައްބަ ! އާދެ! ތައްޚާނު: ހެދުން ފަހާ ނިމޭނެތަ؟ ގަޑިޖެހެންވާ އިރަށް ތައްޔާރު ވާނެތަ؟ މޫސަ: ދަރުޒީން ބުނަނީ ނިމޭނެ ކަމަށް . ތައްޚާނު: ކިހާ އިރަކުން ނިމޭނެތޯ އަހައިބަލަ! މޫސަ: ދަރުޒީ ޚާން. ތައްޚާނު ބުނުއްވަނީ ކިހާއިރަކުން ނިމޭނެހޭ؟ ދަރުޒީ: ހަމަގައިމުވެސް މިރޭ އިރުއެރުމުގެ ކުރިން ނިމޭނެ . ދެވަނަ ދަރުޒީ: މާދަމާ މެންދުރަށް ނިމޭނެ. ނުނިމުނިއްޔާ ހަވީރުތާ! މޫސަ: އޭނ! މިރޭ އަށްގަޑި ބައިގެ ކުރިން ބޭނުންވާ އެއްޗެއް ތިޔަ ބުނީ މާދަމާ ހަވީރު ނިމޭނެ ވާހަކަ . ދަރުޒީ: ރަނގަޅު! ރަނގަޅު! އަނެއް ދުވަހު މެންދުރަށް ........ ދެވަނަ ދަރުޒީ: ހަވީރަށް ......... މޫސަ: ( ބާރަށް ) ތައްޚާނު! ދަންޑަހެލުތައްޚާނު! ބައްލަވާ މިތިބަ ބައަކު ދައްކާ ވާހަކަ . ހެދުން ނިމޭނީ މާދަމާ ނޫން އަނެއް ދުވަހު ހަވީރަށޯ! ތައްޚާނު: ދެނޯ! މިރޭ އަށް ގަޑި ބަޔަށް ދާންވީ ތަނެއް. ނަލަ ހެދޭން އޮތް ހެދުން...... ދެން ކުރާނީ ކީއްތަ މޫސާ! މޫސަ: ދެނޭތޯ! ދެން ކުރާނެކަން އެނގޭނީ އަޅުގަނޑަށް.......ހުންނަވާ . މިމީހުންނާ ވާހަކަ ދައްކާން ވާނީ އެކޮޅު ކޮޅުން. އަވަސް ކުރާންވީމާ ބުނާނީ ލަސްކުރާށޭ! ލަސްކުރަން ވެއްޖިއްޔާ އަވަސް ކުރާށޭ! އެއީ ދަރުޒީންގެ ބަހުރުވަ . ތިން ދުވަހޭ ބުނެފިނަމަ އެއީ ތިން ހަތްދުވަސް. މޫސަ: ( ދަރުޒީޔަށް ) ދަރުޒީބޭ! އަގު ކިހާ ވަރެއްތަ؟ ދަރުޒީ: ދުއިސަތޭކަ ޕަޗާސް ރޯޔަލް! މޫސަ: މާލޫމް! މާލޫމް! ރޯޔަލް އެއީ ރިޔާލް. ރިޔާލަކީ ޑޮލަރ. ދުއިސައްތަ ފަންސާސް ޑޮލަރު ނޫންތޯ؟ ދަރުޒީ: ހާނ! ހާނ! އެނގިއްޖެތޯ! މޫސަ: ހެދުން ނިންމާއިރަށް ފައިސާ ދޭގާ! އަންނަ ހަފްތާގައި ނިންމަންވީ . ނިންމާއިރަށް ދުއިސަތޭކަ ޕަޗާސް ޑޮލަރ. ޑަން! .............. ދަރުޒީން: ( ދެމީހުން އެއްފަހަރާ ) ހާނ! ހާނ! އަދު ހަވީރު ނިމޭނެތޯ! ފަސް ގަޑި ބައިގާ ނިމޭނެތޯ! ފަސްގަޑި....... މޫސަ: ނިންމާ އިރަށް، ފައިސާ ޑަން! ތައްޚާނު: ( ތަންކޮޅެއް ދުރުން ) މޫސާ! ........ މޫސާ! ( ތަންކޮޅެއް ބާރަށް ) މޫސާ! ބަލަ އޭތް މޫސާ! މޫސާ ފުޅާ......... ފުޅާމޫސާ! މޫސަ: އޯތް! ލައްބަ! އާދެ! ( ދަމާލާ ރާގަށް ) ތައްޚާނު: ކޮބާ. ހެދުން ފެހޭ ގޮތް ވެއްޖެތަ! މޫސަ: ގައިމުތާ! ޔަގީންތާ! ތިޔަކަންވާ ވެއްޖެ! ތައްޚާނު: ދެން އާދޭ އަހަރެން ރީތި ކޮށްދޭން. ހަޖާމު ގެނެސްދީ . މިރޭ ދާންވާ އިރަށް...... މޫސަ: މިހާރު ހުންނެވި ގޮތް ހުތުރު ތޯ؟ މުބާރާތެއްގައި ބައިވެރިވެލައްވާނަމަ ، ރީތީގެ ރާނީއަކަށް ހޮވޭނެ . ތައްޚާނު: ރާނީ އެކޭ. މަމީ އަންހެނެއްތަ؟ މޫސަ: ތިޔަހެން ވިއްޔާ ރާޖާރާނީ . ރާނީ ރާޖާ. އެންދެރި ރާޖާއަކަށް ހޮވޭނެ . އެއީ ހަމަ އެކައްޗެއް ނޫން ތޯ؟ ތައްޚާނު: ހޮވުނަސް ނުހޮވުނަސް މިހާރު އެންމެ ބޭނުން ކަމަކީ ، ތުނބުޅި މަތިމަސް ހަދައިލައި ރީތިވެލުން. ކަތުރު ކުރަފަތް ، ވަޑާންކަށި، ސާމާނު ހިފައިގެން އަންނާން ހަޖާމަށް އަންގާ! ގިތެއުގުޅި ކޮބައިތަ؟ މޫސަ: ތައްޔާރު! ތައްޔާރު! ( ކިޔަމުންދަނީ ) ( ދެން އިވެނީ ހަޖާމު ކަރުކެހެމުން އައިސް ސަލާމް ކޮށްލައިފައި . ސާމާނު ބެހެއްޓި އަޑާ، ކަތުރު ތަޅުވައިލި އަޑު) ތައްޚާނު: އޭތް! ރީތިކޮށް އެއްވަރު ކޮށްލައްޗޭ! ފަށުއި ބުރުގާ ...... އިލޮށިކުނާ ފަދަ އޮމާން ތަންތާނގައި އަޅައި ނުގަންނަ ވަރަށް ......... ހަޖާމު: އާދެ! ލައްބަ! ނުބީހެންޏާ އަޅައެއް ނުގަންނާނެ! ނުބީހެންޏާ ފުން ކަނޑު ނޫންތޯ! އެކަމަކު، މިތަނުން ތުނބުޅިއާ މަތިމަހާ ވަކިކުރާނީ ކިހިނަކުންތޯ! މުޅި މޫނުގާ އެކީ އެކައްޗަކަށް ތިއަހަރަ ކެހެރިގަނޑުން އެއެއް މިއެއް ވަތްކެއް ނުވޭ . އަނގަޔަށް އެއްޗެއް ލައްވާން ވީމާވެސް ލެއްވޭނީ، އެއްއަތުން، އަނގަމަތީ ފަރުދާ ހިއްލައި ލައްވައިފައި. އަނގައިން އެތެރެ ކުރައްވާ ކާ އެއްޗެހި ދަތުރު އެރެހައްޓާން ކެހެރި ގަނޑުން ބައެއް ވަދެގެންދާ ފަހަރު ފަހަރުވެސް އަންނާނެ ނޫންތޯ؟ އެކަހަލަ ފަހަރު ފަހަރަށް ކެހެރި ގަނޑުގެ ތެރެއިން ބަތް ފުއްފުކާ ރިހާކުރު ކުލައިގެ ހިތް ފަސޭހަ އަސަރުތައް .......... ތައްޚާނު: ދެން ކޮން އަނގައެއްތަ ތިޔަ ތަޅުވަނީ. ތިޔަ އަނގަ ދޮރޯށި ބަންދު ކުރެވޭތޯ ބަލާބަލަ! މިހިރަ ރީތިމަތިމަސް ތިޔަ ހަލާކު ކޮށްލީ . ހަޖާމު: ދެން ، މިފަރާތުން އެއްގޮތް ކޮށްލަންތޯ؟ ތައްޚާނު: އެންމެ ރަނގަޅު............ އޫނ! އެދިޔައީ މާ ބޮޑަށް. ހަޖާމު: ދެން އަނެއް ފަރާތް! ތައްޚާނު: ތިޔަހެން ދެފަހަރު ދެފަރާތް ކޮށަމުންގޮސް މުޅިން ހުސްވެއްޖެ ނޫން. ތުނބުޅި ވެސް މިހާރު ހީވަނީ މީދާ ކައިފާ އޮތް ކަށިކެޔޮ އޮށެއްހެން. ދެން ކުރާނީ ކީއްތަ. ހަޖާމު: ( ރާގުގައި ) ކިހިނެއްތަ ދެން ހަދާނީ! މިހިރީޔެ ހާލަކީ އުޅޭ. ކިހިނެއްތަ ދެން............. ދެން ތުނބުޅިއާ މަތިމަހާ ބައިލައިލަމާ ހިންގަވާ ! ތައްޚާނު: ނޫނޭ! ނޫނޭ! ތުނބުޅިއޭ ތނުބުޅިއެއް ނުބާލާނަން. ހުއްޓޭބޭ ގެ ލަވައެއް ނާހަމުތަ؟ " ބުޅިބުޅިތު ނުބާލާނަމެ . ކުޅިކުޅިވަރެއް ނޫނޭ މިއަކީ . ކުޅިކުޅިވަރެއް ނޫނޭ މިއަކީ ....... " ހަޖާމު: އެއީ ކާކުތޯ ހުއްޓޭ ބެއަކީ ........ ތައްޚާނު: އެއީ ތަންކޮޅެއް ކުރިން އުޅުނުބެއެއް . ޅެންފަރިހި ކިޔާ މީހެއް. ޅެންވެރިއެއް. އަސްލު ނަމަކީ ގާފަރު މުޙައްމަދު ބޭ. އަމިއްލައަށް ކަލޭފާނު ކިޔައިގެން އުޅުނީ. އޭނާގެ އެންމެ މޮޅު އެއްލަވައިގާ ކިޔާފައި އޮވޭ. މަގުމަތީ މާލެ ހިނގުމުގައި، އަގުހުރި މޭވާއަކަށް ވެދޭ، ހަނގުރާމައަކާ ޖެހުމުން އަގުޅި ނެތް ކަންނޭލަކަށް ވެދޭ. މީނާގެ ހުރިހާ ޅެމެއް ކިޔަނީ އެއްރާގަކަށް . މިއުޒިކަކީ ފުއްޓަކި. ފުއްޓަކި ޖަހާފާ އަމިއްލައަށް ލަވަ ކިޔަނީ . އެވަރުގެ މޮޅު ބުއްދިވެރިޔަކު އެހެން ބުނެފައި އޮއްވާ ތުނބުޅި ބާލާނެތަ؟ އެހެން ނޫނަސް ތުނބުޅި މަތިމަސް އެއި އަންހެން ފިރިހެން ވަކިކުރާ ފާހަގަ އެއް ނޫންތަ! އެއީ ދަތްދޮޅި ކޮޅުގާ ގުދުރަތުން ނަންގަވައިފައި ހުރި ފިރިހެންކަމުގެ ދިދަ......... ހަޖާމު: މިހާރު ތުނބުޅި މަތިމަހަކުން އަންހެން ފިރިހެން ވަތްކެއް ނުވޭ. އިސްތަށިގަނޑަކުން، ހެދުމަކުންވެސް ނޭނގެޔޭ ބުނާތީ އެހިން. މިހާރުގެ އެންމެ ފަހުގެ ފެޝަން ގޮތަކީ އަންހެނުން ހެދިތުނބުޅި ލައިގެން އުޅުމޯ. އިރަކަށް ތުނބުޅިއެއް. ހަވީރަށް ތުނބުޅިއެއް. ރޭގަނޑަށް ތުނބުޅިއެއް. ހެނދުނުކޮޅަށް ތުނބުޅިއެއް. އެކިއިރަށް އެކި ކުލައިގެ އެކި ސިފައިގެ ތުނބުޅި. ބައެއް ފަހަރށް ކޭލަ ތުނބުޅި. ބައެއްފަހަރަށް ވަށް ތުނބުޅި. މިކަހަލަ ކޮންމެ ކަމެއްވެސް އަންހެނުންނާ ޖެހުނީމާ އޮންނަނީ އެގޮތަށް. އިރުކޮޅަކާ ގޮތެއް ބަދަލުވާ ގޮތަށް. ބަދަލުވާ ގޮތުން. އެހެންވީމާ ތިޔަބުނުއްވާ ގޮތަށް ތުނބުޅި މަތިމަހުން އަންހެން ފިރިހެން ވަކިވާކަށް ނެތެއްނޫންތޯ؟ ތައްޚާނު: ދެން ކުރާނެ ކަމެއްނެތް. މިހާރު މިހިރަގޮތަށް ހުރުމަށްވުރެ ވަކިވުންވެސް މާހެއު. އަވަހަށް ކުރަފަތުން ބާލައި އޮމާންކޮށްލާ. ހިއްތަލައެއް ތެޔޮހަނެއްހެން އޮމާންކޮށްލާ! އާހް! ކުރާނެ ކަމެއްނެތް. ( ރޮއިގެންފައި ރޮމުން ކިޔާގޮތަށް ) ތުނބުޅި މަތިމަސް ވަކިވެގެންދާތީ މޮޅީންކިޔަމޭ ވަދާޢު އުނދުޅިއެއް ފަދައިން އޮމާން ކުރެވޭ ހިނދުން ދަތްދޮޅި ވަދާޢު ކެހެރި ރަޖައެއްހެން މަގޭ މުޅި މޫނުގައި ހުރި ފެތުރިފާ ކެހެރިގަނޑު ވަކިވާ ހިނދުން ކިޔަމޭ މިހެން މޮޅިވެރި ވަދާޢު އަލްވަދާޢު... އަލްވަދާޢު.... ( މިޔުޒިކާ އެއްވަންދެން) * * * * * މިބައިގެ މީހުން 1. ތައްޚަނު: ( ބޭރު ދަތުރުކޮށް އުޅޭ މެދު އުމުރުގެ ފައިސާވެރިއެއް) 2. ދަރުޒީން: ( ބޭރުން އައިސް ތިބި ފަހާމީހުން ) 3. ހަޖާމު: ( ބޯ-ކޮށާ މީހެއް ) 4. މޫސަ (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|