މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މާލެ ދަތުރު |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 02 އެޕރީލް 2010، 10:16 ހުކުރު | |||
|
މުޙަމްމަދު ޢަލީ ދުވަސްވަރަކީ ރާއްޖެތެރޭގެ މީހުން މާލެ ދިއުމަށްޓަކައި ދަތިތަކެއް ތަހައްމަލު ކުރަމުން އައި ދުވަސްވަރެކެވެ. މާލެ ދިއުމަށް ބޭނުންވާ ހަމަ ކޮންމެ މީހަކުވެސް މާލެ ދާން ބޭނުންވެއްޖެ ނަމަ، ޖެހިގެން އޮންނަ ރަށެއްގެ ޚަބަރު ބަލައި އެރަށުން މާލެދާނެ ގޮތެއް ނުފެނުނު ނަމަ އަތޮޅުގެ ކޮންމެވެސް އެހެން ރަށަކަށް ގޮސް މާލެދިއުމުގެ ކަންކަން ހަމަޖައްސަމުން ދެ އެވެ. މިއީ ދަތުރުފަތުރު ކުރުމުގައި ވަރަށް ގިނަ އުނދަގޫތަކެއް ރައްޔިތުން ތަޙައްމަލުކުރި ދުވަސްވަރެކެވެ. ބުރަ ނަމަވެސް މިއީ ނުކޮށް ނުވާން އޮންނަ މުހިއްކަމެއް ކަމުން ކާނާއާއި އެނޫންވެސް ތަކެތި ހޯދުމަށް
މީހުން މާލެ ދެ އެވެ. މިދުވަސްވަރު ރާއްޖެތެރޭގެ ދެމީހަކު، އަލަށް މާލެދާން ބޭނުންވެ، މިކަމަށް ނިޔަތްގަނެ އުޅޭތާ އެތައްދުވަހެއް ވެއްޖެއެވެ. ގިނަ ދުވަސްތަކަކަށް ފަހު، ކުރި އިންތިޒާރުގެ ނިމުން މި އައީ އެވެ. ޖެހިގެން އޮތް ރަށުން އުޅަނދެއް މާލެ ދިއުމަށް ފުރާ ޚަބަރު ލިބުމުން، އެ ރަށަށް ދިއުމުގެ އުއްމީދުގައި ފޮށިތަންމަތި ބަނދެ ރަނގަޅުވަރަކަށް ތައްޔާރު ވެއްޖެ އެވެ. ބިނދި ބިނދިގެން ރަށުގެ ވަލުތެރެއިންނާއި އެކިތަންތަނުން ކާއްޓާއި ދަރު އަދި އެ ނޫންވެސް ތަކެތި، ވިޔަފާރި ކޮށްލުމަށްޓަކައި ހޯދި އެވެ. ދެމީހުންނަށް ވެސް ކުރެވޭ ޢުއްމީދު އެހާމެ ބޮޑެވެ. ވިހި އެކާވީހުގެ ދެޒުވާނުންގެ މިދަތުރަކީ ހަޔާތުގައި ކުރެވޭ މިފަދަ ފުރަތަމަ ބޮޑު ދަތުރެވެ. އެހެންކަމުން ތައްޔާރުކުރި ހުރިހާ ސާމާނެއް ވަށާޖަހައިލައިގެން އާދައި ދޯންޏެއްގައި ޖެހިގެން އޮތް ރަށަށް، ދުވަހުގެ އިރުއޮށްސުމުގެ ކުރިން ދިޔަ އެވެ. ރަށުގައި ރައްޓެހިން ތިބިނަމަވެސް، މާލެ ފުރުމަށް ތައްޔާރު ވެފައިވާ ދޯނި އެރޭގެ ހަނދު އެރީމާ ފުރާނެކަމަށް ދޯނީގެ ނެވިމީހާ ބުނުމުން، އެއްވެސް ތާކަށް ނުގޮސް ދޯނީގައި މަޑުކުރީ އެވެ. ވާނީވެސް އެހެންނެވެ. ފުރަތަމަ މާލެ ދަތުރެވެ. އުއްމީދު އެހާމެ ބޮޑެވެ. ރަށުމީހުންގެގާތު، މޭގައި އަތްޖަހާލައިފާ އަހަރެން މިއައީ މާލެގޮސްފައޭ، މިއޮތީއޭ ގެނައި ހަދިޔާއޭ ކިޔައި ފޮނިކަނޑއިލުމަކީ އޭރުގެ އާދަ އެވެ . އެހެންނޫނަސް އެއީ އޭރު ލިބޭނޭ ވަރަށްވެސް ބޮޑު ޝަރަފެކެވެ. މާލެދިއުމުގެ އުފާ އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ޝަރަފެއް ނޫނެވެ. އެހެންކަމުން، އިޝާނަމާދުން މީހުން ފައިބާ، މީހުންގެ ފައިހިލަވަޅު އޮބެންދެންވެސް މިދެމީހުން ދޯނީގެ ގެގަނޑު ތެރޭގައި ދަތުރުގެ މަޖަލުގައި ދޯނިދުއްވާލަ ދުއްވާލަ ތިއްބެވެ. ރާޅުތަކުގެ ތެރޭން ހަލުވިކަމާއިއެކު ދޯނި ދުއްވަމުން ދިޔައިރު ފަސްދީފައި ދާ ރަށްތަކަށް ބަލަން ދެމީހުންވެސް ތިބީ މާލެފެންނާނެ އިރެއްގެ އުއްމީދުގައެވެ. ނަމަވެސް ޚިޔާލީ ކަނޑުތެރޭގައި ދުއްވާފައި ދިޔަ މިދޯނީގެ ދުވެލި މަޑުކޮށްލަން ޖެހުނީ ބަޔަކު މީހުންގެ ހުނުމުގެ އަޑުގެ ސަބަބުންނެވެ. ދެމީހުންވެސް ދަތުރަށް ތައްޔާރުވެފައިވާލެއް ބޮޑުކަމުން ދޯނީގެ ފަޅުވެރިން މައްލަވަ ކުރަނީ އެވެ. ހަނދު އެރިއިރު ވެސް ދޯނި ފުރުމުގެ އެއްވެސް އިންތިޒާމެއް ހަމަ ޖެހިފައިނެތުމުން، އަދި އެފަދަ އެއްވެސް ނިޝާނެއްފެންނަން ނެތުމުން ދޯނީގެ ފަޅުވެރިއަކާ ސުވާލު ކުރިއެވެ. ލިބުނު ޖަވާބުން އެނގުނީ އުޑުމަތީގައި ކަޅުވިލާކޮޅުތަކެއް އުޅޭތީވެ، މޫސުމަށް ބަލައިފައި ފުރުމަށް ދޯނި ލަސްކުރީކަމެވެ. އެހެނކަމުން ފަތިހުފުރޭނޭ ކަމުގެ ފޮނިއުއްމީދާއި އެކު ދެމީހުންވެސް އަރާމު ނިންޖަކުން ނިދާލުމަށްޓަކައި ގެގަނޑުގައި ޖައްސާލި އެވެ. އަނެއްކާވެސް ބާރުބާރަށް، އެހެންނަމަވެސް ވަރަށް ނިޔާމައިގައި ދޯނި ދުއްވަން ފެށި އެވެ. މިފަހަރު ކުރެވުނު ޚިޔާލުތައް އިހުނަށްވުރެ މާ ގިނަވެފައި ތަފާތު ކުލަތައް ޖެހުނެވެ. ބޮމުން ދިޔަ ބިޑިބުރީގެ ސަބަބުން އަނގަޔަށް ޖަމާވެފައި ހުރި ކުޅުތައް ބޭރުކޮށްލުމަށްޓަކައި އެތަނުން އެކަކު އަވަސް އަވަހަށް ބޭރަށް ބޯދިއްކޮށްލުމަށްފަހު އަތުގައިވާ ބިޑިބުރި އެއްލައިލާ ކުޅެއްޖަހާލަމުން ބޭރުބަލައިލިއެވެ. އަސްތާ! ކަމަކުދާކަށް ނެތެވެ. ނުހަނު ގާތުގައި އެހެރީ ބޮޑުސިންގާ ފުރޭތައެކެވެ. މަޑުމަޑުން ފަސްޖެހެވުނެވެ. މަންމަމެން ދަސްކޮށްދީފައި ހުރި އެއްވެސް ހެޔޮއެއްޗެއް ދުލަށް ނާންނަތާ ހިތަށްވެސް ނައެވެ. ނަމަވެސް ޤުރުއާނުގެ އާޔަތެއްހެން ހީވާފަދަ އަރަބި ލަފްޒް ތަކެއް އޮޅުވަމުން، ބައެއް ބަސްބަސް ދިވެހިކޮށް ކިޔަމުން ދިޔައެވެ. ފުރޭތަ ހުރީ ދޯންޏާއި 40 ކަށް ފޫޓް ދުރުގައި، އެއްގަމުގައިކަމުން އެސޮރު ކަމެއް ކުރަން ވެއްޖެއްޔާ ލަހެއް ފަހެއް ނުވާނެކަން ވިސްނުނެވެ. އަވަސް އަވަހަށް އޭނަގެ ރަހުމަތްރެރިޔާގެ އަތުގައި ހިފައި، ދަމައި ކޫއްތާފައި ބޭރަށް ނެރެ، ތެޅި ތެޅި އޮތް ހިތަކައިގެން އެ މަންޒަރު ދެއްކި އެވެ. އާނއެކެވެ. ދެލޯވެސް ރަތެވެ. ބިރުގަތީ ދެންތާ އެވެ. ދެލޯ ބޮޑުކޮށް ދޯންޏާ ދިމާއަށް އަންނަހެންވެސް ހީވެ އެވެ. ބައެއްފަހަރަށް ދޯންޏަށް އަރައިފިޔޭވެސް ހީވެ އެވެ. ކުއްލިގޮތަކަށް ޖެހުނު މި މުސީބާތުން ސަލާމަތް ވެވޭނެ އެވެސް ގޮތެއް ނުވި އެވެ. ދޯނި އޮތީ ކަރުތާފެނަށްވުރެ ފުން ހިސާބެއްގައި ކަމުން މޫދަށް ފުންމާލައިގެންވެސް ސަލާމަތުން އެއްގަމަށް ނޭރޭނެ ކަން ކަށަވަރު ވިއެވެ. އެހެންކަމުން ދެ ފިރިހެނުން ވެސް ދޯނީގެ ތެރޭގައި ކޮޅުކޮޅަށް ރޮމުން ހަޅޭލަވަމުން ދުވެލަދުވެލާ ތިއްބެވެ. ޖެހިފައިވާ މުޞީބާތުން ސަލާތް ވާނެ އެއްވެސް ކިޔެވެއްޔެއް ހަނދާނަށް ނައިސް އުޅެނިކޮށް، ދޯނި ތެރޭން މީހަކު ރޮއިގަތް އަޑު އިވުނެވެ. ދެއަތަކަށް ތެޅިލާފައި އަޑު ކެނޑިއްޖެ އެވެ. ޔަޤީނެވެ. މިހާރު ދޯންޏަށް އެސޮރު އަރައި ފުރަތަމަ މީހާގެ ދުވަސް ދުއްވާލީ އެވެ. ދެން އަހަރެން ކަމަށްވުން އެކަށީގެންވެޔޭ ބުނާ ރާގެއްގައި ދެމީހުންވެސް އަޑުންއަޑު ނަގައި ރޯންފެށި އެވެ. ދެނަކާދެނެވެ. ދޯނި ތެރޭގައި ޖެއްސުނު ވައްތަރެއްވެސް ނޭނގޭ ހާލުގައި ދޯނިތެރޭގައި ދުވަންފެށި އެވެ. ބޯކަނޑައިލީމާ އުޅޭ ކުކުޅެއް ފަދަ އެވެ. ހަނދުވަރުދިންނަމަވެސް ދޯނީގެ އެތަން މިތާނގައި ތެޅި ދެމީހުންވެސް ތަންތަން ހަލާކުވެ، ގޮތް ހުސްވާން ކައިރިވެއްޖެ އެވެ. އަދިހަމަ މިތަނުން އެކަކު ހޭ ހުސްވެގެން މޫދަށް ވެއްޓުނެވެ. މިއީ މާލެ ދިއުމަށްވުރެ މާބޮޑު ކަމަކަށް ވި އެވެ. ދޯންޏަށް އެރި ފުރޭތަ، އާ ދުވަހަކަށް އިރު އެރިއިރު ފެންނާކަށް ނެތެވެ. ނަމަވެސް އެ ދެ ޒުވާނުންގެ ހާލު ވަރަށް ދެރަ އެވެ. އަނެއްކާ އެ މީހުންނަށް އެސޮރު ހަމަލާ ދިނީ ބާވައެވެ. ނޫނެކެވެ. ތަންތަނުގައި ޖެހި ގައިގެ އެތަންމިތަން ހަލާކުވެ ދެމީހުން މަރުނުވެތިބީ ހަމަ ކިރިޔާ އެވެ. ފުރޭތަ ކަމަށް ހީކޮށް ބިރުން ތެޅިފޮޅުނީ ކުށްހީއަކަށެވެ. އެއީ ރަށުގެ އަތިރިމަތީގައި ބަޔަކުމީހުން ބަހައްޓާފައި ހުރި ބަސްތާ ތަކެކެވެ. ވާރެއާއި ނިވައިކުރުމަށް، އެއްޗެހި އަޅައި ނިވައި ކޮށްފައި ހުރުމުން ފުރޭތަގެ ސިފައިގައި ފެނުނީ އެވެ. އެސޮރު ދޯންޏަށް އަރައި މީހަކު ރޮއިރޮއި އޮއްވާ ރޮލުން ކާލި އިރު އެއްވެސް މީހަކު މަދެއް ނުވެއެވެ. ދޯނިން ހޭރިގަތީ މާލެ ގެންދިއުމަށް ދޯންޏަށް ލާފައި އޮތް ގިތެލެކެވެ. ބިރުގަނެފައި ހުރުމުން އިންސާނެއްގެ ރުއިމުގެ އަޑާ ވައްތަރުވީ އެވެ. ދޯނި ނިޔާމަ ދަތުރަކައިގެން ފަތިހު ފުރިއިރު ، ދެމީހުން ޚިޔާލީ ދުނިޔޭގައި ދޯނި ދުއްވީ ޒަޙަމް ތަކަށް ބޭސް އަޅައިގެން އެނދުމަތީ ތިބެގެންނެވެ. ދެމީހުން ގިނަ ދުވަސް ތަކެއް ވަންދެން ،އުންމީދުކުރި މާލެ ދަތުރު މިވީ ހިތްދަތި، އަނިޔާވެރި ދަތުރަކަށެވެ. ބޭސްކޮށް ރަނގަޅު ވުމަށް ދެ ހަފްތާއެއްހާ ދުވަހު މަޑު ކުރުމަށްފަހު ދެމީހުންވެސް އެނބުރި ރަށަށް ދިޔައީ އެއްވެސް ހަދިޔާއެއް ނުލަ އެވެ. ރަހުމަތްތެރިން ގާތު ކެނޑޭނޭ އެއްވެސް ފޮންޏެއް ވެސް ނެތި އެވެ. (ނިމުނީ) ނޯޓު: މި ލިޔުން ފުރަތަމަ ޝާއިޢު ކުރި އިރު، ލިޔުންތެރިޔާގެ ނަންޖެހުމުގައި އޮޅުމެއް އެރި އެވެ. މި ހާރު އެވަނީ އިޞްލާޙު ކުރެވިފަ އެވެ. ފަންވަތުގެ ސަމާލުކަމަށް މި ކަން ގެނެސްދެއްވި ކަމަށްޓަކައި ލިޔުންތެރިޔާއަށް ޝުކުރު ދަންނަވަނީ، އެރި އޮޅުމާމެދު މާފަށް ވެސް އެދެމުންނެވެ. ފަންވަތުގެ ހުރިހާ ކިޔުންތެރިންނާއި، ލިޔުންތައް ފޮނުއްވާ ފަރާތްތަކަށް ހެޔޮ އެދުމާއި މަރުޙަބާއެވެ. އެ އާކު ދަންނަވާލަމެވެ. އެއްވެސް ބޭފުޅަކު، ފަންވަތުގައި ޝާއިޢު ކުރެއްވުމަށް ލިޔުމެއް ފޮނުއްވާނަމަ، އެ ލިޔުމެއްގަައި އެ ބޭފުޅެއްގެ ނަންފުޅު ޖައްސަވައިފައި ފޮނުއްވުމަކީ، ނިހާޔަތަށް އެދެވިގެންވާކަމެކެވެ. - ފަންވަތް -
|
| ހަމަ މި ގަލަމުން |
|---|