މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކުޅިވަރު |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 19 މެއި 2010، 00:00 ބުދަ | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް އަޅުގަނޑު އެ ދުވަސްވަރު މަސައްކަތް ކުރަން އުޅުނީ ރިސޯޓެއްގައެވެ. ރިސޯޓުގައި މަސައްކަތް ކުރާ އިސް މުވައްޒަފުންނާއި، އާދައިގެ މުވައްޒަފުންނާ ގިނަ ފަހަރަށް އޮންނަނީ ދެ ބަޔަކަށް ބެހިފައެވެ. އިސް މުވައްޒަފުން ގުޅެނީ އިސް މުވައްޒަފުންނާ އެވެ. އާދައިގެ މުވައްޒަފުން އާދައިގެ މުވައްޒަފުންނާ އެވެ. ލަނޑަޔާ ވާނީ ލަނޑަޔާ ނޫންތޯއެވެ؟އަޅުގަނޑު ރިސޯޓުގައި އުޅުނު ދުވަސްވަރު އެންމެ ގާތްކޮށް އުޅުނު މީހުންގެ ތެރޭގައި ރިސޯޓުގެ ބާރ ސުޕަވައިޒަރަކަށް އުޅުނު މުޙައްމަދު ހިމެނެ އެވެ. މުޙައްމަދަކީ ހެޔޮ ވަރަށް ވުރެ ފަލަކޮށް، ބަނޑު ބޮޑުކޮށް ހުންނަ މީހެކެވެ. އެހެން އޭނާ ހުންނަނީ މާ ގިނައިން ކާތީއެއް ނޫނެވެ. އަޅުގަނޑުވެސް އޭނާ އަށް ވުރެ ގިނައިން ކަމެވެ. އަޅުގަނޑު ކާ އެއްޗެތި ދަނީ ކޮން ތާނކަށް ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އެނގޭ ވަރަކީ އަޅުގަނޑުގެ އުނަގަނޑު މުޙައްމަދުގެ މުލައްދަނޑިއަށް ވުރެ ފަލަ ވާ ގޮތެއް ނުވާ ކަމެވެ. މުޙައްމަދު ޑަކްޓަރަކަށް ނުދައްކައިގެން އަޅުގަނޑު ވަރަށް ގިނައިން ވާހަކަ ދައްކަމެވެ. އެއީ އޭނާގެ ބައްޔެއް ހުރިކަން އަޅުގަނޑަށް އެނގޭތީއެއް ނޫނެވެ. ފަލަކޮށް ތިބޭ މީހުން ޑަކްޓަރަށް ދައްކާ ވާހަކަ އާއި، ކަސްރަތު ކުރާ ވާހަކަ ދެއްކުމަކީ ފެޝަނަކަށް ވެފައި ވާތީ، އަޅުގަނޑުވެސް ޒަމާނީ މީހަކަށް ވާން ވެގެން އެ ވާހަކަ ދައްކަނީއެވެ. އަޅުގަނޑު ކިތަންމެ ވާހަކައެއް ދެއްކިޔަސް ޑަކްޓަރަކަށް ދައްކާކަށް އޭނާ އެއްބަހެއް ނުވެއެވެ. އޭނާ ބުންޏެވެ. "ޑަކްޓަރަކަށް ދައްކައިފިއްޔާ އަހަންނަށް ޑަޒަނަކަށް ވުރެ ގިނަ ބަލި ޖެހިފައި ހުރި ކަމަށް ވާނެ- ހަކުރު ބަލި- ގުދަންފުށް ބަލި- ބަރުމާ ހަނޑޫ ބަލި- މިހެން ގޮސް ކައި ބޮއި އުޅުން މުޅީން މަނާ ކުރާ ވަރަށް ބަލި ހުރި ކަމަށް ޑަކްޓަރު ބުނާނެ- ބައްޔެއް ނެތްކަން ނޭނގި މިހެން ހުރެ މަރުވިއްޔާ މާ ރަނގަޅެއް ނުން-؟" މިއީވެސް ބައެއް މީހުން ޤަބޫލު ކުރާ ރަނގަޅު ގޮތެކެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުންނަން ކޮންމެ މީހަކުވެސް ބޭނުން ވެއެވެ. އެކަމަކު ޑަކްޓަރަށް ދައްކައިގެން ޑަކްޓަރަކު އަންގާ ގޮތަކަށް ކަމެއް ކުރާން ނުރުހޭ މީހުންވެސް އުޅެއެވެ. ކޮންމެއަކަސް އަޅުގަނޑު ހުއްޓައި ނުލައި ކިޔައިގެން މުޙައްމަދު މެޑިކަލް ޗެކަޕެއް ހަދަން އެއްބަސް ވެއްޖެއެވެ. ހަފްތާއެއްހައި ދުވަހުން ޗެކަޕް ހަދައި ނިމުނު އިރު ކަންތައް ވެގެން ދިޔައީ ހަމަ މުޙައްމަދު ބުނި ގޮތަށެވެ. އޭނާ ކެއުން މަނާ ވަރަށް ގިނަ ބާވަތްތައް ހުއްޓެވެ. ޗެކަޕް ގެ ނަތީޖާ ހިފައިގެން އައި ދުވަހު އަޅުގަނޑާ ދިމާއަށް ވަރަށް އެތިވަރު ގޮވިއެވެ. އެހެން މީހަކު ނަމަ ވަޒީފާއިން ވަކި ކޮށްފައި ފޮނުވާލާނޭ ވަރު ކުރިއެވެ. އޭނާ ގޮވާނެހައި އެއްޗެއް ގޮވައި ނިމުނީމާ އަޅުގަނޑު އަހައިލީމެވެ. "ކެއުން މަނާ ކުރުމުގެ އިތުރަށް ޑަކްޓަރު އެންގީ ކޮން ކަމެއް ކުރަން-؟" އޭނާ ތުން ފިއްތައިގެން ހުރެ ބުނެލިއެވެ. "ދެން ބުނީ ކޮންމެވެސް ކުޅިވަރެއް ކުޅޭށޭ- ހަށިގަނޑު މިހާރު މިހިރަ ވަރަށްވުރެ ލުއި ކުރަން ޖެހޭނެއޭ-" އަޅުގަނޑު އިތުރު ސުވާލެއް ނުކުރަމެވެ. ކުޅިވަރު ކުޅުމަކީ މުޙައްމަދު އެހައި ރުހޭ ކަމެއް ނޫނެވެ. އެހެންވީމާ އެ ވާހަކަ ދައްކައިގެން އިތުރު މައްސަލައެއް ޖެހޭކަށް އަޅުގަނޑު ބޭނުމެއް ނުވިއެވެ. ޑަކްޓަރަށް ދެއްކި ފަހުން ދެ މަހެއްހައި ދުވަސް ވެއްޖެ އެވެ. މުޙައްމަދު ދިޔައީ ފަލަ ވަމުންނެވެ. އެއްވެސް ކަހަލަ ކުޅިވަރެއް ކުޅޭ ތަނެއް ހަމަ ޔަޤީނުންވެސް އަޅުގަނޑެއް ނުދެކެމެވެ. އަޅުގަނޑަށް ނުފެނިވެސް ކުޅިވަރެއް ކުޅެވިދާނެ އެވެ. އެއް ރެއަކު އަތިރިމަތީގައި ތިބެގެން ދެކެވުނު ވާހަކައެއްގެ ތެރޭގައި އޭނާ އެއްވެސް ކުޅިވަރެއް ކުޅެންތޯ އަޅުގަނޑު އަހައިފީމެވެ. "އާނ- ޑަކްޓަރު އެހެން އެންގި ދުވަހުން ފެށިގެން އަހަރެން ކުޅިވަރެއް ނުކުޅޭ ދުވަހެއް ނުދާނެ- އެކަމަކު ހަށިގަނޑަކަށް ލުޔެއް ނުވޭ- ހައްތަހާ ވަނީ ފަލަ- ޑަކްޓަރުންނަކަށްވެސް އެއްވެސް އެއްޗެއް ނޭނގެއޭ އަހަރެން ބުނަނީ އެހެން ވެގެން-" "ކޮން ކުޅިވަރެއް ކުޅެނީ-؟ އަޅުގަނޑު މިހެން އަހައިލީ އެކި ވައްތަރުގެ ކުޅިވަރުން ހަށިގަނޑަށް އެކި ވަރަށް ބަދަލު އަންނާތީ އެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. "ރާޒުވާ!!!" (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|