މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އެމްޑަބްލިޔޫޑީ އިސްޓޯރު |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 14 ޖޫން 2010، 03:43 ހޯމަ | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް އެއީ އިނގިރޭސީން އައްޑު އަތޮޅު ގަމުގައި ތިބި ދުވަސްވަރެވެ. ވަޒީފާ ތަކުގައި އައްޑު އަތޮޅު ރައްޔިތުން ވަރަށް ގިނައިން އެ ދުވަސްވަރު އުޅުނެވެ. ޢަލީ އަކީ އެ ދުވަސްވަރު "އެމް. ޑަބްލިޔޫ. ޑީ. ސްޓޯރ" ގައި ވަޒީފާ އަދާ ކުރަން އުޅުނު މީހެކެވެ. އަޅުގަނޑަށް މި ވާހަކަ ކިޔައި ދިން މީހާ ބުނި ގޮތުގައި އެމް. ޑަބްލިޔޫ. ޑީ. ސްޓޯރ އަކީ ލަކުޑި ލާފައި ހުންނަ ގުދަނެކެވެ. ޢަލީ ހުންނަނީ އެ ގުދަނުން ލަކުޑި ދޫކުރާށެވެ.ގަމުގެ އެކި ތަންތާގައި ހަދާ ޢިމާރާތް ތަކަށް ބޭނުންވާ ލަކުޑި ބަލައި ލޮރީ ފަހަރުގައި މީހުން އެ ތަނަށް އާދެއެވެ. ޢަލީ އެންމެ ބޮޑަށް ރުޅި އަންނަ ކަމަށް ވަނީ ލަކުޑި ބަލައި އަންނަ މީހުން އޭނާ އަށް އަމުރު ކުރަން ފެށީމައެވެ. އެހެން ހަދާ މީހުންނަށް ލަކުޑި ދޫކުރުން ބައެއް ފަހަރަށް ލަސްވެސް ކުރެއެވެ. އެ ކަމާ އިނގިރޭސިއަކު އެއްޗެކޭ ބުންޏަސް ޢަލީ އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. އޭނާ ދަންނަ އިނގިރޭސި ބަހުން އެ މީހަކާ ދިމާއަށް އެތިވަރު ގޮވަން ފަށަނީއެވެ. އިނގިރޭސީންނަކަށް އޭނާ ކިޔާ ނުކިޔާ އެއްޗެއް ގިނަ ފަހަރަކަށް ނޭނގެ އެވެ. އޭނާގެ އިނގިރޭސި ހުންނަނީ އުރުދޫ ބަހާ މަސްހުނި ވެފައެވެ. އެއީ އެ ދުވަސްވަރު ގަމުގައި ޕާކިސްތާނު މީހުންވެސް އުޅޭތީ އެ މީހުންގެ ފަރާތުން އެނގިފައި ހުރި އުރުދޫ ބަހާއި، އިނގިރޭސީންގެ ތެރޭގައި އުޅުމުގެ ސަބަބުން އެނގިފައި ހުރި އިނގިރޭސި އެއް ވެގެން އުފެދޭ ބަހެކެވެ. އެއް ދުވަހަކު ލޮރީ ޑްރައިވަރު މަޖީދު އެމް. ޑަބްލިޔޫ. ޑީ. ސްޓޯރަށް ލަކުޑި ބަލައި އޭނާ ދުއްވާ ލޮރީގައި އަތުވެއްޖެއެވެ. މަޖީދު އައި އިރުވެސް ޢަލީ ހުރީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ. އިސްޓޯރުގެ ދޮރުމައްޗަށް ނުކުމެ، ދޮރު ކަނީގައި އަތް ވިއްދާލައިގެން ޢަލީ އެބަ ހުއްޓެވެ. މަޖީދު އައިސް ލަކުޑި ޗިޓު ޢަލީ އާ ދިމާއަށް ދިއްކޮށްލި އެވެ. އޭނާ އެނގޭ ކަމަކަށް ނުހެދިއެވެ. މަޖީދު ކަރު ކެހިލައިފި އެވެ. ޢަލީ ކަހާ ތަން ހިރުވައިވެސް ނުލިއެވެ. "އަލިބެއްޔާ- މިއަދު މާ ބޮޑަކަށް ރުޅި އައިސްފައި ތިޔަ ހުރީ ކީއްވެގެން-?؟" މަޖީދު އަހައިލިއެވެ. ޢަލީ އަނގަޔަކުން ނުބުންޏެވެ. މަޖީދު ވަންނާކަށް ތަނެއްވެސް ނުދެއްކިއެވެ. އަނެއް ކޮޅުން ލަކުޑި ލަސްވެގެން ހޫނުފެން އަޅައިފާނެތީ މަޖީދުވެސް ކުޑަކޮށް ރުޅި އަންނަ ގޮތް ވެއްޖެ އެވެ. އެހެންވީމާ ޢަލީގެ އަތުގައި ހިފައި ދުރުކޮށްލެވޭތޯ އުޅުނެވެ. ކުއްލިއަކަށް އޭނާ މަޖީދު ކޮށްޕާލާފައި އޭނާގެ އިނގިރޭސި ބަހުން އެއްޗެތި ގޮވަން ފަށައިފިއެވެ. ވަރަށް ގިނަ ވާހަކަ ދައްކާފައި އެންމެ ފަހުން ބުންޏެވެ. "އެމް. ޑަބްލިޔޫ. ޑީ. އިސްޓޯރު، މައި އިސްޓޯރު- ސަބް ލަކްޅީ، މައި ލަކްޅީ- މައި ނޯ ބަދްލީ-" މި ވާހަކައިގެ މާނައަކީ އެމް. ޑަބްލިޔޫ. ޑީ. އިސްޓޯރަކީ އަހަރެންގެ އިސްޓޯރެކެވެ. މި ތާނގައި ހުރި ލަކުޑިއަކީ އަހަރެންގެ ލަކުޑި އެވެ. އަހަރެން މި ތަނުން ބަދަލު ކުރެވޭނޭ އެކަކުވެސް ނުހުންނާނެ އެވެ. މިއެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|