މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބަސް ދަތުރު |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 13 އޮގަސްޓް 2010، 10:31 ހުކުރު | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް އިނގިރޭސިން އައްޑު އަތޮޅު ގަމުން ފޭބި ފަހުން، ގަމުގައި އަންނައުނު އުފައްދާ ކާރުޚާނާ ތަކެއް ސަރުކާރުން ހިންގެވި ދުވަސްވަރެވެ. ކާރުޚާނާ ތަކުގައި މަސައްކަތް ކުރާ މީހުން ކައިރި ރަށް ރަށުން ގެންނާން ހުންނަނީ ބޮޑެތި ބަހެވެ. ބަހުގެ ދަތުރުތައް ފަތިހު ފެށެއެވެ. ހެނދުނު ހަތްގަޑި ބަޔަށް ނުވަތަ އަށެއް ޖަހާ އިރަށް މީހުން ގެންނާން ވާތީ އެހައި ކުރީން ފަށަނީއެވެ.އިބްރާހީމް މަނިކަކީ (ޢާއްމުކޮށް ކިޔާ ގޮތަށް ނަމަ މަނިކު) މުވައްޒަފުން އުފުލާ ބަހެއްގައި ބަސް ދުއްވާ މީހާގެ އެހީތެރިއަކަށް އުޅޭ މީހެކެވެ. ވަރަށް ފަތިހު ހޭލަން ޖެހޭތީ އޭނާ ގިނަ ރޭރޭ ނިދަނީ ބަހުގައެވެ. ބަސް ހުންނަނީ ގަމުގައި ހަދާފައި ހުންނަ ބޮޑު ގަރާޖެއްގަ އެވެ. މަނިކަށް ފަތިހު ގޮވަނީ އެ ހިސާބުގައި ފޯރި މަރަން ހުންނަ ސެކިއުރިޓީ އޮފިސަރެވެ. މުވައްޒަފުން އުފުލާ ބަސް ފުރަތަމަ ދަނީ ހިތަދުވަށެވެ. އެ ރަށުން އަންނާން ތިބޭ މީހުން އަރުވައިގެން އަންނަނީ މަރަދުވަށެވެ. މަރަދު އާއި، މަރަދޫފޭދޫ މީހުން އަރުވައިގެން އެންމެ ފަހުން އަންނަނީ ފޭދުވަށެވެ. މަނިކު އެއް ރެއަކު ބަހުގައި ނިދާފައި އޮތެވެ. ބަސް އޮންނަ ހިސާބަކީ ގަމުގައި މީހުން ދިރިއުޅުނު ދުވަސްވަރު ނާމާން ހިސާބެއް ކަމަށް ކިޔައި އުޅުނު ހިސާބެކެވެ. އެ ހިސާބުން ބޮޑުމީހާ ފެންނަ ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. ބޮޑުމީހާ އަޅައިގަތުމުގެ ސަބަބުން ކޮންމެވެސް މީހަކު ދުނިޔޭން މޮޔަވީ ކަމަށްވެސް ވެއެވެ. މަނިކަށް ކުއްލިއަކަށް ހޭލެވުނީ އަޑެއް އިވިގެންނެވެ. ހޭލެވިގެން ބަލައިލި އިރު ކަމަކުދާކަށް ނެތެވެ! ބަހުގެ ކުޑަ ދޮރުތަކުން ބޮޑު މީހުން ވަންނަނީއެވެ. އެންމެ މީހެއް ދެ މީހެއް ނޫނެވެ. އެތައް ބައެކެވެ. އެކެއްގެ ފައި އޮތީ ބަހުގެ އެތެރޭގައެވެ. އަނެއް ބައި ބޭރުގަ އެވެ. އަނެއް މީހާގެ ބޯ އޮތީ އެތެރޭގައެވެ. ބާކީ ބައި ބޭރުގައެވެ. މިހެން ގޮސް ބަހުގެ އެތެރެއިން ފެންނަނީ އެކި މީހުންގެ އެކި ގުނަވަނެވެ. އެ މީހަކަށް ވެވުނު ގޮތަކުން ބަހުގެ އެތެރެއަށް ދެމިގަންނާން މަސައްކަތް ކުރަނީއެވެ. މަނިކުގެ މޭގަނޑު އަނގަޔަށް އަތުވެއްޖެ އެވެ. މުޅި މީހާ ތުރުތުރު އަޅަން ފަށައިފިއެވެ. ހިތްވަރުލައިފައި ޔާސީން ސޫރަތް ކިޔެވޭތޯ އުޅުނެވެ. ދެތިން އާޔަތް ކިޔެވިފައި، ދެން ކީ އެއްޗެއް ކިޔުނީ ދިވެހި ބަހުންނެވެ. އެ ހިސާބަށް ދިޔަ އިރު ބޮޑު މީހުންގެ ދެ މީހަކު މުޅީން އެތެރެއަށް ވަދެއްޖެ އެވެ. މަނިކުގެ ހިތަށް އެރިއެވެ. މިރޭ މިއީ އަހަރެންގެ އެންމެ ފަހު ރެއެވެ. ކައިލާނޭކަން ކަށަވަރެވެ. ރަށުގައި ތިބި ޅަ ދަރިންނަށް ވާނީ ކިހިނެއް ހެއްޔެވެ؟'' މި ޚިޔާލު ކުރެވުމާއެކު ލޮލުން ކަރުނަ އަތުވެއްޖެއެވެ. އެޔާއެކު ކޮންމެވެސް ވަރެއްގެ ހިތްވަރެއްވެސް ޖެހިއްޖެއެވެ. އެހެންވީމާ ހިންދިރުވައިލައިފައި އަހައިލިއެވެ. "ކަލޭމެން ތިޔައީ ކޮން ބައެއް؟" އެތަނުން އެތެރެއަށް ވަން ދެ މީހުން ކުރެ އެކަކު ބުނެލިއެވެ. "އަހަރެމެން މިއީ ހަޖަރުން އައި މީހުން- މި އުޅެނީ ހިތަދުވަށް ދާން- މީހަކު ބުނީ މި ބަހުގައި ދެވޭނެއޭ- އެހެންވީމާ ބަހަށް އެރީ- ހިތަދުވަށް ދެވެނީ ކިތައް ރުފިޔާއަށްތަ؟" (ހަޖަރަކީ އައްޑު އަތޮޅުގައި އޮންނަ ފަޅު ރަށެކެވެ. އެ ރަށުގެ ނަން ބޭނުން ކޮށްފައި މި ވަނީ އަޞްލު ރަށުގެ ނަން ބޭނުން ނުކުރާން ވެގެންނެވެ.) މަނިކަށް ހަމަ ނޭވާއެއް ލެވުނީ ދެނެވެ. "ބަލަ ތިޔައީ ބަހަށް އަރާގޮތްތަ-؟ ''ބަހަށް އަރަނީ އެހެރަ ދޮރުންނޭ-" އޭނާ ބޮޑު ދޮރާ ދިމާއަށް ބަލައިލައިފައި ކުޑަ ދޮރުތަކުން ވަންނާން މަސައްކަތް ކުރަމުންދާ އޭނާގެ ބައިވެރިންނާ ދިމާއަށް ބަލައިލިއެވެ. "އެހެންތަ-؟ ތިޔަ ކަމެއް އަހަރެމެންނަކަށް ނޭނގޭ ވިއްޔާ- އަހަރެމެން ހީކުރީ މިއީ ހައްތާވެސް ބަހަށް އަރާން ހުންނަ ދޮރު ކަމަށް- އެ ދޮރުތަކާ ހަމައަށް އަތް ފޯރީވެސް ލައްކަ މަސައްކަތުން-" (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|