މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "ބްރޯކަން" ދިވެހި |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 25 ޖެނުވަރީ 2011، 00:58 އަންގާރަ | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް ރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު ވަރަށް ގިނައެވެ. އޮފީސް އޮފީހުގައި މަސައްކަތް ކުރާ މީހުންގެ އިތުރަށް މިހާރަކަށް އައިސް ގޭގޭގައި މަސައްކަތް ކުރާނޭ ބިދޭސީން ވެސް ވަރަށް ގިނައިން ގެނެއެވެ. ބިދޭސީން ގެނައުމުގެ ސަބަބުން ދިމާވާ މަސައްލަތަކުގެ ތެރޭގައި ބަހުރުވައިގެ މައްސަލަ ހިމެނެއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ޢާންމުކޮށް ވާހަކަދައްކައި އުޅެނީ ކޮރު ދިވެހި ބަހަކުންނެވެ. މި ޒަމާނުގެ ބަހުރުވައިން ދަންނަވާ ނަމަ
"ބްރޯކަން" ދިވެހިންނެވެ."ބްރޯކަން" ދިވެހި ބަހަކީ ވަރަށް ފަސޭހަ ބަހެކެވެ. އެއީ އެ ބަހުގެ ޤަވާޢިދު ފަސޭހަ ވީމައެވެ. ކޮންމެ ބަހެއްވެސް އޮންނަނީ ހިނގަ ހިނގާ އޮންނަ ކަމެއްގެ ގޮތުގައެވެ. މިސާލަކަށް ދަނީ، ހިނގަނީ، ކަނީ، ބުނަނީ މިއިން އެއްވެސް ބަހަކީ މި ނޫން އެހެން އެއްވެސް ގޮތަކަށް ބޭނުން ކުރަން ޖެހޭ ބަހެއް ނޫނެވެ. ހިނގަނީ މި ބަސް ހިނގާ އަކަށް ނުވަތަ ހިނގައްޖެ އަކަށް ބަދަލެއް ނުވާނެއެވެ. ކަނީ މި ބަސް ކައިފި އަކަށް ނުވަތަ ކާނެ އަކަށް ބަދަލެއް ނުވާނެއެވެ. މިއީ ކިހައި ފަސޭހަ ގޮތެއްތޯއެވެ؟? ދެތިން ބަސް ދަސްކޮށްލީމާ ނުދެއްކޭނޭ ވާހަކައެއް ނޯންނާނެއެވެ. "އަހަރެން ކަލޭގެ ގެއަށް ދަނީމާ ކަލޭ ގޭގައި ނޫޅެނީ-" މިއީ އެއްވެސް ކުށެއް ނެތް ޖުމްލައެކެވެ. ޤަވާޢިދުގެ މައްސަލައެއް ނެތެވެ. ނުބައިކޮށް ދިވެހިބަސް ބޭނުން ކުރާތީ ބަހުގެ އެދުރުން އަޑުލާ ގޮތެއް ނުވާނެއެވެ. މި ދެންނެވުނު ޖުމްލައަށް ފައްތައިގެން ނުދެއްކޭނޭ އެއްވެސް ވާހަކައެއް "ބްރޯކަން" ދިވެހި ބަހަކު ނޯންނާނެއެވެ. ބިދޭސީން "ބްރޯކަން" ދިވެހި ބަހުން ވާހަކަ ދައްކަނީ ކިހިނެއް ވެގެންތޯ އަޅުގަނޑު އެއް ދުވަހަކު ބިދޭސީ މީހަކާ ސުވާލު ކޮށްލީމެވެ. އޭނާ ބުންޏެވެ. "ތިޔަ ކަމުގައި ކުށްވެރި ވަނީ ކަލޭމެން ދިވެހިން- ކަލޭމެން އަހަރެމެންނާ ވާހަކަ ދައްކަނީ "ބްރޯކަން" ދިވެހިން- އެހެންވީމާ އަހަރެމެންނަށް ދަސްވާނީވެސް އެ ބަހެއްނު-?؟ އަހަރެމެންނަށް ވާހަކަ ދެއްކެނީ ދައްކަންވާ ގޮތަކަށް ނޫން ކަމެއް އަހަރެމެންނަކަށް ނޭނގޭ-" މިއީ ވަރަށް ބޮޑު ތެދެކެވެ. އަޅުގަނޑުމެންގެ ބަސް ހަލާކު ކުރަން އެ މީހުންނަށް ދަސް ކޮށްދެނީ އަޅުގަނޑުމެންނެވެ. ބީދޭސީން ގެންގުޅުމުގައި ބަހުރުވައިގެ ތަފާތުގެ ސަބަބުން ދިމާވާ މައްސަލަތައް ވަރަށް ގިނައެވެ. ބުނަން ބޭނުންވާ ވާހަކަ އެ މީހުންނަށް ތަރުޖަމާ ކުރެވޭ ގޮތަކުން ދިމާވާ މައްސަލަތައްވެސް ހުރެއެވެ. އެއް ދުވަހަކު އަޅުގަނޑު ބޯކޮށަން ގޮސްފައި އެހައި ތުނި ނުކުރާށޭ ބުނެލީމެވެ. ބޯކޮށަން ހުރި އިންޑިއާ މީހާއަށް ހީވީ ތުނި ކޮށްލާށޭ ބުނީ ކަމަށެވެ. އެ ތަނުން ނުކުމެގެން އަންނާން ޖެހުނީ ދެ ސޫތަށް ބޯ ކޮށައިގެންނެވެ. ދިވެހިންނަށް ވެސް "ބްރޯކަން" ދިވެހި ބޭނުން ކުރަން މަޖުބޫރުވާ އެއް ސަބަބަކީ މިއީއެވެ. އެހެން ދުވަހެކެވެ. އަޅުގަނޑު ހުރީ ރައްޓެއްސަކާ ބައްދަލު ކުރާން އޭނާގެ ގެއަށް ގޮހެވެ. އޭނާ އަކީ ރާއްޖޭގައި ނުކުންނަ ހުރިހައި ނޫހަކާއި މަޖައްލާއެއް ޤަވާޢިދުން ގަނެގެން ކިޔާ މީހެކެވެ. އޭނާގެ ގޭގައި އިންޑިއާ މީހަކު ގެންގުޅެއެވެ. އެ މީހަކު ގެނައި ފަހުން ވާނީ ހައެއްކަ މަހެވެ. މިހާރު އޭނާ ކުރިން ދެންނެވި "ބްރޯކަން" ދިވެހި ބަހުން ވަރަށް މޮޅަށް ވާހަކަ ދައްކައެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ އޭނާ އަށް ގޮވައި ގެނެސް ސަތޭކަ ރުފިޔާ ދީފައި ބުންޏެވެ. "ޖެހިގެން އެހެރަ ފިހާރައަށް ގޮސް އުދަރެހާއި އައްޑުވަހާއި ހުވާހާއި މަނަހާ ގަނެގެން އާދޭ- މަނަސް ލިބޭނީ ބާރަ ރުފިޔާ އަށް-" އޭނާ ނުކުމެގެން ހިނގައްޖެއެވެ. މާ ގިނަ އިރެއް ނުވެ އެނބުރި އަތުވެއްޖެއެވެ. އަދި ބާކީ ފައިސާއާއި މަޖައްލާ ބޮނޑިއަކާއި ވަކި ކޮތަޅެއް އަޅުގަނޑުގެ ރަޙްމަތްތެރިޔާ އަށް ދިއްކޮށްލިއެވެ. އޭނާ އެ ތަކެތި އަތުލައިގެން ބަލައިލިއެވެ. އުދަރެހާއި އައްޑުވަހާއި ހުވާހާ ތިން މަޖައްލާ އޮތެވެ. މަނަހެއް ނެތެވެ. އޭނާ ދިން ކޮތަޅުގައި ހުރީ ބާރަ ރުފިޔާގެ ބަނަހެވެ. (ނިމުނީ) މި ލިޔުން؛ފޮނުވުން: އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ) ޝާއިޢުކުރުން: '' ''
|
| ހަމަ މި ގަލަމުން |
|---|