ފަންވަތް ދިވެހި ސަމާސާ އަދަބު ޗައިނާ ދަތުރު: ބޫޓުގެ ސަބަބުން މުޅި ދަތުރަށް ފޯރި އަސަރު
ބެލި ޢަދަދު: 1539
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޗައިނާ ދަތުރު: ބޫޓުގެ ސަބަބުން މުޅި ދަތުރަށް ފޯރި އަސަރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
24 މާރޗް 2011، 01:18 ބުރާސްފަތި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެތަންމިތާނގައި ތެޅިތެޅިފައި ގެޔަށް އާދެވުނީ ހަވީރު 6 ޖެހިފަހުންނެވެ. އިރުކޮޅަކުން ފޮށިތަންމަތި ބަލައި ދެ "ކުއްޖަކު" އަތުވެއްޖެ އެވެ. ފޮށި ހަވާލުކޮށްފައި ގޭތެރެއަށް ވަދެވުނީ ގޭ ދޮރުން ބޭރުގައި ބޫޓު ބަހައްޓައިފައެވެ. 10:30 އަށް ހުޅުލެޔަށް ދިޔުމަށް ޓަކައި 1 ނަންބަރު ފާލަން ދޮށަށް ދާން ޖެހެ އެވެ.

އަތްމަތީ ބައެއް ތަކެތި އަތްދަބަހަށް ހަމަކޮށްފައި ފެންވަރައި ނަމާދުކޮށް ކައިބޮއި ހަދައިގެން 10:20 ގައި ގެއިން ނުކުމެއްޖައީމެވެ. ސަހަރޯ އެވެ! ބޫޓެއް ނެތެވެ. ބޫޓުގެ "ވެރި މީހާ" ބޫޓު "ގެންދިޔައީ" އެވެ. ކުރާނެ ކަމެއް ނެތެވެ. 10:30 ގައި ލާންޗު ފުރާނެ އެވެ. ބޫޓެއް ހޯދާނީ ފަހެ ދެން ކޮންތާކުންބާވައެވެ! ފެރީއަކުން އަނެއްކާ ދާން އުޅެގެން މާ ލަސްވެދާނެކަން ނޭނގެ އެވެ. ސިކުނޑި ސުމަކަށް ނުދިޔައީ ކިރިޔާ އެވެ.

ހަނދާނަށް އަތުވެއްޖެ އެވެ. ދާދި ފަހުން ލަންކާއިން ގަތް ބޫޓެއް ހުރި ގޮތަށް ފޮށީގައި ހުންނާނެ އެވެ. ހިތް ހަމަޖެހިއްޖެ އެވެ. ބޫޓު ނަގައިގެން އަރައިފީމެވެ. އަލަށެވެ. ހިސާބަކަށް ހަރެވެ. ބާރުހެން ވެސް ހީވެ އެވެ. ހިނގާން ވެސް ހިސާބަކަށް އުނދަގުލެވެ. ހިނގައިލީމާ ފަޔަށް ހޭނިދާނެތާ އެވެ. ނުލާހިކު ސަޅި ބޫޓެކެވެ. އޮފު ގަދައެވެ. ނަލައެވެ. ޗާލެވެ. އެހެން އިޚުތިޔާރެއްވެސް ނެތްތާއެވެ. ޖެހޭނީ އަރައިގެން ދާންތާއެވެ. ދެންހުރީ ހިސާބަކަށް އެއް ފަރާތް ނެއްޓިފައި ހުރި ބާ ބޫޓެކެވެ. ފަޔަށް ފަސޭހަ ނަމަވެސް މި ކަހަލަ ދަތުރެއްގައި އެ ފަދަ ބޫޓަކަށް އަރާކަށް ނުކެރޭނެތާ އެވެ. އެހެން ބޫޓެއް ގަންނާކަށް ވަގުތެއް ނެތެވެ. ކައިރި ހިސާބެއްގައި ފައިވާން ވިއްކާ ފިހާރައެއް ވެސް ނުހުރޭވިއްޔާ އެވެ. ކޮންމެއަކަސް ހަމަ ވަގުތުން އަރާނެ އާ ބޫޓެއް އަތްމަތިކުރެވިފައި ބެހެއްޓުނީތީ ވަރަށް އުފާވި އެވެ. ހިތްހަމަޖެހިއްޖެ އެވެ. ސައިކަލު ބަހައްޓައިފައި، ބޫޓު ފަޔަށް ހާނައިލުމަށް ޓަކައި، ހިނގައިލައިފައި ފާލަންދޮށަށް ހިނގައްޖައީމެވެ. ބަރާބަރު ގަޑިއަށެވެ. ސުން ސިކުންތަށެވެ.

ހުޅުލެއަށް ގޮސް ވީއައިޕީ ގައި ތިބި އިރު ވެސް  ފަޔަށް ބޫޓް "ހާނައިލާން" އިރުއިރުކޮޅާ ހިނގައި ހެދީމެވެ. ނަމަވެސް ބޫޓަށް އެރުމުން ފައިތިލަޔަށް ލިބެންޖެހޭ އަރާމާއި ރައްކާތެރިކަމުގެ ބަދަލުގައި އިޙުސާސް ކުރެވެން ފެށީ އުނދަގޫތަކެކެވެ. ދަތުރު ހަމަޖެހިފައި އޮތް ގޮތުން "މަޢުމޫލު ހިލޭ" ފިހާރަތަކުން ބޫޓެއް ގަންނަން ލިބޭތޯ ދާނެ ފުރުޞަތެއް ނުލިބުނެވެ.

ބޯޓަށް އަރައިފީމެވެ. ގޮނޑީގައި ހަމަޖެހިލުމާއެކު ބޫޓު ބާލައި ފައިތިލަ ސަލާމަތްކޮށްފީމެވެ.  ލިބުނު އަރާމެއް ދަންނަވަން ވެސް ނޭނގުނެވެ. މި އަރާމުގައި ބޯޓުގައި، ހައެއްކަ ގަޑި އިރު ބޫޓަށް ނާރައި ހޭދަކުރަން ލިބުނަސް ސިންގަޕޫރަށް ނުވަތަ ޗައިނާއަށް ގޮސް އަރާނެ އެހެން ފައިވާނެއް ވެސް ނެތެވެ. އެހެންކަމުން ޗައިނާއަށް ގޮސް ފަޔަށް ފަސޭހަ ބޫޓެއް ގަންނަން ނިންމައިގެން އެ ޚިޔާލާ ދުރަށް ގޮސް އަރާމުކޮށްލަން އެ ދަތުރުގައި ލިބުނެވެ.

ސިންގަޕޫރަށް ގޮސް ވައިގެ ބަނދަރުގައި (ޗަންގީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި) އުޅެން ޖެހުނީ އެއްކަލަ "ބިރުވެރި" ބޫޓަށް އަރައިގެންނެވެ. ތަންކޮޅެއް ބޯ އިސްޓާކީނެއް ލައިގެން އުޅުނުކަމުން ސިންގަޕޫރުން ފުރި އިރު ވެސް ދެ ފައިތިލަ ސަލާމަތުން ހުރިކަން ޔަޤީންވި އެވެ. ﷲ އަށް ޙަމްދު ހުއްޓެވެ!

ހިތަށް އެރިއެވެ. ޗައިނާއަށް ގޮސްފައި އެހެން ބޫޓެއް ގަންނާނީ އެވެ. ނުވަތަ ފަސޭހަ ފައިވާނަކަށް ނުވަތަ ފެންފައިވާނަކަށް އަރާނީ އެވެ. އޭރުން މި އުނދަގުލުން ސަލާމަތްވާނެތާ އެވެ! ޗައިނާ އަކީ، ގިނަ އެއްޗެހި "ހަމަހިލެޔޭ" މީހުން ކިޔާ ތަނެއް ވިއްޔާއެވެ! އެހާ ވެސް ތަކެތީގެ އަގުހެވީއްޔޯލަ އެވެ! އެނގިދާނެތާ އެވެ. އެ ދައްކާ ވާހަކައިގެ ދޮގު ތެދުވެސް މި ފަހަރު އެނގޭނެތާ އެވެ.

ޗައިނާއަށް ދެވިއްޖެ އެވެ. ސުބްޙާނަﷲ އެވެ! ދަތުރުގެ އެކިއެކި ޕްރޮގްރާމްތައް އޮތީ ނޭވާ ނުލެވޭހައި އަވަދިނެތިކޮށެވެ. ވަދިކޮށެވެ. މި ދަތުރަކީ ޗައިނާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސުގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަނިކުފާނުގެ އަރިހުގައި އަޅުގަނޑު ވެސް ބައިވެރިވި ދަތުރެކެވެ. އެހެންކަމުން ކުރިއަރައިފައިވާ ޗައިނާގެ މުހިއްމު ހުރިހާ ތަނަކަށް ޒިޔާރަތްކުރަން ތާވަލުކުރެވިފައި އޮތެވެ. ބޮޑެތި ހުރިހާ ޝަހަރުތަކަށް ޒިޔާރަތްކުރަން ޖެހުނެވެ. އެކިއެކި ރަސްމީ ބައްދަލުވުންތަކާއި ޖާފަތްތަކުންނާއި ތާރީޚީ އަދި ޒަމާނީ ތަންތަނަށް ޒިޔާރަތްކުރުންތަކުން މުޅި ދުވަސް އޮންނަނީ ފުރައިލައިފައެވެ. ޗައިނާގެ ބޮޑުފާރާއި ޢަޖާއިބުކުރުވަނިވި ހިލައިގެ ޖަންގަލި (ސްޓޯން ފޮރެސްޓް) ފަދަ ޝައުޤުވެރިކުރުވަނިވި ތަންތަނަށް ނުގޮސް ބަލިވެގެން އޮންނާކަށް ޒަމީރު ޤަބޫލެއް ނުކުރި އެވެ. ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް ހަމަ ހުރިހާ ޕްރޮގްރާމެއްގައި ވެސް އަޅުގަނޑު ގެންދިޔައީ ބައިވެރިވަމުންނެވެ. އިޙުސާސްކުރަމުން ގެންދިޔަ ވޭންތައް އެތެރެއަށް "ދިރުވަމުން" ހިތި ހިނިތުންވުމެއް ދައްކަމުންނެވެ. ކޮންމެއަކަސް ކުރިން އުންމީދު ކުރި ގޮތަށް ފައިވާނެއް ނުވަތަ ބޫޓެއް ގަންނާނެ ހަމަ އެއްވެސް ފުރުޞަތެއް ނުލިބުނެވެ.

10 ދުވަހުގެ މި ދަތުރުގައި މިފަދަ ޙާލެއްގައި ދެ ދުވަސް ވީއިރު ފާޑެއްގެ ކޮރެއް ޖެހެންފަށައިފި އެވެ. އަޅުގަނޑު މީ ކޮރު މީހެއް ކަމަށް ޗައިނާ މީހުން ހީކުރިޔަސް ދިވެހި ވަފުދުގެ ބޭފުޅުންނަށް ފާހަގަކުރެއްވިދާނެތީ ހިނގަނީ ވަރަށް ވިސްނައިގެން ކޮރު ނުޖަހައި ހިނގޭތޯ ބަލަމުންނެވެ. 3 ދުވަސް ވީއިރު ކަނާތުގެ ފުންނާބުން ހަންހިނގައްޖެ އެވެ. އެކަމަކު ކޮރު ނުޖަހައި ހިތްވަރު ދައްކަމުން ހަމަ ހުރިހާ ޕްރޮގްރާމެއްގައި ބައިވެރިވަމުން ގެންދިޔައީމެވެ. ރޭގަނޑު ނިދަން ލިބޭ ގަޑީގައި ބޭރަށް ނުކުންނާކަށް ނުކެރެ އެވެ. ފިނިގަދަކަމުން ހުސްފަޔާ ކޮޓަރިން ނުކުންނާކަށް ކުޅަދާނައެއް ނޫނެވެ. ފަޔަށް އިިތުރު އަނިޔާއެއް ދޭން ބޭނުން ނުވާތީ މި ވަގުތުކޮޅުގައި ބޫޓަށް އަރާކަށް ބޭނުމެއް ނުވެއެވެ. ބެއިޖިންގ ޝަހަރުގައި ފިނިހޫނުމިން އޭރު ހުރީ ސުން ދަރަޖައަށް ވުރެ 15 ދަރަޖަ ދަށުގައެވެ. އާދެ! 15- ގައެވެ!

ބެއިޖިންގ އިން ފެށި ދަތުރުގައި ސީނުކަރައިގެ ބިޔަ ޝަހަރުތަކަށް ޒިޔާރަތްކުރަމުން، ކާރާއި ބަހާއި އަވަސް ދުވެލީގެ ރޭލާއި މަތީންދާބޯޓުގައި "ޓިއަންޖިން" އާއި "ޔުންނާން" އާއި "ޑޮންގގުއާން" އާއި "ކުންމިންގ" ފަދަ އެކި ޝަހަރުތަކަށް ދަތުރުކުރަމުން އައިސް، 9 ދުވަސް ވީއިރު ތިބެވުނީ އެންމެ ދެކުނު ޝަހަރު ކަމުގައިވާ ގުއަންޜޯ ގައެވެ. ނުވަތަ ގުއަންޖޯ ނުވަތަ ގޮންޒޯ  (Guangzhou) ގައެވެ. (ކިޔާ ގޮތް ތަފާތުވެދާނެ އެވެ.) މިއީ ދިވެހި ވިޔަފާރިވެރިން ވަރަށް ގިނައިން ގޮސް އުޅޭ ޝަހަރެއްކަމަށް ވެއެވެ. އެތާގެ ފިނިހޫނުމިނަކީ 2- ދަރަޖަ ސެލްސިއަސް އެވެ. އެކަމަކު އެތަނަށް ކުޑަކޮށް ސްނޯ ފައިބައެވެ.

ގުއަންޜޯ އަށް އައިއިރު އަޅުގަނޑުގެ ދެފައިތިލައިގެ ފުންނާބު ވަނީ ފާރުވެފައެވެ. ކޮންމެ ފިޔަވިއްސެއް އެޅެނީ ކެތް ނުވާފަދަ ވޭނާ އެކުގައެވެ. ގުއަންޜޯގައި ފުރަތަމަ ދުވަހު ހޭދަކުރި ޕްރޮގްރާމް ނިންމައިލުމަށްފަހު ރޭގަނޑު 8:45 ވީއިރު ހޮޓަލަށް އާދެވިއްޖެ އެވެ. ހޮޓާ ހުންނަނީ ފިހާރަތައް މަދު ބޭންކްތައް ގިނަ ސަރަޙައްދެއްގައެވެ. ނަމަވެސް އަޅުގަނޑަށް ދިމާވެގެން އުޅޭ މައްސަލަ، ވަރަށް ލަދުން ހުރެ، އަޅުގަނޑާ އެންމެ އެކީގައި އުޅުއްވި މުޙައްމަދު ރަޝީދަށް ދަންނަވައިފީމެވެ. މުޙައްމަދު ރަޝީދު ވިދާޅުވީ 9 ޖަހާ އިރު ފިހާރަތައް ބަންދުކުރާނެ ކަމަށާއި ކައިރި ހިސާބެއްގައި ފިހާރައެއް ހުރިތޯ ބަލައިލެވިދާނެ ކަމުގައެވެ. ދެ މީހުން ނުކުމެގެން ކުޑަތަންކޮޅަކަށް ހިނގައިލި ތަނާ ދެ ތިން ފިހާރައެއް ފެނިއްޖެ އެވެ. ބާރަށް ގޮސް ފިހާރަ ދޮރާ ހަމަވާން ވާއިރަށް "ބަންދު" ބޯޑު އަޅުވައިފީމެވެ. ނަމަވެސް އެތެރެއިން ބައެއް ބޫޓާއި ގަމީސް ކަހަލަ އެއްޗެހި ފެންނަން ހުރީތީ ދޮރުގެ އެތެރެއިން ތަޅު ނުލެވެނީސް ފިހާރައިގެ ތެރެއަށް ދެމިގެންފީމެވެ. ފިހާރައިގައި ތިބި 2 އަންހެންކުދީންނަކަށް އިނގިރޭސި ބަހެއް ނޭނގެ އެވެ. އަޅުގަނޑުމެންނަކަށް ޗައިނާބަހެއް ނޭނގެ އެވެ. ނަމަވެސް ބާރަށް ގޮސް ބޫޓުތައް ހުރިތާނގައި ހުރި، ހަމަ އެކަނި އަޅުގަނޑަށް ހެޔޮވަރު ބޫޓު ނަގައިގެން ފަޔަށް މަހައިލައިފީމެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. ވަރަށް ހެޔޮވަރެވެ. ވަރަށް މަޑެވެ. ވަރަށް ފަސޭހައެވެ. ސޭޓު ގާތަށް ލެވި އަތްފައިން ވާހަކަދައްކައިގެން ބުނިވަރަކަށް (ކޭޝްކާޑުން) ފައިސާ އަދާކުރުމަށްފަހު އެ ބޫޓަށް އަރައިގެން ނުކުތްއިރު ކުރިން ލިބުނު ހުރިހާ ވޭނެއް ހަނދާން ނެތިއްޖެ އެވެ. ނަމަވެސް މާދަމާ އަކީ ސިންގަޕޫރަށް ފުރަން އޮތް ދުވަހެވެ.

ޗައިނާއަށް އަޅުގަނޑަށް މިކުރެވުނު މުހިއްމު ތާރީޚީ ދަތުރު ވެގެން ދިޔައީ ބޫޓެއްގެ ސަބަބުން އަޅުގަނޑަށް ފޯރި އަސަރު ދަތުރު ނިމެންދެން ވެސް ހަނދާނުގައި ހުރި އަދި މުޅި ޢުމުރަށް ވެސް އެ ހަނދާންތައް ފިލައި ނުދާނެ އަސަރުގަދަ ދަތުރަކަށެވެ. ނަމަވެސް މާލެ އައިތާ ހަފުތާއެއްގެ ތެރޭގައި ދެ ފައިތިލައިގައި ހުރި ފާރުތައް މުޅީން ފަސޭހަވެއްޖެ އެވެ.

މިހާރު އަޅުގަނޑު ރަސްމީ ކަންކަމުގައި އަރަނީ ޗައިނާއިން ގެެނައި އެއްކަލަ ބޫޓަށެވެ. ފަސޭހަ، އަރާމު ނަޔާ ބޫޓެކެވެ. ތިޔަ ބޭފުޅުން ވެސް އެ ބޫޓު ބައްލަވައިލައްވަން ބޭނުންފުޅުތޯއެވެ؟

---------------------
(ނިމުނީ)

މި ލިޔުން
   ފޮނުވުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުންބެލުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ ޝާމް, 2011-03-24 00:55:56
ތިޔަ ބޫޓުގެ ފޮޓޯ ފެންނަ ގޮތް ވި ނަމަ ކިހާ ރަނގަޅު ވީސް. އެކަމަކު ހަމްދަރުދީވަން
...
ލިޔުނީ އަމް, 2011-03-24 03:15:34
ކޮބާ ތިބޫޓު
...
ލިޔުނީ އަނާ, 2011-03-25 03:00:41
އަޒީއަކީ އަޅުގަނޑުގެ ވަރަށްގާތް މިތުރެކެވެ. ތިޔަލިިބިލެއްވި ވޭނަށް ހަމްދަރުދީވަމެވެ. ތިޔަ އަލަށް ލިބިލެއްވި ބޫޓު ވާނީ އަޅުގަނޑަށް ދެއްވާށެވެ. ވަރަށް ދައްސޭ ވިދާޅުވި އަސް މައްސަލައެއް ނެތެވެ. އާދޭސް ދަންނަވަމެވެ. މާބޮޑަށް ލަސްނުކޮށް ތިޔަބޫޓު ފޮނުވާލަ ދެއްވާ! އެހެންނޫނީ ތިޔަފަދަ އަގުހުރި ފަޔަށް ފަސޭހަ ހިތްގައިމު ބޫޓުގެ ދުވަސް ހިނގައިދާނެކަމަށް ވަރަށް ބިރުހީވެއެވެ. ހައް ހައް ހައް ހާއް! ހާދަ އަރާމޭދޯ!
...
ލިޔުނީ محمد آدم على, 2011-03-25 08:21:11
"މަޢްމޫލު ހިލޭ" އަށް ވުރެ ދިވެހިންގެ ވިސްނުމާ ބޮޑަށް ރައްޓެހިވާނެ ކަމަށް އަޅުގަޑަށް ލަފާ ކުރެވެނީ "ޑިޔުޓީ ފްރީ" އެވެ. "މަޢްމޫލު ހިލޭ" ވެސް ގޯހެއް ނޫނެވެ. އެކަމަކު ދިވެހި ބަސް ކުރިއަރާނީ އެހެން ބަސްބަހުން ވަކިވަކި ލަފްޒާއި ތަޢްބީރު ކުރުމުގެ ގޮތްތަށް އަނބުރާ ދައްކަން ނުޖެހޭ ލޯނުގެ ގޮތުގައި ހޯދައިގެންނެވެ. އެއީ ހަމައެކަނި އިނގިރޭސި ބަހުން އެކަންޏެއް ނޫނެވެ. ޢަރަބި ، އުރުދޫ އަދި ސިންގަޅަ ބަސްފަދަ ދިވެހިބަހާ ރައްޓެހި އަދި ތިމާގެ ހުރިހާ ބަހަކުންނެވެ. އެކަމަކު ބައެއް މީހުން ދެކޭ ގޮތުގައި ދިވެހި ބަސް ދެކެ ލޯބި ކުރުމަކީ ބޭރު ބަސްބަހުން ދިވެހި ބަހަށް ވަދެފައިވާ ދިވެހި ހުރިހާ ލަފްޒަކަށް އިންކާރު ކޮށްފައި ކޮންމެވެސް ދިވެހި ބަދީލެއް އެ ލަފްޒުތަކަށް ހޯދުމެވެ؛ ނުވަތަ ހަދާލުމެވެ. މިބީދައިން ކުރާ މަސައްކަތުގައި މި ވެރިން އިންޓަވިޔު އަށް އިންކާރު ކޮށްފައި ކުރާ ކަމަކީ އެމީހުން ބުނާ ގޮތުން ބަސްދީ ގަންނަނީއެވެ. އަދި އިސްވެ ގޮސްފައިވާ މާޒީ ދޫކޮށްލާފައި ފަސްމަގު ގައި ބަޑިތަޅަނީއެވެ. އަދި މުސްތަޤްބަލާ މެދު ވިސްނުން ދޫކޮށްލާފައި ކުރިމަގުގައި ކުރިއަށް ދަނީއެވެ. ރަސްމީ ހުރިހާ ކަމަކީ މިހާރު ފުރަމާނަ ކަންތައްތަކަށް ހެދިހެދީނުން ހީވަނީ ރާއްޖޭގައި ސެންސިކިރްތު ބަސް އާލާވެގެން އަންނަހެން ހީވެއެވެ. ބަރަވެލީގެ ސިޔާސަތަކީ ދިވެހި ބަހަށް މާ ފައިދާ ކުރާނެ ސިޔާސަތެއް ނޫން ކަން ޔަޤީނެވެ.
...
ލިޔުނީ މުދިމު, 2011-03-25 08:25:54
ތިޔަ ބޫޓު ބޭރުގައި ބަހައްޓަވާފައި ގޭތެރެއަށް ވަންނަވާނަމަ އަންގަވާލަ ދެއްވުން އެދެން.
...
ލިޔުނީ މުޙައްމަދު އާދަމް ޢަލީގެ މިތުރެއް, 2011-03-25 08:48:33
ސާންސްކިރިތު ބަސް މިހާރު ވަނީ މަރުވެފައިކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
...
ލިޔުނީ ޢާއިޝާ, 2011-03-25 17:45:45
އަޚު މުޙައްމަދު އާދަމެވެ! އަޅުގަނޑު ދެކޭ ގޮތުގއަި ވަނީކީ ތިޔަ ވިދާޅުވާ ގޮތަކަށް ނޫނެވެ. ކުރިންވެސް ހުރި ލަފުޒުތައް ހަނދާން ނައްތައިލުމަށްފަހު އިނގިރޭސި ލަފުޒެއް ބޭނުންކުރެވނީއެވެ. "މަޢުމޫލް" އެއީ ދިވެހިން ބޭނުންކުރަމުން އައި ލަފުޒެކެވެ. ހިލޭ އެއީ ހަމަ މައް ދިވެހި ލަފުޒެކެވެ. ވާޖިބަށްވެސް ޑިޔުޓީ ކިޔައެވެ. ވަކި ގަޑިއެއްގައި މަސައްކަތް ކުރަންވެސް ޑިޔުޓީ ކިޔައެވެ. ފްރީވެސް ހަމަ އެހެންނެވެ. މިނިވަންކަމަށްވެސް ފްރީކިޔައެވެ. (ފްރީޑަމް). އެންމެނަށް ޢާއްމު މާނައިގައިވެސް ފްރީ ކިޔައެވެ. (ފްރީ ސައިޒް). މަސައްކަތުން ހުސްވެ ހުރުމަށް ވެސް ފްރީ ކިޔައެވެ. އެހެންވީމާ މައުމޫލު ހިލޭ ފިހާރައެކޭ ބުނީމާ ގޯހެއް އޮތް ކަމަކަށް އަޅުގަނޑުވެސް ނުދެކެމެވެ. ޑިޔުޓީ ފްރީ ކިޔަން ބޭނުންވާ ބަޔަކު އެހެންވެސް ކިޔާނީ އެވެ. އިތުރު ލަފުޒެއް ބޭނުންކުރުމުން މައްސަލައެއް ނެތްތާއެވެ. އާ ލަފުޒެއް އައުމުން ކުރިން ގެންގުޅޭ ލަފުޒު ދޫކޮށްލާކަށް ނުޖެހޭނެ ނޫންތޯ އެވެ. މިސާލަކަށް "މުސްތަޤުބަލް" އެއްބަޔަކު ކިޔާ އިރު އަނެއް ބަޔަކު "ކުރިމަގު" ވެސް ހަމަ ކިޔަނީ ނޫންތޯއެވެ؟ އެއް ބަޔަކު ލުނބޯ ކިޔާއިރު އަނެއް ބަޔަކު "ލިނބޯ" ވެސް ކިަޔަނީ އެވެ. ލަފުޒެއް އިތުރުވުމުން މައްސަލައެއް ނެތެއް ނޫންތޯ އެވެ. ގިނަ ލަފުޒު ހުންނަންޏާ އެ މީހަކު ބޭނުން ލަފުޒެއް ޚިޔާރުކުރުމުގެ ފުރުޞަތު ބޮޑުވާނެ ނޫންތޯ އެވެ. އޭރުން ޅެންވެރީންނަށް (ނުވަތަ ޝާޢިރުންނަށް) ވަޒަން ހަމަކުރަން ލަފުޒު ހޮވަންވެސް ވާނީ ފަސޭހަ ނޫންތޯ އެވެ. އަޅުގަނޑަށް މި މަޒުމޫނަކު ގޯހެއް ނެތެވެ. މީ އަޅުގަނޑުގެ ޚިޔާލެވެ. ތަފާތު ޚިޔާލުތައް އެއް ކަމެއްގައި ހުރުމަކީވެސް ރަޙުމަތެއް ނޫންތޯ އެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1539
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone