މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "އާދޭހެވެ! އަޅުގަނޑު ކަންތައްކުރާނީ ވިދާޅުވާގޮތަށެވެ!" |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 30 މާރޗް 2011، 23:45 ބުދަ | |||
|
ޙަޤީޤީ ހާދިސާ އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު ޢިޝާނަމާދުން ފަހުގެ ވަގުތެކެވެ. އެންދަމާ ދަލަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަދޮންބެ ކޯޓަށް ހާޒިރުކޮށް ޤާޟީ މައްސަލަ ބައްލަވަމުން ގެންދެވި އެވެ. ކުޑަ ދޮންބެ ޤަބޫލުކުރާގޮތުގައި އެއީ އޭނާޔާމެދު ހުށަހެޅިގެންވާނެ ދަޢުވާއެއް ނޫނެވެ. އެހެންވެ ކުޑަދޮންބެ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ނުރުހިފައި އިނދެގެންނެވެ. މައްސަލައިގެ ވަކި ހިސާބަކުން...ކުޑަދޮންބެ: "އަހަރެން ދަލެއް ހަދައެއްނުދެން. ލާރިއެއްވެސް ބޭނުމެއްނޫން." މިހެން ބުނުމަށްފަހު ކުޑަދޮންބެ ރުޅިއައިސްގެން ކޯޓުން ނިކުމެގެން ހިނގައްޖެ އެވެ. ޤާޟީ އިރުކޮޅެއް ވަންދެން މަޑުކޮށްލެއްވުމަށްފަހު ކޯޓުގެ ޕިޔޯނަށް ގޮވައިލައްވައިފައި "ކުޑަދޮރުތައް ލައްޕައިލާށޭ" ވިދާޅުވި އެވެ. ޕިޔޯނު ލައްބައޭ ދެންނެވުމަށްފަހު ކޯޓުން ނިކުމެގެން ބޭރަށް ހިނގައްޖެ އެވެ. ޕިޔޯނު ދިޔަ ވަކި ތަނެއް އެނގިވަޑައިނުގަންނަވާތީ ޤާޟީ ކުޑަކޮށް މަޑުކޮށްލެއްވިއެވެ. ޕިޔޯނު ބޭރަށްދިޔަތާ ފަނަރަ ވަރަކަށް މިނެޓު ފަހުން މީހަކު ގޮވައިގެން އަންނާތީ ޤާޟީ ދެކެވަޑައިގަތެވެ. އޭނާއާ އެކީ އެ އައީ ދެވަނަ މީހެއްނޫނެވެ. އެއީ އޭގެ ކުޑައިރުކޮޅެއް ކުރިން ކޯޓުން ނިކުމެގެންދިޔަ "ކުޑަދޮންބެ" އެވެ. (ކުޑަދޮންބެގެ ގެ ހުންނަނީ ކޯޓާ ވަރަށް ކައިރީގައެވެ.) މިކަން މި ވީގޮތް ޤާޟީ އަށް އެނގިވަޑައިގެންނެވިއެވެ. އެހެންވެ ޤާޟީ ވެސް ރަނގަޅު ބުއްދިފުޅެއް ކުރެއްވި އެވެ. ކުޑަދޮންބެ އައިސް ޤާޟީގެ ކުރިފުޅުމަތީގައި ހުރި ގޮނޑިއެއްގައި އިށީނުމުން... ޤާޟީ: "ކުޑަދޮންބެ މި ގެނައީ މައްސަލައެއްގައި ގެނެސް ވާހަކަ ދައްކަނިކޮށް ޤާޟީގެ އަމުރާނުލައި ކޯޓުން ނިކުމެގެން ދިއުމަކީ އެއީ ވަރަށް ބޭއަދަބީ ކަމެއްކަން އަންގައިލައްވަންވެގެން. އަނެއްކާ އެގޮތަށް ކަންތައްކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅޭ ގޮތަށް ވެސް ހަމަޖެހިފައި އޮވޭ! އެހެންނަމަވެސް ދެން އެއް ފަހަރެއް ކަމަށް ކުޑަދޮންބެއާ ދޭތެރޭގައި ވަކި ފިޔަވަޅެއް ނާޅާނަން! ދެން ދިޔަޔަސް އެންމެ ރަނގަޅު." މިހެން ވިދާޅުވުމުން ކުޑަދޮންބެ ނިކުމެގެން ހިނގައްޖެއެވެ. ޤާޟީ ޕިޔޯނަށް ގޮވައިލައްވައިފައި ވިދާޅުވިއެވެ. "ކުޑަދޮރުތައް ލައްޕައިލާށޭ ބުނީމާ ގޮސް ކުޑަ ދޮންބެ ގެނައީ ކީއްކުރަންހެއްޔެވެ؟" ޕިޔޯނު ދެންނެވިއެވެ. "އާދޭހެވެ! އަޅުގަނޑު ކަންތައްކުރާނީ ވިދާޅުވާ ގޮތަށެވެ. ތަންކޮޅެއް ލަސްވީ އަޅުގަނޑު ދިޔައިރު ކުޑަދޮންބެ ގިފިލީގައި އުޅޭތީ އެވެ. ގިފިލިން ހަމަ ނިކުންނައިރަށް ގޮވައިގެން މިއައީ އެވެ." ---------------------- މި ލިޔުން:(ނިމުނީ) ފޮނުވުން: އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|