މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މި ކުއްޖާ ފިރިހެން ކުއްޖަކަށް ވާނީ ކޮން އިރަކުތޯ؟ |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 17 މާރޗް 2009، 02:41 އަންގާރަ | |||
|
ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން އެތަން މިތާނގައި މީހުންނަށް ނަކަތްތެރިކަން ކޮށްދީ ރާހިބަލައި އުޅޭ ނުޖޫމީންގެ މީހަކު އެއްދުވަހަކު، ގޮސް ޢަރަބީންގެ ކުޑަވަރެއްގެ ރަށަކަށް ފައިބާއްޖެ އެވެ. ދެން އެރަށުގައި ހިނގަމުން ގޮސް، ރަނގަޅުހެން ހީވާ ގެޔަކަށްވަދެ، ތިމަންނާއީ ބީރައްޓެއްސަކީމޭ ބުނެފި އެވެ. މީގޭގެ ވެރިމީހާ، ވަންނާށޭ ބުނެ ވައްދާފައި، މީނާއަށް މެހުމާނުގިރީ ކުޅައުމައިގެން އުޅެގެންފި އެވެ.ޢަރަބީންނަކީ، ބީރައްޓެހިންނަށް ހެޔޮކަށް ހިތުމާއި، މެހުމާނުގިރީ ކުޅައުމުގައި، މަޝްހޫރުބައެކެވެ. މިގޭގެ މީހުން މިކަލޭގެއަށް، ވަރަށް ކަމޭހިތައި، ޖާފަތް ތައްޔާރުކޮށްފި އެވެ. މި ކަލޭގެ މިތާކު އޮތް ކުއްޖަކު، ދެކެގެން ބުނެފިޔޭ މި އޮތީ ގޭގެ ވެރިޔާގެ ކުއްޖެއްތާ އެވެ! ގޭގެވެރިޔާ އާނއެކޭ ބުނުމުން، މި ކޮއިގެ ރާހި ބަލައިލާންވާނޭތާޔޭ. ކިޔައި ދަވާދަކާއި ގަލަމަކާއި، ކަރުދާހަކާއި، ހޯދައިގެން މީނާގެ މަސައްކަތް ފަށައިފި އެވެ. ވަރަށް ދިގު ހިސާބެއްކޮށް، ކަނޑައި އެއްކޮށް، ގުނަކޮށް ގެއްލައި، ސުންތައް ޖަހައި އިނގިލި ބިންދައި ރާހިތަކާއި ނަކަތްތައް، ގުނައި، ހުކުރު ހަތްދުވަސް ރާވައި ހަނދުހުރި ނަކަތާއި، ބުރުޖުބަލައި މަޑުމަޑުން މިތަކެތި ކިޔައި، ގިނި، ވެލި، ވައި، ފެން ކިޔަވައި އުޅެއުޅެފައި މާނޭވަޔެއްލައިފައި ހީނލައި މޫނު ފޮހެ ހަދައިފައި ބުނެފިޔޭ. އަސްތާ ރަޙްމަތްތެރިޔާޔޭ. މި ކުއްޖާގެ ނަކަތާއި ރާހި ވަރަށް މޮޅެވެ. މިނާއަކީ ވަރަށް މަތިވެރި ދަރަޖައިގެ ވެރިޔެއްކަމުގައި ވާނެޔޭ. ހިތްވަރު ގަދަ ކަމުން، އެތައް ލަޝްކަރެއްގެ ވެރިކަން ހިނގާނެޔޭ. މީނާގެ އަތް މައްޗަށް، ކިތަންމެ ރަށެއް ފަތަޙަ ވާނެޔޭ. އެތަންތާނގެ ރަސްދަރިކަނބަލުންނާއި އިނދެ، އުފާކުރާނެ އެވެ. އުފާކުރާށެވެ! ގޭގެ ވެރިމީހާ ބުންޏެވެ. އުފާކޮށްފީމެވެ. ކަލޭގެއަށް އަހަރެމެން ވަރަށް ޝުކުރު ކުރަމު އެވެ. އެކަމަކު މިކުއްޖާ ފިރިހެން ކުއްޖަކަށް ވާނީ، އުމުރުން ކިހައިތާކުތޯ ބަލައި ބަލާށެވެ! މިމީހާ ވަރަށް ލަދުގަނެގެން ނުކުމެގެން ހިނގާއްޖެ އެވެ. ފަންވަތުގެ ޚާއްޞަ ނޯޓު: ކިޔުންތެރީންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި ލިޔުމުގެ މަތީގައިވާ މައުޟޫޢަކީ، ލިޔުންތެރިޔާ މި ލިޔުމަށް ދެއްވާފައިވާ މައުޟޫޢެއް ނޫނެވެ. ލިޔުންތެރިޔާ މި ލިޔުމަށް ދެއްވާފައިވާ މައުޟޫޢަކީ، ''ނަކަތްތެރީންނަކަށް، ދިމާޔަށް ފެންނާން އޮންނަ ކުޑަކުއްޖާގެ އަންހެން ފިރިހެން ވަކިކުރާކަށް ނޭނގެޔޭ އެކަމަކު، އެކަމަކު އެކުއްޖާޔަށް، ފަހުން ވާނޭހައި ގޮތްތައް ދަނެތޯލަޔޭ'' މި އެވެ. މި ޢިބާރާތް ފަންވަތުގެ މައުޟޫޢު ލިޔަން ކަނޑައެޅިފައި އޮންނަ ޖާގަޔަށް ނުފެތުނީތީ، މި ބަދަލު ގެންނަން ޖެހުނީ އެވެ. މާތްﷲ ލިޔުންތެރިޔާއަށް ހެޔޮ ދަރުމަ ދެއްވާށި އެވެ! މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ibrahim ali, 2009-03-16 22:58:55
ހުސެއިން ޞަލާހުއްދީންގެ ވާހަކަ ގިނައިން ގެނެސް ދެއްވާތި.ވަރަށް ސަޅި.
...
ލިޔުނީ ދިޔެ, 2009-03-18 11:58:31
ހުސައިން ޞަލާޙުއްދީންގެ ލިޔުއްވުމެއް ޝާޢިރު ކުރާއިރު އެއީ ކޮންފޮތަކުން ނެގިއެއްޗެއްކަން ލިޔަން ޖެހެއެވެ. ނުވަތަ ރެފަރެންސް ދޭންޖެހޭނެއެވެ. ނުވަތަ ކޮންމެވެސް މީހަކާ ހަވާލާ ދެއްވަން ޖެހެއެވެ. މިގޮތަށް އޮތުމުން ހީވަނީ ހުޞައިން ޞަލާޙުއްދީން މިއަދު ލިޔުއްވާފައިފާ ލިޔުއްވުމެއްހެންނެވެ. ވުމާއެކު މިކަންތައް އިސްލާހު ކޮށްލަން ފެނެއެވެ.
...
ލިޔުނީ ފަންވަތް, 2009-03-19 18:05:47
ދިޔެގެ ނަމުގައި، ޚިޔާލު ހުށަހެޅުއްވި ކިޔުންތެރިޔާއަށް ހެޔޮ އެދުމާއި ޝުކުރު ދަންނަވަމެވެ. ފާހަގަ ކުރައްވާފައި ވަނީ މުހިންމު ނުކުތާއެއް ކަމަށް ދެކެމެވެ. ރެފަރަންސް ދިނުމުގެ އަހަންމިއްޔަތު ގަބޫލު ކުރަމެވެ. ހަމަ އެކަނި ޙުސައިން ޞަލާޙުއްދީނުގެ ލިޔުއްވުންތައް ހުށަހަޅާ އިރަކު ނޫނެވެ. ފަންވަތުގައި ޝާއިޢު ކުރާ ކޮންމެ ލިޔުމެއްގައި އެ ސިފަ ހުރުން ފަންވަތުން އެދެމު އެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން، ރެފަރަންސް ދިނުމަކީ ވެސް އޭގައި ހަމަތަކަކާ އުސޫލުތަކެއް އޮންނަ ކަމެކެވެ. ފުރިހަމަ ރެފަރަންސެއްގައި ކޮންމެހެން ހިމެނިފައި ހުންނަންޖެހޭ މަޢުލޫމާތުތަކެއް ވެއެވެ. ޚާއްޞަކޮށް މި ޒަމާނުގައި ރާއްޖޭގައިވެސް ގިނަ ބޭފުޅުން ބޭނުން ކުރައްވާ އެމެރިކަން ސްޓައިލުގައި ޝަރުޠުކުރާ ކަންތައް ތަކެއް ހުރެއެވެ. އެ ކަންތައްތަކަކީ، އެކަންކަމާ ނުލައި ރެފަރެންސުގެ މާނަ ފުރިހަމަ ނުވާ ކަންކަމެވެ. މަޤުޞަދު ޙާޞިލްނުވާ ކަންކަމެވެ. މި ސާލަކަށް، ލިޔުމެއް ލިޔުއްވި ބޭފުޅެއްގެ ނަންފުޅާއި، އެ ލިޔުމެއް ޝާއިޢު ކުރެވުނު އަހަރާއި، ޝާއިޢު ކުރެވުނު ވަސީލަތާއި، އޭގެ ޢަދަދާއި، ވޮލިއުމް ނަންބަރާއި، އެ ލިޔުމެއް ޗާޕުކުރިތަނަކާއި، މި ފަދަ މިފަދަ ކަންކަމެވެ. އެވޭލާ ލިޔުންތައް ފަންވަތުގައި ހިމެނުމުގައި މި ކަންކަމުގައި ދަތިތަކެއް ކުރިމަތި ވެއެވެ. ބައެއް ފޮތްތަކުގައި އޮންނަނީ ހަމަ އެކަނި ބޭރު ނަމެވެ. އެފޮތް ޗާޕުކުރި އަހަރެއް، ޒިންމާވާ ފަރާތެއް މިއީ އެފޮތުގެ ކިތައްވަނަ ޢަދަކުކަމެއް، އެނގޭކަށް ނޯވެ އެވެ. ޚާއްޞަ ކޮށް ތިޔަ އިޝާރާތް ކުރެއްވި ލިޔުން ނެގިފައިވާ ފޮތަށް ބަލައިލާއިރު، އެ ފޮތަށް މި ލިޔުންތައް އައި ގޮތެއް އެނގޭކަށްނެތެވެ. ފޮތްޗާޕު ކުރި އަހަރު އެނގޭކަށްނެތެވެ. ހަމަ އެހެންމެ އެހެން ފޮތަކުން ކޮށްފައިވާ ނަކަލެއް ކަމަށްވާތީ ބައެއް ލިޔުއްވުންތަކުގައި އިމްލާ ކުށް ވެސް އެބަހުއްޓެވެ. މި ފަދަ އެތައް މައްސަލަތަކެއް ދިމާވެއެވެ. ހިތާމަޔާއެކު ދަންނަވާލަންޖެހެނީ މި ލިޔުން ނަކަލު ކުރިފޮތަށް ހަވާލާ ދޭން ބަލާއިރު، ހަވާލާއެއްގެ މާނަ ފުރިހަމަ ވާފަދަ މައުލޫމާތެއް އެފޮތުން ލިބެން ނެތްކަމަށެވެ. އެފަދަ ގޮތެއްގައި ޗާޕު ކުރެވިފައިވާ ފޮތަކުން ފަންވަތަށް މަޢުލޫމާތެއް ނަގައި، ފަންވަތުން އެ މަޢުލޫމާތެއް ޝާއިޢު ކުރާނަމަ، ރެފަރަންސް ދޭނެ އެވެ. ބައެއް މި ސާލު ބައްލަވައި ލެއްވުން އެދެމެވެ. ފަންވަތުގެ ހޯދާ ހޮޅީގައި ''ދިވެހި ހަކުރު'' މިހެން ޖައްސަވައިފައި ހޯއްދަވައިލައްވާށެވެ! ހަމަ އެހެންމެ ''ހެދުންތަކާ'' މި ހެން ޖައްސަވައިފައި ހޯއްދަވައިލައްވާށެވެ! މިއީ މި ވާހަކަ ދެކެވޭ ލިޔުމުގެ ކުރިން، ފަންވަތުގައި ޝާއިޢު ކުރެވިފައިވާ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނުގެ ދެ ލިޔުއްވުމެވެ. ވަކިވެލުމުގެ ކުރިން ދިޔެ އަރިހުގައި އަދި އެއްވާހަކަ ދަންނަވާލާނަމެވެ. ހުށަހަޅުއްވާފައިވާ ޚިޔާލުފުޅުގައި ވިދާޅުވެފައިވަނީ، ރެފަރަންސް ނެތި މިގޮތަށް ލިޔުން ޝާއިޢު ކުރުމުން، އެއީ މިއަދު ލިޔުއްވާފައިވާ ލިޔުއްވުމެއް ކަމަށް ހީފުޅުވާކަމަށެވެ. ފަންވަތުން އެ ނުކުތާއަށްވެސް ވިސްނައިފައިވާނެ އެވެ. މަޒުމޫނު ލިޔުއްވި ލިޔުންތެރިޔާގެ ނަންޖެހުމުގައި، އެހެން ބޭފުޅުންނާއި ތަފާތުކޮށް ނަންފުޅު ހިމަނަނީ އެހެންވެ އެވެ. މި ސާލަކަށް، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މަޒުމޫނެއެް، ނުވަތަ އަލްއުސްތާޛު އިބްރާހީމް އަޙްމަދުގެ މަޒު މޫނެއް ހުށަހަޅާނަމަ، އެނަންފުޅެއްގެ ކުރީގައި އެބޭފުޅުންގެ އިލްމީ ލަޤަބު ލިޔެވިފައެއް ނޯންނާނެއެވެ. ''އަލްއުސްތާޛު'' މި ލަޤަބުފުޅެއް ނޯންނާނެއެވެ. ސަބަބަކީ، ލިޔުމެއް ލިޔެފައި އެމީހަކު އެލިޔުމެއްގައި ނަންޖަހާއިރު، އެމީހާ އަމިއްލަޔަށް އޭނާގެ ލަޤަބުތައް ލިޔުމަކީ ދިވެހިން ކޮށްއުޅޭ ކަމަކަށްނުވާތީ އެވެ. ލިޔުމެއްގައި ނަން ހިމެނުމުން ރަމްޒުކޮށްދެނީ، އޭނާ ހިމަނާފައިވާ ހިމެނުމެއްކަމެވެ. މިއާ ޚިލާފަށް، ޙުސައިން ޞަލާޙުއްދީނު ފަދަ، މި ހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ، ކުރީގެ އަދީބުންގެ ލިޔުއްވުންތައް، މި ފަދަ ގޮތެއްގައި ހުށަހެޅޭ ނަމަ، ލިޔަނީ، ''ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން'' މިހެންނެވެ. ދިވެހިންގެ މަފުހޫމުގައި ނަމުގެ ކުރިޔަށް އަލްމަރުޙޫމު ގެނައުމުން އޭން ކަށަވަރުކޮށްދެނީ އެމީހަކީ، މިހާރު މަރުވެފައިވާ މީހެއްކަމެވެ. ކޮންމެޔަކަސް، ދިޔަގެ ޚިޔާލުފުޅަށް އިޙްތިރާމު ކުރަމެވެ. އަދި ފަންވަތުން މިހާތަނަށް ވިސްނުން ގެންގުޅުނު ގޮތް މި ދަންނަވާލީ އެވެ. އެހެންނަމަވެސް، ތިޔަ ފަދަ ގޮތަކަށް ކިޔުންތެރިއެއްގެ ފަރާތުން އިރުޝާދެއް ލިބުމަކީ، އިތުރަށް އަޅުގަނޑުމެން މި ނުކުތާގައި ވިސްނަންޖެހިއްޖެ ކަމުގެ ނިޝާނެއް ކަމަށް ގަބޫލު ކުރަމެވެ. އެހެންކަމުން، އިސްވެ ދެންނެވުނު އުސޫލޫތަކާ އެކުވެސް، ދިޔަގެ ޚިޔާލުފުޅަށް އިތުރަށް ފަންވަތުން ވިސްނާނެ ވާހަކަ ޝުކުރުވެރިކަމާއެކު ދަންނަވާލީމެވެ. www.fanvai.info ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|