މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރައިވެރިބެއާއި، ރުކާ |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 31 މާރޗް 2009، 19:23 އަންގާރަ | |||
|
މަލިން މުޙަންމަދު ދީދީ އާދެ! ފަތިހަކީ ވަރަށްވެސް ރީތިފަތިހެކެވެ. އުޑުމަތި ނުހަނު ސާފުވެފައި ވައިރޯޅި ވަރަށްވެސް މަޑެވެ. އިރުގެ އަލިކަން ދުނިޔެއަށް އަޅުވާލުމަށް ތައްޔާރުވަނީއެވެ. ރަށަކީ ޗިކެންފުއްޓެވެ. ގެއަކީ ދަނބުރުއްދޮށުގެއެވެ. ރައިވެރިބޭ އެއިނީ ރުކަށް އަރަންދާންވެގެން ބަދިގޭގައި ކާށެވެ. ކުރިމަތީގައި އެހެރީ އުސްތުނބަށް އަރުވާފައިހުރި ކަނޑޫތައްޓެކެވެ. ތުންތެޅިލާފައިހުރި ބޯތަށީގައި އެހެރީ ލަނޑާގަރުދިޔައެވެ. ގޭނި ހުނިކޮޅުހުރި ތަގަރި އެހެރީ އަތްފޯރާ ހިސާބަށް ކައިރިކޮށްލާފައެވެ. ރުށްއަރާކަމުގެ ހެކި ދައްކަނީ ލާހިތަށީގައި އެހެރަ ހަވީރީ ހަކުރެވެ. ކަމުން އެގެންދަނީ ވަރަށް އަވަސްއަވަހަށެވެ. ކައި އަވަދިވެގެން ބޭރަށްނުކުމެ، ފެންތުޅަލެއްނަގައި އަތްދޮވެލައިގެން ކޮޅަށްހުރެ ފެން ބުއިލެއް އަވަސްކަމުން، މިއަކަނުން ފޭބިފެނުން ބަޑާއި މޭމަތި އެހެރީ ހިސާބަކަށް ތެމިފައެވެ. އާދެ! ތުނބުން ރަނގަޅަށް ތުޅާނުނަގާ އެގޮވާލީ " ހިޔަލާ ދުފަންގެނޭ " ހިޔަލަ ވަރަށް އަވަހަށް ބޮލުގައި އަޅާ ރުމާ ކޮނޑަށް އެއްލައިގެން ފީފޯއްކިބައަކާއި ކުޑަދުންފަތްކޮޅަކާ ގެނެސްދިނީމާ އަތުގައި އޮތް ވަޅިން ކޮށާލާ އަނގަޔަށް އަޅާލާފައި އުނގުގައި އޮތް ހުނިބަޑިއަކުން ހުނިކޮޅެއްލައި ފެންގުޅިދޮށުގައިއޮތް ކިހާކު އުނބުގަނޑަކުން އެތިކޮޅެއް އަނގަޔަށްއަޅައި ދުންފަތްކޮޅު ތުންފަތާ ދަތްޕިލަޔާ ދޭތެރެއަށް ކޮށްޕާލައިގެން ދުފަމުން ރާދަނޑިގަނޑު ނަގާ ކޮނޑުގައި އެޅުވިއިރު ބަދިތައްހުރީ އަޅުވާފައެވެ. ބޯވައްކުޅައެހުރީ ފުށުނގުގައި ޖަހާލާފައެވެ. މުންޑުގެ އެއްކަންގަނޑު އެވަނީ ކުޅުދުއްފުށީ ފުލަށް ފޫގަޅާފައެވެ. ހަރުހަރުކޮށް ހިގާފައި ދެފަރާތަށް ކުޅުއެއްލަމުން އެދަނީ އިރުދޭފަލުމަގުން މާކޮޅު ރުއްގަނޑާއި ދިމާއަށެވެ. މަގުމަތިން ދިމާވި: ގޮއްބޭ: ޅިއަނާ! މިއަދު ހާދަފަހުން ރުކަން އަރަން ދާދުވަހެކޭ ރައިވެރިބޭ: އާ ކޮއްކޯ މިއަދު މިދަނީ މިސްކިތްދޮށުގައި ހުރި ގަނދަކޯޅިގަހަށް ފެންވެސް ނުދީއެވެ. ރޭގައި ފަތްހަދާން މާގިނައިރު އިނދެވުނީމާ މާއިރާ ނުހޭލެވުނީއެވެ....... ގޮއްބޭ: އާ ދެން އަވަހަށްދޭ........... ދެންއެދިޔަގޮތަށް ވަރަށް ހަރުކޮށްގޮސް ވަށްބޭރުތެރޭ މަގުން ދިޔައިރު މަގުގެ ދެފަރާތުގައިހުރި ޅަދެރުކުގެ ފަންހުރީ މަގުހުރަސްވާގޮތަށް ދެފަނުގެ ދެކުރި ގޮށްޖަހާފައެވެ. ދިޔަލެއް ހަރުކަމުން އޭގައިއަޅައި ވެއްޓިފައި ތެދުވެ މިހިރީ ޅައެތީން މަށަށްކުރާ ޖެއްސުމެވެ. މިއީ ކަތީބު ގޯތީގައި އުޅޭ ބައިވަރުގެ ކަންތައްކަން ގައިމެވެ. އިހަށްދުވަހު އެގޯތީ ހަގުސޮރު ރާއޮލީގައިހުރި ބައްޖަކުން ހިއްތަލަ އޮނެއް ޖަހައިގެން ރާބޮނިކޮށް ފެނިގެން ފަންތޮށިބުޑަކުން ފިނދުގައި އެތިފަހަރެއް ދިނީމެވެ. ނައިބު ގެއަށް ދާކަށްވެސް ނުކެރުނެވެ. ގައިމުތާ! ދިޔަނަމަ އެސޮރު ދެރުވީމުހެވެ. އިއްޔެ ދަތުރު ކަތީބުކަލޭގެ މަޖިލީހަށް އެރުވީމާ އެގޯތިތެރޭ އުޅޭހާ ކުދިން އެތިބެނީ މޮޅުވެފައެވެ. މަށަށް އަތުޖެހުނިއްޔާ ތިޔައިން އެކަތީގެ އުނަގަނޑު ރޮދިގަޑު ކަނޑާލާނަމެވެ. މިހެން ކިޔަމުން އެކަނި ހުރެގެން އެއްޗެހިތައް ގޮވަމުންގޮސް ކަނދުވަލު ރުއްގަޑުގެ ބާގަކަނޑާރުއް ކައިރީގައި ހުރި އޮއްޔެއްގައި ބަދިތައް އަޅުވާފައި އެއެރީ އެރުކަށެވެ. ދެން ގުޑިލައިފައި ހުރި އެތުން ގުޑިނަގައި ރާހުސްކޮށް އަލުންގުޑިލައި ކާޅުމުޅޯށި އަޅައި ނިންމާފައި ދެންއެފެށީ އާއެތް ތަޅާށެވެ. ރާރުއް: ރައިވެރިބެއާ! މިއަދުވެސް ތިޔަމަށަށް އަނިޔާ ކުރަން ފެށީތާ. ރައިވެރިބޭ: މިކުރަނީ އަނިޔާއެއްނޫން. ކާންބޯން މަސައްކަތް ކުރަނީ، ރާރުއް: އަނިޔާއެއްނޫނޭ ތިޔަބުނަނީ އަނިޔާއަކީ ކޮބައިތޯ؟ ފުރަތަމައަށް އަހުރެންގެ ތަންތަންކޮޅުގައި ހަރުބަނދެ ގެރިވަރުއޮޅައި ބަނދެހަފުސްކޮށްލުމުން ނާރުތަކުގައި ހިނގާން ހުންނަ ދިޔަޔަށް މިނިވަން ކަމާއެކުގައި ދަތުރެއް ނުކުރެވެއެވެ. ދެން ރުކަށްއަރައި އެތެއް ހުރީވިއްޔާ ''ބޯކަނޑައި'' އޭގެތެރޭގައި ހުންނަ މައު އަތުން ފުނޑުވާލެވޭވަރުވާނަމަ ތަޅާ ހާނީއްކަކޮށް އެތުގެ ބޭރު ފުޅަފިގަނޑުނަގައި ފަތްއޮޅައި ރޯނުޖަހައިގެން ލަނބައި ގުދުކޮށް އޭތިމީތި ކޮޅުގައި އުނގުޅައިގެން ދިޔަނެރެނީ ނޫންހޭ؟ ފަހަރެއްގައި އެދިޔަ ނުނިކުންނަ ގޮތެއް އަހަރެމެން ހަދައިލައިފިނަމަ ކައިރިކޮނެ ފުރެއްދެލޮނުއަޅައި އަދި ބައެއް ފަހަރަށް ބުޑުގައި ކޮކަޑިޖަހައި ދެރަކޮށްލަނީ ނޫންހޭ؟ ބަލަބެއާ ! ކާންބޯންކުރާ މަސައްކަތެއްގައި ނަމަވެސް ކަންތައް ކުރާންވާނީ އަނެކަކަށްވެސް ގެއްލުމެއް ނުލިބޭނެ ގޮތަކުން ދެމީހުންނަށްމެ ފައިދާވާނެހެންނެވެ. އިހަށްއަހަރު ރުއްއަރާފައި ދޫކޮށްލީއްސުރެ އަހުރެން ދަރިމައި ނުވެ ހުރެފައި ކިރިޔާ އެތްތައް ނުކުންނާން ފެށުމުން އަނެއްފަހަރު ތިޔަ އަނިޔާކުރަންފެށީއެވެ. ރައިވެރިބޭ: އޮހޮހޯ! ތިޔަވާހަކައެއް ދައްކާނެކަމެއްނެތް. މިއަށްވުރެ ކައިބޮއި އުޅެން ފަސޭހަވާނެ މަސައްކަތެއް ނެތީމާ މިކަން ހުއްޓައެއް ނުލެވޭނެއެވެ. ރާރުއް: ބަލަ އަހަރުމެންނަކީވެސް ތަދުވެ ބިރުގެން އަދި މިނޫންވެސް މިބާވަތުގެ ކަންތައް އެނގޭ ބަޔަކީމުއެވެ. އިންޑިޔާގެ މަޝްހޫރު ޑޮކްޓަރު ޗަންޑްރާބޯސް އަހަރުމެން ގަސްގަހާގެއްސާ މެދު ލިޔުއްވާފައިވާ ވާހަކަތައް މީހަކު ބުނާތީވެސް ނާހަމުދޯ؟ ރައިވެރިބޭ: އާނ! އަހަރުންނަކު ތިޔަކަހަލަ ޣައިރުދީންގެ ބޯހެއް، ޗޯހެއް ދައްކާ ވާހަކައެއް ނުއަހާނަމެވެ. އަދި މިހާރު މިއުޅޭ ކުދިންގަނޑުގެ ވާހަކައެއްވެސް ނުއަހާނަމެވެ. އިއްޔެމިދާކު މާލޭ ރުވާފުއްދޮލަގެއްތޯ ރުވާޤުއްޠަލަބާ އެއްގައި ހުރެފައިއައި ފިކުރީއެއްތޯ ކެކުރިއެއްވެސް ތިޔަބާވަތުގެ ވާހަކަދައްކައެވެ. އަހަރެންގާތު މިރަށު މުސްކުޅި ކާސިންކަލޭގެ ބުނެފައިވަނީ މިދުނިޔޭގައި ލައްވާފައިވާހައި ތަކެއްޗަކީ އަހަރެމެންނަށްޓަކައި ހައްދަވާފައިވާ ތަކެއްޗެވެ. އޭނާއަކީ ދުނިޔެ ހެއްދެވި ވާހަކައަންނަ މައުލޫދުވެސް ކިޔަވައިގެންހުރި މީހެކެވެ. މިހެންވީމާ ތިޔަކަހަލަ މީހަކު ގޮވާ ގޯހެއް މައަހާނެހޭ؟ ރާރުއް: ކަލޭ ކަހަލަ ކަންނެތް، ކަނޑުބޭރުވާން ނުކެރޭ މީހުންނަށް ވާނީ ތިޔަހެންނެވެ. ރާއްޖޭގެ އެހެންމީހުންވެސް ދުނިޔޭގައިއުޅެނީ ކަނޑުފަޅު ފީނައިގެން ތަކެތި ހޯދައިގެންނެވެ. ކޮންމެ ރަށަކާއި ކޮންމެ އަތޮޅެއްގެ ވަށައިގެން މިވާ ކަނޑަކީ ހުސްވުމެއްނުވާ ޚަޒާނާއެކެވެ. ނިކަންވިސްނާށެވެ. ކަޅުބިލަމަސް ހަންދަރަކަށް ފާހިތި ރުފިޔާ ލިބެއެވެ. މުށިމަސް ހަންދަރަކަށް ތިންހިޔަ ފަނަސް ނުވަތަ ތިންހިޔަ ފަސްދޮޅަސް ރުފިޔާ ލިބެއެވެ. ސައުދަހިޔަ ފަނަރަހިޔަމަހުގައި ހަންދަރެއް ކިރެއެވެ. ރިތްމަސްގަޑެއް ބައްދާލެވުނަސް އެވަގުތައް ހިތްފުރޭހާ ރުފިޔާ ލިބެއެވެ. ހަތްހިޔައަށް ހިޔަމަހުގައި ހަންދަރެއް ކިރެއެވެ. ހަމައެފަދައިންމެ ހަތަރު ރިޔަން ފަސް ރިޔަންހުރި ފެމުނެއްމެރިޔަސް އެއީ އަންހެން އެއްޗެއް ކަމުގައިވަނީނަމަ، ދެރުނބާ ތިންރުނބާ ތެޔޮލިބެއެވެ. ބައިމަނުތެލަށް ފަނަހަކަށް ރުފިޔާ ލިބެއެވެ. ފޮއިމަތީގައި މީންފަޅަކަށް އެރިބޮލިހިލިޔަސް ގެއްލިދާ ވަރެއްނުވާނެއެވެ. ބޮލި ހަންދަރަކަށްވެސް ފަނަހަކަށް ރުފިޔާ ލިބެއެވެ. އަދި އެންމެ މަޑިއެއް ހިފުނަސް އެކުދިކޮށް ބުރިކޮށް ކައްކާ ހިއްކައިފިއްޔާ ގެއްލިދާވަރެއްނުވާނެއެވެ. ގޮނޑުދޮށަށްގޮސް ނަނުއެއްލައިގެން މަހެއްބާނައި ލޮނުއެޅިއަސް ކޮންމެސް މިންވަރަކަށް އެއްޗެއްނުލިބިއެއް ނުދާނެއެވެ. މިއިން ކޮންމެ ގޮތެއްގައިވެސް މަސްކެއްކި ދިޔައެއީ ވަގުތުގެ ކާނާއެވެ. މަހާއި ކަށިތެޅިކުނޑި އެއީ ވިޔަފާރިއަށް މާލެގެންދާން ހުރިތަކެއްޗެވެ. ރައިވެރިބޭ: މަނިކާރޯއްޖާ މީތިޔަ ދުވަހެއްނޫނެވެ. މަހަށްފުރަން ކުޅަދާނަވަރުގެ ދޯންޏެއްނެތެވެ. ހުޅަނގުގައި ވައި އަޅުވާލަން ކެރޭވަރުގެ ރިއަލެއްނެތެވެ. ބުޅިޖަހާނޭ ދަގަނޑާ ތިމަރަ ހަމައެހާ ތަދެވެ. މިރަށުގައިވެސް ނައިބު ދޮންބޭ ގޯތީގައި ނޫނީ ރިޔާބައި ހަމައަށްހުރި ދޯންޏެއް ނެތެވެ. އޭނާ އަތޮޅުގެއަށް ތޫނުކަން ބޮޑުކަމުން އަތޮޅަށް ގެންނަ ރިޔާފޮތީން ބައެއްލިބޭތީ އެހެން ވިޔަކަސް ފަގީރުންކުރާނީ ކީއްހޭ؟ ރާރުއް: ތިޔަހުރިހާ ކަމެއް ތިޔަހެން ހުއްޓާވެސް އެހެނިހެން ގިނަމީހުންނަށް ރުއްތަޅައިގެން ނޫނަސް ކާންލިބެއެވެ. އާނއެކެވެ. ކަލޭ ކަހަލަ ބަރުހެލި އޮޑިމޯލަކަށް ހަރަކާތެއްހުރި އެއްވެސް ފުރާނައެއް އަތަކުނުވާނެއެވެ. އަހަރުންނަކީ ހުރިތާ ހުރެގެން މުލުގެ ޒަރީޢާއިން ބިމުގެ ތެތްކަމުންނާއި ފަނުގެ ވާޞިޠާ އިން ވައިން ކާންލިބޭ އަޅެއްކަމުން ހެލިފެލިވުމެއްނެތި ހުރިތާ ހުރެވޭ ގޮތަށް ހައްދަވާފައިވާ މަޚްލޫގެކެވެ. މިހެންވީމާ ކަލެއަށް އަހަންނަށް ހިތުހުރިގޮތެއް ހެދެނީއެވެ. އަހަރެންގެ އިޚްވާނުންގެ ތެރެއިން މިތާގައިމިވާ ހަމައެއްކުއްޖަކުވެސް ދަރިމައިވާކަށް ކަލޭ ދޫކޮށެއް ނުލަމުއެވެ. ރައިވެރިބޭ: އަހުރެން މިކުރާ މަސައްކަތުން ލިބޭ ފައިދާ ކުޑައެއް ނޫނެވެ. ހަވީރު ހަކުރު ބާގައަކުން ފަތުލި ހަކުރު ހަތަރު ގަނޑުހެދެއެވެ. އެއަށް ރުފިޔާއެއް ލިބެއެވެ.ހުތްހަކުރު ތިން ބާގަޔަށް ރުފިޔާއެއްލިބެއެވެ. އަދި ކޮންމެ ރުކެއްވެސް ދޫކޮށްލަން ބޭނުންވީމާ ރާބާލައި ހުތްއެޅީމާ ދެ އަޑުބަޔަށް ރުފިޔާއެއް ނުލިބޭ ދަތުރަކު މާލެ ނުފޮނުވަމެވެ. އަދި މަސްބާނާ ރަށްރަށަށް ފޮނުވީމާ ރިހާކުރުވެސް ލިބެއެވެ. ރާރުއް: ތިޔަހަދާ ހަކުރަކީ ހަމަ މިރާއްޖޭގެ ތެރޭގައި ގެންގުޅެވޭ އެއްޗެކެވެ. އެވިއްކީމާ އެވާގޮތަކީ އެއްޖީބުގައި ހުރިފައިސާ އަނެއް ޖީބަށް އެޅެނީއެވެ. މިހެންވީމާ އާމްދަނީއަކަށް ވާނީ ރާއްޖޭން ބޭރުން ލިބޭ އެއްޗެއް ނޫންހެއްޔެވެ. އަހުރެންގެ ވާހަކައަކީ އަހުރެމެންގެ އެންމެ ދުޝްމަން ރޭގަނޑަށް އުދުހޭ ކުޑަ ކުޑަ ކަޅުސޫފީގެ ކިބައިން ރައްކައުތެރިކޮށް ބަލަހައްޓަނީވިއްޔާ ތިޔަހަކުރަށްވުރެ މާބޮޑު ފައިދާކޮށްދޭނަމެވެ. މަހަކު ބޮންތިއެއް ފޮޅުވާނަމެވެ. ފަނެއް ބިމުޖައްސާނަމެވެ. އަދި ކާށި އިހަލެއްވެސް ދައްކާނަމެވެ. ބެއާއެވެ. ރަނގަޅަށް ވިސްނާށެވެ . 100 ކާށީގެ ބޮނބިން ރޯނު ފައުލާއެއް ވެށޭނެއެވެ. ދެފަނުގެ ފަންގެވަނުން ފަންގަޑެއް ފުރޭނެއެވެ. ކާއްޓާ ރޯނަކީ ބޭރަށް ގެންދެވޭ އެއްޗެކެވެ. މިހެންވީމާ މިތަކެތި ލިބޭ ގޮތަށް އަހަރުމެން ސަލާމަތުން ބައިތިއްބަނިކޮށް ކަލޭގެ ގޭތެރޭގެ ކުޑަކުއްޖަކަށްވެސް މިބުނި ފައިދާތައް ހޯދިދާނެއެވެ. ކުރީގައިބުނި މަސްވެރިކަމުގެ މަސައްކަތަށް ކަލޭ ވީއްލިހުރެވިދާނެއެވެ. ރައިވެރިބޭ: މިރުށްތައް ކާފަ އިންދާފައި މިހުރީވެސް ރާރުކަށް ހެދުމުގެ ގަސްދުގައެވެ. ގިނައިން އިންދީ އޮއިކާއްޓެވެ. އޮއިކާށި ނުލިބިއްޖެނަމަ ހަދާގޮތަކީ އިންދަންވީ ކާށިހެހި ބޮނބިގަޑުތެރެއަށްލައި ވަށައިގެން ފުރެއްދެލޮނުއަޅައި ރަނގަޅަށް ބަނދެފައި އިންދަނީއެވެ. މިހެންކަމުން މިތާގައި ހައްތަހާވެސް މިހުރީ ރާރުކެވެ. ކާފަ އެންމެފަހުން މިތަނަށްއައި ދުވަހު ފޮޅިފައިހުރި އެތްއެތުގެ އިހާވައްގަނޑު މީދާ ބުރިކޮށްފައިހުއްޓާ ފެނިގެން އަހުރެން ގާތުގައި ބުނެފައިވަނީ " ކުދީންނޭ މިތާމިހުރީ ހައްތާވެސް ރާރުއްއިނގޭ" އެވެ.ރާރުއް: ތިޔަ މަސައްކަތުން ކަލޭގެ ހަށިގަނޑަށްވާގޮތް ނިކަންދެކިބަލާށެވެ. އަބަދު އަހުރެން ގައިގާ އުނގުޅި އުނގުޅި، ކޮޅުބޮނބިލައިގެން ފެންވެރިޔަސް ގަޔަކުން ރުއްކަނދުވަހެއް ނުފިލައެވެ. ތާޒާއަވިނުލިބޭތީ ގައިގެ ކުލަ ރީނދޫވެ ދޮންފޫޑުވަނީއެވެ. މަދިރި ހަފާލެއްގިނަކަމުން މުޅިގައިގައި ބިހިނަގައި ހަންހީވަނީ ރުއްތޮށިގަޑެއްހެންނެވެ. ތެތްބިމުގައި އަބަދު އުޅޭތީވެ ތިޔަހަރީ ދެފައިގެ ފުންނާބު ފެޅިފައެވެ. ހީވަނީ ތޮއްޓަށް އެއްލި ރިތަކުގެ ފޫހެނެވެ. ބޭގެ އަންހެނުންނަކީ ކޮންކަހަލަ އުނި މީހެއްބާވައޭ ހީވެއެވެ. ގައިމުވެސް ހިއްސުތައް ސަލާމަތުން ހުރިމީހެއްނަމަ ކަލޭގެ ކައިރީގައި އެންމެ މިނިޓެއްގެއިރުވެސް ބަރުދާސްކޮށް ނުލެވުނީހެވެ. ރައިވެރިބޭ: އޮހޮހޯ! އަނބިމީހާއާ ނުޖެއްސޭ! އެއަކީ ވަހަކަށް ކުލައަކަށް ފަރުވާ ބަހައްޓާ މީހެއްނޫނެވެ. އިރުކޮއްތު ހަމައަށް ލިބިފައި އަދި ދޭތެރެ ދޭތެރެއިން ފުއްޕިހަކުރު ގުޅައަކުން ޖަހާލަނިކޮށް އޭނާ އިންނާނީ އުފަލުން އުތުރިއަރާފައެވެ. އަހުރެންގެ މިހިރަ ހިތިގެދޮށުގައިއެޅި މަށަންދަތިކަހަލަ ބޮޑެތިދަތްޕިލާވެސް އެ ބީނާ އަށް ފެންނަނީ ކައިބޮލުއަންނާރެއްގެ އޮށްތަކެއްހެންނެވެ. އަދި ރާއަކިރިގަނޑުއަޅާ ތަރާފަތުގައި ފަނިލައި ބޯންދީފިވިއްޔާ އެދުވަހަކު މާހެވެވެ. ދެންވާ އެހުންނަ އެހުކަމެއް ބުނުމެއް ނެތެވެ. ރާރުއް: މީގެ ކުރީގައި އަހަރުމެން އަޑު އަހަނީ ހަކުރުދެންޏާ ބޮޑުބޭބެއޭ ބުނާއަޑެވެ. ދެންކިޔާންވީ ހަކުދެންޏާ ލޯބިމަފިރިކަލުންތާއެވެ. މިހިސާބަށް ވާހަކަދިޔަތަނާ އިވުނީ ތަންކޮޅެއް ދުރުގައި ހުރި ރުކެއްގައި އޮތް މީހަކު ކީ ރައިވަރެކެވެ. އެއީ: " ޅިކުވަރެއްކަމުހަދާ ދިކުދިން ކުރަށުގެންގޮވާ ފިކުރާ ބުއްދި ހުންނަވާ ޑިކުޑި ކުޅަގޮތްބަލަ ނިގާ މިކުލައަލި ދުނިޔެއިން ބުހަމާ ހިކުމަތުން ކަތީބުހަމާ " މިއަޑު ހަމައިވުމާއެކުގައި. ރައިވެރިބޭ: ޅިޔަނާ ރައިވެރިކަން ކޮބާ؟ ރުކުގައިއޮތްމީހާ: މިއުޅެނީ ހަމަ މިއެތް ކަމުނުގޮސްގެންނެވެ. އެތުކޮޅުގައި ރާތިކިތައް ހުންނަނީ ކަކުނި ލޮލަށެވެ. ރައިވެރިބޭ: ގޮޑި ވަޅޯވަނީދޯ ! މަންތަރެއްހަދާލާ! ރައިވެރިބޭ: މީހަމަ ފުރަތަމަ ގޮލައެވެ. މިރުކަށް އެރިތަނާ ދަންނަކަން ބުނަންފެށީއެވެ. މިއީ ހަތްމަރު ކިޔަވައިގެން ހުރި ދަންނަބޭކަލެކެވެ. ރާރުއް: އަހަރެން ދަންނަކަން ބުނަނީއަކީނޫނެވެ. އަހަރެން ދައްކާހާވެސް ވާހަކައަކީ މިތާގައި މިހިރަ ރުއްތައް މަޑިނަގައި މަހަކު އެއްފަހަރުނަމަވެސް ރުއްކޮޅަށް އަކިރި ނުވަތަ ވެލިލައި ފަންފޫޖަހައި މީދާ އަރާ ރުށްރުކުގައި ފަތްއޮޅާ ބަލަހައްޓަނީވިއްޔާ ތިޔަކުރާ ރައިވެރިކަމަށްވުރެން ދެބައި ފައިދާ ބޮޑުވާނެއެވެ. މިތަން ކާށިކުރާން ދޫކޮށްލައިފައި ބަހައްޓައިފިއްޔާ ކުޑަވަރެއްގެ ފަޅުރަށަކަށްވުރެން ދެރައެއްނުވާނެއެވެ. އަހަރުމެންނަކީ އުމުރުން 7 އަހަރު 8 އަހަރުއްސުރެން އެއްޗެތި ލިބެމުން 100 އަހަރާ ހަމަޔަށް ދާނޭ ބަޔަކީމުއެވެ. ރައިވެރިބޭ: އަހަރުމެން އަނގައިގައި ފޮނިރަހަލިޔަނުދޭން ތިޔަކަހަލަ ވާހަކަ ދައްކާނޭ ކަމެއްނެތެވެ. މަށަށް މިމަސައްކަތް ހުއްޓައިގެން ވާކަށެއްނެތެވެ. އަހަރެން ގެންގުޅެ ބޮޑުކުރި އުސްމާންކަލޭގެފާނު މަރުބަލީގައި އޮވެފައި އަހުރެންގާތުގައިބުނީ ދަރިފުޅާ ކޮއިފުޅާއެވެ. އަނބިދަރީން ގޮވައިގެން ކައި، ދުފައި އުނުއަނދެ އުޅޭން ދަތިވެއްޖިއްޔާ އަވަހަށް ރުއްހިންނާށެވެ. އެބަސް އަހުރެން ކަންފަތުގައި ހަމަ ދެންމެ އިވުނު އަޑެއްހެން ހަރުލާފައި އެބަހުއްޓެވެ. ރާރުއް: އާނ! ކަލޭމެންނަކަށް ތިމަސައްކަތް ހުއްޓައިގެން ދުނިޔެއަކު ނޫޅެވޭނެއެވެ. ވަލުތެރޭގައި ގިނައިން އުޅެވޭނެގޮތް މެދުވެރިވީވަރަކަށް ކަލޭމެން ގަޔާވުން ބޮޑުވާނެއެވެ. ތިޔަގޮތަށް ތިޔަބައިމީހުން ރުށްއަރާހާ ހިނދަކު މިރަށު ވަލުން ބޮނބިފުނިފުނި ފެނުމާއި ކުރުނބާބުއި އުނބުތައް ފެނުމެއް މަދެއްނުވާނެއެވެ. ކޮންމެ ދުވަހަކު ކާޑުގޭ ދޮށަށް ގެންގޮސްފައި އެހުންނަ ރާބޮނބިތަކަކީ ކަލޭމެންގެ އަތުމަސައްކަތެވެ. ލައިގެން ތިޔަހަރަ ގަމީސްބުރީގެ މޭމަތީގައި އެހެރަ ލައްގަޑަކީ މޭގައި ޖައްސައިގެން ކުރުނބާ މަށާކަމުގެ އަލިވެގެންވާ ދަލީލެކެވެ. ތިޔަކަހަލަ ކިތައްމީހުންހޭ ވަލުން ވައްކަން ކުރިކަންސާބިތުވެގެން ރުއް އެރުން މަނާކޮށް ވަލަށްނުވަންނާން ވެފައިއެތިބީ ކަލޭމެން ތިޔަގޮތުގައި އުޅޭހިނދަކު މިރަށުވަލުން ވައްކަން ކުރުމެއް ނުހުއްޓޭނެއެވެ. އަދި މީހަކުވެސް ގިނަ ފަހަރަށް ނުހިފޭނެއެވެ. ރައިވެރިބޭ: ވައްކަމޭ ތިޔަވާހަކަ އިހަށްބާއްވާ، އެހެންޏާ ކަލޭމެންނަށް ތިޔަ ފެންނަނީ އަހަރެމެން ކުދިން ބަނޑުހައި ހޫނުގައި ތިބެފައި ކާލާ ކާއްޓަކާ ބޯލާ ރާފޮދެކެވެ. ކާޑުގެ ތަކުގެ ތެރޭގައި އުޅޭމީހުން ކުރާ ކަންތަކެއް ނުފެނެއެވެ. ކިތަންމެ ފަގީރަކުވެސް ދުވަސްކޮޅަކު ކާޑުގޭގައި އުޅެލާއިރަށް އޮޑިދޯނި ފަހަރު ހޯދައި ގެ ފައްކާކުރެއެވެ. ހިންގާ ވިޔަފާރިއެއް ކުރާ އަތުމަސައްކަތެއް ނުފެނެއެވެ. ފެންނަނީ ބޮޑު މުއްސަންޖަކަށް ވެފައި ހުއްޓައެވެ. ދުވަސް ދުވަސްކޮޅުން އިވޭ އަޑަކީ ކާޑު ގެއިން މިތައްސަތޭކަ ރުފިޔާ ގެއްލިއްޖެ އެތައްކާޑެއް މަދުވެއްޖެ، މިވެނި ފަހަރަކު ކުރި މާލެ ދަތުރުގެ ހިސާބެއް ހަމައެއްނުޖެހުނު. އެކަހަލަ ވާހަކަތައް އަންހެނުން ދައްކާ އަޑެވެ. އަހަރެމެން ކުދީން މުޅިއުމުރުގައި ކޭކާއްޓަށްވުރެ އެމީހުންގެ އެކިއެކި ދަތުރުގައި ކޮށްލާ ގެއްލުން މާބޮޑުވާނެއެވެ. އަހަރުމެން ރައްޔިތުން ކުރާ މަސައްކަތް ގެންގޮސް އެތަނަށް އެޅީމާ އޭގައި ހުރިހާ ފޮނިކޮޅު ބޯލަނީ އެމީހުންނެވެ. އެންމެރަގަޅެވެ. ކާޑުގެއަށް އަތްފޯރާ މީހުންނަށް އެތާގައިހުރި ތަކެއްޗެވެ. ވަލުގައިހުރި ތަކެތި އަހަރުމެންނަށެވެ. ތިޔަފޮތުން ފެއްޓަސް ކީޅެމެއް ވިއްޔާ އުސޫލެއް ކިޔާދޭނަމެވެ. އަހަރުމެން މުސްކުޅިވެ ބޮލުމެދުން އިސްތަށިވެރި ފޭރާދަތް ދިގުވެފައި އަބަދު ރުކުކުރީގައި އޮންނާތީ އެއްވެސް ޚަބަރެއް ދަބަރެއް އަހަންނަކަށް ނޭގޭނެ ކަމަށްހޭ ތިޔަހީކުރަނީ، ހައްތަހާވެސް އަހަރެން ނުބަލާ ކިޔާ ދެފުށުގައި ކެލާޖަހާފައިހުރި ފިލާވަޅުތަކެވެ. މިހާރު މާލޭގައި ރެޔާ ދުވާލު އެންމެ ގިނައިން ހިގާ ޝަރީޢަތަކީ އަތޮޅުވެރިންނާއި ޖަމިޢްޔާ އާއި ނުވަތަ ރަށުގެ ވެރީންނާއި ކާޑުގެއާ ދެމެދުގައި ހިނގާފައިހުރި ކަންތައް ތަކެވެ. ރާރުއް: ބޭ ތިޔަހީކުރަނީ ކަލޭމެން އަބަދު ވަލުން ރާބޮއި ކުރުނބާއަޅާ ހަދާތީ އެންމެންވެސް އެގޮތަށް އުޅޭނެ ކަމަށް ހެއްޔެވެ. އެންމެންނަކު ތިޔަހެނެއް ނޫޅޭނެއެވެ. ރާވެރިބޭ: ރަންކޮޅާ ދެލޯފުޅާ ދުލުގައި ހިފައިގެން ނުދަމާށެވެ. ފަހަރުގައި ކަށިނެތް ދޫ ހަލުވައިލެވިދާނެއެވެ. ވިހޭ ރަށުގައި މަރުގަންނަވަތްތޯ އަހަރެން މިހުންނަކީ ތިޔަ ޒާތުގެ ވާހަކައިން ހައްޕުކިޔައިގެންނެވެ. މިދާކަށްދުވަހު ތިޔަހެދި ޖުމްހޫރިއްޔަތެއްތޯ ރުއްހޫރީއަކަށް ރަށްރަށުން މާލެ ގެންދިޔަ މޭވާ އާއި އަދި އެހެނިހެން ތަކެތީގެ އަގުވެސް އަދި ހަމައަކަށް ރަށަކަށް ނުލިބެއެވެ. އަދި މާލެއިން ރަށްރަށުގެ ފަގީރުންނަށް ބަހާން މާލޭން ގެންދިޔަ ކާބޯތަކެތިވެސް ބައެއްއަތޮޅުގެ މީހުންނަށް ލިބުނު ކަމަކަށް ނުވެއެވެ. ކޮނުނު ކޮނުނުހެން ފަސްގިނަވާނެއެވެ. ވާހަކަ ދެއްކުވި ވަރަކަށް އަހުރެން މިހުރީ ދައްކާށެވެ. ބުނަންއޮތް އެއްޗަކީ އިހަށް އެދުރު ދެއްކިގޮތަށް ފަހުން އެދުރު ކަންކުރީއެވެ. ރާރުއް: މިހާރުދެންތިޔަ މައުޟޫން ބޭރުވަނީއެވެ. ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއްނުގޮވާށޭ ބުނާ އަޑެއް ބޭ ނާހަމުހޭ އަހުރެންގެ ވާހަކަ ނިންމާލާނީ އަހުރެމެންގެ ހުރިފައިދާގެ މައްޗަށް އެކުލެވިގެންވާ ވާހަކައަކުންނެވެ. މުޙީޠުލް ހިންދު ގެ ރަށްތަކުގައި ދަތުރުކުރެއްވި ސައްޔާޙަކު މި ކަނޑުގެ އެއްޖަޒީރާއެއްގައި އުޅުއްވުމުގެ ތެރޭގައި ހިޔަލަކަށް ބޭނުންފުޅުވެގެން މިތާގައި ހުރި ކުދަވަރެއްގެ ގެއެއްގެ ކައިރީގައި މަޑުކޮށްލައްވައިފިއެވެ. ރަގަޅަށް ބައްލަވާލެއްވިއިރު މިތާގެ ވަށައިގެންވަނީ ކަދުގަޑު ތެދަށްހުރި ކުރިގަޑުގައި ފެހިކުލައިގެ ރީތި ފަންތަކެއްހުރި ރުށްތަކެކެވެ. މި ރުށްތަކުން މުޅިމިތަންވަނީ ހިޔާ ލިބިފައެވެ. ދެން މިގެއާ ކައިރިވެލެއްވި ހިނދު މިގެއިން މީހަކު ނުކުމެ ސަލާމްކޮށް މަރުޙަބާ ދަންނަވާ އަދި މިތާހުރި އުނދޯއްޔެއްގައި އިށީންނަވާން ދަންނަވާފައި ދެން އައީ ކަޅުކުލައިގެ ބޭރު އޮފްގަދަ ކަންވާރެއްގައި ހުރި ސަރުބަތަކާއިގެންނެވެ. ދެން މި ސައްޔާޙް މި ހިއްޕެވިއިރު މިއީ ކުޑަ ހުތްރަހައެއްހުރި އަނގަހިއްކުން ފިލުވާ ހިތްއެދޭ ބުއިމެކެވެ. ދެން ކުޑައިރުކޮޅަކު މިތާގައި އަރާމުކޮށްލެއްވުމަށްފަހު ކޭންބެއްލެވުމެއް ދިނުމަށްއެދި ނަންގެންފިއެވެ. މިކަން ގަބޫލުކުރެއްވުމުން ފުރަތަމައަށް ގެނައީ ދޮންކުލައިގެ ބޭރު އޮމާން ކަންވާރެއްގައި ހުރި ވަރަށް މީރު ރާއެކެވެ. މި ސައްޔާޙް މިފަދަ ރަލެއް ދުވަހަކު ނުހިއްޕަވާ ކަމުގައި ވިއެވެ. ދެން ގެނައީ ވަރަށް ގިނަދުވަސްވިޔަސް ހަލާކުނުވާ ގޮތަށް ހަދާފައިހުރި ހަލުވާއެކެވެ. މިތަކެއްޗާމެދު މިބޭކަލަކު ހައިރާންފުޅުވެ ބުނުއްވިއެވެ. ކަލޭ ތިޔަހާ ފަގީރަކަށްވުމާއެކު މިހުރިހާ ތަކެތި ހޯދީ ކޮންތާކުން ހެއްޔެވެ. އޭނާ ދެންނެވިއެވެ. މިހިރަ ރުކުންނެވެ. ފުރަތަމައަށް ގެނައި ޝަރާބަކީ މިރުކުގެ މޭވާ ރަގަޅަށް ފައްކާނުވެ ހުންނައިރު އޭގެތެރޭގައި ހުންނަ ފެނެވެ. މި ކެއުމުގެ ތެރޭގައި އެހުރި ކިރަކީ މިރުކުގެ މޭވާ ރަގަޅަށް ފައްކާ ވުމަށްފަހު އެއިން ނަގާ ކިރެވެ. އަޅުގަނޑުމެންގެ މިހުރިހާ އެއްޗެހި ކައްކާ ދަރަކީ މިރުކުގެ އޮއްޓާއި ފަނެވެ. އެއިރު އެގެނައި ރާފޮދަކީ މިރުކުގެ މަލުން ނަގާ ދިޔައެވެ. އަދި މިދިޔައިން އަޅުގަނޑުމެންނަށް ބޭނުންވާ ހަކުރު ތައްޔާރުކުރަމުއެވެ. މިގެއިން ތިޔަ ދެކިލައްވާ ކަންވާރާ ސަމްސަލަކީ މިރުކުގެ މޭވާގެ ތޮއްޓެވެ. އަޅުގަޑު މިހުންނަ ގެއަކީވެސް މުޅީން މިރުކުގެ ތަކެއްޗެވެ. މިގޭގެ ބިތް މިހިރީ މިރުކުގެ ލަކުޑިންނެވެ. މިގޭގެ ފުރާޅުމިވަނީ މިރުކުގެ ފަނުގެ ވިޔުމުންނެވެ. އަޅުގަޑު ހިފައިގެން މިހިރަ ކުޑައަކީވެސް މިރުކުގެ ފަނެވެ. ގައިގާ މިވާ ފޭރާމަކީ މީގެ ކިފުޅީގެ ރޮދިން ވިޔެފައިވާ އެއްޗެކެވެ. މިރުކުގެ ސާމާނުން އަޅުގަޑުމެން ގެންގުޅޭ ހަލަންޏާއި އެނދުގައި އަޅާ ކުނަލާއި ތަންމައްޗާއި އޮޑިފަހަރުގެ ރިޔަލާއި ވާވެލާ ވެއްޔާއި ތައްޔާރުކުރަމުއެވެ. އަޅުގަޑުމެން ވޮށްދިއްލާ ތެލަކީވެސް މިރުކުގެ ފައްކާ މޭވާގެ މަދުން ނަގާ އެއްޗެކެވެ. އަދި މިނޫންވެސް ކިތަންމެ ބޭނުންތަކެއް ބޭސްވެރިކަމުގެ ގޮތުންނާއި އެހެން ކަންކަމުގައި ފުދެއެވެ. ދެން މިސައްޔާޙް މިކަމުގެ މައްޗަށް ހައިރާންފުޅުވެ އެހެން ރަށަކަށް ދަތުރުކުރައްވާނޭ ވާހަކަ އެންގެވުމުން ގޭގެވެރިޔާ ދެންނެވިއެވެ. ތިޔަ ރަށުގައިވާ އަޅުގަޑުގެ ރައްޓެއްސަކަށް ސިޓީއެއް ގެންގޮސް ދެއްވައިފާނުތޯއެވެ؟ ދެން މިކަމަށް އިޖާބަދެއްވައިފައި ބުނުއްވިއެވެ. ދެއްޔާ ކަރުދާހާ އެބަހުރި ހެއްޔެވެ. ގޭގެވެރިޔާ ބުނެފިއެވެ. އަޅުގަޑުގެ ކަރުދާހަކީ މިރުކުގެ ފަނެވެ. ގަލަމަކީ މިރުކުގެ ލަކުޑީގެ އެތިކޮޅެކެވެ. މިހެންކިޔާ ބޮންތި ފަންވަތެއްގައި ތުޑުފޭހިފައިއޮތް ވަކަރުކޮޅަކުން ސިޓީލިޔެ އެބޭކަލަކު އަތްޕުޅަށް ދީފިއެވެ. ދެން މިކަމާ ހައިރާންފުޅުވެ ރަގަޅަށް ވިސްނަވާލެއްވިއިރު މިއިންނެވި އުދޯއްޔަކީވެސް މިރުކުގެ އޮށިން ހަދާފައިވާ މަސަންދެކެވެ. ދެން ރަގަޅަށް ބައްލަވާލެއްވިއިރު މިތާގައި އިށީންނަން ހަދާފައި ހުރިތަންތަނަކީވެސް މިގޮތުން ހަދާފައިހުރި ތަންތަނެވެ. މިހިސާބަށް މިވާހަކަދިޔައިރު އަރައިގެން އައި އިރު ގަސްކަރައިން ނެއްޓި ރައިވެރިބޭގެ ކަންފަތަށް އަވި އަރައްޖެއެވެ. ދެން ކުއްލިއަކަށް މަތިބަލާލާފައި ރައިވެރިބޭ: އަދުވާ ވެއްޖެއެއްނުން މިހާރު ދަމަކަށްވުރެ މައްޗަށް އިރު އެރީވިއްޔާ. އަދި މިއަދު ރުށް އަރާ އަވަދިވެގެން ކޮންމެ ރައިވެރިއަކު ކާޑުގޭދޮށަށް ވެލިގޯންޏެއް ގެންނަންވެސް ވަނީ އަންގާފައެވެ. ދެން އަވަސްއަވަހަށް ފައިބަމުން އައިސް ދެތިން ހަރުގަނޑަކާއި ހަމައަށް ފޭބިއިރު މަގުގެ ކޮޅުން ފެންނަނީ ޒިޔާރަތްދޮށުވަޅުން ފެންހިފައިގެން ބޮލުގައި ބަނޑިޔާ ބަހައްޓައިގެން އަންނަ ދެއަންހެން ކުދިންނެވެ. ދެން ރައިވެރިބޭ ކަޅިޖަހާނުލައި ސަމުގާގެ މާގަނޑު ގަހާއަށް ހުއްޓިފައި ހުންނަހެން ބަލަހައްޓައިގެން ހުއްޓާ ކައިރިވީއިރު ވައަތްފަރާތުގައި ފާސްކުރި ހެދުން އަޅައި ޒިންކު ބަނޑިޔަލެއް ބޮލުގައި ބަހައްޓައިގެން އެއަންނަނީ ނައިބު ދޮންބޭގެ ހަމީދާއެވެ. އަނެއްފަރާތުގައި ފޮތިބޯވަޅުއެޅި ލިބާހެއް ލައިގެން އެހުރީ މުދިމުގޭ ދޮންހައްވައެވެ. އެކުދިން އެއްނަނީ ހުސްހަރިބައި ކަމުގެ ގޮތުންރޭގައި އެކުއްޖަކަށް ލިބުނު ޚަބަރެއްގެ ވާހަކަ އަނެއް ކުއްޖަކަށް ފިލުވާ ދެމުން ހެމުން މަޖާ ކުރަމުންނެވެ. ތަންކޮޅެއް ކައިރިއަށް އައީމާ: ރައިވެރިބޭ: އައްދޭ ތިޔަކުދިން ހާދަ އުފަލެއް ތިޔަކުރަނީ ތިން ދިހަ ރޯދަ ޢީދު އެއްފަހަރާ އައީދޯ؟ ހަމީދާ: އާނ! ރޭގައި ރަންކޮޅު ދަލޭކަ ގޯތީ ގޮއްޔެ ހުއްސަރިބައިވެގެން އެކަމުގެ އުފަލޭ މިކުރަނީ. ރައިވެރިބޭ: ވަރަށް ހިނިއައިސާ، އެކަމާ ކަލޭމެން އެހާ އުފަލެއް ކުރަންވީ ކީއްވެތަ؟ ދޮން ހައްވަ: އެވާ ދޮގެއްނޫން! އެކަމާ އުފާ ކުރަންވީ ރައިވެރިބެއެއްނުން! ރައިވެރިބޭ: ތަނެއްގައި މީހަކު ހުއްސަރިބައި ވިޔަކަސް މަށަކާ ކޮންކަމެއްތަ؟ ދޮންހައްވާ: ތިޔަކަމެއްނޭގެ! އެގޮއްޔެއަށް ވަލުގައި ކުރުނބާ ބޯންދީ ގަބުޅި އަޅާދީ އަދި ބޮޑި ފިހާނެ ހަކުރުދީ ހަދަނީ ރައިވެރިބެއެއްނުން. ހަމީދާ: ބަލަ އަހަރުމެން ނުދެނަހުރި ކަމެއްތަ؟ އަހަރުމެން ގޭގައި ކަނޑޫ ކަހައިދޭން އިދެފައިވެސް އެތާތިބިމީހުން އެގޮއްޔެ ލައިގެން ހުރި ލިބާހެއްގެ ރީތިވާހަކަ ދެއްކީމާ ބުނީ މީ ރައިވެރިބޭ ގަނެދިން ލިބާހެކެވެ. ރައިވެރިބޭ: (ވަރަށް ހިނިއައިސް އެސްފިޔަ ތަޅައިގެންފައި އަދި ކުޑަކޮށް ސޮނިފޭބީމާ ގަމީހު ފަސްބައިން ފޮހެލާފައި) ނޫނޭ މަށެއް އެގޮއްޔެއަކަށް އެއްވެސް އެއްޗެއް ނުދެން އަދި ރައްޓެއްސެއްވެސް ނޫން ހަމީދާ: ތިޔަކަމެއްނޭގޭ. އިހަށްރޭވެސް އެގޮއްޔެ ފިހުނު ބޮޑިއެއް ރައިވެރިބެއަށް ކާންދިނޭ ކިޔައިގެން ހިޔަލަ ދައިތަ ޗުކުޗުކު ލައްވާ އަޑުއިވުނު. ރައިވެރިބޭ: ތިޔަހަރީ އެއްވެސް ކަންތަކެއްނޫން. މިހާރު ގޭގައި ރަހަލާ ދުންފަތް ތަންކޮޅެއް މަދުވީ. ވިޔަފާރި ދޯންޏެއް ލެފީމާ ރަގަޅު ތަނޑުފަލަ ރަހަލާ ދުންފަތް ކެއްޓެއްގަނެގެންގޮސް ގެއަށް ލަނިކޮށް ތިޔައިން އެއް އަޑެއްވެސް ނީވޭނެ. ހަމީދާ: ތިޔަގޮތަށް ދެކޮޅަށް ޚަރަދުކުރަން ހަދައިގެން މިހާރު ބަންނަން ފަށާފައި އެހެރަ ދޯނިގަޑުވެސް ރައިވެރި ބެއަކަށް ނުބަދެވޭނެ. މުސްކުޅިވީމައި ދެން އެމަޑުމަޑުން ތިބެންވީއެވެ. ރައިވެރިބޭ: (ރުހުމުގެ ގޮތުން ކަޅިއަޅައިގެންފައި) މީ ހާދަހާ ވައްތަރެއްގެ ވާހަކައެއް ދައްކާ ހަމީދަލެކެވެ. ދެން އެކުދީން ހިގައިގަތީމާގޮސް އޮބާންދެން ކަޅިޖަހާ ނުލައި ބަލަހައްޓައިގެން ހުރެފައި، ފުރަގަހަށް މާބޮޑަށް އަތްހޫރާފައި ފިނދު އަނބުރަމުން އެހިނގައިގަތީ ދެން އަރާންއޮތް އަނެއްރުކާދިމާއަށެވެ. އާދެ! އަޅުގަޑުގެ ވާހަކައަކީ މިހާރު ރަށްރަށުގައި ރައިވެރިކަން އެކުރާ ގޮތަށް ކުރުމަށްވުރެ ރުށްރުށް ކާށި ކުރުމުގައި މާ ފައިދާ ބޮޑުވާނެއެވެ. މިކަމުގެ އިންސާފު ކުރެއްވުން މިކަމަށް ވިސްނަވައި ބަހުސްކުރައްވާ ބޭކަލުންނަށް ދޫކޮށްލައިފީމެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ kiyuntheriyaa, 2009-03-31 16:38:25
fanvathuge ehen evves liyumeggai nehhaiginain aa adhi nudhanna basebahuri miliyumugai. alhe ebasbahuge maana liyeladevvaanenama.
...
ލިޔުނީ www.fanvai.info, 2009-03-31 20:55:25
dhevvi khiyaalahtakai varah shukuriya.. iraadha kurevviyyaa dhedhuvahehgethereygai thiya ma*sala varah furihama gothugai hamajeheyne. fanmaafaanun maana genaumuge ithurah baeh foto ves beynunvey.. ehenv ma ekan egothuga kuriyah dhaane. inshaa Allah.varah shukuriyya
...
ލިޔުނީ alif noon, 2009-04-04 15:23:23
fengulhi mi lafuzuge maanaigai "beyfen alhaafai hunna ethi" mihn liye vifai evanee olhi gen thoa? .nama vs miliyumuge sababun varah gina aa bas thakeh dhas vejje.ekamattakai varah bodah shukuriyya.
...
ލިޔުނީ alif noon, 2009-04-04 15:29:33
raa dhandi gandu gai ufulanee badi thoa? nunee badhi thoa?.mifadha maanathah liyuvvaa iru kuh filuhvvumah fahu shaairu kurun buhdhi veri. ehnnun kamah vaanama dhas kuraa kudhinnah bahuge hageegee maana olhu makee vs ekashee genvaa kameh.ehnnun thoa?
... ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2009-04-04 17:16:18
އަލިފު ނޫނަށް ވަރަށް ބޮޑަށް ކުޝުކުރު ދަންނަވަމެވެ. ލިޔުމުގައިވާ ދެ އަތުކުށެއް ފާހަގަ ކޮށްލައްވައި، އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވީތީ އެވެ. މިހާރު އެކަން އިޞްލާޙު ކޮށްލެވިފައިވާނެ ވާހަކަ ދަންނަވަމެވެ. ކުށްނުލައި ލިޔުންތައް ހުށަހެޅުމަކީ އަޅުގަނޑުމެން ވަރަށް އިސްކަން ދޭކަމެކެވެ. އެހެންނަމަވެސް، ބައެއް ފަހަރަށް އަތްދަށުން ދާގޮތްވަނީ އެވެ. މި ކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ. އަދި ތިޔަ ދެއްވި އެއްބާރުލެއްވުމަށްޓަކައި، ޝުކުރު ތަކުރާރުކޮށްލަމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|