މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްކުޅިޔަކު ޒުވާނަކަށް ވީގޮތް |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 15 އެޕރީލް 2009، 02:30 ބުދަ | |||
|
ޅޮހީ ޢަބްދުއްރަޙީމު/ މަނަދޫގެ އާންމުކޮށް އަޅުގަނޑުމެން އަޑުއަހަނީ އަބަދުވެސް އިންސާނުން ދުވަހަކަށްވުރެ ދުވަހެއް ގައިބާރުދެރަވެ މުސްކުޅިވާ އަޑެވެ. ނަމަވެސް މިފަހަރު މުޅީން ޚިލާފެވެ. މިފަހަރު އަޅުގަނޑު ތިޔަބޭފުޅުން ނަށް މި ގެނެސްދެނީ ދާދި މިދާކަށް ދުވަހު ރާއްޖޭގެ ރަށެއްގައި އުޅުނު މުސްކުޅިޔަކު ޒުވާނަކަށް ވީގޮތުގެ ވާހަކައެވެ. ނަމަވެސް މަޞްލަޙަތަށްޓަކައި އަޅުގަނޑު މިވަނީ ރަށާއި މީހުންގެ ނަން ހިސާބަކަށް ބަދަލުކޮށްފައެވެ. ކޮންމެއަކަސް ވާހަކައިގެ ފޮނި މީރުކަމާއި ތިޔަބޭފުޅުންނާ ދެމެދުގައި ވާ އުނދުޅިޔަކަށް ވާކަށް އަޅުގަނޑު ނެތީމެވެ. ކުރިޔަށް ވަޑައި ގަންނަވާށެވެ.ޅޮހީ ދޮން އައްޔަކީ މިފަހަރު ކަތީބެކެވެ. ހީވާގި ކެރޭ ކަތީބެކެވެ. އަތޮޅުގައި ނަން ހިނގާ "ޅޮހީ ބަނޑިޔާކުލަބު" ގެ ރައީސެވެ. އުމުރުން ފަސްދޮޅަހުގެ އަހަރުތަކަށް ގޮސްފައި ވެއެވެ. ޙަޔާތުގެ އިރު އަސުރުން ތިރިވެ، ހަތްދިހައިގެ އަހަރުތަކުގެ ކަނޑަށް ގެނބެން ކައިރިވެފައި ހުރި އަދިވެސް ނިކަން "އަތްފައި ހަލުވި" ކަތީބެކެވެ. ދިވެހިރާއްޖެއަށް މިއައި ސިޔާސީ ބަދަލުތަކާއި ދުރުގައި އުޅުއްވި ވިސްނުންތެރި ހަރުދަނާ ކަތީބެކެވެ. ކޮންމެއަކަސް އަލަށް އުފެދުނު ކަންތައްތަކުގެ ތެރޭން ދޮންއަލީ ކަތީބުގެ ހިތުގައި ޖެހޭ ކަހަލަ ޚަބަރެއް ރޭޑިޔޯތަކާއި ޓީވީތަކުން މެދުނުކެނޑި އިވޭން ފަށައިފިއެވެ. ފަސްދޮޅަސް ފަސްއަހަރުން މަތީ މީހުން ވަޒީފާއިން "ކަނޑާލާފާއި" "ގެޔަށް" ފޮނުވާލާ ޚަބަރެވެ.ދޮންއަލީ ކަތީބު މިކަމާއި ވަރަށް ހިތާނުވެ އަޅުވަށީގައި(ހޮޅުއަށި) މިވާހަކަ ދައްކަން ފަށައިފިއެވެ. އެހުރިހާ ދުވަހު އިޚްލާޞްތެރި ކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރީމާ ދޭންޖެހޭ އިނާމަކީ މިއީތޯ ސުވާލުކޮށްވެސް ހަދައެވެ. ވާނީވެސް އެހެންތާއެވެ. ގިނަދުވަހު އަތުގައި މެކުނު އެއްޗަކަށް ހިތުގައި ނިކަން ގަދަޔަށް ހަމްދަރުދީ އާއި ލޯބިވެސް އުފެދޭނެތާއެވެ. ބޮޑެތި ބަނޑު އޮޑި ގެންގުޅޭ މީހުންވެސް ގިނަދުވަހު އެ ގެންގުޅެފައި އެ ވިއްކާލަނީ ކަރުނަ އަޅާ ހާލުގައެވެ. އެއީ އަކީ ހިތާމައިގެ ކަރުނައެއް ނޫނެވެ. ނަމަވެސް އެއީ އެއެއްޗެއްގެ މައްޗަށް ޖެހިފައި އޮންނަ ގަދަ ކުލުނާއި ލޯތްބެވެ. ދޮން އަލީ ކަތީބަށްވެސް ވީ މިހެންނެވެ. މިކަމާއި ވިސްނާ ފިކުރުކުރީއަކީ އަމަށަކު ވަރަކަށް ނޫނެވެ. ބައެއް ރޭރޭ ރަނގަޅަށް ލޮލުފިޔަޔެއްވެސް ޖަހާނުލެވެއެވެ. މިހެން އުޅެނިކޮށް އިންތިޚާބަށް ވޯޓުލާ ދުވަސް ކައިރިވާން ފަށައިފިއެވެ. ހަމަ އެދަނޑިވަޅުގައި ވޯޓުލެވެނީ އައިޑީ ކާރޑު "މުސްކުޅިކަމުން" ކޮމްޕިޔުޓަރ ކުރި އެއްޗަކަށް ބަދަލުކުރީމާ ކަމަށް އިވެން ފަށައިފިއެވެ. މިއާއެކުގައި ދޮންއަލީ ކަތީބަށް މޮޅު ބުއްދިއެއް ފައިދާވެއްޖެއެވެ. އައިޑީކާރޑު ގެއްލުނީ ކަމަށް ހަދާފައި އުފަންދުވަސް ބަދަލުކޮށްލައިގެން އާ ކާޑު ހަދާލީއެވެ. މިޔާއެކުގައި ދޮންއަލީ ކަތީބުގެ ބިރު ފަހަނައަޅައި ހިނގައްޖެއެވެ. ވަޒީފާއާއި މެދު އެއޮންނަ އިތުބާރު ބޮޑުވެ ކުރިން އެ ފެންނަ ޗާލާކީ ކަން މޫނުމަތިން ފެންނަން ފަށައިފިއެވެ. ނަމަވެސް ޒުވާންކަމަކަށް ބަދަލެއް ނާދެއެވެ. ޒުވާންވީ އައިޑީ ކާރޑެވެ. އޭގައި އޮތް ގޮތުން ވިއްޔާ އަދިވީ ފަންސާހަކަށް އަހަރެވެ. މިކަން ދެނަހުރި މީހުން މިކަމަށް ވަރަށް ފާޑުކިޔާ ހަޖޫވެސް ޖެއްސެވެ. އެކަމު ކުރީ ޒަމާނަކީ އުފަންދުވަސް މާބޮޑަށް ރައްކާކޮށްގެން މިކަމުގެ ރެކޯޑުތައް ބަލަހައްޓާފައިވާ ދުވަސްވަރަކަށް ނުވާތީ އެގަހު ކޭލޭއް މިގަހު ކޭލެއް ވަކިވަނީއެއް ނޫން ވިއްޔާއެވެ. އަދި އުފަން ދުވަސް ބަދަލު ކޮށްލުމަކީ ވެސް މާ ބޮޑު މައްސަލައެއް ނޫންވިއްޔާއެވެ. ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވެ އެއެރި ގަދަ ވައިގައި ވެރިކަމުގެ ހުންގާނުގެ މިސްރާބު ބަދަލުވެ ނުއަތަށް "މޮއިވަރު" އަޅަން ފަށައިފިއެވެ. ފަސްދޮޅަސް ފަސްއަހަރުން މަތީ މީހުންނަށް އެލަވަންސް ދެއްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން ދޮންއަލީ ކަތީބުގެ ހިތުގައި ޖެހުނެވެ. " ނޫނެކޭ. ތިމަންނާއަށް މިއެޅުނީ ވަރަށް ޅަ އެއްޗެކޭ. މުސްކުޅިވެ ގައިބާރު ދެރަވީ ދުވަހު ގައިގައި ނެތް ޒުވާންކަން ދައްކައިގެން މަސައްކަތް ކުރުމުން ގައިގެ ސިއްހަތު ދެރަވެ ބަލިކަށިވުން ނޫން އެހެން ކަމެއް ނުވާނެއެވެ. ގައިމު ކުރީން ހުރި ގޮތަށް ހުރި ނަމަ އެލަވަންސު ލިބި ކުރިޔަށް އޮތްތަނުގައި އަމިއްލަ ހާލައިގެން ކާފަ ދަރީންގާތު ހުރެވޭނެ ނޫން ހެއްޔެވެ.؟" ދޮންއަލީ ކަތީބު ބަލާކަށް ނުހުރެ މި މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ. އުފަންދުވަސް ބަދަލު ކުރުމަށް ކޯޓު އަމުރެއް ހޯދުމަށެވެ. ކޯޓުން ހޯދި ހޯދުންތަކާއި ހެކީންގެ ހެކިބަހުންވެސް ބުރަވަނީ ދޮންއަލީ ކަތީބުގެ ކޮޅަށެވެ. ދައްކަނީ ފަސްދޮޅަސް ފަސް އަހަރަށްވުރެ މަތިވާނެ ކަމަށެވެ. ކޮންމެއަކަސް ދޮންއަލީ ކަތީބު އަވަސް އަވަހަށް މާލެއައިސް އައިޑީ ކާރޑު އިޞްލާޙު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފޯމު ހުށައަޅަން ޖެހޭ ވަގުތަށް ފޯމު ހުށައަޅާ އައިޑީ ކާރޑު ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ. ކާރޑު ލިބޭނެކަމަށް ބުނި ވަގުތުގައި ދޮންއަލީ ކަތީބު ހުރީ ބަރާބަރު ގަޑިޔަށް އެތަނަށް ހާޒިރުވެފައެވެ. ކާޑު ލިބުމާއެކު އަވަހަށް އުފަލުން ކާރޑު ޖީބަށް ލައިގެން ބޭރަށް ނުކުތީ އެކަނި ހުރެ އައިޑީ ކާރޑުގެ މަޢުލޫމާތު ޗެކު ކޮށްލުމަށެވެ. ހިސާބަކަށް ދުރަށް ހިނގާފައި އަވަސް އަވަހަށް ޖީބުގައި އޮތް އައިޑީ ކާރޑު ނަގާ އޭގައި އޮތް އުފަންދުވަހަށް ނަޒަރުހިންގާލިއެވެ. ދޮން އަލީ ކަތީބުގެ ދެލޯ ދިޔައީ ތަރަ ތަރަ ޖަހައިގެންނެވެ. ހީކަރުވައިގެން ގޮސް ރޫރޫވެސް އަޅައިގެންހެން ހީވިއެވެ. އުފަންދުވަސް މިހާރު ދައްކަނީ އަދި މާ ޅަކޮށެވެ. 1942 ޖަހަން ޖެހޭތަނުގައި އައިޑީކާރޑުގައި ޖަހާފައި އޮތީ، 1992 އެކެވެ. މިހާރު މިވާގޮތުން ވިއްޔާ ދޮންއަލީ ކަތީބަށް މީހަކާ އިނދެވޭނީވެސް އެއް އަހަރުވީމައެވެ. މިވާގޮތުން އަދި އެލަވަންސު ލިބެން އަންނަނީ ފަންސާހަކަށް އަހަރު ފަހުންނެވެ. އަޖައިބެކެވެ. ފަންސާހަކަށް ކާފަދަރީން ލިބިފައި އެތިބީ ހަމަ މީހަކާ ނީނދެތޯ އަމިއްލަ ނަފުސާ ހިތާހިތުން ދޮންއަލީ ކަތީބު ސުވާލު ކޮށްލިއެވެ. އިރުކޮޅެއްނުވެ ދަތްކުނޑި ވިކާފައި އައި ދިމާޔަށް ވައި ރޯޅިއެއްހެން ދޮންއަލީ ކަތީބު ދާން ފަށައިފިއެވެ. އޭރު މުޅި ހިސާބު އޮތީ ތޮއްޖެހިފައެވެ. ވަށައިގެން ފުލުހުން މުޅި ހިސާބުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އެވަގުތު މޫނުގައި މާސްކެއް އަޅައިގެން ހުރި ފުލުހަކު ދޮންއަލީ ކަތީބު ހުއްޓުވައިފިއެވެ. އެހިސާބުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިގެން އެތެރެއަށް ވަދެވޭނީ އައިޑީ ކާރޑު ދެއްކުމުން ކަމަށް ބުނެފިއެވެ. އެވަގުތު ދޮންއަލީ ކަތީބު އައިޑީ ކާރޑު ދައްކައިފިއެވެ. އައިޑީކާރޑަށް ބަލާލާފައި އެމީހަކު ލާނެއް ގޮތަކަށް ހީނލަމުން ޖަވާބު ދިނެވެ. " އަށާރަ އަހަރު ނުވާ ކުދިން ވަންނާކަށް ހުއްދައެއް ނެތް" މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ހުސައިން, 2009-04-15 05:30:55
ހައް ހައް ހައް! ދޮން ޢަލީ ކަތީބަށް ވާ ތިލިބުނު ލަޑެއްތާދޯ؟ ވަރަށް މަޖާ ހަހަހާ! ބަނޑުގައި ހީހީ ގޮއްލައިފި،
...
ލިޔުނީ އަބޫމައިސަމް , 2009-04-17 05:24:10
ވަރަށްވެސް ސަޅި ލިއުމެއް. އެހެން ނަމަވެސް ރާއްޖޭގައި މިހާރު ޢާންމުކޮށް ހިނގާ ކަމެއް. ޢުމުރު ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއްނޫން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|