މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަލިކު ފޫހިފިއްލީގެ ތެރެއިން... |
|
|
| ދިވެހި - ތާރީޚް | |||
| 10 ނޮވެމްބަރ 2009، 19:14 އަންގާރަ | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް ލަކްޝަދްވީޕަކީ އިންޑިއާގެ ޔުނިއަން ޓެރިޓަރީއެކެވެ. ވާހަކަ ދައްކައިއުޅޭ މައިގަނޑު ބަހަކީ މަލަޔާޅަމެވެ. އެކަމަކު ދިވެހިބަހުން ވާހަކަ ދައްކާ މީހުން ވަރަށް ގިނައެވެ. ޚާއްޞަކޮށް ލަކްޝަދްވީޕްގެ މިނިކޮއި އޭ ކިޔާ ރަށުގެ މައިގަނޑު ބަހަކީ ދިވެހި ބަހެވެ. އެމީހުން މި ބަހަށް ކިޔަނީ މަހަލް އެވެ. އަޅުގަނޑުމެން ކިޔާ މަލިކަކީ ލަކްޝަދްވީޕްގެ އެއް އަތޮޅެވެ. މި އަތޮޅުގައި މީހުން ދިރިއުޅެނީ އެންމެ ރަށެއްގައެވެ. އެއީ މިނިކޮއި އައިލެންޑެވެ.މަލިކު މީހުން ދިވެހި ބަހުން ވާހަކަ ދެއްކި ނަމަވެސް އަޅުގަނޑުމެން ވާހަކަ ދައްކައިއުޅޭ ބަހާ ކުޑަކޮށް ތަފާތެވެ. މައިގަނޑު ސަބަބެއް ކަމަށް ފެންނަނީ އިންޑިއާގެ ބައެއް ބަހާ، އެމީހުންގެ ބަހާ އެކުވެ މަސްހުނިވުމެވެ. މިނިކޮއިގެ މަލިކު ޑެވެލޮޕްމެންޓް ސޮސަތްޓި (ސޮސައިޓީ) ގެ ފަރާތުން ނެރެފައިވާ "ހަލޯ 2000" ނަމަކަށް ކިޔާ ފޮތެއް އަޅުގަނޑަށް ލިބުނެވެ. މިއީ ޓެލެފޯން ޑިރެކްޓަރީއެއް ކަހަލަ ފޮތެކެވެ. ފޮތުގައި ހުރީ ފޯނު ނަންބަރުތަކާއި، އިޝްތިހާރެވެ. މީގެ އިތުރަށް ބައެއް މަޢުލޫމާތާއި، ފޫހިފިއްލި ހުއްޓެވެ. ފޫހިފިއްލި އަކީ ޖޯކަށް މަލިކު ބަހުން ކިޔާ ނަމެވެ. މި ފޮތުގައި ހުރި ބައެއް ޢިބާރާތްތައް އަޅުގަނޑު ނަކަލު ކޮށްލާނަމެވެ. ބޭރުގަނޑުގެ އެތެރޭ ޞަފްޙާގައި އޮތީ އެއިޑްސް ބަލިން ސަލާމަތްވާން އިރުޝާދުދީފައިވާ އިޝްތިހާރެވެ. އެ އިޝްތިހާރުގައި ވަނީ މިފަދައިންނެވެ. އާދެ، ޅެމެކެވެ. ކައިރިވާނދޭ ނުމެހިލައި މީހަކައި އަދު ދެން ހިލޭ ހެން އެދެން ނުމެވީތަ ކަލެއަށް ކޯންޑަމެއް ފަހެ ގެންގުލޭ ކޮށްބަލައި ފަހުން ކަށަވަރަށް ނެތްކަމަށް ފަނިރޯގަލޭ ލާންޖެހިއްޖެތަ ކޮންމެހެން ހަށިގަނޑަށް ލާނދޭ ކަލޭ ކަށިއޮނީފަދަ ތަކެތި ގައިމަށް އެންމެ ފަހަރަކު ގެންގުލޭ ނުވަތަ ކައްކައި މަރުވުމަށްފަހު ރޯގަފަނި ހުރިހާ ދަނޭ ސާފުތާހިރުކޮށް އެކަނިފަހު ތޫނު އެއްޗެތި ގެންގުލޭ ނާހިލައިވެސް އުނގުލަ ދަތް މީހަކު ބުރޫޖިންނަމަ ކަލޭ ފުންކޮށް ވިސްނާވަޑައިގަތީމާ މި ޅެމުގެ މާނަ އަޅުގަނޑު ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެއެވެ. މި ޅެމުގައި ކަށިއޮނީ ކަމަށް އެ ބުނަނީ އިންޖެކްޝަން ކަށީގެ ވާހަކައެވެ. ރޯގަފަނި އެއީ ޖަރާސީމެވެ. ބުރޫޖު އެއީ ބުރުސް (ދަތްއުނގުޅާ) ކަމަށް ފެނެއެވެ. މި ޅެމުގެ ފަހަތުގައި އޮތީ މި ދަންނަވާ ޢިބާރާތެވެ. "އަށްޑިހަ ފީސަދީ މީހުނަށް އެއިޑްސް ބަލި ޖެހެނީ ރޯގަފަނި ހުރި މީހަކާ ކުރާ ޖިންސީ ގުލުމުންނެވެ. ދިރިއުލުމުގައި އާޕަހުގެ ބަހރޯސަވެތި އަނބިފިރީންނަށްވެ އުޅޭށެވެ." ފީސަދީ އަކީ އިންސައްތައެވެ. އާހޕަހުގެ ބަރޯސަވެތި މިބަހުގެ މާނައަކީ އެކަކު އަނެކަކަށް އިތުބާރު ކުރެވޭ އެވެ. މާނައަކީ އެކަކު އަނެކަކަށް އިތުބާރުކޮށްގެން، ވަފާތެރިކަންމަތީ އުޅޭށެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި އަލިފުގައި އިބިފިލި ޖެހޭ ތަންތާގައި ބޭނުން ކުރަނީ ތާ ސުކުނެކެވެ. މިސާލަކަށް ސޮސަތްޓި މިއީ ސޮސައިޓީ އެވެ. ބޮތް މީގެ މާނައަކީ ބޮއި އެވެ. މަލިކުގައި މީހުންގެ ބައިތައް (ނަންތައް) ބެހެނީ ތިން ބަޔަކަށެވެ. އެއީ އަންހެން، ފިރިހެން، މަސައްކަތް މިތިން ބަޔަށެވެ. އަންހެން ނަންތަކަކީ ދަރަޖައިގެ ތަރުތީބުން މަނިކަ، ބީފާނުން، ބިބީ، ކަނބިލޯ، މަންޖަ އެވެ. ފިރިހެން ނަންތަކަކީ ދަރަޖައިގެ ތަރުތީބުން މަނިކުފާނު، ތަކުރުފާނު، ތަކުރު، ކަލޯ އެވެ. މަސައްކަތުގެ ގޮތުން ބަލާއިރު ދަރަޖަ ކުރެވޭ ގޮތަކީ ބޮޑުން، ރަށްވެރީން، ނިޔަމީން، ނެވީން، ދަތުރުވެރީން، ރާވެރީން މިއެވެ. ހަލޯ 2000 ފޮތުގައި މި ބައިތައް ތަރުތީބު ކުރުމަށްފަހު ތިރީގައި އޮތް ލިޔުމުގައި ވެއެވެ. "މަލިކުގައި ދަރީން ދުވަނީ އަމޯ ބަފޯމެންގެ ތެރެއިން މޮޅު ކޮޅަކަށެވެ. މަނިކަ އަކަށް ތަކުރުފާނެއްގެ ދަރިއެއް އުލިއްޖެނަމަ އެދަރިއަކީ މަނިކުފާނެއް ނުވަތަ މަނިކަ އެކެވެ. މިތެރޭގައި ދިވެހިރާއްޖޭގެ ރަދުންކޮޅުން އެހެން ބައަކު ނުވަތަ ދިވެހިރާއްޖޭގެ ބޭރު ބައަކު މަލިކު ތަކުރުކޮޅުގައި އިނދެގެން އުޅުނު މެދުވެރި ދަރިކޮޅެއް ވެއެވެ. އެއީ މަނިކުފާނަމެންނަށް ތަކުރުމެންނާއި ބިބީމެންނެވެ. އަދި އޭގެ ދަށު ބައިތަކަށް ބޭބެމެންނާއި ދާތަމެންނެވެ." މީގެ މާނައަކީ މަލިކުގައި ދަރިންގެ ނަސްލު ދެމިގެން ދަނީ މަންމަޔާއި ބައްޕަޔާ ދެމީހުންކުރެ ދަރަޖައިގެ ގޮތުން މޮޅު މީހެއްގެ ކޮޅަށެވެ. މަނިކަ އަކާއި ތަރުކުރުފާނަކާ އިނދެގެން ލިބޭ ދަރިން ވާނީ މަނިކުފާނަކަށް ނުވަތަ މަނިކަ އަކަށެވެ. (ތަކުރުފާނަކަށް ނުވާނެއެވެ. އެއީ މަނިކަ އަކީ އަންހެން ދަރަޖައަށް ބަލާއިރު އެންމެ މަތީ ދަރަޖައަށްވެފައި ތަކުރުފާނަކީ ފިރިހެނުންނަށް ބަލާއިރު ދެވަނަ ދަރަޖައަށް ވާތީއެވެ. އެހެންވީމާ އެ ދަރިންގެ ނަސްލު ދާނީ މަންމަގެ ކޮޅަށެވެ.) ދިވެހިރާއްޖޭގެ ބަޔަކު މަލިކު ތަކުރަކާ އިނދެގެން ލިބިފައިވާ ދަރިން ވަނީ ތަކުރާއި ބިބީ އަށެވެ. އޭގެ ފަހުން ބޭބެއާއި ދައްތައެވެ. މި ފޮތުގައި ވަރަށް ގިނަ އަރަތް ހުއްޓެވެ. އޭގެ ތެރެއިން އަރަތެއް ލިޔެލާނަމެވެ. "ހިމަ ލޫލި ނަރޮސް ގޮއްޔެއް މަ ދުށިން، ރާގު ކިޔައި ކަށި ވިއްދާތި ދުށިން." މިއީ މަދިރިއެވެ. ދެން މި ލިޔެލަނީ ފޫހިފިއްލިއެކެވެ. ބްރެކެޓްގެ ތެރޭގައި އެވަނީ އަޅުގަނޑު އިތުރުކޮށްފައިވާ ލަފްޒެވެ. އެއްވަނަމީހާ: އަފާ (އަހަރެންގެ) ކާފޯގެ (ކާފަގެ) ގަޑި ވަލަށް (ވަޅަށް) ވެއްޓިގެން ތިން އަހަރު ފަހުން ނެގި އިރުވެސް ހިނގަހިނގައި އޮތް. ދެވަނަމީހާ: އަފާ ކާފޯ ވަލަށް ވެއްޓިގެން ތިން އަހަރު ފަހުން ނެގި އިރުވެސް ނުމަރުވެ ހުރޫ. ތިންވަނަމީހާ: ތިބާގެ ކާފޯ އެހައި ދުވަސްވާނދެން ވަލުގައި ކޭކުރީތެ. ދެވަނަމީހާ: މީނާގެ ކާފޯގެ ގަޑިޔަށް ޗާބި ދީދީ ހުރީ. ފޮތުގެ އެއް ޞަފްޙާގައި ކަލަންޑަރާ ބެހޭ މަޢުލޫމާތު ކޮޅެއް ހިމަނާފައި ވެއެވެ. ވިދާޅުވެލައްވާށެވެ. 1. އެއްވެސް ސަދީއެއް (ޤަރުނެއް) ބުދަ، ހުކުރު، އަދި އާދީއްތަޔަކުން ނުފެށޭނެއެވެ. 2. ކޮންމެ ކަލަންޑަރެއްމެ ވިހި އަހަރު ފަހުން އެގޮތަށްމެ ގެންގުލިވޭނެއެވެ. ދުވަހެއް، މަހެއް، ތާރީކެއް ތަފާތަކާއި ނުލައި އެވެ. 3. ކޮންމެ އަހަރަކުމެ ފެބްރުއަރި، މާރްޗް، ނަވެމްބަރް ފެށެނީ އެދުވަހުމެއެވެ. (އެއް ދުވަހަކުއެވެ.) 4. ކޮންމެ އަހަރެއްގެ ޑިސެންބަރް ފެށޭނީ އެ އަހަރެއްގެ ސެޕްޓެންބަރް ފެށުނު ދުވަހަކުއެވެ. 5. ކޮންމެ އަހަރެއްގެމެ އެޕްރޭލް އެކަކާއި ޖުލާއި އެކެއް ވަނީ އެއް ދުވަހުއެވެ. 6. ޖަނަވަރީގެ އެކެއްވީ ކޮން ދުވަހަކުތޯ އެއީ އޮކްޓޯބަރުގެ އެކެއްވާ ދުވަހެވެ. 7. މޭއި، ޖޫން، އޯގަސްޓް، ހިލައިވެސް އެއް ދުވަހަކު ނުފެށޭނެއެވެ. މި ފޮތުގައިވާ ގޮތުން މަލިކު ބަހުރުވައިގައި ބޭނުން ކުރާ ދެބަހެއް އަޅުގަނޑަށް އައްޑު އަަތޮޅުގައި ބޭނުންކުރާތީ އިވިފައި ވެއެވެ. އެއް ބަހަކީ އަސްފަތާލެވެ. މަލިކުގައިވެސް އަދި އައްޑު އަތޮޅުގައިވެސް ހޮސްޕިޓަލަށް ކިޔަނީ އަސްފަތާލެވެ. އަނެއް ބަހަކީ ބައްޕަޑަ އެވެ. މިއީ މަލިކުގައިވެސް އަދި އައްޑު އަތޮޅުގައިވެސް ޕާޕަރަށް ކިޔާ ނަމެވެ. އަނެއްކާވެސް ފޫހިފިއްލިއެކެވެ. ސުރުޚީއަކީ "އަގަޑަން ބަގަޑަން" އެވެ. ދެމަފިރީން ޖެއްސިގެން އެކެއް އަނެކެއް މޮށުން (ވާހަކަދެއްކުން) ދޫކޮށްލާފު. އެއްދުވަހު ރޭގަނޑު ފިރިހެންމީހާ ގޯއްޗަށް އާސް އަންހެންމީހާ ގާތު ކަރުދާސްކޮލެއް ބޭއްވީ. އޭގައި ލިޔެފައި އޮތީ "މާދަން ފަތިހު ހައެއްގައި އަހަރެން ހޭޖައްސައިލަން ވާނެ." ހެނދުނު ފިރިހެންމީހާ ހޭޖެހުނުއިރު އަށެއް ޖަހާފައި އޮތީ. ތެދުވެ ބަލާލިއިރު ކައިރީގައި ކަރުދާސްކޮލެއް އޮތީތީ ފެނުނީ. އޭގައި ލިޔެފައި އޮތީ "ހައެއް ޖަހާފި. ތެދުވައު." މަލިކު މީހަކާ އަޅުގަނޑަށް އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުގެ ވާހަކަ ދަންނަވައިލާނަމެވެ. އެއްދުވަހަކު ޢައްބާސް އިބްރާހީމް އޮފީހުގައި (ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގައި) އިންނަވާފައި އަޅުގަނޑަށް ފޯނު ކުރައްވާފައި ވިދާޅުވިއެވެ. "އަހަންނާ ބައްދަލުކުރަން މަލިކު ދެމީހަކު މިއަދު އައެވެ. އެމީހުން ބޭނުންވަނީ ރާއްޖޭގެ ކޮންމެވެސް ލިޔުންތެރިއަކާ ވެސް ވާހަކަ ދައްކައިލާށެވެ. އެހެންވީމާ ނަޢީމު ގާތަށް އެދެމީހުން ފޮނުވައިފީމެވެ." މާ ގިނަ އިރުތަކެއް ނުވެ ރިސެޕްޝަނުން ގުޅާފައި އަޅުގަނޑާ ބައްދަލު ކުރަން ދެމީހަކު އައިސް ތިބި ވާހަކަ ބުނެފިއެވެ. އަޅުގަނޑު ބޭރަށް ނުކުމެ އެ ދެމީހުންނާ ސަލާންކޮށްލީމާ އެތަނުން އެކަކު ބުންޏެވެ. "އަލުގަނޑުމެން މިއައީ މަރުކަޒަށް ގޮސް ޢައްބާސް އިބްރާހީމާ ..ލާފައި. (ވާހަކަ ދައްކާލާފައި). ޢައްބާސް ވިދާލުވީ ނަޢީމާ ..ލާން (ވާހަކަދައްކާލަން) ރަނގަލު ވާނޭ." މި ތާނގައި އަޅުގަނޑު ތިކި ޖަހާފައި އެވާ ތަނަށް މަލިކު މީހުން ވާހަކަދައްކާށޭ ބުނަން ބޭނުން ކުރާ ބަސް ލައްވައިގެން ވިދާޅުވާށެވެ. މަތީގައި އަޅުގަނޑު ލިޔުނު ފޫހިފިއްލީގައި އެބަސް އޮންނާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ހަސަން, 2009-11-13 16:08:33
މަލިކުގެ މީހުންގެ ވާހަކަ ކިޔާފައި މަލިކުން ރަޙްމަތް ތެރިން ހޯދާ ހިތް ވެއްޖެ! ލިބިދާނެބާ އެވެ!
... ލިޔުނީ ޝުޖާޢު, 2010-02-13 06:23:12
ފޭސްބުކްގައި މަލިކު މީހުންގެ ގްރޫޕެއް ވޭ. އެއީ http://www.facebook.com/?ref=home#!/group.php?gid=83889868778 މިގްރޫޕްގައި ބައިވެރިވަނިކޮށް މަލިކުގެ ބައެއް މީހުންނާ ދިމާވެދާނެ...
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|