މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގެ ނަން |
|
|
| ދިވެހި - ތާރީޚް | |||
| 25 ޖެނުވަރީ 2012، 01:58 ބުދަ | |||
|
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ 2500 އަށްވުރެ ގިނަދުވަސްވީ ދިވެހިތާރީޚުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށް ވަރަށްގިނަ ނަންތައް ބޭނުންކުރެވިފައި ވެއެވެ. އެގޮތުން މަހަލްދީޕް ، ލިޔުޝާން ، މޮލައި، ޖުޒުރުލް ކުޒަޙު ، މަހިލާދީޕް ފަދަ ނަންނަމުން ދިވެހިރާއްޖެއަށް ނަންދެވިފައި ވެއެވެ. މިފަދަ ތަފާތު ނަންތަކަކުން ދިވެހިރާއްޖެއަށް ނިސްބަތްކުރެވިފައި އެވަނީ އެކި ދުވަސްވަރު ދިވެހިރާއްޖެ ހުރަސްކޮށް ދަތުރުކުރި އެކިޤައުމުތަކުގެ ދަތުރުވެރީންނާއި ރާއްޖޭގެ މައްޗަށް ނުފޫޒުފޯރުވި ފަރާތްތަކުން އެބައިމީހުންގެ އަމިއްލަބަހުން، ކޮންމެބަޔަކުވެސް ދިވެހިރާއްޖެއަށް ނަންދީފައިވާތީ ކަމަށް ވެދާނެއެވެ.
ކޮންމެއަކަސް މިއިން ކޮންމެ ނަމަކުން ވެސް ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގެ އަސާސީ ސިފަތަކެވެ. ވީމާ ދަތުރުވެރީންނާއި އެހެން ފަރާތްތަކުންވެސް ރާއްޖެއަށް ނަންދީފައިއެވަނީ ރާއްޖެ އޮންނަތަނާއި އޮންނަގޮތް އެހެން މީހުނަށް ސިފަކޮށްދޭން ފަސޭހަވާނެގޮތަށްކަން ފާހަގަކުރެވެއެވެ. ދެކުނުއޭޝިޔާ ލިޔުންތަކުގައި ދިވެހިރާއްޖޭގެ ނަންދިވެހިރާއްޖެއާބެހޭ އެންމެ އެވޭލާ އެނގުންތައް އެނގެނީ އިންޑިއާ އާއި ލަންކާގައިހުރި ދުވަސްވީ ލިޔުންތަކުންނެވެ. މިފަދަ ލިޔުންތަކުގެ ތެރޭގައި ދެކުނު އޭޝިޔާގެ އެވޭލާ ބުޑިސްޓް ލިޔުންތަކާއި ސިންގަޅައިން ލަންކާގައި އާބަދުވި ގޮތާއި ބެހޭގޮތުން ވާރިދުވަމުން އައިސްފައިވާ ލިޔުންތައް ހިމެނެއެވެ. މިކަހަލަ ލިޔުންތަކުގެ ތެރެއިން ބީ.ސީން ހަތަރުވަނަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ބްޑިސްޓް ލިޔުމެއްގައި ދިވެހިރާއްޖެއަށް އިޝާރާތްކޮށްފައިވަނީ އެއްހަސް ޖަޒީރާ (Bharu Jathaka) ނުވަތަ ދުވަސްވީ ޖަޒީރާ(Khuddapatha)ތަކުގެ ނަމުންނެވެ. އަދި ބީ.ސީން ތިންވަނަ ޤަރުނުގައި (ސްރީލަންކާގެ ތާރީޚީ ފޮތް "މަހަވަންސާ"ގައި) ދިވެހިރާއްޖެއަށް އިޝާރާތްކޮށްފައިވަނީ މަހިލަދީޕާ(Mahiladipa) ނުވަތަ މަހިންދަ ދީޕާ(Mahinda-dvypa)ގެނަމުންކަން ފާހަގަކުރެވެއެވެ. ވީމާ މިހާތަނަށް ފެނިފައިވާ ލިޔުންތަކުން ހާމަވަނީ ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތަކުން އެންމެ އެވޭލާގައި ކިޔާއުޅުނު އެއް ނަމަކީ މަހިލަދީޕާ ނުވަތަ މަހިންދަދީޕާކަމެވެ. އެވޭލާގައި ދިވެހިރާއްޖެއަށް އެންމެ އާންމުކޮށް ކިޔާއުޅުނު އެއް ނަމަކީ ޖަޒީރާތައް ނުވަތަ ރަށްތައްކަން އިންޑިޔާއިންނާއި ލަންކާއިން ފެނިފައިވާ ދުވަސްވީ ލިޔުންތަކުން ހާމަވެއެވެ. އެހެންކަމަށްވިޔަސް ބައެއްފަހަރަށް މިނަމުގެ ކުރިއަށް އެއްހާސް(އެއްހާސް ޖަޒީރާ) ނޫނީ ބާރަހާސް(ބާރަހާސް ޖަޒީރާ) ނުވަތަ ދުވަސްވީ(ދުވަސްވީ ޖަޒީރާތައް)ފަދަ ކޮންމެސް ލަފުޒެއް އިތުރުކޮށްގެންވެސް ނަންދީފައިހުންނަކަން ފާހަގަކުރެވެއެވެ. އަދި މިގޮތަށް ދިވެހިރާއްޖެއަށް ނަންދިނުމުގައި އެނަންދޭބަޔަކު އެނަމެއްދީފައި ހުންނަނީ އެބަޔަކު މޮށެއުޅޭ ބަހަކުންކަންވެސް ފާހަގަކުރެވެއެވެ. މީގެ ހެއްކަކީ މީލާދީން ހަތްވަނަ ޤަރުނުގައި ދެކުނު އިންޑިޔާގައި ރަސްކަންކުރި ޕައްލަވަ ދަރިކޮޅުގެ ލިޔުންތަކުގައި ދިވެހިރާއްޖެއަށް ދީފައިވަނީ އެއްހާސް ޖަޒީރާ(Dvypa Laksham)ގެނަން ކަމަށް ވުމެވެ. ހަމައެގޮތަށް މީލާދީން 10 ވަނަ ޤަރުނުގައި ދެކުނު އިންޑިޔާގައި ރަސްކަންކުރި ޗޯޅާ ޑައިނަސްޓީގެ ލިޔުންތަކުގައި ދިވެހިރާއްޖެއަށް ކިޔާފައިވަނީ ތިން ކަނޑު ބައްދަލުވާ ބާރަހާސް ޖަޒީރާ(Munnir Palantivu Pannirayiram)ކަމަށްވުމެވެ. މީގެއިތުރުން 13 ވަނަ ޤަރުނުގައި ލިޔެފައިވާ ޓެމިލް ލިޔުންތަކުގައި ދިވެހިރާއްޖެއަށް ދީފައިވާ ނަމަކީ މެނީ އޯލްޑް އައިލެންޑްސް(Palpalamtivu)ކަންވެސް ފާހަގަކުރެވެއެވެ. ވީމާ އެވޭލާ ޒަމާނުގައި ދެކުނު އޭޝިޔާ ސަރަހައްދުގެ އަހުލުވެރިން ދިވެހިރާއްޖެއަށް އެންމެ ޢާންމުކޮށް ކިޔާއުޅުނު ނަމަކީ "ޖަޒީރާތައް"ކަމަށް ދަންނަވަންޖެހެއެވެ. ޔޫރަޕުގެ ލިޔުންތަކުގައި ދިވެހިރާއްޖޭގެ ނަންމީލާދުގެ ފުރަތަމަ ޤަރުނުން ފެށިގެން ޔޫރަޕުގެ ދަތުރުވެރިންނަށް ދިވެހިރާއްޖެ ފާހަގަކުރެވިފައި ވެއެވެ. އެހެނީ މީލާދީން ފުރަތަމަ ގަރުނުގެ ތެރޭގައި ރޯމަނުގެ ފިލޯސަފަރު ޕްލިނީ(Pliny) ދިވެހިރާއްޖެ ދެކިލެއްވިކަމަށް އޭނާގެ ލިޔުއްވުންތަކުގައި ވެއެވެ. ޕްލިނީއަކީ ރޯމަނާއި އިންޑިޔާއާއި ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ގާއިމުކުރެވޭނެ މަގެއް ހޯދުމަށް މީލާދީން ފުރަތަމަ ޤަރުނުގެތެރޭގައި މަސައްކަތްކުރެއްވި ރޯމަން ކޮމާންޑަރެއްގެ އިތުރުން ފިލޯސަފަރެކެވެ. އޭނާ އިންޑިޔާއަށްކުރި ދަތުރުތަކުގައި ދިވެހިރާއްޖެ ސިފަކޮށްފައިވަނީ ފަރުބަދަތަކެއް(Lodestone Mountains)ގެގޮތުގައެވެ. ހަމަމިދުވަސްވަރު ދުނިޔޭގައި އުޅުއްވި ގްރީކުގެ ޖިއޯގްރަފަރ ޕްޓޮލްމީ(ptolemy) އާއި މީލާދީން ހަތަރުވަނަ ޤަރުނުގައި ދިރިއުޅުއްވި ގްރީކުގެ ހިސާބު ޢިލްމުވެރިޔާ ޕެޕަސް(Pappus)ވެސް ދިވެހިރާއްޖެ ސިފަކޮށްފައިވަނީ ފަރުބަދަތަކެއް(Innumerable islets)ގެ ގޮތުގައެވެ. ނަމަވެސް އޭގެފަހުން (ހަމަމީލާދީން ހަތަރުވަނަ ޤަރުނުގައި) ގްރީކުގެ ފާދިރީއެއްކަމަށްވާ ޕެލަޑިއަސް(Palladius) އޭނާގެ ބަޔާންތަކުގައި މަނިއޮލައި(Maniolae)ގެ ނަމުން ދިވެހިރާއްޖެއަށް ނަންދެއްވާފައިވާކަން ފާހަގަކުރެވެއެވެ. އެހެންވީމާ މީލާދުގެ ފުރަތަމަ ޤަރުނުން ފެށިގެން ޔޫރަޕުގެ ދަތުރުވެރިން ދިވެހިރާއްޖެ ދަންނަކަމާއި އޭރު އެބައިމީހުން ދިވެހިރާއްޖެއަށް ކިޔައިއުޅުނީ މަނިއޮލައި(Maniolae)ކަން ޔަޤީންކުރެވެއެވެ. މީލާދީން ހަތަރުވަނަ ޤަރުނަށްފަހު ޔޫރަޕުގެ ލިޔުމެއްގައި ދިވެހިރާއްޖެއާބެހޭ ބަޔާނެއް ލިޔެފައިވަނީ ޕޯޗުގީޒުގެ ލިޔުމެއްގައެވެ. މިލިޔުމަކީ މީލާދީން 15 ވަނަޤަރުނުގެ ކުރީކޮޅުގައި ލިޔެފައިވާލިޔުމެއްކަމަށް ލަފާކުރެވެއެވެ. އެލިޔުމުގައި ދިވެހިރާއްޖެއަށް ދީފައިވާ ނަމަކީ އިލްހާ ދީވް(Illha Dywe)އެވެ. ޕޯޗުގީޒުގެ މިލިޔުމަށްފަހު ދެން ދިވެހިރާއްޖޭގެ ވާހަކަތައް ލިޔެފައިވާކަމަށް ފާހަގަކުރެވެނީ އިނގިރޭސީންގެ ލިޔުންތަކުންނެވެ. އެގޮތުން މީލާދުގެ 18ވަނަ ގަރުނުން ފެށިގެން 19 ވަނަ ޤަރުނުގެ ކުރީކޮޅާއިހަމަޔަށް އިގިރޭސީން ލިޔެފައިވާ ލިޔުންތަކުގައި ދިވެހިރާއްޖެއަށް ދީފައިވާ ނަމެއްކަމަށް ފާހަގަކުރެވެނީ މޯލްޑިވާ އައިލަންޑްސް(Maldiva Islands)އެވެ. އަދި 20ވަނަ ޤަރުނުން ފެށިގެން މޯލްޑިވްސް(Maldives) ނުވަތަ މޯލްޑިވް އައިލެންޑްސް(Maldive Islands)ގެނަމުން ދިވެހިރާއްޖެއަށް އިޝާރާތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ވީމާ މާޒީގައި ޔޫރަޕުގެ ދަތުރުވެރިން ދިވެހިރާއްޖެއަށް ނިސްބަތްކޮށް ތަފާތު ނަންތަކެއް ބޭނުންކުރިކަމާއި، މިހާރު ބައިނަލްއަޤްވާމީ މަޝްރަހުގައި ދިވެހިރާއްޖެއަށް ކިޔާ މޯލްޑިވްސް(Maldives)މިނަމަކީ ޔޫރަޕިއަނުން ދިވެހިރާއްޖެއަށް ދިން ނަމެއްކަމަށް ދަންނަވަންޖެހެއެވެ. ޗައިނާގެ ލިޔުންތަކުގައި ދިވެހިރާއްޖޭގެ ނަން އެވޭލާގައި ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔުއްވި ދަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ދަތުރުވެރިން ނިސްބަތްވާ އެއް ޤައުމަކީ ޗައިނާއެވެ. ޗައިނާގެ ދަތުރުވެރިންގެ ތެރެއިން ދިވެހިރާއްޖެއާ ބެހޭގޮތުން އެންމެ ފުރަތަމަ ބަޔާނެއް ލިޔުއްވާފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ދަތުރުވެރިޔަކީ ފާ ހުސިއެން(Fa Hsien)އެވެ. މީނާއަކީ މީލާދީން ފަސްވަނަ ޤަރުނުގައި ބްޑިސްޓް ދީން ދިރާސާކޮށް އެދީނުގެ މަޢުލޫމާތުހޯދުމަށް ދެކުނު އޭޝިޔާގައި ދަތުރުކުރި ފާދިރީއެކެވެ. ފާ ހުސިއެން މިދަތުރުތައްކުރެއްވި ދުވަސްވަރު ދިވެހިރާއްޖެއަށް ދެއްވި ނަމަކީ މާވޮއިއަންސް (Mavoians)އެވެ. މީލާދީން ހަތްވަނަ ޤަރުނުގައިވެސް ބްޑިސްޓްދީން އުނގެނުމަށް ދެކުނު އޭޝިޔާއަށް ޗައިނާގެ ރައްޔިތަކު ދަތުރުކުރިއެވެ. މިފަހަރު ދެކުނު އޭޝިޔާއަށް ދަތުރުކުރި ޗައިނާގެ ރައްޔިތަކީ ޔުއާން ޗުވާންގ ނުވަތަ ހުސުއަން ތްސަންގ(yuan chwang / Hsuan Tsang)އެވެ. ޔުއާން ކުރެއްވި ދަތުރުތަކަށްފަހު ލިޔުއްވާފައިވާ ބަޔާނުގައި އޭނާ ދިވެހިރާއްޖެއަށް ދެއްވާފައިވާ ނަމަކީ ކޮކަނަޓް އައިލެންޑް(Na-Lo-Ki-Lo-Chou)އެވެ. ހަމަމިދުވަސްވަރު ޗައިނާގެ ޓެންގް(Tang) ޑައިނެސްޓީގެ ލިޔުމެއްގައި ދިވެހިރަދުން (ބަލާދީއްތަ ރަދުން 658މ.ގައި) ޗައިނާގެ ރަސްގެފާނަށް ވެދުން ފޮނުއްވެވިކަމަށް ލިޔެފައި ވެއެވެ. އެލިޔުމުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށްފައިވަނީ މޮލައި(Mo-lai) މިނަމުންނެވެ. އަދި މީލާދީން 580 އިން 620 އަށް ޗައިނާގެ ޑީޒޮންގ(De Zong) ރަސްގެފާނުގެ ބޮޑުވަޒީރުކަން ކުރެއްވި ޑުޔޫ (Du You) ލިޔުއްވާފައިވާ ލިޔުމެއްގައި ދިވެހިރާއްޖެއަށް ނިސްބަތްކުރައްވާފައި ވަނީ އަންހެނުންގެ ރަށްތަކުގެ(Land of Women)ނަމުންނެވެ. ވީމާ މީލާދީން ފަސްވަނަ ޤަރުނުން ފެށިގެން ޗައިނާގެ ދަތުރުވެރިން ދިވެހިރާއްޖެއަށް ތަފާތު އެކި ނަންތައް ދީފައިވާކަން ހާމަވެއެވެ. މީލާދީން ހަތްވަނަ ޤަރުނަށްފަހު، ޗައިނާގެ ތާރީޚީ ލިޔުމެއްގައި ދިވެހިރާއްޖޭގެ ވާހަކަ ބަޔާންކޮށްފައިވަނީ މީލާދީން 13 ވަނަ ޤަރުނުގެ ކުރީކޮޅުގެ ލިޔުމެއްގައެވެ. އެލިޔުމުގައި ދިވެހިރާއްޖެއަށް ދީފައިވާ ނަމަކީ އަންހެނުންގެ ރަށްތައް(Land of Women)އެވެ. މިނަންގަނެވުނު ލިޔުމަކީ ޗައު ޗު ކުއާ(Chau ju kua) ލިޔުއްވާފައިވާ ބަޔާނެކެވެ. މިބަޔާނަށްފަހު މީލާދީން 1349ގައި ވެންގ ޓަ ޔުއާން(Wang Ta-Yuan) އޭނާގެ ލިޔުއްވުންތަކުގައި ޕެއިލިޔު(Peiliu)ގެނަމުން ރާއްޖެއަށް ނަންދެއްވާފައިވާކަން ފާހަގަކުރެވެއެވެ. އެއަށްފަހު މީލާދީން 1413ގައި ޗައިނާގެ މަޝްހޫރު ކޮމާންޑަރ އަދި މުސްލިމު ދަތުރުވެރިޔާ މާހުއާން(Ma Huan) ޗައިނާގެ އެކްސްޕެންޑިޝަނާއެކު ކުރި ދަތުރުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށްފައިވަނީ ދަ ކަންޓްރީސް އޮފް ދަ އައިލޭންޑް މައުންޓައިންސް(Tieh-Kan-Lius) ނުވަތަ (Shan Tieh-Kan liu)ގެ ނަމުންނެވެ. އަދިހަމަ މީލާދީން 1436ގައި ޗައިނާގެ ދަތުރުވެރިޔާ ފެއި ސިންގ(Fei Hsin) ދިވެހިރާއްޖެއަށް ދެއްވާފައިވާ ނަމަކީ އެޓޯލްސް އޮފް މޯލްޑިވެސް (Liu Shan Yang)ކަން ފާހަގަކުރެވެއެވެ.
|
| < ފަހަތަށް | ކުރިއަށް > |
|---|
| ހަމަ މި ގަލަމުން |
|---|