މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރަނގަޅު ލިޔުމެއް ލިޔާނީ.... |
|
|
| ދިވެހި - މާދަރީބަސް | |||
| 22 އޮކްޓޫބަރ 2009، 00:37 ބުރާސްފަތި | |||
|
އަޙްމަދު ޝަމީނު ދޮންމަނިކު (2006) ކިއްސަރު ހެޔޮ އޮޑިއެއް ބަންނަން، ފަށަން ބެހެއްޓުމާހަމައިން، އެ ނެރުން ނިކުމެ ތަމަލަ ކަނޑު ކަފަން ފެށުމާ ދެމެދު ވަރަށް ގިނަ މަޑޫތަކެއް އިންދަންޖެހެއެވެ. ވަރަށް ގިނަ މަލަރުކުރުންތަކެއް މަލަރުކުރަންޖެހެއެވެ. އާދޭހެވެ. ހަމައެފަދައިން ރަނގަޅު ލިޔުމެއް ލިޔަން ގަލަން ކަރުދާސްގަނޑުގައި ޖައްސާލުމާ ހަމައިން އޭގެ ބުގިސް ބަސްތައް ހިތްތަކުގެ ދަރަކަށް ފޯރުމާ ދެމެދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މާވަޑިޔާ ވެސް އަދި ލިޔުންތެރިޔާވެސް ވަރަށް ގިނަ އޮޅިތަކެއް ގިރާކުރަން ޖެހެއެވެ. އަދި ވަކިން ޚާއްޞަކޮށް ލިޔުން ތެރިޔާ ލިޔަނީ އަދަބީ ލިޔުމެއްނަމަ ވިސްނަންޖެހޭ ތަފާތު ދާއިރާތަކެއް ހުރެއެވެ. މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ ރަނގަޅު އަދަބީ ލިޔުމެއް ލިޔާނެ ގޮތަށެވެ. މައިގަނޑު ގޮތެއްގައި ލިޔުންތެރިޔާ ފަސް އޮޅިއެއް ގިރާކުރަން ޖެހޭނެއެވެ. އެއީ (1) ލިޔަން ފަށައިގަތުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާއި، (2) ލިޔުމުގެ ދެލިކޮޕީ ތައްޔާރުކުރުމާއި، (3) "ހިރަފުސްފޮޅުމާއި"، (4) "ކޮށާމެށުން" އަދި (5) ޝާއިޢުކުރުމެވެ. ލިޔަން ފަށައިގަތުމުގެ ކުރިން އެންމެ އިސްކަމެއް ދޭންޖެހޭނީ މައުޟޫޢާބެހޭގޮތުން އެނގެން ޖެހޭ އެންގުންތައް އެނގުމަށެވެ. ޚާއްޞަކޮށް އެލިޔުމެއް ލިޔުމުގެ މަޤްޞަދަކީ ނުވަތަ ބޭނުމަކީ ކޮބައިކަން ދަތުމެވެ. ސަބަބަކީ ލިޔުމުގެ ވައްތަރުތަކުގެ ތެރެއިން އެންގުމެއް އެންގުން، އޮޅުންފިލުވައިދިނުން، މުނިފޫހިފިލުވުން ފަދަ ކޮންމެ ވައްތަރެއްވެސް އޭގެ ޒާތުގައި ލިޔުންތެރިޔާއަށް ތަފާތު ފިކުރިއްޔާތެއް ގެނަސްގަތުމަށް މަޖްބޫރުކުރުވައެވެ. އަދިހަމައެހެންމެ އެލިޔުމެއް އެ ހުށަހަޅާ ބާވަތަށްވެސް އޭނާގެ ވިސްނުމުގެ ދާއިރާއިން ޖާގަދޭންޖެހެއެވެ. އެބައެއް ކިޔުމަށް ލިޔުން ތައްޔާރުކުރާ ބައެއްގެ ޢިލްމީ ފެންވަރާ ފުށުއަރާ ބަހުރުވައެއް ނުވަތަ އުސްލޫބެއް ގެންގުޅެވިއްޖެނަމަ، އެކުރެވުނު މަސައްކަތް ފަނުފުލުން ލައިގެން ދިއުން ވަރަށް ކައިރިއެވެ. އާދޭހެވެ. އަޅުގަނޑުމެނަށް ކިތައްމެ މީރަސް ފަސްމަހުގެ ކުއްޖަކަށް މަސްކުރޮޅި ކާންދޭންއުޅެން ހެޔޮވެސް ނުވާނެއެވެ. އިސްވެ ދަންނަވާލެވުނު ތިން ނުކުތާއަށް ރަނގަޅަށް ލޯހުޅުވެއްޖެ ނަމަ ލިޔަން ފަށަންވީއެވެ. ލިޔުމުގެ އޮނިގަނޑު އެކުލަވާލާ މަޢުލޫމާތުތައް އަތުރާލުން ނުވަތަ ދެލިކޮޕީ ތައްޔާރުކުރުމަކީ ރަނގަޅު ލިޔުމެއް ލިޔުމަށް ކަޑައްތުކުރަންޖެހޭ ދެވަނަ މަރުހަލާއެވެ. ޙަޤީޤަތުގައި މި އަތުރާލުމުގެ ސަބަބުން ލިޔުންތެރިޔާއަށް އޭނާ ބުނަން އުޅޭ އެއްޗެއް ބުންނަ ވަރަށް ފަސޭހަވާނެއެވެ. ސަބަބަކީ އޭނާގެ ސިކުނޑިއަށް، އޭނާ ދަތުރުކުމަށް ހުއްޓި މިހުރި މަގުގެ އެއްކޮޅުން އަނެއްކޮޅަށް އޭގެ އަޑިގުޑަންތަކާއެކު ފެނުމެވެ. އަދި ކިތަންމެ އަވާމެންދުރެއް ފެނުނަސް އޭނާގެ ލިޔުމުގެ އެންމެ ފަހުތިއްކާހަމައިން މެނުވީ އޭނާ ތެދުވެ ހިންދަމާވެސް ނުލާނެއެވެ. އާދޭހެވެ. މޮޅު ލިޔުންތެރިޔަކު ލިޔަމުން ދާއިރުވެސް އޭނާގެ ސިކުނޑީގައި އާ ޚިޔާލުތައް އުރުތި އަރާނެއެވެ. ނަމަވެސް ފެށުމުގައި އޭނާ އެކަށައަޅާފައިވާ އޮނިގަނޑު، އޭނާ، އެ ޚިޔާލުތަކަށް ލެންބުމުން ދުރުކުރުވާނެއެވެ. މާވަޑިޔާވެސް ހަތްފަހަރު ހަތްގޮތަށް ގުދުވެ ހަތްވައްތަރަށް ލޯ ކުނައިކުރުމަށް ފަހުގައި މެނުވީ އެންމެ މަޑުލެއްވެސް ދުލެއް ނުކޮށްލައެވެ. ހަމައެފަދައިން، އޭނާގެ ލިޔުމުގައި ހިމެނި އެއްބަސް އަނެއްބަހާ، އެއްޖުމްލަ އަނެއް ޖުމްލައާ، އެއްޕެރެގްރާފް އަނެއް ޕެރެގްރާފާ، ހިންމިހެޔޮކޮށް ހުރިތޯ ބަލާފައިމެނުވީ ލިޔުންތެރިޔާވެސް އޭނާގެ ލިޔުމުން އަތްދޫކޮށްލައިގެން ނުވާނެއެވެ. މިގޮތުން މިކަމަށްޓަކައި، ކަމަށްއެކަށޭނަ ދަންނަމީހަކު ލައްވައި ނުވަތަ އެއްފެންވަރެއްގެ ބައެއްގެ ތެރޭގައިނަމަ ގްރޫޕަކަށް ހުށައަޅާލުމަކީ އަމިއްލައަށް ބަލައިގެން ނުފެނިހުރި ކުށްތައް ފާހަގަކުރަން ކުރެވިދާނެކަމެކެވެ. ދެލިކޮޕީ އެކުލަވާލުމުގެ އެންމެ މުހިންމު އެއްބޭނުމަކީ މިއ ީއެވެ. ފެށުމުގައި ދަންނަވާލި ހިރަފުސްފޮޅާލުމާއި ކޮށާމެށުން ނުވަތަ އަލުން ބެލުމާއި އުނިއިތުރު ގެނައުމަކީ ދެން ކުރަންޖެހޭ މަސައްކަތެވެ. އެންމެ ފުރަތަމަ ކަމަކަށް ޖުމްލަތައް ފުރިހަމަތޯ ބަލާނީ އެވެ. ޓައިޕުކުރިޔަސް ނުވަތަ އަތުން ލިޔުނަސް ބައެއް ބަސްބަސް ވެއްޓި، އަކުރު ދޫވުމަކީ އާންމު ކަމެކެވެ. ދެންބަލާނީ ޤަވާޢިދުގެ ކުށްތަކަށެވެ. އިނުންހުރުންއޮތުން، ސުކުންކުރެވޭ އަކުރު، ތިކިޖެހިތާނަ، ފަދަ ބަހުގެ ޤަވާޢިދުގައިހިމެނޭ ބައިތަކަށް މި ބެލުމުގައި ނަޒަރު ހިންގާށެވެ. ލިޔެކިޔުމުގެ ނިޝާންތައްވެސް އިތުރު ބަލާލުމަކުން އިސްލާޙުކޮށްލާށެވެ. މިދެންނެވި ތިން ބަލާލުންވެސް ވަކިކުރާށެވެ. ސަބަބަކީ މިބެލުންތަކުގައި އަތްފުނާއަޅާ އުސޫލުން ވަކި އެއްޗެއް ހޯދަން މަސައްކަތް ކުރަންޖެހޭތީއެވެ. އެގޮތް ފަސޭފަވާނެތީއެވެ. އޮޑިބަނދެނިމި ފަރިވަޅުގެ ފޮނިކަން އަރުގައިލުމަށްފަހު އޮޑީގެ ކޮޅުފަސްކޮޅު ގުންޑޮޅިންބޭރުވެ ގޮސް އަޑުނުފޯރާފަށުގައި ނަލަކޮށް ހަރުދުވެލީގައި އޮޑި ދުވަމުންދާއިރު މާވަޑިޔާއަށް އިޙްސާސްކުރެވޭނެ ހިތްހަމަޖެހުން، މި ލިޔުމުގައި އިސްވެދެންނެވުނު ބީދައިން ލިޔުމެއްލިޔެ ނިންމާލާ ޝާއިޢުކުރާ ލިޔުންތެރިޔާއަށް ވެސް އިޙްސާސްކުރެވޭނެކަމަށް އުންމީދުކުރަމެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ އަޙްމަދު ޝަމީނު ދޮންމަނިކު , 2009-10-26 13:28:51
ތުއްފާށަނާއަށް ދަންނަވަމެވެ. އަޅުގަނޑު ކުރިކަމަކީ މިލިޔުން ލިޔުންނަމަވެސް ދެން ހުރި ހަރުފަތްތައް ވެސް ވަނީ ގިރާކުރެވިފައެވެ.
އަދި ދަންނަވަމެވެ. މިލިޔުން އަމާޒުކުރެވިފައިވަނީ ވ ތަނަވަސް އޯޑިއަންސަކަށެވެ. އެއީ އަޅުގަނޑުމެންގެ ދިވެހި އުސްތާޒު އާދަމް ނަޞީރު އިބްރާހީމްއެވެ. މިލިޔުމުގެ މަޤްޞަދަކީ އަޅުގަނޑަށް އެދުވަހުގެ ފިލާވަޅު ދޭހަވެއްޖެކަން ހާމަކޮށްދިނުމެވެ. އަދި މިލިޔުމަށް 10 އިން 8 ލިބުނެވެ. އަދި ދަންނަވަމެވެ. މިލިޔުން ފަންވަތާ ހިއްސާކޮށްލުމުގެ ބޭނުމަކީ މިލިޔުން ފަހުން މުރާޖަޢާކޮށްލަން ބޭނުންވިޔަސް އެމަގު ތަނަވަސް ވެފާއޮންނާނެގޮތް ހެދުމެވެ. -ޝުކުރިއްޔާ- ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
މިލިޔުމަކީ ނޭނގޭ ބަޔަކަށް އެއްޗެއް ބުނެދޭން ލިޔެފަ އޮތް ލިޔުމެއްތޯ ނުވަތަ ވަރަށް ބޮޑަށް އެނގޭ ބަޔަކަށް ތައްޔާރުކުރެވިފައިވާ މުރާޖަޢާއެއްތޯ... ކޮންމެއަކަސް ދިވެހި ގަޑިއެއްގައި ތައްޔާރުކުރެވިފައިވާ ޗާޓެއްގެ ވަރަށް އެކަށޭނަ ޝަރަޙައެއް... ލިޔުންތެރިޔާ އަނެއްކާ މިލިޔުން ތައްޔާރުކުރެއްވުމަށްޓަކައި މިހުރިހާ އޮޅިއެއް ގިރާކުރެއްވިންތޯ؟