މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދުވަހުން ދުވަހަށް؛ އެދުވަހުން އެދުވަހަށް؛ އެއް ދުވަހުން އަނެއް ދުވަހަށް |
|
|
| ދިވެހި - މާދަރީބަސް | |||
| 27 ފެބްރުވަރީ 2011، 17:15 އާދީއްތަ | |||
|
މުޙަންމަދު ޝާހިދު ޙަލީމް ދުވަހުން ދުވަހުން ދުވަހަށް؛ އެދުވަހުން އެދުވަހަށް؛ އެއް ދުވަހުން އަނެއް ދުވަހަށް މި ތިން ލަފުޒަކީވެސް އެއް ލަފުޒަށް ވުރެ ގިނަ ލަފުޒުން އުފެދިފައިވާ އެކުވި ތިން ލަފުޒެވެ. ތިން ކަންއިތުރެވެ. ދިވެހިބަހުގައި މި ތިން ލަފުޒުން ދޭހަވަނީ ތަފާތު ތިން މާނައެކެވެ. އެހެންކަމުން މި ތަނުން އެއް ލަފުޒެއް ބޭނުންކުރާން ޖެހޭ ތަނެއްގައި އަނެއް ލަފުޒެއް ބޭނުންކޮށްފި ނަމަ، ދޭހަކޮށްދޭން ބޭނުންވާ މާނަ ދޭހައެއް ނުވާނެއެވެ.ދުވަހުން ދުވަހަށް ދިވެހިބަހުގައި ދުވަސް ފަށްކޮށް، ފުރަތަމަ ދުވަހުގެ ފަހަތުގައި /އިން/ ދެވަނަ ދުވަހުގެ ފަހަތުގައި /އަށް/ ދުވަހާ ގުޅުވައިގެން، /ދުވަހުން ދުވަހަށް/ މި ގޮތަށް ބޭނުންކުރަނީ އާދަކޮށް، ކޮންމެ ދުވަހަކު ކުރާ، ނުވަތަ ކުރާންޖެހޭ ކަމެއް ބަޔާންކުރުމަށެވެ. މިސާލު: - މުޙަންމަދު ދުވަހުން ދުވަހަށް މަސައްކަތް ނިންމައެވެ. (މުޙަންމަދު ކޮންމެ ދުވަހަކުވެސް، އޭނާ އެ ދުވަހު ކުރާންޖެހޭ މަސައްކަތް ނިންމައެވެ.) - އިބްރާހީމަށް ދުވަހުން ދުވަހަށް މުސާރަ ދޭން ޖެހެއެވެ. (އިބްރާހީމަށް ކޮންމެ ދުވަހަކު ވެސް އެ ދުވަހުގެ މުސާރަ ދޭން ޖެހެއެވެ. އޭނާއަކީ ދުވަހުމުސާރައަށް މަސައްކަތްކުރާ މީހެކެވެ.) ދުވަސް ނޫނަސް، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި، ނުވަތަ ވަކި ވަގުތެއްގައި އާދަކޮށް ކުރާ ކަމެއް ބަޔާންކުރުމަށް، މި ގޮތަށް އެ މުއްދަތު، ނުވަތަ ވަގުތު ބަޔާންކޮށްދޭ ލަފުޒު ފަށްކޮށް، ފުރަތަމަ ލަފުޒުގެ ފަހަތުގައި /އިން/ ދެވަނަ ލަފުޒުގެ ފަހަތުގައި /އަށް/ އެ ލަފުޒާ ގުޅުވައިގެން، ބޭނުންކުރެއެވެ. މިސާލު: - މަސައްކަތް ކުރިއަށް ދާ ގޮތުގެ ރިޕޯޓު އެ އޮފީހަށް މަހުން މަހަށް ފޮނުވާން ޖެހެއެވެ. (ކޮންމެ މަހަކުވެސް، ނިމުނު މަސްދުވަހުގެތެރޭގައި މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓު އެ އޮފީހަށް ފޮނުވާން ޖެހެއެވެ.) - މި ފިހާރަ މީގެ ފަހުން އަހަރުން އަހަރަށް ހިސާބުކުރާން ވާނެއެވެ. (މި ފިހާރަ މީގެފަހުން ކޮންމެ އަހަރަކު ވެސް ހިސާބުކުރާން ވާނެއެވެ.) - ފާޠިމަތަކީ ވަގުތުން ވަގުތަށް ނަމާދުކުރާ މީހެކެވެ. (ފާޠިމަތަކީ އެންމެ ނަމާދެއް ވެސް ނާޅައި، ކޮންމެ ނަމާދެއް ވެސް، އެ ނަމާދެއްގެ ވަގުތުގައި ކުރާ މީހެކެވެ.) - ގަޑިން ގަޑިއަށް ބޭސް ބޮއިގެން ނޫނީ ބަލި ރަނގަޅެއް ނުވާނެއެވެ. (ބޭސް ބޯން ޖެހޭ ހުރިހައި ގަޑިއެއްގައި ބަރާބަރަށް ބޭސް ބޮއިގެން ނޫނީ ބަލި ރަނގަޅެއް ނުވާނެއެވެ.) މި ގޮތަށް، ކަނޑައެޅިފައި އޮންނަ ވަކި މުއްދަތެއްގައި ތަކުރާރުކޮށް ކުރާ ކަމެއްގެ މާނަ ދޭހަކުރުމަށް، (އެދުވަހުން އެދުވަހަށް) ނުވަތަ (އެއް ދުވަހުން އަނެއް ދުވަހަށް) މި ދެގޮތަށް ހެދިފައި ހުންނަ ލަފުޒު ލަފުޒެއް ބޭނުމެއް ނުކުރެވޭނެއެވެ. އެދުވަހުން އެދުވަހަށް ދިވެހިބަހުގައި ދުވަސް ފަށްކޮށް، ފުރަތަމަ ދުވަހުގެ ފަހަތުގައި /އިން/ ދެވަނަ ދުވަހުގެ ފަހަތުގައި /އަށް/ ދުވަހާ ގުޅުވައިގެން ބޭނުންކުރާ އިރު، ދުވަހުގެ ކުރިއަށް، މި ގޮތަށް އިޝާރާތުގެ ނަމެއް ގެނެސް /އެދުވަހުން އެދުވަހަށް/ މި ގޮތަށް ދުވަސް ޚާއްޞަކޮށްގެން ބޭނުންކުރަނީ އެ ދުވަހު އެ ކަމެއް ކުރިކަން ނުވަތަ ކުރާނޭކަން އަންގައިދިނުމަށެވެ. މިސާލު: - ޙަސަނާ ޙަވާލުކުރި މަސައްކަތް، އެދުވަހުން އެދުވަހަށް ނިންމައިފިއެވެ. (ޙަސަނާ ޙަވާލުކުރި މަސައްކަތް އޭނާ ހަމަ އެ ދުވަހު ކޮށް ނިންމައިފިއެވެ.) - ޒައިނަބު އެ ގެއިން އެދުވަހުން އެދުވަހަށް ނުކުމެއްޖެއެވެ. (ޒައިނަބު ހަމަ އެ ދުވަހު އެ ގެއިން ނުކުމެއްޖެއެވެ.) ދުވަސް ނޫނަސް، ކަނޑައެޅިފައި ވާ ވަކި މުއްދަތެއްގައި، ނުވަތަ ވަކި ވަގުތެއްގައި ކުރާ، އެކަމަކު އާދަކޮށް ނުކުރާ ކަމެއް ބަޔާންކުރުމަށް، އެ މުއްދަތު ނުވަތަ ވަގުތު ބަޔާންކޮށްދޭ ލަފުޒު ފަށްކޮށް، ފުރަތަމަ ލަފުޒުގެ ފަހަތުގައި /އިން/ ދެވަނަ ލަފުޒުގެ ފަހަތުގައި /އަށް/ އެ ލަފުޒާ ގުޅުވައިފައި، އެ ލަފުޒުގެ ކުރިއަށް އިޝާރާތުގެ ނަމެއް ގެނެސް އެ ވަގުތު ނުވަތަ މުއްދަތު ޚާއްޞަ ކުރެއެވެ. މިސާލު: - މިފިހާރަ މިއަދުން މިއަދަށް ހުސްކުރާން ވާނެއެވެ. (މިފިހާރަ ހަމަ މިއަދު ހުސްކުރާން ވާނެއެވެ.) - އާމިނަތު ލައްވާ މިރެއިން މިރެއަށް ރަންކިއުއްވާން ވާނެއެވެ. (އާމިނަތު ލައްވާ ހަމަ މިރޭ ރަންކިއުއްވާން ވާނެއެވެ.) ކަނޑައެޅިފައި ވާ ވަކި މުއްދަތެއްގައި ނުވަތަ ވަކި ވަގުތެއްގައި ކުރާ، އެކަމަކު އާދަކޮށް ނުކުރާ ކަމެއް ބަޔާންކުރުމަށް، /ދުވަހުން ދުވަހަށް/ ނުވަތަ /އެއް ދުވަހުން އަނެއް ދުވަހަށް/ މި ދެގޮތަށް ހެދިފައި ހުންނަ ލަފުޒު ލަފުޒެއް ބޭނުމެއް ނުކުރެވޭނެ އެވެ. އެއް ދުވަހުން އަނެއް ދުވަހަށް ދިވެހިބަހުގައި ދުވަސް ފަށްކޮށް، ފުރަތަމަ ދުވަހުގެ ފަހަތުގައި /އިން/ ދެވަނަ ދުވަހުގެ ފަހަތުގައި /އަށް/ ދުވަހާ ގުޅުވައިގެން ބޭނުންކުރާ އިރު ފުރަތަމަ ދުވަހުގެ ކުރިއަށް /އެއް/ ދެވަނަ ދުވަހުގެ ކުރިއަށް /އަނެއް/ އިތުރުކޮށް /އެއް ދުވަހުން އަނެއް ދުވަހަށް/ މި ގޮތަށް ބޭނުންކުރަނީ ވަކި ކަމަކަށް ނުވަތަ އެއްޗަކަށް ކޮންމެދުވަހަކު ހުއްޓުމެއް ނެތި އަންނަ ބަދަލު ބަޔާންކޮށްދިނުމަށެވެ. މިސާލު: - އެ ކަމާ ހިތާމަކޮށްކޮށް އޭނާ އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ހިކި އަނަރޫފަވަމުންނެވެ. (އެ ކަމާ ހިތާމަކޮށް، ކޮންމެ ދުވަހަކު ވެސް އޭނާ ކުރީ ދުވަހަށް ވުރެން ހިކި އަނަރޫފަ ވެއެވެ.) - އެ ނޫހުގައި ހުންނަ ޚަބަރުތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ މުއްސަނދިވަމުންނެވެ. (އެ ނޫހުގައި ހުންނަ ޚަބަރުތައް ކޮންމެ ދުވަހަކު ވެސް ކުރީ ދުވަހަށް ވުރެން ބޮޑަށް މުއްސަންޖެވެ.) ދުވަސް ނޫނަސް، ބަޔާންކުރާ ވަކި މުއްދަތެއް، ނުވަތަ ވަކި ވަގުތެއްގެ ތެރޭގައި ވަކި ކަމަކަށް ނުވަތަ އެއްޗަކަށް ހުއްޓުމެއް ނެތި އަންނަ ބަދަލު ބަޔާންކުރުމަށް ލަފުޒު ފަށްކޮށް، ފުރަތަމަ ލަފުޒުގެ ފަހަތުގައި /އިން/ ދެވަނަ ލަފުޒުގެ ފަހަތުގައި /އަށް/ އެ ލަފުޒާ ގުޅުވައިފައި، ފުރަތަމަ ލަފުޒުގެ ކުރިއަށް /އެއް/ ދެވަނަ ލަފުޒުގެ ކުރިއަށް /އަނެއް/ އިތުރުކޮށްގެން ބޭނުން ކުރެއެވެ. މިސާލު: - އެ ރަށް އެއް ހިނދުކޮޅުން އަނެއް ހިނދުކޮޅަށް އަންނަނީ ތަރައްޤީ ވަމުންނެވެ. (އެ ރަށް ތަރައްޤީވާލެއް ހަލުއިކަމުން ކޮންމެ ހިނދުކޮޅެއްގައި ވެސް ކޮންމެވެސް ދާއިރާއަކުން އެ ރަށަށް އިތުރު ކުރިއެރުމެއް އާދެއެވެ.) - އޭނާގެ ވިޔަފާރި އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށަށެވެ. (އޭނާގެ ވިޔަފާރި ދަނީ، ހުއްޓުމެއް ނެތި ކޮންމެ އަހަރަކު ވެސް ކުރީ އަހަރަށް ވުރެން ދަށަށެވެ.) - އެ ޖަމުޢިއްޔާގެ ޙަރަކާތްތައް އެއް ދައުރުން އަނެއް ދައުރަށް ގެންދަނީ ފުޅާކުރަމުންނެވެ. (އެ ޖަމުޢިއްޔާގެ ޙަރަކާތްތައް ގެންދަނީ ކޮންމެ އާ ދައުރެއްގައި ވެސް، ނިމުނު ދައުރަށް ވުރެން ފުޅާކުރަމުންނެވެ.) ކަމަކަށް، އެއްޗަކަށް، ނުވަތަ ތަނަކަށް ހުއްޓުމެއް ނެތި އަންނަމުންދާ ބަދަލު ބަޔާންކުރުމަށް، /ދުވަހުން ދުވަހަށް/ ނުވަތަ /އެދުވަހުން އެދުވަހަށް/ މި ދެ ގޮތަށް ހެދިފައި ހުންނަ ލަފުޒު ލަފުޒެއް ބޭނުމެއް ނުކުރެވޭނެއެވެ. ------------------------ (ނިމުނީ) ނޯޓު: މިއީ ފަތްތޫރަ 277 (އެޕްރީލް 2002) ގައި ޝާއިޢުކޮށްފައި ވާ މަޒުމޫނެކެވެ.
|
| ހަމަ މި ގަލަމުން |
|---|