މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެނގުން، އެނގިލެއްވުން، އެނގިވަޑައިގަތުން |
|
|
| ދިވެހި - މާދަރީބަސް | |||
| 11 މާރޗް 2011، 21:19 ހުކުރު | |||
|
މުޙަންމަދު ޝާހިދު ޙަލީމް އެނގުން، އެނގިލެއްވުން، އެނގިވަޑައިގަތުން މިއީ އިޙްސާސެއް އިޙްސާސްވުމުގެ، ނުވަތަ ކަމެއް، ނުވަތަ އެއްޗެއް އޮޅުންފިލުމުގެ، ނުވަތަ ދޭހަވުމުގެ، ނުވަތަ މޭރުންވުމުގެ މާނައިގައި ބޭނުންކުރާ ތިން ލަފުޒެވެ. މި ތިން ލަފުޒުގެ މާނަ އެއްގޮތް ނަމަވެސް ތިން ލަފުޒު ބޭނުންކުރަނީ ތިން ހާލަތެއްގައެވެ. /އެނގުން/ ބޭނުންކުރަނީ އާދައިގެބަހުން (އާނހޫން) ވާހަކަދައްކާ އިރުގައެވެ.
/އެނގިލެއްވުން/ ބޭނުންކުރަނީ މާތްބަހުން (ލައްބަދުރުވުމުން) ވާހަކަދައްކާ އިރުގައެވެ. /އެނގިވަޑައިގަތުން/ ބޭނުންކުރަނީ އެންމެމާތްބަހުން (އާދެވަޑައިގަތުމުން) ވާހަކަދައްކާ އިރުގައެވެ.ދިވެހިބަހުގައި ލައްބަދުރުވުމުން ވާހަކަދެއްކުމަކީ ވެސް އަދި އާދެވަޑައިގަތުމުން ވާހަކަދެއްކުމަކީ ވެސް ރީތިކޮށް ވާހަކަދެއްކުން ކަމުގައި ބަލައެވެ. އެކަމަކު މި ދެ ގޮތަކީ ރީތިކޮށް ވާހަކަދެއްކުމުގެ ދެ ދަރަޖައެކެވެ. ވީމާ، މި ދެ ދަރަޖަ މަސްހުނިކުރުމަކީ ބަހުގެ ހަމަތަކާ ތަފާތު ކަމެކެވެ. އެހެންކަމުން އާދެވަޑައިގަތުމުން ވާހަކަދައްކާ އިރު ފެނިލެއްވުން ބޭނުންކޮށްފިއްޔާ، އަދި ލައްބަދުރުވުމުން ވާހަކަދައްކާ އިރު ފެނިވަޑައިގަތުން ބޭނުންކޮށްފިއްޔާ ބަހުގެ ހަމަތަކާ ތަފާތުވާނެއެވެ. މިސާލަކަށް: - މިހާރު ތިޔަ ބޭފުޅުންނަށް އެނގިލައްވާނެ؛ އިބްރާހީމަކީ ކުޅަދާނަ ކެޔޮޅެއް ކަން. - ތިޔަ ބޭކަލުން ދުރުވާ އިރު ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާ މިންވަރަކަށް ލިއުއްވައިގެން ގެންނަވާތި! މި ދެ ޖުމުލަ ވެސް ބުނެވިފައި އެ ވަނީ ބަހުގެ ހަމަތަކާ ތަފާތުކޮށެވެ. ބަހުގެ ހަމަތަކާ އެއް ގޮތަށް އެ ދެ ޖުމުލަ ބުނާނީ މިހެންނެވެ. - މިހާރު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ؛ އިބްރާހީމަކީ ކުޅަދާނަ ކެޔޮޅެއް ކަން. - ތިޔަ ބޭކަލުން ދުރުވާ އިރު ތިޔަ ބޭކަލުންނަށް އެނގިލައްވާ މިންވަރަކަށް ލިއުއްވައިގެން ގެންނަވާތި! މާތްބަހުންނާއި އެންމެމާތްބަހުން ވާހަކަދައްކާ އިރު އެނގިލެއްވުމާއި އެނގިވަޑައިގަތުން ވެސް ބޭނުންކުރާނީ ތިމާ މާތްބަހުން ނުވަތަ އެންމެމާތްބަހުން އެ ވާހަކަދައްކާ ފަރާތަށް ރައްދުވާ ތަންތާނގައެވެ. ތިމާއަށް ރައްދުވާ ތަންތާނގައެއް ނޫނެވެ. މިސާލަކަށް: - ޢަލީއަށް އެނގިވަޑައިނުގެން އޮތް ކަން އަޅުގަނޑަށް އެނގިވަޑައިގެންފައެއް ނެތް. - ޢަލީއަށް އެނގިވަޑައިނުގެން އޮތް ކަން އަޅުގަނޑަށް އެނގިލައްވައިފައެއް ނެތް. - ޢަލީއަށް އެނގިނުލައްވައި އޮތް ކަން އަޅުގަނޑަށް އެނގިވަޑައިގެންފައެއް ނެތް. - ޢަލީއަށް އެނގިނުލައްވައި އޮތް ކަން އަޅުގަނޑަށް އެނގިލައްވައިފައެއް ނެތް. މި ހަތަރު ބުނުން ވެސް ބުނެވިފައި މި ވަނީ ބަހުގެ ހަމަތަކާ ތަފާތުކޮށެވެ. މި ބުނުންތައް ބަހުގެ ހަމަތަކާ އެއްގޮތަށް ބުނާނީ މިހެންނެވެ. މާތްބަހުން ޢަލީއާ ވާހަކަދައްކާނަމަ: - ޢަލީއަށް އެނގިނުލައްވައި އޮތް ކަން އަޅުގަނޑަށް އެނގިފައެއް ނެތް. އެންމެމާތްބަހުން ޢަލީއާ ވާހަކަދައްކާނަމަ: - ޢަލީއަށް އެނގިވަޑައިނުގެން އޮތް ކަން އަޅުގަނޑަށް އެނގިފައެއް ނެތް. ---------------------- (ނިމުނީ) މި ލިޔުން: ފޮނުވުން: މުޙަންމަދު ޝާހިދު ޙަލީމް އަލުންބެލުން: މުޙަންމަދު ޝާހިދު ޙަލީމް ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް
|
| ހަމަ މި ގަލަމުން |
|---|