މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޑޭޒީމަލުގެ އަސަރު |
|
|
| ދިވެހި - މާދަރީބަސް | |||
| 20 އެޕރީލް 2011، 01:18 ބުދަ | |||
|
މިއީ އާމިނަތު ފާއިޒާގެ ތައުބީނުގެ ޖަލްސާގައި ދެއްކުނު ވީޑިއޯ ރިޕޯޓުގެ ލިޔުމެވެ. އިރުމަތި ފަރާތު އުދަރެސް، ފުރިހަމަ ވެގެން މަތީ ރެސް، ވިރުވައިލި ރަންގަނޑެއްހެން، ހުރެގެން މި އަލިވަނީއޭ އާދަމް ނަޞީރު އިބްރާހީމް މިއީ ފުރަމެންދަމެއްގެ ކަޅު އަނދިރިކަމަށްފަހު، ފަތިހެއްގެ އުޖާލާ އަލިކަމައިގެން ދުވާލުގެ އިރު، ފެނުންތޮޅިލާ މަންޒަރު އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ސިފަކޮށްދެއްވާ ގޮތް. އެހެނެއްކަމަކު ތިބާއަށް މި ރިޕޯޓުގައި ހުށަހަޅައިލައިދޭން މި އުޅެނީ، ފަހަރެއްގައި ވެސް ސީދީގެ ޒިކުރާތަކެއްނޫން.. އެކަމަކު މި މަޝްހޫރު ޅެންވެރިޔާއަށް ބޭބޭ ވިދާޅުވާ، ކުޅަދާނަ ޝާޢިރާއެއްގެ ހަނދާންތައް. ދިވެހި އަދަބީ އުދަރެހުގެއިރު،
ވިރުވައިލި ރަންގަނޑެއްހެން އުދަވެ، އޭގެ ރޯޝަނީ ދޯދިތައް ޖައްވަށް ދޫކޮށްލިހިނދު، ފަރިވެ ފޮޅުނު ޑޭޒީމަލުގެ ހިތްގައިމު ކުލަތަކާއި، އޭގެ އަސަރުތައް. ފިންޏާއި ހޫނުގައި، މެންދަމާއި ފަތިހުގައި، ހެނދުނާއި ހަވީރުގައި، އެ މަލުގެ ޢަބީރުން ދިވެހި އަދަބީ ޖައްވަށް ލިބިދިން ޝަޒާގެ ތާސީރުތައް. ދިވެހި ޅެންވެރިކަމުގެ ބުސްތާނު ތެރޭގައި ނަލަވައިރޯޅިޔާއެކު ޑޭޒީމާ ދެއްކި ޙަރަކާތްތެރިކަމާއި ލެނބިލުންތަކާއި ހެލިލުންތައް.ދިވެހި ރާއްޖެ ދުށް އަންހެން ޅެންވެރިންގެ ތެރޭން އެންމެ ކުޅަދާނަ އެއްބޭފުޅަކު ކަމުގައިވާ ، އާމިނާތުފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 29 ޞަފަރު 1343ގައި ގ. ބޮޑުފެންވަޅުގޭގަ. މީލާދީ ގޮތުން ބަލާނަމަ، އެ ދުވަހަކީ، 1924ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވީ އަންގާރަ ދުވަސް. ފާއިޒާގެ ބައްޕާފުޅަކީ، އަލްމަރުޙޫމު ޔޫސުފު މޫސާ، ނުވަތަ ބެރުގޭ ޔޫސުފުފުޅު. މަންމާފުޅަކީ، އަލްމަރުޙޫމާ މަރިޔަމް މޫސާ، ނުވަތަ ބޮޑުފެންވަޅުގޭ ދޮން ދީދީ. ކުޅަދާނަ ޅެންވެރިއެއްގެ ހައިސިއްޔަތުން ފާއިޒާގެ ޙަޔާތުނާމާގެ ޞަފުޙާތައް އުކައިލާއިރު ތިޔަ ބޭފުޅުންގެ އެއް ސުވާލަކަށްވާނީ ޅެންވެރިކަމުގެ މައިދާނަށް ފާއިޒާއަށް ވަދެވަޑައިގެންނެވުނީ ކިހިނަކުންތޯ ތިޔަ ކުރައްވާ ސުވާލު. އޭގެ ޖަވާބު މާ އުނދަގުލެއް ނޫން. އެ ކަމަނާ ބޮޑުފުޅުވި ވެށްޓަކީ ޅެންވެރިކަމުގެ ޖަންނަތެއް. އަދަބާއި ޝާޢިރިއްޔަތުގެ ހަވޭއްޔެއް. ޢިލްމާއި ފިކުރުގެ ވާސައެއް. ދިވެހި ޅެންވެރިކަމުގެ ހަރޮށި އެއް ތަނބުކަމުގައިވާ ބޮޑުފެންވަޅުގޭ ސީދީ، ނުވަތަ ފާއިޒާ ވިދާޅުވާ ނަންފުޅުންނަމަ، ތިއްތި ބެއަކީ، ފާއިޒާގެ ޅެންވެރިކަމުގެ ފުރަތަމަ އުސްތާޛު. އޭގެ އިތުރަށް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރާއްޖޭގައި އުފެއްދެވި ޢިލްމީ ފުންކަނޑާއި، އެ މަނިކުފާނު އިންދެވި އަދަބީ ފެހިދަނޑުން ރޯދި ހާޞިލް ކުރެއްވުމުގެ ނަސީބު ފާއިޒާއަށްވަނީ ވަރަށް ތަނަވަސްކޮށް ލިބިވަޑައިގެންފާ. މަދަރުސަތުއްޘަނިއްޔާގެ ދެވަނަ ފޯމުން މަދުރަސީ ތަޢުލީމުގެ ދައުރު ފުރިހަމަ ކުރައްވައިފައިވާ، ފާއިޒާ އެންމެ ފުރަތަމަ ޅެމެއް ހައްދަވައިފައިވަނީ، އުމުރުން އެންމެ 20 އަހަރުފުޅުގާ. މިހާރު ތިޔަ ބޭފުޅުން ތިޔަ ކުރައްވާ ސުވާލަކީ، ފާއިޒާ ޅެން ހައްދަވައިފައިވާ ރޮނގު ރޮނގަކީ ކޮބައިތޯ؟ އެކަމަނާގެ ގަލަންކޮޅު ހިނގައިފައިވާ މައުޟޫޢުތަކަކީ ކޮބައިތޯ؟ މި ސުވާލުގެ ޖަވާބުގައި ވެސް ކޮށްލަން ޖެހެނީ އަނެއްކާ އަނެއް ސުވާލު. އެއީ ފާއިޒާ ޅެން ހައްދަވައިފައި ނުވަނީ ކޮން ރޮނގަކުންތޯ ކުރެވޭ ސުވާލު. އެކަމާނގެ ޅެންފޮތްތައް ވަނީ ތަފާތު އެތައް ވަތްގަނޑުތަކަކަށް ބަހައިލެވިފާ. ޙަމްދުޘަނާއާއި މަދަޙަ. ޙިކްމަތާއި، ފަލްސަފާ. ޤައުމީ ޝުޢޫރާއި، އިޖުތިމާޢީ ސުލޫކު. ދޭދޭ ކުލުނާއި، އިޝްޤީ ލޯބި. ޚިދުމަތުގެ މައިދާނުގައި ފާއިޒާ ޙަރަކާތްތެރިވެވަޑައިގެންނެވި ރޫޙާއި، އެ ކަމަނާގެ ޢަޒުމާއި، މުރާލިކަމަކީ ވެސް ފާހަގަނުކޮށް ދޫކޮށްލެވޭނެ ކަންކަމެއް ނޫން. ދިވެހި ޤައުމު އެއްބަސްވާނެ ގޮތުގައި ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގެ ތެރޭގައި ސުމުއްވުލްއަމީރު މުޙަންމަދު އަމީނު މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވެއްސެވި ޢިލްމީ އަދަބީ ވާރޭގެ އެހީގައި، އެންމެ ފުރަތަމަ ފަރިވި އެއްމަލަކީ ޑޭޒީމާ. އޭގެ ވަހަކީ، އެހާރާއި މި ހާރަށް ބަދަލެއް ނެތި ދެމިހުރި ވަހެއް. އެ މަލުގެ ޝަޒާ ދިވެހި ވައިރޯޅީގެ ހަވާލުގައި، ދިވެހި ޖައްވަށް ހަދިޔާ ކުރެއްވުމުގައި މޫސުމުގެ ތަފާތަކުން، އިރުވަރުގެ ފަރަގަކުން އުނިކަމެއް ފަގީރުކަމެއް ނާދޭ. އެހެންކަމުން ޑޭޒީ މަލަކީ ދިވެހި އަދަބީ ޗަމަންގެ ތިޔާގިކަމެއް. ޒީނަތްތެރިކަމެއް. ހުވަނދެއް. ދިރުމާއި ރޫޙުވެސްމެ. ފާއިޒާގެ ޤައުމީ ޚިދުމަތަކީ، ހަމަ އެކަނި ޅެންވެރިކަމުގެ މައިދާނަށް ހުއްޓިފައިވާ ޚިދުމަތެއް ނޫން. 1940ގެ އަހަރުތަކުގައި މަދަރުސަތުއްޘަނިއްޔާގެ މުދައްރިސާއެއްގެ މަގާމު އެ ކަމަނާ ވަނީ ފުރުއްވާފަ. އޭގެފަހުން ސަނިއްޔާގެ ނާޒިރާގެ ނާއިބާކަމުގެ ވާޖިބުތައް ވެސް ވަނީ އަދާ ކުރައްވާފާ. އެއަށްފަހު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިޔާކަމުގެ މަޤާމު ވެސް ދިގު މުއްދަތަކަށް އެ ކަމަނާ ވަނީ ފުރުއްވާފަ. ހަމައެހެންމެ ފާއިޒާ ހިމެނިވަޑައިގަންނަވަނީ، އަންހެންބޭފުޅުންކުރެ ދިވެހިބަހުގެ ބަސްކޮމިޓީގައި، އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އެއްބޭފުޅަކު ކަމުގާ. ޅެންވެރިކަމާއި އަދަބީ ޚިދުމަތުގެ ރޮނގުގައި ފާއިޒާއަކީ ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ ބޭފުޅެއް. އެ ކަމަނާ އެކުލަވައިލެއްވި ގިނަގުނަ ޅެން ފޮތްތަކާއި ޅެން އުނގަންނާ ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ޢިލްމީ އަދަބީ ބުރަދަނާއި، އޭގެ ފެންވަރަކީ މި ކާމިޔާބީގެ އެއްސަބަބު. 1949 ވަނަ އަހަރު 1988ވަނަ އަހަރު އަދި 2003ވަނަ އަހަރު ވެސް ފާއިޒާގެ ޅެންފޮތްތައް ވަނީ ޝާއިޢު ކުރެވިފާ. ޅެމުގެ އިތުރަށް ފަހުން ފަހުން އައިސް ފާއިޒާވަނީ ވަރަށް ގިނަ ޢަދަދަކަށް ރައިވަރު ވެސް ހައްދަވައިފަ. ދިވެހި ޅެންވެރިކަމުގެ މައިދާނަށް އެ ކަމަނާ ދޫކުރެއްވި މި ފަދަ ވަރަށް ގިނަ ތަރިކަތައް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢު ކޮށްދެއްވައިފައިވުމީ އެ ކަމަނާގެ ޅެންވެރި ޝުޢޫރުތަކުގައިވާ އޮއްޓަރާއި ލާބަހުރި ތާސީރު ވަޒަންކޮށްލެވޭކަމެއް. ފާއިޒާ ޙާޞިލް ކުރައްވާފައިވާ ޤައުމީ ފެންވަރުގެ ގިނަގުނަ އިނާމުތަކުން ވެސް މި ކަން ދޭހަވޭ. އޭގެ ތެރޭގައި ދިވެހި ޅެންވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމާއި، އެ ރޮނގުން ހޯއްދަވައިފައިވާ ޝަރަފުވެރިކަމުގެ އިނާމު ފާހަގަ ކޮށްލެވޭ.. ކޮންމެ އަކަސް ދުނިޔެއަކީ، ދުނިޔެ. ޙަޔާތަކީ ޙަޔާތް. ކޮންމެ އުފެދުމަކަށް ނިމުމެއް އަންނާނެ. ކޮންމެ ފަރިވުމަކަށް މިލުމެއް ގެންނާނެ. ކޮންމެ ފައްކާވުމަކަށް ވީރާނާވުމެއް އޮންނާނެ. މި ޤާނޫނަށް ބަދަލެއް ނާންނާނެ. މިއީ ޙަޔާތުގެ ޙަޤީޤަތް. އިއްޔެއާއި އިހަށް ދުވަސް، މި އަދާއި މާދަމާ، މީނާއާއި އޭނާ، ތިބާއާއި އަހަރެން އުފެދި ނެތިގެން ދަނީ އަދި ބައްދަލުވެ ވަކިވެގެންދަނީ ނުވަތަ ވަކިވެގެން ދާނީ މި ޙަޤީޤަތްތަކުގެ ފާލަމުގާ. މި ހުވަފެނީ ޢާލަމުގާ. 1432ވަނަ އަހަރުގެ ޙުރުމަތްތެރިވެގެންވީ ރަބީޢުލް އައްވަލުމަހުގެ އެކާވީސްވީ ހުކުރު ދުވަހުގެ އިރު، އުދަރެހުން އޭގެ މޫނުދައްކާލީ އަހަން ބޭނުން ނުވާ ހިތާމަވެރި އިޢުލާނެއް ކުރަމުން. ރޭގަނޑުގެ ކަޅު ފަރުދާ ފޫދުއްވާލައި، އުދަރެއްހަށް އަލިކަމެއް ދިންނަމަ ވެސް ހަމަ އެވަގުތު އަޅުގަނޑުމެންގެ ހިތްތަކަށް ވެރިކުރުވީ ވަރަށް ވެސް ކަޅު އަނދިރިކަމެއް. ނާއުންމީދާއި މޮޅިވެރިކަމެއް. އެހާމެ ވީރާނާ ފަޅުކަމެއް. އާދެ! 2011ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 25ވީ ބަރަކާތްތެރި ހުކުރު ދުވަހުގެ ހެނދުނު ހަގަޑި ފަންސަވީސް އެއީ ތަޤުދީރުގެ އަތުން، ޑޭޒީމާ ޙަޔާތުގެ ގަހުން ވަކި ކޮށްލެވުނު ހިތާމަވެރި ވަގުތު. ދިވެހި ޅެންވެރިކަމުގެ ބަގީޗާއަށް އޮހެމުންއައި ޑޭޒީމަލުގެ ޝާޢިރީ ސައިލު، ޒަމާނުގެ އަތުން އަބަދުގެ އަބަދަށް ބަންދުކޮށް ހުއްޓުވާލި ހިތްދަތި ވަގުތު. މަޝްހޫރު ޝާޢިރާ، ގ. ޑޭޒީމާގޭ އާމިނަތު ފާއިޒާ އަޅުގަނޑުމެން ދޫކުރައްވައި މި ފަނާވަނިވި ދުނިޔެއާ ވަކިވެވަޑައިގަތް އަސަރުހުރި ވަގުތު. އެހެންކަމުން އެއީ ހެޔޮ ދުޢާއާއި ހެޔޮ އެދުމުގެ ޝުޢޫރުތައް އުތުރި އަރައިގަތްވަގުތު. އަދި ކީއްތޯ؟ އެއީ އަދަބިއްޔާތަށް ލޯބިކުރާ ހިތްތައް ގިސްލުމާއި މޮޅިވެރިކަމުގައި މަޝްޣޫލުކޮށްލެވުނު ވަގުތު.. ކުލުނާ އިޙްތިރާމުގައި ލޯތައް ފެންކަޅިވި ވަގުތު..... ފާއިޒާ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފި. ފާއިޒާ ދާއިމީ ޙަޔާތަށް ނަގުލުވެވަޑައިގެންފި. ފާއިޒާ އެކަމަނާގެ އަދަބީ ތަރިކަ އަޅުގަނޑުމެންނަށް ހަދިޔާ ކުރައްވައިފި. ތިޔަ ދީލަތި ކަމަށްޓަކައި އަދާ ކުރެވެނީ ހިފެހެއްޓުމެއް ނެތް ޝުކުރު. ތިޔަ އިޚްލާޞްތެރިކަމަށްޓަކައި ހިތްތަކުގައި އުފުލިގެންދަނީ މިނެތް ނެތް ޤަދަރު. ތިޔަ ވަކިވެވަޑައިގަތުމުން އަޅުގަނޑުމެންގެ ވިންދުތަކާ ގުޅިފައިވަނީ ދެގޮތެއް ނުވެ ދާއިމީވާނެ، ދެމިހުންނަނިވި އަސަރު. ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް ތާ އަބަދު ދެމި ހުންނަ ހެޔޮ ޒިކުރާ އަކަށް ނިމުމެއް ނެތޭ ---------------------- (ނިމުނީ) މި ލިޔުން: ލިޔުން: އާދަމް ނަޞީރު އިބްރާހީމް އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އާމިނަތު ޢައްބާސް، ގ. ޢައްބާސާ, 2011-04-20 20:10:06
އަޅުގަނޑުގެ މަންމަ، އަލްފާޟިލާ އާމިނަތު ފާއިޒާ، ގ. ޑޭޒީމާގެ އަކީ ދިވެހި ޅެންވެރިކަމުގެ ރޮނގުގައި ވަރަށް މޮޅު ބޭފުޅެކެވެ. ހިތްޕުޅުއަލި، ޚިޔާލުފުޅު ތަނަވަސް، ފަސޭހައިން ޅެން ހައްދަވައި ކުޅަދާނަ ޝާޢިރެއްމެއެވެ. އަދި މަންމަ އަކީ ދީނީ ގޮތުން ވަރަށް ރަނގަޅަށް ކަންތައްތައް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. ދިވެހިބަހާއި ތާރީޚު ރަނގަޅަށް ފިލާވަޑައިގެންފައިވާ ޢިލްމުވެރިއެކެވެ. މަޢުލޫމާތުގެ ޚަޒާނާއެއްމެއެވެ. އަރާހުރި ފެހުންތެރިއެކެވެ. މޮޅު އުފެއްދުންތެރިއެއްމެއެވެ. މި ހުރިހައި ކަމެއް އަޅުގަނޑު ތަޖުރިބާކުރީމެވެ. ސަބަބަކީ އަޅުގަނޑަކީ ވެސް ދިވެހިބަހާއި އަދަބިއްޔާތާއި މަޢުލޫމާތުގެ ކަނޑުގައި ފީނާ މީހަކަށް ވާތީ އެވެ. މަންމަގެ ފަރާތްޕުޅުން ލިބިފައި ހުރި ފައިދާތައް ގިނަގުނައެވެ. ޝުކުރުވެރިކަމާ އެކު މަންމަ ހަނދާންކުރަމެވެ. 2011 އެޕްރީލް 21 ބުރާސްފަތި
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2011-04-21 12:42:13
ޝ. ގެ ސުވާލާމެދެ އަޅުގަނޑުގެ ޚިޔާލު ދަންނަވައިލަމެވެ. ބޮޑަށް ''ދިވެހިގޮތަކީ'' ދެއްކުނު މިހެން އޮތުމެވެ. ނަމަވެސް ތިޔަ ނުކުތާއަކީ، ފަހަކަށް އައިސް ދިވެހިބަހުގެ އުސްތާޛުންގެ މެދުގައި ބަހުސުކުރެވޭ މައްސަލައެކެވެ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތަށް ބަލާއިރު، މި ތާނގައި ރަނގަޅު ގޮތަކަށްވާނީ، ''ދެއްކި'' މިހެން އޮތުމެވެ. ދެވަނަ ރައުޔުގެ ބޭފުޅުންގެ އަރިހުގައި މިހާރު އޮތްގޮތްވެސް ޞައްޙަ އެވެ. އަޅުގަނޑުގެ ނަޒަރުގައި ދެގޮތުން ކުރެ އެއްގޮތެއް ވެސް މުޅިން ގޯހެއް ނޫނެވެ.
ނާޒިމް ވިދާޅުވެދެއްވާފައިވަނީ ކުށެއްގެ އިޞްލާޙެވެ. ލިޔުމުގައި މިހާރު އެވަނީ އެތަން އިޞްލާޙުކޮށްލައިފައެވެ. ޚިޔާލު ފާޅު ކޮށްލެއްވި ހުރިހައި ބޭފުޅުންނަށް ވެސް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.
...
ލިޔުނީ ޝޙ, 2011-04-22 09:55:59
ދެއްކުނު، ދެއްކި މި ދެ ލަފުޒު ބޭނުންކުރެވޭ ގޮތާ މެދު ވިސްނައިލާ އިރު އަޅުގަނޑަށް ލަފާކުރެވެނީ ދެއްކި ބޭނުންކުރާއިރު ކަންކުރާ އެއް އެނގެން އޮންނާންވާނެ ކަމުގައެވެ.
މިސާލަކަށް: މިއީ އާމިނަތު ފާއިޒާގެ ތައުބީނުގެ ޖަލްސާގައި (މިވެނި މީހަކު ނުވަތަ މިވެނި ފަރާތަކުން) ދެއްކި ވީޑިއޯ ރިޕޯޓުގެ ލިޔުމެވެ. މިޔާ ޚިލާފަށް ދެއްކުނު ބޭނުންކުރަނީ ކަންކުރާ ބަޔާންކުރަން ކޮންމެހެން ބޭނުން ނޫން ހާލަތުތަކުގައެވެ. އެ ގޮތަށް ވިސްނާ އިރު، އަޅުގަނޑަށް ބުރަވެވޭ ގޮތުގައި މި ތާނގައި ރަނގަޅީ ދެއްކުނު އޮތުމެވެ. އެއީ މި ހާލަތުގައި އެ ރިޕޯޓު ދެއްކި މީހަކު ނުވަތަ ފަރާތެއް އެނގުން މުހިންމެއްނޫނެވެ. އެއީ އެ ރިޕޯޓު ދެއްކީ ޖަލްސާ އިންތިޒާމުކުރި ފަރާތުން ކަމަށް ވީތީ އެވެ. އެއީ އެހެން ފަރާތަކުން އެ ޖަލްސާ ގައި ދެއްކި ރިޕޯޓެއް ނަމަ، އެ ފަރާތުގެ ނަމާ އެކު އޮންނާނީ ދެއްކި އެވެ. މިއީ އަޅުގަނޑަށް ލަފާކުރެވޭ ގޮތެކެވެ. ދިރާސާއެއްގެ މައްޗަށް ދެންނެވި ދެންނެވުމެއް ނޫނެވެ.
... ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2011-04-23 09:48:14
ޝޙ. ގެ ނުކުތާ އަކީ ވިސްނާލަން ރަނގަޅު ނުކުތާއެއް ކަމަށް ފެނެއެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ މި ސުވާލު އައީ މި ލިޔުމާ ގުޅިގެނެއް ނޫނެވެ. އެ ފަހަރު މި ސުވާލު ކުރެއްވިފަރާތުން ކުރެއްވި ސުވާލަކީ، ބައެއް ފިހާރަތަކުގައި ''ހުޅުވިފައި'' މި ހެން ޖަހައިފައި އެބަ ހުރެއެވެ. އެކަމަކު އެއީ ބޭ އިޚްތިޔާރުގައި ހުޅުވިފައި ހުރީއެއް ނޫނެއް ނޫންހެއްޔެވެ؟ އަޅުގަނޑު ދެންނެވީ މެވެ. ދެން ރަނގަޅު ގޮތަކީ ކޮބައިބާވައެވެ؟ އޭނާ ވިދާޅުވި އެވެ.. ''ހުޅުވައިފައި'' މިހެންޖެހުން ނޫންހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. އޭރުން ގަދަކަމުން ކުރިކަމަކަށް ނުވޭހެއްޔެވެ؟ ''ބަންދެއް ނޫން'' މިހެން ޖެހުން ކިހިނެއްވާނެހެއްޔެވެ؟
ކޮންމެއަކަސް މި ސަމާސާއަށްފަހު، އަޅުގަނޑު ދެންނެވީމެވެ. ސީރަތުގައި ޞަލާޙުއްދީނު ތަރުޖަމާ ކުރައްވާފައި އޮންނަ އާޔަތެއްގެ މާނައިގައި ވަނީ، ''ތިޔަބައި މީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރެއްވިއްޖެ އެވެ.'' މިހެންނެވެ. ދިވެހި ބަހުގައި މިހެން ބަސް ގެންނަ ކޮންމެ ހާލަތަކީ ބޭ އިޚްތިޔާރުގެ މާނަ އޮންނަ ހާލަތެއް ނޫނެވެ. މި ސާލަކަށް ފިރިމީހާ ބޭރުން އައިސް ގެއަށް ވަންނަ އިރު، ކުޑަ ދަރިފުޅަށް ބޭހެއްދޭން، އަންހެނުން އުޅެނީ އެވެ. އެކުއްޖާ ގަދަ ހަދާތީ ބޭސް ނުދެވިގެން އުޅެ އެވެ. ފިރިމީހާ ފާޚާނާއަށް ވަދެލައިފައި ނިކުތް އިރު ދަރިފުޅު އޮތީ ތަންމަތީގައި ބާއްވައިފައެވެ. މި ތާނގައި ކުރާނެ ސުވާލަކީ ބޭސް ދެވިއްޖެ ހެއްޔެވެ؟ ޖަވާބަކީ ބޭސް ދެވިއްޖެ އެވެ. އެކަމަކު މިހާލަތުގައި އެއީ ބޭއިޚްތިޔާރުގައި ކުރިކަމެއް ނޫނެވެ. އަދި ކިއެއްތަ؟ މި ހާލަތުގައި އެހެން އެ ބަސްގެނައުމުގެ މުރާދަކީ އެ ކަންކޮށް ނިންމައިފި ކަމުގެ މާނަ އެބަހުން ލިބިދިނުމެވެ. މި ނުކުތާ އާ މެދު އަޅުގަނޑަށް ވެސް ވިސްނައިލެވިފައިވާ ތިލަ ވިސްނައިލުމެއް ދަންނަވައިލީ އެވެ. ޝ.ޙ ފާހަގަ ކުރެއްވިހެން ދިރާސާއެއް ކޮށްލުން ރަނގަޅު ނުކުތާއެއްކަމަށް ފެނެއެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|