މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "އުޖާލާވި ރަންތަރީ"ގެ އުޖާލާ އަލިކަން |
|
|
| ދިވެހި - މާދަރީބަސް | |||
| 15 ޖެނުވަރީ 2012، 03:01 އާދީއްތަ | |||
|
ފާޠިމަތު އަމްނާ ޢަޒީޒު- ލ. މާވަށް "އެންމެ ދީލަތިވަންތަ ކީރިތި ޖައްލަ ރައްބީއަށް ދުލުން،ދެންނެވުން އެކަށޭނަހެން އަދު ރަމްޒުކޮށް ކިޔަމޭ ސަނާ އެންމެހައި ޢާލަމްތަކަށް ބޮޑު ރަޙުމަތެއްކަމުގައި އެވާ ނަން އިތުރު ކައު މުޞްޠަފާއަށް ރަމްޒުކޮށް ކިޔަމޭ ސަނާ ޢިއްޒަތާ އަބުރާ މި ދީނަށް ދެއްވި ހޯދައި މިންނަތުން އާލުނާ އަބްދާލުނަށް މޮޅު ރަމްޒުކޮށް ކިޔަމޭ ސަނާ" ދިވެހި ޅެންވެރިކަމުގެ އުދަރެސް ވަނީ ތަރިތަކުގެ ބެބުޅުންތަކުން އަލިވެ އުޖާލާވެފައެވެ. ދިވެހި ޝާޢިރީ ދުނިޔެއަށް އެކި ތަރިތަކުން އެކި މިންވަރަށް ވަނީ އަލިކަން ފޯރުވައިދީފައެވެ. އަދި އަދަށް ދާނދެންވެސް ދިވެހި ޅެންވެރިކަމުގެ އުޑުގައި އެކި ތަރިތައް އަންނަނީ އިތުރުވެ ފިޔަޖަހަމުންނެވެ. އުޑުގައި ވިދައި ބަބުޅާ ތަރިތައް ގުނައި ވިޔަކުރުމުގެ މޮޔަ މަސައްކަތް ކުރާކަށް އަޅުގަނޑު ވަގުތު ބޭކާރުކުރާކަށް ނެތީމެވެ. އެއީ ކުރެވޭނެ ކަމަކަށް ނުވާތީ އެވެ. އެހެންނަމަވެސް މި ދެންނެވި ތަރިތަކުގެ ތެއިން ތަރިއެއްގެ މައްޗަށް ބަލައިލައި އެ ތަރީގެ ތަޢާރުފުގައި އެއްޗެއް ދެންނެވުމަކީ އަޅުގަނޑަށްވެސް ކުރެވިދާނެކަމެއްކަން ކަށަވަރެވެ. އާދެ! ދިވެހި ޅެންވެރި ކަމުގެ ދުނިޔެއަށް ވަދެ، ދިވެހި ޅެންވެރިކަމުގެ އުޑުދޮށުގައި ހުއްޓި ހުރެ މަތި ބަލައިލުމުން އަޅުގަނޑަށް ފާހަގަކުރެވުނީ ގުނައި ޢަދަދު ނުކުރެވޭފަދަ ގިނަގުނަ ތަރިތަކުގެ ތެރެއިން ވަކި ޚާއްޞަ ތަރިއެއްގެ އަލި މާގަދަކަމެވެ. އެ ތަރީގެ ބެބުޅުން މާ އުޖާލާކަމެވެ. އެ ތަރީގެ އަލިކަން މާ ރީތިކަމެވެ. އެ ތަރިން ދުނިޔެއަށް ދޭ އަލިކަން މާ ތަފާތުކަމެވެ. އާދެ! މިއަދު އަޅުގަނޑު އިންސާފުކުރެވޭތޯ މި މަސައްކަތްކުރަނީ ދިވެހި ޅެންވެރިކަމުގެ "އުޖާލާވި ރަންތަރީ"ގެ މައްޗަށެވެ. އަލްއަމީރުލްމަރުޙޫމް މުޙައްމަދު އަމީން ގެ ޢިބާރާތުންނަމަ "ފިރިހެނީ އުދަރެހުގެ އެންމެ ކުލަގަދަ އެންމެ މަތިވެރި ތަރީގެ" ޅެންވެރިކަމުގެ މައްޗަށް ފާޑުކިޔުމުގެ ލޮލަކުން ބަލައިލުމަށްޓަކައެވެ. އާދެ! ދިވެހި ޅެންވެރިކަމުގެ "އުޖާލާވި ރަން ތަރި" ކަމުގައިވާ އުސްތާޛުލް ޖީލު އަލް މަރުޙޫމް މުޙައްމަދު ޖަމީލަކީ ޅެންވެރި ޢާއިލާއެއްގެ ތެރެއިން އުފެދުނު ޅެންވެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ "ފަތިހުގެ ތަރި" ކަމުގައިވާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނާއި "ޝާޢިރުއް ޝަބާބު" އަލްއުސްތާޛު އިބްރާހިމް ޝިހާބު އެކަނިވެސް މި ދެންނެވި ބަހުގެ ހެތްކަކަށް ފުދޭނެކަން ކަށަވަރެވެ. 1 މެއި 1915 ގައި މާލޭގެ ޢިލްމީ ޢާއިލާއަކުން އުފަންވެވަޑައިގަތް ޖަމީލްދީދީގެ ނާރުފުޅުތައްވެސް ހޫނުވެފައިވަނީ ޝާޢިރީ ޚިޔާލުފުޅުތަކުންނެވެ. އެ މަނިކުފާނުގެ އެންމެ ޒުވާން ދުވަސްވަރުގައިވެސް ޅެން ހައްދަވައި އުޅުއްވިއެވެ. މިޞްރުގެ އަޒްހަރު ޔުނިވަރސިޓީ އިން ތަޢުލީމު ޙާޞިލުކުރައްވައިގެން އެނބުރި މާލެވަޑައިގަތް ފަހުން އެ މަނިކުފާނު ޅެންވެރިޔެއްގެ ގޮތުން މަޝްހޫރުވާން ފެށިއެވެ. މަޝްހޫރު ޅެންވެރިޔެއްގެ ގޮތުގައި އެ މަނިކުފާނު މުޖްތަމަޢުން ބަލައިގަތީ 1960 ވަނަ އަހަރުން ފެށިގެންނެވެ. މިޚިދުމަތް ކުރިއަރަމުން އުޖާލާވަމުން އައިސް 15 މާރޗް 1989 ގައި މި ހުވަފެނީ ދެނިޔެ ދޫކުރައްވަންދެން އެ މަނިކުފާނު ދެމި ހުންނެވީ ފަނޑުވުމެއް ނެތި "އުޖާލާވި ރަން ތަރި"އެއްގެ ގޮތުގައެވެ. އަލްއުސްތާޛު މުޙައްމަދު ޖަމީލުގެ އަގުހުރި ޙަޔާތްޕުޅު ވޭތުކުރެއްވީ އަޅުގަނޑު ނެތް ދުނިޔެއެއްގައި ކަމުން، އެމަނިކުފާނުގެ ޅެންވެރިކަމަށް އެންމެ ފުރިހަމަޔަށް އިންސާފުކުރުމަކީ އަޅުގަނޑަށް ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑު ޅެންވެރިޔަކާއެކު ހަވީރުކޮށްލުމަށް އެ މަނިކުފާނު ޚިޔާރު ކުރި ސަބަބަކީ އެ މަނިކާނުގެ ޅެންތަކުގެ ތެރެއިން އަޅުގަނޑަށް ފެނުނު ޅެންތަކުގައި ހުރި، އާދަޔާ ޚިލާފު ޚާޢްޞިއްޔައްތެއްގެ ސަބަބުންނެވެ. ތަފާތު ދުވަސްވަރު އެ ޒަމާނެއްގައި ދިރިއުޅޭ މީހުން ވިސްނުމާ އެއް ގޮތަށް އެ މަނިކުފާނުގެ ޅެންވެރިކަމުގެ އުސްލޫބު ބަދަލުކުރައްވައިފައިވާކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އަޅުގަނޑުގެ މި މަޒުމޫނު ފަށަމުން ދެންނެވި ދެތިން ބައިތަކީ އެ މަނިކުފާނުގެ ތަންކޮޅެއް ކުރީގެ ޅެމެއްގެ ދެތިން ބައިތެވެ. އާދެ! "އުޖާލާވި ރަންތަރީގެ އަލިކަން ފޯރާފައިވަނީ ހަމަ އެކަނި އެއް ދާއިރާއަކަށް ނޫނެވެ. އިޖްތިމާޢީ، ޤައުމީ، ޢިޝްޤީ، ދީނީ، މައުޟޫޢުތަކަށް އެ މަނިކުފާނުގެ ގަލަންކޮޅު ހިންގަވައިފައިވަނީ ވަރަށް ފަސޭހަފުޅުކަމާއެކުގައެވެ. ކޮންމެ ދާއިރާއަކަށް ޅެމެއް ހެއްދެވިޔަސް އެ މަނިކުފާނުގެ ޅެންތަކުން ފެންނަ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އަޅުގަނޑު އެ މަނިކުފާނުގެ ޅެންތަކަށް ސަމާލުކަން ދިން އެއް ސަބަބެވެ. އާދެ!........................... "އެންމެހައި އިޚުވާނުނަށް މީ އައި އުފާވެރި ޢީދެކޭ ފެންނަހައި ނަލަކަން މި ދޭހުން ގެންނަ އަޟުޙާ ޢީދެކޭ" އަޟްޙާޢީދުގެ ތަހުނިޔާ އަދާކުރެއްވުމަށް ހެއްދެވި ޅެމެއްގެ ހަމަ އެކަނި މިބައިތުންވެސް އަޟްޙާ ޢީދުގެ ހުރިހާ މާނައެއް ވަރަށް ކުރު އެހެނަސް ޞަރީޙަ ޢިބާރާތުން އެބަ ހާމަވެއެވެ. ޢީދަކީ އެންމެންނަށް އަންނަ އެއްޗެއްކަމާއި ހުރިހައި ރީތިކަމަކާއި ނަލަކަން އަދި އުފާވެރިކަން އެ ޢީދުގައި އެކުލެވޭކަން ވަރަށް ފުރިހަމަޔަށް އެބަ ހާމަވެއެވެ. އަދި ނިމުން ގެނަވައިފައިވާ ގޮތާއި ބަނޑުވައް އަކުރު އެއް ގޮތްވުމާއި އެމުނި އެކުލެވުމުގެ ފުރިހަމަކަން ވަރަށް ރީއްޗަށް ހަމަ އެކަނި މި ބައިތުންވެސް ހާމަވެއެވެ. މި ދަންނަވާ ދެ ބައިތަށް ވިސްނާވަޑައިގެން ބައްލަވާ! "ނިތްމަތީން އަދު ނޫރުކެނޑުނީ ދިން އުފާ ގެއްލުނު ފަހުން ވިންދުވެސް އޮޅި މާ އަވަސްވީ ހިތް އެކަނިވެރިވީ ފަހުން އުޑުމަތީގައި ހުންނަ ތަރިތައް މަޑުމަޑުން ފިޔަ ޖަހަޖަހައި ފަނޑުވަމުން ދާތީ އެ ފެނުނީ ހިތް އެކަނިވެރިވީ ފަހުން" އެކަނިވެރި ހިތެއްގެ ކިހާ ފުރިހަމަ ތަޞްވީރެއްތޯއެވެ؟ ކިހާ ސާފު ނަމޫނާއެއްތޯއެވެ؟ ކޮންމެ ޚޔާލުފުޅެއް އެހާ މަތިވެރިއެވެ. އެއް ބައިތު އަނެއް ބައިތަށްވުރެ ރީއްޗެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި ހާމަވަމުންދަނީ އެކަނިވެރި ހިތެއްގައި އުފެދެމުންދާ ހިތާމަވެރިކަމުގެ ފުން ޝުޢޫރުތަކެވެ. ދެން މި ދަންނަވައިލަނީ މަދަރުސަތުއްސަނިއްޔާ އަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ހައްދަވައިފައިވާ ޅެމެއްގެ ތިން ބައިތެވެ. އަޅުގަނޑުމެން އެންމެން ވެސް ދަންނަ މަޝްހޫރު ޅެމެއްގެ ތިން ބައިތެވެ. "ނަޔާ ޢިލްމީ ބަގީޗާއިން އުފާވެރި މާތަކޭ ފޮޅުނޭ ވަޔާ އެކުގައި ޢަބީރުން ރޫޙު އާކޮށް ހިތްތަކޭ ގުޅުނީ ބަލާބެލުމަށް އުޖާލާ ރީތިކުލަތައް އެކުލެވޭ ގޮތުގައި މަލާ މާ އެކުވެގެން އެ އުހެއްދި އާ ކުރެހުންތަކޭ އެޅުނީ ކުރާ މަތިވެރި މި ޖަލްސާގައި ވަފާތެރި ނާޒިރާ ނެތުމުން ފުރާނަ މި އިޙުތިފާލުގެ އުނިވެފައިވާކަން އަލުން އެނގުނީ" އާދެ! ޅެން ފެށުނީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބަޔާންކުރަމުންނެވެ. މަދްރަސާގެ ކާމިޔާބީ ފާހަގަކުރަމުންނެވެ. އެ ރޭގެ އުފާވެރިކަން ސިފަކޮށްދެމުންނެވެ. ނަމަމެސް އެރެއަކީ ހިތާމައާއި އުފާވެސް އިޙްސާސްކުރެވޭ ރެޔެއްކަން ތިންވަނަ ބައިތުން ހާމަކޮށްދެއްވައިފައިވާލެއް ސާދާކަމާއި ފުރިހަމަކަމުގެ ވާހަކަ ދެންނެވުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ؟ އެމުނި އެކުލެވުމުގެ ފުރިހަމަކަމުގެ ވާހަކަ އަޅުގަނޑު ދަންނަވަން ޖެހޭތޯއެވެ؟ އާދެ! އެއްވެސް ޝައްކެއް ނެތެވެ. ސިފަކުރެއްވުމުގެ ރީތިކަމާއި ޚިޔާލުފުޅުގެ މުއްސަނދިކަން ކިތަންމެ ރަނގަޅަކަށްވެސް މި ދެތިން ބައިތުންވެސް އެބަ ދޭހަވެއެވެ. މި ފަދަ އެތައް ސަބަބުތައް ހުރުމާއެކު އަޅުގަނޑަށް ޖަމީލު ދީދީ ގެ ޅެންވެރިކަން ޚާއްޞަކޮށްލެވުނީއެވެ. ޖަމީލު ދީދީގެޅެންވެރިކަމަށް އަޅުގަނޑު ހިތްޖެހުނު ސަބަބަކީ މިއީއެވެ. އައްސަވާށެވެ! "ހުސް ދެތިން ވަޢުދުގެ ބަހަކަށް ނުވެ ފެނިދާގޮތުގައި އުސްވަތެއް ޤައުމަށަ އަދު ދެއްކެވި މި ޒަޢާމަތުގައި ފުސްކަމެއް ވާށިއެ ނުމެ ދީބުގެ އަލި އުދަރެހުގައި އުސް ނުހަނު ގަސްގަހުކުރިއިން އަދު އިއްވާށެ ކިޔައި. ބުލްބުލާ ށޭވެ ކިޔާ!" މުޙައްމަދު ޖަމީލުގެ ޚިޔާލުފުޅުގެ މޮޅުކަމާއި ފަލްސަފާގެ މަތިވެރިކަން ޅެމުގެ ބުގިސްކަން ކިތަންމެ ރަނގަޅަކަށްވެސް މި ބައިތުން ހާމަވެއެވެ. މިއީޤައުމުގެ ޒަޢާމަތަށް ދަންނަވައިފައިވާ ސަނާއެއްގެ ތެރެއިން ބައެއްކަން ކަށަވަރެވެ. ދަންނަވަންތޯއެވެ؟ މިކަހަލަ ތިންހަތަރު ފޮޅުވަތުން އެކުލެވިފައި ހުންނަ ބައިތުތަކުގައި ޚިޔާލަށް އުނިކަމެއް ނުގެނެސް ބަނޑުވައް އަކުރު އެއް ގޮތްކޮށް ކާމފިޔާ ހަމަކުރުމަކީ އާދައިގެ ޅެންވެރިންނަށް ކުރެވޭނެކަމެއް ނޫނެވެ. އަޅުގަނޑު ޖަމީލް ދީދީގެ ޅެންތަކަށް ޚާއްޞަ ސަމާލުކަމެއް ދިނީ އެހެންވެގެންނެވެ. މުޙައްމަދު ޖަމީލުގެ ޝުޢޫރުތައް ސިފަކުރައްވައިފައިވަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. މިދެންނެވި ބަހުގެ ތެދުކަން މިދަންނަވާ ބައިތުން ވަރަށް ރަނގަޅަށް ހާމަވާނެއެވެ. އަޅުގަނޑު އިތުރު އެއްޗެއް ނުދަންނަވާނަމެވެ. ތިޔަ ބޭފުޅުން އިންސާފުކުރައްވާށެވެ! އާދެ! "ފާފައެއް ނޫނެ ޙަބީބާގެ އަސަރު ހޯދުމަކީ ވާ ފަރާތަށް މިތުރާ ހޭދަވެ ޤުރުބާންވުމަކީ" ޖަމީލްދީދީގެ ޅެންވެރިކަމުގެ ޚަޒާނާއަކީ ޢިލްމީ ބިޔަ ކަނޑެކެވެ. އެ ކަނޑަށް ފީނައިފި މީހަކަށް ހުރިހާ ބާވަތެއްގެ މުތްތައް ލިބޭނެއެވެ. "ފިޠުރު ޢީދާ ގުޅިގެން ފުރިހަމަ އުފަލޭ ލިބެނީ މިތުރުނަށް އެންގެވި ގޮތުގައި ދިނުމުން އެ ޒަކާތް" މިކަހަލަ ދީނީ ކިތަންމެ ފިލާވަޅެއް ޅެންބަހުން ވަރަށް ސާދާކޮށް އެކަމަކު އެހާ ފުރިހަމަކޮށް ޖަމީލުދީދީ ވަނީ ދިވެހި އުންމަތަށް ހަދިޔާކޮށްދެއްވައިފައެވެ. ޅެންބަހުން ތާރީޚީ ދިގު ޙާދިސާތައްވެސް ބަޔާންކޮށްދެއްވައިފައިވަނީ މީހުން ޙައިރާންވާހައި ފުރިހަމަޔަށެވެ. އައްސަވާށެވެ! "އައްސަވާށޭ! ދަންނަވަން މި އުޅޭ ޚަބަރު ދަސްކުރައްވާށޭ އެއިން ލިބިދޭ ޢިބަރު ރޫމުގައި ހުންނެވިޔެ އިހުގައި ރަސްކަލެއް ރޫޅިގެން ނަންފުޅު ނުދާފަދަ ބޭކަލެއް ނަންފުޅެއް ކަމުގައިވި ރޫމުގެ ޤައިޞަރޭ ފަންވަރާއި އާރާއި ބާރުގެ ޙައިދަރޭ" މިއީ ވަރަށް ދިގު ޅެމެއްގެ ފުރަތަމަ 3 ބައިތެވެ. އާދެ! މިހާ ކުރު ވަޒަނަކަށް މިހާ ދިގު ޅެމެއް ވަޒަންތައް އެއް ގޮތްކުރައްވައިގެން އެކަމަކު މާނަޔަށް ޚިޔާލަށް ކޮރުކަމެއް ނުގެންނަވައި ހުށަހެޅުއްވޭނީ އާދަޔާ ޚިލާފު މޮޅު ޅެންވެރީންނަށެވެ. "އުޖާލާވި ރަންތަރީ"ގެ އަލިކަން ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި އެހާ ގަދައީ އެހެންވެގެނެވެ. އުސްތާޛު މުޙައްމަދު ޖަމީލުގެ ޅެންވެރިކަމަކީ ވަކި ދާއިރާއެއްގެ ތެރޭގައި ބެނދެވިފައި އޮތް އެއްޗެއް ނޫނެވެ. އެ މަނިކުފާނުގެ ޛާތީ ޝަޚުޞިއްޔަތާ ގުޅިފައިވާ ސަމާސާ އަދަބުގެ ފަންނުވެސް އެ މަނިކުފާނުގެ ޅެންވެރިކަމުން ވަރަށް ގިނައިން ފެނެއެވެ. މަޝްހޫރު "ގިތެޔޮ ގުޅިން ނެގި ލޯބި" މި ތަމްސީލުގައި ހިމަނުއްވައިފައިވާ މިތަންނަވާ ބައިތު އައްސަވާށެވެ! "ރަނގަރަނގަ ތޮޅިޔާ މުރަނގަ ދެތޮޅިޔާ, ރަނގަވާޅުން ނެތި ތިން އުޅިޔާ ބަނގަލާ މަތިމަސް ދެވަން ތުނބުޅިޔާ , އަނގަމަތި ހުރި ސިފަ ފޮރުވައިދީފިޔެ.... ގިތެޔޮ ގުޅިން ނެގި ލޯބި" އެހެންވީމާ އަޅުގަނޑު މިދަންނަވަނީ ތިޔަ ބޭފުޅުން ތިޔަ ވިދާޅުވާ ފަދައިން މުޙައްމަދު ޖަމީލަކީ ދިވެހި ޤައުމު މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ޅެންވެރިޔާއޭ އެވެ. އެއީ ދިވެހި ޅެންވެރިކަމުގެ އުޖާލާވި ރަން ތަރިއޭ އެވެ. ޝާޢިރު ވިދާޅުވެފައިވަނީ ހަމަ ތެދުފުޅެކެވެ. "ދާދި އަވަހަށް ނެތި ފަނާވެ ދިޔަސް އަގެއް ނެތް ޖިލސްމުތައް ތާ އަބަދު ދެމިހުންނަ ހެޔޮ ޛިކުރާއަކަށް ނިމުމެއް ނެތޭ" -------------- (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|