މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޚާއްޞަނަމާއި އާންމުނަން |
|
|
| ދިވެހި - މާދަރީބަސް | |||
| 27 ޖޫން 2009، 00:32 ހޮނިހިރު | |||
މުޙަންމަދު ޝާހިދު ޙަލީމް![]() ޚާއްޞަނަމާއި އާންމުނަމަކީ ކޮބައިހެއްޔެވެ؟ އެއީ ނަން ބެހިފައިވާ ދެ ބައެވެ. އެހެންވެއްޖެއްޔާ ނަން ބެހިފައިވާ އެ ދެ ބައިގެ ތެރެއިން ޚާއްޞަނަމުގެ ތެރޭގައި ހިމެނެނީ ކޮން ބާވަތެއްގެ ނަންނަމެއް ހެއްޔެވެ؟ އާންމުނަމުގެ ތެރޭގައި ހިމެނެނީ ކޮން ބާވަތެއްގެ ނަންނަމެއް ހެއްޔެވެ؟ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، އަނބުގަސް، ބަނބުކެޔޮގަސް ކަހަލަ ނަންނަމަކީ ވެސް ޚާއްޞަ ނަންނަމެވެ. އެއީ އެ ނަމެއް ބުނުމުން އެއީ މި ވެނި އެއްޗެއްކަން އެނގޭތީ އެވެ. އޭގެ އާންމުނަމަކީ ގަހެވެ. އަދި އަނބުގަސް، ބަނބުކެޔޮގަސް ޚާއްޞަނަމަށް ވަނީ މުޙަންމަދު، ޚަދީޖާ ކަހަލަ ނަންނަން ވެސް ޚާއްޞަނަމަށް ވާ ފަދައިންނެވެ. އެއީ މުޙަންމަދު ކިޔާ ވެސް އެކަކަށް ވުރެން ގިނަ މީހުން އުޅޭތީ އެވެ. އަނބުގަހަށް ވެސް އެހެން ވާތީއެވެ. އެހެންނަމަވެސް އެ ވިދާޅުވުން ރަނގަޅެއް ނޫނެވެ. އަނބުގަސް، ބަނބުކެޔޮގަސް، ކަޅުބިލަމަސް، މާނިޔާމަސް، އެއީ ޚާއްޞަ ނަންނަމެއް ނޫނެވެ. އެއީ އާންމު ނަންނަމެވެ. ޚާއްޞަނަމަކީ މީހަކަށް، ނުވަތަ ތަނަކަށް، ނުވަތަ އެއްޗަކަށް އެ މީހާގެ، ނުވަތަ އެ ތަނުގެ، ނުވަތަ އެ އެތީގެ އާންމު ނަމުގެ އިތުރަށް ދޭ ނަމެކެވެ. މިސާލަކަށް މުޙަންމަދު، ޚަދީޖާ، ހަނދުވަރުމަތީގެ، އޮލިމްޕަސް، ކަޅުވަކަރު މިސްކިތް، ކަޅުއޮށްފުންމި މިއީ ހައްތާ ވެސް ޚާއްޞަ ނަންނަމެވެ. ޚާއްޞަނަމެއް، އެ ނަން ދެވިފައިވާ މީހާ، ނުވަތަ ތަން، ނުވަތަ އެތި ހިމެނޭ ބާވަތުގެ ހުރިހައި މީހުންނަކަށް، ނުވަތަ ތަންތަނަކަށް، ނުވަތަ އެއްޗެއްސަކަށް ނުކިޔާނެއެވެ. މިސާލަކަށް ހުރިހައި ފިރިހެނުންނަކަށް މުޙަންމަދެއް، ހުރިހައި އަންހެނުންނަކަށް ޚަދީޖާއެއް ނުކިޔާނެއެވެ. ހުރިހައި ގެއަކަށް ހަނދުވަރުމަތީގެއެއް، ހުރިހައި ސިނަމާއަކަށް އޮލިމްޕަހެއް، ހުރިހައި މިސްކިތަކަށް ކަޅުވަކަރު މިސްކިތެއް ނުކިޔާނެއެވެ. އަދި ހުރިހައި އޮޑިއަކަށް ކަޅުއޮށްފުންމިއެކޭ ވެސް ނުމެ ކިޔާނެ މެއެވެ. މިޔާ ޚިލާފަށް އަނބުގަހަކަށް އަނބުގަސް ނޫން އެހެން ގަހެކޭ، ކަޅުބިލަމަހަކަށް ކަޅުބިލަމަސް ނޫން އެހެން މަހެކޭ ނުކިޔާނެއެވެ. ޚާއްޞަނަމުގެ އަނެއް ސިފައަކީ، ޚާއްޞަނަމަކީ އެ ނަމުގެ ބަދަލުގައި އެހެން ނަމެއް ވެސް އެ މީހަކަށް، ނުވަތަ އެ ތަނަކަށް، ނުވަތަ އެ އެއެއްޗަކަށް ދެވިދާނެ ނަންނަމަށް ވުމެވެ. މިސާލަކަށް މުޙަންމަދު ކިޔާ މީހަކަށް ނަން ކިއި އިރު މުޙަންމަދުގެ ބަދަލުގައި އަޙްމަދު ވެސް ކިއުނީހެވެ. މޫސާ ވެސް ކިއުނީހެވެ. އަދި ބޭނުން ނަމަ މުޙަންމަދު ކިޔާ މީހެއްގެ ނަން މިހާރު ވެސް އެހެން ނަމަކަށް، މިސާލަކަށް ޙުސައިނަށް ބަދަލުކުރެވިދާނެއެވެ. މީހުންގެ ނަންނަން، ގޭގޭގެ ނަންނަން، މިސްކިތްމިސްކިތުގެ ނަންނަން، އޮޑިދޯނިފަހަރުގެ ނަންނަން، ރަށްރަށުގެ ނަންނަން، އެއް ނަމުން އަނެއް ނަމަށް ބަދަލުކުރާ ކަން އަޅުގަނޑުމެން ދަންނަމުއެވެ. މި ގޮތަށް އެއް ނަމުން އަނެއް ނަމަށް ބަދަލުކުރެވޭނެ ނަންނަމަކީ ޚާއްޞަނަންނަމެވެ. ނަމަވެސް އާންމުނަމަކީ އެއް ނަމުން އަނެއް ނަމަށް ބަދަލުކުރެވޭނެ ނަންނަމެއް ނޫނެވެ. މިސާލަކަށް އަނބުގަހަކަށް ބަނބުކެޔޮގަހެކޭ ނުވަތަ ހިރުނދުގަހެކޭ ނުކިޔޭނެއެވެ. ކަޅުބިލަމަހަކަށް ކަންނެއްޔެކޭ ނުވަތަ ގޮދައެކޭ ނުކިޔޭނެއެވެ. އަނބުގަސް، ބަނބުކެޔޮގަސް، ކަޅުބިލަމަސް، މާނިޔާމަސް މި ކަހަލަ އާންމު ނަންނަން ޚާއްޞަ ނަންނަމަށް ވާ ގޮތެއް ވެސް އޮވެއެވެ. މިސާލަކަށް ގެއެއްގެ ނަމަކަށް އަނބުގަސް މިހެން ކިޔައިފި ނަމަ އެ ހާލަތުގައި އަނބުގަސް އެއީ ޚާއްޞަނަމެކެވެ. ނަމަވެސް އެ ހާލަތުގައި އަނބުގަހަކީ ގަހެއް ނޫނެވެ. ގެއެކެވެ. ހަމަ އެ ގޮތަށް ދޯންޏެއްގެ ނަމަކަށް މާނިޔާމަސް މިހެން ކިޔައިފި ނަމަ، އެ ހާލަތުގައި މާނިޔާމަސް އެއީ ޚާއްޞަނަމެކެވެ. ނަމަވެސް އެ ހާލަތުގައި މާނިޔާމަހަކީ މަހެއް ނޫނެވެ. ދޯންޏެކެވެ. ޖަނަވާރު މިއީ އާންމު ނަމެކެވެ. ޖަނަވާރުގެ ބާވަތެއް ކަމުގައި ވާ އަސް މިއީ ވެސް އާންމު ނަމަކެވެ. ޖަނަވާރުގެ އެހެން ބާވަތެއް ކަމުގައި ވާ ބުޅާ މިއީ ވެސް އާންމު ނަމެކެވެ. ނަމަވެސް މީހަކު އޭނާ ގެންގުޅޭ އަހަށް ވިދުވަރު، ބުޅާތަކަށް ދޮންކަލޯ، ތުއްތުކަލޯ، ތިއްތި މި ގޮތަށް ނަން ދީފި ނަމަ، އެ ދިން ނަންނަމަކީ ޚާއްޞަ ނަންނަމެވެ. ހަމަ އެ ގޮތަށް މީހަކު އޭނާގެ ގޯތީގައި ހުރި ދެ އަނބުގަހަށް ބޮޑޭ އާއި ކުޑޭ ކިޔާ ނަން ދީފި ނަމަ އެ ދެ ނަން ވެސް ވާނީ ޚާއްޞަނަމަށެވެ. އާންމުނަމާއި ޚާއްޞަނަމުގެ ބައެއް މިސާލު: ބިނާ / އިމާރާތް (އާންމުނަމެއް) => ގެ (އާންމުނަމެއް) => ހަނދުވަރުމަތީގެ (ޚާއްޞަނަމެއް) ބިނާ / އިމާރާތް (އާންމުނަމެއް) => މިސްކިތް (އާންމުނަމެއް) => ކަޅުވަކަރުމިސްކިތް (ޚާއްޞަނަމެއް) ބިނާ / އިމާރާތް (އާންމުނަމެއް) => ސިނަމާ (އާންމުނަމެއް) => އޮލިމްޕަސް (ޚާއްޞަނަމެއް) ޖަނަވާރު (އާންމުނަމެއް) => އަސް (އާންމުނަމެއް) => ވިދުވަރު (ޚާއްޞަނަމެއް) ޖަނަވާރު (އާންމުނަމެއް) => ބުޅާ (އާންމުނަމެއް) => ދޮންކަލޯ (ޚާއްޞަނަމެއް) ޖަނަވާރު (އާންމުނަމެއް) => ބުޅާ (އާންމުނަމެއް) => ތުއްތުކަލޯ (ޚާއްޞަނަމެއް) ޖަނަވާރު (އާންމުނަމެއް) => ބުޅާ (އާންމުނަމެއް) => ތިއްތި (ޚާއްޞަނަމެއް) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ thanks, 2009-06-27 03:38:46
v bodah shukuriyaa. alhugadumenge kiyevumah v heyo asaru kuraa siteh fanvathaky. shukuriyyaa
...
ލިޔުނީ ނިޒާމް, 2009-08-12 01:33:35
ވަރަށް ބޮޑަށް ޝުކުރިއްޔާ!! މި ފަދަ އިތުރު ލިޔުންތަކުގެ އިންތިޒާރުގައި އެބަހުރިން.
...
ލިޔުނީ އަޙްމަދު ސަލީމް, 2010-01-24 08:41:25
ވަރަށް ފުރިހަމަ އޮޅުންފިލުވައިދިނުމެއް. އަޅުގަނޑު މިފލާވަޅު މިއަހަރު ގްރޭޑް 7 އަށް ކިޔަވައިދިން އިރު ޚާއްޞަނަމާއި ޢާންމުނަން ކުދިންނަށް ވިސްނައިދޭން ވަރަށް އުނދަގޫ ކަމަކަށްވި. ކުރިން މިލިއުން ފެނުނުނަމަ ވަރަށް ފަސޭހަވީސް. އެހެންނަމަވެސް އަދިވެސް މިލިއުމުގެ ބޭނުންކުރާނަން. މުޙައްމަދު ޝާހިދު ޙަލީމަށް ވަރަށްބޮޑަށް ޝުކުރިއްޔާ.
... ލިޔުނީ ޝުޖާ / ބޮޑުފޮޅުދޫ , 2010-02-04 10:19:19
މީގެ ކުރިން ގްރޭޑް 7 ށް ޚާއްސަނަމާއި އާއްމުނަން ކިޔަވައިދޭން ވަރަށް އުނދަގޫވި !.އެހެންނަމަވެސް މިލިޔުން ފެނުމުން ދަރިވަރުންނަށް މިބައިތައް އޮޅުން ފިލުވައިދޭން ވަރަށް ފަސޭހަވެއްޖެ! މިބާވަތުގެ ލިޔުންތައް ޝާއިޢުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް !ވަރަށް ބޮޑަށް ޝުކުރިއްޔާ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
މި ލިޔުމުން ބަހުގެ މި ގަވާއިދާ މެދު ސުވާލު ކުރައްވާ ފަރާތްތަކަށް (ޚާއްޞަކޮށް މުދައްރިސުންނަށް) ވަށްބޮޑު ފައިދާއެއް ކުރާނެ ކަމަށް ފެނެ އެވެ. މި ހެން މި ދަންނަވައިލީ އަޅުގަނޑަކީ ވެސް މި ސުވާލު ވަރަށް ގިނައިން އަމާޒު ކުރެވޭ ފަރާތަކަށްވާތީ އެކަންޏެއް ނޫނެވެ. އަޅުގަނޑާ މި ސުވާލު ކުރައްވާ ވަރަށް ގިނަ ފަރާތްތަކުން ފާޅު ކުރައްވާ ޝުޢޫރަކާ ގުޅިގެންނެވެ. ''މީ އަސްލު ދެކޮޅު ޖެހޭ އެއްޗެއް ނޫން.. ސޯދުބެކައިރީ ސުވާލު ކުރީމާވެސް އެކި ފަހަރު ވިދާޅުވަނީ އެކި ގޮތައް.''
ތެދުފުޅެކެވެ. އުސްތާޛު ޢަބްދުﷲ ޞާދިޤު ބަހުގެ މި މައްސަލައިގައި ވިދާޅުވަނީ އެކި ފަހަރު އެކި ގޮތަށެވެ. އަޅުގަނޑު ވެސް އެކަން ތަޖުރިބާ ކުރީމެވެ. ދެފަހަރަކު އެއްގޮތަކަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ ވަނީ ކިހިނެއްތޯ އެވެ؟ އުސްތާޛު ޞާދު އެކި ކަހަލަ މިސާލުތަކުން، އެކީ ގޮތަށް ޢިބާރާތް ކުރައްވައިގެން ވެސް އެ ވިދާޅުވަނީ ހަމަ މިވާހަކަ އެވެ. ހަމަ މި ގޮތަށެވެ. ޙަޤީޤަތުގައި ވިދާޅުވެ ދެއްވަނީ ވެސް ވަރަށް ސާފުކޮށްނެވެ. އެކަމަކު ބައެއް ފަރާތްތައް މި ކަހަލަ ކަންކަމުގައި ތަންކޮޅެއް ޢިލްމީކޮށް ވިސްނުން ނުގެންގުޅޭތީ ދޭހަވުމުގައި ދައްޗެއް އަރަނީތާ އެވެ؟
މި ލިޔުމުގެ އެހީގައި ދަރިވަރުންނަށް މި ގަވައިދު ކިޔަވައި ދިނުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެގެންދާނެ ކަމަށް ފެންނާތީ ޝާހިދަށް ޝުކުރު ދަންނަވައިލަމުން މި ޝުޢޫރު ފާޅުކޮށްލީމެވެ.