މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޑު އާދަނާއި ކުރިމަގު ގޮއްޔެގެ ވާހަކަ (2) |
|
|
| ދިވެހި - ވާހަކަ | |||
| 09 މާރޗް 2010، 00:03 އަންގާރަ | |||
|
2 މާރޗު (އަންގާރަ) އާ ގުޅޭ... މުޚްތާރު ޢަބްދުއްރަޙްމާނު - ނޫރާނީގެ ށ. މިލަންދޫ ކުރިމަގުގޮއްޔެ ރޯފަން ކަނޑައި ބޮލިއަރާ ބާވަތަށް އަކިރި ހުންނަ ތަންތާ ރޯފަން ބަހައްޓައި ފަން އޮޔާ ނުދާނެގޮތަށް ފަނުގެ މައްޗަށް ފޮތިގައު އަރުވާފައި ބެހެއްޓި އެވެ. ހެނދުނު ބޮލި ހިލަން ގޮސް ބެލިއިރު ވަރަށް ރަނގަޅަށް ބޮލި އަރާފައި ހުއްޓެވެ. ބޮލިމައްޗަށް ބޮލިއަރާފައި ހުއްޓެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޮލިއަޅަން ގެންގުޅުނު ފެސް ފުރިއްޖެ އެވެ. ފުރަތަމަ ދުވަހު ވެސް އެއް ކޮއްޓޭ، ދެ އަގި ބޮލި ހިލުނެވެ. އާދައިގެ ގޮތެއްގައި ގިނައިން ބޮލި ހިލާ މީހުންނަށްވެސް ދުވާލަކު އެއް އަގި ދެ ފެސް ބޮލި ހިލެނީ ވަރަށް މަދުންނެވެ. ނަމަވެސް ދުވަސްކޮޅެއް ވީއިރު ކުރިމަގުގޮއްޔެ ދެގޮނު އެއް މުޅި ބޮލި ހިލާ ދުވަސް މަދެއް ނޫނެވެ. މިހާރު އާދަނު ވެސް ކޮންމެ ދުވަހަކު މަސްބާނާކަށް ނުދެ އެވެ. އެ ގޮއްޔެ އާ އެކު ބޮލި ހިލަންދެ އެވެ. ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ބޭނުން ތަކަށް ބޮލި ވިއްކަ އެވެ. ރަށަށް ވިއްކި ނަމަވެސް ބޮލި ކޮއްޓޭއަކަށް ލިބާހަކާއި ކަޅު ކަނޑިއްކެއް ލިބެ އެވެ. ބޭނުން ނަމަ ރަތް ކަނޑިއްކެއް ވެސް ލިބިދާނެ އެވެ. ދިހަބާރަ އަގި ބޮއްޔަށް ފައްސިހި (24) ކިބަފޯކާއި ، ތިން ދޮޅަސް(36) ކަރަންފޫ ލިބެ އެވެ. ވޮށުތެޔޮ ސާފުނުކުރާ ތެލުގެ ދެ އަޑުބައިގެ އަގުގައި ސާފުކުރި އެއް އަޑުބައި ތެޔޮލިބެ އެވެ. ސާފުތެލާއި ނުސާފު ތެލުގައި ދިއްލަނީ ކަނދިލި ބައްތި އެވެ. ވޮށް ދިއްލައި އުޅެނީ ކާށިތެލާއި މަހު ތެލުގަ އެވެ. އިރައިކޮޅު ހަތްފުއް ދިއްލި ނަމަވެސް ދަންވަރު އެއް ފުކަށް ހަދައެވެ. އެއް ކޮއްޓޭ ބޮއްޔަށް ދިގު ދަނޑި ސައިބޯންޏަކާއި މަލްސައިބޯޏެއް ދޭމީހުން ވެސް އުޅެއެވެ. ދެން ހަވާދުގެ ބާވަތް ތަކާއި ދިވެހި ބޭހުގެ ބާވަތްތައް ވެސް ލިބެ އެވެ. ބޮލިމުޅިއަކަށް އެއް ފައުލާގެ މިންވަރު ހުންނަ ގޫޑުހަކުރު ޒަންބީލެއް ލިބެ އެވެ. އެއް ފައުލާގެ ކަދުރު ސުބާޑެއްގެ އަގަކީ ތުނބުޅި ރޯނު ތިން ބޮނޑިއާއި 2 ބޮނޑި 8 ފޯލި ނުވަތަ 2 ބޮނޑި 6 ފޯލި މި ދެމެދުގެ އަގުތަކެކެވެ. ވީފުކު ހަނޑޫ ބަސްތާއެއް އެއް ގޮނު އެއްމުޅި ބޮއްޔަށް ލިބެ އެވެ. އެ ހަނޑުލަށް ހެދޭނީ ހަނޑޫ ކަނޑާ ވަނުން ތަޅައި ތޮށިފިލުވައި ފޮޅައި ތާހިރު ކޮށްގެންނެވެ. އެއްދުވަހަކު އާދަނު ބުނެފި އެވެ. ގޮއްޔޭ އެވެ. އަހަރެންނަށް ފެންނަގޮތުގައި އަހަރެމެން ދެމީހުންނަށް ދެން ރަނގަޅުވާނީ ދެމީހުން ކާވަނި ކޮށްގެން އުޅުނީމަ އެވެ. މި ކަމާ ގޮއްޔެގެ ބަހަކީ ކޮބައިބާ އެވެ؟ އާދަނު މިހެން ބުނުމުން ކުރިމަގުގޮއްޔެ ބަހަކުން ބަހެއް ނުބުނެ އިސް ދަށަށް ޖެހިގޮތަށް ފައިގެ ބޮޑުވައި އިނގިލިން ފަސްކޮނެކޮނެ ހުރެއްޖެ އެވެ. އާދަނު ބުނެފިއެވެ. އަހަރެން ބުނި ބަހާމެދު އާނއެކޭ ނުވަތަ ނޫނެކޭ ވެސް ނުބުނެ އިސް ދަށަށް ޖެހިފައި ތިހުރީ އެ ކަމުގައި ބަހަނާއެއްގެ ގޮތުން ކޮންމެ ވެސް ވާހަކައެއް އޮތީމައި ކަމަށް ލަފާކުރެވެ އެވެ. ކުރިމަގުގޮއްޔެ : ލަފާކުރެއްވިނަމަ ވެސް ނުލަފާކުރެއްވި ނަމަވެސް ތިޔަބުނުއްވީ ހަމަ ތެދެކެވެ. އަޅުގަނޑު ސަލާންޖަހައި އުޅުނު ދުވަސްވަރު ވެސް ބަޔަކުމީހުން ސައްލާއެއްކޮށް ވާހަކައެއް ދައްކާނަމަ ވެވުނުވަރަކުން އަޑުއަހައިލަމެވެ. އެއް ދުވަހަކު އަޑުއެހި ތަންކޮޅެއް ބުނެފާނަމެވެ. އެވާހަކައަކީ އަންހެނެއް ގާތުގައި ފިރިހެނަކު ކަލޭ ތިމަންނައާ އިނދެފާނަންހޭ؟ ނުވަތަ އަހަރެމެން ދެމީހުން އިންނަމާހޭ؟ އަހައިފިނަމަ ފިކުރަކާއި ނުލައި އާނއެކޭ ނުވަތަ ނޫނެކޭ ވެސް ނުބުނާށެވެ. އެ ގޮތަކީ މީހަކު ކުޅޭކުޅޭ ހިތަކައިގެން ވަކަރުޖަހައިލުމުގެގޮތުން ބުނެވުނު މަކަރުވެރި ބަހަކަށް ފިކުރަކާއި ނުލައި އާނއެކޭ ބުނެވިއްޖެނަމަ ފިރިހެނެއްގެ ކުރިމަތީގައި ތިމާގެ އަގުވެއްޓުނީ އެވެ. ތެދުވެރި އިޚްލާސްތެރި ހިތެއްގެ ވެރިއަކުގެ ދުލުން ގޮއްޔެ މަށާ އިނދެފާނަންހޭ؟ ނުވަތަ ގޮއްޔެ މަށާ އިނދެފިނަމަ މަ މިހުރީ ލޯބިން އިޚްލާސްތެރި ބައިވެރިއަކަށް ވެގެންނެވެ. މި ފަދަ ކަމެއްގެ ވަގުތުގައި ފިކުރަކާއި ނުލައި ނޫނެކޭ ބުނެވިއްޖެނަމަ އޭރުން އެ ގެއްލުނީ ލޯބީގެ ރަންމުތު ޙަޔާތް ކަމުގައިވެސް ވެދާނެ އެވެ. އެ ފަދަ އިޚްލާސްތެރި ލޯތްބެއް އަދާއަށް ކުރުމުގެ ވަގުތު ފާއިތުކޮށްލެވިއްޖެނަމަ ދެން އެ ފަދަ އިޚްލާސްތެރި ލޯތްބެއް ގަޟާ ކުރުމުގެ ފުރުޞަތު ވެސް ގެއްލުނީކަމުގައި ވެދާނެއެވެ. މިހެންވީމާތާއޭ ! އާދަމުގެފާނު ޙައްވާގެފާނު ކިބައިން ކާވެންޏަށް އެހުނު ހިނދު ތިންވަނަ އިންސާނަކު ނެތުމާ އެކުވެސް އާނއެކޭ ނުވަތަ ނޫނެކޭ ބުނުމަކީވެސް މާފަސޭހަކަމަކަށް ނުވީ. އާދަނު : އާނއެކެވެ. ކާވެނީގެ މައްސަލަ ތަކުގައި އަންހެނާގެ ނިންމުމެއް ވެސް އޮންނަން ޖެހޭނެޔޭ ބުނާތީ އަޑުއަހަމެވެ. ކާވެންޏަކީ މި އާދަމުގެ ދަރިންގެ ޙަޔާތުގައި ކުރެވޭ އެންމެ ބޮޑު ޢަހުދާއި މީޘާޤެވެ. މި ފަދަ ބޮޑު މީޘާގެއްގެ މަތީގައި ޘާބިތުވެ ތިބެގެންމެނޫނީ ޙަޔާތުގެ މަޤުޞަދު ޙާސިލްއެއް ނުކުރެވޭނެ އެވެ. ދެ މީހުންކުރެ އެކަކު ވެސް ކާވެނީގެ ޢަހްދާއި މީޘާޤަށް ޚިޔާނާތްތެރި ވެއްޖެ ނަމަ ލޯބީގެ ރަންމުތު ޙަޔާތަކީ ހުވަފެނުން ވެސް ފެންނާނެ ކަންތައްތަކެއް ނޫނެވެ. އަޅުގަނޑުގެ ވެސް ސުވާލެއް އެ ބައޮތެވެ. އެއީ ގޮއްޔެ އަޅުގަނޑާމެދު ޝައްކު އުފެދެން ޖެހޭކަހަލަ ގޮތްނޭގޭކަހަލަކަމެއް ހިނގާފައި އޮތީތޯއެވެ؟ ނުވަތަ އަހަރެން ކިބައިން ޔަޤީންކަން ހޯދުމަށްޓަކައި ނުވަތަ އިމްތިޙާނު ކޮށްލުމަށްޓަކައި ޢަހްދެއް ވަޢުދެއް ނުވަތަ ޝަރުތެއް އޮތީތޯ އެވެ؟ ކުރިމަގުގޮއްޔެ : ތިޔަކިޔުއްވި ހުރިހާކަމަކީވެސް ކާވެނި ޢަޤުދު ކުރުމުގެ ކުރީގައި ޙަޔާތުގެ ޗާޓު ކުރަހައި ކުލަޖެއްސުމުގެ ކުރީގައި ކުރުން ލާޒިމު ކަންތަކެވެ. އެހެން ނޫނީ ޖެހިކާވަނީގެ ގޮށް އޭގެފަށްތައްް ދޫވެ މޮހެމުން ވިނެވެމުން ގޮސް އެންމެފަހުން ކަރުގައި ބެދުނު ދަންމަޅިއަކަށް ބަދަލުވެދާނެ އެވެ. ގިނަ ކާވަނިތައް ހީރަސް ކެނޑުނު ފޮތެއްގެ ގަނޑުތައް ފަދައިން، ޒަމާނުގެ ވައިރޯޅިއާއެކު ވިއްސި ވިހާލިވެގެން ގޮސް [ ހުރިހައިކަމެއް ނުބައިވެ މަ ފުރިތަން ނުޖެހި ދަނީއޭ] ބުނަން ނުޖެހޭ ހިސާބަށްދަނީ ދެ ފަރާތުން ވެސް ބިންގަލެއްގެ މައްޗަށް ކާވެނީގެ ޢިމާރާތްކުރެވި އެ ޢިމާރާތުގެ ރައްކައުތެރިކަމުގައި ޘާބިތުވެ ތިބެންވީ ފަދައަކުން ނުތިބެވެތީކަމަށް ގަބޫލުކުރަން ޖެހެ އެވެ. އާދަނު ތިޔަ ބުނާ ތެދު ގުޅިފައި އޮންނަނީ ޤުދުރަތުގެ ގޮތުން ބަލާއިރު އަންހެންވަންތަކަމުގެ ޠަބީޢަތާ ދުނިޔަވީ އެދުންތަކާ ގުޅިފައިވުމުން ކަމަށް ބުނާތީ އަޑު އަހަމެވެ. ދެންފަހެ ފިރިހެނާއީ އެ އަންހެނާއާއި ލާމެހިފައިވާ ގުޅުމެއްގެ ސަބަބުން އެކަމުގެ ބައިވެރިއަކަށް ވެވެނީ އެވެ. ނަމަވެސް ކަމުގެ އިލްޒާމު (ވަކިވުމުގެ ސަބަބުގެ ބަދުނާމު) ދެފަރާތަށް ވެސް ހަމަހަމަ އެވެ. އެހެނީ، އަހަރުމެންގެ ބަފައިކަލުން އާދަމް އަލައިހިއްސަލާމާއި ޙައްވާގެފާނާ ދެކަނބަލުން ކާވެނި ކުރައްވައި ސުވަރުގޭގައި ވަޒަންވެރި ކުރެއްވީމައި އެކަމުގެ މައްޗަށް ޝައިޠާނާގެ ހިތުގައި ޙަސަދަވެރިކަމުގެ އަލިފާން ރޯވެ އެ ދެކަނބަލުން ސުވަރުގެއިން ބޭރުކޮށްލުމަށް އެ ރޭވި މަކަރުވެރި ރޭވުމަށް ވިސްނާލަމާ ހެއްޔެވެ؟ އެއީ މި އާދަމުގެ ދަރިންގެ ކޮންމެ ކާވެންޏަކަށް ވެސް މި ފަދަ މުޞީބާތެއް ޖެހިދާނެ ކަމުގެ ރަމްޒީ ޛިކުރާއެއްކަމުގައި ލެއްވި ކަމެކެވެ. އަހަރެމެން އާދަމުގެ ދަރިން އެ ކަމުން ޢިބްރަތް ލިބިގަތުމަށްޓަކައެވެ. ކުރިމަގުގޮއްޔެ : ތިޔަ ބުނެވިދިޔަ ކަންތަކުން އަހަރުމެން ޛިކުރާ ކުރުމަކީ އާދަމްގެފާނުގެ ދެކަނބަލުންނަށް ނަހީ ކުރެވުނު ގަހުން ފަރީއްކުޅުއްވެވުމަށް ވަސްވާސްދިން ޝައިޠާނާ އަހަރުމެންގެ މަށްޗަށް ފައުޅުވެގަންނަނީ ކޮން ސިފައެއްގައިކަން އަހަރުމެން ދެނެގަތުމެވެ. ޝައިޠާނާ އަހަރުމެންގެ މައްޗަށް ފައުޅުވެގަންނަނީ އަހަރުމެން އެމައްޗަށް ހިތްދަމައިގަންނަކަހަލަ އެތައް ވަންނިތަކަކައިގެންނެވެ. ބަލާހިތްވާ މަންޡަރެއްގެ ގޮތުގަ އެވެ. އަޑުއަހައިލާހިއްވާ ރާގެއްގެ ގޮތުގަ އެވެ. ކޮންމެހެން އެނގެންބޭނުންވާ މަޢުލޫމާތެއްގެ ގޮތުގަ އެވެ. ހެޔޮއެދޭ ނަސޭހަތްތެރިއެއްގެ ގޮތުގަ އެވެ. މުނިއަވަސް ފިލުވައިދޭ ބައިވެރިއެއްގެ ގޮތުގަ އެވެ. މިހެންގޮސް ނިދާފައިވާ ދެ ފިތުނަ ހޭލައްޖެއުމަށް ދާންދެންނެވެ. އެ ޝައިޠާނާ ތިމާގެ ހިޔަނި ފަދައިން ވަކިނުވާނެ އެވެ. އެ ދެފިތުނައަކީ ދިރިތިބުމުގެ ފިތުނައާއި މިބިމުގައި ހިނގާނެ މަސީޙު ދައްޖާލުގެ ފިތުނަ އެވެ. މި ދެ ފިތުނައަކީ ވެސް އެއިން ސަލާމަތްވުން އުނދަގޫ ދެ ފިތުނައެވެ. ޖިންނި ޝައިޠާނުން މީސްތަކުންގެ ހިތްތަކަށް ދޭ ވަސްވާހުގެ ނުބައިކަމަށްވުރެ ނުރައްކާ އެތައް ދަންތުރައެއް، އިންސި ޝައިޠާނާ މި ބިންމަތީގައި އަތުރާފައި ހުންނާނެ އެވެ. މީހާއަޅާ ކޮންމެ ފިޔަވަޅެއްގައްޔާ ބަލައިލާ ކޮންމެ ދިމާއެއްގައި ދިރިހުރުމުގެ ފިތުނައިގެ މަޅިތަކާއި ދައްޖާލުގެ ފިތުނައިގެ މަޅިތައް ޖަހާފައި ހުންނާނެ އެވެ. ކާވަނިވާ ކޮންމެ ދެ މީހަކު ވެސް ވިސްނުން ކުޑަކޮށްލައިފައި މިއިން މަޅިއަކަށް ފައި މަހައިލައިފިނަމަ ކާވެނީގެ ލޯބި އޮންނާނީ ތެލުލެވި ހަކުރު ލެވި ބިނދި މުރަނަވެ، ރުންކުރުވެ ބިމަށްވެއްޓި ކުދިކުދިވެ ބުރައިގެން ގޮސްފަ އެވެ. ވީމައި ކާވެނީގައި އަހަރެންގެ ޢަހްދާއި ޝަރުޠަކީ އަހަރެންނާއި ކާވެނިކޮށްގެންހުރި މީހަކު ނަމަ އަހަރެންނާމެދު އެހެން މީހަކު ނުވަތަ ގިނަ ބަޔަކު އަހަރެން ބަދުނާމުކޮށް ދެއްކި ކޮންމެ ވާހަކައަކަށް ހިތްނުބައިކޮށް ހަރުކަށި އަމަލެއް ހިންގުމުގެ ކުރީގައި އެ ވާހަކައެއްގެ ދޮގުތެދު އަހަރެންކިބައިން ހޯދުމެވެ. އަހަރެންގެ އަމަލުތައް އަހަރެންނަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ އެވެ. އާދަނު : އަހަރެން ގޮއްޔެގެ ޢަހްދާއި ޝަރުޠު ޤަބޫލުކޮށްފީމެވެ. ގޮއްޔެ ފަދައިން އަހަރެން ވެސް ހެޔޮލަފާ މީހުން ދައްކާ ހެޔޮވާހަކަ އަޑުއަހައި އުޅެމެވެ. އެއް ރެއަކު ކާސިންފުޅުބޭ އެގޭ ބޮޑުދޯނީ ކެޔޮޅާއި އަދި ވެސް ދެ ތިން މީހަކު ދެއްކި ވާހަކައެއްގެ ތެރޭގައި އެ މީހުން ކާސިންފުޅުބެގާތު އެހި އެވެ. މީހުންބުނާ ޔައުޖޫޖު މައުޖޫޖާއި ދައްޖާލުގެ ވާހަކައާއި ބޭގޮތުންނެވެ. ކާސިންފުޅުބެއާއި އެ ސުވާލުކުރުމުން ވަރަށްގިނަ ވާހަކަ ދެއްކި އެވެ. ނަމަވެސް އެހުރިހައި ވާހަކަތަކެއް ހަނދާނެއް ނެތެވެ. ހަނދާންހުރީ ކުޑަ ބަސްކޮޅެކެވެ. ކާސިންފުޅުބޭ ބުނުއްވި އެވެ. ޔައުޖޫޖު މައުޖޫޖުގެ މީހުންނާއި ދައްޖާލުގެ މީހުންނަކީ ވެސް މި އާދަމުގެ ދަރިންގެ ތެރެއިން ނުކުންނަ ބައެކެވެ. މިހާރުވެސް އެމީހުންގެ ފިތުނަވެރި މަސައްކަތްކުރުމުގައި ފިލައިނުދާނެ އެވެ. ކުރިމަގުގޮއްޔެ : އާދަނު އަހަރެންގެ ހުށައެޅުން ޤަބޫލުކުރުމުން الحمد لله އެވެ. ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް ތެދުވެރި ހަމަޖެހޭ ދުސްތޫރީ އިޞްލާހެއް އޮތުމަކީ ބޭނުންތެރިކަމެކެވެ. ދެން އެ ބިންގަލުގެ މައްޗަށް ދަރިން ބިނާ ކުރެވިއްޖެ ނަމަ ފެންނާނީ ހަޖެހޭ މުޖުތަމަޢެކެވެ. ބިންގަލުގައި ކަތިކަމެއް ހުރިނަމަ ކެއްޗާހަމައަށް ނެގިނަމަ ވެސް ހުންނާނީ ކައްޗަށޭ ބުނާއަޑު އަހަމެވެ. ދެން ޖެހިގެންއައި ހޯމަވިލޭރޭ އާދަނު ދެ ހެކިވެރިން ގޮވައިގެން ގެއަށްވަދެ އާދަނާ ކާވެނިވުމަށް ކުރިމަގުގޮއްޔެ ރުއްސައި ރަންކިޔުވައިފި އެވެ. ދެން އެއުރެން ނައިބުކަލޭގެ ގޭދޮށަށް އެރިއިރު ނައިބު ކާސިންފުޅު ރޭގަނޑުގެ ކޭންބެއްލެވުމަށްފަހު ކުޑައަށީ ހުރަސްކުނާމަތީ ބޮޑުބާލިހުގައި ލެނގިލައްވައިގެން ކުރުއަތްދަނޑިމައްޗަށް ކަހަލަ ގޮތަކަށް ދުންބައްލަވާން އޮންނެވި އެވެ. މިއުރެން ގޭދޮށަށް އަރައި؛ السلام عليكم ނައިބު ކާސިންފުޅު : و عليكم السلام، ވަންނަވާ ވަދެ ބޮޑުއަށީ މަތީ އިށީންނަވާށެވެ. ވަނުމުން ތިޔަބޭކަލުން ތިޔަދުރުވީ ކޮންކަމަކާތޯ. ދެހެކިވެރިން : އަޅުގަނޑުމެން މިއައީ މީނދަ އާދަނާއި ކުރިމަގުގޮއްޔެގެ ކާވެނީގެ ކަންތަކާ. ނައިބު ކާސިންފުޅު : މި ދެމީހުންކުރެ މީހަކު މީގެކުރީގައި މީހަކާއި އިދެ ވަރިކޮށްފައިވޭތަ؟ ހެކިވެރިން : ނޫން ނޫން މިއީ ދެމީހުންގެ އަލަތު ކާވަނި. ނައިބު ކާސިންފުޅު : އެ އަންހެން ކުއްޖާއީ ބާލިޣުވެ ތަޞައްރުފު ފުދިފައިވާ އަންހެނެއްތަ؟ ހެކިވެރިން : ލައްބަ ނައިބު ކާސިންފުޅު : އެކަނބުލޭގެ މީނދަ އާދަނާއި އިންނަން ރަންކިއީ ތިޔަ ދެކަލުންގެ ޙާޟިރުގައިތަ؟ ރަންކިއީ ކިހައި ވަރަކަށްތަ؟ ހެކިވެރިން : އެކަނބުލޭގެ މީނދަ އާދަނާއި އިންނަން ރަންކިއީ އަހަރުމެން ދެމީހުން ހެކިކޮށް ، ކިއި ރަނުގެ މިންވަރަކީ ފައްސިހި ކުޑަލާރި (24ލާރި) ނައިބު : އެ ކަނބުލޭގެ އެއްވެސް މީހަކާއި އިންނާން އަތާތާޖަހައި ، ނުވަތަ ވަޢުދެއް ކޮށްފައިވޭތަ؟ ނުވަތަ ކުޑަރުމާލެއްގައި ގޮށްޖަހައި ނުވަތަ ފިރިހެނަކުގެ ކުރިމައްޗަށް ގާކޮޅެއް އެއްލައި ނުވަތަ އެ ފަދަ އެހެން ވެސް އިޝާރާތަކުން އަހަރެން ކަލެއާއި އިންނާން އެދިހުރީމޭ ނުވަތަ ދެ މީހުންގެ ފޭރާމުގެ ފަސްބައި ގޮށްޖަހައިގެން އަހަރެމެން ދެމީހުން ކާވެނި ޢަޤުދު ކުރާނެކަމުގެ މާނައިގައި ނުވަތަ ޞޫރައިގައިވާކަމެއް ކޮށްފައިވޭތަ؟ އިންނާނެކަމަށް އެހެންމީހެއްގެ އަތުން އަނގޮޓި ބަދަލުކުރުމެއް ވިޔަސް، ފައިސާއެއް ނުވަތަ މުދަލެއް އަތުލައިފައިވުން ވިޔަސް، ނުވަތަ ނަސަބުގެ ގާތްކަމުން، ނުވަތަ އެއްކިރުވުން، ދޮންދަރިވުން ފަދަ އެއްވެސް ކަމަކުން، ކާވަންޏަށް ހުރަސް އަޅާފަދަކަމެއް، ހިނގައިފައިވޭތޯ އަހައި އޮޅުންފިލުވީމުތަ؟ ހެކިވެރިން : ލައްބަ ތިޔަކަހަލަ ކާވެންޏަށް ހުރަސްއަޅާފަދަ އެއްވެސްކަމެއް އޮތްތޯ ސުއާލުކޮށް އޮޅުންފިލުވިން. ބުނީ އެފަދަކަމެއް ނެތްކަމަށް. والله أعلم ނައިބު : އާދަނާއި ދިމާއަށް މުޚާޠަބުކޮށް [ މީހަކައި ތިޔަ އިންނަނީ އެއީ ކަލޭ އިންނަ މީހާއީ ކަލެއަށް ތެދުވެރި ވަފާތެރިއެއްކަމުގައި ވެދާނެކަމުގެ އިތުބާރަކާއި ކަށަވަރުކަމެއް އޮތްފަރާތެއްތަ؟ ނުވަތަ މީހަކުބުނި ދެރަބަހަކަށް ދެރަނުވާން ކުރާކަމެއްގެ ގޮތުގައި ކުރާކަމެއްތަ؟ އާދަނު : ތިޔަކަހަލަ އެއްވެސްކަމެއް އަޅުގަނޑުގެ ކިބަޔަކު ނުވާނެ. ނައިބު : މީހަކާ އިނުމުން އަނބިމީހާއަށްވާ ޙައްޤުތަކެއް ފިރިޔާގެ މައްޗަށް ހުރޭ. ހަމަ އެ ފަދައިން ފިރިމީހާގެމައްޗަށްވާ ޙައްޤުތަކެއް އަނބިމީހާއަށް ވެސް ވޭ. ވީމައި އެކަކު އަނެކަކަށް ތެދުވެރިވެ އިޚްލާޞްތެރިވުމަށް ވަޞިއްޔަތްކޮށް ނަޞޭހަތްތެރިވަން. ދަތި ޙާލުގައްޔާއި ފަސޭހަ ޙާލުގައި ވެސް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމަށާއި ހެޔޮ ކޮންމެ ކަމެއްގައި ފަސްނުޖެހުމަށާއި ނުބައި ކޮންމެ ކަމަކުން ތިމާއާއި ތިމާގެ ދަށުގައިވާ ބަޔަކު ސަލާމަތް ކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހަނދާންކޮށްދީ އަހުރެން ކަލޭގެޔަށް، ދީނުގެ ފަރާތުން އަމުރުކުރަން. އެ ކަނބުލޭގެ ކާވެނީގެ ވަލީ އަމްރު ޙަވާލުވެފައިވަނީ ކޮންބޭކަލަކާތަ؟ ހެކިވެރިން : އެ ކަނބުލޭގެ ބުނަނީ އެ ކަނބުލޭގެ ކާވެނީގެ ވަލީއަރާ މީހަކުނެތް ކަމަށް. ވީމައި އެ ކަނބުލޭގެ ކާވެނީގެ ވަލީއަމުރު ޙަވާލުވެގެންވާނީ ޙާކިމާޔާ. ދެން ނައިބުކަލޭގެ ކުރިމަތީގައި ރަންކިއި ލާރިއާއި ކާވެނިމަތީ ތިންގަނޑެތި ބޮކުސާއަކަށްލައިފައި ބަހައްޓައިފިއެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ޒިޔާ, 2010-03-09 05:35:50
ވަރަށް ރީތި ދިވެހި ވާހަކަ އެއް... ކުޜިގެ ދިވެހި ބަސްތައް ބޭނުން ކުރެވިފައި ހުރުމުން ވަރަށް ޝައުގުވެރިވޭ.. ހާއްސަކޮށް ބޮލި ގުނާ މިންގަނޑުތައް މިހާރު ކިޔާ ގޮތަށް ހިސާބު ޢަދަދުން ލިޔެފައި ވާތީ ދިވެހި އެހެނަސް މިހާރު "ބީރައްޓެހި" ބަސްތައް ހުރުމަކުން ފޫހިކަމެއް ފާހަގައެއް ނުކުރެވޭ. ވަރަށް މޮޅު އިރުޝާދާއި ނަސޭހަތުން ފުރިފައިވާ ވާހަކަ އެއް.. ލިޔުން ތެރިޔާ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.... 3 ވަނަ ބައިގެ އިންތިޒާރު ގައި ............
ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |