މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޖޯޑު ބިޖޯޑު |
|
|
| ދިވެހި - ވާހަކަ | |||
| 17 މާރޗް 2010، 00:18 ބުދަ | |||
|
އިބްރާހީމް ޙުސައިން މަނިކު ޒާހިދު ކާރަށްއަރާ ދޮރު ޖެހުމަށްފަހު އަނެއްކާވެސް ސަޕްނާއާ އަލްވަދާޢަށް އަތް ހޫރާލިއެވެ. އެވަގުތު މަގުގެ އަނެއްކޮޅުން ލަނބާލި ސައިކަލެއް ވުސް އަޅާފައި އެދިމާއަށް އަންނަތަން ފެނުމުން ސަޕްނާ އަވަސް އަވަހަށް އަތް ހޫރާލުމަށްފަހު ހަރަށް ދެމިގަތް ވެނެއްހެން ގޯތި ތެރެޔަށްވަދެ ދޮރޯށި ލެއްޕިއެވެ. ޒާހިދު ބެހެއްޓީ ގެޔާދިމާއަށެވެ. އޭރު ގަޑިން މެންދަމު ބާރަޖަހާ ބޮޑުވެއްޖެއެވެ. މަގުމަތިން މީހުންވެސް މަދުވެއްޖެއެވެ. އޭނާގެ ސަޕްނާ އާދަކޮށް ބޭނުންކުރާ [ޕޮއިޒަން] ސެންޓުގެވަސް ޒާހިދުގެ ގަމީހުގައިވަނީ ހިފާފައެވެ. އަންހެނުން ރަޒިއްޔާ މިކަން ފާހަގަކުރައްވާނޭ ބާވައެވެ. ނުކުރައްވާނެކަން ޔަޤީނެވެ. މިހާރު އަވަހާރަ ލައްޕަވާނެ އެވެ.ރަޒިއްޔާއާއި ޒާހިދުގެ ކައިވެންޏަށް ދިހަ އަހަރުފުރި ދެކުދީން ތިއްބަސް މިހާރުވެސް އެދެމެދުގައި އޮތީ އަބަދުވެސް އޮންނަ ކަހަލަ ރަސްމީ ގުޅުމެކެވެ. މާގާތް ގުޅުމެއް ނޫނެވެ. ރަޒިއްޔާއަކީ އޭނާފަދަ ޒުވާން ބުރުސޫރަ ރީތި ފިރިހެނަކު ލޯބިވާން ރީތި އަންހެނެއްވެސް ނޫނެވެ. އެފިނި ދެލޯފުޅާއި، ދިގުމޫނުފުޅާއި، ބިލެތްކަނޑާ ހަރެއް ކަހަލަ ހަށިކޮޅުގައި ފިރިހެނަކު ހިތްކިޔާނޭ ސިފައެއް ނެތެވެ. ޒާހިދު މިކައިވެނިކުރީ އުޅެން ފަސޭހަޔަކަށެވެ. އޭނާގެ ވިޔަފާރި ކުރިއެރުވުމުގެ ބޭނުމުގައެވެ. ރަޒިއްޔާގެ އަމިއްލަފުޅު ބޮޑު ދެގޯއްޗާއި ދެގެ އޭނާ ބޭންކުން ނަގަން ބޭނުންވާ ބޮޑެތި ދަރަނިތަކުގެ ރަހުނަކަށް ފުދޭތީއެވެ. ރަޒިއްޔާގެ ރަސްމަތިފުށާއި، ރިވެތި އުޅުއްވުމާއި، އެމް.އޭ. ފާހާއި، ސަރުކާރުގެ މަތީ މަގާމުގެ އެހީގައި އޭނާއަށް އިޖްތިމާޢީ ހަރުގަނޑުން މައްޗަށް އެރޭނެތީއެވެ. ރަސްމީ އެއްވުންތަކާއި އިޙްތިފާލުތަކަށް [ދެމަފިރި ކަނބަލުން] ނަށް އެރުވޭ ދަޢުވަތު ތަކުގައި އޭނާވެސް ހިމެނޭނެތީއެވެ. ފައިސާއިން މީހުންގެ ގަދަރާއި އިޙްތިރާމް ގަނެވުނަސް މަތީތަޢުލީމާއި، މާލޭގެ ރަށްވެހިކަމާއި، މަތީ ނަސަބު ހަސަބު ނުގަނެވޭކަން އޭނާޔަށްވެސް އެނގެއެވެ. ނަމަވެސް މިކަންކަމުގެ ބައެއް ފައިދާ ރަނގަޅު ކައިވެންޏަކުން ލިބިދާނެކަން އޭނާ ދަނެއެވެ. ޒުވާންކަމަކީ އިރުވައިގެ ވިލާގަނޑަކެވެ. އެދުވަސްވަރު ވަށައިގެން ފޮޅިފައިވާ ރީތި މާމެލާމެލީގެ ވަހާއި ރަހަ ތަޖުރިބާކުރުމީ އޭނާ ޤަބޫލުކުރާ ގޮތެވެ. އޭނާގެ ފަލްސަފާއެވެ. މީ އަންބަކަށް ޤަބޫލުކުރެވޭ ގޮތެއް ހެނެއް ހިޔެއް ނުވެއެވެ. ފުރަތަމަ ދެއަނބިންވެސް ވަރިވީ އޭނާ ހިލޭ އަންހެނުންނާ އުޅޭތީ ރުޅި ހަދާފައެވެ. ރަޒިއްޔާއާ އިންއިރުވެސް މިކައިވެނި ކާމިޔާބު ވެދާނޭ ކަމާމެދު ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަދި އެޝަކުވާތައްވަނީ ވަޔާ ގޮސްފައެވެ. ރަޒިއްޔާއަކީ ލޮނުމަޑު، މައިތިރި ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއްކަމުން ދުވަހަކުވެސް އޭނާއުޅޭ ގޮތާއި ކުރާ ކަންތައްތަކާމެދު ފާޑު ވިދާޅުވެފައެއް ނެތެވެ. އެކި ދުވަސްވަރު މާލޭ ތެރޭގައި އޭނާޔާ އެކިއެކި ރީތި އަންހެން ކުދިންނާ ބެހޭގޮތުން އަޑުތަކެއް ކިޔާ ރެނދެތަކެއް އެޅިއެވެ. މިހާރަކަށް އައިސް ދެކެވެނީ އޭނާ އިންޑިޔާއިން ގެނައި ރީތި އަންހެން ސެކްރެޓަރީ ސަޕްނާގެ ވާހަކައެވެ. ދެމީހުންގެ ގުޅުމަކީ ހަމައެކަނި މުވައްޒަފަކާއި ވަޒީފާދޭ މީހެއްގެ ގުޅުން ނޫންކަން އެންމެން ދަނެއެވެ. ސިންގަޕޫރަށް އޭނާދާ ކޮންމެ ދަތުރެއްގައި، އެކުގައި ސަޕްނާވެސް ގެންދާކަން ލައްކަ ގިނަބަޔަކު ދަނެއެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ރަޒިއްޔާއަށް އެނގިވަޑައެއް ނުގަންނަވައެވެ. ރަޒިއްޔާ އޭނާޔާ ހިތްޕުޅާވާލެއް ބޮޑުކަމުންނާއި، ކުރައްވާ އިތުބާރެއްގެ ބޮޑުކަމުން ވައި އަޑުތަކަށް ބީރުކަންފަތްޕުޅެއް ދެއްވަނީކަން ނޭނގެއެވެ. ނުވަތަ އެފަދަ އަޑުތަކަށް ސަމާލުކަން ދެއްވާވަރަށްވުރެ ރަޒިއްޔާއަކީ މާހަރުދަނާ މާ މާތް ބޭފުޅަކީއެވެ. ބައެއް ފަހަރު ރަޒިއްޔާވެސް ކަންކަމާ ބެހިވަޑައިގެން ކޯފާވެ އޭނާގެ ގަޔަށް ބޮލަށް އަރާވަޑައިގަންނަވާނަމަ ކައިވެނީގައި ޗަސްބު ހިފީސް ތޯއްޗެކެވެ. ދެމަފިރިންގެ ދެމެދުގައި މިހާރަށްވުރެ ގާތް ގުޅުމެއްވެސް އޮތީސްކަން ނޭނގެއެވެ. ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ކާރު ގަރާޖަށް، ވެއްދުމަށްފަހު ޒާހިދު ގޭގެ ދޮރޯށި ހުޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ދޮރުހުރީ ތަޅުލާފައެވެ. ދޮރުގައި ތަޅަތަޅާ ވަރުބަލި ވީފަހުން ދޮރޯށި ހުޅުވާލީ އޭނާގެ އަނެއް ކާރު ދުއްވާ ޙުސައިންފުޅެވެ. އެއީ ރަޒިއްޔާއާ އޭނާގެ ކުދިންނަށް ޚާއްޞަވެފައިވާ ކާރެވެ. ޙުސައިންފުޅު މިހާ ނުގަޑިއެއްގައި ގޭތެރެއިން ނިކުތުމުން ޒާހިދު ޙައިރާންވެ އަނގަހުޅުވުނެވެ. އޭނާ ހުރީވެސް ފެންވަރާ ނަލަހެދިފައެވެ. ނަމަވެސް ބޯވަނީ ހިސާބަކަށް ހޭވިފައެވެ. ގަމީހުގެ މޭމަތިވަނީ ރޫޖެހިފައެވެ. [ޙުސައިންފުޅު މިހާ ދަންވަރު މިގޭގައި ކީއްތިކުރަނީ؟] ޒާހިދު އަހާލިއެވެ. [އަޅުގަނޑު ފެންޑާމަތީގައި އިނީ ޒާހިދުގެ އިންތިޒާރުގައި. އެހެން އިންދާ ނިދުނީ.] ޙުސައިންފުޅު އިސްޖަހާލައިގެން ހުރެ ބުންޏެވެ. ޒާހިދު ފަރުވާވެ އޭނާގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނު މަތީގައިވަނީ ހާސްކަމެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. [ނަންގަންނަންވެފައި އޮތް ވަރަށް ބޮޑުކަމެއް އޮތީމާ ޒާހިދު ދުރުވަންދެން މަޑުކުރީ.] [އަނެއްކާ ކޮންކަމެއް. ފައިސާގެ އެހީއެއް ބޭނުންވީތަ؟ ދޮންމަންމަ ނޫނީ ބައްޕަނޫނީ ކޮއްކޮޔަކު ބަލިވެގެން ރަށުން އެންގީތަ؟] [ނޫން. ނޫން. ތިކަހަލަ ކަމެއްނޫން. އަޅުގަނޑު ނަންގަންނަން މިއުޅެނީ އަޅުގަނޑަށް ދެން މިވަޒީފާ އަދާކުރެވެން ނެތްވާހަކަ.] [އެޔޯ؟ އެޔޯ؟ އަނެއްކާ މުސާރަ ކުޑައީތަ؟ ނޫނީ މިގޭ ބޭފުޅުން ޙުސައިންފުޅަށް ނުބައީތަ؟ ނުވަތަ އެދުނުކަމެއް އަހަރެން ދުވަހަކުވެސް ނުކޮށްދީ އޮތީތަ؟] [ނޫން. ނޫން. މިހެންވެގެންނެއް ނޫން.] [ދެން ކީއްވެ ކެނޑެން ތިއުޅެނީ. ރަޒިއްޔާވެސް ކިހާ ހެޔޮފުޅު. މަގޭ ދެކުދިންނާ ރަޒިއްޔާވެސް ޙުސައިންފުޅާމެދު ކަންތައް ބަހައްޓަވަނީ ޢާއިލާގެ މީހަކާމެދު ކަންތައް ބަހައްޓާގޮތަށް ދުރުހިލޭ މީހަކާމެދު ކަންތައް ބަހައްޓާ ގޮތަކަށްނޫން. މިހާރު ވަޒީފާ ދޫކޮށްލާފައި ވަކިވެގެން ދިޔައިމާ އެބޭފުޅުން ކިހާ ދެރަފުޅުވާނެ.] [ވަޒީފާ ދޫކޮށްލުމުން ކޮންމެހެން އެބޭފުޅުންނާ ވަކިވުން ލާޒިމެއްނޫން.] މިޖަވާބުން ޒާހިދު ޙައިރާންވިއެވެ. އޭނާޔަށް ފާހަގަކުރެވުނު އަނެއްކަމަކީ ޙުސައިންފުޅު މިހުރިހާ ވާހަކައެއް ދެއްކިއިރު އެއްފަހަރުވެސް އޭނާޔާ ހަތަރުކަޅި ހަމަނުކުރާކަމެވެ. އެހެންޏާ އެއީ އޭނާގެ ގޮތެއްނޫނެވެ. ޙުސައިންފުޅު ފެނުމުން ޒާހިދަށް އަބަދުވެސް ހީކުރެވެނީ ދިހަބާރަ އަހަރުކުރީގެ ޚުދު އޭނާގެ ފޮޓޯއެއް ފެންނަ ހެންނެވެ. ތަފާތަކީ ޙުސައިންފުޅުގެ ރޫފަ ތަންކޮޅެއް ހިކިވެފައި އިސްކޮޅުން ދެސޫތެއްވަރު ދިގުވެފައި ކުލަވަރު ތަންކޮޅެއް އަލިކަމެވެ. ތިމާގެ ނޫނަސް ދެމީހުންގެ ސިފަގަނޑު އެހާވައްތަރީ މީސްކޮޅުމަދު އެއްރަށު ދެމީހުންނަށް ވީމާ ތޯއްޗެކެވެ. ޚަބަރު ނުދަންނަ މީހުން ހީކުރަނީ ޙުސައިންފުޅަކީ ޒާހިދުގެ ކޮއްކޮ ކަމަށެވެ. [އަޅުގަނޑު ވަޒީފާ ދޫކޮށްލަނީ މިހާރަށްވުރެވެސް ބޮޑަށް އެބޭފުޅުންނާ ގުޅުމަށްޓަކާ] ޙުސައިންފުޅުގެ ތުންފަތް މަތިން ރަކި ހިނިތުންވުމެއްގެ އަސަރު ފެނުނެވެ. އަނެއްކާ މީނާ މިހިރީ ހަމަހޭގައި ބާވައޭ ޒާހިދުގެ ހިތުގައި ޖެހުނެވެ. [އަޅުގަނޑު ދުވަހަކުވެސް އެބޭފުޅުންނާ ވަކިވާކަށް ނެތިން.] [އަރަތެއްތާ. އަހަރެން ޙުސައިންފުޅަށް ހެޔޮއެދެން. އެހެން ފަރާތަކުން އަހަރެމެން ކައިރިޔަށްވުރެ ހެޔޮގޮތެއް ފެނިގެން ވަޒީފާ ދޫކޮށްލަންޏާ އެގޮތެއް ބުނަނިކޮށް މަށަށް ހީވަނީ އަހަރެމެންނަށް އެއަށްވުރެ ރަނގަޅު ގޮތެއް ހަދައި ދެވިދާނެހެން. ނުވަތަ ހިތްހަމަ ނުޖެހޭކަމެއް ބުނަނިކޮށް އެކަމެއްވެސް ރަނގަޅު ކުރެވިދާނެހެން.] [އަޅުގަނޑު މިކެނޑެނީ އެހެންމީހެއްގެ ވަޒީފާއަކަށް ދާކަށްނޫން. ނުވަތަ ހިތްހަމަނުޖެހޭ ކަމެއްވެސް އޮވެގެނެއްނޫން. މިޔަށްވުރެ ވަކިން ހިތްހަމަޖެހުނު ވަޒީފާއެއް އަދާނުކުރަން.] ޒާހިދު ނިތްކުރި ރޫޖައްސާލިއެވެ. [ކެނޑެން ބޭނުމިއްޔާ އަހްނަނަކަށް ނުހިފެހެއްޓޭނެ.] ޙުސައިންފުޅު ދުރު ބަލަހައްޓައިގެންހުރެ ޖީބުން ކާރުގެ ތަޅުގަނޑުނަގާ ދިއްކޮށްލިއެވެ. [މިއޮތީ ތަޅުދަނޑި. އަޅުގަނޑު ދެން މިދަނީ.] ނުހަނު ދެރަވެފައި ޒާހިދު ތަޅުދަނޑީގައި ހިފިއެވެ. ޙުސައިންފުޅު ކަހަލަ ދުއްވާ މީހަކު ދުވަހަކުވެސް ނުލިބޭނޭކަން ޒާހިދަށް އެނގެއެވެ. އޭނާއަކީ ހަމައެކަނި ކުޅަދާނަ ކާރުދުއްވާ މީހަކީއެއް ނޫނެވެ. އޭނާ ގޭތެރޭގައި ދިމާވާހާކަމެއް ކުރެއެވެ. ޒާހިދުގެ ފުށުން އޭނާގެ ދެކުދިންނަށް ނުލިބޭ ބަފާވަންތަކަން ޙުސައިންފުޅުގެ ފުށުން ލިބެއެވެ. އެހެންކަމުން ޙުސައިންފުޅު ވަޒީފާ ދޫކޮށްލާފައި ދިޔުމުން އޭނާޔަށްކުރީ ގާތްތިމާގެ މީހަކާ އަބަދަށް ވަކިވާން ޖެހުމުން ކުރާނޭފަދަ ހިތި އަސަރުތަކެވެ. ގެޔަށް ވަނުމާއެކު ޒާހިދަށް ފާހަގަކުރެވުނީ އޭނާގެ ނިދާކޮޓަރި ދިއްލާ އަޅާފައިވާކަމެވެ. މާނަޔަކީ ރަޒިއްޔާ އަދިވެސް އަވަހާރަ ނުލައްޕަވާކަމެވެ. އަނެއްކާ ފޮތެއް ބައްލަވަނީ ބާވައެވެ؟ ނުވަތަ އެއްޗެއް ލިޔުއްވަނީ ބާވައެވެ؟ ޒާހިދު މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނެވެ. އޭރު ރަޒިއްޔާ އިންނެވީ އެނދުމަތީގައި އެއްއަތްޕުޅު މައްޗަށް އަނެއް އަތްޕުޅު ލައްވައި ގެންނެވެ. ތުރުކުރައްވައިގެން އިންނެވީ މަޑުފެހިކުލައިގެ ފާސްކުރި ހެދުން ކޮޅެކެވެ. އަވަހާރަ ލެއްޕެވުމުގެ ޚިޔާލު މިރޭ ނުވެސް ކުރައްވާ ކަހަލައެވެ. އަލިކު ތަރިކު އަލީގައި އޭނާގެ އެންދެރި ކުލައިގެ މޫނުފުޅުގެ އޮފު ގަދައެވެ. ލިޔާ މޭޒުކޮޅު މަތީގައި ބޯ އިނގިރޭސި ފޮތެއް ހުޅުވާލާފައި އޮތެވެ. އެފޮތުގެ ފުރަގަހުގައިވެސް އިނގިރޭސި ފޮތްބަރިއެއް ހުއްޓެވެ. މިތަނަވަސް ކޮޓަރި ފުރިފައިވަނީވެސް ފޮތް އަލަމާރި ތަކުންނެވެ. [އަދިވެސް އަވަހާރަފުޅު ނުލައްޕަވަނީތޯ؟ އަޅުގަނޑަށް ހީވަނީ އަބަދު ތިކުރައްވާ ލިޔެކިޔުއްވުމުގެ މަސައްކަތްޕުޅު ތަންކޮޅެއް މަދުކޮށްލައްވަން ވެއްޖެހެން. ޕީ.އެޗް.ޑީ. އެއްރޭން ނުނެންގެވިޔަސް ވެދާނެ.] ޒާހިދުގެ މޫނަށް ކަޅި އަޅުއްވައިގެން ރަޒިއްޔާ ހިނދުކޮޅަކު އިންނެވިއެވެ. އެ ބެއްލެވުމުގައި އެއްވެސް އަސަރެއް ނެތެވެ. ރަޒިއްޔާގެ މޫނުފުޅުން އޭނާގެ ޝުޢޫރުތައް ދެނެގަތުމީ ވާނެކަމެއް ނޫނެވެ. ރަޒިއްޔާ ކޮނޑުއަރުވާލެއްވި ނަމަވެސް ބަސްފުޅެއް ވިދާޅުވުމެއްނެތި އެނދުމަތިން ތެދުވެވަޑައިގެން ލިޔާ މޭޒުކޮޅުގެ ދޮށުގައި އިށީނދެ ވަޑައިގަތެވެ. އަދި ފޮތްކިޔުއްވާ ބައްތީގެ ސްވިޗް ޖައްސާ ލެއްވުމަށްފަހު، ގަނޑުކަނޑާ ފޮތަކާއި ގަލަން ނެންގެވިއެވެ. ހީވަނީ ޒާހިދު ޢިލްމީ މަސައްކަތް ތަންކޮޅެއް މަދުކޮށްލަން ނަސޭހަތް އެރުވީތީ ޖެއްސުން ކުރައްވާހެންނެވެ. ޒާހިދު އަވަސް އަވަހަށް ހެދުން ބަދަލުކޮށް، ފާޚާނާއިން އަވަދިވެގެން ނިކުމެ އޮށޯތީ އަރާމު ނިންޖެއް ހޯދޭތޯއެވެ. އަވަދިނެތް މާދަމައަށްޓަކައި އަނެއްކާވެސް ތައްޔާރު ވެވޭތޯއެވެ. އަނެއްދުވަހު މެންދުރު ދޭއްޖަހާލާހާއިރު އާދަމަތިން ޒާހިދު ގެޔަށް ކާންއައިރު ރަޒިއްޔާ ގެޔަކު ނޫޅުއްވައެވެ. އަދިވެސް އޮފީހުން ވަޑައިނުގަންނަވަނީތޯ އެހުމުން ކައްކާ ކާންހަދަންއުޅޭ ފާތުމަ ބުނީ ވަރަށްކުޑަކޮށް ފަރީއްކުޅުއްވައިގެން ދެބޭފުޅުންނާއެކު ކުލީ ކާރެއްގައި މަންމަގެޔަށް ވަޑައިގެންފި ކަމަށެވެ. ޒާހިދު ކާލައިގެންގޮސް ކޮޓަރިއަށް ވަނުމުން ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ނިދާ އެނދުމަތީގައި އޮތް ހުދުކުލައިގެ ސިޓީ އުރައެކެވެ. އެޑްރެސް ކުރެވިފައިވަނީ އޭނާއަށެވެ. ރީތި ކުދި ތާނައަކުރަކީ ރަޒިއްޔާގެ ލިޔުއްވުންކަން އެނގުނެވެ. އަނެއްކާ މަންމަގެޔަށް ވަޑައިގަންނަވާ ވާހަކަ ވިދާޅުވަންވެސް ފަތްކޮޅެއް ލިޔުއްވީ ބާވައެވެ؟ ރަޒިއްޔާއަކީ ދޫފުޅަށްވުރެ ގަލަންކޮޅު އިސް ބޭފުޅެކެވެ. އެހެންކަމުން މިއީ ޒާހިދު ޙައިރާންވީ ކަމެއްނޫނެވެ. އޭނާ މިކަމާ އައީ ހިންޏެވެ. ސިޓީ ކަނޑާލުމަށްފަހު ނިއުޅާލައިގެން ކިޔަން ފެށިއެވެ. ހެޔޮދުޢާ ސަލާމަށްފަހު ވަނީ އަންނަނިވި ޢިބާރާތްތަކެވެ. ]ދުރުތިބީން ދެކޭގޮތުގައި އަޅުގަނޑަކީ ވަރަށް ނަސީބުގަދަ ވަރަށް އުފާވެރި ނިޔާމަ ދިރިއުޅުމެއްއުޅޭ މީހަކީމެވެ. ހުރިހާކަމެއް ފުރިހަމަވެފައި ހުރި އަންހެނެކެވެ. މަތީ ތަޢުލީމެވެ. މަތީ މަޤާމެވެ. ރީތި މުއްސަނދި ފިރިއެކެވެ. ތޫނުފުލި ދެދަރިންނެވެ. ހުޝިޔާރު ޚާދިމުންނެވެ. ފައްކާ ކުރެވިފައިވާ ގެދޮރެވެ. ޗާލު ކާރެކެވެ. [މިހުރިހާކަމެއް ފުރިހަމަ ވިޔަސް އަޅުގަނޑުގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެއް ނޫނެވެ. ސަބަބަކީ ނަމެއްގައި ފިރިއެއް ލިބުނަސް ޙަޤީޤީ ފިރިޔަކު ލިބިފައި ނުވާކަމެވެ. އެއްތާ ނިދިޔަސް، އެއްގޭގައި ދިރިއުޅުނަސް، ކައިވެނިން ގުޅިފައި ވިޔަސް ދެމީހުން ދެމެދުގައިވަނީ ދުނިޔޭގެ ދެކޮޅުގެ ދުރުމިނެވެ. ދެމަފިރިން ޙިއްޞާކުރާ އުފަލެއް މަދެވެ. އެއް ނަޒަރަކުން ބެލެވޭކަމެއް ނެތެވެ. އަޅުގަނޑުގެ ޢލްމީ މަސައްކަތަށް ޒާހިދު ހަޖޫ ކިޔުއްވަމުއެވެ. ޒާހިދު ހޭބޯނާރާ ފައިސާ އެއްކުރައްވަން ތިކުރައްވާ މަސައްކަތަށް އަޅުގަނޑު ހިތުން ކުދި ކިޔަމެވެ. [ޒާހިދަކީ ވިޔަފާރި ވެރިޔަކީމުއެވެ. މިހާރު ޔަޤީންކުރެވޭ ގޮތުގައި އަޅުގަނޑުގެ ކައިވެންޏަކީ ޒާހިދު މިހާތަނަށް ކުރެއްވި އެންމެ ފައިދާހުރި ވިޔަފާރިއެވެ. އަޅުގަނޑުގެ ފުށުން އުނގުވިޔަފާރިއެއް ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށްލެވޭނޭ މަގުފަހި ވެއްޖެއެވެ. ދިރިއުޅުން ފެނިލައްވައިފިއެވެ. ބޮޑުންނާ ރައްޓެހި ވެއްޖެއެވެ. ނުފޫޒުގަދަ ޢާއިލާއެއްގެ ޙިމާޔަތް ލިބިލައްވައިފިއެވެ. [އަޅުގަނޑު ޒާހިދުދެކެ ލޯބިވީމެވެ. ނަމަވެސް އެއީ ޒާހިދަށް އޭގެ މާއްދީ އަގު ނޫނީ ވަޒަން ނުކުރެއްވުނު ލޯތްބެކެވެ. ރައްދު ނުލިބުނު ލޯތްބެކެވެ. އެފަދަ ލޯތްބަކީ ހިކި އަނަރޫފަވެ މަރުވާ އެއްޗެއްކަން ތަޖުރިބާ ކުރެވިއްޖެއެވެ. އަދި އޯގާވެރިކަމުގެ އޮށުން ލޯބީގެ ގަސްފަޅައި ގޮފިޖަހައި ހެދި ފޯދި މަލާއި މޭވާ އަޅާފާނެކަންވެސް އެނގިއްޖެއެވެ.] ޒާހިދަށް ކުއްލި ކަރުހިއްކުމެއް އިޙްސާސް ކުރެވުނެވެ. ގައިން ފިނިދާ ހިއްލަން ފެށިއެވެ. އެއަރކަންޑިޝަނަރު ހިންގާލުމަށްފަހު ސިނގިރެޓެއް ރޯކޮށްލާފައި ގޮނޑިއެއްގައި ބެޓިގަނެ ސިޓީއާއިގެން ކުރިޔަށް ދިޔައެވެ. [ވޭތުވެދިޔަ ހަތަރު ފަސް އަހަރު އަޅުގަނޑުގެ މިތުރަކީ ކާރުދުއްވާ ޙުސައިންފުޅެވެ. އެކަނިވެރި ރޭތަކުގެ މުނިފޫހި ފިލުމަކީވެސް އޭނާއެވެ. އެންމެ ފަހުންވީ ބަލިގަނޑުގައި މަދަރާސީއަށް ފައިބާ ބޭސްކުރަން އިންއިރު ޒާހިދު ޚަރަދުގައި ހިއްޕެވިޔަސް އަޅުގަނޑަށް ހޭހަންކޮށް ހާލުބެލި އެހީތެރިޔަކީވެސް ޙުސައިންފުޅެވެ. ގެދޮރެއް ގަދަރެއް ފައިސާއެއް ނެތަސް އޭނާއަކީ މާތް އިންސާނެކެވެ. ގުޅޭ ބައިވެރިއެކެވެ. އަޅުގަނޑުމެން ދެމީހުންނަށް ވަނީ އެކަކު އަނެކަކު ދެކެ ލޯބިވެވިފައެވެ. އޭނާ އަޅުގަނޑު ދެކެ ލޯބިވީ ވިހޭގެ ތެރޭގައި މަންމަ މަރުވެފައި، އަނިޔާވެރި ދޮންމަންމައަކާއި އަޅާނުލާ ބައްޕައެއް ކައިރީއުޅޭ ބޮޑުވީއިރު ނުލިބުނު ލޯބި އަޅުގަނޑުގެ ފުށުން ލިބުނީމާކަމަށް ވެދާނެއެވެ. ކޮންމެއަކަސް މިލޯތްބަށްޓަކައި ޒާހިދު އަރިހުން މާފުއެދޭކަށް ނެތީމެވެ. އެއީ ހަކުރު އަޑުބައެއްގެވެސް ދެކޮޅު އޮންނާތީއެވެ. ޒާހިދު ކުރީގައި އެކިއެކި ރީތި ހިލޭއަންހެން ކުދިންނާއެކު އުޅުއްވި އުޅުއްވުމަކާ ނުބެހެމެވެ. އަދި މިހާރު ހިތުޕުޅާވެގެން ތިއުޅުއްވާ ސަޕްނާއާއެކު ތިޔަކުރައްވާ ދަތުރުތަކާއި ހޭދަކުރައްވާ ވަގުތު ތަކާމެދަކުވެސް ޝަކުވާއެއް ނުކުރަމެވެ. ޒާހިދުގެ ކަޅަށް ޖެއްސުމާމެދު އިރަކު ދެރަވިއެވެ. ހިތުގައި ޖެހުނައެވެ. ރޮއިވެސް ހަދަމެވެ. ހިތާހިތާކުރާ ޝަކުވާ ދުލުންބުނެ ފާޅުނުކުރެވުނީ ޠަބަޢީ އެކަހެރި ކަމުންނެވެ. ތޮޅެ އަރާރުންވުމަކީ މިޒާޖުގައި ނެތްކަމަކަށް ވާތީއެވެ. ކުރީގެ ލޯބި އަދު ފޫހިވުމަށް ބަދަލުވެފައިވާތީ މިހާރު ޝަކުވާއެއްވެސް ނެތެވެ. [މިފިޔަވަޅު އެޅުމުގެ ކުރިން ލައްކަ ގޮތްގޮތުން ވިސްނީމެވެ. މަންމަ ވިދާޅުވާނެ އެއްޗަކާމެދު ފިކުރު ކުރީމެވެ. ބައްޕަ ކިޔުއްވާނޭ އެއްޗަކާމެދު ކަންބޮޑުވިއެވެ. މީހުން ކިޔާފާނެ އެއްޗިއްސާއި ކޮށްފާނޭ މަލާމާތާމެދު ލަދުހީވެ ފަސް ޖެހުނީމެވެ. ނަމަވެސް މި ނުކެރުމުން އަޅުގަނޑުގެ ފަޅު ދިރިއުޅުން އާބާދުކުރުމުގެ އެންމެފަހުގެ ފުރްޞަތު ގެއްލުންނޫން ނަތީޖާއެއް ނެތްކަން އެނގުނެވެ. ބުރުސޫރަ ރީތިނޫން ޢުމުރުން ތިރީސް ފަސްއަހަރު ވެފައިވާ ދަރިމަޔަކަށް ތެދުވެރި ލޯތްބަކީ މާވަހަރުހާ ތަދު އެއްޗެއް ކަމުންނެވެ. [ކުރުކޮށް ނަންގަންނަނަމަ ޒާހިދު އަރިހުން ވަރިވެގެން ޙުސައިންފުޅާ އިންނަން ނިންމައިފީމެވެ. މީ އެންމެފަހުގެ ނިންމުމެވެ. އިސްތިއުނާފެއް ނެތް ނިޔާއެވެ. މިސިޓީ ލިބިލެއްވުމާއެކު ވަގުތުން އަޅުގަނޑު ވަރިކުރައްވާ، އަޅުގަނޑުގެ ގެދޮރުންނާ ދިރިޅުމުން އަބަދަށް ނިކުންނެވުން އެދެމެވެ.] (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |