މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަދިވެސް... |
|
|
| ދިވެހި - ވާހަކަ | |||
| 24 އެޕރީލް 2010، 21:20 ހޮނިހިރު | |||
|
ބިންމާ އިބްރާހީމް ވަހީދު
"އުފާވެރި އުފަންދުވަހެއް!" އާޒިމް ސިއްރުސިއްރުން އަހަރެންގެ
ކަންފަތްދޮށުގައި ބުންޏެވެ. ސިއްސައިގެން ގޮސްފައި އަހަރެން ހޭލިއިރު ގަޑިން ދަންވަރު ބާރަ ޖަހަނީ އެވެ. އަހަރެންގެ އުފަންދުވަހުގެ މަރުޙަބާ ކިއުމަށްޓަކައި އަހަރެންގެ ފިރިމީހާ އިނީ ހޭލަ އެވެ. އިނދެގެން އުޅޭތާ ބަރާބަރު ފަނަރަ އަހަރު ވީއިރު ވެސް އާޒިމްގެ މިޒާޖަކަށް އެއްވެސް ބަދަލެއް ނައެވެ. ލޯބި ތަފާތެއް ނުވެ އެވެ. އޭނަގެ ހުރިހާ ވެސް މީހަކީ އަހަންނެވެ. އެކަމަކު އަހަރެންގެ ހުރިހާ މީހަކީ އޭނަ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އޭނަ އަށް އެނގޭ ދުވަހަކުން އޭނަ ކިހާ ދެރަވާނެ ހެއްޔެވެ؟ އެހެން ހިތަށްއަރައި، ވޭތުވެދިޔަ ފަނަރަ އަހަރު ދުވަހު އަހަރެން ކިހާ މަސައްކަތެއް ކުރިންހެއްޔެވެ؟ މީހުން ބުނެ އެވެ. ތިމާ ދެކެ ލޯބިވާ މީހަކާ އިންނާށެވެ. އަހަރެން ހެދީ އެހެންނެވެ. އާޒިމަކީ އަހަރެންދެކެ އިންތިހާ އަށް ލޯބިވާ މީހެކެވެ. އަހަންނަށް މިހާރު ހީވަނީ އިންނަން ޖެހޭނީ ތިމާ ލޯބިވާ މީހަކާ ހެންނެވެ. އަހަރެންގެ ހިތް ދެވުނު ހަމައެކަނި މީހަކީ ހުސެންނެވެ. މިޒާޖަށް ބަލައިފި ނަމަ ހުސެން އާއި އާޒިމަކީ ވަރަށް ތަފާތު ދެ މީހުންނެވެ. ހުސެން އަކީ ވަރަށް ސަކަރާތްބޮޑު މީހެކެވެ. އާޒިމަކީ ސީރިޔަސް މީހެކެވެ. ސަމާސާ ވެސް ކުރާނެ އެވެ. އެކަމަކު ދިރިއުޅުމާ ދޭތެރޭގައި އާޒިމް ދެކޭނީ ވަރަށް ސީރިޔަސްކޮށެވެ. ފިރިހެންވަންތަ ސިފަޔަކީ ސީރިޔަސްވުން ކަމަކަށް އަހަރެން ނުދެކެމެވެ. އަވަހަށް ހިނިއައުމާއި އަދި އެހެންމީހުން ހެއްވާލުމުގެ ކުޅަދާނަކަމަކީ ވަރަށް އަޅައިގަންނަ ސިފައެކެވެ. ތިމާ އެންމެ ދެރަވެފައި ހުންނަ ވަގުތުގައި ވެސް އެ ފަދަ މީހުންގެ ބޭނުން ވަރަށް ބޮޑަށްހިފޭނެ އެވެ. އަހަންނަށް ހުސެން ފެނުނު ފުރަތަމަ ދުވަހު އޭނަ ހުރީ ސޯޓެއް ލައިގެންނެވެ. އެ ސޯޓަކީ އާދަޔާ ޚިލާފަށް ކުރު ސޯޓެކެވެ. ފެތުމަށްޓަކައި މޫދަށް ފުންމާލަން ތައްޔާރުވެގެން ތިބި އެންމެން ވެސް ތިބީ އެ ފަދަ ސޯޓު ލައިގެންނެވެ. ތަފާތަކީ ހުސެންގެ ދިގު އިސްކޮޅާއި ބިޔަ ހަށިގަނޑެވެ. ކުޑައިރުއްސުރެ ފެތުމަށް ޝައުޤުވެރިވާ ހުސެން އަކީ ރާއްޖޭގެ އެއްވަނަ އެވެ. އޮލިމްޕިކްސް އަށް ތައްޔާރުވާ ރާއްޖޭގެ ޓީމުގައި ވެސް ހުސެން އޮތީ ހިމެނިފަ އެވެ. އަހަރެން ހުރީ ކުޅިބަލަން ގޮހެވެ. ހުސެން މޫދަށް ފުންމާލީއްސުރެ ފަތައި ނިންމަންދެން އަހަރެން ތަރުޙީބު ދިނީމެވެ. އަދި މުބާރާތުން އެއްވަނަ ލިބުމުން، އެއްވެސް ޖެހިލުމެއްނެތި ގޮސް ހުސެންއާ ސަލާމްކޮށްލީމެވެ. އަހަންނަކީ ހުތުރު ކުއްޖެއް ނޫނެވެ. އެހެންކަމުން ހުސެން ވެސް ޖެހުނީ އަހަރެންނަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އެ ދުވަހު ގެ އަށް ނުދެވެނީސް އަހަރެންގެ މޯބައިލަށް އޭނަ ގުޅި އެވެ. ނަންބަރު ހޯދިގޮތެއް ވެސް އަހަންނަކަށް ނޭނގެ އެވެ. އަހަރުމެން ދެމީހުން ރައްޓެހިވީމެވެ. އޭނަގެ ހުންނަ އެންމެ ޚާއްޞަ އެއް ސިފަ އަކީ ބަލައިލާ ގޮތެވެ. ހީވަނީ ހިތް ހުއްޓިދާނެ ހެންނެވެ. ހޭނީ މަޑުންނެވެ. އެކަމަކު ވަރަށް ގިނައިން ހޭނެ އެވެ. ގާތުގައި ހުންނައިރު، އަހަރެންގެ ހިމާޔަތަކީ އޭނަ އެވެ. އޭނަގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަހަންނަށް އިސްކަންދޭނެ އެވެ. އަބަދުމެ ހުންނާނީ އަތުގައި ހިފާއްޓާލައިގެންނެވެ. ދުވަހަކު ވެސް އަހަރެންގެ އަތުން އޭނަ ދޫކޮށްލާނެކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. އަހަރުމެން ރައްޓެހިވިފަހުން އައި ފުރަތަމަ ރޯދަމަހުގައި އަހަރުމެންގެ ޢާއިލާ އަށް އެކަކުއަނެކަކު ތަޢާރުފު ކުރީމެވެ. ހީކުރީ އެ ހިސާބުން ކޮންމެވެސް މައްސަލައެއް ޖެހޭނެ ކަމަށެވެ. ނުޖެހުނެވެ. އެއްކޮޅުން އުފާވި އެވެ. އަނެއްކޮޅުން ބިރު ގަތެވެ. ހިތަށްއެރި އެވެ. ހުރިހާ ކަމެއް އެހާ ރަނގަޅަށް ދަންޏާ އޭގެ މާނަ އަކީ ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮށް ހިނގައިދާނެކަމެވެ. ރޯދަމަހު ވަރަށް ގިނައިން ހުސެންގެ މައިންބަފައިން އަހަރެންގެ ގެ އަށް އައެވެ. އަހަރެންގެ މައިންބަފައިންނާ ވަރަށް ރައްޓެހިވި އެވެ. އަހަރެންގެ މައިންބަފައިން އެ އަހަރު ޙައްޖަށް ދިޔަ އެވެ. ނޫން ނަމަ އަހަރުމެންގެ ކައިވެނި ވަރަށް އަވަހަށް ކުރެވުނީހެވެ. ކައިވެނި ލަސްވީ ޙައްޖަށް ގޮސްފައި އައިސް ކައިވެނި ކުރުމަށް ހަމަޖެހުމުންނެވެ. އަހަންނާއި ހުސެން ވެސް ތިބީ ކައިވެންޏަށް ވަރަށް ފޮނި އިންތިޒާރެއް ކޮށްގެންނެވެ. ހުސެން އަކީ ވަރަށް މޮޅަށް ކިޔަވައިގެން ހުރި މީހެކެވެ. އަހަރެން ކިޔެވީ ގްރޭޑް އަށަކާ ހަމައަށެވެ. ކިޔެވުމާ ދޭތެރޭގައި ފަރުވާކުޑަ ކުރެވުމުގެ ސަބަބުން އެ ނަސީބުން އަހަރެން މަޙްރޫމުވީ އެވެ. އަހަރެން ހީކުރީ އަހަންނަށް ފުދޭ ވަރަށް ތަޢުލީމު ލިބިއްޖެކަމަށެވެ. ހުރިހާ އެންމެންނަށް ޕީ. އެޗް. ޑީ ނެގެންޏާ އެއީ ކޮން އަގެއްހުރި އެއްޗެއް ހެއްޔެވެ؟ އަހަރެން ވަނީ ވަޒީފާއަކަށެވެ. ގިނަ ދުވަސްވުމާއި، މަސައްކަތަށް ފަރުވާތެރިވުމުގެ ސަބަބުން އޭރު އަހަންނަށް ލިބުނު މުސާރައާ މެދު އަހަރެން ހިތްހަމަޖެހުނެވެ. ހުސެންއާ މާބޮޑު ތަފާތެއް، އެކަމުގައި ނުވެސް ނެތެވެ. ތަފާތުތަކެއް ހުރީ ހަމައެކަނި އިނގެރޭސި ބަހުރުވައިގަ އެވެ. އޭނައާ އެއްވަރަކަށް އަހަންނަކަށް އިނގެރޭސި ބަހެއް ނޭނގެ އެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ އޭނަ ބުނާ ބައެއް އެއްޗިހި އަހަންނަކަށް ނޭނގެ އެވެ. އަހަރެން ބުނާ ބައެއް ބަސްބަސް ރަނގަޅެއް ނޫނެވެ. ވަރަށް ގިނައިން އޭނަ ރަނގަޅުކޮށްދެ އެވެ. ތެދަށް ބުނަންޏާ، އެ ކަމުން އަހަންނަށް އުނދަގޫ ނުވެއެކޭ ނުބުނެވޭނެ އެވެ. އެކަމަކު، ކައިވެނީގެ ހަރުފަތުގެ މެދާ ހަމައަށް އަރާފައި ހުއްޓުންއެރީ އެ ކަމުގެ ސަބަބަކުންނެއް ނޫނެވެ. އަހަރުމެންގެ ހުރިހާ އުންމީދެއް ވިއްސިވިހާލި ކޮށްލީ އެކަކު ވެސް ޒިންމާ ވާންޖެހޭ ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. ހުސެން އަކީ، އަންހެނުންނަށް ވަރަށް އިޙުތިރާމު ކުރާ މީހެކެވެ. އެހެންކަމުން އަހަންނާ ދޭތެރޭގައި ހުސެން ދެކެނީ ދުރުހިލޭ އަންހެނަކާ ދޭތެރޭގައި ދެކޭހެންނެވެ. ހުސެން ބުނާ ގޮތުގައި ކައިވެނި ނުކުރެވޭހާހިނދު، ދެ މީހުންގެ ދެމެދުގައި ދުރުމިނެއް އޮންނަންޖެހޭނެ އެވެ. ލޯބި ހާމަކުރުމަށްޓަކައި ހުސެން ބޭނުންކުރަނީ ރީތި ބަސްތަކެވެ. ފަށުވި ޢިބާރާތްތަކެވެ. ނުވެސް އެނގިހުއްޓައި އަހަންނަށް ސިޓީއެއް އަތުވެދާނެ އެވެ. އަހަރެންގެ ދަބަހުން ނޯޓެއް ފެނިދާނެ އެވެ. އޭގައި ހުންނަ ބައެއް ބަސްތައް އަހަންނަކަށް ނުވެސް އެނގެ އެވެ. އެކަމަކު އަހަރެން އެ ވާހަކައެއް ނުބުނަމެވެ. އެއީ މާ ދަށް ކަމެއްހެން އަހަންނަށް ހީވާތީ އެވެ. އަހަރެންގެ ފޯނަށް އޭނަ އެއް ފަހަރަކު ފޮނުވި މެސެޖެއްގައި އޮތް ބަސްކޮޅެއްގެ މާނަކޮށްލިއިރު އޮތީ މިހެންނެވެ. "އަހަރެންމީ ރޯމިއޯއެއް ނޫނެވެ. ތިޔަ ލޯތްބަށްޓަކައި އަހަރެން މަރެއްނުވާނަމެވެ. ލޯތްބަށްޓަކައި މަރުވުމުކީ ކާކަށް ނުކުރެވޭނެ ކަމެއް ހެއްޔެވެ؟ ސިކުންތުކޮޅެއްގެ ތެރޭގައި ވެސް އެކަން ކުރެވިދާނެ އެވެ. އުނދަގޫވާނީ ލޯތްބަށްޓަކައި ދިރިހުރުމެވެ. ތިޔަ ލޯބި ނުލިބުނަސް، ތިޔަ ހިތް އަހަރެން ނޫން އެހެން މީހަކަށް ނުލިބޭނެ އެވެ. މަރު އައިސް އަހަންނާ ބައްދަލުކުރަންދެން، ތިޔަ ހިތުގެ ވިންދުގެ އެހީގައި އަހަރެން ދިރިހުންނާނަމެވެ." އެ ބަސްކޮޅު އަހަންނަށް ވަރަށް ކަމުދިޔަ އެވެ. ހިތުގައި ބިންވަޅުނެގީމެވެ. އެއީ ރޭގަނޑެއްގެ އިރާކޮޅުގައި އަހަންނަށް ލިބުނު މެސެޖެކެވެ. އަހަރެން އޭރު ހުރީ ގޭގެ އެންމެ މަތީބުރީގަ އެވެ. ވަށައިގެން ފެންނަންއޮތީ ދިއްލާފައިވާ ދިއްލުންތަކެވެ. ގޭގޭގެ ކުޑަދޮރުތަކުންނާއި މަގުމަތީގައި ދިއްލާފައިހުރި ހޮޅިބުރިތަކުގެ އައްޔެވެ. ކޮންމެވެސް ގެއަކުން ފަޒާގެ ތެރެއަށް ފެތުރެމުންދިޔަ މަސް ފިހާ ވަސް ވެސް އަހަރެން ހަނދާން ހުއްޓެވެ. ކުޑަކުއްޖެއްގެ ރޯއަޑު އަހަންނަށް އިވެމުންދިޔަ އެވެ. އަހަރެން ހަނދާން ރައްކާކުރީ ވަހާއި، މަންޒަރާއި އަދި އަޑާ ވެސް އެކުގަ އެވެ. ގިނަ ހިއްސު ބޭނުންކުރި ވަރަކަށް، ރައްކާކުރެވޭ ހަނދާން ކުލަގަދަވާނެތީ އެވެ. ކޮންމެ ކަމެއް ވެސް ހިނގަނީ ތަޤުދީރުގައި ލިއެވިފައިވާ ގޮތަށެވެ. އެ ކަން ބަދަލުކުރުމުގެ އެއްވެސް އިޚްތިޔާރެއް އެކަކަށް ވެސް ލިބިގެނެއްނުވެ އެވެ. އަހަރުމެން ރައްޓެހިވެގެން އުޅޭތާ ބަރާބަރު އެއް އަހަރު ފުރުނު ދުވަހު، އަހަރުމެންގެ ލޯބީގެ ވާހަކަ ނިމުމުގެ ފެށުން ކުރިމަތިވި އެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. އެ ރޭ ދެ މީހުން މޫދުކައިރީގައި ތިއްބާ ކައިރިން ދިޔަ ދެ އަންހެން ކުދިން ދެއްކި ވާހަކައިގެ އެއް ޖުމުލަ އަހަރުމެންގެ ސަމާލުކަން އަތުލި އެވެ. "މިއަދު ތެލެސީމިޔާ ޓެސްޓު ހެއްދިންތަ؟" އިވުނު ޖުމުލަ އަކީ އެއީ އެވެ. އެއީ އަހަރުމެން ވިސްނާފައި ނުވާ ހިސާބެކެވެ. އަހަރުމެން ދެ މީހުން ފުރަތަމަ އެވާހަކަ ފެށީ ސަމާސައަކަށެވެ. އެކަކުއަނެކަކު އެ ޓެސްޓު ހެދިތޯ އެހީމެވެ. ނުހަދާކަން އެނގުމުން ހަދަންޖެހޭނެކަމަށް ބުނީ ވެސް އެއްވެސް ސީރިޔަސްކަމެއް ނެތި އެވެ. އެ ރޭ ގެ އަށް އައި މަގުމަތީގައި އަހަރެން ހިތަށްއެރި އެވެ. އަހަރެން ތަންކޮޅެއް ސީރިޔަސްކޮށް އެ ކަން ކުރާނަމެވެ. ހުސެން އަށް ސިއްރުންނެވެ. ހެއްވާ ކަމަކީ ހުސެން ވެސް ކަންތައް ކުރީ އެހެންކަމެވެ. ދެ ޢާއިލާ އަށާއި، އެކަކުއަނެކަކަށް ސިއްރުން އަހަރުމެން ކުރި ޓެސްޓުގެ ނަތީޖާ ބަލައި އަހަރެން ދިޔައިރު، ހުސެން ނިކުންނަތަން އަހަންނަށް ފެނުނެވެ. ހުސެންއަކަށް އަހަންނެއް ނުފެނެ އެވެ. އަހަރެން ފިލައި ހުރެގެން ހުސެން އަށް ފޯނުން ގުޅީމެވެ. ހުސެން ޖީބުން ފޯނު ނެގި އެވެ. ފޯނަށް ބަލައިވެސްލި އެވެ. އެކަމަކު އަޅާނުލައި އަނެއްކާ ޖީބަށްލީ އެވެ. ކީއްވެގެން ހެއްޔެވެ؟ އެ ވަގުތު ޖަވާބު ދެވޭހާ ހިތްވަރު އޭނަ އަށް ނުލިބުނީ އެވެ. ދެން ވީ ވެސް ވަރަށް އެހެން ކަހަލަ ގޮތެކެވެ. ތެލިސީމިޔާ ހުރިކަން އަހަންނަށް އެނގިގެން ދެން ހަދާނެގޮތެއް ނޭނގިފައި ހުއްޓައި ހުސެން ގުޅި އެވެ. އިއްތިފާގުން އަހަންނަށް ވެސް ކަންތައް ކުރެވުނީ ހުސެން ކަންތައްކުރިހެންނެވެ. ފޯނަށް ޖަވާބެއް ނުދެވުނެވެ. ހުސެންގެ ރިޕޯޓާ ދޭތެރޭގައި އަހަންނަށް ޝައްކުވީ ދެނެވެ. ދެ މީހުން ބައްދަލުވެ، ހިތްފުރެންދެން އަހަރުމެން ރުއީމެވެ. އެއްވެސް ވާހަކައެއް ނުދައްކަމެވެ. ދައްކާނެ ވާހަކައެއް ނޭނގުނެވެ. ހިތްވަރެއް ވެސް ނުލިބުނެވެ. އެއީ އަހަރެންގެ ހިތުން ނުފިލާނެ ހިނދުކޮޅެކެވެ. ފުރަތަމަ ފަހަރަށް އަހަރުމެން ބައްދާލީ، އުމުރަށް ވަކިވުމަށްޓަކަ އެވެ. އެންމެ ފަހު ފަހަރަށެވެ. އެކަކުގެ ވެސް އެއްވެސް ޝަކުވާއެއް ނެތެވެ. މައިންބަފައިންނަށް ޙަޤީޤަތް އަންގައިފިއްޔާ އެ މީހުން ދެރަވާނެ އެވެ. އަދި އަހަރުމެންނަށް ހަމްދަރުދީ ވާނެ އެވެ. އޭރުން އަހަރުމެން މާ ދެރަވާނެ އެވެ. އެހެންވެ އަހަރުމެން ވާހަކައެއް ހަދާލީ އެވެ. އަހަރުމެން އަމިއްލަ އަށް ރުޅިވީކަމަށް ހެދުނީ އެވެ. ހިތާމަ ކުރުމުގެ ބަދަލުގައި މައިންބަފައިން އައީ ރުޅި އެވެ. އަހަރުމެން އެ ކަމާ އުފާކުރީމެވެ. ލިބުނު ހިތާމައިން ސަލާމަތްވާން ފަސޭހަވީމަ އެވެ. ކުރިން އަހަރެން ހީކުރީ އަހަރުމެން ކަންތައްކުރީ އެންމެ ރަނގަޅަށްކަމަށެވެ. މިހާރު ހިތަށްއަރަ އެވެ. ދެ ލޯބިވެރިން ވަކިވަންޏާ އެކަކު ބޭވަފާތެރިވާށެވެ. ހަނދާންނައްތާލަން ފަސޭހަވާނީ އޭރުންނެވެ. އަހަރުމެން ކަންތައްކުރި ގޮތުން ހުސެން މަތިން އަހަންނަކަށް ދުވަހަކު ވެސް ހަނދާންނައްތައެއް ނުލެވޭނެ އެވެ. ކިތަންމެ ޒަމާނެއް ވިޔަސްވެހެވެ. އާޒިމްއާ ކައިވެނިކުރި ފަހުން ހުސެން އަހަންނަކަށް ނުގުޅަ އެވެ. އެކަމަކު ކޮންމެ އުފަން ދުވަހަކު އެންމެ މެސެޖެއް ފޮނުވާނެ އެވެ. އޭގަ އޮންނާނީ "ހެޕީ ބާރތުޑޭ" އެކަންޏެވެ. އިތުރު އެއްވެސް އެއްޗެއް ނޯންނާނެ އެވެ. އެކަކުއަނެކަކު އުޅޭ ގޮތާއި ހާލުއަހުވާލު އޮޅުންފިލުވުމަކީ އަހަރުމެން ކުރާކަމެއް ނޫނެވެ. އަހަންނަކީ ހުސެން ލިޔާ މޮޅެތި ޢިބާރާތްތަކުގެ ހުރިހާ މާނައެއް އެނގޭ މީހެއް ނޫނެވެ. އެކަމަކު އޭނަ އެ ފަދަ އެއްޗިހި ލިޔާތީވެ، އެ ފަދަ ޢިބާރާތްތަކަށް އަހަރެން މިހާރު ވަރަށް ޝައުގުވެރި ވެއެވެ. ނޭނގެ މާނައެއް ވެއްޖިއްޔާ އިނގެރޭސި ރަދީފު ބަލައިގެން އެ ބަހެއްގެ މާނަ ހޯދަމެވެ. ނަތީޖާއަކަށްވީ އަހަންނަށް އެ ގޮތަށް ލިޔަން އެނގެންފެށުމެވެ. މިހާރު ޅެން ހަދަމެވެ. އިނގެރޭސިންނެވެ. ދިވެހި އަލްބަމްތަކަށް ވެސް ލަވަ ހަދަމެވެ. ޅެން ހެދުމަކީ އަހަރެންގެ ކިބައިގައި ފޮރުވިފައިވާ ފަންނެކެވެ. އެ ކަން އަހަންނަށް އަންގައިދިނީ ހުސެންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އަހަންނަށް އަހަރެން ދަސްކޮށްދިނީ ހުސެންނެވެ. މިއަދު އަހަރެންގެ ފިރިއަކީ ލައްކައަކުން އެކެކެވެ. އަހަރެން ދެކެ އިންތިހާ އަށް ލޯބިވެ އެވެ. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ، އޭނަގެ ހިތުގައި ކޫރުމެއް އެޅޭނެ ކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރުމެވެ. އެއާއިއެކު ހުސެން ހެޔޮހާލުގައި ހުރިކަމަށް އަހަރެން އުންމީދު ކުރަމެވެ. މިހާރު އަހަރެން މަތިން އޭނަ ވެސް ހަނދާންކުރާނެކަން އަހަންނަށް އެނގެ އެވެ. ލޯތްބަކީ، އަނެކާ އަށް ޓަކައި މަރުވުން ނޫންކަމާއި، ދިރިހުރުންކަމުގައި އޭނަ ބުނެފައިވެ އެވެ. އެ ފަދަ ހަރުދަނާ މީހުންނަށް ރަހްމަތް ލައްވާށި އެވެ. އެހެންމީހުންގެ އުފަލަށްޓަކައި ދިރިހުންނަނީ މަދު މީހެކެވެ. ދުރުގައި ހުއްޓަސް، މިއަދު އަހަންނަށް ލިބިފައި މިވާ ފަންނަކީ ހުސެންގެ އަމާނާތެކެވެ. އަހަރެންގެ ފިރިމީހާ އަށް އަހަރެން ދޭނީ ލޯތްބެވެ. ހިތަކީ ހުސެންގެ ޙައްޤެކެވެ. ކޮންމެ ފަހަރަކު ކައިވެނި ކުރެވޭނީ އެންމެ ލޯބިވާ މީހަކާއެއް ނޫނެވެ. އެހެންވިޔަސް، ހިތްބަރު ނުކުރާށެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. ހަނދާންކުރާށެވެ. ހިތަކީ ދެ މީހުންނަށް ދެވޭ އެއްޗެއް ނޫނެވެ. ހިތް ނުދެވެންޏާ އެ މީހަކަށް ލޯބި ދޭށެވެ. ފިރިމީހާދެކެ އަހަރެން އިންތިހާ އަށް ލޯބިވަމެވެ. އެހެންނަމަވެސް، އަދި ވެސް އަހަރެންގެ ހިތުގެ ވެރިޔަކީ އެހެންމީހެކެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (13)
![]()
...
ލިޔުނީ ޙަސަން ވަޙީދު, 2010-04-26 08:26:16
މިކަހަލަ އިބްރަތްތެރި ވާހަކަތައް ލިޔުމަކީ ވަރިމަދުވުންކަމަށް ދެކެމެވެ.
...
ލިޔުނީ shifa, 2010-04-27 06:46:17
މީ ހާދަރީތި ވާހަކައެކޭ............................... މިވާހަކައިން ކޮންމެ ބޭފުޅަކައްވެސް އިބްރަތްލިބިގެންދާނެ
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-04-28 04:37:21
ޙަސަންގެ ޙިޔާލަށް ތަޢީދު ކުރަމުންމެ އެޚިޔާލާ އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ދެބަސްވެވޭ ކަމެއް އޮތަތީ އެވާހަަކަ މިތާނގައި ނަންގެލާން ނިންމީއެވެ. ތެދެކެވެ. މިފަދަ ޢިބްރަތްތެރި ވާހަކަތަކުން ކޮންމެވެސް މިންވަރަކަށް ވަރި މަދުވުން އެކަށީގެންވެއެވެ. ނަމަވެސް މައްސަލައަކީ ކޮންމެ އިންސާނެއްގެ ހިތަކީ ވާހަކައިގައި ބަޔާންކުރާފަދަ ސާބިތު ހިތެއްގެ ވެރިމީހަކަށް ނުވާކަމެވެ. އިންސާނަކަށް އެއްގޮތެއްގައި ސާބިތުވެ ހުރުމަށްޓަކައި ނުގުޑާ ފަދަ އީމަނަކާ ޣީރަތްތެރިކަމުގެ ސިފަ ވަރަށް ވަރުގަދަ އަށަގެންފައި ހުންނަޖެހޭނެކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. ސަބަބަކީ ތިމާމެން ކިތަންމެ މޮޅުވެފައި ކިންތަމެ ވިސްނުންތެރި ތަދްބީރެއް ކުރިއަށް ނެރުނަސް، ތަޤްދީރުގެ ނިޔާ އެއަންނަގޮތް ހިތުން ޤަބޫލު ނުކުރެވެންޏާއި ތަޤްދީރު ނިޔާކުރާ އެގޮތަކާއި ރުހިގެން ނުވަތަ ނުރުހި ނަމަވެސް (ނުރުހި ކުރެވޭނެ އެއްކަމެއް މިނިކަމެތި އިންސާނާގެ ކިބައިގައި ނެތަސް އެހެންވެސް އުޅޭންކަމަށް ގަދައަޅައި އުޅޭބަޔަކަށް އެބައުޅޭ ނޫންހެއްޔެވެ) އެގޮތެއްގައި ދެމިހުރިން އެއީ އިންސާނިއްޔަ ފިޠްރަތުން ކުރެވޭނޭ ކަމެއް ކަމުގައި ނުވާނެއެވެ. ދުނިޔޭގައި ދިމާވާ މިފަދަ މާއްދީ ދެރަތަތަކީ ތިމާގެ ނަފްސުގެ އިމްތިޙާނެއް ޤަބޫލުކޮށް އެދަރަ ލިބުނެއްކަމަކު އެދެރެއާއި މެދު ހިތާމަކުރުން މަތީ މަރުވާންދެން ޙަޔާތުގެ ބަކީ އޮތްބައި މާއްދިއްޔަ ކަމަކަށްޓަކައި ދުއްވައިލާ ބަޔަކީ ހަމަކަށަވަރުންވެސް އަމިއްލައަށް ދިރިއުޅުމުގެ ނާކާމިޔާބީގެ ލަޤަބު ޙާޞިލު ކުރާބައެއް ކަމުގައި ނޫނީ ނުވާނެއެވެ. ނަމަވެސް އެއާއި ޚިލާފަށް ލިބުނު އެފަދަ މާދިއްޔަ ދެރައަކާއި އެކުވެސް މާތް ﷲގެ ޤުދުރަތްތެރިކަމާއި މިންވަރުފުޅުން އެހިނދަކަށް ހިންމަވައި ދެއްވައިފި މަގަކުން ތިމާގެ ޙަޔާތުގެ ނިމުމާއި ހަމައަށް އޮތްބައި ކާމިޔާބު ކުރުމަށް ހިތްވަރުލައި އެގޮތާއިގެން ސާބިތުވެ ހުރެއްޖެ މީހަކަށް ކާމިޔާބުވުން ކަށަވަރު ވާނެއެވެ. މިއީކީ ޝައްކެއް ހުރިކަމެއް ނޫނެވެ.
...
ލިޔުނީ fa, 2010-06-03 05:59:21
mee mihaaru varah aamu koh hingaa kameh. haqeeqathuga hussain aai e anhen kujjaa ge loabi binaavefai othy haraam gotheh ge mathin. Allah nurusavva fadha gothehge mahchah. ehen kamun e fadha gulhumakah Allah barakaai nulahvaane. mi ee varah dhera kameh. mujuthamau mihaaru dhekey gothun kaiveni kurumuge kurin rattehi vun e ee laazim kameh. namaves mi ee dheenee gothun huhdha kameh noon. dheenaa gaai koh vaahaka liyevifai oi nama maa bodah reethi vees. anekka hussain akee anhenunah ihthriaam kuraa meehekey bunefai oi iru, anhen kujjaa ge athugai hifahahtaigen hunna vaahaka aai, dhe meehun ekaku anekakaai ekaheri koh bahdhalu kuraa kan othumun tha aaruzah vaakan faahaga kollan
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|