ފަންވަތް ދިވެހި ވާހަކަ ފިރިމީހާ ވަރަށް ބަދަލުވެއްޖެއެވެ.
ބެލި ޢަދަދު: 3172
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ފިރިމީހާ ވަރަށް ބަދަލުވެއްޖެއެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
14 އޮގަސްޓް 2010، 07:01 ހޮނިހިރު

އިބްރާހީމް ނަޢީމު

އަހަރުމެން ދެމީހުން ރައްޓެހިވެގެން އުޅުނީ ވަރަށް ލޯބިންނެވެ. އޭރު އަހަރެން އުޅެނީ ދިހަވަނަ ކިލާހުގައެވެ. ހަމީދު އުޅެނީ ހޮޓަލެއްގައެވެ. މަހު މުސާރަ ހަމަ ލިބުމާއެކު އަހަރެން ގޮވައިގެން ކުއެންޗަށް ނުވަތަ ކްއީން އޮފްދަ ނައިޓު މަތީބަޔަށް ކޮންމެ މަހަކުވެސް ދެއެވެ. ދޭތެރެ ދޭތެރެއިން މާރުކޭޓުން ދޮންއަނބު ގަނގެންވެސް ގެނެސްދޭނެއެވެ. ހޮޓާ ބަންދުކުރާލެއް ލަސްކަމުން އިރާކޮޅު އަހަރެންނާ ބައްދަލު ކޮށްލަން އާދެވޭނީ ވަރަށް މަދު ރެއަކުއެވެ. އާދެވޭ ރެއެއްނަމަ މާކުރިން ގުޅާފައި މިރޭ ދާނެވާހަކަ އާއި ދާންވާއިރަށް ދޮރާށި ކައިރީގައި ހުރުމަށް ބުނާނެއެވެ. އެބުނާ ގަޑިއެއް ޖެހުމުގެ ހައެއްކަ މިނިޓްކުރިން ހަމީދު ހުންނާނީ ގޭދޮރާށި ދޮށުގައެވެ.

އަތްދިގު ގަމީހުގެ އަތް އުޅަނބޮށިން ދެއިންޗިއެއްވަރު މައްޗަަށް އޮޅާލައި، ނޫކުލައިގެ ޖިންސުލާފައި ބައިސްކަލު މަތީ ހުންނަ އިރު އަހަރެންނަށް ހަމީދު ވަރަށް ކަމުދެއެވެ. ވަރަށް ރީއްޗެވެ. ހަމީދު އަންނަ ރެއެއްނަމަ އަހަރެންވެސް ހުންނަނީ ކުރިއާލައި ތައްޔާރުވެ ވަރުގެ ކޮޅަށް ނަލަ ހެދިގެންނެވެ. މެޑީއެއް ލިޔަސް މެކްސީ އެއްލިޔަސް އަހަރެންގެ އަތުގައި އޮންނަ އެންމެ އާހެދުން ލައިގެން ދައްތަގެ ރަތްފުށްދަޅުން ދެކޯތާފަތުގެ ކުލަ މަޑު ފިޔާތޮށި ކުލަޔަށް ބަދަލު ވާވަރަށް ފުށް ޖަހައިގެންނެވެ. މީރުވަސްދުވާ ސެންޓު ނުލިބުނެއްކަމަކު، އޮފް އަރާވަރަށް ބޮލުގައި ތެޔޮލައި، ކުޑަކޮށް ވަސްދުވާވަރަށް ކޯލާޓަރުކޮޅެއް ވެސް ހާކާލައިގެންނެވެ.

ދިހަވަނަ ކިލާސް ހަމަ ނިމުމާއެކު އަހަރެމެން ދެމީހުން ކައިވެނި ކޮށްފީމެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި އޭގެ އާޖުފާޖު ނޭގޭ އަހަރެންގެ ޅަސިކުނޑި ކުއްލިއަކަށް ވިސްނޭ ބުއްދިވެރި ހިކުމަތްތެރި ސިކުނޑިއަކަށް ބަދަލު ކުރަން ޖެހިއްޖެއެވެ. އިނދެގެން އުޅުމަށްވުރެ ރައްޓެހިވެގެން މުޅި އުމުރު އުޅުންވެސް އަހަރެންނަށް މާ ހިތަށް ފަސޭހައެވެ. ހައްޓަށް ލުޔެވެ. ހަމީދަށް ހޮޓަލުން ނުކުމެވެނީ ރޭގަނޑު އެކެއްޖަހާ ފަހުންނެވެ. ގެއަށް އަންނައިރު މުޅިމީހާ ދާހިއްލާ ފޯވެފައެވެ. ގައިގާ ހިފާފައި ހުންނަ ދުންވަހުން މުޅި ކޮޓަރި އެއްވަސް ކޮށްލައެވެ. ނުވިތާކަށް ދޮވެއިސްތިރި ކުރުން ވެސް މިއީ ކުޑަކަމެއްނޫނެވެ. ނަސީބަކުން ހަމީދަށް ކައްކާފަ ކާންދޭކަށް ނުޖެހެއެވެ.

އިނީއްސުރެ ހަމީދު ދައްކަނީ ކުއްޖަކު ހޯދާ ވާހަކައާއި ކޮޓަރި ރަނގަޅު ފެންވަރަކަށް ހަދާވާހައެވެ. މިހާރު ހުރި ފެންވަރު އަހަރެންނަކަށް ގޯހެއްނޫނެވެ. ބިތުގައި ތުނި ފިލާޖަހައި މަންނަ މެން ކޮޓަރިން ނަގައިގަތް ތަރުފާލި އަޅާފައި އޮތް އިރު ހަމީދަކަށް މިއީ ކަމުދާފެންވަރެއް ނޫނެވެ. ތަންކޮޅެއް ބޮޑު އެނދެއް ހޯދަނިކޮށް ދެމީހުނަށްވެސް ދަތިކަމެއްނެތި ނިދާލެވިދާނެއެވެ. ފޮތި އަލަމާރި ކުޑަކޮށް ވީދިފައި ހުއްޓެއްކަމަކު އެވެސް އަދި ބޭނުން ނުކުރެވޭވަރެއް ނުވެއެވެ. އެހެން ނޫނަސް ދެމީހުން އަތުގައިވެސް މާކަގިނަ ހެދުން ތަކެއްހުރީއެއްވެސް ނޫނެވެ.

އިނދެގެން ތިންވަނައަށް ވީމަހު އަހަރެން ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެއްޖެއެވެ. ހަމީދަށް ވީވަރަކުން އަހަރެންނަށް އަޅާލައި ކެވޭނެހެން ހީވާތަކެތި ހޮޓަލުންވެސް ގެއަށް ފޮނުވައެވެ. އަތްމަތި ދަތިކަމުން ވިހެއުމަށް ވާންޖެހޭ ތައްޔާރީ އެންމެ ފުރިހަމައަށް ނުވެވުނެވެ. އަހަރެން ވިހައިފިއެވެ. ވިހަން ވާއިރަށް ކޮޓަރި ރަނގަޅުކޮށްލަން ކުރެވުނުހައިވެސް ކަމަކީ ބިތުގައި ޖަހާފައިހުރި ތުނިފިލާގައި ދަވާދުކޮޅެއް ހާކާލުމެވެ. އެހިސާބުން އަތްމަތި ހުސްވީއެވެ.

ހަމީދު ބަދަލުވާންފެށިކަން އަހަރެންނަށް ފާހަގަވާންފެށީ މިހިސާބުންނެވެ. މިހާރު އަހަރެން ގޮވައިގެން ކްއެންޗަކަށް ނުވަތަ ކްއީން އަކަށްވެސް ދެވޭކަމަށް ނުވެއެވެ. ގެއަށް ވަދެވެއްޖެނަމަ ކަމަކީ ދަރިފުޅު ނަގައިގެން އުޅުމެވެ. އަހަރެން ނިދާފައި އޮތަސް ނުވެސް ގޮވާނެއެވެ. މާރުކޭޓުން އެގެނަސްދޭ ދޮން އަނބު ދޮންފޭރު ދޮންފަޅޮލުގެ ބައިވެސް މަދުވެއްޖެއެވެ. އަހަރެންގެ ހިތްބުނަނީ އަހަރެންމަތިން ހަމީދު ފޫހިވާން ފެށީކަމުގައެވެ. ދަރިފުޅަށް ބަރާބަރު އަށްމަސްވީއިރު އަހަރެން ދެވަނަ ދަފުޅަށް ބަލިވެ އިނދެއްޖެއެވެ.
ދެވަނަ ދަރިފުޅު ލިބުންފަހުން ހަމީދު މާބޮޑަށް ބަދަލު ވެއްޖެހެން އަހަރެންނަށް ހީވެއެވެ. އެހެން ނަމަވެސް މިކަން ބެލޭނެ އިތުރު ގޮތެއް ނެތެވެ. ދެދަރިންގެ ކަންތައް ކޮށްފައި ފެންވަރާލެވޭއިރު ހުންނަނީ އިރުއޮއްސި އެތައް ދަމެއްވެފައެވެ. ދެން ހަމީދުގެ ކަމެއް އުޅޭގޮތެއް ބެލޭނެހެއްޔެވެ. ހަމަ ޔަގީނުންވެސް ކުރީގައި އަހަރެންނާ އެކު ވަގުތު ހޭދަކުރާވަރާ ގާތަށްވެސް މިހާރަކު ވަގުތު ހޭދައެއް ނުކުރެއެވެ. އެވަރަކަށް އެއްޗެއްސެއް ހޯދައެއް ނުދެއެވެ. ނުވިތާކަށް ކޮޓަރިގަނޑުވެސް ހުރީ ހަމަ ހުރި ގޮތަށެވެ. ވިއްޔާވީ ހާލުދެރައެވެ. ދުވަސްތައް ފާއިތުވާވަރަކަށް އަހަރެންގެ ހިތް ދިޔައީ ގޯސްވަމުންނެވެ. ހަމީދާމެދު ކުރެވޭ ޝައްކުތައް ދިޔައީ ގިނަވަމުންނެވެ. ނަމަވެސް މިއިން ވާހަކައެއް ސީދާ ސީދަލަށް ހަމީދު ކައިރީ ދައްކާކަށް ނުކެރެއެވެ. ނުވަތަ އެފަދަ ޝަކުވާއެއް ކުރެވޭނެ މާ ވަރުގަދަ ހެކިތަކެއް ނެތެވެ. ހުރިހާވެސް އެއްޗަކީ އަހަރެންގެ ހިތެވެ.

އެންމެފަހުން ކެތްނުކުރެވިގެން މިވާހަކަތަށް ދައްތައަށް ކިޔައިދިނުމުގެ ފިކުރުގައި އެ ގެއަށް ދިޔައީމެވެ. ދައްތަގެ ވިސްނޭ ސިކުނޑިން އަހަރެންގެ ޝަކުވާތައް މިނެ ކިރާލުމުން ގޯސްވީ އަހަރެންގެ ހިތެވެ. ހަމީދު ހަމަ ހުދު ފުއްކަފަ ކޮޅެއްފަދައެވެ. ދައްތަގެ ފިރިމީހާ ފުއާދަކީ ރިސޯޓެއްގެ ޑައިވިން އިންސްޓްރަކްޓަރަކަށް އުޅޭ މީހެކެވެ. ދައްތަ އުޅެނީވެސް އަތްމަތި ތަނަވަސް ދިރިއުޅުމެކެވެ. އެކަމަކުވެސް ދައްތަ ބުނާގޮތުން އަަހަރެންނަކީ ނަސީބުގަދަ މީހެކެވެ. ނަސީބު މިކިޔަނީ ކޯއްޗަކަށް ހެއްޔެވެ. އަހަރެންގެ ނަސީބު ގަދަވެގެން ވީ ކޮންކަމެއް ހެއްޔެވެ. ތެދެކެވެ. މަހުން މަހަށް ޑޮލަރުން މުސާރަލިބޭ ފިރިއަކު ނެތެވެ. ހުރީ ހޮޓަލެއްގެ ވޭޓަރެކެވެ. ކިހާ ނަސީބުގަދަ ހެއްޔެވެ. ދިރިއުޅުމުގެ އަލިފުބާ ވެސް ދަސްނުވަނީސް ދެކުދިންގެ މަންމައަކަށްވެ ގޭބަންދު ވެއްޖެވެ. އެވެސް ނަސީބުތޯއްޗެކެވެ. ދައްތަ އަހަރެންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.

ފައިސާއަކީ ހުރިހާ ހިތްހަމަ ޖެހުމެއްނޫނެވެ. ދައްތައަށް ފައިސާލިބެއެވެ. ނަމަވެސް ލޯބި އޭގެ ފުރިހަމަ ގޮތުގައި ލިބޭހެއްޔެވެ. ފިރިމީހާ ލޮލަށްފެންނަނީ ވެސް މަހަކު އެއްފަހަރުއެވެ. ކުދިންގެ ކަންތައް ކުރަންޖެހެނީ އެކަނި މާއެކަންޏެވެ. ފުއާދު މާލެ އަންނަ ކޮންމެފަހަރަކުވެސް ދެމީހުން ކޮންމެވެސް ކަމަކާ ޒުވާބުކުރަން ޖެހެއެވެ. ފައިސާ ލިބުނަކަސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އަހަރެން އެހެން ހެއްޔެވެ. ހަމީދު އަހަރެންނަށް އޯގާތެރިއެވެ. ދަރިންދެކެ ލޯބިވެއެވެ. ވީވަރަކުން ބޭނުންވާ ތަކެތި ހޯދައިދެއެވެ. ރައްޓެހިވެގެން އުޅޭ އުޅުމާއި ކައިވެނިކޮށްގެން އުޅޭ އުޅުމާ ތަފާތު ވާންޖެހޭއެވެ. އެތަފާތު ހަމީދުގެ ދިރިއުޅުމުން އެބަފެނެއެވެ. އެކަން ދެނެގަންނަން ނޭގިގެން މިއުޅެނީ އަހަރެންނަށެވެ.

ހަމީދަށް ލިބޭމުސާރަ އިތުރެއްނުވެއެވެ. ނަމަވެސް ކުރަންޖެހޭ ޚަރަދުތައް އެތައް ތަނެއް ބޮޑުވެއްޖެއެވެ. ރެސްޓޯރަންޓް ތަކަށް ޚަރަދުކުރި ބައި މިހާރު ޚަރަދު ކުރަންމިޖެހެނީ ދެދަރިންނަށެވެ. ބަދަލަކީ އެއީއެވެ. ނަމަވެސް ނުވިސްނުނު ތަންކޮޅަކީ ދަރިން ލިބުމުން ޚަރަދު ބޮޑުވާނެކަމެވެ. އެބަދަލު އަންނަން ޖެހޭނެކަމެވެ. އަހަރެންނަށް ފާހަގަނުކުރެވުނެއް ކަމަކު ހަމީދުގެ އެހެނިހެން ކަންތައްތައްވެސް ބަދަލުވިއެވެ. އެކަން ވިސްނުނީ ދައްތަ ބުނެދިނީމައެވެ. އަހަރެންނަކަށް ދޮވެއިސްތިރި ކުރާކަށް މިހާރަކު ނުޖެހެއެވެ. އެކަން ކޮށްދެނީ ހަމީދެވެ. ކޮޓަރިތެރެ ސާފުކޮށްދެނީ ހަމީދެވެ. ދަރިފުޅު ނުނިދިޔަސް ގިނަފަހަރު ހޭލާހުންނަނީ ހަމީދެވެ. ދުވަހަކުވެސް އަޑުހަރުކޮށް ބާރަށް އެއްޗެއް ބުނެފައެއް ނެތެވެ. އަނިޔާއެއް ކޮށްފައެއް ނެތެވެ.

ހަގީގަތުގައި އަތްމަތި ދައްޗެއްކަމަކު، ދިރިއުޅުން އުފާވެރިކުރެވޭނެ ގޮތްތަށް އަހަރެންނަށް ފަހިވެފައި އެބައޮތެވެ. އެކަން ދެނެގަންނަން ނޭގެނީއެވެ. ދިރިއުޅުމުގެ ތަޖުރިބާވެސް ނެތީމައެވެ. އެއްވެސް ދެމީހަކަށް އަބަދަކު އެއްގޮތަކަށް ނޫޅެވޭނެއެވެ. ރައްޓެހިވެގެން އުޅޭއުޅުމާ ކައިވެނީގެ ފަހުގެ ދިރިޅުން ތަފާތު ވާނެއެވެ. މިހާރު ހަމީދު ގެއަށް އަންނަ ކޮންމެފަހަރަކު އަހަރެންވެސް ހުންނަނީ ރަތްފުއްޖަހައި ކޯލާޓަރު ހާކައިގެނެއް ނޫނެވެ. އެކަމާ ޝަކުވާނުކުރަނީ ހަމީދަށް ވިސްނޭތީއެވެ. ހަމައެގޮތަށް ކައިވެންޏަށްފަހު ދައްކާ ވާހަކައާއި، ދާ ތަންތަންވެސް ތަފާތުވާނެއެވެ. ރަނގަޅަށް ވިސްނައިފިނަމަ ގިނަދުވަސްވީވަރަކަށް މިތަފާތުތައް ބޮޑުވާކަން އިނގޭނެއެވެ. ނަމަވެސް އެއީ ފިރިމީހާ ނުވަތަ އަނބިމީހާ ލޯބިނުވާތީއެއް ނޫނެވެ. ނުވަތަ އެހެންމީހަކަށް ހިތްކިޔާތީއެއްވެސް ނޫނެވެ. އެއީ އެކަން އޮންނަ ގޮތެވެ. ލޯތްބަކީ ދިރިއުޅުމުގެ އެކިމަރުހަލާތަކުގައި އެކިވައްތަރަށް ބަދަލުވެގެންދާ އެއްޗެކެވެ. އެމަރުހަލާތަކާއި އެއަންނަބަދަލުތަށް ދަސްކުރަން އެބަޖެހެއެވެ. އެއިން ކޮންމެ މަރުހަލާއެއްގައިވެސް ބަދަލުނުވާ އެއްކަމެއް އޮވެއެވެ. އެއީ އޯގާތެރިކަމޭ ބުނެވިދާނެއެވެ. ހަގީގަތުގައި ފިރިމީހާ "ބަދަލުވިގޮތަށް" އަހަރެންގެ ވިސްނުމާފިކުރު ބަދަލުވިނަމަ މިވާހަކަ ދައްކާކަށް ނުވެސްޖެހުނީހެވެ.
(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)Add Comment
...
ލިޔުނީ ޕަރީ, 2010-08-14 15:48:56
މޯރަލް އޮފް ދަ ސްޓޯރީ "ލޯތްބަކީ ދިރިއުޅުމުގެ އެކިމަރުހަލާތަކުގައި އެކިވައްތަރަށް ބަދަލުވެގެންދާ އެއްޗެކެވެ. އެމަރުހަލާތަކާއި އެއަންނަބަދަލުތަށް ދަސްކުރަން އެބަޖެހެއެވެ. އެއިން ކޮންމެ މަރުހަލާއެއްގައިވެސް ބަދަލުނުވާ އެއްކަމެއް އޮވެއެވެ. އެއީ އޯގާތެރިކަމޭ ބުނެވިދާނެއެވެ." ވަރަށް ބުޑު ތެދެއް... .. ވަރަސް ރީތި ވާހަކަ އެއް.. :)
...
ލިޔުނީ faisal, 2010-08-14 16:31:58
މިވާހަކަޔަކީ މީހުނާ އިނދެގެން އުޅޭ އަންހެނުންނައް ވަރައް އިބްރައްތެރިވާހަކައެއް، މީހަމަ އަސްލައްވެސް މިކަންތަން ހިނގާގޮތް. ވަރައް ރީތި
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-08-15 01:49:07
ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ޤަބޫލު ކުރަންޖެހޭ އެންމެ ބޮޑު އެއް ހަޤީގަތަކީ ކޮންމެ އިންސާނަކީވެސް އަނެއް އިންސާނާއަށްޓަކައި އުފައްދަވައިފައިވާ އިންސާނެއް ކަމެއް. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަދާމް ޢަލައިހިއްސަލާމް ޚަލްޤު ކުރެއްވުމަށްފަހު އެކަލޭގެފާނަށްޓަކައި ޙައްވާގެފާނު ޚަލްޤު ކުރެއްވިއެވެ. އަހަރުމެން އިންސާނުން ޚަލްޤު ކުރެއްވުމުގެ އެންމެ ބޮޑު އެއް ޙަޤީގަތަކީ މިއީ ކަމަށް ވާއިރު އެކަކު އަނެކަކަށްޓަކައި ދުނިޔޭގެ ދިރިއުޅުން ޞާލިޙު ރަނގަޅު ގޮތުގައި އުޅުމަށް އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންޖެހެއެވެ. އިސްލާމްދީނުގައި މުސްލިމުންނަށް އަންގަވައިފައިވަނީ، އަހަރުމެން ކަމަކަށް ނުވަތަ ބަހަކަށް، ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ މީހަކަށް ނުވަތަ ޚަލްޤު ކުރެއްވިގެންވާ އެހެން އެއްޗަކަށް ނުވަތަ އެފަދަ އެހެންވެސް ކަމަކަށް ނުވަތަ ދިރުމެއް ނުވާ ތަކެތީ ތެރެއިން އެއްޗެކަށް އަހަރުމެން ލޯބި ކުރާ ކަމުގައި ވަނީ ނަމަ މާތް ﷲ ށްޓަކައި ހެވެއް އެދިގެން ނުވަތަ ހެޔޮ ނިޔަތެއް އޮވެގެން މެނުވީ އެތަކެއްޗަށް ލޯބި ނުކުރުމެވެ. އަދި މިބުނެދިޔަ އެންމެހައި ކަންކަމާއި ތަކެތީގެ މައްޗަށް ރުޅިއަރަނީނަމަވެސް މާތް ﷲ ށްޓަކައި މެނުވީ އެރުޅިވެސް ނައުމަށެވެ. މިޙަޤީގަތުގައި ހިފައިގެން ކުރިއަށްދާ މީހަކު ދެރައެއް ވާކަށް ނޯންނާނެއެވެ.
...
ލިޔުނީ unknown, 2010-08-15 11:07:49
thedheh.... dhiri ulhumuga eki stage thah aadhey.. v badhal ves vaane.. ekamu baeh firihenunnakee marry kureema kurin onna romantic life ulhen beynun nuvaa foohi baeh
...
ލިޔުނީ axy, 2010-08-21 19:08:28
varah salhi
...
ލިޔުނީ roxx, 2010-09-18 13:32:50
it's a very nice story
...
ލިޔުނީ asimaa, 2010-10-15 08:41:22
asarun furigenvaa vaahaka eh hhadha loabivaa firiakay
...
ލިޔުނީ xinhin, 2010-11-15 16:06:28
varah salhi story eh ingey

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3172
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone