މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބަރުބާދުވީ ލޯބީގެ ދުނިޔެ (5) |
|
|
| ދިވެހި - ވާހަކަ | |||
| 03 ސެޕްޓެމްބަރ 2010، 00:00 ހުކުރު | |||
|
ތާނަކުރީ: މުޙަންމަދު ޝާހިދު ޙަލީމް (1987) - އޮގަސްޓް( ބުރާސްފަތި) އާ ގުޅޭ... އަނެއް ދުވަހުގެރޭ ޑަކުޓަރު އަނެއްކާ އަތުވެއްޖެއެވެ. ފަރީ މުޅިން ހިމޭނުން އޮށޯވެގެން އޮތީއެވެ. ރުޅިއައިސްފައި އޮތް ކުޑަކުއްޖެއް ފަދައިންނެވެ. ހީވަނީ މިހާރު އޭނާގެ ގައިގައި ދެކޮޅުހެދުމުގެ ބާރު ނެތީހެންނެވެ. ނޫނީ އޭނާގެ ބާރުނައްތައިލައިފައި ވަނީއެވެ. އެއް ހަފުތާ ވަންދެން ޑަކުޓަރު ޖާދޫ އޭނާގެ ޙާލު ބަލައި ފަރުވާކުރަމުން ގެންދިޔައެވެ. ފަރީގެ މޫނު ވެސް ރަނގަޅު ވެއްޖެއެވެ. ސިކުނޑި ވެސް ހިސާބަކަށް ހަމަޖެހިއްޖެއެވެ. އެ ހަވީރު ޑަކުޓަރު ޖާދޫ ކޮޓަރިތެރެއަށް ވަން އިރު ފަރީ ސާފު ތާހިރު ހެދުމެއް ލައިގެން އަރާމު ގޮނޑިއެއްގައި ލޯ ކުޑަކޮށްލައިގެން އޮތެވެ."ފަރީ ކިހިނެއް؟" ޑަކުޓަރު ހަމަ ގަސްދުގައި ވަރަށް ގާތް ގޮތަކަށް ބުންޏެވެ. އޭނާ ބޭނުންވަނީ އެއް ފަހަރުން ފަރީ ހުރިހައި ރުޅިއެއް ބާލައިލައިި، ހުރިހައި އެއްޗެއް ގޮވުން ކަން ނޭނގެއެވެ. އެއީ އޭރުން އޭނާ ޢަމަލުކުރާ ގޮތަށް ޢަމަލުކުރުމަށް ޓަކައެވެ. ޙަޤީޤަތުގައި ވެސް އޭނާ މުޚާޠަބުކުރި ގޮތް ފަރީއަށް ވަރަށް ކަމުނުދިޔައެވެ. ނިތްކުރިއަށް ރޫއަރުވައިލައިފައި ބުންޏެވެ. "ބައްލަވާ." "ބަލަން މިހިރީ." އޭނާ ހިނިތުންވެލައިފައި ބުންޏެވެ. "ފަރީ ފެންނަނީ ކުރިއަށްވުރެ ރަނގަޅުކޮށް." ފަރީ ދިގު ނޭވާއެއް ލިއެވެ. އަދި ވޭނީ ރާގަކަށް ބުންޏެވެ. " ޑަކުޓަރު ސާހިބު! އަޅުގަނޑަށް ތިޔަ އުނދަގޫ ކުރައްވަނީ ކީއްވެގެންތޯ އަޅުގަނޑަށް އަހާލެވިދާނެތޯ؟" "އަހަރެން ފަރީއަށް އެބަ އުނދަގޫކުރޭތަ؟ އަހަންނަށް ހީވަނީ އަހަރެން މި ފަރީއަށް ފަރުވާކުރަނީ ހެން." "އަޅުގަނޑުގެ ބައްޔަކަށް ބޭހެއް ނެތް. އަޅުގަނޑަކީ ޙަޤީޤަތުގައި ވެސް ސިކުނޑީގެ ބަލިމީހެއް. އެކަމަކު އަޅުގަނޑު މި ވަނީ ރަނގަޅުވުމުގެ ހިސާބު ފަހަނައަޅާފަ. އެހެންވީމަ އަޅުގަނޑު ރަނގަޅު ކުރައްވަން މަސައްކަތް ކުރެއްވުމަކީ ބޭކާރު ކަމެއް." "ރަނގަޅުވާނެ ހިސާބު އެނގޭނީ ހަމައެކަނި ޑަކުޓަރަށް." "އެހެންވިޔަސް އަޅުގަނޑު އަޅުގަނޑުގެ ޙާލުގެމައްޗަށް ދޫކޮށްލައްވާ. އެއީ ޑަކުޓަރު ކޮށްދެއްވާ ވަރަށް ބޮޑު ހެޔޮކަމަކަށް ވާނެ. އަޅުގަނޑު ރަނގަޅުވާކަށް ނޭދެން." "އެ ކަމަށް އެދެނީ އަހަރެމެންނޭ." "އަހަރެމެންނޭ ތިޔަބުނުއްވި ބަހުގެ މާނައަކީ ކޮބައިތޯ؟" "އަހަރެންނާ މިސިޒް ޝަފީޤާ މޯނާ އާ ފަރީ ތިޔަ ދިރިއުޅޭ މި ދުނިޔެ. ދުނިޔޭގެ ފަރާތުން ފަރީގެ މައްޗަށް ޙައްޤުތަކެއް އޮވޭ. ގަބުރަކަށްވެގެން ނޫނީ ނުކުޅެދޭމީހަކަށް ވެގެން ސޮސައިޓީގައި އުޅުމުގެ ޙައްޤު ފަރީއަށްދިނީ ކާކު؟ މި ދުނިޔޭގައި ނުކުޅެދޭ މީހުން މަދީތަ؟" "އަޅުގަނޑަކީ ވެސް އޭގެ ތެރެއިން އެކެއް ކަމަށް ވެދާނެނޫންތޯ؟" "ތިޔަ ހެން ބުނުމުގެ ހުއްދަ ކޮންމެ މީހަކަށް ދީފި ނަމަ މި ސޮސައިޓީ ކޮއްމަސްބުރިއަކަށް ވެދާނެ." "އަޅުގަނޑަކީ އެއްވެސް ސޮސައިޓީއެއްގެ ފަރުދެއް ނޫން. އެއްވެސް ސޮސައިޓީއަކާ އަޅުގަނޑުގެ އެއްވެސް ގުޅުމެއް ނެތް. އަޅުގަނޑަކީ އެއްވެސް މީހަކާ ގުޅުމެއް ހުރި މީހެއް ނޫން. އަޅުގަނޑުގެ އެއްވެސް ތިމާގެ މީހަކު ނެތް. އެހެންވީމާ އަޅުގަނޑުގެ ޙާލައިގެން އަޅުގަނޑު ދޫކޮށްލައްވާ." "ފަރީ ތިޔަ ހަދަނީ ދޮގެއް. މިސިޒް ޝަފީޤަކީ ފަރީގެ މަންމަ. ފަރީގެ މަންމައަށް ގޮތެއް ވެއްޖެއްޔާ ފަރީ ގިސްލަގިސްލާފަ ރޯނެ. އަދި ބުނާނެ. އަހަރެން މި ޙާލުގައި އޮތްވަ މަންމަ ވެސް އަހަންނާ ވަކިވީހޭ. މޯނާއަކީ ފަރީގެ ދަރިފުޅު. ކޮންމެވެސް މީހަކު އޭނަ ފަރީގެ އަތުން އަތުލައިފިނަމަ، މިސާލަކަށް އޭނާގެ ބައްޕަ ފަރީ..." "ޑަކުޓަރް!" ފަރީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. "މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ހުއްޓާލައްވާ. އަޅުގަނޑުގެ މައްޗަށް ރަޙުމްކުރައްވާ. އަޅުގަނޑަކީ ރަޙުމްކުރެއްވުން އެކަށީގެންވާ ވަރުގެ މީހެއް." މިއަދު ފަރީ ހަމަހިމޭނުން ކަރުނަ އޮހޮރަމުން ގެންދަނީއެވެ. އޭނާ އިތުރު އެއްޗެކޭ ނުބުނެއެވެ. * * * އެއް މަސްދުވަހުގެ ތެރޭގައި ފަރީ ވަރަށް ބޮޑު ތަން ރަނގަޅުވެއްޖެ އެވެ. ނުވަތަ ރަނގަޅުވުމާ ވީ ފަރާތަށް ލެނބިއްޖެއެވެ. ނޫނީ ޑަކުޓަރު އޭނާގެ މަގުން އެއްކިބާކުރާނެ ހައި ނުވަތަ ފަރުވާކުރުން މަނާކުރާނެ ހައި ބާރު އޭނާގެ ކިބައިގައި ނެތީއެވެ. ޑަކުޓަރު ޖާދޫ އާއި މިސިޒް ޝަފީޤާ ދެމެދުގައި ރޭވިފައި ވަނީ ކޮން ފަދަ ރޭވުމެއް ކަމެއް ނޭނގެއެވެ. ޑަކުޓަރު ޖާދޫ ގަވާއިދުން ކޮންމެ ދުވަހަކު ހަވީރު ދެ ގަޑިއިރަށް އާދެއެވެ. އެ ވަގުތު މިސިޒް ޝަފީޤު ކުލިނިކުގައި ބުރުޖަހަން ދެއެވެ. އޭނާ ފަރީގެ ދަރިފުޅު ގޮވައިގެން ގެއްލޭ ގޮތަށް ދެން ފެންނާނީ ޑަކުޓަރު ޖާދޫގެ ކާރު މަގު ހުރަސްކޮށް ދިޔައީމައެވެ. ގޭތެރޭގައި އޮންނަނީ މުޅިން ހިމޭންކަމެވެ. ފަރީ އެކަނި ނަމަ ބިރުން ހަޅޭއްލަވަން ފަށާހައި ހިމޭންކަމެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. ބައްދަލުކޮށްލާން އަންނަ މީހަކު ވެސް ނާދެއެވެ. އެ ގޮތަށް ކަންތައް ހުރުމުން ޑަކުޓަރު ޖާދޫއަށް ޖާދޫ ހަދާން ދަނޑިވަޅު ލިބިއްޖެއެވެ. އޭނާ ހަޅޭއްލަވައި އަޑުގަދަކޮށް ދުވެފިލައި ހަދާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ. ޑަކުޓަރު ޖާދޫ އޭނާއަށް ހަޅޭއްލަވައި އަޑުގަދަކޮށް ހެދުން ވީދައި މޫނުމަތީގައި ވަކިއަޅާނެ ދަނޑިވަޅު ހޯދައިދިންލެއް ގިނަކަމުން ޚުދު އޭނާ ވެސް އެ ކަންކަން ދެކެ ފޫހިވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ އޭނާގެ ހިތާމަ ދުލުން ބަޔާންކުރާށެވެ. ކަރުނައިގެ ސިފައިގައި ބޭރުކުރާށެވެ. އެކަމަކު ވަރަށް ލަސްލަހުންނެވެ. އޭނާގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން ފިލީއަކީ ނޫނެވެ. ނަފުރަތު ހަމަ އެ ވަރަށް އެބަ ހުއްޓެވެ. ފިރިހެނުންނާ މެދުގައެވެ. އަދި ޖަމާލުގެ ނަން ވެސް އޭނާ އަހާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ޑަކުޓަރު ޖާދޫގެ ވާހަކައަށް އޭނާ ސަމާލުކަން ދޭން ފަށައިފިއެވެ. އެ ދުވަހު ޑަކުޓަރު ސީދާ އޭނާއާ ސުވާލުކުރިއެވެ. އޭނާގެ މޫނުގައި ވަކިއަޅައި އަމިއްލައަށް މޫނު ހަލާކުކުރަނީ ކީއްވެގެންތޯއެވެ. "ޑަކުޓަރު ސާހިބު!" ފަރީ މަޑުމަޑުން ބުންޏެވެ. "އަޅުގަނޑު އަޅުގަނޑުގެ މޫނުދެކެ ނަފުރަތުވީ. އަޅުގަނޑު ބޭނުމީ އަޅުގަނޑަށް އެހެން މޫނެއް ހޯދަން. މި ރީތި މޫނުގެ ސަބަބުން އޭނާ އަޅުގަނޑު ދެކެ ނަފުރަތުކުރޭ. ކައިވެންޏަށްފަހު އޭނާ އަޅުގަނޑުގެ ރީތިކަމަށް މަލާމާތްކުރިލެއް ގިނަކަމުން ރީތިކަމަކީ އަޅުގަނޑުގެ ނަޒަރުގައި ޢައިބަކަށް ވެއްޖެ. ދިމާވާ ގޮތަކުން ބިސް ގޯސްވިޔަސް މަލާމާތް ރައްދުވަނީ ސިފައާއި ސޫރައަށް. ކެއުން ލަސްވިޔަސް ކުށްވެރިވަނީ ރީތިކަން. ހެދުމާ ދޭތެރޭ އިޢުތިރާޟު ކުރިޔަސް އަމާޒުފަތްގަނޑަކަށް ވަނީ ސިފަ. ދައްކާ ވާހަކައާއި ނުރުހުނަސް ސިފައިން އެ ކުށް ފެނުނީ. ދަރިފުޅުގެ ތަރުބިޔަތު ރަނގަޅު ނުވިޔަސް އެއީ މޫނުގެ ކުށް. ގެ ރަނގަޅު ނުވިޔަސް މެދުވެރިއަކަށް ވާނީ ރީތިކަން. އަބަދާއަބަދު އޭނާ މަލާމާތްކުރިލެއް ގިނަކަމުން އަޅުގަނޑުގެ މޫނު ހުތުރުކޮށްލަން އަޅުގަނޑު ބޭނުންވަނީ." ފަރީ ދިގު ނޭވާއެއް ލައިފައި އޭނާގެ މުށް ހުޅުވައިލައިފައި އަނެއްކާ ލައްޕައިލިއެވެ. " ޑަކުޓަރު ސާހިބު އަޖައިބުވެލައްވާނެ. އަޅުގަނޑުގެ ދަރިފުޅުގެ ކަރުގަ ހިފާ މަރާލަން ބައެއް ފަހަރު އަޅުގަނޑުގެ ހިތަށްއަރާ. އެއީ އަޅުގަނޑުގެ ފުރާނައަށް ވުރެ ލޯބިވާ އަޅުގަނޑުގެ ދަރިފުޅު. ލޯމަތިން ގެއްލިއްޖެނަމަ އަޅުގަނޑު ކަންބޮޑުވާ ދަރިފުޅު. އަޅުގަނޑަށް އަޅުގަނޑުގެ މާޒީ ހަނދާންވާ ވަގުތު، އޭނާގެ ސޫރައިން އަޅުގަނޑުގެ ވިދުވަރު ފެނުމުން އޭނާގެ މޫނުގަ ތަޅާތަޅާ ރަތްކޮށްލަން. ދަރިފުޅު ރޮއިނަގާނެ. އެކަމަކު އަޅުގަނޑު ބޭނުންވަނީ އޭނާގެ ރީތި މަޢުޞޫމު މޫނު ހަލާކުކޮށްލަން. އެއީ އެއްވެސް ޖަމާލަކަށް ފަހުން އޭނާގެ... ދިރިއުޅުން ހަލާކުކޮށް ނުލެވޭނެ ގޮތުގެމަތީން." މި ހުރިހައި ވާހަކައެއް ދެއްކުމަށްފަހު ފަރީ ސުވާލުގެ ބެލުމަކުން ޑަކުޓަރާ ދިމާއަށް ބަލައިލިއެވެ. ޑަކުޓަރު މަޖާވެލައިފައި ސިނގިރެޓު ބޯން އިނެވެ. އޭނާއަށް އެއްވެސް އަޑެއް ނީވޭ ކަހަލައެވެ. " ޑަކުޓަރު ސާހިބު!" ފަރީ ހަޅޭއްލަވައިގަތެވެ. " ޑަކުޓަރު އަޅުގަނޑުގެ ވާހަކައެއް ނާއްސަވަމުތޯ." "އަޑުއެހިން." އޭނާ ހަމަޖެހިލައިފައި ބުންޏެވެ. "އެހެންވިއްޔާ ޖަވާބު ނުދެއްވީ ކީއްވެތޯ؟" "ދޭނީ ކޮން ޖަވާބެއް؟" "ކޮންމެވެސް އެއްޗެކޭ ބުނުއްވާ." "އަހަރެން ބުނާ އެއްޗެއް އެއީ ފަރީއަށް ނުރުހެވޭ އެއްޗަކަށް ވެދާނެ." "އަޅުގަނޑަށް ނުރުހެވުން އެކަށީގެންވޭ. އެކަމަކު ކޮންމެވެސް އެއްޗެކޭ ބުނުއްވާ." "ފަރީ! ޙަޤީޤަތުގައި ފަރީގެ ފިރިމީހާ ފަރީ ދެކެ ވަރަށް ބޮޑަށް ލޯބިވި. އޭނާގެ ލޯބީގައި ޙަސަދަވެރިވީ ވަރުން މީހަކު އިސްއުފުލާލައިފަ ފަރީއާ ދިމާއަށް ބަލައިލާކަށް ވެސް އޭނާ ނުރުހޭ. އޭނާ އޭނާގެ ޙަސަދަވެރިކަމުގައި އަމިއްލައަށް ހައްޔަރުވީ. އޭނާ ބޭނުންވީ ފަރީ މުޅި ޢުމުރަށް ފަރީ ދެކެ ލޯބިވާން. އޭނާ ނޫން އެހެން މީހަކާ ދިމާއަށް ނުބަލާން. އޭނާހުރީ ޝައްކާ ބިރުވެރިކަމެއްގެ ތެރޭގައި ބެދިފަ. އެހެންވީމަ އަބަދާއަބަދު ފަރީގެ ރީތިކަމަށް މަލާމާތް ކުރަމުން ގެންދިޔައީ. އެއީ އިރުއިރުކޮޅާ ފަރީއަށް ޔަޤީން ކުރެވޭނެހެން؛ ފަރީއަކީ..." "ޑަކުޓަރް!— ޑަކުޓަރް!— ޑަކުޓަރް!" ފަރީ މޮޔައެއް ހެން ހަޅޭއްލަވާން ފަށައިފިއެވެ. "ކަލެއަކީ ނުބައި މީހެއް، ޑަކުޓަރް!—ކަލޭ ހުންނާނީ އޭނާއާ އެއްކޮޅަށްކަން އަހަންނަށް އެނގޭ. އެއީ ކަލެއަކީ ފިރިހެނެއް ވީމާ. ކަލެއަށް އަހަންނަށް ލިބޭ ވޭނެއް އިޙްސާސެއް ނުކުރެވޭ. އަހަންނަށް ކުރިމަތިވީ ކޮން ކަހަލަ ޤިޔާމަތެއް ކަމެއް އަދި ދުވާލަކު ކިތައް ޤިޔާމަތް ކުރިމަތިވާ ކަމެއް އިޙްސާސެއް ނުކުރެވޭ. ކަލޭ ވެސް --- އޯގާތެރިކަމާ އެކު އަހަރެން އެކަނި ދޫކޮށްލާ." ވަރަށް ގިނަ ދުވަހަށް ފަހު އަނެއްކާ ވެސް އޭނާއަށް މޮޔަކަމުގެ އަސަރު ވެރިވާން ފަށައިފިއެވެ. އޭނާ ރޮމުން ގެންދިޔައެވެ. ހަޅޭއްލަވަމުން ގެންދިޔައެވެ. އަޑުގަދަކުރަމުން ގެންދިޔައެވެ. ޑަކުޓަރު ތެދުވެގެން ހިނގައްޖެއެވެ. ފަރީ އެ ހާލަތުގައި ވަނިކޮށް އޭނާ ދޫކޮށްލައިފައި ޑަކުޓަރު ކިތަންމެ ފަހަރަކު ދެއެވެ. އަނެއް ދުވަހު ޑަކުޓަރު އައި އިރު ފަރީ މުޅިން ހަމަޖެހިފައި އިނުމުގެ ސަބަބަކީ މިއެވެ. އޭނާއަށް ކަން ކުރެވުނު ގޮތާ ދޭތެރޭ އޭނާ ޑަކުޓަރުގެ ކިބައިން މާފަށް އެދުނެވެ. އޭނާ ބުންޏެވެ. "އަޅުގަނޑަށް އެހެން ވަނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑު ޑަކުޓަރާ ދިމާއަށް އެއްޗެހި ނުކިޔާނެ ކަން އެއީ އަޅުގަނޑަށް އެނގޭ ކަމެއް. އެ ގޮތަކީ ޑަކުޓަރު އަޅުގަނޑަށް ގެއްލުމެއް ދެއްވީކީ ނޫން. ޑަކުޓަރު ދުރުވުމުން އަޅުގަނޑު ދެކެ އަޅުގަނޑަށް ރުޅިއާދެވޭ. އެކަމަކު ... ކީއްވެގެން ކަމެއް ނޭނގެ." ޑަކުޓަރު އޯގާތެރިކަމާއެކު ހިނިތުންވެލައިފައި ބުންޏެވެ. "ފަރީ އެއްޗެހި ކިޔަނީ ކާކާ ދިމާއަށް ކަން އަހަންނަށް އެނގޭ. އެހެންވީމަ ފަރީ އަހަންނާ މުޚާޠަބުކޮށް އެއްޗެހިކީ ނަމަވެސް އަހަރެން އެއްޗެކޭ ހިއެއް ނުކުރަން. އަދި ކޮބާ، އަހަރެން ބޭނުންވަނީ ފަރީގެ ހިތުގައި ހުރި ހުރިހާ އުދާހެއް އެ ގޮތަށް ބޭރުކޮށްލުމަށް." "އަޅުގަނޑު އެއްޗެހި ކިޔަނީ ކާކާ ދިމާއަށް؟" ދެން ފަރީ ކަންބޮޑުވެއްޖެއެވެ. ބުންޏެވެ. "ބުނުއްވާނެ ކަމެއް ނެތް. ބުނުއްވާނެ ކަމެއް ނެތް. ޑަކުޓަރު ބުނުއްވާނީ ޖަމާލޭ ކަން އަޅުގަނޑަށް އެނގޭ. އެކަމަކު ޑަކުޓަރު ސާހިބު! އަޅުގަނޑަށް ވަޢުދެއް ވެދެއްވާ!" "ކޮން ކަހަލަ ވަޢުދެއް؟" "ޑަކުޓަރު އަޅުގަނޑަށް ފަރުވާކުރައްވާހާ ހިނދަކު، ފަރުވާކުރެއްވުމުގެ ތެރޭގައާ ވާހަކަދެއްކެވުމުގައި ފަހަރެއްގައި ވެސް ޖަމާލުގެ ނަން ވެސް ނުގެންނަވާން ވަޢުދުވެދެއްވާ. ޑަކުޓަރު ވަޢުދުވެ ނުލައްވައިފިއްޔާ އަޅުގަނޑު ޑަކުޓަރާ ބައްދަލުވުން ހުއްޓާލާނަން." ޑަކުޓަރު އަނެއްކާވެސް ހިނިތުންވެލިއެވެ. އަދި ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުންޏެވެ. "ވަޢުދުވަން. އަހަރެން ދެން ފަހަރެއްގަ ވެސް ޖަމާލުގެ ނަމެއް ނުގެންނާނަން. ވާހަކަދައްކާނީ ހަމައެކަނި ފަރީއާ ބެހޭ ގޮތުން. އެހެން މީހަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކާނަން." މި އެކުވެރި އެއްބަސްވުމުގެ ފަހުން ޑަކުޓަރު ފޯރީއާ އެކީގައި އެ ގެއަށް އައިސް ގޮސް ވާން ފަށައިިއެވެ. އަދި ފަރީ މަޑުމަޑުން އިންސާނުންގެ ދުނިޔެއަށް އަންނާން ފަށައިފިއެވެ. ވާހަކަތައް ހޫނުވެގެން ވެސް ދެއެވެ. ރޭތައް ނިންޖެއް ނެތި ވެސް ވޭތިވެގެން ދެއެވެ. މާޒީ އުނދަގޫ ވެސް ކުރެއެވެ. އެކަމަކު ފަރީ ހަމަ އަވަހަށް ޙާލަތާ އެއްބަސްވާން ރުހިދެއެވެ. މިހާރު ފަރީ އޭނާގެ މޫނުގައި ވަތްކެއް ނާޅައެވެ. މޯނާގެ މޫނުގައި ތަޅައެއް ވެސް ނަހަދައެވެ. އަދި ކީއް ހެއްޔެވެ. މިހާރު އޭނާ ޑަކުޓަރު އުޅެނިކޮށް ވެސް މޯނާއާ ކުޅެއެވެ. މި ގޮތުގެ މަތީން ތިން މަސްދުވަސް ވޭތިވެއްޖެއެވެ. ޑަކުޓަރު ތެރަސްގަނޑެއް ހެން ތަތްވެފައި ހުންނާތީ ބައެއް ފަހަރަށް ފަރީ ގާތަށް ރުޅި ވެސް އާދެއެވެ. އޭނާ މަންމަ ގާތުގައި ވެސް، އޭނާގެ ސިކުނޑި މިހާރު މުޅިން ރަނގަޅުވެއްޖެ ކަމަށާއި، ޑަކުޓަރު އައުން މަނާކޮށްދިނުމަށް ބުނެފިއެވެ. އެކަމަކު މިސިޒް ޝަފީޤު އޭނާ ގާތު ބުނީ ޑަކުޓަރަށް ވަނީ ހަ މަސްދުވަހުގެ ފީ ކުރިއަށް ދީފައި ކަމަށާއި، އެހެންވީމާ އޭނާ ރުހުނަސް ނުރުހުނަސް ޑަކުޓަރު އަންނާނެ ކަމުގައެވެ. * * * އެއީ، ދުވަސްތަކަކަށް ފަހު، ފަރީގެ މޫޑު ވަރަށް ރަނގަޅު ދުވަހެކެވެ. އޭނާ ފެންވަރައިގެން، ކަޅުކުލައިގެ މާޖެހި، މަޑުރީނދޫކުލައިގެ ސާޅިއެއް އަޅައިފިއެވެ. އޭނާގެ ހޭވިފައި އޮތް ދިގު އިސްތަށިގަނޑު ރީތިކޮށް އޮމާންކޮށް ދެ ފަށަށް ގަތައިލައިފި އެވެ. އެއަށް ފަހު ފެޝަން މަޖައްލާއެއް ހިފައިގެން ބޭރު ލޯނަށް ނުކުމެއްޖެއެވެ. ވިއްސާރަ މޫސުމުގެ ފުރަތަމަ ވިލާގަނޑު ވެހި ނިމިއްޖެއެވެ. ޖައްވު އޮތީ ކުޑަކޮށް ތެތްފިނިވެލައިފައެވެ. އޭނާ ލޯނުގައި އިށީންތާ ކުޑަ އިރުކޮޅެއް ވީ ތަނާ ޑަކުޓަރު ވެސް އެ ތަނަށް އަތުވެއްޖެއެވެ. ޑަކުޓަރު އައުމަކީ އޭނާ މިހާރު އަޖައިބުވާ ކަމެއް ނޫނެވެ. އޭނާ ދެކެނީ އެއީ ވެސް ކޮންމެ ދުވަހަކު ހިނގާ ކަންތައްތަކުގެ ތެރެއިން އެއް ކަމެއް ކަމުގައެވެ. ޑަކުޓަރު ވިނަގަނޑުމަތީގައި ފަރީ ގާތުގައި އިށީނދެއްޖެއެވެ. ކުޑަ އިރުކޮޅެއް ވަންދެން އެކި އެކި ވާހަކަ ދައްކާން ތިއްބެވެ. ދެން ފަރީ މަޖައްލާގެ ތެރެއަށް ގެއްލިއްޖެއެވެ. ކީކޭ ހިތަށްއަރައިގެން ކަމެއް ނޭނގެއެވެ. ޑަކުޓަރު ފަރުވާތެރިކަމާ އެކު އޭނާއާ ދިމާއަށް ބަލަމުން ބުންޏެވެ. "ފަރީ! ފަރީ ހީކުރަނީ ފަރީއަކީ ވަރަށް ރީތި އަންހެންކުއްޖެއް ކަމަށް ތާ! އެކަމަކު އަހަރެންގެ ނަޒަރުގަ ފަރީއަކީ ހަމަ އާދައިގެ އަންހެންކުއްޖެއް." "ކީކޭތޯ!" ފަރީ ހައިރާންވެގެން ޑަކުޓަރުގެ މޫނަށް ބަލަން ފެށިއެވެ. "އާނ. އަހަރެން މި ބުނީ ތެދެއް. ފަރީއަކީ ސާދަވިލޭރޭގެ ހަނދޭ، ނޫނީ ދުނިޔޭގެ ރީތިކަމޭ ބުނާނެ ކަހަލަ އެއްވެސް ކަމެއް ޙަޤީޤަތުގައި ފަރީގެ ކިބައަކު ނެތް." "ކީކޭތޯ -- ކީކޭތޯ -- އަޅުގަނޑަކަށް ތިޔަ ބުނުއްވާ އެއްޗެއްގެ މާނައެއް ނުވިސްނުނު." ފަރީ ހައިރާންވެގެން އަންތަރީސްވެއްޖެއެވެ. "އަހަރެން ފަރީއަށް ވިސްނަދޭނީ ކިހިނެއް؟ އަދި ވިސްނަދޭންވީ ވެސް ކީއްކުރަން. ރީތިހުތުރަކީ އެކި މީހުންގެ ނަޒަރުގައި ތަފާތު އެއްޗެއް." "ހޫނ --" ފަރީ ދިގު ނޭވާއެއް ލިއެވެ. ފުރަތަމަ ފަހަރަށް ޑަކުޓަރުގެ ސިފައަށް ފަރުވާތެރިކަމާ އެކު ބަލައިލިއެވެ. މިއަދުގެ ކުރިން މި ގޮތަށް ޑަކުޓަރާ ދިމާއަށް ބަލައިނުލެވޭ ކަން އެނގުމުން އޭނާ ހައިރާންވިއެވެ. ޑަކުޓަރަކީ ރީތީގެ ފުރިހަމަ ނަމޫނާއެކެވެ. ހަ ފޫޓަށް ވުރެން ދިގު އިސްކޮޅެކެވެ. ރަތް ދޮންކުލައެވެ. ކަޅުކުލައިގެ، ފުން، ވިދުންހުރި ދެ ލޮލެވެ. ރީތި، ބޯ އިސްތަށިގަނޑެކެވެ. ފުޅާ ނިތްކުރިއެކެވެ. ނުހަނު އިސްމާޓެވެ. ނުހަނު ރީއްޗެވެ. -- ފަރީ އޭނާއަށް ބަލައިލައިފައި ކަޅި ތިރިކޮށްލައިފިއެވެ. އެ ކަހަލަ ރީތި މީހަކު ފެންނާނީ ހަމަ ހާލަކުންނެވެ. "ކޮބާ، އަހަރެންގެ ސިފަ ބަލާ ނިމުނީތަ؟" ޑަކުޓަރު އަނެއްކާ ވެސް ފަރީ ސިއްސައިލައިފިއެވެ. އެކަމަކު އޭނާ ދޮގުހެދުން ރަނގަޅު ކަމަކަށް ނުދުށްޓެވެ. ބުންޏެވެ. "ލައްބަ." "ފެނުނީ ކޮން ސިފައެއްގަ؟" "ޑަކުޓަރު ހިމެނެނީ ފަރި ފިރިހެނުންގެ ތެރޭގަ." "ފަރިއަކީ އަންހެނުންނަށް ޚާއްޞަ ލަފުޒެއް." ޑަކުޓަރު ބާރަށް ހީނގަތެވެ. "އެކަމަކު ޑަކުޓަރަކަށް އެނގިއެއް ނުލައްވާނެ، ޑަކުޓަރު ސާހިބު. ސިފަ ރީތި ފިރިހެނުން ދެކެ އަޅުގަނޑު އަބަދު ވެސް ނަފުރަތުވަން." "ކީއްވެގެން؟" "ކީއްވެގެން ކަމެއް ނޭނގެ. އަޅުގަނޑު މީހަކާ ނީންނަ އިރު ރީތި ފިރިހެންކުއްޖަކު އަޅުގަނޑާ ކައިވެނިކުރަން ހުށަހަޅައިފިއްޔާ އަޅުގަނޑު އިންކާރުކުރަން." "އެހެން އެ ވަނީ ފަރީއަކީ އިންތިހާ ދަރަޖައިގެ ރީތި މީހެއް ކަމަށް ފަރީ ދެކޭތީ. ފަރީ ބޭނުން ވަނީ ފިރިހެނުން ފަރީއަށް އަޅުކަންކުރަން. ފަރީގެ ޚިޔާލުގައި ރީތި ފިރިހެނުންގެ އަމިއްލަ އެދުން ބޮޑުވާނެ. އެހެންވީމާ އަންހެނުންނަށް އަޅުކަންކުރާނެ ވަގުތެއް އެ މީހުންނަކަށް ނުލިބޭނެ. އަނެއްކާ އަންހެންކުއްޖާ ހުންނާނީ އޭނާއާ މެދު އަބަދުވެސް ޖެހިލުންވޭވެ؛ ކޮންމެވެސް ޕަރީޒާދަކު އޭނާ ޖަހައިގަންނާނީ ކޮން އިރަކު ބާއޭ ހިތާ." "ލައްބަ - ކީކޭތޯ - ކިކޭތޯ؟" ފަރީ އެސްފިޔަތަޅައިލިއެވެ. "ފަރީ ބޭނުންވީ އާދައިގެ މީހަކު ..." "ލައްބަ. ލައްބަ." ފަރީ އަވަހަށް ބުންޏެވެ. "އެކަމަކު ފަރީ. ފަރީއަށް ނޭނގެނީކަން ނޭނގެ. ހުރިހާ ފިރިހެނުންނަކީ ވެސް އަމިއްލައެދުމުގެ ވެރި ބައެއް. ކައިވެނީގެ ކުރިން އެ މީހުން ތިބޭނީ އަބަދު ވެސް ފުރާނަދޫކޮށްލަން ތައްޔާރަށް... އެކަމަކު ކައިވެނީގެ ފަހުން އެ މީހުން ބޭނުންވާނީ ހަމައެކަނި އެ މީހުންނަށް އަޅުކަން ކުރުވަން. އެއީ ހުތުރު އަންހެންކުއްޖަކަށް ވިޔަސް ރީތި އަންހެންކުއްޖަކަށް ވިޔަސް ހެޔޮ." "ހީވަނީ ޑަކުޓަރު ތިޔަ ބުނުއްވީ ރަނގަޅަށް ހެން." ފަރީ އުދާސްވެއްޖެއެވެ. "ފަރީއަށް އެނގޭތަ؟ ރީތި ގިނަ ފިރިހެނުން އިންނާނީ ހުތުރު އަންހެނުންނާ." "ކީއްވެގެން؟" "ހަމަ މުޅީން ފަރީ ތިޔަ ބަޔާންކުރި ސަބަބާ ހުރެ." "އެހެންތޯ --" ކީއްވެގެން ކަމެއް ނޭނގެއެވެ. ފަރީ މޮޅިވެއްޖެއެވެ. ލަދު ވެސް ގެންފިއެވެ. ދެން ވިސްނަމުން ވިސްނަމުން ގޮސް ފުން ހިމޭންކަމެއްގެ ތެރެއަށް ގެނބިއްޖެއެވެ. ކައިރި މާޒީގެ ކަށިތައް ފަޅައިފައިވާ، ދުރު މާޒީގެ މާތައް ފޮޅިފައިވާ ހިމޭންކަމެވެ. އޭނާގެ ހިތާއި ހަށިގަނޑު ހިމޭންކަމުގެ ތެރެއަށް ގެނބެމުން ހިނގައްޖެއެވެ. ދެން އޭނާ ގެއްލިއްޖެއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއްގެ މަތިން ހަނދާން ނެތިއްޖެއެވެ. އޭނާ ހިމޭންކަމުގެ ކަނޑުގައި ފީނާން ދޫކޮށްލައިފައި ޑަކުޓަރު ހިނގައްޖެއެވެ. * * * ބައެެއް ފަހަރަށް ހަމަހިމޭން ތޫފާނުތަކުން އަނެއްބައި ފަހަރަށް ހަމައިން ނެއްޓިފައިވާ އަރާރުންތަކުން، ޑަކުޓަރު އޭނާގެ ސިކުނޑިއާއި ހިތް އަލުން މަސައްކަތް ކުރަން މަޖުބޫރު ކުރުވައިފިއެވެ. މިހާރު އޭނާއަށް ވިސްނިއްޖެއެވެ. އޭނާއާ ދިމާވީ އާ ކަމެއްނޫނެވެ. ދުނިޔެއަކީ ތަޖުރިބާތަކުގެ ގެއެވެ. ދިރިއުޅުމުގެ ދަތުރަކީ ފެށުނީއްސުރެން ނިމެންދެން، ހީނުކުރާ ހައިރާންވާކަހަލަ ކަންތައްތައް ދިމާވާ ދަތުރެކެވެ. އެ ކަންތައްތަކުން ހިތްހަލާކުވެގެން ދިރިއުޅުން ނަގައިލުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ. އޭނާގެ ހިތާމަ ކުޑަވީކީ ނޫނެވެ. އެކަމަކު އަބަދު ރިހިރިހި ހުރި ފާރުގަނޑުގެ ރިހުން ކެނޑުނީއެވެ. މި ގޮތުގެމަތީން ދުވަސްތައް ފާއިތުވަމުން ދެއެވެ. އޭނާގެ އިއްދަ ވެސް ހަމަވެއްޖެއެވެ. ވަގުތުގެ ބުރުއެޅުން ހުއްޓޭ ތަނެއް ނާދެއެވެ. މަޑުޖެހިލާ ތަނެއް ނާދެއެވެ. ޒަޚަމަކަށް ނުބަލައެވެ. އެ ހިނގާ ގޮތަށް ހިނގަހިނގައި ހުންނަނީއެވެ. އިންސާނާ ކިހައި މަޖުބޫރުހެއްޔެވެ. ރޮއިރޮއިފައި ހަޅޭއްފަޅޭއްލަވައިފައި ތިމާގެ ކުރާނެކަމެއްނެތްކަމުގެ މައްޗަށް ރަނގަޅަށް ހިތާމަކޮށްފައި އަނެއްކާވެސް އެ އެނބުރުމާއެކު ދުވަންފަށައެވެ. ފުރަތަމަ މަޑުކޮށްލި މަންޒިލުން ފޭރޭމީހުން އޭނާގެ ދިރިއުޅުމުގެ ހުރިހައި މުދަލެއް ފޭރިގަތުމުން އަތްމަތި ހުސްވެ ހިތްހަލާކުވުމާ އެކުގައި ވެސް މަންޒިލާ ދިމާއަށް ދަތުރުކުރާ މުސާފިރެއް ފަދައިންނެވެ. ފަރީ ވެސް ދިރިއުޅުމާއިގެން ކުރިއަށް ހިނގައިގެންފިއެވެ. މިހާރު ޑަކުޓަރު އޭނާ ގޮވައިގެން ބޭރަށް ވެސް ދެއެވެ. އެއް ދުވަސްވަރެއްގައި ނުހަނު ހަރުކަށި އޭނާގެ މަންމަ، އޭނާގެ އެއްވެސް ކަމަކާ ނުބެހޭތީއާ އޭނާ ކުރާ އެއްވެސް ކަމަކާ ދެކޮޅުނުހަދާތީ އޭނާ ވަރަށް އަޖައިބުވެއެވެ. އެކަނި އިންނަ އިރު އޭނާ ޑަކުޓަރު ޖާދޫ ދެކެ ވަރަށް ބޮޑަށް ރުޅިއާދެއެވެ. ޑަކުޓަރު ޖާދޫގެ ކުރިމަތީގައި އޭނާ އެހައި ބޮޑަށް ގޮތްހުސްވަނީ ކީއްވެގެން ހެއްޔެވެ. އޭނާގެ ކުރިމައްޗަށް ދިޔުމުން ފަރީގެ ޙާލަތު ކިޔަމަންތެރި ދަރިވަރަކާ އެއްގޮތްވަނީ ޙަޤީޤަތުގައި ވެސް އޭނާ ޖާދޫއެއް ދަންނަނީ ބާވައެވެ. އެހެންކަމުގައި ވިޔަސް ޑަކުޓަރު ޖާދޫ އޭނާއާ ދޭތެރޭ ބޭނުމެއް ނެތް ޝައުޤުވެރިކަމެއް ފާޅުކޮށްފައެއް ނެތެވެ. އަދި އެހައި އަވަހަށް އެހެން ފިރިހެނަކު ގަބޫލުކުރާ ހައި، ނުވަތަ ކައިރިއަށް އަންނާނެ ދަނޑިވަޅުދޭ ހައި އޭނާގެ ސިކުނޑި ރަނގަޅެއް ނޫނެވެ. އޭނާއަށް ވާ ހައި ވެސް ގޮތަކީ ޑަކުޓަރު ޖާދޫ އޭނާ ގޮވައިގެން ހަވީރު ކާރުދުއްވައިލާން ދިއުމުން ބައެއް ފަހަރަށް ކަންބޮޑުވާގޮތް ވަނީއެވެ. ޑަކުޓަރު އޭނާ ގޮވައިގެން ދާ ތަނަކަށް ވިއްޔާ އޭނާ ހިމޭންކަމާ އެކު ދެއެވެ. ބައެއް ފަހަރަށް އެ މީހުން ރެސްޓޯރެންޓަށް ގޮސް ސައިބޮއެވެ. އެ ފަދަ ވަގުތު ފަރީގެ ޙާލު ވަރަށް ބޮޑުވެއެވެ. މޮޔައެއް ހެން ހަތަރު ފަރާތް ބަލާން އިނދެއެވެ. ހިތަށް އަރައެވެ. މި ވަގުތު އޭނާ ޑަކުޓަރާ އެކުގައި އިންދައި ޖަމާލަށް ފެނިއްޖެއްޔާ އޭނާ ހީކުރާނީ ކީކޭ ހެއްޔެވެ؟ ޙަޤީޤަތުގައި ވެސް އަހަރެންނަކީ އާވާރާ އަންހެންކުއްޖެކޭ ހެއްޔެވެ؟ މި ހައި އަވަހަށް އެހެން ފިރިހެނުންނާ އެކު ހިނގާން ފެށީއެވެ. ދެން އޭނާގެ އެތެރޭގައި ބަދަލުހިފުމުގެ ހުޅުގަނޑު އުފުލެން ފަށައެވެ. އޭނާގެ ހިތަށް އަރައެވެ. ޖަމާލު އަންނާނެ ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ އޭނާ އަށް އެ ތަން ފެނިފައި އޭނާ ދެރަވާނެ ނަމަ ކިހައި ރަނގަޅު ހެއްޔެވެ. އޭރުން ކިހައި މަޖާވާނެ ހެއްޔެވެ. އޭނާ ޖަމާލު އިތުރަށް ރުޅިއަރުވައި ދެރަކުރާން ހީނހީނފައި ޑަކުޓަރާ ވާހަކަދައްކާން ފާށާނެއެވެ. އެކަމަކު ޖަމާލާ އެކުގައި ވެސް ރީތި އަންހެންކުއްޖަކު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެކުއްޖާ ވެސް ހީނހީނފައި ޖަމާލުގެ ހިތް ލެންބުމަކީ އެކަށީގެންވާ ކަމެކެވެ. --- އޮފޯހ --- އޭނާ ގާތަށް ރުޅިއާދެއެވެ. އަހަރެން އަބަދު އޭނާއާ ބެހޭ ގޮތުން ވިސްނަނީ ހެއްޔެވެ؟ އެކަމަކު ޙަޤީޤަތަކީ ޖަމާލާ އެކުގައި އެހެން އަންހެންކުއްޖެއްގެ ތަޞައްވުރު ވެސް ކުރާހައި ހިތްވަރެއް އޭނާގެ ނުހުރެއެވެ. މިހާރު އޭނާއާ ޖަމާލާ ދެމެދުގައި އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ އޮތް ގުޅުމެއް ވިއްޔާ އަބަދުގެ އަބަދަށް ކެނޑިއްޖެއެވެ. އެ ގުޅުމުގެ ކަންފުޅެއް ބާކީއެއް ނެތެވެ. އެކަމަކު އެހެން ކަމާ އެކުގައި ވެސް އޭނާ ކިތަންމެ ފަހަރަކު އޭނާގެ ވިސްނުމުގެ ވަގު ހިފައިފިއެވެ. ޖަމާލާ ބެހޭ ގޮތުން އަޖައިބުވާކަހަލަ ކަންކަން ވިސްނަނިކޮށެވެ. މިހާރު އެ ގޭގައި އޭނާ އުޅޭނީ ކިހިނެއް ބާވައެވެ؟ އެ ނިދާކޮޓަރީގައި އޭނާ ނިދާނީ ކޮންގޮތަކަށް ބާވައެެވެ؟ ހަނދާންތަކުގެ ހަރުފަ އަބަދާ އަބަދު އައިސް އޭނާގެ ގަޔަށްވެސް ވިހަލާނެކަން ނޭނގެއެވެ... އެނގެނީ ކިިހިނެއް ހެއްެޔެވެ. އެއީ ހަމަ އޭނާއަށް ހީކުރެވޭ ހުސް ހީކުރެވުމަކަށް ވެސް ވެދާނެއެެވެ. -- ޚުދު އޭނާ ވެސް ބުނަނީ އެހެންނެވެ. އެކަމަކު ކީއް ވެގެން ކަމެއް ނޭނގެއެވެ. -- ގަސްދަކާ ނުލައި އޭނާ ޖަމާލާ މެދު ނުވިސްނާ އެއްވެސް ވަގުތެއް ނުދެއެވެ. އޭނާ ނުހަނު ތެދުވެރިކަމާ އެކު އެ ވާހަކަ ޑަކުޓަރު ޖާދޫއަށް ކިޔައިދިނެވެ... ޑަކުޓަރު އޭނާ ގާތު ބުނީ އޭނާ ހިތްހަމަޖެހެންދެން ޖަމާލާ ދޭތެރޭ ވިސްނުމަށެވެ. އެއަށް ފަހު އޭނާގެ ވިސްނުމުގެ ދޮރުމަތީގައި މީހަކު ފޯރިއަށް ބެހެއްޓުމަށެވެ. އެހެންކަމުން ރެސްޓޯރެންޓުގެ ރީތި ވެށީގެ ތެރޭގައި ސަމުސާ ހަލުވަހަލުވައި އިނދެފައި ކުއްލިއަކަށް އޭނާ ޚިޔާލުތަކުގެ ތެރެއަށް ގެއްލޭ ހިނދު ޑަކުޓަރު ހިނިތުންވެލައިފައި އޭނާގެ އަތުގައި ޖަހައިލައެވެ. "އަނެއްކާ ވެސް އަސް ދުއްވާން ފެށީތަ؟ ތިޔައީ އަޖައިބެއްނު! ފަރީގެ ގާތުގައި އިންނަ އިރު އަހަރެން ދުވަހަކު ވެސް ބަސްހުއްޓޭ ގޮތެއް ނުވޭ. އަހަރެން އިންދާ ފަރީ ޚިޔާލުތަކުގެ ތެރެއަށް ގެއްލެނީ ކީއްވެގެން؟" "އެއީ ޑަކުޓަރަކީ ފިރިހެނެއް ކަމުގައި އަޅުގަނޑު ފަހަރެއްގައި ވެސް ހީނުކުރާތީ ކަމަށް ވެދާނެ." އޭނާ ތެދަށް ބުންޏެވެ. "ސުބްހާނަﷲ. ތިޔަ އެނގުނީ މުޅިން އާ ކަމެއް. ދެން އެހެންވިއްޔާ ފަރީ ހީކުރަނީ އަހަރެން މީ ކޮން ކަހަލަ މީހެއް ކަމަށް؟" ފަރީ އެ ބުނީ ކިހައި ބޮޑު ވާހަކައެއް ކަމެއް އޭނާ އެއްގޮތަކަށް ވެސް އިޙްސާސެއް ނުކުރެއެވެ. ހަމަ އެ ސާދާކަމާ އެކު އޭނާ ބުންޏެވެ. "ޑަކުޓަރު އިންނަވާ ކަމެއް އަޅުގަނޑަށް ފަހަރެއްގައި ވެސް އިޙްސާސެއް ނުކުރެވޭ. ޑަކުޓަރާ އެކު އެކަނި އިންނާކަށް ފަހަރެއްގައި ވެސް ބިރެއް ނުގަނޭ. -- ޑަކުޓަރާ މެދު އެއްވެސް އެއްޗެއް އަޅުގަނޑުގެ ހިތަކަށް ނާރާ. އަޅުގަނޑަށް އިޙްސާސްކުރެވެނީ ވާހަކަދައްކާ ވިސްނާހަދާ މެޝިނެއް އަޅުގަނޑާ އެކުގަ އުލެނީ ކަމަށް." "ފަރީ! ވާހަކަދައްކާ ވިސްނާހަދާ މި މެޝިނުގަ ހިތާ ސިކުނޑި ވެސް އޮވޭ. އެ އެއްޗެހީގަ ޖަޒުބާތު އުފެދޭ ކަމުގެ ހެކި ދައްކަން ފަށައިފި ނަމަ ފަރީ ކުރާނީ ކީއް؟ ތިޔަހާ ބޮޑު ޗެލެންޖެއް އަހަންނާ ނުކުރޭ." "ކޮން ކަހަލަ ޗެލެންޖެއް! ޑަކުޓަރު ތިޔަ ބުނުއްވި އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު! އަޅުގަނޑަށް އިޙްސާސްކުރެވޭ ގޮތް ސާފުސާފުކޮށް މި ނަންގަތީ." (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|