މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބުއްދި މަދު ފިޔޮއް |
|
|
| ދިވެހި - ވާހަކަ | |||
| 23 ސެޕްޓެމްބަރ 2010، 14:59 ބުރާސްފަތި | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ވަލުތެރޭގައި ފިޔޮކެއް ހިނގަމުން ދަނިކޮށް އާދަޔާ ޚިލާފު އެއްޗެއް މަތިން ވެއްޓިއްޖެ އެވެ. ދެން އެސޮރު އެއަށް ބަލާލި އެވެ. އެސޮރަށް ވިސްނުނު ގޮތުގައި އެއީ މިދުނިޔޭގެ އެއްޗެއް ނޫނެވެ. އެހެންވީމާ، އެ ވާނީ އުޑު ފަޅައިގެން ގޮސް، އުޑުން ވެއްޓުނު
އެއްޗެއް ކަމަށެވެ.ފިޔޮއް ހިތަށް އެރި އެވެ. މިއޮތްގެން އުޑު ބޮލަށް ވެއްޓެނީ އެވެ. މި ވާހަކަ މި ޝަހަރުގެ ރަސްގެފާނާ ހަމައަށް ނުގެންގޮސް ކަމަކު ނުދާނެ އެވެ. އެމަނިކުފާނަކީ ތިމާވެށީގެ ބައްޕަ އެވެ. ދެން ފިޔޮއް ރަސްގެފާނުގެ ގަނޑުވަރު ހޯދަން ދަނިކޮށް ކުކުޅަކާ ދިމާވި އެވެ. ކުކުޅު އެއްސެވެ. "ފިޔޮކާއެވެ! މާ ބާރަށް ދުވެފައި ތިދަނީ ކޮންތާކަށް ހެއްޔެވެ؟" ފިޔޮއް ބުންޏެވެ. "މިދަނީ، އުޑު ބޮލަށް ވެއްޓޭތީ އެ ވާހަކަ ރަސްގެފާނު އަރިހުގައި ދެންނެވުމަށެވެ." ކުކުޅު ބުންޏެވެ. "ފިޔޮކާއެކު މަވެސް ދާނަމެވެ." ދެން ކުކުޅާއި ފިޔޮކާ އެކީގައި ދަނިކޮށް ހާލަކާ ދިމާވި އެވެ. ހާ އެއްސެވެ. "ކުކުޅާއި ފިޔޮއް، މާ ބާރަށް ދުވެފައި ތިދަނީ ކޮންތާކަށް ހެއްޔެވެ؟" ކުކުޅާއި ފިޔޮއް ބުންޏެވެ. "އަހަރެމެން މިދަނީ، އުޑު ބޮލަށް ވެއްޓޭތީ އެ ވާހަކަ ރަސްގެފާނު އަރިހުގައި ދެންނެވުމަށެވެ." ހާ ބުންޏެވެ. "ތިވާހަކަ ދެންނެވުމަށް މަވެސް ބައިވެރިވާނަމެވެ." ހާލާއި ކުކުޅު، ފިޔޮކާ ގުޅުނު ބީދައިން ރޭރާއި އަސްދޫންޏާއި އެފަދަ އެތައް ސޫފިތަކެއް މި ޖަމާޢަތަށް ވަދެއްޖެ އެވެ. ދެން މިހުރިހައި ސޫފިތަކެއް ރަސްގެފާނުގެ ގަނޑުވަރު ހޯދަން ދަނިކޮށް ހިޔަޅަކާ ދިމާވި އެވެ. ހިޔަޅު އެއްސެވެ. "ސޫފިތަކާ އެވެ! މާ ބާރަށް ދުވެފައި ތިދަނީ ކޮންތާކަށް ހެއްޔެވެ؟" ސޫފިތައް ބުންޏެވެ. "އަހަރެމެން މިދަނީ، އުޑު ބޮލަށް ވެއްޓޭތީ އެ ވާހަކަ ރަސްގެފާނު އަރިހުގައި ދެންނެވުމަށެވެ." ހިޔަޅު އަނެއްކާ އެއްސެވެ. "މަތީގައިވާ ބިޔަ އުޑު އަހަރެމެންގެ ބޮލަށް ވެއްޓެނީހެއްޔެވެ؟" ސޫފިތައް ބުންޏެވެ. "އާނއެކެވެ. މަތީގައިވާ ބިޔަ އުޑު ކުދިކުދިވެގެން ފައިބަނީ އެވެ." ހިޔަޅު ބުންޏެވެ. "ރަސްގެފާނުގެ ގަނޑުވަރު ހުރި ތަނެއް ތި ސޫފިތަކަށް އެނގޭހެއްޔެވެ؟" ސޫފިތައް ބުންޏެވެ. "ނޫނެކެވެ. ނޭނގެ އެވެ. ނަމަވެސް އަހަރެމެން މިދަނީ ގަނޑުވަރު ހޯދުމަށްޓަކަ އެވެ." ހިޔަޅު ބުންޏެވެ. "މަށާއެކު އަންނާށެވެ! އޭރުން ރަސްގެފާނުގެ ގަނޑުވަރު ދައްކައިދީފާނަމެވެ." ދެން ސޫފިތައް ހިޔަޅުގެ ފަހަތުން ދިޔަ އެވެ. ސޫފިތައް ގޮވައިގެން ހިޔަޅު ދިޔައީ، ހިޔަޅުތައް ދިރިއުޅޭ ފަޅުގެޔަކަށެވެ. ދެން އެގޭގައި އުޅޭ ހުރިހައި ހިޔަޅުތައް އެއްވެ، އެ ސޫފިތައް މަރާލައިގެން ކާލި އެވެ. ކުދިންނޭވެ! މިވާހަކައިގައި އުޅޭ ފިޔޮއް ފަދަ، ބުއްދިއާއި ތަޖުރިބާ މަދު މީހުން އުޅެ އެވެ. އެ މީހުން ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ބެލުމެއްނެތި، އެވާހަކަތައް ޤަބޫލުކުރާކަށް ނުވާނެ އެވެ. އަދި މިވާހަކައިގައި އުޅޭ ހިޔަޅު ފަދަ، މަކަރުވެރި މީހުން ވެސް އުޅެ އެވެ. އެ މީހުންގެ ބަހަށް ހެއްލުމަކީ، ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމެކެވެ. މަޞްދަރު: އަލްބިޝާރާ ފޯރަމް.
|
| ހަމަ މި ގަލަމުން |
|---|