މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަލްފު ލައިލާ ވަލައިލާ (3) |
|
|
| ދިވެހި - ވާހަކަ | |||
| 04 އޮކްޓޫބަރ 2010، 02:07 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން ![]() 431 ވަނަ ރޭ، ޝަހުރުޒާދު ވާހަކަ ކިޔައިދޭން ފެށި އެވެ. ބާއްޖަވެރި ރަސްގެފާނެވެ. އަބުލްޙަސަނުގެ ގާތުގައި ޖާރިޔާ އެހެން ބުނުމުން، އަބުލްޙަސަނު އެކަމާމެދު ވިސްނާ ފިކުރުކުރަން އިންދާ އޭނާއަށް ނިދިޖެހިއްޖެ އެވެ. ދާދި އަވަހަށް އޭނާގެ ނިދި ގަދަވެ، ސާޢަތެއް ވަންދެން ހުވަފެންތަކެއް އޭނާއަށް ފެނުނެވެ. އަބުލް ޙަސަނަށް ފުރަތަމަ ފެނުނީ ވަރަށް އާދަޔާ ޚިލާފު ހުވަފެނެކެވެ. އެ ހުވަފެނުގައި އޭނާއިނީ، މޭޒެއްގެ މަތީގައި ބަހައްޓާފައިހުރި ވަރަށް އާދަޔާ ޚިލާފު އެއްޗެއްގެ ކައިރީގަ އެވެ. އޭގައިވާ ފިތްތަކަށް އޮބައި، އޭގެ ކައިރީގައިވާ މިދަލަކާ އޭނާ ކުޅެމުން ގެންދިޔަ އެވެ. އޭނާ އޭއްޗާ ކުޅެލުމުން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށްލެވެ އެވެ. އޭގެތެރޭން ލާފައި އަބުލްޙަސަނު މުޅިދުނިޔޭގެ އެތަންމިތަނަށް ނަޒަރު ހިންގަމުން ގެންދިޔަ އެވެ. އޭނާއަށް ފެންނަމުން ދިޔައީ އޭނާ ދިރިއުޅޭ ޒަމާނުގެ ކަންތައްތަކެއް ނޫނެވެ. އެކަމަކު އެތައް ޤަރުނުތަކެއް ފަހުން އަންނާންހުރި ކަންތައްތަކެކެވެ. ޖައްވުގައި އުދުހޭ މަތިންދާބޯޓްތަކެވެ. ފަޒާގެ ކަންކޮޅުތަކަށް ދަތުރުކުރާ ރޮކެޓްތަކެވެ. ނަލައޮޕަރޭޝަންކޮށްގެން މީހުންގެ ސިފަ ބަދަލުކުރާ ތަނެވެ. ޢަރަބި ޖަޒީރާގެ އިރުމަތީގައި ބަކަރިހުއިހައްޕަން އުޅުނު ބަދަވީންގެ ބަޔަކު އުސް ޢިމާރާތްތައް އަޅާތަނެވެ. އަދި ޢަރަބި ވިޔައަކުރާއި ހިންދީ ވިޔައަކުރުން އުފައްދާފައިވާ ކުދިކުދި އަކުރުތަކެއް ވެސް އޭނާއަށް ފެނުނެވެ. އެ އަކުރުތަކާބެހޭ ގޮތުން އޭނާ ހޯދި ހޯދުމުން އޭގެ ނަން އެނގުނެވެ. އެއަށް ކިޔަނީ ތާނަ އެވެ. ތާނައިން ލިޔާ ވަރަށް މަޝްހޫރު ވެބްސައިޓެއް ވެސް އޭނާއަށް ފެނުނެވެ. އެ ވެބްސައިޓަށް ކިޔަނީ ފަންވަތް ޑޮޓް އިންފޯ އެވެ. އެތައް އިރެއް ވަންދެން ފޫހިވުމެއް ނެތި، ފަންވަތުގައިވާ ލިޔުންތައް ކިޔަން އޭނާ އިނެވެ. އެޔަށްފަހު އިންޓަނެޓްގެ ކިބަޅި ފަރާތުގެ މަސްރަޙަށް ވެސް އޭނާ ނަޒަރު ހިންގާލި އެވެ. އޭނާގެ ޒަމާނުގައި ނެތް ކިތަންމެ ކަމެއް އެ މަސްރަޙުން އޭނާއަށް ފެނުނެވެ. އޭނާއަށް ފެނުނު އެއް މަންޒަރަކީ، ފަންވަތުގައި ޝާއިޢުކުރާ ލިޔުންތައް ކޮޕީކޮށްގެން، އަސްލު ލިޔުންތެރިން ނޫން އެހެން މީހުންގެ ނަމުގައި، ޝާއިޢުކުރާތަނެވެ. ޚާއްޞަކޮށް ފަންވަތުގައިވާ ވާހަކަތަކެވެ. އެންމެފަހުން، ފަންވަތުގައި މިލިޔެވޭ އަލްފުލައިލާ ވަލައިލާ ވާހަކަ ވެސް ވަނީ ކޮޕީކޮށްގެން އެހެން މީހެއްގެ ނަމުގައި، އެހެން ވެބްސައިޓެއްގައި ޝާއިޢުކޮށްފަ އެވެ. އަބުލްޙަސަނު ހިތަށް އެރިއެވެ. ކުޅިސަމާ އޮތީ އަދި އަންނަން އޮތް ޒަމާންތަކުގައިތާ އެވެ! މިހިސާބަށް ކިޔައިދެވުނުތަނާ، ވާހަކައަށް ހުއްދަވެފައިވާ ވަގުތު ނިމި، ފަތިސްވެއްޖެކަން އެނގުމުން، ޝަހުރުޒާދު ވާހަކަ ކިޔުން ހުއްޓާލައިފި އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)
![]()
...
ލިޔުނީ އަހުމަދު, 2010-10-04 02:07:41
432 ވަނަ ރެޔަށް އިންތިޒާރުކުރަން. މީވަރަށް ފައްކާރެއެއް. ކުރިން ނޭގޭ ޖަންގައްޔެއް މިލިއުމުން ފެނިއްޖެ. ޝުކުރިއްޔާ
...
ލިޔުނީ bas nuvikey odi, 2010-10-04 13:52:13
ވާހަކައިގެ ތެރެއަށް ފިނިތޮށި ކާފޫރުތޮޅި ނާޅާ ލިއެލަ ދެއްވުން އެދެމެވެ. ފަންވަތުގެ ލިއުންތައް ކޮޕީކުރުމަކީ ފަންވަތައް ލިބޭ ޝަރަފެކެވެ. ކޮޕީ ކުރުމަކީ ތިމާމެންގެ ނުކުޅެދުންތެރިކަމަށް ތިމާ އަމިއްލައަށްވާ އިޤްރާރުވުމެކެވެ.
...
ލިޔުނީ Hasyn, 2010-10-05 08:31:03
ނޫނޭނޫނޭ ފަންވަތަށް ވެސް ޝަރަފެއްލިބޭނީ ފަންވަތުން ނެގިއެއްޗެކޭ ބުނާނަމަތާއޭ. އެހެންނުބުނާތާގައި ލިއުނު މީހާގެ ނަންވެސްވަނީ ބަދަލުކޮށް އެހެން މީސްމީހުންގެ ނަންޖަހާފައެވެ. އިސްލާމީ ސަރިއަތުން ސަރިއަތް ކުރާނަމަ އެކަހަލަ ކަންތައް ކުރާކަން ނުކެރޭނެވެ.
...
ލިޔުނީ އިބްރާހީމް ނަޝީދަށް, 2010-10-09 17:55:24
ފަންވަތުގައިވާ ލިޔުންތައް ކޮޕީކޮށްގެން، އެހެން ވެބްސައިޓްތަކުގައި ޝާއިޢުކުރާކަން ވަނީ އެނގިފައެވެ. ޢަބްދުލްމުޢީދު ޙަސަން ނޫން އެހެން ލިޔުންތެރިންގެ ލިޔުންތައް ވެސް، ޟޯދުގެ ނަމުގައި ޝާއިޢުކޮށްފައި އެބަހުއްޓެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|