މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކަރުނައިގެ މުތީ (9) |
|
|
| ދިވެހި - ވާހަކަ | |||
| 20 ފެބްރުވަރީ 2011، 20:45 އާދީއްތަ | |||
|
ތަރުޖަމާ ކުރީ: މުޙަންމަދު ޝާހިދު ޙަލީމު (2002) (14 ފެބްރުވަރީ 2011، ހޯމައާ ގުޅޭ) ތާޖް މަޙަލުގެ ވާހަކަ އައުމާއެކު ޝާހް ޖަހާނުގެ ހުރިހައި ސަމާލު ކަމެއް، ކޮންމެވެސް ގޮތަކުން އެ ތަން ދެކެވަޑައި ގަތުމަށް ބޭނުންފުޅުވެފައި ވާ އެ އެދުންފުޅުގެ މައްޗަށް ހުއްޓުނެވެ. އެމަނިކުފާނު ވަރަށް ނުތަނަވަސްފުޅު ކަމާއެކު ވިދާޅުވިއެވެ."އިންސާނާ ކިހާ ބަލިކަށި. ތިމާގެ އެދުންތަކުގެ ކުރިމަތީގަ އޭނާ ކުޅޭ އެއްޗަކަށް ވެދޭ. އެހެން މީހުން އޭނާގެ އެ ބަލިކަށިކަމުން ފައިދާ ހޯދައިގެން ކުޅޭއެއްޗެކޭ އެއްފަދައިން އޭނާއާ ކުޅޭ. އަހަރެން އަހަރެންގެ އުންމީދުތަކުގެ ގަނޑުވަރު ދެކެން ކިހާ ބޭނުންކަން ކަލެއަށް ވެސް އެނގޭ. ކަލެއަކީ ވަފާތެރި ނޯކަރެއް ވިއްޔާ އަހަންނަށް ތާޖް މަޙަލް ފެންނާނެ ގޮތް ހަދައިދީ. ކަލޭގެ މުސްކުޅި އުމުރު އަރާމުގަ ވޭތިކޮށްލެވޭ ވަރަށް އަހަރެން ކަލެއަށް އިނާމުދޭނަން." "އަޅުގަނޑު، އަޅުގަނޑުގެ މުސްކުޅި އުމުރާމެދު ފިކުރެއް ނުކުރަން. އަޅުގަނޑު ފިކުރު ކުރަނީ މަނިކުފާނުގެ މުސްކުޅިފުޅު އުމުރުފުޅާ މެދު. މަނިކުފާނުގެ އާލާސްކަންފުޅާ އެކަނިވެރި ގައިދާ އެއްވެސް ބާރުފުޅެއް ނެތުމާ ކޮންމެ ގޮތަކަށް ރުހިވަޑައިގަތުން ފެނިފަ އަޅުގަނޑުގެ މުސްކުޅި އުމުރުގަ ހަމަޖެހުން ލިބިއްޖެ. ހައް- ހައް- ހާއް." އޭނާ ހެނމުން ގެންދިޔައެވެ. ކުޑައިރުކޮޅެއްގެ ފަހުން އޭނާ ޝާހީ ރޭނުންތެރިޔާ ގޮވައިގެން އައެވެ. އަދި ބާދްޝާހެ ސަލާމަތު އޮށޯވެވަޑައިގެން އޮންނެވި ފަރާތުން ފާރުގައި ލޯވަޅެއް އަޅުވަން ފެށްޓިއެވެ. ބައިގަޑިއިރުގެ މަސައްކަތުން އެއްފަރާތުން އަނެއްފަރާތް ފެންނަ ވަރުގެ ލޯވަޅެއް އެޅުނެވެ. ޝާހީ ރޭނުންތެރިޔާ ދިއުމުން ޝަރީފުލްމަލިކު ދެންނެވިއެވެ. "އަޅުގަނޑުގެ ދުރުކުރެވިފައިވާ ޝެހެންޝާހް! މި ލޯވަޅުގަ ލޯފުޅު ޖައްސަވާފަ ބައްލަވާލައްވަ ބައްލަވަ. ބޭރުގަ ހަނދު އެހެރީ އަރާފަ. ހަނދުވަރު އެ އޮތީ ދީފަ. މި ހަނދުވަރުގަ ވަރަށް ދުރުން ޖަމްނާގެ އައްސޭރިން ތާޖް މަޙަލް އެހެރީ ފެންނަން. މަނިކުފާނަށް މި މަންޒަރުން ވަރަށް އުފާފުޅު ލިބިވަޑައިގަންނަވާނެ!" ބާދްޝާހެ ސަލާމަތު ތާޖް މަޙަލު ދެކެވަޑައިގަންނަވާ ހިތްޕުޅުން ފުރޮޅިވަޑައިގެންފައި ފާރާ ކައިރިއަށް ޖެހިވަޑައިގަތެވެ. ލޯވަޅުގައި އެއް ލޯފުޅު ޖައްސަވައިފައި ބޭރު ބައްލަވާން ފެއްޓެވިއެވެ. ބޭރުގައި އޮތީ ހަނދުވަރެވެ. ބަގީޗާއެވެ. ޝަބްނަމުން ތެމިފައިވާ ގަސްތަކެވެ. ޖަމްނާގެ ރާޅުތައް ރިހިފަތްގަނޑެއް ހެން ވިދައެވެ. އެ ކޯރުގެ އައްސޭރީ ގައި ތާޖް މަޙަލް ވިދަވިދައި ހުއްޓެވެ. އެކަމަކު ޝާހް ޖަހާނުގެ ލޯފުޅުގެ ކުރިމަތީގައި ހަނދުވަރުގެ ބަދަލުގައި ފެތުރިފައި އޮތީ ފަނޑު އަލީގެ ފުސްކަމެކެވެ. މި ފުސްކަމުގެ ތެރެއިން ފެނިވަޑައިގަންނަވަނީ ތާޖް މަޙަލުގެ ހަމަ އެކަނި ވިދުވަރެކެވެ. އެ ގަނޑުވަރުގެ ފުރިހަމަ ބިނާއެއް ނޫނެވެ. އެކަމަކު އޭރު އެ ގަނޑުވަރު ހުރީ ގާތްގަނޑަކަށް މުޅިން ފުރިހަމަވެފައެވެ. އެމަނިކުފާނަށް ސާފުކޮށް ފެނިވަޑައިނުގަންނަވަނީ ލޯފުޅުގެ ފެނިވަޑައިގަތުން ދެރަވުމުގެ ސަބަބުންނެވެ. ދުރުގައި ހުންނަ ހުރިހައި އެއްޗެއް ލޯފުޅުގެ ކުރިމަތީގައި ދަނީ ފުސްވެގެނެވެ. އެހެންކަމުން ހަނދުވަރު ވެސް ފެނިވަޑައިގަންނަވަނީ ދުރުދުރަށް ދަންދެން ހުދުކުލައިގެ ދުންފިނީގެ ފޮތިގަނޑެއް ފަތުރައިލައިފައި އޮތް ހެނެވެ. ޝަބްނަމުގެ ދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ފެނިވަޑައެއް ނުގަނެއެވެ. އެމަނިކުފާނުގެ ޒުވާންފުޅު އިރުގެ ހުވަފެންފުޅު މުސްކުޅިފުޅު އިރުގެ ދެރަ ލޯފުޅުން ފެނިވަޑައިގަންނަވާނޭ ގޮތެއް ނެތެވެ. އެމަނިކުފާނު ވިހިއަހަރު ވަންދެން މުމްތާޒް މަޙަލާ އެކުގައި ގަނޑުވަރެއްގެ ހުވަފެންފުޅު ދެކެވަޑައިގަތެވެ. ދެން އެ ހުވަފެންފުޅުގެ ތަޢުބީރު އަދި އެ ގަނޑުވަރު ބިނާކުރެއްވުމުގައި އިތުރު ވިހި އަހަރު ހޭދަވިއެވެ. ސާޅީސް އަހަރުގެ ތެރޭގައި އެ ހުވަފެންފުޅު ބަދަހި އެއްޗެއްގެ ގޮތުގައި ބިމުގެ އަތްތިލައިގެ މަތީގައި އުފެދުނެވެ. އަދި މި ސާޅީސް އަހަރުގެ ތެރޭގައި އެމަނިކުފާނު މުސްކުޅިފުޅުވެ، ފެނިވަޑައިގަތުން ގެއްލި، އެ މަނިކުފާނުގެ ލޯބިފުޅުގެ ގަނޑުވަރުގެ ކައިރިއަށް ވަޑައިގެން އެ ގަނޑުވަރުގައި އަތްޕުޅު ވެސް ނުލެއްވޭ ވަރަށް އަދި ދުރުން އެ ގަނޑުވަރު ފެނިވަޑައި ނުގަންނަވާ ވަރަށް މަޖުބޫރުވެވަޑައިގަތެވެ. އެމަނިކުފާނުގެ ހިތްޕުޅަށްއެރިއެވެ. މިއީ އެންމެ ލޯވަޅެކެވެ. އެމަނިކުފާނު އެ ބައްލަވަނީ އެއް ލޯފުޅުންނެވެ. އެމަނިކުފާނު ދެ ލޯފުޅުން ބައްލަވައިފި ނަމަ ތާޖް މަޙަލް ތަންކޮޅެއް ސާފުވެދާނެއެވެ. އެމަނިކުފާނު އެނބުރިވަޑައިގެންފައި އެއްލޯ އަނދިރި ޝަރީފުލްމަލިކަށް ވިދާޅުވިއެވެ. "އަހަންނަށް ދެ ލޮލުން ތާޖް މަޙަލް ބެލޭ ވަރަށް މި ލޯވަޅު ބޮޑުކުރޭ! އަހަރެންގެ ފެނުން ވަނީ ކޮށިވެފައި. އެއް ލޮލަށް ރީއްޗަކަށް ނުފެނޭ!" ޖަވާބު ގައި ޝަރީފުލްމަލިކު ބާރަށް ހީނގެންފައި ދެންނެވިއެވެ. "މާތް ސާހިބާ! މި އަޅާ ވެސް އެއް ލޯ އަނދިރިވެފައި ވާތާ އެތައް ދުވަހެއް. މަނިކުފާނުގެ އޯގާވެރިފުޅުކަމުން އަޅުގަނޑުގެ އެއް ލޯ ވަނީ ގެއްލިފަ. އަޅުގަނޑު މި އޮތް ބޮޑު ދުނިޔެ މި ބަލަނީ އެއް ލޮލުން. މަނިކުފާނަށް ހަމައެކަނި އެންމެ ތާޖް މަޙަލެއް އެއް ލޯފުޅަކުން ނުބެއްލެވޭނެތޯ؟ މަތިވެރި ސާހިބާ! މަނިކުފާނަކީ ބާދްޝާހެއް. އަޅުގަނޑަކީ މަނިކުފާނުގެ ނިކަމެތި ޚާދިމެއް. ބަދަލުހިފުމަށް، އަޅުގަނޑަކަށް މަނިކުފާނުގެ އެއް ލޯފުޅެއް ހަލާކުކޮށެއްނުލެވޭނެ. އެއީ ޝެހެންޝާހެ ވަގުތު ޡިއްލު ސުބްޙާނީ އޯރަންގް ޒޭބު، މަނިކުފާނު، ހަމައެކަނި ކުރެއްވީ ހައްޔަރު. އެމަނިކުފާނު މަނިކުފާނަށް އެއަށް ވުރެން އިތުރު އަނިޔާއެއް އަރުވާކަށް ބޭނުންފުޅެއް ނުވޭ. އެހެންވީއިރު އަޅުގަނޑަށް މަނިކުފާނުގެ އެއް ލޯފުޅަށް ގެއްލުމެއް ދިނުމަކީ ކިހިނެއް ކުރެވޭނެ ކަމެއްތޯ! އެކަމަކު މަނިކުފާނު އަޅުގަނޑުގެ ބެލުމުގެ ދަށުގަ އޮންނަވާ އިރު ހަމައެކަނި އެއް ލޯފުޅުން ގައިދުޚާނާއިން ބޭރުގެ ދުނިޔެ ފެނިވަޑައިގަންނަވާނޭ ގޮތް ހެދުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. މިހާރު ވެސް މަނިކުފާނު ތި ދެކެވަޑައިގަންނަވަނީ. ހައް- ހައް- ހާއް..." ބާދްޝާހެ ސަލާމަތުގެ ކުރިފުޅުމަތީގައި އެމަނިކުފާނުގެ ދަރިކަލަކަށް ވެސް ހަތަރުކަޅިފުޅު ހަމަކުރައްވައިގެން ވާހަކަފުޅުދައްކަވާން ކެރިވަޑައިނުގަތް ވަގުތު ވެސް އައެވެ. މިހާރު މި ވަނީ ނިކަމެތި ނޯކަރަކު ވެސް އެމަނިކުފާނާ ދިމާއަށް ހިތަށް އައިހައި އެއްޗެއް ބުނުމުގެ ވަގުތު ވެސް އައިސްފައެވެ. އެ މަނިކުފާނު ކޯފާވެފައި ވިދާޅުވިއެވެ. "އަހަރެންގެ ކުރިމަތިން ދުރަށްދޭ! އޯރަންގް ޒޭބު ނެތިއްޔާ މުޙަންމަދު އަޢުޡަމަށް ގޮވާ. އަހަރެން ކަލެއަށް މަރުގެ ޙުކުމް އިއްވާނަން!" "ޝައްކެއް ނެތް. މަނިކުފާނު ވިދާޅުވެއްޖެއްޔާ އަޅުގަނޑުގެ ބޯ ކަނޑާލަފާނެ. އަޅުގަނޑު މި ނޯކިރީ ގަބޫލު ކުރީ ފުރާނަ އަތްމައްޗަށް ލާފަ. މަރުގެ އަދަބު ވެސް އަޅުގަނޑު ގަބޫލުކުރާނަން. އެއީ އަޅުގަނޑުގެ ބަދަލުހިފުން މިހާރު އެ އަންނަނީ ފުރިހަމަވަމުން. މި މުސްކުޅިކަމަށްފަހު ދެން ވާނީ މަރު. މަރުގެ އަދަބުގެ ގޮތުގަ މަރުވިޔަސް ތަފާތެއް ނެތް. އެހެން ވިޔަސް މަނިކުފާނުގެ ލޯބިފުޅުވާ ދަރިކަލުން ދާރާ ޝިކޯހް ހައްޔަރުވެ ވަޑައިގެން އަދި ބަޣާވާތްކުރެއްވުމުގެ ކުށުގަ އެމަނިކުފާނުގެ ލޯފުޅު އަނދިރި ނުކުރަނީސް، މަރުނުވުމަކީ އަޅުގަނޑުގެ އުންމީދެއް!" ދާރާ ޝިކޯހުގެ ލޯފުޅު އަނދިރިކުރެވިދާނެ ހެއްޔެވެ؟ އެމަނިކުފާނުގެ ހިތްޕުޅަށް އެފަދަ އެއްޗެއް ފަހަރެއްގައި ވެސް ނޭރުއްވޭނެއެވެ. އަދި އެ ފަދަ ވާހަކައެއް އަޑުއައްސަވާކަށް ވެސް ރުހިވަޑައެއް ނުގެންނެވޭނެއެވެ. މި އެއް ލޯ އަނދިރި ނުލަފާ މީހާގެ ދުލުން އެ ވާހަކަ އަޑުއިވިވަޑައިގަތުމުން ކޯފާވެގެން ތުރުތުރުފުޅުއަޅައިގަތެވެ. އެމަނިކުފާނު ބާރު އަޑުފުޅުން ވިދާޅުވިއެވެ. "ފާޑުފާޑުގެ ވާހަކަ ނުދައްކާ، ނުލަފާ ކަލޭގެ އާ! އަހަރެންގެ ކުރިމަތިން ދުރަށް ދޭ! އޯރަންގް ޒޭބަކީ އަހަރެންގެ ދަރިއެއް. އަހަރެން އޭނާ ރަނގަޅަށް ދަންނަން. އޭނާ ދާރާ ޝިކޯހުގެ ފުރާނައިގެ ދުޝްމަނަކަށް ވެދާނެ. އެކަމަކު ދާރާ ޝިކޯހުގެ ދެ ލޮލުގެ ދުޝްމަނަކަށް ނުވާނެ. އެއީ އެ ދެ ލޮލަކީ އަހަރެން ލޯބިވާ އެއްޗަކަށް ވާތީ. މަލިކާ އަވަހާރަވުމަށް ފަހު އަހަރެން ދުނިޔޭގަ ބެހެއްޓީ އެ ދެ ލޯ." "އެންމެން ވެސް ދުނިޔޭގަ ބައިތިއްބަނީ ދެ ލޯ. ދިރިއުޅުމުގެ އުފާ ލިބިގަނެވެނީ ދެ ލޮލުން. އެކަމަކު މަނިކުފާނު ވެރިކަމަށް އިސްވެވަޑައި ވެސް ނުގެން ޝެހެޒާދާ ޝެހެރިޔާރުގެ ދެ ލޯފުޅުގަ ދޮންދަގަނޑު ޖެއްސުވީމު! ރަސްރަސްކަލުންނާ ރަސްދަރިދަރިކަލުންގެ ކުޅިގަނޑުގަނޑަކީ އެ ކަހަލަ ލޭ އޮހޮރުވާ އެއްޗެއް. ތާރީޚުގެ ހުރިހާ ހިސާބެއްގަ ވެސް އެ ކަހަލަ ކުޅިގަނޑު ކުޅެވޭނެ. މަނިކުފާނު ވެސް ދާރާ ޝިކޯހުގެ ލޯފުޅާ މެދު ދެން ކުރައްވަންވީ ހިތާމަ! ޝަކުވާއެއް ނޫން!" މިހެން ދަންނަވައިފައި އޭނާ ހިނގައްޖެއެވެ. ގިނިކަންޏާ އޮންނަވައިގެން ބާދުޝާހުގެ ލޯފުޅު އެމަނިކުފާނުގެ ލޯބިފުޅުވާ ދަރިކަލުން ދެކެމުން ދިޔައެވެ. އެމަނިކުފާނުގެ ހިތްޕުޅު އެ ދަރިކަލުންނަށް ގޮވަމުން ދިޔައެވެ. އެމަނިކުފާނު ކުރިފުޅުމަތީގައި ހުންނެވި ނަމަ އަރިހަށް ގެންނަވައި އެ ދަރިކަލުންގެ ލޯފުޅުން މުމްތާޒް މަޙަލު ބެއްލެވީހެވެ. މުމްތާޒް މަޙަލު ފެނިވަޑައިގަތުމުން ތާޖް މަޙަލް ވެސް ފެނިވަޑައިގަތީއެވެ. ޚުދު ތާޖު މަޙަލަށް އެމަނިކުފާނުގެ އަރިހަކަށް ނާދެވޭނެއެވެ. އެކަމަކު ދަރިކަލުންގެ ލޯފުޅުން އެ ގަނޑުވަރުގެ ސިފަ ފެނިވަޑައިގަންނަވައެވެ. އެ ލޯފުޅަކީ މުމްތާޒް މަޙަލަށް ވެވަޑައިގެންފައި ވާ ވަޢުދުފުޅު ހަނދުމަފުޅުކޮށް އަރުވާ ލޯފުޅެކެވެ. ތާޖް މަޙަލް ވުޖޫދަށް އައީ ވެސް އެ ލޯފުޅުގެ ޙަރަކާތުން ކަން ނޭނގެއެވެ. މި އެކަނިވެރިކަމުގެ ގައިދާ ވަރަށް ދުރުގައި ދާރާ ޝިކޯހް ނާކާމިޔާބާ ބައްދަލު ކުރައްވަމުން ދިއްލީއަށް ވަޑައިގަތެވެ. އެމަނިކުފާނުގެ ނަސީބުފުޅު ދެރަކަމުން އޯރަންގް ޒޭބުގެ އަތްޕުޅު ދަށުގައި ހައްޔަރުވެވަޑައިގަތެވެ. ދުވަސްކޮޅެއް ވަންދެން އެމަނިކުފާނު އަނދިރި ކޮޓަރީގައި ހައްޔަރު ކުރައްވައިފައި ބެހެއްޓެވިއެވެ. ދާރާ ޝިކޯހްގެ އަރިސް ބޭފުޅުން އެމަނިކުފާނަށް މަޝްވަރާ އެރުވީ ދާރާ ޝިކޯހަށް ވޭންފުޅުދެއްވައިގެން އަވަހާރަކޮށްލެއްވުމަށެވެ. އެއީ ބާކީ އެހެން ޝެހެޒާދާއިންނަށް ވެސް ޢިބްރަތަކަށެވެ. އެކަމަކު އޯރަންގް ޒޭބު އަމުރުފުޅުކުރެއްވީ ހަމައެކަނި އެމަނިކުފާނުގެ އިސްތަށިފުޅު ވަކިކޮށްލެއްވުމަށެވެ. ފަހުން، އެމަނިކުފާނުގެ އިސްތަށިފުޅު ޝާހް ޖަހާނުގެ އަރިހަށް ފޮނުވުމަށް ބައެއް މީހުން ލަފާއެރުވިއެވެ. އެކަމަކު އޯރަންގް ޒޭބު އެ ކަމަކާ ވެސް ރުހިވަޑައެއްނުގަތެވެ. އެމަނިކުފާނު ކުރެއްވި ކަމަކީ ހަމައެކަނި ބާޣީއަކަށް އަދަބުދެއްވީއެވެ. ލޯބިފުޅުވާ ދަރިކަލުންގެ އިސްތަށިފުޅު ފޮނުވައިގެން ބައްޕާފުޅަށް އިތުރު ވޭންފުޅު ދެއްވާކަށް އެމަނިކުފާނު ބޭނުންފުޅެއް ނޫނެވެ. 30 އޯގަސްޓް 1659 ބުދަ ދުވަހުގެރޭގެ މެންދަމު ވަގުތެވެ. ވިއްސާރަ ކަޅުފޮއި ރެއެކެވެ. ކޮނޑު ހުރި އަތް ވެސް ނޭނގެއެވެ. ދުރުކުރެވިފައިވާ ޝެހެންޝާހް ހާލާތުގެ އަނދިރީގައި އެނދުދާންކޮޅުގައި އޮންނެވިއެވެ. އެއް ފަރާތުގައި ދެތިން ބައްތި ދިއްލައިފައި ހުއްޓެވެ. އެ ބައްތިތަކުގެ ހުޅުގަނޑުތައް ތޫފާނީ ވައިގައި ތެޅިތެޅި ހުއްޓެވެ. އެމަނިކުފާނު އެއްފަރާތަށް ބައްލަވާން އޮންނަވައިގެން ގިނިކަންޏާ މަޑުމަޑުން ވާހަކަފުޅުދައްކަވަމުން ގެންދަވައެވެ. އެމަނިކުފާނުގެ ލޭފޮދާއި ލޯބިފުޅުގެ ގުޅުންތަކަށް ވިދާޅުވަމުން ގެންދަވައެވެ. "އަހަރެންގެ ދާރާ ޝިކޯހް ކޮބާ؟ ޝުޖާޢު! މުރާދު! އޯރަންގް ޒޭބް! ދަރިފުޅުމެން އެންމެން ތި އުޅެނީ ކޮންތާކު؟ ދިރިއުޅުމުގެ އަނދިރި ރޭތަކުގަ ދަރިފުޅުމެން މުސްކުޅި، ބަލި ބައްޕަ ދޫކޮށްލީ ކީއްވެގެން؟" "އާހް. އަހަންނަކީ ކުރިން ހިންދުސްތާނުގެ ޝެހެންޝާހް. މިއަދު އަހަރެންގެ އަތުން މި ވަނީ ވެރިކަން ނެގިފަ. ބޮލުގަ ތާޖެއް ނެތް. ހުރީ ޒަމަނުގެ ހިރަފުސް. ހިތް ހިތާމަކުރާ ފަދައިން، ތެޅިތެޅިފަ ލޯބީގެ ގުޅުންތަކަށް ގޮވަނީ. ދެ ލޯ ފެންބޮވައިގެންފަ ވަނީ ދެކޭ ހިތުން. މި ކަހަލަ ސަލާންޖަހާ ޝެހެންޝާހެއް ތާރީޚު ދުވަހަކު ވެސް ދެކެފަ ވާނޭ ކަމެއް ނޭނގެ." "އަހަރެން އެބަ ކަންބޮޑުވޭ. ހީވަނީ ކަމެއް ވާން އުޅޭ ހެން. ގިޔާމަތެއް ވާން އުޅޭ ކަހަލަ. އިރުއިރުކޮޅާ ގުގުރާ އިރު ހީވަނީ މަރުގެމަލާއިކަތާ ދިރިހުރުމަށް ބިރުދައްކާހެން. މިހާ ދިގު އުމުރެއް ހޭދަކުރި އިރު ވެސް ހީވަނީ އަހަންނަށް މި ދުނިޔެއަށް އާދެވުނީ އެންމެ ސިކުންތަކަށް ހެން. އަނެއް ސިކުންތު ފެށުމުގެ ކުރިން ދުނިޔެއާ މި ވަކިވަނީ ހެން. ދިރިހުރުމަކީ އެހާ ކުޑަ ހިނދުކޮޅެއްގެ އެއްޗެއް. ވިދުވަރު ފަދައިން ކުޑަ ހިނދުކޮޅަކަށް ވިދާލާފަ ނެތުމުގެ އުނގުގެ ތެރެއަށް ހިނގައިދާނެ." "ދިރިއުޅުމުގެ މި ހިނދުކޮޅުގަ އަހަންނަށް ލިބުނީ ކޮން އެއްޗެއް؟ ގެއްލުނީ ކޮން އެއްޗެއް؟" "ޝާހް ބާނޫ! އަޅުގަނޑުމެން ހިނގާފަ މި އައީ ކިހާ ދުރަކުން. މީނާ ބާޒާރުގެ މާތަކުގެ ތެރޭން ކަމަނާއާ ބައްދަލުވި. އަޅުގަނޑަށް ތާޖް މަޙަލުގެ ހުވަފެން ދެއްކުވި. މިއަދު އެ ތާޖް މަޙަލު ބިނާކުރެވިއްޖެ. އެކަމަކު އެ ގަނޑުވަރު ފެނިވަޑައިގަތުމުގެ ކުރިން ކަމަނާ މި ދުނިޔޭން ވަކިވެވަޑައިގަތުމަކީ ކޮން ފަދަ ބަދުނަސީބެއް. އަޅުގަނޑު ދިރި މި އޮންނަނީ ވެސް، މި މަރުވަނީ ވެސް އެ ގަނޑުވަރު ދެކެލުމުގެ އުންމީދުގަ. އަޅުގަނޑަށް ވެސް އެ ތަން ފެނުމުގެ ނަސީބެއް ނެތް ކަން ނޭނގެ. އެތަން ހެދި މީހާ އޭނާ ހެދި ތަން ދުށުމުގެ އުންމީދުގަ ހުރެ މަރުވެ ދިޔަ ކަމުގެ ހިތާމަވެރި މި ހާދިސާ ދުނިޔެ އަށް ވިސްނޭނެތަ؟" "ޝާހް ބާނޫ! ކަމަނާ ދާރާ ޝިކޯހާ، ޝުޖާޢާ، އޯރަންގް ޒޭބާ، މުރާދައިގެން ރައްކާވީމު. މަންމައެއްގެ ކޮންމެ އުފެއްދުމެއް ތާޖް މަޙަލަށް ވުރެން އަގު ބޮޑު. އަންނަން އޮތް ޒަމާނުގެ އަތުން ތާޖު މަޙަލަށް ޖެހޭނީ ކޮން ޙާލެއް ކަމެއް އަހަންނަކަށް ނޭނގެ. އެކަމަކު ކަމަނާ އުފެއްދެވި ތާޖް މަޙަލުތަކުގެ ނެތިވެ ދިއުމުގެ ކުޅިގަނޑު އަޅުގަނޑު މި ދަނީ ދެކެމުން." "މިއަދު އަޅުގަނޑުގެ ގާތުގަ އެކަކު ވެސް ނެތް. ކަމަނާ އެއް ނެތް. ކަމަނާގެ ބޭފުޅުންނެއް ވެސް ނެތް. އަޅުގަނޑުމެންގެ މުދަލެއް ނެތް. ވެރިކަމެއް ނެތް. ޝާންޝައުކަތެއް ނެތް. ޢިއްޒަތާ މަތިވެރިކަން ތާރީޚުގެ ފަތްފުށްތަކުގަ ހުންނާނެ ކަން ނޭނގެ. އެކަމަކު ދަރިފުޅުގެ ގައިދަކު ނެތް. އަޅުގަނޑަށް މި ދިރިއުޅުމުން އެކައްޗެއް ވެސް ނުލިބުނު. ކަލާނގެ ގަންދެން، ޝާހް ބާނޫ! އަޅުގަނޑުގެ ދެ އަތް މި އޮތީ ހުހަށް. މިއަދު ސަލާން ޖަހާ މީހަކު ވެސް އަޅުގަނޑަށް ވުރެން މޮޅުވާނެ. ކަންތައް ހުރި ވަރަކީ ނިކަމެތި ނޯކަރަކު ވެސް އަޅުގަނޑުގެ ކުރިމަތީ ހިތަށް އެރި އެއްޗެއް ކިޔަން ފަށައިފި." "ޝާހް ބާނޫ! ނިކަން ބައްލަވާ! އެ ނުލަފާ ކަލޭގެ އެހެރަ އަންނަނީ. އޭނާގެ އެއް ލޯ ހުރިތާ އެ ވަނީ ވަޅުގަނޑެއް. އަނެއް ލޮލުން އެ ބަލަނީ ސައިތާނު. އޭނާ އެ އައީ ވާރެއާ ތެމިގެން. ލޭތިކިޖަހާ ހެން އޭނާގެ ހެދުމުން އެހެރީ ފެން ތިކި ޖަހަޖަހަ..... އޭ! މުސްކުޅި ނުލަފާ މީހާ! މިހާ ދަންވަރު ކަލޭ މި ތަނަށް ތި އައީ ކީއް ކުރަން؟ ކަލޭގެ އަތުގަ ތި އޮތީ ކޮން އެއްޗެއް؟" އަޅުގަނޑުގެ ދުރުކުރެވިފައިވާ ޝެހެންޝާހް! މިއީ ރިހީގެ ގަލަންދާނެއް. މި ނިކަމެތި ނޯކަރު މި އައީ މަނިކުފާނަށް އަގުނުކުރެވޭ ފަދަ ވެދުމެއް ހިފައިގެން!" ގައިދު ޚާނާގެ ފަނޑު އަނދިރިކަމުގެ ތެރޭގައި ބައްތީގެ ހުޅުގަނޑު ތުރުތުރުއަޅައެވެ. އެ އަލީ ގައި ރިހީގެ ގަލަންދާނުން މީހެއްގެ ތަލައިން ހެން ދަޅައަޅައަޅައި ހުއްޓެވެ. ޝާހް ޖަހާން ވިދާޅުވިއެވެ. "އަހަރެން ކަލޭގެ ހަދިޔާ ބޭނުމެއް ނޫން. މި ތަނުން ދާން އުޅޭ!" "މަތިވެރި ސާހިބާ! މަނިކުފާނު އަޅުގަނޑު މާޔޫސް ނުކުރައްވާ. މި ހަދިޔާއަކީ މަނިކުފާނުގެ ލޯބިފުޅުވާ ދަރިކަލުން ދާރާ ޝިކޯހާ ވަރަށް ގުޅުން ހުރި ހަދިޔާ އެއް!" ޝާހް ޖަހާން ސިހިވަޑައިގެންފައި އެ ގަލަންދާނަށް ބައްލަވައިލެއްވިއެވެ. ދެން އަތްޕުޅު ދިއްކޮށްލައްވައިފައި ވިދާޅުވިއެވެ. "ގެނޭ! އަހަރެން އަތަށް ދީ! ތީ އަހަރެންގެ ދަރިފުޅު އަހަންނަށް ފޮނުވި އެއްޗެއްތަ؟" "އާދެ. ގަބޫލުފުޅުކުރައްވައިފިއްޔާ އެއީ ލިބޭ ޢިއްޒަތަކާ ޝަރަފެއް." އޭނާ އެ ވެދުން ރަސްގެފާނުގެ އަތްޕުޅަށް އެރުވިއެވެ. ރިހީގެ އެ ކުޑަ ގަލަންދާން ރަސްގެފާނުގެ އަތްޕުޅުގައި އިރުކޮޅެއް ވަންދެން ތުރުތުރު އަޅައަޅައި ހުއްޓެވެ. ދެން އެމަނިކުފާނު އެ ހުޅުވައިލައްވައިފައި ބައްލަވައިލެއްވިއެވެ. އޭގެ ބޭރާއި އެތެރޭގައި ހުރީ ވަރަށް ރީތިކޮށް ކުރެހުންއަޅައިފައެވެ. އެތެރޭގައި އޮތީ ބޯ މަޚުމާ އަޅައިފައެވެ. އެ މަޚުމާގަނޑުގެ މަތީގައި އިންސާނެއްގެ ދެ ލޯ ވަރަށް ރީތިކޮށް ބާއްވައިފައި އޮތެވެ. ކުއްލިއަކަށް ވިދައިލިއެވެ. އަލިއަރައިގެން ދިޔައެވެ. އެ ދެ ލޮލަށް އަލިވިއެވެ. ޝެހެންޝާހުގެ ވަކިވެވަޑައިގެންފައިވާ ލޯބިފުޅާއި، ގުޅުން ހިމޭން ކަމާއެކު ޝެހެންޝާހަށް ވިދާޅުވާން ފެށްޓިއެވެ. ގުގުރީގެ އަޑާއެކު އެއް ލޮލުގެ ވެރި ޝަރީފުލްމަލިކުގެ އަޑު ގުގުމަމުން ދިޔައެވެ. "މަތިވެރި ސާހިބާ! މުޣަލް ބާދުޝާހުންގެ އިންސާފުގަ އޮންނަ ގޮތަކީ މަރަށް މަރު. ލޮލަކަށް ލޮލެއް. އަޅުގަނޑު އަޅުގަނޑުގެ އެއް ލޮލުގެ ބަދަލުގަ މަނިކުފާނަށް މި އަރުވަނީ ދެ ލޯފުޅު. މަނިކުފާނަށް މި ދެ ލޯފުޅު ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު މި ދެ ލޯފުޅު ނެގީ ޝަހެޒާދާއެއްގެ ކަނޑާލާފަ އޮތް އިސްތަށިފުޅަކުން، އަޅުގަނޑުގެ ފުރާނައާ ކުޅެލައިގެން، ޝެހެންޝާހް އޯރަންގް ޒޭބަށް ސިއްރުން! މަނިކުފާނު ގަބޫލުފުޅު ކުރައްވައިފިއްޔާ އެއީ އަޅުގަނޑަށް ލިބޭ ޢިއްޒަތަކާ ޝަރަފެއް...." އަނެއްކާ ވެސް ވިދައިލިއެވެ. އެ ހިނދުކޮޅެއްގެ އަލިކަމުގައި ލޯބިފުޅުވާ ދަރިކަލުންގެ ދެ ލޯފުޅު ހިނިތުންވެވަޑައިގަންނަވަމުން ދިޔައެވެ. އަދި އެ ދެ ލޯފުޅުން މުމްތާޒް މަޙަލު ބައްލަވަމުން ގެންދެވިއެވެ. މުސްކުޅިފުޅު ބާދްޝާހުގެ ލޯފުޅު ތެމުނެވެ. މޫނުފުޅު ތެމުނެވެ. ތުނބުޅިފުޅު ތެމުނެވެ. ދެން ކަރުނަފޮދުގެ ތިއްކެއް ދަރިކަލުންގެ ލޯފުޅުމައްޗަށް ވެއްޓި ލޯފުޅުމަތީގައި ހަރުލިއެވެ. އަދި މުތީއެއް ފަދައިން ވިދާން ފެށްޓިއެވެ. ކަރުނައިގެ އެ މުތީ މިހާރު ވެސް ޖަމްނާގެ އައްސޭރީ ގައި ވިދަމުން ދެއެވެ. ------------------- (ނިމުނީ) ނޯޓް: މިވާހަކަ ލިޔުއްވައިފައިވަނީ މުޙްޔުއްދީން ނަވާބެވެ. އޭނާ މި ވާހަކައިގެ ތާރީޚީ ފަސްމަންޒަރު ހޯއްދެވުމަށް މި ދަންނަވާ ފޮތްފޮތުން އެހީ ހޯއްދަވައިފައިވާ ކަމުގައި ބަޔާން ކުރައްވައިފައި ވެއެވެ. 1- ޚާފީ ޚާން (ނިޡާމުލްމަލިކު). މުންތަޚަބުއްލުބާބު. 2- މަކްތަބާ ޕޭމާނާ. ޕޭމާނާ ތާޖް މަޙަލް. 3- މުޙަންމަދު ޞާލިޙު ކަނޭވާ. ޝާހް ޖަހާން ނާމާ. 4- ލޯޒާނިޔާ ޕަރޯލް. ތާޖް މަޙަލް. 5- ސުބްޙާން ރާއޭ ބަޓާލަވީ. ޚުލާޞަތުއްތަވާރީޚް. 26 ޑިސެމްބަރ 2002 މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|