މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފަރުބަދަމަތީގެ ސިންގާ (6) |
|
|
| ދިވެހި - ވާހަކަ | |||
| 08 އެޕރީލް 2011، 19:05 ހުކުރު | |||
|
މުޙަންމަދު ޝާހިދު ޙަލީމް (1983) (2 އެޕްރީލް 2011 ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ) ފަސް އަހަރު ވާންދެން އިޓަލީސިފައިންގެ ސައިލާބު ޢުމަރުލް މުޚްތާރުގެ ހިތްވަރުގަދަ "ދޮޅަހަކަށް" މުޖާހިދުންނާ ހަނގުރާމަ ކުރަމުން ގެންދިޔައެވެ. – 1930ގެ ދައުރު ފެށިއްޖެއެވެ.މިހާރު އިޓަލީ ސަރުކާރު ޠަރާބުލުހުގެ އެއްވެސް އަރަބި ރަށްވެއްސަކަށް އިތުބާރެއް ނުކުރެއެވެ. ސައްޔިދު އިދްރީސް ދާއިމީ ގޮތުގައި މިސުރުގައި ވަޒަންވެރިވެ ވަޑައިގެންފިއެވެ. ލީބިޔާގައި އިޓަލީ ސިފައިންނާ ދެކޮޅަށް މިނިވަންކަމުގެ ހަނގުރާމަ ކުރަމުން ގެންދަނީ ހަމައެކަނި ޖަބަލުލް ޚިޟްރުގެ ސިންގާއެވެ. އޭނާގެ މުޖާހިދުން އެބައިމީހުންގެ މެދުކެނޑުމެއްނެތް ގެރިއްލާ ހަނގުރާމައިގެ ޒަރީޢާއިން އިޓަލީ ސަރުކާރުގެ ނޭވާ ވަނީ އުފުރޭ ވަރު ކޮށްފައެވެ. އެބައިމީހުންގެ ހުރިހައި ސައިތާނީ ޢަޒުމުތަކެއް ވެއްޔާ މޮޑެލައިފިއެވެ. އެބައިމީހުން އައްސޭރީގެ ސަހަރުތައް ފިޔަވައި ވަށަވަށައިގެންވާ ފަރުބަދަމަތީގެ އަވަށްތަކާ ދިމާކުރާން ވެސް ބިރުގަނެއެވެ. އެކަމަކު ޢުމަރުލް މުޚްތާރުގެ ހިތްވަރުގަދަ މުޖާހިދުންގެ އަދަދު ވެސް ދިޔައީ މަޑުމަޑުން މަދުވަމުންނެވެ. ކޮންމެ ހަމަލައެއްގައި ޝަހީދުވެގެންދާ މުޖާހިދުންގެ ގޮޅިފުރާނެ މީހުންގެ އަދަދު މަދުވާ ސަބަބު ސާފުކޮށް އެނގެއެވެ. ބަނޑުހައިހޫނުކަމާއި، އަތްމަތިދަތިވުމާއި، ހަނގުރާމައިގެ ވަސީލަތްތައް މަދުކަމާއި، ހަތިޔާރުގެ މަދުކަމެވެ. އެއީ ދެކޮޅުވެރި ދުސްމިނުން އެންމެފަހުގެ ހަތިޔާރާއި، ތަމުރީނުލިބިފައިވާ، ބިމާއި ވައިގެ ބާރުން ކަޅިވެފައިވާ ހިނދުގައެވެ. މި ދުވަސްތަކުގެ ތެރޭގައި އަދިވެސް ކިތަންމެ ބަދަލެއް އަތުވެއްޖެއެވެ. ޒުބައިރަށް ވަކި ލަސްކަރެއްގެ ވެރިކަން ލިބިއްޖެއެވެ. ޙަސަން އެންމެ ފަހުން ލައިލާގެ ލޯބިން މަޖުބޫރުވެގެން އޭނާޔާ ކައިވެނިކޮށްފިއެވެ. މިހާރު އޭނާއަކީ ދެ އަހަރުގެ ފިރިހެން ކުއްޖެއްގެ ބައްޕައެވެ. ސަލްމާނު ބުނު ޙަސަން އުފަންވީ ފަހުން، ޙަސަނުގެ ހަނގުރާމައިގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. މިހާރު އޭނާގެ އަނބިދަރީންގެ ގާތަށް ވެސް އާދެވެނީ ވަރަށް މަދުންނެވެ. އޭނާގެ ރެޔާއި ދުވާ ވޭތިވަނީ ދުސްމިނުންނާ ހަނގުރާމަ ކުރުމުގައެވެ. އެކަމަކު ތުއްތުތުއްތު ސަލްމާން ލައިލާގެ ހިތް އުފާކޮށްދެއެވެ. ފުރަންޒާ އަދިވެސް ޙަސަނު ދެކެ ކުރިޔެކޭ އެއް ގޮތަށް ލޯބިވެއެވެ. ޙަސަން ފުރަންޒާއަށް ޙަސަނުގެ ކައިވެނީގެ ވާހަކަ ކިޔައި ވެސް ދީފިއެވެ. އެކަމަކު ފުރަންޒާއަކަށް އެ ކަމަކުން އެއްވެސް ބަދަލެއް ނާދެއެވެ. އޭނާ ހިނިތުންވެލައިފައި ޙަސަން ގާތު ބުނީ، ހާލާތަށް ލޯތްބެއް ބަދަލެއް ނުކުރެވޭނެ ކަމުގައެވެ. އެއީ ލޯތްބަކީ ބާރު ފޯރާ ޖަޒުބާތެއް ނޫންކަމުގައެވެ. ލޯބި އޮންނަނީ ހިތުގެ އެންމެ ފުނުގައި ކަމަށް ވުމާއެކު އެއެއް ނައްތައެއް ނުލެވޭނެ ކަމުގައެވެ. ޙަސަން ކޮންމެ މީހަކާ ކައިވެނި ކުރި ނަމަވެސް ހުންނާނީ އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ކަމުގައެވެ. އެ ދެ މީހުން މިހާރު ވެސް އެ ފަރުބަދައިގެ ކައިރީގައި ބައްދަލުކުރެއެވެ. ފުރަންޒާ ޙަސަނަށް އިޓަލީ ސިފައިންގެ ހަމަލަތަކާ ބެހޭ ގޮތުން މުހިންމު ސިއްރުތައް ބުނެދެމުން ގެންދެއެވެ. އޭގެ މައްޗަށް ބިނާކޮށްގެން މުޖާހިދުން އިޓަލީ ސިފައިން ތަކުރާރުކޮށް ލަދުވެތި ބަލިވުންތަކާ ކުރިމަތިކުރުވަމުން ގެންދެއެވެ. ޖަޣްބޫބުން ފެށިގެން ބިންޣާޒީއާ ހަމައަށް ބިންމަތީގެ ހުރިހައި އަވަށްތައް މިހާރު ވަނީ އިޓަލީ ސިފައިންގެ ބާރުގެ ދަށުގައެވެ. އެކަމަކު ފަރުބަދަމަތީގެ އަވަށްތައް ވަނީ ކުރިއެކޭ އެއްފަދައިން މުޖާހިދުންގެ ބާރުގެ ދަށުގައެވެ. އަދި ދަނޑިވަޅެއް ހަމަ ލިބޭ އިރަށް ގެރިއްލާ ހަމަލަ ދީ އިޓަލީ ސިފައިންނަށް ބޮޑެތި ގެއްލުންތައް ދީދީ ތިބެއެވެ. މިދުވަސްވަރުގެ އެއްދުވަހަކު ހަވީރު ޙަސަން އެއްވެސް ކެތްތެރިކަމެއް ނެތި ފުރަންޒާއަށް އިންތިޒާރުކުރަމުން ގެންދިޔައެވެ. އިޓަލީ ސިފައިންގެ ތެރޭގައި އުޅޭ އަރަބީންގެ ތެރޭގައި ޙަސަންގެ އެކުވެރިއެއް ކަމަށްވާ އިސްޙާޤު ބިން ޖަރީރު ވެސް ހިމެނެއެވެ. އޭނާއަކީ އިޓަލީ ސިފައިންގެ ހަތިޔާރުގުދަނާ ބެހޭ ބައިގެ މީހެކެވެ. އޭނާ ޙަސަނު ގާތު ބުނެފައި ވާ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ހަތިޔާރު ރޯމުން ގެނެސްފިއެވެ. އެއީ އިޓަލީންގެ ކޮންމެވެސް ބޮޑު ހަމަލައެއްގެ ފާޅުކަން ބޮޑު އިސާރާތެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަނދިރިކަން ފުންވެއްޖެއެވެ. އެކަމަކު އަދިވެސް ފުރަންޒާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ޙަސަން މާޔޫސްވީ ތަނާ އޭނާއަށް ހަލުއިކޮށް ދުވެފައި އަންނަ އަހެއްގެ ފިޔަވަޅުތަކުގެ އަޑު އިވިއްޖެއެވެ. އޭނާ ހުސިޔާރުވެގެން އިށީނދެއްޖެއެވެ. ފުރަންޒާ އަބަދު ވެސް އައިސް އުޅެނީ ވަރަށް ސިއްރުންނެވެ. އޭނާގެ އަސް ފަރުބަދަޔާ ދުރަށް ގަސްތަކުގެ ކައިރިއަށް ދޫކޮށްލައިފައެވެ. ގަސްތަކާ ފަރުބަދަޔާ ދޭތެރޭގެ ރާސްތާ ކަޑައްތުކުރަނީ ފައިމަގުންނެވެ. އެކަމަކު އެ އަންނަ ސަވާރަކު އެ އަންނަނީ ހުރިހައި ރައްކާތެރިކަމެއް ފުނޑުފުނޑުކޮށްލައިފައި ޙަސަނާ ދިމާއަށެވެ. ޙަސަން އޭނާގެ ރައިފަލު ނެގިއެވެ. އަދި ހިލަގަނޑުގެ ފުރަގަހުގައި ބޮނދައިގެން އިނދެ އިންތިޒާރު ކުރާން ފެށްޓެވެ. އެކަމަކު އެ ސަވާރު މުޅިން ކައިރިއަށް އައުމުން އެއީ ފުރަންޒާ ކަން އޭނާއަށް އެނގުނެވެ. ދެން އޭނާ ރައިފަލުގެ ކޮޅު ތިރިކޮށްލިއެވެ. "ފުރަންޒާ! އަނެއްކާ ކަންތައްތައް ރަނގަޅުތަ؟" ޙަސަން ކަންބޮޑުވެފައި ވާ ރާގެއްގައި އެއްސެވެ. ފުރަންޒާ އިނީ ވަރަށް ބޮޑަށް މާނޭވާ ލައިލައެވެ. ޙަސަންގެ ކޮނޑުގައި ހިފާއްޓައިލައިގެން އޭނާ އިރުކޮޅަކު ކޮޅަށް ހުއްޓެވެ. ދެން މަޑުމަޑުން ހިލަގަނޑުމަތީގައި އިށީނެވެ. "ޙަސަން! ދުވަހަކު ވެސް ޙަސަނު ލޯބިވީމުތަ؟" އޭނާ ޙަސަންގެ ލޮލަށް ބަލައިލަމުން އެއްސެވެ. ޙަސަން ހައިރާންވިއެވެ. "ކިހިނެއްވީ ފުރަންޒާ؟ މިރޭ ކުއްލިއަކަށް ތިހެން ތި އެހީ ކީއްވެގެން؟" ފުރަންޒާގެ ތުންފަތްމައްޗަށް ހިތްގައިމު ހިނިތުންވުމެއް ވެރިވިއެވެ. "ލޯތްބަކީ ވެސް އަޖައިބެއް ކަހަލަ ޖަޒުބާތެއް. ތިމާގެ ލޯބިވެރިޔާގެ މައްޗަށް ފިދާވުމުން ހިތަށް އުފާވެރިކަން ލިބޭ. ލޯތްބަކީ ވަރަށް އަމިއްލަ އެދުމެއް ނެތް އެއްޗެއް. އޭގެ ރިހުމާ، އޭގެ ވޭނާ، އޭގެ ތަދުގާ ވެސް ވަނީ ލައްޒަތެއް. ލޯބިވެރިޔާގެ ފަރުވާކުޑަކަމާ އަނިޔާއިން ވެސް ލިބެނީ އުފާ. އެކަމަކު ޙަސަނަކަށް ނުވިސްނޭނެ. ޙަސަނު އަހަރެން ދެކެ ލޯބި ނުވާކަން އަހަންނަށް އެނގޭ. ޙަސަނު ހަމައެކަނި އަހަންނާ ރުހެނީ. އަހަންނަށް ޓަކާ ހަމުދަރުދީވަނީ. އަހަރެން އުފަލުގަ ހުއްޓާ ދެކެން ބޭނުންވޭ. އެކަމަކު އަހަރެން ދެކެ ލޯތްބެއް ނުވޭ. ލޯތްބަކީ ވަރަށް އަމިއްލަ އެދުމެއް ނެތް އެއްޗެއް ޙަސަން!" "މިރޭ ކިހިނެއް ވެފަ ތިހިރީ؛ ފުރަންޒާ! ތި ކަހަލަ ވާހަކަ ތި ދައްކަނީ ކީއްވެގެން؟" "އަހަންނަކަށް ވެސް ނޭނގެ ޙަސަން. އެކަމަކު ކީއްވެގެންކަމެއް ނޭނގެ؛ އަހަންނަށް އިޙްސާސްކުރެވެނީ ދެން ޙަސަނެއް ނުފެންނާނެ ކަމުގަ. ހީވަނީ ޙަސަން އަބަދުގެ އަބަދަށް ވަކިވާން އުޅޭ ހެން." އޭނާގެ އަޑު ކުރެހުނެވެ. ލޮލުން ކަރުނައިގެ ކޯރު ބަންޑުން ވިއެވެ. އެ މޮޔަ އަންހެންކުއްޖާގެ ވާހަކައިން ޙަސަނުގެ ހިތް އުދާސްވިއެވެ. ކޮން ފަދަ އަޖައިބެއް ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ ޙަސަން ދުވަހަކު ވެސް އޭނާގެ މީހަކަށް ނުވާނެކަން އެނގި ހުރެ ވެސް އޭނާއާ ހެދި މަރުދޭ ވަރަށް ލޯބިވަނީއެވެ. "ފުރަންޒާ އަހަރެންދެކެ ލޯބިވަމެއްނު!" ޙަސަނު މަޑުމަޑުން ބުންޏެވެ. "އާނ. ޙަސަން!" ފުރަންޒާ ޖަވާބުދިނެވެ. "ޙަސަނަށް ޓަކާ ފުރާނަ ދޫކޮށްލަން ބޭނުންވާ ވަރަށް ލޯބިވަން." "އަހަންނަކީ ދުސްމިނެއް ކަން އެނގި ހުރެގެން ވެސްތަ؟" "ޙަސަނަކީ އެއްވެސް މީހެއްގެ ދުސްމިނެއް ނޫންކަން އެނގި ހުރެ." އޭނާ ޖަވާބުދިނެވެ. "ޙަސަން ތި ހަނގުރާމަކުރަނީ ޙަސަނުގެ ވަޒަނާ ވަޒަނުގެ މިނިވަންކަމަށް ޓަކާ. ޙަސަނުމެންގެ އަތުން ޙަސަނުމެންގެ ބިން ފޭރިގަންނާކަށް، ޙަސަނުމެންގެ ގައުމުގެ މައްޗަށް އަނިޔާގެ ފަރުބަދަ ރޫޅާލާކަށް، ޙަސަނުމެންގެ ޢިއްޒަތާ އަބުރު ފިސްފިސްކޮށްލާކަށް އެއްވެސް މީހަކަށް ޙައްޤު ލިބިގެނެއް ނުވޭ. – ޙަސަން! ޙައިރާންވެގެން އަހަންނަށް ނުބަލާ! އަހަރެން މި ހުރިހާ ވާހަކައެއް މި ބުނަނީ ޙަސަނު ދެކެ ލޯބިވާތީއެއް ނޫން. އަހަންނަށް އިޓަލީންގެ ވަޙުޝީ އަނިޔާވެރިކަން ވެސް ފެނިއްޖެ. ޙަސަނުމެން ހަނގުރާމައިގާ މަރަނީ ޙަސަނުމެންގެ ދުސްމިނުން. ހަތިޔާރު ނެތް ދުސްމިނެއް ފަހަރެއްގަ ވެސް މަރައެއް ނުލަމު. ޙަސަނުމެން ފަހަރެއްގަ ވެސް އިޓަލީ އަންހެނެއްގެ ޢިއްޒަތް ނަގައެއް ނުލަމު. މައުސޫމު ކުޑަކުއްޖެއްގެ ލޭ އޮހޮރުވައެއް ނުލަމު. ޙަސަނުގެ ކޮއްކޮގެ އަބުރުނަގާލި ހެން އަހަރެންގެ ކިބައިން ބަދަލުހިފެން އޮތް. އަހަރެން އަހަރެންގެ ހުރިހާ އެއްޗެއް ޙަސަނުގެ ފައިދޮށުގަ ބެހެއްޓިން. އެކަމަކު ޙަސަނު އަހަރެންގެ ލޯބީގެ ތޯހިރުކަމަކު ނުބީހެމު. މި ހުރިހާ ކަމަކީ ޙަސަނުގެ މަތިވެރިކަމުގެ ދަލީލެއް ނޫންތަ؟ އަހަންނަކީ ޖާހިލެއް ނޫން. މި ހުރިހާ ކަމަކާ ދޭތެރޭ އަހަރެން ކިތަންމެ އަހަރެއް ވަންދެން ފިކުރުކޮށްފިން. އަހަރެން ޙަސަނަށް އަޅުކަން ކުރަން ފެށީ އެހެން ވެގެން." "ނޫން. ފުރަންޒާ! ތިހެން ނުބުނޭ. އަޅުކަންކުރުން ޙައްޤު ހަމައެކަނި ފަރާތަކީ މާތްރަސްކަލާނގެ ރަސްކަންފުޅު. އަހަންނަކީ ނިކަމެތި އަޅެއް. އަމިއްލައެދުން ވެސް ބޮޑު މީހެއް. ފުރަންޒާގެ ލޯތްބަށް ޖަވާބެއް ވެސް ދެވޭކަށް ނެތް." "ލޯބި ޖަވާބަކަށް ބޭނުމެއް ނުވޭ ޙަސަން! އަހަންނަކީ ޙަސަނުގެ ކޮއްކޮގެ ގާތިލުގެ ކޮއްކޮކަން އެނގި ހުރެމެ ޙަސަނު އަހަރެން ދެކެ ނަފުރަތު ނުވާ ކަން އެއީ އަހަންނަށް ކުޑަ ކަމެއްތަ؟" "އެ ކަމުގަ ފުރަންޒާގެ ކުށެއް ނެތް. ފުރަންޒާ، ބޭބެގެ އަނިޔާވެރި ޢަމަލާ ދޭތެރޭ ހިތާމަކުރަމު. ވީ އިރު އަހަރެން ފުރަންޒާ ދެކެ ނަފުރަތު ވާންވީ ކީއްވެގެން؟" "ތީ އިންސާނެއް ނޫން؛ މަލާއިކަތެއް، ޙަސަން!" ފުރަންޒާ ފިނިނޭވާއެއް ލައިފައި ބުންޏެވެ. ދެން ކުއްލިއަކަށް ހަމަޖެހިލައިގެން އިށީނެވެ. "ޙަސަން! އަހަރެން މި އައީ ވަރަށް މުހިންމު ޚަބަރެއް ހިފައިގެން." "އިޓަލީން ވަރަށް ވަރުގަދަ ހަމަލައެއް ދޭން އުޅޭ ވާހަކަދޯ؟" "ޙަސަނު ދެނަހުރިންތަ؟ އެކަމަކު އެއީ އާދައިގެ ހަމަލައަކަށް ނުވާނެ. މުސޮލިނީ ޖެނެރަލް ގްރަޒިޔާނީ އަށް އަންގާފަ އޮތީ ކިތަންމެ ބާރެއް ބޭނުން ކޮށްގެން ވެސް މި ހަނގުރާމަ އަވަހަށް ނިންމާލަން. ދެތިން ދުވަހެއްގެ ތެރޭގަ ވަރަށް ގިނަ އަދަދެއްގެ ސިފައިންނާ ހަތިޔާރާ ވައިގެބާރު އަންނާނެ. ދެން ހުރިހާ ދިމާއަކުން އަރަބި ގަބީލާތައް ވަށާލާ، އެމީހުންގެ ދުވަސް ދުއްވާލާނެ. އަހަރެން މި އައީ އެ ހަމަލައިގެ ކުރެހުން ހިފައިގެން." "ކީކޭ؟" ޙަސަން ސިހިގެން ދިޔައެވެ. "އާނ! މި ހޯދަން އަހަންނަށް ކުރަން ޖެހުނީ ކޮން ކަމެއްތޯ ނާހާ! -- އެއްވެސް މީހަކަށް ކުޑަކޮށް ވެސް ޝައްކުވިޔަސް އަހަންނާ ދޭތެރޭ ވެސް ކުޑަކޮށް ވެސް ރަޙުމެއް ނުބަހައްޓާނެ." "އޯ، ފުރަންޒާ -- ފުރަންޒާ -- ތި އިޙުސާންތެރިކަމަށް އަހަރެން ޝުކުރުއަދާކުރާނީ ކިހިނެއް؟" ޙަސަން ޖަޒުބާތީ ރާގެއްގައި ބުންޏެވެ. "ޚަބަރުދާރު! ގުޑިވެސް ނުލާތި!" އަޑަކީ ކެޕްޓަން ބުރޫނޯގެ އަޑެވެ. "ފުރަންޒާ! ކަލޭ ހަރަކާތެއް ކޮށްފިއްޔާ ކަލޭގެ ނިމުން ވެސް ތި ޣައްދާރެކޭ އެއްގޮތް ވާނެ. އަތް މައްޗަށް ނަގައިގެން ތިރިއަށް ފައިބާ!" --------------------------- (ނުނިމޭ) މި ލިޔުން: ފޮނުވުން: މުޙަންމަދު ޝާހިދު ޙަލީމް އަލުންބެލުން: މުޙަންމަދު ޝާހިދު ޙަލީމް ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ޝައީ, 2011-04-08 14:19:06
ހެޔޮނުވާނެ ތިގޮތަށް ވާހަކަ މެދުކަނޑާލަން.. އަވަހަށް ދެން އޮތްބައި ގެނެސްދީބަލަ.. ވަރަށް އަވަހަށް.. އާދޭސް ކުރަން.. އަހަރެން ފުރަންޒާ އަަށް ހަމްދަރުދީވަން.. ހަސަނު ދެކެ ވާ ލޯބިން އޭނާ އަށް އިސްލާމް ކަުމެ ތެދުމަގު ލިބޭނެ ނަމަ ކޮންފަދަ... އެމީހުން ގެ ގުޅުން ފަޅާ އެރީތަ؟ އަވަސް ކޮށްބަލަ އާދޭސް ކުރަން މިވާހަކައިގެ ދެން އޮތްބައި ގެނެސްދީބަލަ އަވަހަށް.... ޕްލީޒް ޕްލީސް... ހެޔޮނުވަނެ..
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|