މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފަރުބަދަމަތީގެ ސިންގާ (7) |
|
|
| ދިވެހި - ވާހަކަ | |||
| 15 އެޕރީލް 2011، 10:28 ހުކުރު | |||
|
މުޙަންމަދު ޝާހިދު ޙަލީމް (1983) (8 އެޕްރީލް 2011 ހުކުރުދުވަހުގެ ބަޔާ ގުޅޭ) ޙަސަން ސިހިފައި ބަލައިލިއެވެ. އޭނާ ވަނީ ރަނގަޅަށް ބައްދައިލައިފައެވެ. އިޓަލީ ސިފައިންގެ ބައިގަނޑެއް، ރައިފަލުގެ އަމާޒު ފަތްގަނޑަށް އޭނާ ހަދައިގެން ތިއްބެވެ. ސަލާމަތްވުމުގެ ހުރިހައި މަގެއް ވަނީ ބަންދުވެފައެވެ."ފުރަންޒާ--" ޙަސަން ރުޅިއައިސްގެން ފުރަންޒާއާ ދިމާއަށް ބަލައިލިއެވެ. "ނޫން، ޙަސަން. އަހަރެން ހުވާކުރަން." ފުރަންޒާ އަވަހަށް ބުންޏެވެ. "އަހަރެން ޙަސަނަކަށް ކެއްސެއް ނުދެން." "ލަދުކުޑަ އަންހެންކުއްޖާ! ކުރިމަތިން ދުރަށްދޭ! އެހެން ނޫނީ ބަޑިޖަހާފާނަން." ބުރޫނޯ ހަޅޭއްލަވައިގަތެވެ. "ލަދުކުޑައީ ކަލޭ!" ޙަސަން ކޮޅަށް ތެދުވަމުން ބުންޏެވެ. "ކަލޭގެ ކޮއްކޮއެއް ނޫން. ކަލޭ ހީކުރަނީ އިސްލާމުންނަކީ ވެސް ކަލޭ ކަހަލަ ވަޙުޝީ ގޮތްކުޑަ ބައެއް ކަމަށްތަ! ފުރަންޒާއަށް ޝައްކު ނުކުރޭ! އަހަންނަކީ ކަލޭ ކަހަލަ ޖަނަވާރެއްނޫން! ފުރަންޒާ އަހަރެން ދެކެ ލޯބިވޭ. އެކަމަކު އަހަރެން ލޯބީގެ ޠޯހިރުކަން ނަގައެއް ނުލަން. ކަލޭ....." ބުރޫނޯ ރައިފަލުގެ ކޮޅު ހިއްލައިލިއެވެ. ފުރަންޒާ ހަލޭއްލަވައިގެންފައި ޙަސަނުގެ ކުރިމައްޗަށް އެރިއެވެ. "ނޫން! ކަލޭ ތިހެން ހެއްޖަކަ ނުދޭނަން!" "ކުރިމަތިން ދުރަށްދޭ، ފުރަންޒާ!" ބުރޫނޯ ރުޅިއައިސްގެން ތުރުތުރުއަޅަމުން ހަޅޭއްލަވައިގަތެވެ. "އެހެންނޫނީ ދެ މީހުން ނިންދަވާލާނަން!" "ދުރަކަށް ނުދާނަން. އަހަރެން ޙަސަނާއެކު މަރުވެދާނަން. އެކަމަކު--" ބުރޫނޯ ބަޑިޖަހައިފިއެވެ. އެކަމަކު ޙަސަނު ވިދުވަރެއްހައި ހަލުއިކަމާ އެކު ފުރަންޒާ ކޮއްޕައިލިއެވެ. އަދި ޚުދު އޭނާ ވެސް ވެއްޓިގަތެވެ. ވަޒަން ދިޔައީ އޭނާގެ ބޯމަތީންނެވެ. އޭނާ ކުއްލިއަކަށް ރައިފަލު ނެއްގެވެ. އެކަމަކު ސަމާލުވެވުމުގެ ކުރިން ބުރޫނޯ އަނެއް ފަހަރު ބަޑި ޖެއްސެވެ. ރައިފަލު ޙަސަނުގެ އަތުން ދޫވެގެން ވެއްޓުނެވެ. ވަޒަން ދިޔައީ އޭނާގެ މުލައްދަނޑި ޒަޚަމުކޮށްލައިފައެވެ. ބުރޫނޯ ތިން ވަނަ ފަހަރު ބަޑި ޖެއްސެވެ. އެކަމަކު ފުރަންޒާ ހަލުއިކަމާ އެކު ޙަސަނުގެ ކުރިމައްޗަށް އެރިއެވެ. އަންހެނީ ހަޅޭކެއްގެ އަޑު ފަޒާގައި އުފުލިގެން ދިޔައެވެ. ފުރަންޒާގެ ހަށިގަނޑު ވިއްސައިގެން އައިސް ޙަސަނުގެ މައްޗަށް ވެއްޓުނެވެ. ހަމަ އެ ވަގުތު ފަރުބަދައިގެ މަތިން ކުއްލިއަކަށް ވަޒަންތަކެއް އޮހިގަތެވެ. އިޓަލީ ސަވާރުން، ކެޔޮފީންޏެއް ކޮށައި އަޅައިލި ހެން އަސްމަތިން ބިމަށް ވެރިއްޖެއެވެ. ދެން ތިބި މީހުންނަށް ހަމަޖެހިލެވުމުގެ ކުރިން އަނެއްކާ ވެސް ވަޒަންތަކުގެ ބައިގަނޑެއް އަތުވެއްޖެއެވެ. އެޔާ އެކު ދެން ތިބި އިޓަލީން ވެސް ބިންމަތިވެއްޖެއެވެ. ބުރޫނޯ ވެސް ޒަޚަމުވެއްޖެއެވެ. އޭނާ އަހުގައި ހަންމުށި އެޅިއެވެ. އަދި އަނދިރީގެ ތެރެއަށް ފިއްޔެވެ. ދެން ވަށައިގެން ހަމަހިމޭންކަން ފެތުރިއްޖެއެވެ. ޙަސަނު މަޑުމަޑުން ގައިމަތިން ފުރަންޒާ ނެގި އިރު ކުކުރައިލެވުނެވެ. އޭނާގެ މުލައްދަނޑި ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ. ހުއްޓުމެއްމެއް ނެތި ލޭ އޮހޮރެނީއެވެ. އޭނާ މުލައްދަނޑިޔާ ދޭތެރޭ ފަރުވާލެއް ނުބަހައްޓައި ގުދުވެފައި ފުރަންޒާއަށް ބަލައިލިއެވެ. އޭނާގެ ފުރާނަ ހުށްޓެވެ. އެކަމަކު އެއީ ހިނދުކޮޅެއްގެ މެހުމާނެކެވެ. އުންޑަ އަރައިފައި ވަނީ އޭނާގެ މެޔަށެވެ. "ފުރަންޒާ -- ފުރަންޒާ -- ކަލޭ ތިޔަ ކުރީ ކީއް؟" ޙަސަން ދެރަވެފައި އެއްސެވެ. ފުރަންޒާގެ ތުންފަތްމަތިން ހަމަޖެހުމުގެ ހިނިތުންވުމެއް ފާޅުވިއެވެ. "އުންމީދުކޮށްގެން ހުރި -- ގޮތަށް -- ޙަސަން --" އޭނާ ވައިއަޑުން ބުންޏެވެ. "ޙަސަން. -- ޙަސަނަށް ކަމެއްވިތަ؟" ޒުބައިރުގެ އަޑުއިވުނެވެ. ޒުބައިރު އޭނާގެ ބައިވެރީންނާއެކު ހަލުއިކަމާ އެކު ތިރިއަށް ފޭބިއެވެ. -- އޭނާ ދުވަމުން ޙަސަނުގެ ގާތަށް އައެވެ. "މާތްރަސްކަލާކޯ! -- މީ ކޮން ފަދަ އިމުތިޙާނެއް." ޙަސަން ހިތާމަވެރި އަޑަކުން ބުންޏެވެ. "ފުރަންޒާ! -- ފުރަންޒާ އަބަދުގެ އަބަދަށް އަހަރެން ލަދުގަންނަވާލައިފީމު." "ނޫން ޙަސަން. -- އަހަރެންނަށް -- އަހަރެންގެ ބޭބެގެ އެންމެ ފާފައެއްގެ ކައްފާރާ ވެސް އަދައެއް ނުކުރެވޭ. --ޙަސަނު ތިވަރަށް ލަދުގަންނަންވީ ކީއްވެގެން؟ -- އަހަރެން މި ވީ ބޭބެގެ ބަޑީގެ އަމާޒުފަތްގަނޑަކަށް. -- އަހަރެން -- އަހަރެންގެ ލޯބި ކޮންމެ ހާލެއްގަ ނަމަވެސް ކާމިޔާބު --" "އޯ ފުރަންޒާ. -- ފުރަންޒާ --" "މިހާރު ދެން އެކައްޗެކޭ ވެސް ނުބުނޭ ޙަސަން." ފުރަންޒާ އޭނާގެ އަތަށް ފިތައިލަމުން ބުންޏެވެ. "އަހަރެން ބުނީމެއްނު؛ ހީވަނީ އަބަދަށް ޙަސަނާ ވަކިވާން އުޅޭހެންނޭ! -- އަހަރެން ހެދީ ދޮގެއް ނޫނެއްނު؟ -- އަހަރެންގެ ފުރާނަ ޙަސަނުގެ ލޯތްބަށް ވުރެ އަގު ބޮޑެއް ނޫން! --" ދެން ބަލަބަލައި ހުއްޓައި ފުރަންޒާގެ ލޯ މެރިއްޖެއެވެ. އަބަދުގެ އަބަދަށެވެ. "ޙަސަން! -- މި ތަނުގަ އެންމެ ހިނދުކޮޅަކު ވެސް މަޑުކުރުމަކީ ނުރައްކާތެރި ކަމެއް." ޒުބައިރު އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ބުންޏެވެ. ޙަސަން ހުރީ ގަބުވެފައެވެ. އޭނާގެ ލޯ ހުރީ ހިކިފައެވެ. އެކަމަކު ހިތް ރޮނީއެވެ. ފުރަންޒާ އޭނާ ގުޑުވައިލައިފިއެވެ. އޭނާ ހިމޭނުން ހުރެގެން ޒުބައިރާ އެކު ހިނގަމުން ދިޔައެވެ. ޒުބައިރަށް ކުއްލިއަކަށް އޭނާއާ އެހީވާން އާދެވުނީ ކިހިނެއްތޯއެއް ވެސް އޭނާ ނާހައެވެ. އޭނާ ފުރަންޒާއާ ބައްދަލުވާން އަންނަ ކޮންމެ ފަހަރަކު ޒުބައިރު އޭނާގެ ދެތިން އެކުވެރީންނާ އެކު ޙަސަނުގެ ފަސްފަހަތުން ފަރުބަދަމައްޗަށް އަންނަ ވާހަކަ ޒުބައިރު އޭނާ ގާތު ބުނީ ފަހުންނެވެ. -- އެއީ އޭނާ އަށް ފާރަލާކަށް ނޫނެވެ. -- އޭނާގެ ރައްކާތެރިކަމަށް ޓަކައެވެ. -- އެހެނީ ޙަސަން އޭނާއަށް ނުހަނު ލޮބުވެއްޗެވެ. * * * * * އިޓަލީ ސިފައިން މި ފަހަރު ހަމަލަދޭން ފަށައިގަތީ ފުރިހަމައަށް ރާވައިގެންނެވެ. ޖެނެރަލް ގްރަޒިޔާނީ އެންމެ ފުރަތަމަ ކުރި ކަމަކީ އަރަބި ސިފައިންގެ މައްޗަށް އެކުލެވިފައިވާ ހުރިހައި ޔުނިޓުތަކެއް ވަކިކޮށްލީއެވެ. އޭގެފަހުން ސައިރޭނޭކާގެ ހުރިހައި ބިންމަތީއަވަށްތަކަށް ވަރަށް ބައިބޯ ލަސްކަރެއް ފޮނުވައިގެން ހަމަލަދިނީއެވެ. މީހުން ކަތިލައި މެރުމުގެ މި ތޫފާން ސަނޯސީ ގަބީލާތައް އަނިޔާވެރިކަމުގެ އަމާޒުފަތްގަނޑަކަށް ހަދަމުން ކުރިޔަށް ދިޔައެވެ. މި ފަހަރު އިޓަލީން ހަމަލަދޭ ތަނަކުން ވިއްޔާ ސަލާމަތްވާ އާބާދީ ޖަނަވާރުތަކެއް ހެން ދަމައިކޫއްތަމުން ސިރުތާއަށް ގެންދަނީއެވެ. މި ގޮތުން ގިނަވަމުން ގިނަވަމުން ގޮސް ސިރުތާގެ ކޭންޕުގައި ސައިރޭނޭކާގެ އައްޑިހަ ހާސް އަރަބީން ހައްޔަރުކޮށްފިއެވެ. އެއީ ގައިދީންގެ ކޭންޕެއް ނޫނެވެ. ނަރަކައެކެވެ. ސަނޯސީ ގަބީލާތަކުގެ އައްޑިހަ ހާސް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީން އެ ކޭންޕުގައި ޖަނަވާރަށް ވުރެ ވެސް ދަށް ދިރިއުޅުމެއް ވޭތިކުރަމުން ގެންދެއެވެ. އެ މީހުން ލައްވައި ހުއްޓުމެއް ނެތި މަސައްކަތް ކުރުވައެވެ. އެބައިމީހުން ބަނޑަށް ބައިތިއްބައެވެ. އެބައިމީހުންނަށް އަނިޔާތައް ދެއެވެ. އެބައިމީހުންގެ އަންހެނުން ލަދުވެތި ގޮތްގޮތަށް އިޓަލީ ސިފައިންގެ އަމާޒުފަތްގަނޑަކަށް ހަދައެވެ. އަނިޔާއާއި ހައިހޫނުކަމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް އަދަދެއް ނެތްހައި މީހުން މަރުވަމުން ދެއެވެ. އެބައިމީހުންގެ މަސްގަނޑުތައް ގާޑިޔާތަކަށް އަރުވައިގެން ސަހަރާގެތެރެއަށް އުކައިލައެވެ. އެއްކޮޅުން އަނިޔާވެރިކަމުގެ މި ބިރުވެރި ސިލްސިލާ ޖާރީވެފައި އޮތެވެ. އަނެއްކޮޅުން ޖެނެރަލް ގްރަޒިޔާނީ ޖަޣްބޫބުގެ ވަށައިގެން ތިންސަތޭކަ ކިލޯމީޓަރުގެ ސަރަހައްދުގައި ކަށިނަރުން ފުޅަށް އަޅުވައިގެން ޖަޣްބޫބަށް އެއްވެސް ފަރާތަކުން އެހީއެއް ލިބިދާނެ ހުރިހައި މަގެއް ބަންދުކުރިއެވެ. ހަމައެކަނި ބޭނުމަކީ ޢުމަރުލް މުޚްތާރާއި އޭނާގެ މުޖާހިދުން ދެރަކޮށްލައި އެ މީހުންނަކީ އެހީތެރިއެއް ނެތް ބަޔަކަށް ހަދައި އެ މީހުން ހަތިޔާރު ބެހެއްޓުމަށް މަޖުބޫރު ކުރުވުމެވެ. އެކަމަކު ޙައްޤާއި މިނިވަންކަމުގެ މަގުގައި ހަނގުރާމަކުރާ މީހުން ދުވަހަކު ވެސް ހަތިޔާރެއް ނުބަހައްޓައެވެ. އެބައިމީހުން މަރާއި ކަރާކަރުޖައްސައެވެ. އެކަމަކު ބާޠިލުގެ ކުރިމަތީގައި އިސްދަށަކަށް ނުޖަހައެވެ. ޢުމަރުލް މުޚްތާރާއި އޭނާގެ މުޖާހިދުން ވެސް އަނިޔާވެރިކަމުގެ އެ އަނދިރި ރޭގައި އެބައިމީހުންގެ ލެއިން މިނިވަންކަމުގެ ދަންމަރު ރޯކޮށްގެން ހިނގަމުންދިޔައެވެ. އެބައިމީހުންނަށް އެބައިމީހުންގެ މަންޒިލު އެނގެއެވެ. އެބައިމީހުން ޙައްޤުގެ މަގުގައި ކުރިއަށް އަރަމުން ދިޔައެވެ. * * * * * އެއީ ކަޅުއަނދިރި ރެކެއެވެ. ޢުމަރުލް މުޚްތާރު އޭނާގެ މުޖާހިދުން އެއްކުރައްވައިފިއެވެ. އޭނާގެ މޫނުފުޅުމަތީގައި ވަރުބަލިފުޅުކަމުގެ އަސަރެއް މާޔޫސީގެ އަސަރެއް ނެތެވެ. އޭނާގެ މޫނުފުޅު، ކަނޑިއެއް ނެތި ހަނގުރާމަކުރާހައި ހިތްވަރު ހުރި މުއުމިނެއްގެ މޫނެކޭ އެއްފަދައިން އަލިވޭވޭ ހުށްޓެވެ. އޭނާ މީސްތަކުންގެ މައްޗަށް ކަޅި ހިންގައިލެއްވިއެވެ. ދެން ހިނިތުންވެވަޑައިގަތެވެ. އެއަށްފަހު އޭނާގެ ބާރު އަޑުފުޅުން ބަޤަރާ ސޫރަތް ކިޔަވައި ވިދާޅުވިއެވެ. ދެން ވާހަކަފުޅު ދެއްކެވިއެވެ. "ޠަރާބުލުހުގެ ސިންގާތަކާ! الله تبارك وتعالى ވަޙީކުރައްވަނީ ތިމަންސުވާމީންގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވަމޭ؛ ބައެއް ފަހަރު ބިރުން، ބައެއް ފަހަރު ހައިހޫނުކަމުން، ބައެއް ފަހަރު މުދަލުން، ބައެއް ފަހަރު ފުރާނައިން، ބައެއް ފަހަރު ކުޅިވަރުން. -- އެކަމަކު ކެތްކުރާ މީހުންނަށް ބަޝާރަތް ހުށްޓޭ. އުފާވެރިޚަބަރު ހުށްޓޭ. އަހަރެންގެ ދަރީންނޭ! الحمد لله -- އަހަރެންގެ ގައުމު ކޮންމެ އިމްތިޙާނެއްގަ ވެސް ތިބީ ފިޔަވަޅުމަތީގަ ސާބިތުވެ. ޝައްކެއްނެތް. އަހަރެމެންގެ ތެރޭން ހަމަ ކޮންމެ މީހަކު ވެސް އެ މީހަކަށް ވެވެން އޮތް ޤުރުބާނެއް ވެދީފި. ދުސްމިނުން މި ވަގުތު ވަނީ ހުރިހާ ފަރާތަކުން މަގު ބައްދާފަ. އަހަރެމެންގެ އަތުގަ ހަތިޔާރު މަދު. އެކަމަކު އަހަރެމެންގެ އީމާނަކީ ޙައްޤުގެ މަގުގަ ޝަހީދުވާ މީހުން ފަހަރެއްގަ ވެސް މަރެއް ނުވެއޭ. އަހަރެމެން ދާއިމީ ދިރިއުޅުމާ ކަރާކަރުޖައްސާލާން އެންމެފަހު ނޭވާއަށް ދަންދެން ދުސްމިނުންނާ ހަނގުރާމަކުރަމުން ގެންދާނަން. -- އަހަރެމެންގެ ކުރިމަތީގަ އޮތީ ހަމައެކަނި އެންމެ ދެ މަގު. -- އިއްޒަތުގެ މަރު؛ ނޫނީ ނިކަމެތިކަމުގެ ދިރިއުޅުން. -- ތިޔަބައިމީހުން ހޮވާފަވާ މަގަކީ އިއްޒަތުގެ މަގުކަން، ޝަހީދުވުމުގެ މަގުކަން އަހަންނަށް އެނގޭ. އެއީ ކޮންމެ މުއުމިނެއްގެ އުންމީދު. އެހެންވީމަ އަހަރެމެން މިހާރު ވަކި ގޮތެއް ނިންމާ ހަނގުރާމައަށް ތައްޔާރުވާންވީ. -- މިއަދު މި ތަނަށް މި އެއްވީ އެހެން ވެގެން." އެ ރޭ ބައިތައް ބަހައި އެ ބައިބައިގެ ވެރިކަން އެކި ޒުވާނުންނާ ހަވާލު ކުރެވުނެވެ. ހުރިއްޔާ ހުރި ހަތިޔާރެއް ބަހައިލެވުނެވެ. ދެން ރޭގަނޑުގެ އަނދިރީގައި މުޖާހިދުން އެބައިމީހުންގެ މަންޒިލާވީ ފަރާތަށް ދަތުރުކޮށްފިއެވެ. އަނެއް ދުވަހު ފަތިސްވީ ޖަޣްބޫބަށް ޤިޔާމަތާ އެކުގައެވެ. ފަތިސްވުމާ އެކު މަތިންދާބޯޓުތައް ޖަޣްބޫބަށް ތަނެއްދޮރެއް ނުބަލައި ބޮންއަޅާން ފެށްޓެވެ. -- ބޮމުގެ އަޑުފަށްގަނޑުން ބިން ތެޅިގަނެގެން ދިޔައެވެ. އަދި އެއާ އެކުއެކުގައި އިޓަލީ ޓޭންކުތައް ހަމަލަދޭން ފެށްޓެވެ. މުޖާހިދުންގެ ގިނަ މީހުން ގޮސްވީ ސިރުތާ އާއި ކުފްރާއާ ވީ ދިމާއަށެވެ. ދުސްމިނުންގެ ގިނަ ބަޔަކާ ކުރިމަތިލުމަކީ އެ މީހުންނަށް ވެވޭ ވަރު ކަމަކަށް ނުވިއެވެ. މުޖާހިދުން ހިތްވަރުކޮށްފައި އިޓަލީން ކުރިއަށް އައުން މަޑުކުރުވިއެވެ. އަދި ޝަހީދު ނުވެ ތިބި އަންހެނުންނާއި ކުޑަކުދީން އަވަސްއަވަހަށް ޖަބަލުލް އަޚްޟަރާ ދިމާއަށް ފޮނުވައިލިއެވެ. ޢުމަރުލް މުޚްތާރު ރޭގައި ވީ އެ ތަނަށް ދަތުރު ކުރައްވައިފައެވެ. މެންދުރު ވާންވީ އިރަށް ޖަޣްބޫބު ބަލިވެއްޖެއެވެ. ޙަސަން އަދި މަގުމަތީގައި ހުއްޓައި އޭނާއަށް ލައިލާ އާއި އޭނާގެ ދަރިފުޅު ޝަހީދުވީ ޚަބަރު ލިބިއްޖެއެވެ. -- އޭނާގެ ތުންފަތުން إنـّا للّه وإنـّا إليه راجعون ގެ އިތުރު އެއްވެސް އެއްޗެއް ނުނުކުމެއެވެ. -- އެކަމަކު އޭނާގެ ލޮލުން އާ ވިދުވަރެއް ފާޅުވިއެވެ. އޭނާ އޭނާގެ ދުވެލި ހަލުއިކޮށްލިއެވެ. ޙަސަނުގެ މަންޒިލަކީ ކުފްރާއެވެ. އޭނާގެ ގާތުގައި ތިބީ މުޖާހިދުންގެ ވަރަށް މަދު ބައެކެވެ. އެކަމަކު އޭނާއަށް އެކަމުގެ ފަރުވާލެއް ނެތެވެ. މިއީ އެންމެ ފަހުގެ ހަނގުރާމަކަން އޭނާއަށް އެނގެއެވެ. މި ފަހަރު ދުސްމިނުންނަށް އެންމެ ފަހުގެ އެތިފަހަރު ދެވޭނެއެވެ. ނޫނީ ޝަހީދުވެދާނެއެވެ. ރޭގަނޑު އޭނާ މަޑުކުރީ ވެލީގެ ފަސްފުނިތަކުގެ މެދުގައެވެ. އިރުއެރުމުގެ ކުރިން އަނެއްކާ ދަތުރު ފަށައިފިއެވެ. * * * * * އެއީ 1931 ގެ ފަހުކޮޅެވެ. ސެޕްޓެންބަރު މަސް ފެށުނު ހިސާބެވެ. ސަހަރާގައި ވަރަށް ފިނި ގަދައެވެ. އެހެންނަމަވެސް އެ މީހުން މުޅި ރޭގަނޑު ހަތަރުދަމު ވެސް އަލިފާން ރޮލެއް ނުކުރެއެވެ. އެއީ އެބައިމީހުން ތިބި ކަން ދުސްމިނުންނަށް އެނގިދާނެތީއެވެ. ޙަސަނު ލައިލާ އާއި އޭނާގެ ދަރިފުޅަށް ރަޙްމަތްލެއްވުން އެދި ދުޢާކުރިއެވެ. ވަޠަނުގެ މިނިވަންކަމުގެ މައްޗަށް އިތުރު ދެ ޤުރުބާނީ ހުށަހެޅުމުގެ ބާއްޖަވެރިކަން ލިބުނީތީ މާތްރަސްކަލާނގެ އަށް ޝުކުރުކުރިއެވެ. މިހާރު އޭނާ ބާރު ދުވެލީގައި އެ ދަނީ ކުފްރާއާ ދިމާއަށެވެ. އެކަމަކު ކުފްރާ އަދި ދުރުގައި އޮތްވައި އުފުލެމުން އަންނަ ހިރަފުހެއް ލޮލަށް ފެނިއްޖެއެވެ. އެއަށްފަހު ސަވާރެއް ހަލުއި ދުވެލީގައި އެ މީހުންނާ ދިމާއަށް އަންނަތަން ފެނިއްޖެއެވެ. އެބައިމީހުން ހުއްޓުނެވެ. ސަވާރު ކައިރިއަށް އައުމުން އެއީ އަރަތްބެއްކަން އެނގުނެވެ. އެ ވާނީ ޒަޚަމުވެފައިވާ މީހަކަށެވެ. އޭނާ އޮތީ އަހުގެ ބުރަކަށިމައްޗަށް ގުދުވެއެވެ. އޭނާ ވަރުދެރަވެފައިވާ ވަރުން އެ މީހުން އޭނާ ނުހިފޭއްޓި ނަމަ ވެއްޓުނީހެވެ. ޙަސަނު އޭނާއަށް ފެންބޯންދިނެވެ. އޭނާ ބިރުގެންފައި ވާ ނަޒަރަކުން ޙަސަނަށް ބަލައިލިއެވެ. "ތިޔަބައިމިހުން ތި ދަނީ ކޮންތާކަށް؟" ސަވާރު ބަލިކަށިއަޑަކުން އެއްސެވެ. "ކުފްރާއަށް." ޙަސަނު ޖަވާބުދިނެވެ. "ކުފްރާ--؟" ސަވާރު ފެންކަޅިވެފައިވާ ލޮލަކުން އޭނާއަށް ބަލައިލިއެވެ. "މިހާރު އެ ތާނގަ އޮތީ ކޮން އެއްޗެއް؟" "ކީކޭ ތި ބުނީ؟ ތި އަންނަނީ ކުފްރާއިންތަ؟ ހަމަ ހޭގަތަ؛ ތީނީ؟" "ހަމަހޭ ހުންނާނީ ކިހިނެއް؛ އަޚާ؟ -- ކުފްރާގަ މިހާރު ހުރީ ހަމަ އެކަނި ގަބުރުތަކެއް. އަނދަމުންދާ ގޭގޭގެ އޮނިގަނޑު. ވީރާނާކަމާ ބަރުބާދީގެ އަސަރުތައް." ސަވާރު ކިޔައިދޭން ފެށްޓެވެ. ޙަސަނާއި އޭނާގެ ބައިވެރީން ފެންކަޅިވެފައިވާ ލޮލަކުން އޭނާއަށް ބަލަން ތިއްބެވެ. "އިއްޔެ ހެނދުނު ކުއްލިއަކަށް އިޓަލީ ސިފައިން ކުފްރާ ވަށާލައިފި. މަތިންދާބޯޓުން ބޮންއެޅިލެއް ވަރުގަދަކަމުން އިސާހިތަކު އިމާރާތްތައް ބިންމަތިވެއްޖެ. ދެން ޓޭންކުތައް ސައިތާނުންގެ ބައިގަނޑާއެކު އާބާދީއަށް ވަދެއްޖެ. އެ ތާނގަ ތިބީ ބަލިކަށި ފިރިހެނުންނާ އަންހެނުންނާ ކުޑަކުދީން. އަހަރެންނާ އެކު ޒުވާނުންގެ ތިބީ ވަރަށް މަދު ބައެއް. އިޓަލީ ޖަނަވާރުތައް ފުރަތަމަ ކުރި ކަމަކީ ހޮވަހޮވައިގެން ހުރިހާ ފިރިހެނުންތައް މެރީ. މިސްކިތްތައް ތެޅީ. ކުތުބުޚާނާތައް އެންދީ. ކަލާނގެ ކަލާންފުޅު އަލިފާނަށް ލީ. އެ މީހުން ސައިތާނުން ހެން ހެމުން ގެންދިޔަ. މީހުން މަރަމުން ދިޔަ ހިތްހަރުކަމުން ހީވަނީ ކުފްރާގައި އުޅެނީ އިންސާނުންނެއް ނޫން ހެން؛ ޖަނަވާރު ހެން. އެ މީހުން އަހަރެމެންގެ ލޮލުގެ ކުރިމަތީގަ އަހަރެމެންގެ އަނބިންގެ އަބުރުނަގާލި. އެންމެފަހުގެ އުންޑަކޮޅު ހުސްވަންދެން ވެސް އަހަރެމެން ހަމަލަދިނިން. އަހަރެން ހޭއެރި އިރު ރޭގަނޑުގެ އަނދިރިކަން ވެރިވެއްޖެ. އޭރު ސައިތާނީ ލަސްކަރު އެބައިމީހުންގެ ފަތަޙަ ފާހަގަކުރަނީ. އަންހެނުންގެ ހިތާމަވެރި ހަޅޭއް އެބައިމީހުންގެ ނުލަފާ ހުނުންގަނޑުގެ ތެރެއަށް އޮބިގެންދޭ. -- މާތްރަސްކަލާކޯ. އެ ހުރިހާ ކަމެއް ދެކެ އަޑުއަހަން މި އަޅާ ބެހެއްޓެވީ ކީއްވެގެންތޯ. -- ދެން އަހަރެން އަނދިރީގަ ދެމެމުން ކޮންމެސް ގޮތަކުން ބޭރަށް ނުކުތުމުގަ ކާމިޔާބުވެއްޖެ. މި އާވާރާ އަސް ނުލިބުނު ނަމަ މި ތަނަށް ވެސް ފޯރާނެ ކަމެއް ނޭނގެ. -- އަހަރެން ޢުމަރުލް މުޚްތާރުގެ އަރިހަށް ގެންގޮސްދީ. އަހަރެން ޢުމަރުލް މުޚްތާރަށް ކުފްރާގެ ބަރުބާދީގެ ވާހަކަ ދަންނަވަން ބޭނުން." ޙަސަނުގެ ލޮލުން ކަރުނައިގެ ކޯރެއް ދެމިގެން އައި ކަމެއް އޭނާ ނުދެނަ ހުށްޓެވެ. ކުފްރާގެ ބަރުބާދީގެ ވާހަކައިގެ ހިތާމަވެރިކަން ބޮޑުކަމުން ހަމަ ކޮންމެމީހަކުމެ ރޮނީއެވެ. މިހާރު ދެން ކުރިއަށް ދިއުމުގެ ބޭނުމެއް ނެތެވެ. ޙަސަން އެންމެ ފުރަތަމަ ފަހަރަށް، ކުރަން ނުކުތް ކަމަކުން ނާކާމިޔާބުވެ މާޔޫސްވެގެން އެނބުރި އަންނަނީއެވެ. އޭނާ އަހުގެ މިސްރާބު ޖަބަލުލް އަޚްޟަރާ ދިމާއަށް އަނބުރައިލިއެވެ. * * * * * ޢުމަރުލް މުޚްތާރު، ޠަރާބުލުހުގެ ހަތްދިހަ އަހަރު ވީ ހިތްވަރުގަދަ މުޖާހިދު، ޖަބަލުލް އަޚްޟަރުގެ ސިންގާ ފަރުބަދަތަކުގެ މަތީގައި ހައްޔަރުވެއްޖެއެވެ. ގެރިއްލާ ހަމަލައަށް ދިޔަ ގިނަ މުޖާހިދުންނެއް އެނބުރިއެއް ނާދެއެވެ. ޢުމަރުލް މުޚްތާރުގެ އަރިހުގައި މިހާރު ސަލާމަތުން ބާކީ ތިބީ ދޮޅަހަކަށް މުޖާހިދުންނެވެ. ހުރިހައި ފަރާތަކުން ވެސް ހަލާކާއި ބަރުބާދީގެ ޚަބަރުތައް ލިބިލިބި ހުށްޓެވެ. އިޓަލީ ސިފައިން ކޮންމެ ދުވަހަކު ޖަބަލުލް އަޚްޟަރުގެ ވަށައިގެން އެބައިމީހުންގެ ކޮށި ކުޑަކުރަމުން ގެންދެއެވެ. ޢުމަރުލް މުޚްތާރު ދިރިހުރިހައި ހިނދަކު ހަނގުރާމަ ދެމިއޮންނާނެކަން އިޓަލީންނަށް އެނގެއެވެ. ޢުމަރުލް މުޚްތާރު ކޮންމެ ދުވަހަކު އެއް މަގުން އަނެއް މަގަށް އެއް ފަރުބަދައިން އަނެއް ފަރުބަދައަށް ބަދަލުވެވަޑައިގަންނަވަމުން ދެއެވެ. ރޭގަނޑުގެ އަނދިރީގައި ވެސް ޢުމަރުލް މުޚްތާރު ދަތި އުނދަގޫ ފަރުބަދަތަކުގެ މަތީގައި ދަތުރުކުރައްވަމުން ގެންދެވިއެވެ. 11 ސެޕްޓެމްބަރ 1931 ގެ ފަތިސްވެއްޖެއެވެ. ހުރިހައި މުޖާހިދުން ޢުމަރުލް މުޚްތާރުގެ އިމާމުކަމުގައި ފަތިސްނަމާދު ކޮށްފިއެވެ. އެ ތާނގައި ތިބި މުޖާހިދުންގެ އަދަދަކީ މުޅިއެކު ބާވީހެވެ. އެ މީހުންގެ އަތުން ކާނާއާއި އުންޑަ ހުސްވަނީއެވެ. އެހެންކަމުން އެ މީހުން ކުރިއަށް ދަނީ ވަރަށް ރައްކާތެރިވެ ތިބެގެންނެވެ. އިރުއެރި އިރު އެ މީހުން ތިބީ އާރޯ ތާޒާ ފަރުބަދައެއްގެ ކައިރީގައެވެ. އެ މީހުން ފަރުބަދަމައްޗަށް އަރާން ފެށްޓެވެ. އެއީ ވަށައިގެންވާ ސަރަހައްދު މަތިން ބަލައިލެވޭނެތީ އެވެ. އެކަމަކު އެ މީހުންނަށް އަދި ކުޑަތަންކޮޅަކަށް ދެވުނު ތަނާ ކުއްލިއަކަށް ހުރިހައި ފަރާތަކުން އުންޑައިގެ ވާރޭ ވެހޭން ފެށްޓެވެ. އެ މީހުން ވަގުތުން ސަމާލުވެފައި ދުސްމިނުންނަށް ރައްދު ހަމަލަ ދޭން ފެށްޓެވެ. އެކަމަކު އެ މީހުން ވަނީ ވަށައިލެވިފައެވެ. ދުސްމިނުން ތިބީ މަތީގައެވެ. މުޖާހިދުން އުޑު އިރައިގެންދާ ވަރަށް الله اكبر ގެ އަޑު އުފުލައިލުމަށް ފަހު ހަމަލަދޭން ފެށްޓެވެ. އެކަމަކު އެ މީހުންގެ ތެރެއިން ފަހަރަކު މީހަކު ދިޔައީ ޝަހީދުވަމުންނެވެ. ޙަސަނާއި ޒުބައިރު ހަލުއިކަމާ އެކު އެބައިމީހުންގެ ވެރިޔާއާ ދިމާއަށް ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް ޢުމަރުލް މުޚްތާރު އެއްފަރާތަކަށް ފުންމައިލެއްވިއެވެ. ޢުމަރުލް މުޚްތާރުގެ ކޮންމެ ވަޒަނަކީ ވެސް ކޮންމެވެސް އިޓަލީއަކަށް މަރުގެ މެސެޖެއް ކަމުގައި ސާބިތުވަމުން ދިޔައެވެ. ޙަސަނާއި ޒުބައިރު ތެޅިގެންފައި ޢުމަރުލް މުޚްތާރާ ދިމާއަށް ދުއްވައިގަތެވެ. އެއީ ކޮންމެވެސް ގޮތަކުން ޢުމަރުލް މުޚްތާރު ސަލާމަތްކޮށްގެން އެ ތަނުން ނެރުމަށެވެ. އެކަމަކު އެ ވަގުތު ދުސްމިނުންގެ ވަޒަނެއް ޢުމަރުލް މުޚްތާރުގެ ކަނާތު މުލައްދަނޑިފުޅު ތޮރުފައިލައިފައި ހިނގައްޖެއެވެ. ރައިފަލު އަތްޕުޅުން ދޫވެގެން ވެއްޓުމާއެކު ކުއްލިއަކަށް ވާތްޕުޅުން ރައިފަލު ނަންގަވައިފައި، ބަޑިޖައްސަވާން ފެއްޓެވިއެވެ. އެކަމަކު ފޮނުވައިލެއްވޭ ވަރުވީ ދެ ވަޒަނެވެ. -- ވަޒަން ހުސްވީއެވެ. -- ޙަސަނާއި ޒުބައިރަށް ޢުމަރުލް މުޚްތާރުގެ އަރިހަށް ނުދެވިގެން އުޅެނިކޮށް އިޓަލީ ސިފައިން، އެ އެންމެން ވަށައިލައިފިއެވެ. އެއީ އެންމެ ފަހުގެ ހަމަލައެވެ. އެ ހަމަލައިގައި ސަލާމަތުން ދިރި ތިބީ ޢުމަރުލް މުޚްތާރާ އެކު އެންމެ ތިން މުޖާހިދުންނެވެ. އެ ތިން މީހުން ހައްޔަރުކޮށްފިއެވެ. ޢުމަރުލް މުޚްތާރުގެ ކުރިފުޅުމަތީގައި ޙަސަނާއި ޒުބައިރުގެ ގަޔަށް ބަޑިޖަހައި މަރައިލީއެވެ. އެކަމަކު ޚުދު ޢުމަރުލް މުޚްތާރަށް އަދި އެހެން ހަނގުރާމައެއް ފަތަޙަކުރެއްވުން ބާކީ އޮތީއެވެ. * * * * * އެ މީހެއްގެ ނަން އިވުނަސް ޖެނެރަލް ގްރަޒިޔާނީ ރޫރޫއަޅައިގަންނަ ޖަބަލުލް އަޚްޟަރުގެ ސިންގާ ބިޑިއާއި ހިލިހިލާތަކުން ހައްޔަރުކޮށްފައި އޭނާގެ ކުރިމަތީގައި ހުށްޓެވެ. އެކަމަކު ޖެނެރަލް ގްރަޒިޔާނީ ހިނިތުން ވެސް ކޮށެއް ނުލައެވެ. ޢުމަރުލް މުޚްތާރުގެ ކުރައްވާނެކަމެއްނެތްކަމުގެ މައްޗަށް އުފާފާޅުކުރަން ކެރޭހައި ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.ޢުމަރުލް މުޚްތާރުގެ ޒަޚަމުވެފައިވާ މުލައްދަނޑިފުޅުގައި ލޭހުރީ ގަނޑުވެފައެވެ. ތުނބުޅިފުޅަށް ހުރީ ހިރަފުސް ބުރައިފައެވެ. ޢުމަރުލް މުޚްތާރުގެ ހަތަރެސްފައިންޕުޅުގައި ހުރީ ހިލިހިލާ ޖަހައިފައެވެ. އެކަމަކު سبحان الله އެވެ. އެ މުޖާހިދުގެ މޫނުފުޅުމަތީގައި ހުރީ ހަމަ އެ ތޫނުފިލިކަމެވެ. ލޯފުޅުގައި ހަމަ އެ ހިތްވަރުފުޅާއި ކެރިވަޑައިގަތުމުގެ ވިދުމެވެ. އިސްތަށިފުޅު ހުރީ ހަމަ އެ ޣީރަތްތެރިކަމާއެކު އުފުލައިލެވިފައެވެ. ޖެނެރަލް ގްރަޒިޔާނީއަށް ޢުމަރުލް މުޚްތާރާ ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ. އޭނާ މަޑުމަޑުން ބުންޏެވެ. "ޢުމަރުލް މުޚްތާރު! އެއްވެސް ޝައްކެއް ނެތި ތީ ހިތްވަރުގަދަ ދުސްމިނެއް. އެހެންވީމަ އަހަރެން ކަލެއަށް ގަދަރުކުރަން." އޭނާ އިސް އުފުލައި ބަލައިލިއެވެ. "ކަލޭ ޔަގީންކުރާނެކަމެއް ނޭނގެ. އެކަމަކު ތި ހެން ހުއްޓާ ކަލޭ ފެނިފަ އަހަރެން ވަރަށް ހިތާމަކޮށްފިން." ޢުމަރުލް މުޚްތާރު ހިމޭނުން ހުންނެވިއެވެ. "މިހާރު ހުރިހާ ކަމެއް ނިމިއްޖެކަން ކަލެއަށް އެނގޭނެ. އެކަމަކު އަހަރެން -- އަހަރެންގެ ޒިންމާގެ މަތިން ކަމެއް ހުށަހަޅަން ބޭނުން." ޢުމަރުލް މުޚްތާރު ހަމަހިމޭނުން އޭނާއަށް ބައްލަވާން ހުންނެވިއެވެ. "މީގެ ފަހުން އަމާންކަމުގެ ދިރިއުޅުމެއް ވޭތިކުރާށާ އިޓަލީސަރުކާރަކީ އެންމެ މަތީ ވެރިކަންކަމަށް ގަބޫލުކުރަން ވަޢުދުވެއްޖެއްޔާ އަހަރެން ހަމައެކަނި ކަލޭ މިނިވަންކުރާނީކީ ނޫން؛ އަދި ކީއް. ސަރުކާރުން ދޭ ޕެންޝަނެއްގެ ގޮތުގަ މުޅި އުމުރަށް ގިނަ އަދަދަކަށް ފައިސާ ދެމުން ގެންދާނަން." ޢުމަރުލް މުޚްތާރުގެ މޫނުފުޅު ކޯފާވެގެން ރަތްވިއެވެ. "ޖެނެރަލް ގްރަޒިޔާނީ! ކަލޭ ދެންމެ ހިތްވަރުގަދަ ދުސްމިނެކޭ ބުނެގެން އަހަރެންގެ ޢިއްޒަތް އުފުލީމު. އެކަމަކު ކަލޭ ތި ހުށަހެޅި ހުށަހެޅުމަށް ވުރެ ވަކިން ބޮޑަކަށް އަހަރެން ނިކަމެތިކޮށެއް ވެސް ނުލެވޭނެ! ކަލޭ ހީކުރީ ޢުމަރުލް މުޚްތާރު ބަލިވީކަމަށްތަ؟ އެހެނެއްނޫން ޖެނެރަލް. ޢުމަރުލް މުޚްތާރަކީ މީހެއްގެ ނަމެއް ނޫން. އެއީ ޠަރާބުލުހުގެ މުސްލިމުންގެ މިނިވަންކަމުގެ ފުރާނައިގެ ނަން. އެ ނަމެއް ކަލެއަކަށް ދުވަހަކުވެސް ބަލިކޮށެއް ނުލެވޭނެ! ކަލޭ ފައިސާގެ ދަޅަ ދައްކައިގެން އަހަންނަށް އަޅުވެތިކަން ހުށަހަޅަނީތަ؟ މާތްރަސްކަލާނގެ ގަންދެން، ޖެނެރަލް. ކަލޭ މުޅި އިޓަލީގެ ހުރިހާ މުދަލެއް އަހަރެންގެ ފައިދޮށަށް ފުނިޖަހާލިޔަސް ޠަރާބުލުހުގެ މިނިވަންކަމުގެ ވިޔަފާރިއެއް އަހަންނެއް ނުކުރާނަން. އަހަރެން އަހަރެންގެ ކަލާނގެއަށް، އަހަރެންގެ ޤައުމަށް، އަހަރެންގެ ވަޠަނަށް ވަޢުދުވެފަ އޮންނާނީ އެންމެ ފަހު ނޭވައާ ހަމައަށް ވެސް ޠަރާބުލުހުގެ މިނިވަންކަމަށް ޓަކާ ހަނގުރާމަކޮށްކޮށް ހުންނަން. އަހަރެން ހުންނާނީ މި ޢަހުދުގެ މަތީގަ. ކަލެއަށް ޢުމަރުލް މުޚްތާރު މަރާލެވިދާނެ. އެކަމަކު އޭނާގެ މިނިވަންކަމުގެ ޖަޒުބާތެއް ހަމަ ހިލާ ވެސް މަރައެއް ނުލެވޭނެ. ކަލޭ ތި ހުށަހެޅީ ވަރަށް ފިނޑި ހުށަހެޅުމެއް، ގްރަޒިޔާނީ!" ޖެނެރަލް ގްރަޒިޔާނީގެ މޫނު ރުޅިއައިސްގެން ރަތްވި އެވެ. -- އޭނާގެ ގަލަން ހަލުއިކަމާއެކު ހިނގަން ފެށްޓެވެ. އޭނާ ޢުމަރުލް މުޚްތާރު ސަލޫޤުގެ މައިދާނުގައި ދަންޖައްސާން ހުކުންކުރިއެވެ. އަދި ދަންޖައްސާ ވަގުތު ޠަރާބުލުހުގެ ހުރިހައި ގައިދީން އެ މައިދާނަށް ގެންނާން އަމުރުކުރިއެވެ. އެއީ އެ މީހުންގެ ލީޑަރުގެ ނިމުން އެ މީހުންނަށް ދައްކާށެވެ. 16 ސެޕްޓެމްބަރ 1931 ގެ ހެނދުނު، ކަރުނައައިސްފައި ވާ ސަނޯސީ ގަބީލާތަކުގެ އެތަކެއް ހާސް މީހުންގެ ކުރިމަތީގައި ޢުމަރުލް މުޚްތާރު އޭނާގެ ފުރާނަފުޅު އެއްކައުވަންތަ ކަލާނގެ ކިބަފުޅަށް ދޫކޮށްލައްވައިފި އެވެ. މީސްތަކުން އަޑުންއަޑުނަގައިފައި ރޮމުން ގެންދިޔައެވެ. الله اكبر ގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. * * * * * ޢުމަރުލް މުޚްތާރު ދަންޖައްސައިފިއެވެ. -- އެކަމަކު ޢުމަރުލް މުޚްތާރު ޤައުމުގެ ހިތުގައި ދިއްލަވައިފައި ވަޑައިގެންނެވި މިނިވަންކަމުގެ ބައްތިއެއް ފަހަރެއްގައި ވެސް ނުނިވުނެވެ.ދެވަނަ ބޮޑުހަނގުރާމައަށް ފަހު އިޓަލީ ސަރުކާރަށް ޖެހުނީ ޠަރާބުލުހުގެ ބިން ދޫކޮށްލާށެވެ. ޔޫ.އެން.ގެ ނިންމުމާ ގުޅިގެން 1951 ގެ ފަހުކޮޅު ހުޅަނގު ޠަރާބުލުސް މިނިވަން ވިއެވެ. އާ ވެރިކަމުގެ ނަމަކަށް ކިއީ ލީބިޔާއެވެ. އެ ތަނުގެ ފުރަތަމަ ވެރިއެއް ކަމުގައި ސައްޔިދު އިދްރީސް ކަނޑައެޅި، އެއީ ލީބިޔާގެ ރަސްގެފާނު ކަމުގައި ހަމަޖެހުނެވެ. 1969 ގައި އިންޤިލާބެއްގެ ޒަރީޢާއިން ރަސްކަމުގައި ނިމުމުގެ ސިއްކަ ޖެހުނެވެ. އަދި ލީބިޔާއަކީ އިސްލާމީ ޖުމްހޫރިއްޔާއެއް ކަމުގައި ކަނޑައެޅުނެވެ. ކޮންމެ ގޮތެއްގައި ނަމަވެސް އެންމެ ފަހުގެ ހަނގުރާމަ ފަތަޙަ ކުރެއްވީ ޢުމަރުލް މުޚްތާރެވެ. * * * * * (ނިމުނީ) ފޮޓޯ: 1. ޢުމަރުލް މުޚްތާރު ހައްޔަރުކޮށް ހިލހިލާ ޖަހައިފައި. ވާތްފަރާތުން 2 ވަނައަށް ޖެނެރަލް ގްރަޒިއާނީ - ފޮޓޯ: http://commons.wikimedia.org/wiki/Omar_Mukhtar 2. ޢުމަރުލް މުޚްތާރު ދަންޖައްސައިފައި. ފޮޓޯ: http://ar.wikipedia.org/wiki/%D9%85%D9%84%D9%81:Omar_Mukhtar_5.jpg މި ލިޔުން: ފޮނުވުން: މުޙަންމަދު ޝާހިދު ޙަލީމް އަލުންބެލުން: މުޙަންމަދު ޝާހިދު ޙަލީމް ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ މަނިކު, 2011-04-15 07:44:38
ކިޔާ ހިތުން ކިޔާލެވުނު ވާހަކައެއް. ޢުމަރުލް މުޚްތާރަކީ ހިތްވަރުގަދަ ޤައުމީ ބަޠަލެއް. ދިވެހިބަހަށް ބަދަލުކުރުން ވެސް ވަރަށް އޮމާން.
... ލިޔުނީ މޫސާ, 2011-04-17 08:22:36
ވަރަށް ރީތިވާހަކައެއް. އިސްލާމްދީނުގެ އަހުލުވެރިންގެ ހުންނަ ހިތްވަރު ފެނިއްޖެ. އެމިހުން ހުޅަނގަކަށް އެމެރިކާއަކަށް
ބިރުގަނެ ބޮލެއް ނުލަނބާނެ. ދިވެހިންވެސް މިފަދަ ވާހަކަތަކުން އިބުރަތް ހޯދަންވި. ގައުމު މިއޮައް އޮޔާދަނީ މިހެން ވާގޮތް ބަލަން ތިއްބަ ލީބިޔާއަށް ވިހެން ނުވެދާނެބާ؟ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|