މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސާދަ ވިލޭރޭ (6) |
|
|
| ދިވެހި - ވާހަކަ | |||
| 25 އޮގަސްޓް 2011، 00:33 ބުރާސްފަތި | |||
|
ބިންމާ އިބްރާހިމް ވަހީދު 17 އޮގަސްޓް 2011 (ބުދަ) އާ ގުޅޭ އާދަމްމަނިކު އެއް މޮހޮރު ނަގާފައި ލަކުޑިކޮޅު މަތީގައި ޖައްސައިފައި، މަރުތޭލުން އެއް ފަހަރު، މަޑުމަޑުން ޖެހިއެވެ. ނާޒިމާގެ އެއް އަތުގެ އިނގިލިތައް ކުއްލިއަކަށް ހަރަކާތްކޮށްލި އެވެ. މުނީޒު މަޑުމަޑުން ނާޒިމާގެ ފައިގެ ކަށިމަތީގައި ހިފަހައްޓައިލި އެވެ. އާދަމްމަނިކު ދެވަނަ މޮހޮރު ވެސް، މަޑުމަޑުން ލަކުޑިކޮޅަށް ވައްދައިލި އެވެ. އެ ފަހަރު ދޮރުފޮތިގަނޑު ވަޔާ، އެއްފަހަރު ހިއްލުނެވެ. ނާޒިމާގެ ލޯ ކުއްލިއަކަށް މެރިލާފައި މަޑުމަޑުން ހުޅުވާލި އެވެ. ކަލަންޑަރުގެ ގަނޑު ވެސް ވަޔާ ހިއްލުނެވެ.
ކޮންމެވެސް ދިމާއަކުން، އެ ކޮޓަރިއަށް ރޯޅިއެއް ވަންކަން މުނީޒަށް ފާހަގަވި އެވެ. ތިންވަނަ މޮހޮރު ނަގަމުން، އާދަމްމަނިކު ވައްކަޅިން މުނީޒަށް ބަލައިލި އެވެ. މުނީޒު ބޮލުގެ އިޝާރާތުން އާނއެކޭ ނުވަތަ ތައްޔާރޭ ބުނުމުގެ ގޮތުން ބޯޖަހައިލި އެވެ. ތިންވަނަ މޮހޮރު ލަކުޑިކޮޅު މަތީގައި ޖައްސައިފައި، ވަރަށް ބާރަށް މަރުތޭލުން ޖެހުމާ އެކު، ކުއްލިއަކަށް ނާޒިމާގެ ގަޔަށް ބާރުގަނޑެއް އެރި އެވެ.ކުއްލިއަކަށް ކުޑަދޮރުން ވައިރޯޅިއެއް ވަނުމާއެކު ދޮރުފޮތިގަނޑު ވިއްސައިގެން ދިޔައެވެ. ދިއްލައިފައިވާ ބޮކި ބަޑިޖެހި އެވެ. އަދި އެ ނަރުގެ ކޮޅުން އަލިފާންކެނޑެން ފެށި އެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަން ފިލަނީ، އެ ކަރންޓު ނަރުން އަލިފާން ކެނޑޭ ވަގުތުގަ އެވެ. ނާޒިމާ ހަޅޭއްލަވަން ފެށިއެވެ. އަނެއްކާ އާދަމްމަނިކު އެ މޮހޮރުގައި މަރުތޭލުން ޖެހުމާއެކު ޖެހުމާއެކު، މޭޒު ފޫއަޅައިފައި، މޭޒުގެ ފިލާގަނޑު ދަށުން މޮހޮރުގެ ކޮޅު ނުކުތެވެ. ނާޒިމާގެ ކަޅި ކުއްލިއަކަށް ހުދުވި އެވެ. މޫނުގައި ހުރަހަށް ތިން ވަކި އެޅިގެން ދިޔައެވެ. ނާޒިމާ އިދިފުށަށް ދަމައިގަތުމާއެކު، ތުރުތުރުއަޅަން ފެށިއެވެ. އާދަމްމަނިކު، އަނެއް ދެ މޮހޮރުގައި ޖެހިޖެހީނުން އަޑިއަށް ވައްދައިލި އެވެ. ކުއްލިއަކަށް ހުސް ދިމާއެއްގައި ހުޅުރޯވި އެވެ. މީހެއްގެ ގައިގައި ހުޅުރޯވީމާ ތެޅިފޮޅޭހެން އެ ހުޅުގަނޑު ނުވަތަ ރޯވެފައިވާ ޖިންނި ހަރަކާތްކުރަން ފެށިއެވެ. އާދަމްމަނިކު އަޑުގެ ކޮޅަށް ކިޔަވަން ފެށިއެވެ. އެއީ، އެތައް ވަގުތަކަށް ދެމިގެންދިޔަ ކަމެކެވެ. ދޭތެރެއަކުން އެ ހުޅުގަނޑު ނިވެނެ އެވެ. އަނެއްކާ ރޯވާނެ އެވެ. އަނެއްކާ ނިވޭނެއެވެ. އިރު އަރަންދެން ވެސް އެ ސަކަރާތެއް ނުނިމޭނޭ ހީވާހާ ގިނަ ފަހަރު އެކަމެއް ތަކުރާރުވި އެވެ. ނާޒިމާ އެދުގައި ތެޅިފޮޅެނީ އެވެ. އެހެންނަމަވެސް، ކުރިންވެސް އާދަމްމަނިކު ބުނެފައިވާ ފަދައިން، އެއީ، ފެއްޓުމަށްފަހު ހުއްޓުވޭނޭ ކަމެއް ނޫނެވެ. ޖެހޭނީ ކޮންމެވެސް އެއްގޮތަކަށް ނަތީޖާ ފެންނާށެވެ. އެ ކަމެއް ނުފެށުނު ނަމައޭ، ކިތަންމެ ފަހަރަކު މުނީޒު ހިތަށް އެރިއެވެ. ދަރިފުޅުގެ ހަށިގަނޑަށް އަޅާ ވޭނުގެ އަސަރު، އެންމެ ފާޅުކޮށް ފެންނަމުން ދިޔައީ މުނީޒުގެ ދެ ލޮލުންނެވެ. "ދެން ހުއްޓާލާ!" ބޭއިޚްތިޔާރުގައި، އެއް ފަހަރު މުނީޒަށް އެހެން ބުނެވުނު ވެސް މެއެވެ. ވަކި ހިސާބަކުން ނާޒިމާގެ ހަރަކާތް ހުއްޓުނެވެ. އޭނަ ވަރުބަލިވީ ކަމެއް ނުވަތަ އޭނާގެ ހަށިގަނޑާއި ފުރާނަ ވަކިވީ ކަމެއް މުނީޒަކަށް ނޭނގެ އެވެ. ރޯވެފައިވާ ހުޅުގަނޑު ކުއްލިއަކަށް ބަޑިޖަހައުފައި، އެ ހުޅުގަނޑު ގެއްލުނީ ޚުދު އާދަމްމަނިކު ވެސް ވަރުބަލިކޮށްލައިފައެވެ. އަނެއްކާ ވެސް ތަނަށް ވެރިވީ ހަމަހިމޭން ކަމެވެ. "ނިމުނީ ތަ؟" މުނީޒު އެހިއެވެ. އާދަމްމަނިކު ވާހަކައެއް ނުދައްކައެވެ. ކުއްލިއަކަށް ތަނަށް އަލިވެގެން ދިޔައެވެ. ހޮޅިބުރި ދިއްލީ އާދަމްމަނިކެވެ. ނާޒިމާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. "ދަރިފުޅާ! ދަރިފުޅާ!" ނާޒިމާގެ ކޮލުގައި ޖަހައިލައިފައި މުނީޒު ގޮވައިލި އެވެ. ޖިންނި އަންދައިލެވުނެވެ. އެކަމަކު، އެކަމަކީ ތިމާއަށް ކުރެވުނު މޮޅުކަމެއް ކަމަކަށް އާދަމްމަނިކު ނުދެކެއެވެ. ކާމިޔާބެއް ކަމަކަށް ވެސް ނުދެކެ އެވެ. އާދަމްމަނިކުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. "ނާޒިމާ!" އަނެއްކާ ވެސް މުނީޒު ގޮވައިލި އެވެ. އަނގައިން ލޭ އައިސް، ދެލޯ މެރިފައިވާ ނާޒިމާގެ އެއްވެސް ހަރަކާތެއް ނެތެވެ. އޭނާ އޮތީ މަރުވެފައެވެ. "ދަރިފުޅާ!" މުނީޒު ހަޅޭލަވައިގަތެވެ. ދޮރު ހުޅުވާލާފައި ފައުޒިއްޔާ ވަނެވެ. އެހެންނަމަވެސް، އަލުން ދަރިފުޅު ހޭ އެރުވުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ރޯންވީ ކަމެއް ނުވަތަ އުފާކުރަންވީ ކަމެއް ފައުޒިއްޔާއަކަށް ނޭނގެ އެވެ. ވޭނުގައި، އެތައް ދުވަހަކު މަރަށް ތެޅުމަށް ވުރެ، އެއްފަހަރުން މަރުވުން ނާޒިމާއަށް މާ ލުއިވާނެ އެވެ. ހުރިހާކަމެއް އެ ހިސާބުން ނިމުނީ އެވެ. އެކަމަކު ދަރިފުޅު ވާނީ ދަރިފުޅަށެވެ. ލޯމަތިން ދަރިފުޅު ގެއްލުމުން މައެއްގެ ހިތަށް ކުރާނެ އަސަރު ފައުޒިއްޔާއަށް ވެސް ކުރި އެވެ. ނާޒިމާ ކައިރީގައި އިށީނދެފައި، ނާޒިމާގެ އަތުގައި ފިރުމަން ކިތަންމެ އިރަކު ފައުޒިއްޔާ އިނެވެ. ނާޒިމާ ހިނަވައި ކަފުންކޮށް ހުރިހާކަމެއްވެސް ނިމިއްޖެ އެވެ. ވަޅުލާ ވަގުތު ނުޖެހޭތީވެ، އެކިމީހުން އެކި ވަގުތު ގަބުރު ކައިރީގައި ކިޔަވަމުން ގެންދެވި އެވެ. މުނީޒަށް ކިޔަވަން ޖެހުމުން، އެ ކަމަށް ތައްޔާރުވެގެން އޭނާ އައެވެ. ކިޔަވަން ފެށިއެވެ. އެ ވަގުތު، މުނީޒާއި ގަބުރު ފިޔަވައި، އެހެން މީހަކު އެތަނަކު ނެތެވެ. ކިޔަވަން ފެށިކަން މުނީޒު ހަނދާން ހުއްޓެވެ. ސިއްސައިގެން ގޮސްފައި މުނީޒަށް ހޭލެވުނުއިރު، ކިޔަވަން ގެންގުޅުނު ފޮތް އޮތީ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިފަ އެވެ. އަވަސް އަވަހަށް މުނީޒު އެ ފޮތް ނެގި އެވެ. އަލުން ކިޔަވަން ފެށިއެވެ. މޭޒުމަތީގައި ގަބުރާ ދޭތެރޭ ވިސްނައިލެވުނީ ދެނެވެ. އެ ވަގުތު ހައިރާންވެގެން މުނީޒުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިނ މުނީޒު އިށީނދެގެން އިނީ ގަބުރުގެ ބޯލާކޮޅުގަ އެވެ. އެކަމަކު، މުނީޒާ ދިމާލަށް ގަބުރުގެ ފައިލާކޮޅު އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ ވަޅުލުމަށްޓަކައި ސަންދޯއް ގެންދިޔައިރު، އާދަޔާޚިލާފަށް ސަންދޯއް ބަރުވެގެން އެންމެންވެސް އުޅުނެވެ. އެއީ ކީއްވެގެންކަމެއް އެކަކަށްވެސް ނޭނގެއެވެ. ސަންދޯއް ގެންދިޔަ މަގުގައި ހުރި ގޭގޭގެ ދޮރާށި ދޮށުގައި، އެކި އުމުރުގެ މީހުން ނުކުމެ ތިއްބެވެ. ރަށުގެ މީހުންނަށް އެގިފައިވާ ގޮތުގައި، ނާޒިމާ އަކީ، ގަދަވެ ސަލާމަތުން ހުރި ކުއްޖެކެވެ. ވީއިރު، ކުއްލިއަކަށް އޭނަ މަރުވީ ކީއްވެގެން ހެއްޔެވެ؟ މައިންބަފައިން ބުނާގޮތުގައި، ނާޒިމާ ކުއްލިއަކަށް ނިޔާވީއެވެ. ސަބަބެއް ނެތެވެ. ބައެއް މީހުން އެ ވާހަކަ ގަބޫލު ކުރިއެވެ. މަރުވާ ކޮންމެފަހަރަކު ސަބަބެއް އޮންނާކަށް ނުޖެހެ އެވެ. އެކަމަކު، ބައެއް މިހުންގެ ހިތުގައި ޝައްކު ވެސް އުފެދުނެވެ. ސަންދޯއް އުފުލި ބައެއް މީހުންނަށް، ސަންދޯކުގެ ތެރެއިން ރުއިމުގެ އަޑެއް އިވުނުހެން ހީވި އެވެ. އެ ވާހަކަ ވެސް ރަށުތެރޭގައި ދެކެވުނެވެ. އެއް ބަޔަކު ގަބޫލު ކުރި އެވެ. އަނެއް ބައެއްގެ ނަޒަރުގައި އެއީ ވަހުމެކެވެ. ސަންދޯކުގެ ތެރެއިން ރުއިމުގެ އަޑެއް ނީވޭނެ އެވެ. ދެހާސް ދިހަ ވަނަ އަހަރެވެ. ނާޒިމާގެ ހާދިސާ ހިނގައިދިޔަތާ އެތައް ދުވަހެއް ފަހެވެ. މޭޒުމަތިގައި ބާއްވާފައިވާ "ހަވީރު" ނޫހުގެ ކުލެސިފައިޑުގައި ހުރި އިޝްތިހާރުތަކުގައި ޖައްސައިފައިވާ އިނގިލި މަޑުމަޑުން ތިރިއަށް ގެނައެވެ. ކުއްލިއަކަށް އެ އިނގިލި ހުއްޓައިލި އެވެ. ބޭނުންވެގެން އުޅޭ އިޝްތިހާރު ސައިދާއަށް ފެނުނެވެ. ފަހަން ދަސްކޮށްދޭ ކުލާހުގެ ހަތަރުވަނަ ބުރު ފެށެނީ އެވެ. ނޫސް ނެގުމަށްފަހު، ސޯފާގައި ހަމަޖެހިލައިގެން އިނދެ ސައީދާ އެ އިޝްތިހާރު މަޑުމަޑުން ކިޔައިލި އެވެ. ރަނގަޅު ފެންވަރަކަށް ހަދައިފައިވާ އެ އެޕާޓުމަންޓުގައި، ސައީދާ ނޫން އެހެން މީހަކު ނެތެވެ. ޓީވީ ހުރީ ހުޅުވައިފަ އެވެ. ވަރަށް ބާރު ސުޕީޑެއްގައި ފަންކާ އެބުރެމުން ދިޔައެވެ. ގަޑިން ހެނދުނު އަށެއް ޖަހަނީ އެވެ. "ސައީ!" ކޮޓަރިތެރެއިން މީހަކު ގޮވައިލި އަޑު އިވުނެވެ. ނޫސް އެއްލައިލައިފައި، ކޮޓަރިއާ ދިމާއަށް ސައީދާ ދުއްވައިގަތެވެ. އެ އަޑުގައިވާ ނުތަނަވަސްކަމުގެ ސަބަބުން ސައީދާ ހީކުރީ، ކޮންމެވެސް ބޮޑުކަމެއް ލައިގަތީ ކަމަށެވެ. "މި ދަނީ، މި ދަނީ!" ސައީދާ ބުންޏެވެ. ކޮޓަރީގެ ދޮރުހުޅުވާލާފައި، ސައިދާ އެތެރެއަށް ބަލައިލި އެވެ. ހާސްވާންޖެހޭ އެއްވެސް ކަމެއް ފެންނަން ނެތުމުން، އެއީ ސައިދާ އަވަހަށް ގެންނަންވެގެން ހެދި މަކަރެއްކަން ސައީދާއަށް އެނގުނެވެ. 'ކީކޭ މޫސާ އަންވަރު؟" ސަމާސާ ރާގެއްގައި ސައީދާ އެހި އެވެ. އޭރު މޫސަ ހުރީ ލޯގަނޑު ކައިރީގައި ސައިދާއަށް ފުރަގަސް ދީގެން، ޓައީ އަޅާށެވެ. ކުއްލިއަކްށް މޫސަ އެނބުރުނެވެ. ސައީދާ ހިނިތުން ވެލި އެވެ. "ގަމީހާ ޓައީ ގުޅޭތަ؟" މޫސަ އެހި އެވެ. ބަރާބަރޭ އަތުގެ އިޝާރާތުން ސައީދާ ބުންޏެވެ. އަދި ކައިރިއަށް އައިސް، ޓައީ އެއްފަރާތަކަށް ޖެހިފައި ހުރީމައި ރަނގަޅުކޮށްލައިދިނެވެ. ސައީދާގެ ކޮލަށް މޫސަ ދޮނެއް ދިނެވެ. މޫސަގެ ނަޒަރުގައި، ސައީދާއަކީ، ފިރިހެނަކަށް ލިބޭނެ އެންމެ ހެޔޮލަފާ އަތްނބެވެ. ހަމަ އެފަދައިން، ސައިދާ ދެކޭގޮތުގައި، މޫސަ ފަދަ ވަފާތެރި ފިރިއެއް ލިބެނީ މަދު މީހަކަށެވެ. ނަސީބުވެރިއަކަށެވެ. "ވަރަށް ފޫހިވޭ އެނގޭ!" ލާނެތް ރާގެއްގައި މޫސަ ބުންޏެވެ. ފޫހިވެއޭ ބުންޏަސް މޫސަ އެހެން އެ ބުނަނީ، އެންމެ ބޮޑަށް ލޯބި އުރުތިއަރަން ފެށީމަ އެވެ. އެ ކަން ސައީދާއަށް އެނގެ އެވެ. މޫސަގެ ޓައީގައި ސައީދާ ހިފައިފައި، ކުރިއަށްވުރެ ބޮޑަށް މޫސަ ގާތް ކޮށްލި އެވެ. "އަހަރެން އަދި މާ ފޫހިވޭ!" ވައި އަޑުން ސައީދަ ބުންޏެވެ. "ތި އުޅެނީ މިއަދު އޮފީހަށް ނުދާންތަ؟" ހީގެންފައި، ސައިދާ ފޮޅުވައިލައިފައި މޫސަ ދުރަށް ޖެހިލި އެވެ. "މީ ހާދަ ލާނެތް މަންޖެއެކޭ. މިއަދު އޮންނާނެ މަގޭ ޕުރެޒެންޓޭޝަނެއް ވެސް. މަށަށް ސައިދީފައި ފޮނުވައިލަން އުޅޭ!" މޫސަ ބުންޏެވެ. "އެންމެ ފަހުން މަގޭ ނިޔަތް ޚަރާބުވެދާނެ." ސައީދާ ހޭން ފެށި އެވެ. އަދި ބުންޏެވެ. "ތީ ތި ވާ ވަރަކީ." ސައިދާ ނުކުންނަން ހިނގައިގެންފައި ހުއްޓުނެވެ. "އޭ އެއްކަލަ ފަހާކޯސް އޯޕަންކޮށްފި. އަހަރެން ބައިވެރިވިޔަސް ހެޔޮތަ މި ފަހަރު؟" "ފަހާ ކޯސް ހަދައިގެން އިނާމެއް ލިބެންޏާ މަގޭ އަންހެނުންނަށް ލިބޭނެ. ޓައީ އާއި ގަމީސް ރީތިކޮށްލަމުން މޫސަ ބުންޏެވެ. ދޭބަލަ. ދޭބަލަ. ކޮން ގަޑިއެއްގަ ތި ކުލާހެއް އޮންނަނީ؟" "ހީވަނީ ރޭގަނޑު އެއިޓުން ނައިންއަށް ހެން. ސައީދާ ބުންޏެވެ. "ދެން ހިނގާބަލަ ސައިބޯން. ކޮންކަހަލަ ސައެއް ހަދަނީ؟" "ބުލެކް! ހިހޫކޮށްލައްޗޭ!" ގަމީހަށް ސެންޓުޖަހައިލަމުން މޫސަ ބުންޏެވެ. "ހަމަ އަލިފާންހެން ބަހައްޓާނީ." އެހެން ބުނެފައި، ހެމުންހެމުން ސައީދަ ނުކުތެވެ. އެންމެ ފަހު ފަހަރަށް، ލޯގަނޑުން މޫސަ މޫނު ބަލައިލިއެވެ. އެ ވަގުތު ރިހި ތަނޑިތަކެއް ތަޅުވާލާ ކަހަލަ އަޑެއް އިވުނުހެން މޫސައަށް ހީވި އެވެ. މޫސަ ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް މޫސައަށް އެ އަޑު އިވުނީ ވަރަށް ކައިރިންނެވެ. އެއީ ހީވިގޮތްކަމަށް ހަދާލާފައި ސައިބުއިމަށްޓަކައި މޫސަ ކޮޓަރިން ނުކުތެވެ. ނުކުތް ވަގުތު، ކޮޓަރިގައި ހުރި ފާޚާނައިގެ ދޮރު ކުއްލިއަކަށް ވަރަށް ބާރަށް ލެއްޕުނު އަޑު މޫސައަށް އިވުނެވެ. އަނެއްކާ މޫސަ ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮޓަރިތެރެ ބަލައިލި އެވެ. ފާޚާނައިގެ ދޮރު ހުރީ ލެއްޕިފަ އެވެ. ދޮރުލެއްޕުނު އަޑު މޫސަ އަށް އިވުނުހެން ހީވީބާއޭ ހިތަށް އެރިއެވެ. ސަބަބަކީ އެހާ ބާރު ވައިރޯޅިއެއް ކޮޓަރިއަށް ނުވަންނާނެކަން މޫސަ އަށް އެގެއެވެ. އެންމެފަހުން ނިންމީ އެއީ މޫސައަށް ހީވި ގޮތެއް ކަމަށެވެ. އޮފީހުގެ ސީނިއަރ ބޯޑު މީޓިންގައި، ޕުރެޒެންޓޭޝަން ދެމުން ގެންދިޔައީ ރީނާއެވެ. އެ ވަގުތު ދެކެވެމުންދިޔައީ، ޚަރަދުކުޑަ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެވެ. "ކޮންމެ ޑިޕާޓްމެންޓެއްގައި އެބަހުރޭ ފޮޓޯކޮޕީ ހަދާ ބޮޑު މެޝިނެއް،" ރީނާ ބުންޏެވެ. "އަދި ހަމަ ކޮންމެ ތިން މުވައްޒިފަކަށް ޕުރިންޓަރެއްގެ ނިސްބަތުން ޕުރިންޓަރުވެސް އެބަހުރި. ޕުރޫފު ރީޑުކޮށްލަން، އެއް ފަހަރަށް ވުރެ ގިނަފަހަރު ޕުރިންޓު އެބަ ހެއްދޭ. މިއީވެސް ކަޓްޑައުން ކުރެވިދާނެ ކަމެއް...." މޫސައަށް އިވުނީ އެހިސާބަށެވެ. އެއީ ކޮންމެ މީޓިންއެއްގައި، ތަކުރާރުކޮށް ދެކެވޭ އެކަމަކު އެއްވެސް އަމަލީ ސިފައެއް ނާންނަ ކަންތައްތަކެވެ. ވުމާއެކު، ފޫހިވެގެން މޫސަ އާފުރުނެވެ. މޫސަގެ ޕުރެޒެންޓޭޝަން ޖެހޭނީ ރީނާ ނިމުނު އިރަކުންނެވެ. ނިދުނަ ނުދިނުމަށްޓަކައި، ގަދަކަމުން ދެ ލޯ ހުޅުވައިގެން، އިސްކިރީނަށް ބަލަހައްޓައިގެން މޫސަ އިނެވެ. ކުއްލިއަކަށް، ލޭހުސްވެގެންގޮސް ހުދުވެފައިވާ މޫނެއް އެ އިސްކިރީނުން ފެނުނެވެ. މޫސަ ދިޔައީ ސިއްސައިގެންނެވެ. ރަނގަޅަށް ބަލައިލިއިރު، އެ އިސްކިރީނުގައި ހުރީ، ކުރިންވެސް ހުރި އަކުރުތަކެވެ. މޫސަ ސިއްސައިގެން ދިޔަކަމެއް ނަސީބަކުން އެހެންމީހަކަށް ނޭނގެއެވެ. މޫސަ ލަފާކުރީ، އެއީ ނިދުނު ވަގުތު މޫސައަށް ފެނުނު ހުވަފެނެއް ކަމަށެވެ. އެ ވަގުތު ރީނާގެ ޕުރެޒެންޓޭޝަން ނިމިގެން، ތަރުހީބުގެ އަތްތިލަބަޑިން މާހައުލު ގުގުމައިލި އެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށް ފަހު، މޫސަ ތެދުވެގެން ގޮސް ޕޯޑިއަމް ކައިރީގައި ހުއްޓުނެވެ. "އައްސަލާމް އަލައިކުމް!" މޫސަ ބުންޏެވެ. ދުވުމުގައި މޫސަގެ ދެފައި ހަރަކާތް ކުރަމުން ދިޔައީ، އެއްވެސް ވަރުބަލިކަމެއް ނެތި އެވެ. ޓެނިހުގެ ނާޑުވާ މަޑުމަޑުން ދޫވަމުންދާކަމެއް މޫސައަކަށް ނޭނގެ އެވެ. ހަވީރު ވަގުތެވެ. ލޮނުޒިޔާރަތްކޮޅަށް ހަލަބޮލިކަން ގެނެސްދީފައިވަނީ، ކަސްރަތަށް ހިނގާ މީހުންނާއި ދުވާ މީހުންގެ ސަބަބުންނެވެ. އަދި ހަވީރު ފިންޏަށް ބުރުޖަހާ މީހުންނާއި، ވާހަކަދައްކައިލަން ތޮށިގަނޑު މަތީގައި އިށީނދެގެން ތިބި މީހުންގެ ސަބަބުން ވެސް މެއެވެ. ދިލަކަން ކެޑިފައިވާ އަވީގެ ހޫނަށް ވުރެ، ކަޑުން އަރައިގެން އަންނަ ރޯޅީގެ ފިނިކަން މާ ބޮޑެވެ. އެ އަރާމުކަން އިހުސާސް ކުރަމުން، ކަންފަތަށް ޖަހާފައިވާ އިއާރ ފޯނުން އިވެމުން ދިޔަ ލަވައަށް ސަމާލުކަން ދެމުން މޫސަ ދުވިއިރު، މަގަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ކުއްލިއަކަށް މޫސައަށް ފެނުނީ، ފުރަގަސްދީގެން ހުރި އަންހެންކުއްޖެއް ކުރިމަތީގައި ހުއްޓިގެން ހުރިތަނެވެ. ސިއްސައިގެން ގޮސްފައި އޭނަގައިން ނައްޓުވާލަން އުޅެނިކޮށް، މޮހިފައިވަ ނާޑުވާ އަށް ފައިން އެރިފައި ކޮންޓުރޯލް ނުކުރެވިގެން މޫސަ ވެއްޓުނެވެ. ފަޔަށް ބޮޑު ތަދެއް އެރިއެވެ. ފައިގައި އަތް އަޅައިފައި މޫސަ އިސްއުފުލައިލި އިރު، ކައިރި ހިސާބެއްގައި ވެސް މީހަކު ނެތެވެ. އެހެންނަމަވެސް، ޔަގީނުންވެސް އެ ފަހަރަކު މޫސައަކަށް ނުއެއް ނިދެވެ. ދުވެދުވެ ހުއްޓައި ނިދޭނީ ކާކަށް ހެއްޔެވެ.؟ ނާޑުވާ އައްސައިލައިގެން މޫސަ ތެދުވި އެވެ. ދުވުން ހުއްޓައިލައިފައި، ސައިކަލާ ހަމައަށް މޫސަ ދިޔައީ ހިނގައިފަ އެވެ. ފާޑެއްގެ ކޮރެއްޖަހަމުންނެވެ. މޫސަ ވަޒިފާ އަދާ ކުރާ އޮފީހަކީ ވަރަށް ހަލަބޮލި އޮފީހެކެވެ. ކޮންމެވެސް ދިމާއަކުން ނުވަތަ އިންޓަކަމްގެ އަޑެއް ނީވި މިނިޓެއް ހޭދައެއް ނުވެއެވެ. އެ އޮފީހަކީ ރާއްޖޭގެ ވިޔަފާރިއާ ބެހޭ ހުރިހާ ކަން ކަމެއް ބަލަހައްޓާ ސަރުކާރުގެ ވުޒާރާ އެވެ. އައި ކޯލަކަށް ޖަވާބު ދީފައި އީސަ ފޯނު ބޭއްވި ވަގުތު އަނެއްކާވެސް އެ ފޯނު ރިންގު ވިއެވެ. އެހެންނަމަވެސް، ފޯނު ނުނަގައި، މޭޒުމަތީގައި އޮތް ފައިލު ހިފައިގެން ނިކަން ބާރަށް އީސަ ހިނގާފައި އައިސް މޫސަގެ ކެބިންގެ ދޮރުގައި ޓަކިޖަހާލުމަށްފަހު ވަނެވެ. މޫސަ އޭރު އިނީ އޮފީސް ފޯނުން މީހަކާ ވާހަކަ ދައްކާށެވެ. މޭޒު ކައިރިއަށް އައިސް އީސަ ހުއްޓުމުން، ގޮނޑިއަށް އިޝާރާތްކޮށްފައި އިށީންނާށޭ އިޝާރާތުން މޫސަ ބުންޏެވެ. އެ ފޯނު ނުނިމެނީސް މޫސަގެ މޯބައިލް ފޯނު ރިންގުވާން ފެށިއެވެ. އެހެންކަމުން ކުރިން ވާހަކަދެއްކި ކޯލު ކުރުކޮށްލައިފައި މޯބައިލަށް މޫސަ ބަލައިލި އެވެ. އަދި އީސައަށް ބުންޏެވެ. "ވަން ސެކެންޑް އެނގޭ!" މޯބައިލް ކަންފަތުގައި ޖެހުމަށްފަހު، މޫސަ ސީރިއަސްވި އެވެ. 'ވައަލައިކުމް ސަލާމް!" މޫސަ ބުންޏެވެ. "ކިހިނެއްތޯ؟ އަލްހަމްދު ލިއްލާހި. ތިޔަވީ." މޫސަ ހިނގައިގަތެވެ. ނޫނޭނޫނޭ، އަޅުގަނޑުމެން އަބަދުވެސް މި ތިބެނީ ހަމަ ތި ބޭފުޅުންގެ ޚިދުމަތުގަ ނޫންތޯ. އެހެންތޯ؟ މިކޮޅުންވެސް ވަރަށް ބޮޑަށް މަރުހަބާ! އާދެ އާދެ! މައްސަލައެއް ނޯންނާނެ އެނގޭތޯ؟" އެ ކޯލު ނިންމައިލައިފައި މޫސަ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "އެއްކަލަ ނަސީމް." އީސައަށް ބަލައިލައިފައި މޫސަ ބުންޏެވެ. "ނޫހަށް އަހަރެން ދީފައިއޮތް އިންޓަވިއު ފެނިގެން އެ ގުޅީ." "އެކަމަކު އެއީ ކުރިން އަހަރެމެންނަށް ބެވި މީހެއްނު!" އީސަ ހައިރާންވެފައި ބުންޏެވެ. "އެއީ ކުރިން މި ގޮނޑީގައިއިން މީހާއަށް މީހުން އޮޅުކުރަން ނޭނގުނީމަ ވީ ގޮތް." އެހިސާބުން މޫސަ މައުޟޫޢު ބަދަލުކޮށްލި އެވެ. "ތީތަ އެއްކަލަ ފައިލު؟" "އެ ފައިލެއް ނުފެނުނު،" ފައިލު ދިއްކޮށްލަމުން އީސަ ބުންޏެވެ. "މީ ކޮންޕިއުޓަރު ހާވައިގެން ނެގި ބެކަޕެއް. މަ ބުނީ، އަހަރެމެން ވެއްޖެއްނު ނެޓްވޯކު އަޅަން. މި ކަހަލަ ކަންކަމުގަ ކަރުދާހަކީ މި ޒމާނުގަ ބޭނުންކޮށް އުޅޭ އެއްޗެއް ނޫނޭ. ހުސް އަނގަ ތެޅިޔަކަސް ޚަރަދު ކުޑައެއް ނުކުވޭނެ. ކީކޭ ބުނަނީ؟" "ގޮސް ވެރިޔާއަށް ދަންނަވާ،" ފައިލް ބަލަން އިނދެފައި، އިސް އުފުލާލަފައި މޫސަ ބުންޏެވެ. "ތީ މަގޭ ވަޒީފާގެ ބަޔާނުގައި އޮންނަ ކަމެއް ނޫން. ކަލޭ ކުރިން ޕުރައިވެޓް ތަނެއްގައި އުޅުނީމަ ތިހެން ވެގެން ތިއުޅެނީ. އަހަރެމެން އަދި މި އުޅެނީ އަމިއްލަ ފައި މައްޗަށް ރަނގަޅަށް ނުވެސް ތެދުވިގެން." "ތިހެން ބުނީމަ މި ހަނދާންވީ،" އީސަ ބުންޏެވެ. "މިހާރު ފައި ކިހިނެއް؟" 'މި ފައިގަ އަދިވެސް އެބަ އުޅޭ ކަމެއް،" ފައިގައި އަތް ޖައްސައިލައިފައި މޫސަ ބުންޏެވެ. "މިއަދު ޖެހޭނެ ހޮސްޕިޓަލަސް ޖައްސާލަން. ހައްތާ ވެސް ބިޒީކަމުން." "ގާ ކޮޅަކަށް އެރުނީތަ؟" އީސަ އެހި އެވެ. "ނޫނެކޭ!" މޫސަ ބުންޏެވެ. "ކުރިންވެސް ބުނީމެއްނު! އަހަންނަށް ހީވީ ކުރިމަތީގައި އަންހެން ކުއްޖަކު ހުރިހެން. އެކަމަކު، ވެދާނެ އެއީ ހީވި ގޮތެއް ކަމަށް ވެސް. ނުނީ ވެދާނެ ނާޑުވާއަށް ފައިން އެރުނީ ކަމަށްވެސް." "އަހަރެން ބުނަން... މާބޮޑަށް ބިޒީކޮށް ތި އުޅެނީ. ސިކުޑިއަށް ރެސްޓެއްދީ!" އީސަ ނަސޭހަތް ދިނެވެ. "މަށަށްވެސް އެބަ ހީވޭ ތިހެން. އެކަމަކު، މިރޭ މީ ވެޑިންއަށް ހަތަރުއަހަރު ފުރޭ ރޭ. ސެލަބުރޭޓު ކުރަން ތާކަށް ދާން ވެސް އެބަޖެހޭ. ކިހިނެއް ރެސްޓު ކުރާނީ؟" ގަޑިއަށް ބަލައިލަމުން މޫސަބުންޏެވެ. "ވެޑިން އަށް ހަތަރު އަހަރު ވާއިރުވެސް ބައްޕައަކަށް ނުވޭ!." ސަމާސާ ރާގެއްގައި އީސަ ބުންޏެވެ. "ކޮބާ އޭގެ ސިއްރަކީ؟ ފަނި މަރުވީހޭ މަށެއް ނާހާނަން. އެކަމަކު މީހުން ހިތަށް އަރާނެ އެހެން." "ތި ޖެހުނީ ބޮޑު ތާ!" ފައިލު ދިއްކޮށްލަމުން މޫސަ ބުންޏެވެ. "އަވަހަށް މި ފައިލް ގެންގޮސް ބޮސް އަށް ދައްކާ. ބުނާތި މީ އަސްލެއް ނޫނޭ. ކުރިން ނަގާފައި އޮތް ބެކްއަޕެކޭ." "އަވަހޭ ވާހަކަ ބަދަލުކޮށްލާލެއް." ހީނގެންފައި އީސަ ބުންޏެވެ. ---------- މި ވާހަކައިގެ މިބައި:(ނުނިމޭ) ޓައިޕް ކޮށް ފޮނުވުން: އަލްފާޟިލް ޢަލީ ނިޝާން އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (11)
![]()
...
ލިޔުނީ ނައުޝީން, 2011-09-01 15:40:29
މަޖުބޫރު ލޯބި ޕަބްލިޝް ކުރައްވާ އިރު 14 ވިލޭރޭ ޕަބްލިޝް ނުކުރެއްވޭ!ކީއްވެގެންތޯ އެއީ؟ވވވވވވވވވވވވވވވވވވވވވވ
...
ލިޔުނީ ނައުބެ , 2011-09-04 17:44:53
ވާހަކައިގެ ކުރިއަށް އޮތް ބައި ވީހައިވެސް އަވަހަށް ގެނެސް ދެއްވުން އެދެން. ވަރަށް ރިތި ވާހަކައެއް
...
ލިޔުނީ ޝާޙާ, 2011-09-05 09:32:19
ވ.ފޫހިވޭ ފަންވަތް ދެކެ...އެއްވެސް އިތުބާރެއް ނުކުރާނަން ދެން ފަންވަތަކަށް.....ޕަބްލިޝް ނުކުރެއް ވެ ންޔާ ނުކުރެވޭ ވާހަކަ ބުނުއް ވަން ވާނެ އެއްނު......މިހެން ވަންޔާ ފަންވައި ވާނީ އެންމެ ކަޑަ ސައިޓއށް...... މި ބުނަނީ ދެރަ ބަހެއް ކަމަށް ހީނުކުރަށްވާތި.........
...
ލިޔުނީ އާންތު, 2011-09-08 08:20:25
ހާދަ ލަހުންނޭ ވާހަކައިގެ އަނެއް ބައި އަޕްލޯޑް ކުރެވެނީ.. މމހެން ވާނަމަ ފަންވަތަށް ކިޔުންތެރިން ދޭ ޝައުގު ކުޑަވެގެން ދާނެ.. ތަންކޮޅެއް އަވަހށް އަޕްލޯޑް ކުރެވޭނެ ގޮތެއް ނޯންނާނެތަ..
...
ލިޔުނީ ޔޫސުފް , 2011-09-12 12:15:17
މިވާހަކަ ގެނެސްދޭވޭލެއް ލަސްވަނީ ކީއްވެގެންތޯ އެވެ. ކިއުންތެރީން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބު ފަންވަތުން ނުދެނީ ކީއްވެބާ. ވާހަކައިގެ އިންތިޒާރުގައި ކޮންމެދުވަހަކު މި ސައިޓް ޗެކްކޮށްލެވޭ. ދެން މިވަރުން ހުއްޓާލަންވީދޯ.
...
ލިޔުނީ ޔޫސުފް , 2011-09-12 12:15:17
މިވާހަކަ ގެނެސްދޭވޭލެއް ލަސްވަނީ ކީއްވެގެންތޯ އެވެ. ކިއުންތެރީން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބު ފަންވަތުން ނުދެނީ ކީއްވެބާ. ވާހަކައިގެ އިންތިޒާރުގައި ކޮންމެދުވަހަކު މި ސައިޓް ޗެކްކޮށްލެވޭ. ދެން މިވަރުން ހުއްޓާލަންވީދޯ.
...
ލިޔުނީ މޑ, 2011-09-13 07:45:44
ނިޝާން.. ދޭންވީނު މަގޭ އަތަށް ޓައިޕްކޮށްދޭނަން.. ނޫނީ އަވަހަށް އަޕްލޯޑް ކޮއްލަދީބަލަ..
...
ލިޔުނީ މޑ, 2011-09-20 09:24:16
ކޮންމެ ދުވަހަކު މި ވާހަކަ އަޕްލޯޑް ވިތޯ ޗެކްކޮއްލެވެ.. އެކަމަކު ދެން މިކަން ނުވާނެކަމަށް ނިންމައިފިން.. މިވަރުން ކަމެއް ނުފަށާނީއޭ ބުނެލެވޭނީ.. މިކަހަލަ ކަންކަމާއި ހެދި ފަނވަތަށް އޮތް ޝައުގުވެރިކަން ކުޑަވެގެން ހިނގައިދާނެ!!!
...
ލިޔުނީ ވާހަކަ ކިޔާ މީހާ, 2011-12-14 11:53:32
މިވާހަކަ ގެނެސްދޭވޭލެއް ލަސްވަނީ ކީއްވެގެންތޯ އެވެ. ކިއުންތެރީން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބު ފަންވަތުން ނުދެއްވަނީ ކީއްވެބާ. ވާހަކައިގެ އިންތިޒާރުގައި ކޮންމެދުވަހަކު މި ސައިޓް ޗެކްކޮށްލެވޭ. މިކަހަލަ ކަންކަމާއި ހެދި ފަނވަތަށް އޮތް ޝައުގުވެރިކަން ކުޑަވެގެން ހިނގައިދާނެ!!!
ނިޝާން.. ޓައިޕްކުރަން އަޅުގަނޑު އަތަށް ދެއްވަންވީ ނޫންތޯ؟ ނޫނީ އަވަހަށް އަޕްލޯޑް ކޮށްދެއްވުން އެދެން. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|